ލޯތްބަކުން ދިން…….1 ވަނަބައި
ކޮންތާކު ތެޅިތެޅިފަ ތިއައީ؟ މިހާރު އެއޮށް ގަޑިން 11 ޖެހީ. މީހެއްގެ އަތްބެއްކަމެއްވެސް ހަނދާނެއް ނެތްދޯ؟”
ގެއަށް އައިސް ވަނުމާއިއެކީ ފުރަތަމަ ކަންފަތަށް އެރީ މައިދައިތަގެ ހޫނު ބަސްތަކެވެ.
” އާން.ކޮންކަމަކާތަ ހާސްވާންވީ. އޭނަ ބޭނުންވައްތަރަކަށް ތެޅެން ދޮންބެ އެ ހުންނަނީ ދޫކޮށްލާފަ އެއްނު. މަންމަޔާ ނުބެހޭކަންކަމާ މަންމަ ނުބެހެ އިނދެބަލަ. ދޮންބެއަށް ގޯސްވާނީ މަންމަ”
މައިދައިތައާއި އެއްބައިވެލަމުން ފިރިމީހާގެ އަންހެން ކޮއްކޮވެސް ހަޅޭލަވައިގަތެވެ.
އެމީހުންނަށް ރައްދު ދިނުމުގެ ބަދަލުގައި ހަނުހުރުން އަހަރެން އިސްކުރީމެވެ. އަދި އަވަސް ހިނގުމެއްގައި ގޮސް ކޮޓަރިއަށްވަދެ ދޮރު ލެއްޕީމެވެ.އަހަރެން އަޅާފައި ހުރި ހެދުމުންވެސް އަހަރެން އައީ ރަސްމީކަމެއްގައި ބޭރުގައި އުޅެފައިކަން އެމީހުންނަށް އެނގޭނެއެވެ. ނަމަވެސް އަހަރެން ފެނުމާއިއެކު ނުރުހުމުގެ ބަހެއް ބުނެނުލާ އެމީހުންގެ ހިތްހަމަ ނުޖެހެނީކަން ޔަޤީނެވެ.
ކޮޓަރިއަށްވަދެ އަތުގައި އޮތް އެވޯޑު ނަގާ ޑްރެސިން ޓޭބަލްމަތީގައި ބަހައްޓާ، ލައިގެން ހުރި ކޯޓު ބާލާ ދާވަށިގަނޑަށްލުމަށްފަހު އެނދުމައްޗަށްވެއްޓިގަތީމެވެ. އޮފީހުގެ އަހަރީ ޖަލްސާއަށް ތައްޔާރުވުމަށް ވޭތުވެދިޔަ ދުވަސްތަކުގައި ބުރަ މަސައްކަތުގައި އުޅުމުގެ ސަބަބުން ހަށިގަނޑަށް ބުނެދޭން ނޭނގޭ ފަދަ ވަރުބަލިކަމެއް ލިބިފައިވެއެވެ. އަހަރުގެ އެންމެ ހިންގުންތެރި މުވައްޒަފުގެ އެވޯޑު ހިފައިގެން ގެއަށް އައިސް ވަނުމުންވެސް މަރުހަބާ ކިޔާލާނެ ދުލެއް ނެތްތާނގައި ހިތްވަރު އާކޮށްލައިދޭން ފިރިމީހާވެސް ގޭގައި ނެތީއެވެ. އަހަރެން ޝަކުވާއެއްނުކުރަމެވެ. މިއީ މިހާރު އަހަރެންގެ ދިރިއުޅުމުގެ ހާލަތެވެ. އަހަރެންގެ ފިރިމީހާ ޝިޒާން، އަހަރެންނަށް ދޭ ވަގުތަށްވުރެ ގިނައީ ރަށްޓަހިންނާއިއެކު ހޭދަކުރާވަގުތެވެ. ބަނޑުހައިވުމުން ނުވަތަ ހަށިގަނޑަށް އަރާމެއް ބޭނުންވުމުން ޝިޒާންއަށް އަހަރެން ފެންނާނެއެވެ. އެނޫން ގަޑިތަކުގައި އަހަރެން މީ ޝިޒާންއަށް އެހާ މުހިންމު މީހެއްކަމެއް އަހަރެންނަށް މިހާރު ޤަބޫލެއް ނުކުރެވެއެވެ.
****************************************************************************************
ޝިޒާންއާއި އަހަރެން ދިމާވީ މީގެ އަށްއަހަރު ކުރިން އަހަރެން ޑިގްރީހަދަށް އުޅުނު ދުވަސްވަރު ޔުނިވާސިޓީއިންނެވެ. އަހަރެންނަކީ ކިޔެވުމަށް ވަރަށް ލޯބިކުރާ މީހެއްކަމުން ގިނަ ވަގުތު އަހަރެން ހޭދަ ކުރަނީ ޔުނިވާސިޓީ ލައިބުރަރީގައެވެ. މި ގޮތުން އާދައިގެމަތިން އެއް ދުވަހެއްގެ މެންދުރު އަހަރެން ލައިބުރަރީއަށްވަނީ ޑިޒަޓޭޝަން އަށް ބޭނުންވާ ބައެއް ރިފަރެންސް ފޮތްތަށް ހޯދުމަށެވެ. ދުވަހަކީ ވިއްސާރަ ދުވަހެއްކަމުންނާއި އެވަގުތަކީވެސް ބޯކޮށްވާރޭ ވެހޭ ވަގުތެއްކަމުން ލައިބުރަރީގެ އަސްކަނިދަށުގައި ވިއްސާރައިން ހިޔާވުމަށް ގިނަ ބަޔަކު މަޑުކޮށްލައިގެން ތިއްބެވެ. އަހަރެން ލައިބުރަރީއަށް ވަދެގެން ދިޔައީ އެތަނުގައި ތިބި މީހުންނަށް މާބޮޑު ސަމާލުކަމެއް ނުދީއެވެ.
ބޭނުންވާ ހައެއްކަ ފޮތް ހޯދާލުމަށްފަހު އެ ހިފައިގެން ކްލާސްރޫމަށް ދިޔުމަށް ހިނގައިގަތީމެވެ. ނަމަވެސް ދޮރުން ނުކުންނަށް އެޅި ފުރަތަމަ ފިޔަވަޅާއިއެކު އަހަރެން ކައްސާލައިގެން ވެއްޓެންދިޔައެވެ. އަހަރެން އަތުގައި ހުރި ފޮތްތައްވެސް އެވަގުތު ވިއްސައިގެން ދިޔައެވެ. ނަމަވެސް އަހަރެން ވެއްޓުމުގެކުރިން މީހަކު އަހަރެން ހިފެހެއްޓިއެވެ. މަރާލައިގެން އޮތް ދެލޯ އަހަރެން ހުޅުވާލީ ބިންމަތީ އަހަރެން ނުޖެހޭކަން އިހްސާސުވުމުންނެވެ. ލޯ ހުޅުވާލުމާއިއެކު އަހަރެންގެ ނަޒަރު ސީދާވީ ޝިޒާންގެ ޖާދުވީ ދެލޮލާއެވެ. އަހަރެންގެ މޫނާއި ދާދި ގާތުން ޝިޒާންގެ މޫނު ފެނުނު ހިނދު އަހަރެންގެ ހިތަށްވެސް ތަފާތު އިހްސާސްއެއްކުރެވުނެވެ. ޝިޒާންގެ އެއްއަތުން، ފަހަތުން އަހަރެންގެ އުނގަނޑުގައި ހިފަހައްޓާލައިގެން ހުރިއިރު އޭނާގެ އަނެއް އަތުން އަހަރެންގެ އަތުގައި ހިފަހައްޓާލައިގެން ހުއްޓެވެ. މިއިޝްގީ މަންޒަރަށް ނިމުމެއްއައީ މީހެއްގެ އަޑުންނެވެ.
“ކޮއްކޯ. ކިރިއާއެއްނު ސަލާމަތްތިވީ. ފޮތްތައްވެސް ތެމިއްޖެ” އެތާ ސެކިޔުރިޓީ ބަލަހައްޓަންހުރި ދުވަސްވީ މީހެއް އައިސް ވެއްޓިފައި ހުރި އަހަރެންގެ ފޮތްތައް ނަގާ އަހަރެން އަތަށް ދިއްކޮށްލިއެވެ.
“ޝުކުރިއްޔާ” އަހަރެން އަވަސް އަވަހަށް ފޮތްތަކުގައި ބައްދާލައިގެން ކްލާސް ރޫމާއި ދިމާއަށް ދުއްވައިގަތީމެވެ.
އެ ދުވަހަށް ފަހު އަހަރެންނަށް ޝިޒާންމަތިން ހަނދާންކުރެވެންފެށިއެވެ. އަހަރެންނަށް ނޭގޭ ކަމަކީ އަހަރެން ފަދައިން ޝިޒާންވެސް އަހަރެންނަށް ފާރަލަމުން ދިޔަކަމެވެ. އަހަރެން ކްލާސް ނިންމާލާފައި ގެއަށްދާއިރު ބައެއް ދުވަސް ދުވަހު ޝިޒާން އަހަރެން ފަހަތުންއަންނަކަން އަހަރެންނަށް އިނގުނީވެސް މި ހާދިސާ ހިނގިތާ އެތައް ދުވަހެއް ފަހުން ކްލާސް ކުއްޖަކު އެވާހަކަ އަހަރެން ކައިރީ ބުނުމުންނެވެ. ބައެއް ދުވަސް ދުވަހު އަހަރެންނަށް ޝިޒާން ފެންނަންވެސް ފެނެއެވެ. ބަދަލުކޮށްލާ ހިނިތުންވުމެއް ފިޔަވައި އިތުރު މުއާމަލާތެއް އަހަރެމެން ދެމީހުން މެދަކު އޭރުނުހިނގައެވެ.
ދުވަސްތައް ފާއިތުވަމުންގޮސް އަހަރެން ހިޔާތުގައި ދިމާވާނެ އެންމެ ހިތްދަތި ދުވަސް އަހަރެންނާއި ކުރިމަތިވީ އަހަރެން ކިޔަވާ ނިމި ވަޒީފާއަށް ވަތްތާ ފުރަތަމަ މަސްތެރޭގައެވެ.އަހަރެންގެ މަންމަ ނިޔާވީއެވެ. އަހަރެންނަކީ ބައްޕަ ނެތް ކުއްޖެއްކަމުން އަހަރެން އުފަންރަށުގައި ކުރިމަތިވަމުންއައި ފުރައްސާރަތަކުން ސަލާމަތްވުމަށް އަހަރެން ވަރަށްތުއްތުއިރު މަންމަ މާލެއައީއެވެ. އެދުވަހުން ފެށިގެން އަހަރެން އުޅެމުން އައީ މަންމަގެ މަސައްކަތުން ކުޑަ އެއްކޮޓަރި ކުއްޔަށް ހިފައިގެންނެވެ. ސްކޫލު ނިނުމަށްފަހު ކިޔެވުމަށް ބޭނުންވާ ފައިސާ ހޯދަނީވެސް ޕާޓްޓައިމް ވަޒީފާ އަދާކޮށްގެންނެވެ. އަހަރެންގެ ދިރިއުޅުމުގެ ހުރިހާވެސް އެއްޗަކީ އަހަރެންގެ މަންމައެވެ. އެ މަންމަ ފިޔަވާ އާއިލާ ދަންނަ އަދި ގާތްތިމާގެ މީހެއްވެސް އަހަރެންނަށް ނޭނގެއެވެ. އެއްވެސް އިރެއްގައި އާއިލީ ވާހަކަތަކަކީ މަންމަ ދައްކަން ބޭނުންވާ ވާހަކަތަކެއް ނޫންކަމުން އަހަރެންވެސް މަންމަ ކައިރީ އެކަހަލަ ވާހަކަ ނުއަހަމެވެ.
މަންމަ ނިޔާވި ދުވަހު ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިޔުމަށް ސަހަރާއަށް ދިޔައީވެސް އަހަރެންގެ އިތުރުން އަހަރެންގެ އޮފިސް ކުދިންކޮޅެކެވެ. މަންމަގެ ހިނެވުމުގެ ކަންކަން ކުރިއަށް ދިޔަ އިރު އަހަރެން ސަހަރާގެ ފާރުބުރިއެއްމަތީ އިށީނދެލައިގެން އިނީ މަންމައާއި ނުލާ އަހަރެން ހޭދަކުރަން ޖެހޭނޭ އެކަނިވެރިހަޔާތާއި މެދު ވިސްނާށެވެ. އޭރުވެސް އަހަރެންގެ ލޮލުން ހޯސްލާފައި ކަރުނަ އަންނަމުންދެއެވެ. އަހަރެންނަށް ހިތްވަރުދީ ދިރިއުޅުމުގެ އުންމީދު އާކޮށްދޭނޭ އިންސާނަކަށް އަހަރެންގެ ހިތް ގޮވަމުންދިޔައެވެ.އަހަރެން ސިއްސައިގެން ދިޔައީ ފަހަތުން މީހަކުއައިސް އެމީހާގެ ހަށިގަނޑާލާ އަހަރެން ބޮނޑިކޮށްލުމުންނެވެ. އެއްވެސް ހިފެހެއްޓުމަކާއި ނުލާ ބޭ އިޚްތިޔާރުގައި އަޑުންއަޑުނަގާ އަހަރެން ރޯންފެށީމެވެ. އަދި އެއީކާކުތޯވެސް ބެލުމެއްނެތި އެމީހެއްގެ ގަމީހުގައި ހިފާ އަހަރެންގެ މޫނު އެމީހެއް މޭގައި ފޮރުވާލީމެވެ. ރައްކާތެރިކަމެއް އިހްސާސްކުރެވުމުންނެވެ.
” ވެންޓް އައުޓް އޭޒްމަޗް އޭޒް ޔޫ ވޯންޓް.. އައި އެމް ހިޔަރ ފޯޔޫ” އަހަރެންގެ ކަންފަތުގައި ޖެހުނީ މީގެ ކުރިން އަހަރެންނަށް ފަރިތަ އަޑެއް ނޫންނަމަވެސް އެކަމާ އަހަރެން ފަރުވާލެއް ނުބެހެއްޓީ އެ ވަގުތު މީހެއްގެ އޯގާތެރިކަމަށް ބޭނުނުންވެފައި ހުރިލެއްބޮޑުކަމުންނެވެ.
” ހިނަވާ ނިމިއްޖެ. މޫނު ދެއްކުން އެ ފެށީ.” އަހަރެން އިންތަނުން ތެދުވީ އެންމެ ފަހު ފަހަރަށްވެސް މަންމަ ކައިރީ ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ބޭނުމުގައެވެ. އަހަރެން ތެދުވުމާއިއެކު އަހަރެންގެ އަތުގައި ހިފައިގެން މީހަކު ހިނގައިގަތުމުން އެމީހެއްގެ މޫނަށް ބަލާލީމެވެ. އެއީ ޝިޒާންއެވެ. އިތުރު އެއްވެސް ބަހެއް ނުބުނެ އަހަރެން ގޮސް ވުލޫކޮށްލުމަށްފަހު މުޞްހަފު ނަގައި މަންމަގެ ހަށިގަނޑު ކައިރީ އިނދެގެން ޤުރުއާން ކިޔަވަން ފެށީމެވެ.
ޢަޞުރު ނަމާދަށްފަހު މަންމަގެ ޖަނާޒާގެ ކަންކަން ނިންމާ އަހަރެން ސަހަރާއިން ނުކުތީ ދާނޭ ވަކި މިސްރާބެއް ނޭގޭ ހާލުގައެވެ. ދުނިޔެއަށް އެކަނި ވެއްޖެކަން އިހްސާސްވުމާއިއެކު އަނެއްކާވެސް ރޮވެންފެށުނެވެ.ނަމަވެސް ގައިގައި ނެތް ހިތްވަރު ނެރެމުން ކުރިއަށް ދާން ހިނގައިގަތުމާއިއެކު ޝިޒާން އައިސް ކުރިމައްޗަށް އެރިއެވެ.
“އީމާން. ހިނގާ އަހަރެން ގެއަށް ގެންގޮސްދޭނަން” އަހަރެން އެއްޗެއް ނުބުނެ ކަރުނައިން ފުރިފައިވާ ދެލޮލުން ޝިޒާންއާއި ދިމާއަށް ބަލަހައްޓައިގެން ހުރީމެވެ.
“ޕްލީޒް..” ދެންވެސް ވާހަކަ ދެއްކީ ޝިޒާންއެވެ.
އަހަރެން ބޯ ޖަހާލުމުން ޝިޒާން އަހަރެން އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަތެވެ. އަދި ސައިކަލު ޕާކިން ޒޯނުން ނެރުމަށްފަހު ސައިކަލަށް އެރުމަށް އިޝާރާތުން ދެއްކިއެވެ. އަހަރެން ސައިކަލަށް އެރުމާއިއެކު ޝިޒާން ސައިކަލު ދުއްވާލިއެވެ. ދެމީހުންގެ ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވި މާލެ ވަށާ ބުރެއް ޖެހުމަށްފަހު ދެންވެސް ވާހަކަ ދެއްކީ ޝިޒާންއެވެ.
“ކޮންތާކަށް ގެންގޮސް ދޭންވީ؟”
“މ.ކިނާރާ” އަހަރެން މަޑުމަޑުން ޖަވާބު ދިނީމެވެ.
ސައިކަލު ގޮސް އަހަރެމެން ގެއާއި ހަމައަށް އެރުމާއިއެކު އަހަރެން ސައިކަލުން ފުންމާލީމެވެ. އަދި ގެއަށް ވަންނަން ހިނގައިގަތުމާއިއެކު އަނެއްކާވެސް ޝިޒާން ވާހަކަ ދެއްކިއެވެ.
” 2 މިނިޓް މަޑުކޮށްލަދީ ފާނަން؟ އެއްޗެއް ހަވާލުކޮށްލަން ވެގެން”
“ކޯންޗެއް؟” އަހަރެންގެ ޖުމްލަ ނުނިމެނީ ސައިކަލެއް އައިސް މަޑުކޮށްލުމަށްފަހު ޝިޒާންއަތަށް ކޮތަޅެއް ދިނެވެ. އަދި ޝިޒާން އެ މީހާއަށް ލާރި ދިނުމަށްފަހު އެކޮތަޅު އަހަރެން އަތަށް ދިއްކޮށްލިއެވެ.
“ޕްލީޒް.. ނޫނެކޭ ނުބުނައްޗޭ” އަހަރެން އެ ކޮތަޅުގައި ނުހިފައި ހުރުމުން ޝިޒާން ބުނެލިއެވެ.
އަހަރެން އެކޮތަޅުގައި ހިފުމަށްފަހު “ތެންކިޔު” އޭ ބުނެލާ އެތެރެއަށް ވަންނަން ހިނގައިގަތީމެވެ. ކޮޓަރިއަށްގޮސް ހަމަޖެހުލުމަށްފަހު ކޮތަޅު ހުޅުވާ ބަލާލީމެވެ. އޭގައި އޮތީ ބަތް ޕާރުސަލެކެވެ. ނަމަވެސް އަހަރެން ހުރީ ކާ ހިތްވާ ފަދަ ހާލަތެއްގައި ނޫންކަމުން އެ ހުރިގޮތަށް މޭޒުމަތީ ބޭއްވުމަށްފަހު ގޮސް އެނދަށް އަރާ އޮށޯވެލީމެވެ.
އެ ދުވަހަށް ފަހު އަހަރެން އޮފީހަށްދާން ނުކުންނަ ދުވަސް ދުވަހު ގެކައިރީ ޝިޒާން މަޑުކޮށްލައިގެން އިންނަތަން ދެކެމެވެ. އަދި ބައެއް ދުވަސްދުވަހު އޮފީސް ނިމޭގަޑީ އޮފީސް ކައިރިން ވެސް ޝިޒާން ދެކެމެވެ. ނަމަވެސް ޝިޒާންވެސް އިސްވެ ވާހަކަ ނުދައްކާތީ އަހަރެންވެސް ވާހަކަ ދެއްކުމަށް މަސައްކަތެއް ނުކުރަމެވެ. އެހެނެއްކަމަކު ޝިޒާން ގެ ޚިޔާލުތައް އަހަރެންނަށް އުނދަގޫ ކުރުވަމުން ދެއެވެ. ޝިޒާން އަށް އަހަރެންނަށް ވެދިން އެހީއަށް ޝުކުރު އަދާނުކުރެވޭތީ އެކަމާއިވެސް އަހަރެން ލަދުގަންނަންފެށިއެވެ.
އެއްދުވަހަކު އޮފީސް ނިންމާ ގެއަށްދާން ނުކުތްގަޑީގައި އަހަރެންނަށް ޝިޒާން ފެނުނީ އާދައިގެމަތިން، އޮފީހާއި މާދުރުނޫން ހިސާބެއްގައި މަޑުކޮށްލައިގެން އިންދައެވެ. ހިތް ބާރަށް ތެޅެމުންދިޔަނަމަވެސް ވަރަށް ހިތްވަރުކޮށްފައި ޝިޒާން ކައިރިއަށް ދިޔައީމެވެ.
“ތެންކިޔު ބުނަން ވެގެން އަސްލު މިއައީ. ނަންވެސް ނޭގޭ އެކަމަކު” އަހަރެން އިސްވެ ވާހަކަ ދެއްކީމެވެ.
“ޝިޒާން. ޝިޒާން ކިޔަނީ. ތެންކިޔު ބުނަން ޖެހޭވަރުކަމެއް ނުވެއެއްނު. އެކަމަކު އަހަރެންވެސް މާފަށް އެދެން ބޭނުން.” ޝިޒާން ވާހަކަ ދެއްކިއެވެ.
“ކޮންކަމަކާ” އަހަރެންނަށް ނުވިސްނުނީ ޝިޒާން އަހަރެން ކައިރީމާފަށް އެދެންޖެހޭ ސަބަބެކެވެ.
“ބައިވަރު. އީމާން ހުއްދަ ނެތި ބައްދާލުން. ގޭކައިރީ އިނުން. ދެން ކުރުކޮށް ބުނަންޏާ ފަހަތު އަޅުވައިގެން މިހެން އުޅެވޭތީ” ޝިޒާން ވާހަކަ ދެއްކީ ސީދާ އަހަރެންގެ މޫނަށް ބަލަން އިނދެއެވެ. އަހަރެންކުޑަކޮށް ރަކިވާގޮތްވިއެވެ.
” ނޫން. އިޓް ވޯޒް އަ ގްރޭޓް ހެލްޕް. އިންފެކްޓް އައިހޭވް ޓު ބީ ތޭންކްފުލްދޯ. ނުވެސް ދަންނަ މީހެއްގެ ކިބައިން އެހީތެރިކަން ހޯދަން.” އަހަރެން ފާޅުކުރީ ހިތުގައި އޮތްގޮތަށެވެ.
” މިހާރު މި އޮށް އެނގުނީ ނު. އިފް ޔޫ ޑޯންޓް މައިންޑް ކޮފީއަކުން ބައްދަލު ކޮށްލެވިދާނެތަ؟ ވަރަށް ބޮޑު ވާހަކައެއް އަސްލު ބުނެލަން ބޭނުންވާތީ.” ޝިޒާންދެންވެސް ވާހަކަ ދެއްކީ ސީދާ އަހަރެންގެ ލޮލަށް ބަލަން އިނދެއެވެ.
“ބުނެބަލަ؟ މިތާވެސް ބުނެވޭނެއެއްނު” އަހަރެން ނުދަންނަ މީހަކާއިއެކު ކޮފީއަކަށް އެރުމަށް ފަސްޖެހެވުނެވެ. އަހަރެންނަކީ އެއްވެސް އިރެއްގައި ކޮފީތަކަށް ގޮސް ހަދާ މީހެއް ނޫންވިމަވެސް ކަންނޭނގެއެވެ.
” ދިސް އިޒް ނޮޓް އަ ރައިޓް ޕްލޭސް. އަހަރެން އީމާންއަށް މެސެޖްކޮށްލާނަން. އިފް ޔޫ ޑޯންޓް މައިންޑް ޕްލީޒް މީޓް މީ ޖަސްޓް ވަންސް” ޝިޒާންގެ އަތުގައި އަހަރެންގެ ފޯނު ނަންބަރު އޮތް ކަން އެނގުމުންވެސް އަހަރެން ހައިރާނެއް ނުވިއެވެ. ދެ މީހުން ކިޔެވީ އެއް ޔުނިވާސިޓީއަކުން ކަމަށްވެފައި މިއޮށްފަދަ ތަރައްޤީ ޒަމާނުގައި މީހެއްގެ ފޯނު ނަންބަރު ހޯދުން އެއީ މާދަތިކަމަކަށް ނުވާނެއެވެ. ނަމަވެސް އަހަރެން ހައިރާންވީ އަހަރެން ނަންބަރު އޮވެ ޝިޒާން އަހަރެންނާ ގުޅަން މަސައްކަތް ނުކުރުމުންނެވެ. ހަމަ ޤައިމުވެސް މިގޮތަށް ޝިޒާން އަހަރެން ފަހަތުން އުޅޭނީ ކޮންމެވެސް ބޭނުމެއް އޮވެގެންތާއެވެ. އަހަރެންނަކީވެސް ތަސައްރަފު ފުދިފައި ހުރި ބޮޑު މީހެއްކަމުން ޝިޒާން އަހަރެންގެ ފަރާތުން ބޭނުންވާނީ ކޮންކަމެއްކަންވެސް އަހަރެންނަށް އިހްސާސްކުރެވެއެވެ. ފޯނު ނަންބަރު އޮތުމަކީ ވާހަކަ ދައްކަން ބޭނުންވާ މީހަކަށް އެންމެ ފަސޭހަ ގޮތްކަމުގައިވީނަމަވެސް ޝިޒާން އެގޮތް އިސްނުކޮށް ކޮންމެ ދުވަހަކުމެ އަހަރެން ފަހަތުން ދުވާލު ދެ އިރު ދުއްވަނީ ކީއްވެބާއެވެ؟ އެއީ ތަފާތު ފިރެހެން ކުއްޖެއްކަން އަހަރެން ނަށް އެވަގުތު އިހްސާސްކުރެވުނެވެ.
” އޯކޭ. އައިވިލް ލެޓް ޔޫ ނޯ” ކުރު ޖަވާބެއް ދިނުމަށްފަހު އަހަރެން ގެއަށް ދާން ހިނގައިގަތީމެވެ.
އެދުވަހުގެ ހަވީރު ޝިޒާން އަހަރެންނަށް މެސެޖް ކުރިއެވެ. ރޭގަނޑު 8 ޖަހާއިރު ސޯލްޓް ކެފޭގައި އިންތިޒާރު ކުރާނެ ވާހަކަ ބުނެއެވެ.
ޝިޒާން ބުނި ގަޑިއަށް އަހަރެން އެތަނަށް ދިޔައީމެވެ. އަހަރެންވެސް އެގޮތް ބޭނުންވެގެންނެވެ. ޝިޒާން އަހަރެން ކައިރީ ދައްކާނެހެން އަހަރެންނަށް ހީވި ވާހަކައަށް ޖަވާބު ދިނުމަށް ވެސް އަހަރެން ދިޔައީ ތައްޔާރުވެގެންނެވެ.
އަހަރެންނަށް ހީވީ ހަމަ ރަނގަޅަށެވެ. ޝިޒާން އަށް އަހަރެން ކަމުދިޔައީއެވެ. އަހަރެންނާ ގުޅެން ބޭނުންވީއެވެ. ރަށްޓެހިވުމުގެ ބަދަލުގައި ޝިޒާން ބޭނުންވީ އަހަރެންނާ އިންނާށެވެ. ޝިޒާންއަކީ ކާކުކަން އަހަރެންނަށް ނޭނގުނުނަމަވެސް އަހަރެންގެ ހިތުގައިވެސް ޝިޒާންއަށް މަޤާމެއްދެވިފައިވެއެވެ. ނަމަވެސް އަހަރެންގެ ހިތުގެ މައްޗަށް ސިކުނޑި އިސްކުރީމެވެ. އަދި އަހަރެންނާކީ ކާކުކަން ވަރަށް ރަނގަޅަށް ކިޔައިދިނީމެވެ. އާއިލާގެ މީހަކު ނެތްކަމާއި އަހަރެންނަކީ ބައްޕަނެތް ކުއްޖެއްކަން ބުނެދިނީމެވެ. އެ ހުރިހާ ކަމެއް އެނގި ހުރެވެސް ޝިޒާން އަހަރެންނާއި ގުޅެން ބޭނުންނަމަ އަހަރެންވެސް ޝިޒާންއާއި ގުޅެން ބޭނުންކަމުގައި ބުނީމެވެ. އަދި ޝިޒާންއާއި ބެހޭގޮތުން ޝިޒާން އަހަރެންނަށް އެނގެންޖެހޭނެކަމަށް ފެންނަ ކަންކަން ކިޔައިދިނުމުން ފުދޭނެކަމުގައި އަހަރެން ބުނީމެވެ.
ޝިޒާންއަކީ މާލޭ ވިޔަފާރިވެރިއެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅުކަން ބުނެދިނެވެ. އަދި އަންހެން 2 ކޮއްކޮ ތިބޭކަމާއި އަދި ދުވަހަކުވެސް ކުއްޖަކާލޯބީގެ ގޮތުން ގުޅިފައި ނުވާނޭކަމުގައި ބުނެދިނެވެ. އެވަރުން އަހަރެން ފުއްދާލީމެވެ. އަހަރެން ޝިޒާންއާއިކޮށްލީ އެންމެ ސުވާލެކެވެ.
“އަހަރެންނާ އިންނަން މައިންބަފައިން ޤަބޫލުވާނޭ ހެއްޔެވެ؟” އެ ސުވާލަށް ޝިޒާން ދިނީ ވަރަށް ކުރު ޖަވާބެކެވެ.
“އަހަރެން ބޭނުންވާ ކަމަކަށް ބައްޕަމެން ނޫނެކޭ ނުބުނާނެއެވެ”.
އެރޭ ޝިޒާންގެ މޫނުމަތިން އިންތިހާ ދަރަޖައިގެ އުފާވެރިކަން އަހަރެންނަށް ފެނުނެވެ. މާގިނައިރު ކޮފީގައި ހޭދަނުކޮށް އެރޭގެ ވަދާއީ ސަލާމްކުރީ ލޯބިވެރިންގެ ލިސްޓަށް އަހަރެމެންގެ ނަން އަރުވަމުންނެވެ. މައިންބަފައިންނާ ވާހަކަ ދެއްކުމަށްފަހު މާގިނަ ދުވަސްތަކެއް ނުކޮށް ކައިވެނި ކުރަން ބޭނުންވާކަމަށް ބުނަމުންނެވެ. އެއީ އަހަރެންވެސް ބޭނުންވާ ގޮތެވެ. ކިތަންމެ ގިނަ ދުވަހަކު މީހަކާ ރަށްޓެހިވެގެން އުޅުނަސް މީހަކު ދަސްވާނެކަމަށް އަހަރެން ޤަބޫލެއް ނުކުރަމެވެ. އަދި ގިނަ ދުވަހު ނީނދެ އުޅެން ވެއްޖެނަމަ ދުނިޔެވީ އެދުން އިސްކުރެވި އަތުންފައިން ގޯހެއް ހެދިދާނެކަމުގެ ބިރު އަހަރެންގެ ހިތުގައި އޮވެއެވެ.
ކޮންމެއަކަސް ދެމީހުން ލޯބީގެ ގޮތުން ގުޅުންތާ މާ ގިނަ ދުވަހެއް ނުވެ ޝިޒާން މައިންބަފައިންނާ ބައްދަލު ކުރުމަށް އަހަރެންނަށް އެގެއަށް ދިޔުމަށް ދަޢުވަތު ލިބުނެވެ. އެގެއިން އަހަރެންނަށް މަރުހަބާ ކީ ޝިޒާންގެ ބައްޕައެވެ. ޝިޒާންގެ ނިންމުމަށް އިހްތިރާމް ކުރާނޭކަމާއި އަހަރެމެން ގުޅުމަށް ބައްޕަގެ އެއްވެސް މައްސަލައެއްނެތްކަމުގައި ބުންޏެވެ. ނަމަވެސް ޝިޒާންގެ މަންމަގެ މޫނުމަތިން އެރޭވެސް އަހަރެންނަށް ފެނުނީ ނުރުހުމުގެ އަސަރެވެ. ސީދާ ދިމާލަށް ނުބުނިކަމުގައިވިޔަސް މޫނުމަތީގެ ކުލަވަރާއި ވާހަކަ ދެއްކި ގޮތުން އަހަރެންނަށް އިހްސާސްކުރެވުނީ ޝިޒާން އަހަރެންނާއި ގުޅެން ޝިޒާންގެ މަންމަ އެހާ ޤަބޫލު ނޫންކަމެވެ. އަދި ޝިޒާންގެ 2 ކޮއްކޮވެސް ކޮޓަރިއަށް ވަތްގޮތަށް އަހަރެން އެނބުރި ދިޔައިރުވެސް ކޮޓަރިން ނުނިކުމެވެ.
މިކަމާއި ގުޅޭގޮތުން ޝިޒާންއާއި އަހަރެން ސުވާލު ކުރުމުން ޝިޒާން ދިން ޖަވާބަކީ އެއީ މަންމަ ގެ ހުންނަގޮތެއް ކަމަށެވެ. އަދި ކޮއްކޮމެންނަކީ އާންމުކޮށްވެސް މާ ވާހަކަ ދައްކާ ބައެއް ނޫންކަމާއި އިނދެގެން އެއްކޮށް އުޅެން ފެށުމުން ހުރިހާކަމެއްވެސް ހަމަޖެހޭނޭ ކަމުގެ ޔަޤީންކަން ޝިޒާން އަހަރެންނަށް ދިނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


ވާހަކައިގެ މި ފެށޭ ބައި ރީތި. އިބާރާތްކުރުން ވެސް ހަމަ ރީތި. ވާހަކައިގެ ކުރިޔަށް ހުރި ބައިތަކަށް އިންތިޒާރުކުރަން
Yaaay.. SomeOne is back
Masha Allah vrh reethi furathama bai vs.💕
Dhn huri Baithah miah vure reethi vaane kamah unmeedhu Kuran 🤗