Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބަކުންދިން-23

SomeOne Level 210 Stories
June 5, 2023 6 Mins Read
15 Comments

ޒިލާލްއާއި ޝިފާގެ ރަންކިޔުމުގެ ހަފްލާ ކުރިއަށް ގެންދިޔައީ ހަމައެކަނި އެއްބަނޑު ކުދިންނާއި ދެ ހެކިވެރިންނާއިއެކުގައެވެ. ރަންކިޔުމުގެ ހަފްލާ ނިމުމުން ރޭގަނޑުގެ ކެއުމެއް ތައްޔާރުކޮށްފައި ހުއްޓެވެ. އަހަރެން އެގެއަށް ދިޔައީ އެރޭ މަޑުކުރާގޮތަށެވެ. ހުރިހާ އެންމެންގެވެސް އެދުމުގެ މަތީންނެވެ. ރަންކިޔުމުގެ ކަންކަން ނިމޭއިރު ލަސްވާނެތީ، އެގަޑީ ޒިވާ ގޮވައިން ކަނޑު ދަތުރެއްކޮށްފައި ދިޔުމަށް ޚަދީޖައްތަވެސް ސަމީރުބެވެސް ދެކޮޅުވީމައެވެ. މާ ބޮޑަށް އަހަރެން އެކަމާއި ނުހިފައި އެއްބަސްވީ، އަހަރެން ފުރުމުގެ ދުވަސްވެސް ކައިރިވަމުން އަންނާތީ އެ މީހުންވެސް ހިތްހަމަ ޖައްސައިދިނުމުގެ ބޭނުމުގައެވެ.

ޒިވާ ނިދުމުން އަހަރެން ސިޓިން ރޫމަށް ނުކުމެލީ ބޭރުގައި ސަކަރާތް ޖަހާއަޑު އިވޭތީއެވެ. އޭރު ސަމީރުބެއާއި ޚަދީޖައްތަގެ އިތުރުން ޒިލާލް އާއި އެގޭގައި ގެންގުޅޭ މުޙައްމަދު ތިބީ ތާސްބައި  ކުޅޭށެވެ.

“އީމް އާދޭ ތާސް ކުޅެން” އަހަރެން ފެނުމާއިއެކު ޒިލާލް ގޮވާލިއެވެ. އަހަރެންނަކީ ތާސްކުޅެން އެނގޭ މީހެއް ނޫންކަމުން ބަލަން އިންނާނީ ކަމުގައިބުނެފައި ސޯފާގައި އިށީނީމެވެ. ނަމަވެސް ހުޅުވާފައި ހުރި ދޮރުން ޖެހެމުންދިޔަ ފިނި ވައިރޯޅިތަކުގެ ސަބަބުން ބޭރަށް ނުކުމެލުމަށް ހިތް ބުނަން ފެށިއެވެ.

“ދައްތާ ޒިވާ ބަލާލަ ދެއްޗޭ.. މިތާ ބޭރަށް ނުކުމެލާފަ އަންނާނަން”

ބޭރަށް ނުކުމެ ގޯތި ތެރޭގައި ހުރި ގަސްތަކުގައި އެލުވާފައިވާ ޖޯލިތަކާއި ދިމާއަށް މިސްރާބު ޖެހުމާއިއެކު އަނދިރިކޮށް އޮތް އެ ދިމާލުން ކުޑަ އޮރެންޖްކުލައިގެ އަލިކޮޅެއް ދިއްލިފައި ނިވުނެވެ. އަހަރެން އެދިމާއަށް ހިނގައިގަތީ އެއީ ކާކުކަން އެނގޭތީއެވެ.

“ބުނީމެއްނު އާންމުކޮށް ނުބޮމޭ.. ދެން ތިޔޯ” އުނދޯލީގައި އަހަރެން އިށީންނަމުން ޒިވިއަލް ކައިރީ އަހާލީމެވެ.

ޒިވިއަލް ކަންފަތުގައި އިން ހެޑްސެޓް ނައްޓާލަމުން “ކީކޭ” ހޭ އެހީ ހެޑް ސެޓް ޖަހައިގެން އިނުމުން އަހަރެން ބުނިއެއްޗެއް ސާފުނުވެގެންނެވެ.

” އާއްމުކޮށް ނުބޯ މީހަކު ސިގިރޭޓު ހޯދަނީ ކޮންތާކުންހޭ” އަހަރެން ސުވާލު ބަދަލުކޮށްލީމެވެ.

” ބައްޕަ ފޮށިން..” އާދައިގެ މަތިން ޒިވިއަލް ދިނީ ވަރަށްކުރު ޖަވާބެކެވެ.

“ހުއްޓާލާކަށް ނޫޅެން؟ ދެން އާންމުކަމަކަށް ތިކަން ވާނީ” އަހަރެން އެހެން ބުނީ ޒިވިއަލްއަށް ރަނގަޅަކަށް ނަމަވެސް އެ ވަގުތާއި ހާލަތާއި ސުވާލު ނުގުޅޭކަން ނަގައިގަނެވުނީ ޒިވިއަލްގެ ޖަވާބުންނެވެ.

“ދެން މާގިނަ ދުވަހަކު ނުފެންނާނެއެއްނު! އެހެން ވީމާ ނުބީހެންޏާ ކަނޑާހަމައެއްނު؟” ޒިވިއަލްގެ އަޑުގައިވީ ވޭނީ ރިހުމެކެވެ.ޝަކުވާއެވެ.

“ކޮން ލަވައެއް ތި އަޑު އަހަނީ؟” އަހަރެން މަސައްކަތްކުރީ މައުލޫ ބަދަލުކޮށްލެވޭތޯއެވެ. އިތުރަށް އެ މައުލޫއަށް ވާހަކަ ދެއްކުމަކީ އަހަރެންނަށްވެސް އެންމެ ރަނގަޅު ގޮތްކަމަށް ނުފެނުނީމައެވެ.

” މި ހަމަ ރެންޑަމް.. ސައުންޑް ކްލައުޑުން”

” ތި ހެޑް ސެޓް ނައްޓާލަބަ” އަހަރެން އެހެން ބުނީ ދެމީހުން ދެމެދުގައި ހިތް ނުތަވަނަސްކަމެއް އުފެދިދާނޭ ކަހަލަ ވާހަކައެއް ދެއްކި ދާނެތީއެވެ.

“ޔަ ޤީންތަ؟…” ޒިވިއަލް އެހެން ބުނުމުން އެ ލަވައެއް އަޑު އަހާލުމުގެ ޝައުޤުވެރިކަން އަހަރެންގެ ހިތުގެ ތެރޭގައި އުތުރި އަރައިގަތެވެ. ޒިވިއަލް ހެޑްސެޓް ނައްޓާލުމުން  އިވެންފެށި ލަވައިން އަހަރެންނަށް އަނެއްކާވެސް މި  ކުރެވުނު މޮޔަކަންތަކުގެ ސަބަބުން ބިންފަޅާ އަޑިއަށް ދާނެ ނަމައޭ ހިތަށްއެރިއެވެ.  ލަވަޔަކީ ތޯއެވެ! އެއްދުވަސްވަރެއްގައި ވަރަށް މަޝްހޫރުވި ސްކޯސް އޮފް ފްލެއާސް ގެ ލަވައެކެވެ.

“ކަލާ ބުނީމާ ދުރުގާ ހުރީ، ހިތާ ދެކޮޅަށް މަޖުބޫރުވީ”

“ކަލާޔަށް އުނދަގުލެއްވާން މަ ނޭދޭތީ  ކަލާ އެދޭ ގޮތަށް ކަންތައް ކުރީ”

“ނަމަވެސް.. ތިޔަ ހަނދާނޭ ވަނީ…. ނަމަވެސް ތިޔަ ހަނދާނޭ ވަނީ”

” ދުރުވާން މަސައްކަތް ކުރިއަސް އިތުރަށް ހަމަ ގާތޭ ވެވެނީ”

“ތި ހަނދާން ފޮހެވޭތޯ ބެލިއަސް އިތުރަށް ތި ޚިޔާލޭ ކުރެވެނީ”

” ފޫހި ވޭތޯވެސް ބެލިން.. ނަމަވެސް އިތުރަށް ހަމަ ލޯތްބޭ ވެވެނީ…”

އެލަވައިން ޒިވިއަލްގެ ހިތް އަހަރެންނަށް ހުޅުވާލަދިން ކަހަލައެވެ. އައްޑޫ އަށް ނުދާށޭ ބުނެ އާދޭސް ކުރަނީހެންވެސް ހީވިއެވެ. ނުވަތަ ޒިވިއަލްގެ ލޯބި ޤަބޫލުކުރުމަށް އެދި އާދޭސް ކުރަނީއޭވެސް ހީވިއެވެ.

ލަވަ ބާރުކޮށްލުމާއިއެކު ޒިވިއަލް އޮތް އުނދޯލި އަހަރެންނާ ފުރަގަސް ވާގޮތަށް އަނބުރާލީ އަހަރެންނާ ކުރިމަތިލާން ބޭނުން ނުވާތީ ކަންނޭނގެއެވެ. ތެދުވެގެން ހިނގައިދާނަމޭވެސް އެވަގުތު ހިތަށްއެރިއެވެ. ނަމަވެސް އަހަރެންގެ ނަސީބު ވަރަށްވެސް ރަނގަޅެވެ. ފައިވާނަށް އަރަމުން ޒިލާލް ޒިވިއަލްއަށް ގޮވަމުން އަންނަން ފެށުމާއިއެކު ޒިވިއަލް ލަވަ ނިއްވާލިއެވެ.

” ދޮންބޭ ހިނގާ ދާން. މި ފެރީ ކަޓައިފިއްޔާ ދެން އެރޭނީ ދޭއްގެ ފެރީއަށް. އީމް ބަލާ އަންނަން ޖެހޭނެއެއްނު ހެނދުނު”

އިތުރު ވާހަކައެއް ނުދައްކާ ޒިލާލްގެ ފަހަތުން ޒިވިއަލް ހިނގައިގަތުމާއިއެކު މައި ނޭވާއެއް ދޫކޮށްލެވުނުވެ.ބާރަށް ތެޅެމުންދިޔަ އަހަރެންގެ ހިތަށްވެސް ލުޔެއް ލިބުނެވެ.އެރޭ ނިދަން އޮވެގެންވެސް އެތައް އިރެއް ވަންދެން އެކަމާ ވިސްނީމެވެ. ޒިވިއަލްގެ ލޯބި ޤަބޫލު ކުރުމާއި ދޭތެރޭގައެވެ. ދެވަނަ ވިސްނުމަކަށް ދިޔުމަށެވެ. ނަމަވެސް ގޮތެއް ނިންމުމުގެ ކުރިން އަހަރެން ސިކުނޑީގައި ކަމެއް ރާވާލީމެވެ.

ޖެހިގެން އައިދުވަހު ހެނދުނު ހޭލެވުމުން ޚަދީޖައްތައާއިއެކު ބަދިގެއަށްވަނީމެވެ. އަހަރެންގެ މަޤްޞަދަކަށްވީ ޚަދީޖައްތައާއި ވާހަކަ ދައްކާލުމެވެ. އެކި އެކި ވާހަކައިގެ ތެރެއިން ޒިލާލްގެ ކައިވެނީގެ ވާހަކައިން ފެށިގެން ގޮސް އަހަރެން ބޭނުންވާ ދިމާލަށް ވާހަކަ އަނބުރާލީ ރޮށިފިހެން ތިބެގެންނެވެ.

“ޒިލާވެސް މީހަކާ އިންނަނީނު.. ދެން ޒިވިއަލް ނޫޅޭތަ މީހަކާ އިންނާކަށް”

” ކިހާ ވަރަކަށްތަ އެހެން މިކިއަނީ.. ކޮންމެސް ކުއްޖެއް ދެކެ ލޯބިވެވިގެން ނޯ ބުނީ.. އެ މަންޖެއެއް ވީތަނެއް ވެސް އެނގެނީއެއްނޫން…ކޮންކަހަލަ ކުއްޖެއްކަމެއްވެސް ނުބުނޭ..” އެ ކުއްޖަކީ މިހިރީއޭ ބުނެފާނަމޭވެސް ހިތަށްއެރިއެވެ. އެކަމަކު މިވަގުތު ކުރެވޭނޭ އެއަށްވުރެބޮޑު މޮޔަކަމެއް ވަކި އޮންނާނޭހެއްޔެވެ.

“އެހެންތަ؟ ދެން އެހެން އުމުރު ހުސްކޮށްލާކަށް ނުވާނެއެއްނު” އަހަރެން މަސައްކަތްކުރީ ޚަދީޖައްތަ “ކޮނެލެވޭ”ތޯއެވެ.

“ތި ކަމާ ވަރަށް ކަންތައް ބޮޑުވޭ! ސަމީރުބޭ ކައިރީވެސް ބުނެފިން މިހާރު ކޮންމެސް ގޮތެއް ހަދަން. އެކޮޔާ ވަރަށް ގާތެއްނު.. ނިކަން ވާހަކަ ދައްކާލަބަލަ.. އެކޮޔަށްވުރެވެސް ހައެއްކަ އަހަރު ދޮށި ވާނެ ކަންނޭގެ އެސޮރު.. އެކޮއެ ދަރިއަކު ހޯދިއިރު އަދި އޭނަ އެހެރީ އަލަށްވެސް މީހަކާ ނީނދެ ވިއްޔަ! މިހާރު ތިރީހަށް އަޅައިގެން އެދަނީ” ޚަދީޖައްތަ އެއް ނޭވާއިން އަމުނާލިއެވެ.

“އަހަރެން ދައްކާ ވާހަކަ އަޑު އަހާނެހެން ހީވޭތަ ދައްތައަށް؟ އެއަށްވުރެ ރަނގަޅެއްނު ޒިވިއަލް އިންނާނެ ކުއްޖެއް ހޯދައިދިނިއްޔާ” އަހަރެން ޚިޔާލެއް ހުށަހެޅީ އެއްވެސް ހާލެއްގައި ޒިވިއަލް އިންނާނޭ މީހަކު ހޯދަދޭތޯއެއް ނޫނެވެ.
“އާނ ތިކަމާ އެބަ ވިސްނަން.. އެކޮއެ ނެތްތަ ރަނގަޅު ރަށްޓެހި ކުއްޖެއް ޒިވިއަލް ދެވާނެ” ޚަދީޖައްތަ އެހެން އެހީ މަޖަލަކަށްކަމެއް ނުވަތަ ސީރިއަސްކޮށްކަމެއް ނޭނގެއެވެ.

” ނޫނޭ.. ..ރަށްޓެހި ކުއްޖެއް އެހި އަސްލު ޒިވިއަލްގެ ވާހަކަ….” ފުރުޞަތުގެ ބޭނުން އަހަރެން ހިފީމެވެ.

” އެހެންތަ؟ ކޮންކަހަލަ ކުއްޖެއް އެއީ؟” ޚަދީޖައްތަ އެހެން އަހާލީ ޝައުޤުވެރިކަމާއިއެކީގައެވެ.

” ފަންސަވީހަކަށް އަހަރުގެ ކުއްޖެއް…. އެކަމަކު މީހަކާ އިނދެ ވަރިކޮށްފަ ހުންނަނީ ދެކުދިންވެސް ތިބޭ…ފަޤީރަކަސް މުރާލި ހިތްހެޔޮ އަޚްލާޤު ރަނގަޅު ކުއްޖެއް” ދެކުދިންގެ ވާހަކަ އަހަރެން ގެނައީ  އެ މީހަކީ އަހަރެންހެން ޚަދީޖައްތައަށް ހީވެދާނެތީއެވެ.

“ތި އެހާ ޒިންމާދާރު ކުއްޖެއްހެން ދައްތައަށް ހިއެއްނުވޭ… 25 އަހަރުގެ ދެކުދިންނާއި އެކު ވަރިވީމަ އެބަ އެނގޭނު ބޮޑު ނުވާކަން… 25 އަހަރަކީ އަދި ވަޒީފާއަށް ގޮސް ދިރިއުޅުން ދަސްކުރާ އުމުރު…ދެން އަނެއްކާ ޒިވިއަލް އަލަށް މީހަކާ އިންނައިރު ދޮންބަޕައަކަށް ވާކަށް ސަމީރުބޭވެސް ހިތްހަމަ ނުޖެހޭނެ… މި ޒަމާނުގެ އަންހެން ކުދިންނަށް ވެފަ މިތިބޭ ގޮތެއްވެސް ނޭނގޭ” ޚަދީޖައްތަ އެހެން ބުނީ ހެޔޮ ހިތުންނަމަވެސް އަހަރެންގެ ހިތުގައި ރިއްސާލިއެވެ. ދިރިއުޅުމުގައި އެކި މީހުންނާއި ކުރިމަތިވާނީ އެކިކަންކަމެވެ. ނުވާދުވަހު ބޮޑުވެގެން އުޅޭ އެންމެން އުޅެނީ އެގޮތް ބޭނުންވާތީ އެއްނޫނެވެ. އެހެން ގޮތެއް ނެތީމައެވެ.އާއިލާއެއްގެ ތެރޭގައި ހުރިހާކަމެއް ފުރިހަމަ ވެގެން ބޮޑެތިވާ މީހުންނަށް މިކަހަލަ ކަންކަން ނޭނގިދާނެއެވެ.

ޒިވިއަލްގެ ލޯބި ޤަބޫލު ނުކުރުމާއި، އަހަރެންގެ ހިތް ޒިވިއަލްއަށް ހުޅުވާ ނުލާ އޮތީތީ އުފާކުރީމެވެ. އަދި އައްޑޫއަށް ބަދަލުވުމަށް އަހަރެން މި ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުންކަން ޚަދީޖައްތައާއި ވާހަކަ ދައްކާލުމުން ޔަޤީންވިއެވެ. ޝިޒާންގެ މަންމަ ބުނީ ތެދެކެވެ. ހާލުގައި އުޅޭ މީހުންނަށް އިހްސާންތެރިވާންވާނެއެވެ. އެކަމަކު އޭގެ މާނައަކީ އެ މީހަކާ އިނދެގެން ގެއަށް ގެނައުމެއް ނޫނެވެ.

އޭގެ ބަރާބަރު ހަތްދު ވަސް ފަހުން ޝިފާ އާއި ޒިލާލްގެ ކައިވެނި ކުރެވިގެން ދިޔައެވެ. ވަރަށްވެސް ދިވެހި ވަންތަ ގޮތަކަށެވެ. އެ ކައިވެންޏަށް ވިލިނގިލީގެ އަތިރިމަތި ޒީނަތްތެރިކޮށްފައިވަނީ ދިވެހި ޘަޤާފަތް ދައްކުވައިދޭ ގޮތަށެވެ. ކައިވެނިކުރުމަށް ފަނުން ފަދާލާފައި ހުރި ގެވެސް އެހާ ފުރިހަމައެވެ. ކައިވެނިކުރެވިގެންދިޔައީ ހަވީރުކަމުން ކެއިން ބުއިމަށްވެސް ތައްޔާރުކޮށްފައިވަނީ ދިވެހި ތަކެއްޗެވެ. ކުޅި ރޮށްޓާއި  އަތު ޖެހިގެ އިތުރުން އުޅާއްޔާއި އެކި ވައްތަރުގެ ކުޅި އަދި ފޮނި މޮޑުންތަކެވެ. މީގެ އިތުރުންވެސް ދެކުނުން ފެށިގެން އުތުރަށް ރަށްރަށުގައި ތައްޔާރުކުރާ ހުރިހާ ދިވެހިވަންތަ ހެދިކާއެއް ހުއްޓޭ ބުނުން ދޮގަކަށް ނުވާނެއެވެ.

ކައިވެނީގެ ހެދުމަކަށް ކަޅު ފޭއްޔަކާއި ހުދު މުންޑެއްގައި ހުރި އިރު ޒިލާލް ވަރަށްވެސް ފިރިހެންވަންތައެވެ. ޝިފާ ލާފައިވާ ރަން ކުލައިން ހިރު އަޅާފައިވާ ދިވެހި ލިބާހުގައި ޝިފާވެސް ވަރަށް ނަލައެވެ. ދެ އާއިލާގެ މީހުންނެކޭ އެއްގޮތަށް އަހަރެންވެސް ހުރީ ރަތް ލިބާހެއް ލައިގެންނެވެ. ޒިވީއަށް ޝިފާ ފެހީ ޝިފާ ގެ ހެދުމުގެ ކުޑަ  ވާޝަންއެކެވެ.

ސަމީރުބެއަކީ މީހުން ދަންނަ ވިޔަފާރިވެރިއެއްކަމުން އެޕާޓީގައި ނުހަނު މީހުން ގިނައެވެ. އެއެންމެންގެ ތެރޭގައި އަހަރެންނަށް ބީރައްޓެހިކަމެއް އިހްސާސް ކުރެވުނު ނަމަވެސް ޚަދީޖައްތަ އަހަރެން ކައިރީ ގިނަ ވަގުތު ހުރެއެވެ. އަހަރެންމީ ކާކުތޯ އަހާ މީހަކަށްވިއްޔާ، އަހަރެންނަކީ ޚަދީޖައްތަ ދަރިއެއްކަހަލަ ކުއްޖެއް ކަމުގައިބުނެ ތަޢާރަފްކޮށްދެއެވެ.

ކުއްލިއަކަށް ޕާޓީތެރެ ހަލަބޮލިވާހެން ހީވިއެވެ. ސެކިޔުރިޓީ ހެދުންއެޅި ބަޔަކު އެތާތެރޭގައި ހަރަކާތްތެރިވާން ފެށުމުން ކޮންމެވެސް ބޮޑު މީހަކު އައީކަން އަހަރެންނަށް އެނގުނެވެ. ސަމީރުބެވެސް ތެދުވެގެން އެދިމާއަށް ހިނގައި ގަތެވެ. ނަމަވެސް ޚަދީޖައްތަ އަހަރެންނާއިއެކު އެކި ވާހަކައިގައި އެކަމާއި މާބޮޑު ސަމާލުކަމެއް ނުދީ އިނެވެ.

“ކުޑާ! މިހާރު ދެން މައިދައިތައަކަށް ވީދޯ” ސިހިފައި ފަސް އެނބުރި ޚަދީޖައްތަ ބަލާލުމާއިއެކު ޚަދީޖައްތަގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.

“އާން.. ދެން ޅީ ދަރިއެއްވެސް ލިބުނީ” ޚަދީ ޖައްތަ ކޮޅަށް ތެދުވަމުން ބުނެލިއެވެ. އަހަރެން މޫނު އަރިކޮށް ބަލާލީ އެއީ ކާކުތޯ ބަލާލުމުގެ ބޭނުމުގައެވެ.އެއާއިއެކު އެމީހާގެ ލޮލުގައި އަހަރެން އަޅައިގަތެވެ.

“މީ ކޮންކުއްޖެއް؟” އެ މީހާ އެހެން ބުނެލީ އެއްފަރާތްވެލަމުންނެވެ. އާދެ އެއީ ދެވަނަ ދެމީހެއް ނޫނެވެ. މި ޤައުމުގެ ކުޅިވަރު ވަޒީރު ޖިނާހުއެވެ. އަހަރެންގެ މޭ އޮބި ނޯންނަވަރަށް ތެޅެންފެށިއެވެ.

“ރަށްޓެއްސެއްގެ ކުއްޖެއް” ހަމަ އެވަގުތު ސަމީރުބެވެސް އައިސް ޖިނާހު ކައިރީ ހުއްޓުނެވެ. ސަމީރުބެގެ މޫނުމަތިންވެސް ކަންބޮޑުވުމުގެ އަސަރު ފާޅުވާން ހުއްޓެވެ. އެ ހުރިހާ ކަމަކުންވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ އެ މީހާގެ މޫނުމަތީގައި އިން އުފަންލަފެވެ. ރަތްކުލައިގައި  ތިން ތިކިހެން އިން އެލަފު އަހަރެންގެ ކަނދުރާގައިވެސް އިނދެއެވެ. ލިބާހާއި އެކު ހުޅިޖަހައިފައި ހުރުމުން އެލަފު ކިތަންމެ ހާވެސް ރީއްޗަކަށް ފެންނަން ހުންނާނޭކަން އަހަރެނަށް ވިސްނުނެވެ.

” ޖިނާ.. އާދެ ޝިފާ މަންމަ މެންނާއި ބައްދަލުކޮށްލަން” ސަމީރުބެ ގަދަކަމުން ކަހަލަ ގޮތަކަށް ޖިނާހު އެތަނުން ގެންދިޔައެވެ. ސަމީރުބެއާއިއެކު ދަމުންވެސް ފަސް އެނބުރި އަހަރެންނާއި ދިމާއަށް ބަލާލި ގޮތުން ކޮންމެސް ޝައްކެއްވީކަން ވިސްނައިގަންނަން އަހަރެންނަށް ގިނަވަގުތެއް ނުނެގިއެވެ. އަހަރެން މަންމައާއި ވައްތަރޭ ގިނަމީހުން އެބުނީ އަހަރެންގެ ބައްޕަ ނެތީމައެވެ. އެ ލަފު ނޫނަސް ޖިނާހުއާއި އަހަރެން ވައްތަރުކަން އަހަރެންނަށް ޖިނާހު ފެނުނު ވަގުތުވެސް އިހްސާސްކުރެވުނެވެ.އެހެން ބަހަކުން ބުނާނަމަ އަހަރެންގެ ގައިގައި މިހިރަ ސިފަތަކަކީ މަންމައާއި ޖިނާހުއާއި ދެމީހުންގެ ގައިގައިވެސް ހުރި ސިފަތަކެވެ. ނަމަވެސް މިއީ ހުސް ހީއެވެ. ޝައްކެވެ. މި ޝައްކުތައް ޔަޤީންކުރުމަކީ އަހަރެން ދުވަހަކުވެސް ކުރާނޭކަމެއް ނޫނެވެ.

ޖިނާހު ދިޔުމުން ހަމަޖެހިލެވޭތޯ އަހަރެން މަސައްކަތްކުރީ ޚަދީޖައްތައަށް އަހަރެންނަށް އެނގޭކަންކަން އެނގޭކަން ޝައްކުވެދާނެތީއެވެ.

” ދައްތާ މިނިސްޓަރ އެއީ މި ފެމެލީ މީހެއްތަ؟” އެނގި ހުރެމެ ނޭނގޭކަމަށް ހަދައި ސުވާލުކޮށްލީމެވެ.

” އެއީ ސަމީރުބެގެ ދެބެގެން ދެދަރި.. މިއާއިލާ ވަރަށް ބޮޑުވާނެ..” އެއާއިއެކު ސަމީރުބެގެ މުޅިއާއިލާ އަހަރެންނަށް ޚަދީޖައްތަ ކިޔާދިނެވެ.

“ދަރިފުޅާ އިރު ނޯއްސެނީސް ގެއަށް ދާންވާނެ އެ މަންޖެ ގޮވައިގެން” ކުއްލިއަކަށް ކަމެއް ހަނދާންވާހެން ޚަދީޖައްތަ ބުނިލިއެވެ.

އަހަރެންވެސް ހުރީ އެތަނުން ދާން ބޭނުންވެފައިކަމުން، އަވަސް އަވަހަށް ޒިލާލް މެންނާއި ސަލާންކޮށްލުމަށްފަހު ގެއަށް ދިޔައީމެވެ.

ކައިވެނީގެ ހަފްލާ ނިމުމާއިއެކު ޒިލާލްގެ ދެމެފަރިން އެރޭ ހަނީމޫނަށް ބާލީ އަށް ފުރިއެވެ. އަހަރެންނާ ސަލާންކޮށް ޒިލާލް ނާންނަނީސް ނުދިޔުމަށް ބުނަމުންނެވެ. ޒިލާލްއަށް އޭރުވެސް ނޭނގޭ ކަމަކީ އަނެއް ދުވަހުގެ ހަވީރު ފްލައިޓުން އަހަރެން ޓިކެޓް ނަގާފައި އޮތްކަމެވެ.

ޒިލާލްއާއި ޝިފާ ފުރައިގެން ދިޔުމުން އަހަރެންނާއި ޒިވިއަލް ގޭގައި އެކަނި ވިއެވެ. ނިދަން އޮވެއޮވެ ވެސް އެއްގޮތަކަށް އެރޭ ލޮލަށް ނިންޖެއް ނައެވެ. ހިތް އެދެމުން ދިޔައީ އެންމެ ފަހު ފަހަރަށް ނަމަވެސް ޒިވިއަލްގެ އަތުތެރޭގައި  ފޮރުވެލުމަށެވެ. އެ ހަށިގަނޑުގެ ހޫނުކަމުން ދަންވަރުގެ މި ފިނިން ކަރުވާ ހީ ފިލުވާލުމަށެވެ. ސީދާ ލޯބިވެޔޭ ބުނަން ނޭނގުނަސް ޒިވިއަލްއާއިގަޔާވާ ވާހަކަ ބުނެލުމަށެވެ. ނަމަވެސް މީގެން އެއްވެސް ކަމެއްކުރަން ހަށިގަނޑު ނުކުޅެދުންތާގައި ވާހަކަ ދައްކާލަން ދޫވެސް ހަރަކާތެއް ނުކުރިއެވެ. އިރުއިރު ކޮޅަކާ މެސެންޖަރ ބަލާލެވެނީ ޒިވިއަލް އޮންލައިންގަ އޮތްތޯ ބަލާލުމަށެވެ. މެސެންޖަރ އިން އިންސްޓްގަރާމުން ރޭ ހޭދަކޮށް ނިންމާލީ އެއްވެސް މެސެޖެއްވެސް ކޮށްލަން ނުކެރިއެވެ. އެ ހުރިހާ އިރަކުވެސް ޒިވިއަލް އޮންލައިންގައި އޮންނަކަމަށް ދައްކައެވެ. އެކަމަކުވެސް ހަމަ ނުކެރުނީއެވެ.

ޖެހިގެން އައިދުވަހު އަހަރެން ފުރުމުގެ ތައްޔާރީތައް ކޮށް ނިންމާލީމެވެ. ޚަދީޖައްތައާއި ސަމީރުބެ ފޮށިހިފައިގެން ގެއަށްއައީ ކާރުގައި އަހަރެމެންނާއިއެކު ދިޔުމަށެވެ. ކޮޓަރިން ފޮށިތައް ނެރެ އެންމެފަހު ފަހަރަށް އެ ކޮޓަރި ތެރެއަށް ނަޒަރު ހިންގާލީމެވެ. ހިޔާވަހިކަމެއް ނެތް ދުވަހު ހިޔާވަހިކަމެއް ދިން ތަނަކީ މިއީއެވެ. ދާން ޖެހޭތީ ނުހަނު ދެރަވިއެވެ. ނަމަވެސް ދިރިއުޅުމަކީ މިއީއެވެ.

ޒިވިއަލް ކާރު ދުއްވަންއިން އިރު އަހަރެންނާއި ޚަދީޖައްތަ އިނީ ކާރުގެ ފަހަތުގައެވެ. ޒިވިއަލް އިނީ ލޯގަނޑު ސީދާ އަހަރެން ފެންނާނޭގޮތަށް ސެޓު ކޮށްގެންނެވެ. އެހެން އިނދެފައި ދޭތެރެއަކުން އަހަރެންނާއި ދިމާއަށް ބަލާލައެވެ. އަހަރެންނަށްވެސް ބޭ އިޚްތިޔާރުގައި ޒިވިއަލްއާއި ދިމާއަށް ބަލާލެވެއެވެ.ނޫނެކެވެ. ބޭ އިޚްތިޔާރުގައެއް ނޫނެވެ. ހިތް އެދޭތީއެވެ. ލޯ ކުރިމަތިން ގެއްލުމުގެ ކުރިން ހިތް އެދޭވަރަށް ބަލާލަން ބޭނުންވީއެވެ.

އަހަރެމެން އެއާޕޯޓަށް ދިޔައިރު ޝިޒާންވެސް އަހަރެމެން ފުރުވަން ގޮސް ހުއްޓެވެ. ޗެކިން ވުމަށްފަހު ޚަދީޖައްތައާއި ސަމީރުބެ ރަށްޓެހިންތަކަކާއި ވާހަކަ ދައްކަންއިންއިރު ޝިޒާން އިނީ ޒިވާ ގޮވައިގެންނެވެ. އަހަރެންނާއި ޒިވިއަލް ގޮނޑި ބަރީގައި އިށީނދެގެން ތިބިއިރު އެއްވެސް ވާހަކައެއް ނުދެކެވެއެވެ.

ބޯޑިންއަށް ގޮވުމުން އެތެރެއަށް ވަންނަން ދަމުންވެސް ކުޑަކޮށް މަޑުކޮށްލީ ޒިވިއަލް ސަލާންކޮށްލާތޯއެވެ. އޭގެ ބަދަލުގައި އަތް ދިއްކުރީ ޝިޒާންއެވެ. ކުޑަކޮށް ޝިޒާންއާއި ސަލާން ކުރުމަށްފަހު ބަރު ހިތަކާއިއެކު އެތެރެއަށް ވަދެގެން ދިޔައީ ޒިވިއަލް ސަލާން ނުކޮށްލިތާގައި އަނގައިންވެސް ނުބުނީމައެވެ.

(ނުނިމޭ)

ނޯޓު: ބުނި ދުވަހަށް ވާހަކަ ނުގެނެސްދެވުނީމަ ހަމަ ސޮރީ ): ރާއްޖޭން ބޭރަށް އައިސް އަޕްލޯޑުކުރަން ބަލާލިއިރުގަ އެސްފިޔަ އެކްސަސް ނުވެވޭ! މި ކަން ހައްލުކޮށްދިނުމަށް މިއަދު އެޑްމިންއިން ކޮށްދެއްވި މަސައްކަތަށް ޝުކުރުދަންނަވަން! އަދި ކިޔުންތެރިންގެ އަރިހުން މާފަށް އެދެން!

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

SomeOne

Level 210 Stories

Other Articles

Previous

ކުލަ 3

Next

ފުހެވިގެން ނުދާނޭ – 02

Next
June 6, 2023

ފުހެވިގެން ނުދާނޭ – 02

Previews
June 5, 2023

ކުލަ 3

15 Comments!

  1. Anonymous says:
    June 5, 2023 at 9:38 pm

    Masha allah

  2. Dummy head says:
    June 5, 2023 at 9:53 pm

    Someone raajjeyn beyruga tha? Alhey thanks mi vaahaka kiyuntherinnah foarukohdheyn thi kuraa masakkathah 💕🙂

  3. leesh says:
    June 5, 2023 at 10:00 pm

    no problem someone.
    ehenves vedhaane I understand

  4. ވާހަކަ ކިޔާ ކުއްޖާ says:
    June 5, 2023 at 10:03 pm

    Next part kniraku libeyniii

  5. Faaz says:
    June 5, 2023 at 10:11 pm

    alhey Eym hama dhaneetha? please nugos madukurey

  6. Reader says:
    June 6, 2023 at 6:55 am

    Masha Allah v v v reethi, when nxt prt avahah up kolladhechchey thikuraamasakkathuga barakaaiy lavvaashi aameen

  7. Mitsuha says:
    June 6, 2023 at 7:22 am

    Alhe zivial be like a man bro… Stop her… Pweesh 🥺… Hehe.. Masha’Allah… mi part ves vv reethi … waiting for next part… <3

  8. Reader says:
    June 6, 2023 at 10:38 am

    Hi someOne
    Vaahaka hama vrh furihama masha allah 💛
    Miah vure reethi vaahaka eh adhi nukiye. Dhn vaane gothakah vrh inthizaaru kurevey. And Mihaa laobi vaahaka eh genesdheyn ehaa bura masahkatheh kuraathy vrh bodah thankyou ✨
    keep up the good work!!💟
    love you

  9. kokila modi says:
    June 6, 2023 at 1:21 pm

    alheyy… eem thikuree aslu nubai suvaaleh ahanvy misaalakah zivial loabiva kujja aki kurin merry kohfa varah haaluga ulhefa divorce vefa kid eh ves huri meehaka vejjeiyya hadheejatha ehbas vaa natho? and eemu addu ah nufonuvaa…..

  10. Anonymous says:
    June 6, 2023 at 3:14 pm

    SomeOne where’s todays episode?

  11. mariyam says:
    June 6, 2023 at 3:15 pm

    I love this story 😍
    When is next part

  12. ޒީ says:
    June 6, 2023 at 6:42 pm

    Alheyyy.. Eem Addu ah nugosbaa pls plss plsss🥺… Dhen vaany kihinehbaa?? Alheyy varh curious☺️ And I love this story❤️😍

  13. ފާތިރާ says:
    June 6, 2023 at 10:17 pm

    Varah reethi hisaabeh ga vaahaka mi othee. Komme dhuvahaku ves chk kurevey upload koffa ovey thoa. Vaahaka miah vure ves rèethi vaane hen heèvey komme ves gothakun Eem ah Addu nudhevi anburaa ge ah ais Zivial aa like vaa vaahaka namaves buniyyaa.

  14. Nutella says:
    June 6, 2023 at 10:32 pm

    SomeOne hih hama nujehifahenn heevany comments thah close kohly bolah undhagoo vgn thr 😪😖

  15. I knw says:
    June 6, 2023 at 10:34 pm

    Kobaa thr alhe mi vhk ah support dhinnn kudhin thah… Mi buru haadha madhey kudhinge comments thah

Comments are closed.

Next Episodeލޯތްބަކުންދިން-24←


All Right Reserved!