ހިތަކުން ނުފިލާނެ 42
އެކެއް ޖަހަން ކައިރިވުމުން މައިޝާމެން ރޫމަށް ދިޔައީ ކާންދިއުމަށްޓަކައި ކުޑަކޮއް ތައްޔާރުވެލާށެވެ. ތައްޔާރު ވެލައިގެން ނިކުތް އިރު ބަގީ ޑުރައިވަރު މައިޝާމެން ބަލާގޮސް އޮތެވެ. މައިޝާމެން ގޮސް ރެސްޓޯރެންޓު ތެރެއަށް ވަންނަން ދިޔަ ވަގުތުވީ ޒެދީންމެންވެސް ކައިނިމިގެން ނިކުންނަން އައި ވަގުތަށެވެ.
މައިޝާގެ އަތުގައި ހިފައިގެން ހުރި ފިޒާން މައިޝާގެ އަތުން ދޫކޮއްލާފައި ދުރައްދުއްވައިގަތީ އެވަގުތުއެވެ. ފިޒާންގެ ފަހަތުން ފައިހާ ދުވެފައި ދިޔައިރު މައިޝާވެސް ފަހަތުން ދިޔައެވެ. ފިޒާން ދުވެފައި ގޮސް ހުއްޓުނީ ރެސްޓޯރެންޓްގެ އެއްފަރާތުން ތަންކޮޅެއް ދުރުގައި ހައްދާފައި އޮތް ކާޕެޓް ވިނަގަނޑު މަތީގައެވެ. އެތަނުގައި ގިނަ އަދަދަކަށް އޯކިޑް ގަސްތައް ހައްދާފައި ހުރިއިރު އެކި ކުލަ ކުލައިގެ އޯކިޑް މަތަށް ފޮޅިފައި ހުރިއިރު ވަރަށްވެސް ފުރިހަމައެވެ. ފިޒާން ދުވެ ދުވެފައި އުޅުނުއިރު މައިޝާ އޭނަގެ އަތުގައި އޮތް ކެމެރާއިން ފޮޓޯތައް ނަގަމުން ދިޔައެވެ. ޒެދީންމެން ރެސްޓޯރެންޓުން ނިކުމެގެން ދިޔައިރުވެސް މައިޝާމެން އެތަނުގައި ތިއްބެވެ.
މެންދުރުން އަނބުރާ ތިނެއްޖެހި ފަހުން ޖެހެމުން އައި މަޑުވައިރޯޅި ބާރުކޮއްލާ އިސާހިތަކު ކަޅުވިލާތަކުން މުޅި އުދަރެސް ބައްދާލިއެވެ. މާގިނަ އިރުތަކެއްނުވަނީސް ވިދާލާފައި ޖެހި ބާރު ގުގުރިއާއެކު ބޯކޮއް ވާރޭ ވެހެން ފަށައިފިއެވެ. ވެހެމުންދިޔަ ވާރޭ ހުއްޓާނުލާތޯ ހިތާހިތުން ދުއާކޮއްލަ ކޮއްލާ ފައިހާ ހުއްޓެވެ. މާގިނަ އިރުތަކެއްނުވަނީސް އާމިރު ގުޅާފައި ކަނޑުގަދައިއްޔާ މަޑުކުރަން މައިޝާ ގާތުގައި ބުނެލިއެވެ. ފައިހާ ކައިރީގައި އެވާހަކަ ބުނުމުން ފައިހާގެ ހިތް އުފަލުން ނަށަންފެށިކަހަލައެވެ.
ވެހެންފެށި ވާރޭ ހުއްޓާލީ އިރުއޮއްސި އަނދިރިވެސް ވި ފަހުންނެވެ. މުޅިފަޒާތެރޭގައި ތެތްފިނިކަމެއް ހަރުލާފައި ހުރިއިރުވެސް ފިނީގެ އެއްވެސް އަސަރެއް ޒެދީންއަށް ކުރާހެނެއް ހިޔެއްނުވެއެވެ. މަޑުމަޑުން ހިނގާފައިގޮސް ފާލަމުގެ ކޮޅުގައި ހަދާފައި ހުރި ބެންޗެއްގައި ޒެދީން އިށީނެވެ. ކުލަނުވާ އެތަކެއް ހަދާން ތަކެއް އެރަށަށް އައިފަހުންވެސް ޒެދީންގެ ސިކުނޑިއަށްދަނީ އުނދަގޫ ކުރަމުންނެވެ. ހާއްސަކޮއް މިއަދު ޕޫލް ކައިރިން ފާހާނައަށް ވަންނަނިކޮއް ފެނުނު އަންހެންކުއްޖެއްގެ ސަބަބުން ޒެދީންގެ ހިތް ހާސްވަނީއެވެ. އެކުލަނުވާ ހަދާންތަކަކީ އެއަންހެންކުއްޖާގެ ހަނދާންތަކެއްކަން ޒެދީންއަށް އިނގެއެވެ. އެކަމާ ވިސްނާ ވިސްނާ ޒެދީންގެ ސިކުނޑި ހީވަނީ ފަޅައިގެން ހިނގައިދާހެންނެވެ. އެހިޔާލު ތަކުގައި އިންދާ ޒެދީން ސިހުނީ ކުޑަކުއްޖެއްގެ ހަޅޭކުގެ އަޑަށެވެ. ޒެދީން ބަލާލިއިރު އެހިސާބުން އިތުރުބައެއްގެ ހިލަމެއްވެސް ނެތެއެވެ. ޒެދީން ކުޑަކޮއް ބިރުގަތުމުން ރޫމާއި ދިމާލަށް ހިގައިގަނެވުނީވެސް ތަންކޮޅެއް ބާރަށެވެ.
އިރުއަރައިގެން އައިރު ފައިހާ އޮތީ ހޭލައެވެ. އެދުވަހު ހަވީރު ފުރަން ހަމަޖެހިފައި އޮތުމުން ފުރުމުގެ ކުރިން ފާޒިން އާއި ވައްތަރުކަމަށް އަރުޝަދު ބުނި މީހާ ބަލައިލަން ފައިހާ ބޭނުމެވެ. އެވަރުން އެރިޒޯޓަށް އައި އެންމެ ބޮޑު ބޭނުމަކީވެސް އެއީއެވެ. މައިޝާ ކައިރީގައި ކުޑަކޮއް ހިނގާލާށޭ ކިޔާފައި ކެމެރާ ހިފައިގެން ނިކުންނަން އުޅުނީ އަރުޝަދުއަށްވެސް ގުޅާނުލައެވެ. ނަމަވެސް ފިޒާން ދާންބޭނުން ވުމުން ފިޒާން ގޮވައިގެންގޮސް ކުރީ ދުވަހުވެސް ފިޒާން ކުޅެން އިންތާގައި ބައިންދާފައި ފައިހާ ޕޫލް ކައިރިއަށް ދިޔައީ އެސަރަހައްދު ކުޑަކޮއް ބަލާލުމަށެވެ.
އަތިރިމަތީގައި ހުރި ގޮނޑިއެއްގައި އިށިންދެލައިގެން އިން ޒެދީންގެ ލޮލުގައި އަޅައިގަތީ އެކަނިމާއެކަނި މޫދުކައިރިއަށްގޮސް މަޑުކޮއްލި ކުޑަކުޑަ ފިރިހެންކުއްޖެކެވެ. އެކުއްޖާއަށް ބަލަހައްޓައިގެން ޒެދީންއޮތީ އެކުއްޖާގެ މަންމަ ނުވަތަ ބައްޕަ އެތަނުން ގޮޑިއެއްގައި މަޑުކޮއްލައިގެން އިންނާނެ ކަމަށް ހިތައެވެ. ނަމަވެސް އެކުޑަ ކުއްޖާ މޫދަށް އެރުނު އިރުވެސް އެއްވެސް މީހަކު އެތަނަށް ނުދިއުމުން ޒެދީން ތެދުވެގެން އެދިމާލަށް ހިނގައިގަތީ އެކުޑަކުޑަ ކުއްޖާ އެކަނިމާއެކަނި އެހިސާބަށް ދޫކޮއްލާފައި ދިޔަ މީހަކާއި ދިމާލަށް ހިތުން ފަތިވަރު ގޮވަމުންނެވެ. މަޑުމަޑުން ހިނގާފައި ގޮސް ކަކުލާއި ހަމައަށް އެރިހުރި ކުއްޖާގެ އަތުގާ ހިފާ ޒެދީންއާއި ވީ ފަރާތަށް އަނބުރާލިއެވެ.
ފިޒާންގެ ދެލޮލަށް ބަލަހައްޓައިގެން ޒެދީންއަށް ހުރެވުނީ ލިބުނު ހައިރާންކަމެއްގެ ސަބަބުންނެވެ. ޒެދީންއަށް ހީވީ މޫނު ބަލާ ލޯގަނޑެއްގެ ކުރިމަތީގައި ހުއްޓިގެންހުރެ އަމިއްލަ ދެލޮލަށް ބަލާލެވުނު ހެންނެވެ. އެހާވެސް ވައްތަރެވެ. މޫނުމަތިން ޒެދީންއާއި ވައްތަރުކަން އެވަގުތުވެސް ޒެދީންއަށް ފާހަގަ ކުރެވުނެވެ. ފިޒާންވެސް ޒެދީންގެ މޫނަށް ބަލަހައްޓައިގެން ހުރީ ހިމޭންވެފައެވެ. ޒެދީން ފިޒާންގެ އަތުގައި ހިފައިގެން ގޮނޑީގައި އޮށޯވެލައިގެން އޮތް ސެލީނާއާއި ދިމާލަށް ހިނގައިގަތެވެ.
ޕޫލުކައިރި ސަރަހައްދު ބަލާލާފައި ފިޒާން އިން ދިމާލަށް ފައިހާ ހިނގަމުން ދިޔައީ ޖޫސްބާރގައި ތިބި ގެސްޓުންނާއި ދިމާލަށް ބަލަމުންނެވެ. ފައިހާ ގޮސް ފިޒާން ބޭންދި ގޮޑި ކައިރިއަށް މަޑުކޮއްލި އިރު ފިޒާން ނެތުމުން ފައިހާގެ ދެލޯބޮޑުވެގެން ދިޔައެވެ.
” ކޮކީ.. ” ފައިހާއަށް އަޑުކޮޅަށް ފިޒާންއަށް ގޮވާލެވުނީ ހިތަށް ވެރިވެގެން ދިޔަ ބިރުވެރިކަމެއްގެ ސަބަބުންނެވެ. ނަމަވެސް ފިޒާންގެ ޖަވާބެއް ނުލިބުނީ ފިޒާން އަޑުއިވޭ ހިސާބުގައި ނެތުމުން ކަން ފައިހާއަށް އެނގުނެވެ. ފިޒާންއަށް ކަމެއް ވެއްޖެނަމަ މައިޝާ ގާތު ބުނާނީ ކީކޭ ބާއެވެ. އާމިރުމެން ކައިރީގައި ބުނާނީ ކީކޭބާއެވެ. މައިޝާއަށް ވާނީ ކިހިނެއްބާއެވެ… އެންމެންނަށް ދޭނީ ކޮންޖަވާބެއްކަމެއް ފައިހާއަކަށް ނުވިސްނުނެވެ. ހަގީގަތަށް ބުނާނީ ހެއްޔެވެ.. ފިޒާން އެކަނި ބައިންދާފައި ދިޔައީއޭ ބުނަން ކެރޭނެ ހެއްޔެވެ… އެހުރިހާ އެއްޗެއް ފައިހާގެ ހިތަށް އެރުމާއެކު ފައިހާގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. އެވަގުތު ފައިހާގެ ލޮލުގައި އަޅައިގަތީ އަތިރިމަތީގައި ހުރި ފިޒާންގެ ކުދިކުދި ފިޔަވަޅުތަކެވެ. ފިޔަވަޅުތައް ގޮސް އޫދަށް އެރިފައި ހުރުމުން ފައިހާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ބޭއިހްތިޔާރުގައި ދުވެފައި ގޮސް ފައިހާއަށް މޫދަށް އެރުވުނީ ހަދާނެ ގޮތެއް ނޭގުމުންނެވެ.
” ސެލީ ބަލާބަލަ… ” ގޮނޑީގައި ލޯމަރާލައިގެން އޮތް ސެލީނާގެ ކައިރީގައި މަޑުކޮއްލަމުން ޒެދީން ބުނެލިއެވެ.
” ދީން… ތީކާކުގެ ދަރިއެއް… ދީންއާ ހާދަ ވައްތަރޭ.. އަނެއްކާތީ ދީންގެ ދަރިއެއްތަ…؟ ” ސެލީނާ ފިޒާން ގެނެސް އުނގުގައި ބައިންދަމުން އެހެން ބުނެލީ ސަމާސާއަކަށެވެ. ފިޒާން ދެލޯބޮޑުކޮއްގެން ސެލީނާއާއި ދިމާލަށް ބަލަހައްޓައިގެން އިނެވެ. ޒެދީންވެސް ފިޒާންގެ މޫނަށް ބަލަހައްޓައިގެން އިނދެވުނީއެވެ. ޒެދީންމެން ވާހަކަ ދައްކަމުން ދިޔައީ އިނގިރޭސިން ކަމުން ފިޒާން އެއްބަހެއްވެސް ނުބުނެ އިނެވެ.
” އަހަންނަށްވެސް ހީވަނީ ތިހެން.. އަދި އަހަރެންގެ ދަރިއަކަށް ނުވިނަމަވެސް ތީ އަހަރެންނާ ވަރަށް ގާތް ކުއްޖެއްކަން އަހަންނަށް އެނގެނީ… ” އެވަގުތު ޒެދީންއަށް ފިޒާންގެ އަތްތިލައިގެ މެދުގައި އިން ބޮޑުކަޅުތިލަ ފެނުމުން ބޭއިހްތިޔާރުގައި އަމިއްލަ އަތަށް ބަލާލެވުނީ އަތްތިލައިގެ މެދުގައިވެސް އެކަހަލަ ބޮޑު ކަޅުތިލައެއް އިންނާތީއެވެ.
ފައިހާ ހޯދާ ހޯދާވެސް ފިޒާން ނުފެނުމުން ފައިހާއަށް ހަމަރަނގަޅަށްވެސް ރޮވިއްޖެއެވެ. ފިޒާންއަށް ކަމެއް ވެއްޖެނަމަ ދުވަހަކުވެސް އޭނަގެ އަމިއްލަ ނަފްސައް މާފެއް ނުކުރާނެއެވެ. އަރުޝަދައް ގުޅަންވެގެން ބެލިއިރު ފޯނުވެސް ރޫމްގައި ބާއްވާފައި އާދެވުނު ހަދާންވުމުން ފައިހާގެ ހިތް ހުއްޓުނު ކަހަލައެވެ. ދެކަކޫ މައްޗައް ލޮނުގަނޑުތެރޭގައި އިށިންދެވުނު އިރުވެސް ނޭގުނެވެ. އިރުކޮޅެއް ވަންދެން ރޯންއިނދެފައި ތެދުވެ ލޯފުހެލަމުން ދެކޮޅު ބަލާލާފައި މީހަކު ފެންނަށް ނެތް ދިމާލަށް ފައިހާ ދުއްވައިގަތެވެ. ތަންކޮޅަކަށް ދެވުނުތަނާ ފައިހާއަށް ފެނުނީ އެދިމާލުން އެއްގަމުގައި ފިޒާން އުނގަށް ލައިގެން އިން އަންހެނެކެވެ. އެއަންހެން މީހާއަށް ކުރިމަތިލައިގެން އިން ފިރިހެންމީހާގެ ސަބަބުން ފައިހާއަށް ފެނުނީ ހަމަ އެކަނި ފިޒާންގެ މޫނެވެ. އެމީހުން ކޮންމެވެސް ވާހަކައެއް ދައްކަމުން ހެމުން ގެންދިޔައެވެ. ފައިހާ މަޑުމަޑުން ހިނގާފައި އެދިމާލަށް ދިޔައީ އެމީހުންނާއި ދިމާލަށް ފަތިވަރެއް ގޮވާލާނަމޭ ހިތާއެވެ. ނަމަވެސް ފިޒާންއަށް ފައިހާ ފެނުމުން ފިޒާން އޭނަގެ ތޫލިއަޑުން ފައިހާއަށް ގޮވާލިއެވެ. ފައިހާ ކުރިއަށް އަޅައަޅާ ހުރިފިޔަވަޅު ހުއްޓުންއެރީ ފައިހާއަށް ފުރަގަސް ދީގެން އިން ފިރިހެންމީހާ އެނބުރި ފައިހާއާއި ދިމާލަށް ބަލާލުމުންނެވެ. ފައިހާގެ ކުރިމަތީގައި އެއިނީ ފައިހާގެ ލޯބިވާ ތިއްތިބެއެވެ. ހަމަ އެމޫނެވެ. އެމަޑުއަޅިކުލައިގެ ދެލޮލެވެ. އެފަން އިސްތަށިގަނޑެވެ. ކުރިއަށްވުރެ ތަންކޮޅެއް ދޮންވެފައި ހުރިކަން ނޫން އިތުރު އެއްވެސް ތަފާތެއް ފައިހާއަކަށް ފާހަގައެއް ނުކުރެވުނެވެ. ފިޒާން ސެލީނާގެ އުނގުން ފައިބައިގެން ދުވެފައިގޮސް ފައިހާގެ ފައިގައި ބައްދާލި އިރުވެސް ފައިހާ ހުރީ ޒެދީންއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. މަޑުމަޑުން ފައިހާގެ ދެލޯ ކަރުނުން ފުރެމުން ދިޔައިރު ސެލީނާއަށްވެސް އިނދެވުނީ ފައިހާގެ މޫނަށް އަރާ ފައިބަމުން ދިޔަ ކުލަވަރު ބަލާށެވެ. ފައިހާ ފެނުމުން ފާޒިންއަށްވީވެސް ހަމަކުރިންވީވަރެވެ. ކުލަނުވާ ހަދާންތަކަށް ބޮޅެއް އިތުރުވުން ނޫންކަމެއް ނުވިއެވެ. ފައިހާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރެ ކޮޅަށް ތެދުވެވުއިރުވެސް ޒެދީންއަށް ނޭގުނެވެ.
” ތީނަގެ ދަރިފުޅު މޫދަށް އެރިހުއްޓާ ދީން އޭނަ ގެނައީ އެއްވެސް މީހަކު އެތަނުގައި ނެތުމުން… ވަރަށް ބޮޑަށް ސޮރީ ނާހާ ގެނެވުނީމަ… އެކަމަކު ތީނަވެސް ނުވާނެއެއްނު އެވަރުގެ ކުޑަކުއްޖަކު އެކަނިމާއެކަނި މޫދު ކައިރިއަށް ދޫކޮއްލާފައި ދާކަށް… އެކުއްޖާއަށް ކޮންމެ ފަދަގޮތެއްވެސް ވެދާނެއެއްނު… ” އެތަނުގައިވާ ހަމަހިމޭންކަން ފޫދުއްވާލީ ސެލީނާއެވެ. ސެލީނާ ވާހަކަ ދެއްކީ އިނގިރޭސިންނެވެ.
” ތީ ކާކު…؟ ” ފައިހާ އެހުރިގޮތަށް ހުރެ ބުނެލިއެވެ.
” އަހަރެންނަށް ކިޔަނީ ސެލީނާ… މީ ޒެދީން.. އަހަރެންގެ ވާންއުޅޭ ފިރިމީހާ…! ” ހިނިތުންވެލަމުން ސެލީނާ އެހެން ބުނެލީ ޒެދީންގެ އަތުގައި ހިފައިގެން ހުރެއެވެ.
” ޒެދީން… ” ފައިހާއަށް މަޑުމަޑުން ކިޔާލެވުނެވެ. ފާޒިން މަސެއްކަތް ކުރަމުންދިޔައީ އޭނައަށް އެފެންނަ އެކުލަނުވާ ހަދާންތައް އާކުރެވޭތޯއެވެ. ނަމަވެސް ފައިހާއާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެއްވެސް ބަހެއް ބުނެނުލެވުނުތާ ހީވެސް ނުލެވުނެވެ. ފައިހާވެސް ފިޒާންގެ އަތުގައި ހިފައިގެން އައިކޮޅަށް ހިނގައިގަތީ އެއީ ފާޒިންގެ ސިފަ ލިބިފައިވާ މީހެއްކަމުގައި ނިންމަމުންނެވެ. އަދި މައިޝާއަށް ޒެދީން ނުފެންނަނީސް މާލެ ދިއުމަށް ފައިހާ ހިތުގައި ގޮތެއް ރާވަމުންނެވެ.
ފައިހާ ދިޔަދިމާލަށް ބަލަހައްޓައިގެން ޒެދީންއަށް ހުރެވުނީއެވެ. އެނުދަންނަ ކުޑަކުޑަ ކުއްޖާގެ ގާތުގައި ހުރުމަށް ޒެދީންގެ ހިތްއެދެނީ ކީއްވެ ކަމެއް ޒެދީންއަކަށް ނުވިސްނުނެވެ. ސެލީނާ ޒެދީންގެ އަތުގައި ހިފަހައްޓާލައިގެން ޒެދީންއާއި ދިމާލަށް ބަލަހައްޓައިގެން ހުރީ ޒެދީންގެ މޫނުމައްޗައް އަރާފައިބަމުން ދިޔަ ކުލަވަރުތަކެއްގެ ސަބަބުންނެވެ.
” ދީން… ކިހިނެއްވީތަ…؟ ކީއްވެތަ ބަހެއްނުކިޔާ ތިހުރީ…؟ ” ޒެދީންގެ އަތްތަޅުވާލަމުން ސެލީނާ ބުނެލިއެވެ. ޒެދީން އޭނަގެ ބޮލުގައި ދެއަތުން ހިފަހައްޓާލަމުން ކައިރީގައި ހުރި ގޮނޑީގައި އިށީނީ ބޯ ހާސްވި ވަރުންނެވެ. ސެލީނާވެސް ޒެދީންގެ ކުރިމަތީގައި ދެކަކޫ ޖަހައިގެން އިށީނީ ޒެދީން ދައްކާ ވާހަކަތައް އަޑުއަހާށެވެ. މިއަދު ކޮންމެ ކަމަކު ޒެދީން އެދުނަސް ސެލީނާ ކޮއްދޭނެއެވެ. ސެލީނާއަށް ކުރަން އެންމެ އުނދަގޫވާނެ ކަމަކީ އޭނަގެ ލޯބި ގުރުބާން ކުރުމެވެ. ނަމަވެސް ޒެދީންގެ އުފަލަށްޓަކާ އެކަންވެސް އޭނާ ކުރާނެއެވެ. މީގެ ކުޑައިރުކޮޅެއްގެ ކުރިން ސެލީނާގެ އުނގުތެރޭގައި އެއިނީ ޒެދީންގެ ދަރިއެއްކަމަށް ސެލީނާ ހިތް ބުނަމުންދިޔައީ ކީއްވެ ކަމެއް ހުދު ސެލީނާއަކަށްވެސް ނޭގުނެވެ.
” ސެލީ… އަހަރެން އެކްސިޑެންޓްވެފަ ހޭއެރި ދުވަހު ބައްޕަ އަހަރެންނަށް ކޮންމެވެސް އަންހެންކުއްޖެއްގެ ފޮޓޯގަނޑެއް ދައްކާފައި އެހީ ކާކުހޭ އެއީ… އިނގޭތަ.. އެއަންހެންކުއްޖާ އަހަރެން ދެކުނިން އިއްޔަ މިތަނުންވެސް… އަހަރެންގެ ހިތަށް ސިފަވާ މަންޒަރުތަކާ އެމީހުނާ ވަރަށް ބޮޑު ގުޅުމެއް އެބައޮތް… މިހެން މިބުނީ މިރިޒޯޓުގެ ބައެއް ސުޓާފުންވެސް އަހަރެން ފެނުނީމަ ވަރަށް ބަލާކަން ސެލީއަށްވެސް ފާހަގަ ކުރެވެއެއްނު… އަހަރެން ބޭނުން މިކަންތައްތަކުގެ ހަގީގަތް ކޮންމެ ގޮތެއް ހަދާފައިވެސް ބަލަން… ސެލީ އަހަރެންނަށް އެހީތެރިވެދީފާނަންތަ…؟ އެކަމަކު އަހަރެން ބޭނުމެއް ނޫން ބައްޕަމެންނަށް މިކަމުގެ އެއްވެސް އިށާރާތެއް ވާކަށް… ” ޒެދީން ސެލީނާގެ ކޮނޑުގައި ބޯއަޅާލަމުން ބުނެލިއެވެ. ސެލީނާއަށް އިތުރު އެއްޗެއް ނުބުނެވުނު ތާގައި ހަމައެކަނި ބޯޖަހާލެވުއިރު އެދެލޯވަނީ ކަރުން ފުރިފައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.


Salhi
heart touching story 🙂
Owww v v reethi mi bai ves.. kn dhuvahakun aneh part. ..
nice story…
Nice. Hope to see next part soon. Keep up the good work. And please upload next part soon.???????
Varah salhi…. waiting for the next part 🙂
Kehtherikan kudavany… avaha faazin ge handhaanthah aavaane nama… dhn kn dhuvahakun next part..
alhey vara vara reethi waiting 4 next part i ♥ this storyyyy
Salhiness… avahah up kohdhiiba
Alhe thankolheh awahah up kohladhtyber next part wx.. koyaahithun hureweniyku nun’
Nice avaha zadhyn ah hageegah kiyaaladhy
Maa haasaru bodu vedhaane
Naice
naice
Vaahaka up nukurevenya vaahaka nuliyan v nu thy kiyuntherinnah kura jessumeh tha?
Neyge .thi varun rangalhu vaani vaahaka nuliyu niyaa kan neyge
beynun irakun vaahaka upload kuriyas kiyan dhw jeheynee… thi vahtharah vaahaka dhehkumaky maa reethi gotheh nun… ehen noonas ihthu buny friday ge fahun ney upload koh dheveynee… She is really buxy these days…
Naufal, yea hama kianjeheynee beynumiyya. Ihthu amilla akah keevvehtha vaki dhuvahaku nereynamey nubunevenvee? Atleast konme week alu miveni dhuvahaku kuraanamey bunefa kohdhinun is ethics. Responsible vaan jeheyne ihthu ves kuraakanthakuga
v reethi avahah genesdheynvee ehnun