Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ހިޖުރަ (ތެއްތިރީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
October 5, 2015 8 Mins Read
19 Comments

“ނަޞްރާ ޙައިރާންވޭތަ؟ އަހަރެން ނުވޭ. މީނަ ކުއްލިއަކަށް ދަރިފުޅާއޭ ކިޔައި ވާހަކަ މި ދައްކަނީ އަހަރެންގެ ރިޕޯޓުތަކުގެ ސަބަބުން މީނައަށް ވޯޓު ގެއްލޭހެން ހީވާތީ.” ޔޫނުސް އިންތިހާ ދަރަޖައަށް ނުރުހުންވެފައިހުރެ ވާހަކަ ދެއްކިއެވެ. ޔޫނުސްގެ ބަސްތައް ތޫނު ތީރުތަކެއް ފަދައިން ގޮސް ނަވާޒްގެ ހިތަށް ހެރުނެވެ. އޭނަގެ ހުރިހާ ހުވަފެނެއް އެއްފަހަރާ ވިއްސިވިހާލިވެގެން ދިޔަހެން ހީވިއެވެ. ޔޫނުސް އޭނައާއިމެދު އިޙްތިރާމާއެކީ ކަންތައްކުރާނެ ކަމަށް ހީކޮށްގެން ހުއްޓާ މިވީ ކިހިނެއް ހެއްޔެވެ؟ އޭނައަށް ކުރެވުނީ މަޢާފު ނުކުރެވޭނެ ވަރުގެ ކުށްތަކެއް ހެއްޔެވެ؟ ޔޫނުސް މީނައޭ ކިޔައި އެ ވާހަކަ ދައްކަނީ އޭނަ އެތައް މަސައްކަތަކުން ޔޫނުސް ލައްވައި ބައްޕައޭ ކިޔުއްވި ހަނދާން ނެތުނީމަ ހެއްޔެވެ؟ ނަވާޒްގެ މޭގައި ތޫނު ރިހުމެއް އުފެދުނެވެ.

 

“ކިތަންމެ ގިނަ ލާރިއެއް ދިނަސް އަހަރެން ނުއުޅެން ތެދު ފޮރުވާކަށް! އަޑުއިވިއްޖެ؟” ޔޫނުސް ހަރުއަޑުން އެހެން ބުނެލުމުން ނަޞްރާއަށް ވައި އަޑުން ޔޫނުސްއަށް ގޮވާލެވުނެވެ. ނަވާޒް ފުން ނޭވައެއް އެތެރެއަށް ދަމަމުން ވާހަކަ ދެއްކޭތޯ ބެލިއެވެ.

 

“ދަރިފުޅާ……އަމީން ދަރިފުޅާ ދޭތެރޭ ވަރަށް ނުބައިކޮށް ކަންތައްކުރަން އުޅޭތީ ބައްޕަ އޭނަ ހުއްޓުވަންވެގެން މި ފައިސާއާއެކީ ދަރިފުޅު ކައިރިއަށް މިއައީ. ބައްޕަ ބޭނުމެއްނުވޭ ދަރިފުޅާއި ދޭތެރޭ ދެރަކޮށް ކަންތައްވާކަށް.” ނަވާޒްގެ ތުރުތުރު އަޅާ އަޑަކުން ދެއްކި ވާހަކަ ނިމުނުތަނާހެން ޔޫނުސް ކޮޅަށް ތެދުވިއެވެ.

 

“އޮޅުވާލަން ނުއުޅޭށޭ މި ބުނީއެއްނު؟ އަހަރެން މި ބައްދަލުވުމުގެ ވާހަކަ ލިޔެފާނެތީތަ ތިގޮތަށް ތި ވާހަކަ ދައްކަނީ؟ ހާސްނުވޭ. އިރާދަކުރެއްވިއްޔާ އަހަރެން ނުލިޔާނަން. އެންމެނަށް ސާފުކޮށް އެނގިފައިވާ ނުބައި ކަންތައްތަކުގެ ވާހަކަ ނޫނީ އަހަރެން ނުލިޔަން. ހެހެ……ވަރަށް ހެއްވާ. އަހަންނާ މެދު ދެރަގޮތެއްވާކަށް ނޭދެމޭތަ ތި ބުނީ؟ ޤަބޫލެއް ނުކުރެވޭ. އަހަރެންގެ މިއަތުގަ ހިފައިގެން ގެއިން ނެރުނު ހަނދާން އަހަރެން އިއްޔެގަ ވީ ކަމެއްހެން ހަނދާން އެބަހުރި. މަންމައާއި އަހަރެން ބަނޑުހައިހޫނުކަމުގައި އުޅުނު ހަނދާން އަހަރެން ނުނެތޭނެ. އަހަންނާމެދު ދެރަގޮތެއްވާން ބޭނުން ނުވާ މީހަކު އަހަރެން އެ ޙާލަތަށް ދޫކޮށްފަ ދާނެތަ؟ އެނ؟ މިއަދު ފައިސާ ބޮނޑިބޮނޑިން އޮއްސާއިރު ކީއްވެތަ ބޭނުންވި ދުވަހު އަހަންނަށް ދޭން ލާޒިމުވި ފައިސާ ނުފޮނުވީ؟ ޖަވާބެއްދީ!” ޔޫނުސް އެންމެ ފަހުބަސް ބުނެލީ އިހުނަށްވުރެ ހަރުއަޑުންނެވެ. ނަޞްރާއަށް ޔޫނުސްގެ ނަމުން ގޮވައި ކޮޅަށް ތެދުވެ ޔޫނުސްގެ އެއްއަތުގައި ދެއަތުން ހިފަހައްޓާލެވުނެވެ. އިސްޖަހައިގެން އިން ނަވާޒް އިސްއުފުލާލިއެވެ. އެވަގުތު އޭނަ ރޮވެން ކައިރިވެފައި ހުރިތަން ފެނިފައި ނަޞްރާގެ ހިތަށް އަސަރުކުރިއެވެ. އެހެނަސް އޭނަ ޔޫނުސްގެ މޫނަށް ބަލާލިއިރު އޭނައަށް އަސަރު ކުރިހެނެއް ހިއެއްނުވެއެވެ. އެކަކުވެސް އެއްވެސް އެއްޗެކޭ ނުބުނެ ތިއްބާ ނަވާޒް ލަސްލަހުން ކޮޅަށް ތެދުވެލިއެވެ. އަދި ކުރިއަށް ދެ ފިޔަވަޅު އަޅާލަމުން ޔޫނުސްގެ ކުރިމައްޗަށް ހުއްޓިލިއެވެ.

 

“ޔޫނުސް……ޙަޤީޤަތުގަ ބައްޕަ މި ފައިސާއާއެކީ އަމިއްލައަށް އައުމުގެ ބަދަލުގަ އެހެން މީހަކުވެސް ފޮނުވާލެވުނީސް. ޔޫނުސްއަށް ޤަބޫލު ނުކުރެވުނަސް ބައްޕަ މިގެއަށް މިއައީ ދަރިފުޅު ދެކޭހިތުން. ކުރީގަ ހީކުރިން މިކަހަލަ ގޮތެކޭވާނީ މިގެއަށް އައިމަ. އެކަމަކު ޔޫނުސްގެ ރިޕޯޓުތަކުގަ ބައްޕައާއިމެދުގަ ލިޔެފައި ހުންނަ ގޮތް ރީތިވީމަ ބައްޕަ ހީކުރީ ޔޫނުސް ބައްޕައަށް މަޢާފު ކުރާނެ ކަމަށް. އެހެންވެ މިއައީ ޔޫނުސް ކައިރިން މަޢާފަށް އެދެންވެގެން. މިއަދު އެނގިއްޖެ އެއްވެސް ޙާލެއްގަ މަޢާފު ކުރެވޭކަށް ނެތްކަން. ބައްޕައަށް ޙައްޤުވާ އަދަބަކީ އެއީ ކަންނޭނގެ. ދެން ދަންނާނަން ޔޫނުސް ކައިރިއަށް ދެން ދުވަހަކުވެސް ނާންނަން.” ނަވާޒް ކަރުނުން ފުރިގެންވި ދެލޮލުން ޔޫނުސްއަށް ބަލަހައްޓައިގެން ހުރެ ކުރެހިފައިވާ އަޑަކުން އެހެން ބުނެލި ގޮތުން ނަޞްރާގެ ލޮލުން ކަރުނަ ފައިބައި އޭނަގެ އެސްފިޔަތައް ތެމުނެވެ. އެހެނަސް ޔޫނުސްގެ މޫނުމަތީގައި ދެންވެސް ވީ ރުޅިވެރިކަމެވެ. އޭނަ ވަކި އެއްޗެކޭ ނުބުނެ އެތާ މޭޒުމަތީގައި ހުރި ބްރީފްކޭސް ލައްޕާލިއެވެ. އެއަށްފަހު އޭގެ އަތްގަނޑުގައި ހިފައި ހިއްލާލަމުން ނަވާޒްއާއި ދިމާލަށް ދިއްކޮށްލިއެވެ.

 

“މީތި ހިފައިގެންދޭ. އަންހެނުންނާއި ކުދިން ބޭނުންވާނެ މި ފައިސާ.” ޔޫނުސް ވަކި ވިސްނުމެއްނެތި ބުނެލި ވާހަކައިން ނަވާޒްގެ ލޮލުން ކަރުނައެއް ފައިބައިގެން އައެވެ. ޔޫނުސް އެބުނާ “އަންހެނުންނާއި ކުދިންނަށް” ވީގޮތް ހަނދާނަށް އައުމުން ނަވާޒްގެ ހިތް ރޫރޫއެޅިއެވެ. މިއަދު ޔޫނުސް ފިޔަވައި އޭނަގެ އެއްވެސް ޢާއިލާއެއް ނެތްކަން ޔޫނުސްއަށް އެނގޭނެ ނަމައެވެ. ނަވާޒް ޔޫނުސްއަށް އެވާހަކަތައް ކިޔައިދޭން ބޭނުންވިއެވެ. އެހެނަސް ކުރިމަތިން ފެންނަމުން ދިޔަ ޔޫނުސްގެ ރުޅި މޫނު ފެނިފައި ޔޫނުސް އެއްވެސް ވާހަކައެއް އަޑުއަހަން ބޭނުން ނުވާކަން ނަވާޒްއަށް އެނގުންވިއެވެ. އެހެންކަމުން އޭނަ ލަސްލަހުން އަތް ހިއްލައި ޔޫނުސްގެ އަތުން ފޮށި ހޯދިއެވެ. އެއަށްފަހު ޔޫނުސްއަށް އަދިވެސް އެއްފަހަރު ބަލާލީ ދެން އޭނައަށް ދުވަހަކުވެސް ޔޫނުސް ނުފެންނާނެކަން އަމިއްލަ ނަފްސަށް ހަނދާންކޮށްދެމުންނެވެ. ޖަޒުބާތުން ފުރިގެން ދިޔަ ހިތަށް އިތުރަށް ކެތްނުކުރެވޭނެހެން ހީވުމުން ނަވާޒް ގަދަކަމުން ޔޫނުސްއަށް ފަސްދިނެވެ. އަދި ކަރުނަ ފޮހެމުން އެގެއިން ނިކުމެގެން ދިޔައެވެ. ނަވާޒް ދޮރު ލައްޕާލުމުން ނަޞްރާ ނޭވާ އެތެރެއަށް ދަމައި މޫނު ފޮތިކޮޅު ނަގާލިއެވެ. އެވަގުތު އޭނަގެ ލޯ ދުޅަވެފައިވީއިރު މޫނުމަތިވަނީ މިލާފައެވެ. ޔޫނުސް ފުން ނޭވައެއް ދޫކޮށްލަމުން ކައިރީގައި ހުރި ނަޞްރާއަށް ބަލާލިތަނާހެން އޭނަ މުޅިން އެއްކޮށް ނަޞްރާއާއި ދިމާލަށް އެނބުރިލިއެވެ.

 

“ނަޞްރާވެސް އޭނަގެ ޑްރާމާއަށް ހެއްލުނީތަ؟ ޕްލީޒް ނަޞްރާ! އޭނަ ހަދަނީ ހުސް ދޮގު!” ޔޫނުސް ގޭގެ ދޮރާއި ދިމާލަށް އެއްއަތުން ޢިޝާރާތް ކޮށްލަމުން ބުނެލިއެވެ. ނަޞްރާ އިސްއުފުލާލި ވަގުތު އެ މޫނުމަތީގައިވީ ނުރުހުންތެރިކަމެވެ.

 

“ކިހިނެއްތަ ޔޫނުސްއަށް އެނގެނީ އެއީ ދޮގެއްކަން؟ ޔޫނުސްއަށް ފެނުނީތަ ޔޫނުސްގެ ބައްޕަގެ ހިތުގަ އޮތް އެއްޗެއް؟” ނަޞްރާ ރޮވިފައިވާ ހަރުއަޑަކުން ސުވާލު ކުރިއެވެ.

 

“ނަޞްރާ އޭނަ އަބަދުވެސް………” ޔޫނުސްގެ ވާހަކަ ފުރިހަމައެއްނުވިއެވެ.

 

“ޔޫނުސް ދުށިންތަ ބައްޕަގެ ދެލޯ؟ ބައްޕަ ނުބުންޏަސް އަހަންނަށް ފެނުނު އެ ދެލޮލުގައިވި އާދޭހެއް. ޔޫނުސް ދެކޭ ހިތުން އުޅޭތާ އެތައް ދުވަހެއްވެފައިހެން ހީވަނީ. ބަދަލުގައި ޔޫނުސް ކަންތައް ކުރީ ކިހިނެއް؟” ނަޞްރާގެ ވާހަކަ އެހާ ހިސާބަށް ދިޔައިރު އޭނަގެ ކޯތާފަތް ތެމުނެވެ.

 

“ނަޞްރާއަށް ނޭނގޭ އޭނަ……” ޔޫނުސްގެ ވާހަކަ އަނެއްކާވެސް މެދުކެނޑުނެވެ.

 

“ބައްޕަ މިތަނަށް އައުމުގެ ނުބައި ނިޔަތެއް އޮތަސް ޔޫނުސް ނުޖެހޭނެ ބައްޕަ އެގޮތަށް ފައްސާލާކަށް. ބައްޕަ އެގޮތަށް ރޮއްވާލާކަށް. މާދަމާ އަހަރުމެންގެ ކުދިން އަހަރުމެންނާއިމެދު އެގޮތަށް ކަންތައް ކުރިއްޔާ ހަދާނީ ކިހިނެއް؟” ނަޞްރާ މޭމަތީގައި އެއްއަތް ޖައްސާލަމުން އަހާލިއެވެ. ޔޫނުސް މިފަހަރު އެއްޗެކޭ ބުނަން އުޅެފައިވެސް އަނގަ ލައްޕާލިއެވެ. އޭނަ އެއްވެސް އެއްޗެކޭ ނުބުނެ ހުއްޓާ ނަޞްރާ އޭނައަށް ފަސްދީފައި ކޮޓަރިއަށްދާން ހިނގައިގަތެވެ. ނަޞްރާ ލޯމައްޗަށް ގެއްލުމުން ޔޫނުސްއަށް އިސްޖަހާލެވުނީ ކުށްވެރިޔަކު ފަދައިންނެވެ.

 

ނަވާޒް އެދުވަހު އެއާރޕޯޓަށް ގޮސް ޑިޕާރޗާރގައި ހުއްޓާ އަމީންގެ އެތައް ފޯނެއްއައެވެ. ނަވާޒް އޭގެއިން އެއްވެސް ކޯލަކަށް ޖަވާބެއް ނުދެއެވެ. އޭނަގެ ހަނދާނަށް މެދުކެނޑުމެއްނެތި އަންނަމުން ދިޔައީ ޔޫނުސް އޭނައާއި ވާހަކަ ދެއްކި ގޮތެވެ. ފްލައިޓަށް އަރަން ދިޔަ ވަގުތު އޭނަގެ މޭގައި ނުފިލާ ރިހުމެއް އުފެދިފައިވިއެވެ. ފްލައިޓްގެ ސީޓެއްގައި އިށީންތާ މާ ގިނައިރެއްނުވެ އެ ފްލައިޓް މައްޗަށް އަރައިގެން ދާން ފެށި ވަގުތު ނަވާޒްއަށް ރޮވުނެވެ. ބޭރުން ޔޫނުސްގެ ރަށާއި ދުރަށް ދެވޭތަން ފެނިފައި ޔޫނުސްގާތު އަދި އެއްދުވަހު އޭނައާއި ބައްދަލުކުރަން އައުމަށް އެދެވުނުނަމައޭ ހިތަށްއެރިއެވެ. އެހެނަސް އެއީ ދެން ވާނެ ކަމެއްނޫންކަން ހަނދާންވި ވަގުތު އޭނަގެ މޭގައިވި ރިހުން އިތުރުވިއެވެ.

 

އޭގެ އަނެއްދުވަހުގެ ހަވީރު ވަގުތު މިޞްބާޙް ސިނާން ބަލައި އަމީންގެ ކާރުގައި އެއާރޕޯޓަށް ދިޔައެވެ. ޓާމިނަލުން މިޞްބާޙް ފެނުމާއެކު ސިނާން ހެވިފައި ހުރެ ގޮސް މިޞްބާޙްގެ ގައިގައި ބައްދާލިއެވެ. ސިނާން އައީ ހަމައެކަނި ދެ ހަފްތާއަށް ކަމަށްވުމުން އޭނަ އައީ އެކަންޏެވެ. އެހެންކަމުން މިޞްބާޙް އުޅުނީ ސިނާން ގޮވައިގެން އޭނަގެ ގެއަށްދާށެވެ.

 

“މަންމަ ސިނާން އަންނަ ވާހަކަ އިވުނީއްސުރެ ސިނާނަށް މީރު އެއްޗެހި މިއަދު ހައްދަނީ.” މިޞްބާޙް ކާރު ދުއްވަން އިނދެ ހިނިތުންވުމަކާއެކީ ބުންޏެވެ.

 

“އޭ އަހަރެން ނުއުޅެމޭ ތިގެއަށްދާކަށް.” ސިނާން ބުނެލި ވާހަކައިން މިޞްބާޙްގެ ނިތަށް ރޫގިނަވިއެވެ.

 

“އެއީ؟” މިޞްބާޙް އަހާލިއެވެ.

 

“އެއީ ދެން…….ތި ގޭގަ މިހާރު ވަރަށް ކަންތައް އޮންނާނެއެއްނު؟ ބޮޑުބޭބެގެ ކަންތައް؟” ސިނާން މިޞްބާޙަށް ބަލާލަމުން ބުންޏެވެ.

 

“ކޮންމެވެސް ވަރަކަށް އޮވޭ އެކަމަކު އެހާ ގިނައިނެއްނޫން. ގިނަ އެއްވުންތައް އޮންނަނީ ޕާޓީގެ އޮފީސްތަކުގަ. އެއްވުމެއް ގޭގަ އޮންނަ ރެއެއްގަ އަހަރުމެން ދާނީ އެހެން ތަނަކަށް. އެހެންނޫނަސް ސިނާން ކިހިނެއް ސިނާންގެ މަންމަގެ ގޭގަ އެކަނި ހުންނާނީ؟ އެގޭގަ އެއްވެސް މީހަކު ނުއުޅެއެއްނު މިހާރު؟” މިޞްބާޙް ސިނާނަށް ލުއި ގޮތަކަށް ބަލާލަމުން އަހާލިއެވެ.

 

“އާނ އެކަމަކު އަހަންނަށް ބައިވަރު އެސައިންމެންޓްތައް ލިބިފަ އެބަހުރި. މިޞްބާއާއެކީ ހުރިއްޔާ އޭގެއިން އެއްވެސް އެއްޗެއް ނުނިންމޭނެ. ބޮޑުބޭބެ ކައިރިން އަހައިގެން އެގެއަށް ނޯކަރަކު ގެންދާށޭ އަހަރެން ނިންމައިގެން މިހިރީ. ދެން ދޭތެރެއަކުން ތިގެއަށް ވެސް ޖައްސާލާނަން.” ސިނާން ބުންޏެވެ.

 

“ހެހެހެ…..ހަމަ ތެދު ވާހަކައެއް. އަހަންނަށް ވެސް އެއްވެސް ފިލާވަޅެއް ނުނިންމޭނެ ދެމީހުން އެކީގަ ތިބިއްޔާ. އެހެން ނޫނަސް އަދި އަހަންނަށް ޗުއްޓީއެއްނުވޭ. މި ހަފްތާ ނިމުނީމަ އަހަރުމެންނަށް ޗުއްޓީ ފެށޭނީ.” މިޞްބާޙް ބުނެލިއެވެ. ސިނާން އެހެންދޯއޭ ބުނެލަމުން ކުރިމައްޗަށް ނަޒަރު ހުއްޓާލިއެވެ. ސިނާނަށް ހޫންލައްވާލި މިޞްބާޙަށް ނޭނގުނުކަމަކީ ސިނާން ޙަޤީޤީ އުޒުރު ފޮރުވިކަމެވެ. މިއަދު ސިނާން ރަށަށް އައީ އެކަންޏެއްނޫނެވެ. މާލެއިން ސިނާނާއި ދިމާވި މިޞްބާޙަށް ނޭނގޭ ދެ އެކުވެރިޔަކު އޭނައާއެކީ އެ ރަށަށް އައިސްފައި އެބަތިއްބެވެ. އޭނަ ހުސް ގެއެއް ބޭނުންވަނީ އެމީހުންނާއެކީ ސައްލާ ކުރުމަށެވެ. މިޞްބާޙަށް އޭނަގެ އެ އެކުވެރިންނާއިމެދު ނޭނގޭނެހެން ކަންތައް ކުރުމަށެވެ. ސިނާން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިންދާ ކާރުގެ އެއްފަރާތުގައި ހުރި ލޯގަނޑުން ފަހަތުން އަންނަމުން ދިޔަ ސައިކަލެއް ފެނުނެވެ. އެ ސައިކަލުމަތީގައި އިނީ ހުދު ކުލައިގެ ގަމީހަކާއި ކަޅު ކުލައިގެ ފަޓުލޫނެއްގައި ހުރި ރީތި ޒުވާނެކެވެ. އެއީ އޭނަގެ އެކުވެރިންގެ ތެރެއިން އެކުވެރިއެއްކަން އެނގުންވީ ހިނދު ސިނާންގެ މޫނުމައްޗަށް ނުލަފާ ހިނިތުންވުމެއް ވެރިވިއެވެ.

 

ސިނާން އެދުނު ގޮތަށް އޭނަ އެކަނިމާއެކަނި އުޅެމުން ދިޔައީ އޭނަގެ މަންމަގެ ފަޅު ގޭގައެވެ. ސިނާން އޯ ލެވެލް ނިމުމުން ސިނާންގެ މަންމައާއި ބައްޕައާއި ކޮއްކޮވެސް ވަނީ މާލެއަށް ބަދަލުވެފައެވެ. އެއީ މާލެއިން ސިނާންގެ ބައްޕައަށް ލިބުނު ބިމެއްގައި ގެ އަޅައި ނިމުނީތީވެއެވެ. އެކޮޅުގައި ތަނަވަސް ގެއެއްގައި އުޅެފައި މިކޮޅަށް އައިސް ހިރަފުސްޖަހާފައިވާ ގެއަކަށް ވަންނަންވުމުން ސިނާން ފޫހިވިއެވެ. އޭނަ ހަމަ އައި ދުވަހު ބޮޑުބޭބެގެ ނޯކަރުން ގެނެސް އެގޭގެތެރެ ސާފުކުރުވިއެވެ. ސިނާން އުޅެނީ އެގޭގައިކަން އަމީނަށް އެނގުމުން އަމީން ވަގުތުން ސިނާންގެ ބައްޕައަށް ގުޅައި އެ ވާހަކަ ބުންޏެވެ. ސިނާން އޭނަގެ ބައްޕައަށް ވެސް ދެއްކީ މިޞްބާޙަށް ދެއްކި އުޒުރެވެ.

 

ސިނާން ވަޢުދުވި ގޮތަށް އޭނަ ދޭތެރެ ދޭތެރެއިން މިޞްބާޙާއި ބައްދަލުކުރަން އާދެއެވެ. މިޞްބާޙް ސްކޫލުން ގެއަށް އަންނަ ގަޑިއެއްގައި ސިނާނަށް އެގޭގައި ހުރެވުނިއްޔާ އޭނަ ވަގުތުން އަފްރީނާއި ދިމާވިތޯ ސުވާލުކުރާނެއެވެ. މިޞްބާޙް އޭގެއިން ކޮންމެ ފަހަރަކު ލަދުން ކަހަލަ ގޮތަކަށް ހީލަމުން އިސްޖަހާލައެވެ.

 

“ދެން އޭނައާއި ރައްޓެހިނުވާނަންތަ؟” ސިނާން އެއްރެއަކު މިޞްބާޙާއިއެކީ ރެސްޓޯރެންޓަކަށް ގޮސް ސުވާލު ކުރިއެވެ.

 

“ކީއްކުރަންތަ ރައްޓެހިވަނީ؟” މިޞްބާޙް އަހާލިއެވެ. ސިނާންގެ އަނގަ ހުޅުވުނެވެ.

 

“ރައްޓެހިނުވެ ދެން ކޯޗަކަށްތަ ވާނީ؟ ދެން އޭނަ ގެއްލިދާނެއެއްނު؟” ސިނާން ބުނެލިއެވެ. މިޞްބާޙް ލުއި ހީލުމަކާއެކީ އިސްޖަހާލިއެވެ.

 

“އިރާދަކުރެއްވިއްޔާ ނުގެއްލޭނެ. އަހަންނަށް އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެވުނު ދުވަހަކުން އޭނަގެ ބައްޕަ ކައިރިއަށްދާން ނިންމައިގެން އަހަރެން މިހިރީ. ރައްޓެހިވީމަ މުޅިން ކަޓުވާނެ. ހުރިހާ ފުރަތަމަ ފަހަރެއް މާ ކުރިން ނިމިދާނެ. އަތުގައި ހިފި ފުރަތަމަ ދުވަހާއި، ފުރަތަމަ ހިނިތުންވާ ދުވަހާއި، ފުރަތަމަ އެކީގައި ތަނަކަށްދާ ދުވަހާއި، ފުރަތަމަ ދޭ ހަދިޔާއާއި. ދެން މި ހުރިހާ ކަމަކަށްފަހު މެރީ ކުރީމަވާނީ ކިހިނެއް……..އަފްރީން އިޒް ސްޕެޝަލް. އަހަރެން ބޭނުމެއްނޫން އަހަރުމެންގެ ގުޅުން ސްޕޮއިލް ކުރާކަށް.” މިޞްބާޙް މަޑުމަޑުން ބޯހޫރުވާލަމުން ބުންޏެވެ. މިޞްބާޙް ޙަޤީޤަތުގައި އަފްރީނާއި ރައްޓެހިވާން ބޭނުން ނުވާ ސަބަބަކީ ރައްޓެހިވުމަކީ ގޯސްކަމެއްކަން އޭނައަށް އެނގުމެވެ. އެހެނަސް މިވަގުތު ސިނާންގާތު އެވާހަކަ ބުނުން ރަނގަޅު ނުވާނެކަމަށް މިޞްބާޙް ދެކުނެވެ.

 

“ވާވް! ޑީޕް މިޞްބާ، ޑީޕް! އެކަމަކު މިޞްބާޙް އޭނައާއި މެރީ ކުރަން އެދޭ ދުވަހަކުން އޭނަ ނޫނެކޭ ބުނެފިއްޔާޔޯ؟” ސިނާން ކަންބޮޑުވާކަމަށް ހެދެމުން ސުވާލު ކުރިއެވެ.

 

“ނޫނެކޭ ބުނިއްޔާ އެއީ އޭނަގެ ޗޮއިސް. ﷲގެ އިރާދަފުޅުން އަހަންނަށް އެއަށްވުރެ ރަނގަޅު ކުއްޖަކުވެސް ލިބިދާނެ. އެކަމަކު އޭނަ ނޫނެކޭ ބުނުމުގެ ފުރުޞަތު ވަރަށް ކުޑަ. އަހަންނަށް ހީވަނީ އޭނައަށް ވެސް އަހަރެން ކަމުދާހެން.” މިޞްބާޙް އެއްދިމާލަށް ނަޒަރު ހުއްޓައިގެން ހިނިތުންވުމެއްގައި އިނދެ ބުނެލިއެވެ.

 

“އެއީ ކީއްވެ ތިހެން ތިބުނީ؟” ސިނާން ހިސާބަކަށް ހިތްހަމަނުޖެހިފައި އިނދެ އަހާލިއެވެ. ކިތަންމެ ބޭނުމެއް ނުވިޔަސް އޭނައަށް މިޞްބާޙާއި އަފްރީންގެ ގުޅުމާއިމެދު ޙަސަދަވެރިވެވުނެވެ.

 

“އިޓްސް ޖަސްޓް ދެޓް…….އޭނައަށް ވަރަށް ނުކެރޭނެ އަހަރެންގެ ނަން ކިޔާކަށް. އެއްފަހަރު ދެމީހުންނަށް އޮޅުމަކުން އެކަކު އަނެކަކަށް ބަލާލެވުނީމަ އޭނަގެ މޫނު ރަތްވެގެން ދިޔައީ. އެއްގުރޫޕެއްގަ ދެމީހުން ޖެހުނިއްޔާ އޭނަ ބަދަލުވާން މަސައްކަތް ކުރާނެ. އެކަމަކު މިއަދު ޙަވާލު ކުރި ގުރޫޕް ވޯކުގަ ދެމީހުން އެއްގުރޫޕެއްގަ ޖެހުނީމަ ބަދަލުވާން އުޅެއުޅެ އެ ސާރ ބަދަލުވިޔަ ނުދިން. އެހެންވެ އަފްރީން ވަރަށް މޫޑުކަޓާފަ ހުރީ ގެއަށް ދިޔައިރު.” މިޞްބާޙް ކިޔައިދިނެވެ.

 

“ކޮން ދުވަހަކުތަ ގްރޫޕް ވޯކް ފެށެނީ؟” ސިނާން ކުއްލިއަކަށް ސުވާލުކުރިއެވެ.

 

“މާދަން ނޫން އަނެއްދުވަހު. ކިހިނެއްތަވީ؟” މިޞްބާޙް ހިސާބަކަށް ޙައިރާންވެހުރެ އަހާލިއެވެ.

 

“އަހަރެން ނާންނަންވެގެން.” ސިނާން އެއްވެސް އަސަރެއްނެތް ގޮތަކަށް ބުންޏެވެ.

 

“އޮހް……އަހަރެން މި ހުންނަނީ ހަނދާން ނެތިފައޭ…..ހޫމް…..އަފްރީން ހުއްޓާ ސިނާން ނައިއްޔާ ހަމަ ރަނގަޅުވާނީ. އަދި ގްރޫޕް ވޯކަށް އަންނަންވެސް އޮތީ އަހަރުމެންގެ ގެއަށް. ސިނާން އައިމް ރިއަލީ ސޮރީ. ވިސްނާނުލާ ސިނާން ކައިރި އަފްރީންގެ ވާހަކަ މި ދައްކަނީ.” މިޞްބާޙް ސިނާނަށްޓަކައި ހިސާބަކަށް ދެރަވެ ހުރެ ބުނެލިއެވެ.

 

“ޗި! ބުނީމެއްނު މަ ނުއުޅެމޭ އެ އަފްރީނަކާ ހެދިއެއް؟ އަހަންނަށް އާލިޔާ މާ ކަމުދޭ.” ސިނާން އޭނަ އިން ގޮނޑިއަށް ލެނގިލަމުން ބުންޏެވެ. މިޞްބާޙް އެއްޗެކޭ ބުނަން އުޅުނު ވަގުތު ވެއިޓަރު ކާއެއްޗެހި ހިފައިގެން އައުމުން އޭނަ ޚިޔާލު ބަދަލުކޮށްލިއެވެ.

 

ހޮނިހިރު ދުވަހު ހެނދުނުގެ ވަގުތެއްގައި އަފްރީން އޭނަގެ ބައްޕައާއިއެކީ ޖިޕްގައި މިޞްބާޙްގެ ގެއަށް ދިޔައެވެ. ދަތުރުމަތީގައި އަފްރީންގެ ހިތުގެ އެއްފަޅި އެގެއަށް ދެވޭލެއް ލަސްވެގެން އުޅުނުއިރު އަނެއްފަޅި އެދެމުން ދިޔައީ އެގެއަށް ދިޔުމުގެ ކުރިން ޖިޕަށް މައްސަލައެއްޖެހި އެގެއަށް ނުދެވޭ ގޮތެއްވުމަށެވެ. އަފްރީން މިޞްބާޙް ދެކެން ބޭނުންވިއެއްކަމަކު އޭނަ ބިރުގަތީ މިޞްބާޙް ފެނުމުން އޭނައަށް ވާނެގޮތަކާއިމެދުގައެވެ. މިޞްބާޙާއި މަޝްވަރާކުރަންވުމުން އޭނައަށް ގޯސް އެއްޗެއް ބުނެވިދާނެ ކަންނޭނގެއެވެ. އޭނަގެ މޫނުމަތީގެ ކުލަވަރުން މިޞްބާޙަށް އޭނަގެ ހިތުގައިވާ އެއްޗެއް އެނގިއްޖެނަމަ ވާނީ ކިހިނެއްހެއްޔެވެ؟ އެ ޚިޔާލު ހިތަށް ވަނުމުން އަފްރީނަށް ކާރު ތެރޭގައި އިނދެ ދެލޯ މަރާލެވުނެވެ. އޭނައަށް ދޮންތަހެން މޫނު ބުރުގާ އަޅައިގެން ހުރެވުނުނަމައޭ ހިތަށްއެރިއެވެ. ކުޑަމިނުން ޖިލްބާބެއް ލައިގެން ހުރެވުނުނަމައެވެ. އޭނަ ކޮންމެ ދުވަހަކު ހުންނަނީ ދޮންތަ އެދުވަހު ދިން ޖިލްބާބުތައް ދޮންތަ ގެންދިޔައީ ކޮންތަނަކަށްތޯ ބަލާށެވެ. އެ އެއްޗެހިތައް އޭނައަށް ކޮޓަރިއަކުން ނުފެނެއެވެ. މިހާ ދުވަސްވީއިރު ދޮންތަ ކައިރިން ނޭހި ހުރީ އަފްރީނަކީ މާ ގިނައިން ބޭރަށް ގޮސް އުޅޭ މީހަކަށް ނުވާތީވެއެވެ. އޭނަ ބޭރަށް ދިޔައިއްޔާ ދަނީ ސްކޫލަށެވެ. ގެއަކަށް ގޮސް އޭނަ ހަދަންޖެހޭ ފުރަތަމަ ގްރޫޕް ވޯކަކީ މިއީއެވެ. މި ގްރޫޕް ވޯކަށްޓަކައި އޭނައަށް މުޅިން ޖިލްބާބަށް ހެދުން ބަދަލު ކުރެވުނުނަމައެވެ. އެހެނަސް މިއަދު ހޭލެވުނުލެއް ލަސްކަމުން އޭނަ ތައްޔާރުވާން ޖެހުނީ ތެޅެމުން ފޮޅެމުންނެވެ. އޭނަ ކޮޓަރީގައި ހުރިއިރު ވެސް ބައްޕަ ގަޑިޖެހެނީ ކަމަށް ބުނަމުން ގޮވަމުން ދިޔައެވެ. އަފްރީނަށް ފުރަތަމަ ގޭގެ ދޮރާއި ހަމައަށް ދެވުނީ އިސްޓާކީން ނުލައެވެ. ފުރަތަމަ ސިކުންތުގައި ދެން ބަހައްޓާށޭ ހިތް ބުންޏެއްކަމަކު އޭނަ ޚިޔާލު ބަދަލުކޮށްލަމުން ކޮޓަރިއަށް ގޮސް އިސްޓާކީން ނަގައިގެން ގޮސް ޖިޕަށް އެރިއެވެ. ފައިތިލައަކީ ވެސް ފޮރުވަންޖެހޭ ބައެއްކަން އެނގުނު ދުވަސްފަހުން އިސްޓާކީން ނުލައި ހުރުން އަފްރީނަށް ދަތިކަމަކަށްވެފައިވިއެވެ. ފަހަކަށް އައިސް އަފްރީން ޝޯލް އަޅާއިރު އޭނައަށް ކުރުކޮށް ބަހައްޓާކަށް އެއްގޮތަކަށްވެސް ނުކެރެއެވެ. މިއަދު އޭނަ ހެދުން އަޅާގޮތް އޭނައަށް ކޮންމެވެސް ވަރަކަށް ކަމުދިޔައެއްކަމަކު އަދިވެސް އެ ހެދުން ފުރިހަމަ ނުވާކަމަށް އަފްރީންގެ ހިތް ބުނެއެވެ.

 

އަފްރީން އެކި ޚިޔާލުތަކުގައި ހުއްޓާ ޖިޕް މަޑުކޮށްލި ވަގުތު މުޅި މީހާ ފިނިވިއެވެ. އަފްރީނަށް ޖެހިލުންވުމަކާއެކީ ކަނާތް ފަރާތަށް ބަލާލެވުނެވެ. ދެބުރިއަށް ނަގާލެވިފައިވާ މިޞްބާޙްގެ ގެ ޝާހީ ގެއަކާއި ވައްތަރެވެ. އެގޭގެ ފާރު ޑިޒައިން ކޮށްފައިވި ގޮތުން ހީވަނީ ހުދުކުލައިގެ ސިމެންޓާއި ރަތްކުލައިގެ ގާތަކުން އެޅިފައިވާ ގެއެއްހެންނެވެ. ގޭގެ ބޮޑު ފެންޑާގެ އެއްފަރާތެއްގައި ކަޅުކުލައިގެ ކާރަކާއި ނޫކުލައިގެ ސައިކަލެއް ޕާކު ކުރެވިފައިވިއެވެ. އެ ސައިކަލު ފެނިފައި އަފްރީންގެ ހަނދާނަށް އައީ އޮރިއެންޓޭޝަން އޮތް ރެއެވެ. މިޞްބާޙް އޭނަގާތު ސައިކަލުގެ ފަހަތަށް އެރުމަށް އެންގި ހަނދާންވެފައި އަފްރީންގެ މޫނުމައްޗަށް ލަދުރަކި ހިނިތުންވުމެއް ވެރިވިއެވެ. އޭނައަށް ތުންފަތުގައި ދަތްއަޅާލަމުން އިސްޖަހާލެވުނެވެ. މިއަދު މިޞްބާޙަކަށް އެފަދަ އެދުމެއް އެދޭކަށް ނުކެރޭނެއޭ އަފްރީންގެ ހިތް ބުންޏެވެ. ސީދާ އޭނައަށް ބަލާލަން ވެސް ނުކެރޭ މީހަކަށް ސައިކަލަށް އަރަން އެންގޭނީ ކިހިނެއްބާވައެވެ. އަފްރީނަށް ހިތާހިތުން ހީލެވުނެވެ.

 

“އަފްރީން ނުދަނީތަ؟ އެއްވެސް ކުއްޖަކު ނުފެނޭ. މިހާރު އެ އަމީންގެ ދަރިފުޅު ހުންނާނެތަ ގޭގަ އަނެއްކާ؟” ޝަރީފް އަފްރީނަށް ބަލާލަމުން އަހާލިއެވެ. އަފްރީން ހޭވެރިކަމެއް ލިބުނު ފަދައަކުން ޝަރީފަށް ބަލާލިއެވެ.

 

“ނޫނޭ ބައްޕާ މިދަނީ. ގޭގަ ހުއްޓާ ނަޝާގެ މެސެޖެއް ލިބުނު. ބުނީ ތިމަންނަމެން އެންމެން މިތިބީ މިގޭގައޭ. ދަނީ އިނގޭ ބައްޕާ؟ ނިމުނީމަ ގުޅާލާނަން.” އަފްރީން ޖިޕްގެ ދޮރުގެ އަތްގަނޑުގައި ހިފާލަމުން ބުންޏެވެ.

 

“ހޫމް. އެ އަމީންގެ ދަރިފުޅާއި މާ ބޮޑަށް ވާހަކަ ނުދައްކާތި. އެއީ މާ ރަނގަޅު މީހަކަށް ނުވާނެ.” ޝަރީފް ނުރުހުމުގެ ރާގަކަށް އެހެން ބުނެލަމުން ކުރިމައްޗަށް ނަޒަރު ހުއްޓާލިއެވެ. އަފްރީން އެ ވާހަކަ އިވިފައި ހިތްހަމަނުޖެހުނެވެ. އެއްވެސް މީހަކާއިމެދު ނުބައިކޮށް ދެކުމުގެ ޙައްޤެއް ބައްޕައަކަށް ލިބިގެން ނުވާނެއޭ ހިތް ބުންޏެވެ. އޭނަ މިޞްބާޙާއި ވާހަކަ ނުދައްކާނީ އެއީ ރަނގަޅު މީހަކަށް ނުވެދާނެތީވެއެއްނޫނެވެ. އޭނަ މާ ބޮޑަށް ވާހަކަ ނުދައްކާނީ އޭނައަށް ގޯހެއް ހެދިދާނެހެން ހީވާތީވެއެވެ. އެކަން އަމިއްލަ ނަފްސަށް ހަނދާން ކޮށްދެމުން އަފްރީން ލައްބައޭ ބުނެ ޖިޕުން ފޭބިއެވެ. ޖިޕްގެ ދޮރު ލައްޕައި އަފްރީން ހިނގައިގަންނަމުން ކޮނޑުގައި އޮތް ދަބަހުގެ އަރިމަތީގައި ހުރި ޖީބުން އޭނަގެ ފޯނު ނެގިއެވެ. އަފްރީން ޖިޕްގެ ކުރިމަތިން ހުރަސްކޮށް އެގޭގެ ގޭޓާއި ހަމަވީއިރު ގެއާއި ސީދާ ކުރިމަތީގައި ހުރި ފިހާރަ ކައިރީގައި ޒުވާނަކު ސައިކަލެއްގެ މަތީގައި ހުއްޓެވެ. ކުރުކޮށް ކޮށާލެވިފައިވާ ކަޅު އިސްތަށިގަނޑެއްގެ ވެރި އެ ޒުވާނާގެ ގައިގައިވީ މުށި ކުލައެކެވެ. ނޫކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ޖިންސެއްގައި އޭނަ ހުރުމުން ހަރުދަނާ މީހެއްގެ ވައްތަރެއްވިއެވެ. ޝަރީފްގެ ޖިޕް ދުއްވާލި ވަގުތު އެ ޒުވާނާ އަތުގައި އޮތް ފޯނު ހިއްލާލިއެވެ. އެ ފޯނުގެ ސްކްރީނުގައި ފުލްކޮށް ހުރީ ހިނިތުންވެފައި ހުރި އަފްރީންގެ ފޮޓޯއެކެވެ. ޒުވާނާ އެއްފަހަރު އެ ފޮޓޯއަށް އަނެއްފަހަރު ހިނގަމުން ދިޔަ އަފްރީނަށް ބަލާލިއިރު އޭނަ އެއްމިޔަކަނުން ހިނިތުންވެލައިފިއެވެ. އިރުކޮޅެއްފަހުން އޭނަ އެ ފޯނާއި އެއްއަތުން ކުޅެލުމަށްފަހު ކަންފަތުގައި އެ ފޯނު ޖައްސާލިއެވެ.

 

“އޭނަ އައިއްސި.” ޒުވާނާ ބުނެލީ ހަމައެކަނި އެހާވަރަށެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ﷲ މަތިން ހަނދުމަކުރުން (1ވަނަ ބައި)

Next

އިންތިޒާރު ( ތޭރަވަނަ ބައި )

Next
October 6, 2015

އިންތިޒާރު ( ތޭރަވަނަ ބައި )

Previews
October 5, 2015

ﷲ މަތިން ހަނދުމަކުރުން (1ވަނަ ބައި)

19 Comments!

  1. @isha says:
    October 5, 2015 at 9:59 pm

    kn dhuvas thakehga ta vaahakaage updates nikunnany

    1. jana says:
      October 5, 2015 at 10:32 pm

      ehen dhuvasthakeh nubuneveyne ehnu dho yageen kameh neh iru? jana mihaaru adhi dhuvahakuves busy nuvaavarah busy vegen miulheny. dhen oiy bai up vaany thursday ga In Sha Allah. ebai varah dhigukoh jana beynunvaa hisaabah genesdheyn beynunvany In Sha Allah 🙂

  2. shaany says:
    October 5, 2015 at 10:01 pm

    Baeh thanthaaga jeep aneh baiga car mee kihineh vaakameh.

    1. jana says:
      October 5, 2015 at 10:33 pm

      hehe…..rangalhu koffin ingey shaany? Jazakillah Khairan 🙂

  3. aish says:
    October 5, 2015 at 10:04 pm

    V reeethi. Up kuritho v gina in chek kure vunu

    1. jana says:
      October 5, 2015 at 10:34 pm

      Alhamdhulillah! jana user ga massala ulheythy bodah lasvy. sorry ingey aish? 🙂

  4. Azu says:
    October 5, 2015 at 10:20 pm

    Masha allah v furiham. Jazaakillah khairan Jana

    1. jana says:
      October 5, 2015 at 10:35 pm

      Alhamdhulillah! Wa iyyaaki! 😀

  5. Naash says:
    October 5, 2015 at 10:53 pm

    Vara v v v v reethi mi part ves…… Dhen ahana part ga kihine baa vaany……. Waiting waiting…………….??????????♡♡♡♡♡♡♡

    1. jana says:
      October 6, 2015 at 10:47 am

      dhen anna part ga Naash heeves nukuraa kahala gothakah kanneynge vaany. hehe…varah liyaahithun jana ves mihiry 🙂

  6. Arcane_Belle says:
    October 5, 2015 at 11:40 pm

    Ma Sha Allah 🙂 Waiting for next part 😀 😀

    1. jana says:
      October 6, 2015 at 10:48 am

      Alhamdhulillah! 😀

  7. Nash says:
    October 6, 2015 at 12:38 am

    Masha Allah. Varah reethi vaahaka. My alhugadhu kiya emme reethi vaahaka. Abadhu beleny mivahaka up veytho. Well done jana.

    1. jana says:
      October 6, 2015 at 10:49 am

      Ok….i think i would still need to improve In Sha Allah. hehe….Alhamdhulillah! (All praise and thanks belongs to Allah) 🙂

  8. Anonymous says:
    October 6, 2015 at 1:40 pm

    Furathama kamakah firihen kuhjjehge geah group work akah ves dhiumaky kohgen vaane kameh noon. mivee kihineh? Afreen bappa haadha nuvisne ey dhoa.. ?
    Komme gotheh viyas vaahaka v shauguveri.. janaa hama fahkaa igey.. ?
    Furaavaru kudhinnah v ibraitheri vaahaka eh.
    ?????????

    1. jana says:
      October 6, 2015 at 9:49 pm

      aan dho anonymous? ekamaku ey mizamaanuga hama kanthah vaagoiy. dhen misbaah mennah libifaivaa heyo visnumun emeehun hadhaane goiy balamaa 😉
      hehe…..Alhamdhulillah! jana vaahaka feshi iru ves bunymehnu dho furaavaruge kudhinna gulheyne ey? haqeeqathuga jana mi vaahakain dhakkaidheyn beynunvany furaavaruge kudhinnaky ves hithuge imantherikan varugadha vejje nama varah zimmaadhaaru bayakah vaanekan. aammu gothegga aharumennah heevefa onnany zuvaanunnaky ey mujuthama’egge emme goas meehunnney. ekamaku emeehunnahves rangalhu gothuga deenuge ‘ilm libijje nama emeehunnaky mujuthama’eh kuri arai dhaa sababu kamugai vegen dhaane In Sha Allah 🙂

  9. Shaal says:
    October 6, 2015 at 4:17 pm

    Ma Sha Allah… v v iburaitheri vahaka eh..vahakaige sababun amillah nafsa dheytherey visnalan majubooru vehje.ragalhu kuran jehey ethakeh kameh mivahakain ingigen ebadhey…Alhamdhu lillah mikahala vahaka eh kiyalan furusathu libunythy ufakuran. jazakillah khairan Jana

    1. jana says:
      October 6, 2015 at 9:50 pm

      Alhamdhulillah! Wa iyyaaki! May Allah keep increasing us in guidance. Ameen! 🙂

  10. jana says:
    October 6, 2015 at 10:01 pm

    FB Post:

    I think this would be an interesting lecture for everyone. Its about love, dating and marriage! 😀
    https://www.youtube.com/watch?v=TDvYmSRwlE0

Comments are closed.

Next Episodeހިޖުރަ (ސައުރަތިރީސްވަނަ ބައި)←


All Right Reserved!