Skip to content
އެސްފިޔަ

ދިމްޔާ (ފަހުބައި)

“ރާކިންގެ ހާލު މިވަގުތު ވަރަށް ދެރަ…. ވަކި އެއްޗެއް ބުނަން އެނގޭނީ އޭނާ ހޭއެރުމުން…. ބޮލުން ވަރަށް ބައިވަރު ލޭފައިބައިފައި ހުރުމުން ލޭ އަޅަން ޖެހޭނީ…. ވީ އެންމެ އަވަހަކަށް އޯ ޕޮޒިޓިވް ލޭ ދޭނެ މީހަކު ހޯދާ…. ބަލިމީހާގެ ޢާއިލާ ޤަބޫލިއްޔާ މިތާނގެ “ބްލަޑްބޭންކް” އިންވެސް ލޭއެޅިދާނެ….” ޑޮކްޓަރުގެ ވާހަކަ ރަނގަޅަށް ނުނިމި އުޅެނިކޮށް ރާނިޔާ ހޭނެތިގެން ރީހާންގެ އަތްދަނޑިމައްޗަށް ދެމުނެވެ. ދިމްޔާއަށްވެސް އޭނާގެ ދެފައިން ވާގިދޫވާހެން ހީވުމުން އީމަންގެ އަތުގައި ހިފަހައްޓާލެވުނެވެ. އީމަންގެ އެހީއާއިއެކު ދިމްޔާގޮސް ގޮނޑިބަރީގައި އިށީންއިރު އޭނާއަށް ގިސްލެވެމުން ދިޔައެވެ. އެވަގުތު އެތަނަށް ރުހާމެން އައުމުން ދިމްޔާގާތުގައި ރުހާމެން ބޭންދުމަށްފަހު އީމަން އަވަސްވެގަތީ ލޭ ހޯދުމަށެވެ.

ރާކިންގެ ނަސީބު ވަރަށްވެސް ރަނގަޅެވެ. މާބޮޑު މަސައްކަތަކާ ނުލާ ލޭ ލިބޭގޮތްވީ އިދާމާއި ރާކިންގެ ލޭގެ ގުރޫޕު ދިމާވުމުންނެވެ. އިދާމް ލޭދޭން ވަނުމުން އާހިލް ބޭރުގައި މަޑުކޮށްލިއެވެ. އީމަން ދިޔައީ ދިމްޔާގެ ގާތަށެވެ. އޭރުވެސް ދިމްޔާ އިނީ ރުހާގެ ކޮނޑުގައި ބޯއަޅާލައިގެން ރޯލަ ރޯލައެވެ. އޭނާގެ ދެފަރާތުގައި އިން ރުހާއާއި ޖަޒްލީވެސް އިނީ ފެންކަޅިވެފައެވެ.

ދުރުގައި މަޑުކޮށްލައިގެން ދިމްޔާއަށް ބަލަން ހުރެފައި ލޮލުން ވެއްޓުނު ކަރުނަ ތިކި ބޮޑުވާއިނގިލީގެ ނުފުށުން ފޮހެލަމުން އީމަން މިސްރާބު ޖެހީ ރާނިޔާ ބާއްވާފައި އޮތްތަނަށް ދިއުމަށެވެ. އީމަން ރާނިޔާގެ ގާތަށް ދިޔައިރު ރާނިޔާ އޮތީ ހޭއަރާފައެވެ. ނަމަވެސް ރުއިމުގެ ސަބަބުން ގައިގެ ވަރުދެރަކަމުން އޮތީ އައިވީ ގުޅާފައެވެ. ރާނިޔާ އޮތް އެނދުގެ ކައިރީގައި ހުރި ގޮނޑީގައި އިށީނދެލައިގެން އިން ރީހާންގެ މޫނުން ފެންނަމުން ދަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ. އީމަން ފެންނަ އިރަށް ލޭ ލިބޭގޮތް ވެއްޖެހޭ އަހާލީ ހިތް އަވަސް ވެފައި އިނދެއެވެ. އީމަން ބޮލުގެ އިޝާރާތުން އާނއެކޭ ބުނަމުން ރީހާންގެ ކޮނޑުމަތީގައި އަތް ބާއްވާލަމުން ކަންބޮޑު ނުވުމަށް ބުނެލިއެވެ.

އިރުކޮޅަކު ރާނިޔާގެ ގާތުގައި މަޑުކޮށްލުމަށްފަހު އީމަން އަނެއްކާވެސް ދިޔައީ ދިމްޔާގެ ގާތަށެވެ. އޭރު ލޭދިނުމަށްފަހު އިދާމްމެންވެސް އައިސް އެތާނގައި ތިއްބެވެ. ވަގުތަކީ ދަންވަރުގެ ވަގުތުކަމުން ދިމްޔާގެ ގާތުން އީމަން އެދުނީ ގެއަށް ދިއުމަށެވެ. ނަމަވެސް ދިމްޔާ އެއްގޮތަކަށްވެސް ގެއަށް ދާކަށް ޤަބޫލެއް ނުވިއެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު ރުހާމެންވެސް ގެއަށް ދިޔައީ ހެނދުނު އަންނާނެކަމަށް ބުނެފައެވެ.

ރުހާމެން ދިޔުމުން އީމަން ގޮސް ދިމްޔާގެ ގާތުގައި އިށީނެވެ. އޭރު ދިމްޔާ އިނީ އިސްޖަހާލައިގެންނެވެ. އުނގުމަތީގައި ބާއްވާލާފައި އޮތް ދެއަތް ދެއަތާ މޮޑެމުން ދިޔައިރު ލަސްލަހުން އޭނާގެ އަތަށް ކަރުނަތިއްކަކަށްފަހު ތިއްކެއް ވެއްޓެމުން ދިޔައެވެ. ދިމްޔާގެ ހަރަކާތްތަކަށް ފަރުވާތެރިކަމާއިއެކު ބަލަން އިނދެފައި އީމަން ދިމްޔާގެ ދެއަތްމަތީގައި އަތް ބާއްވާލުމުން ދިމްޔާ ސިހިފައި އީމަނަށް ބަލާލިއެވެ.

“ހިނގާ އެއްޗެއް ކާލަން ދާން….” ރުއިމުގެ ސަބަބުން ރަތްވެ ދުޅަވެފައިވާ ދިމްޔާގެ ދެލޮލަށް ބަލަން އިނދެ އީމަން މިހެން ބުނެލުމުން ދިމްޔާ ބޮލުގެ އިޝާރާތުން ނޫނެކޭ ބުނެލިއެވެ. އަދި ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލަމުން ތުންފަތުގައި ދަތްއަޅާލީ އިތުރަށް ރޮވޭގޮތްވުމުންނެވެ. ދިމްޔާ ނުރޯން މަސައްކަތް ކުރާކަން އީމަނަށް ފާހަގަވިއެވެ. އެހެންކަމުން ދިމްޔާގެ އަތަށް ފިތާލުމަށްފަހު އޭނާގެ ކޮނޑުމަތީގައި އަތް ބާއްވާލަމުން ކަރުނަތައް ނުހިފޭއްޓުމަށް ބުނަމުން އީމަން އެދުނީ ހިތްފުރެންދެން ރޯލުމަށެވެ. ދިމްޔާ އީމަންގެ މޫނަށް ބަލާލަމުން މޫނުގައި ދެއަތް އަޅައިގެން އިނދެ ރޯންފެށީ ހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން އިތުރަށް ކަރުނަތައް ހިފަހައްޓަން އުނދަގޫވުމުންނެވެ. ދިމްޔާގެ ބޮލުގައި ފިރުމާލަ ފިރުމާލާ އިންއިރު އީމަންގެ ދެލޯވެސް ވަނީ ފެންކަޅިވެފައެވެ. އޭނާވެސް ރޯން ބޭނުންވެއެވެ. ނަމަވެސް ކެތްކުރެވޭ އެންމެ މަތީ ދަރަޖައަށް ކެތްކޮށްލައިގެން އިނީ އެހެންމީހުންނަށްޓަކައެވެ. އެހެންމީހުންގެ ހިތްވަރު އެލިދާނެތީއެވެ. މިފަދަ ކޮންމެ ވަގުތެއްގައިވެސް އޭނާ މާޔާ މަތިން ވަރަށް ހަނދާންވެއެވެ. މާޔާ އަބަދުވެސް އެކަހަލަ ވަގުތުތަކުގައި އޭނާއަށް ހިތްވަރުލައިދީ ހަދައެވެ. ނަމަވެސް މިއަދު މާޔާ އެވަނީ އޭނާއާއި މާދުރުގައެވެ. އޭނާގެ ދިރިއުޅުމުންވެސް މާޔާ އެވަނީ ދުރަށް ގޮސްފައެވެ. ލޯބިވާ ބައިވެރިޔާއާއި ވަކިވާންޖެހުން މީ ކޮންފަދަ ހިތްދަތިކަމެއްބާވައޭ އީމަންގެ ހިތަށް އެރިއެވެ.

ހިތްފުރެންދެން ރޯލުމަށްފަހު ދިމްޔާ ހުއްޓާލިއެވެ. އޭރު އޭނާގެ ބޮޑު ދެލޯވަނީ އިހުނަށްވުރެވެސް ބޮޑަށް ރަތްވެ ދުޅަވެފައެވެ. އެބޮޑު ދެލޯ ކިރިޔާ ހުޅުވޭވަރުވަނީއެވެ. ރުއިމުގެ ސަބަބުންނާއި ހޭލާ ހުރުމުގެ ސަބަބުން ދިމްޔާގެ ބޮލަށް ބަރުވާން ފެށުމުން އިށީނދެގެން އިން ގޮނޑީގައި ލެނގިލަމުން ދެލޯ މަރާލިއެވެ. އިރުކޮޅެއްނުވެ އޭނާއަށް ނިދިގެން ތާއްޔާ ޖެހެން ފެށިއެވެ. އީމަނަށް މިމަންޒަރު ފެނުމުން މަޑުމަޑުން ދިމްޔާގެ ބޯގެނެސް އޭނާގެ ކޮނޑުމަތީގައި ބާއްވާލިއެވެ. އެވަގުތު ދިމްޔާގެ ކުރު އިސްތަށިކޮޅުތައް އޭނާގެ މޫނުމައްޗަށް ވެއްޓުމުން އޯގާތެރިކަމާއިއެކު އީމަން އެއިސްތަށިތައް އެއްފަރާތްކޮށްލައިދިނެވެ. އެހިނދު ނުހަނު ގާތުން ދިމްޔާގެ މޫނު ފެނުމުން އީމަނަށް ހުއްޓުން އެރިއެވެ. ފޫހިކަމެއް ނެތި އެތައް އިރެއް ވަންދެން ދިމްޔާއަށް ބަލަން އިނދެފައި އޭނާގެ އިނގިލިތައް ދިމްޔާގެ އޮމާން މޫނާއި ދިމާއަށް ގެންދެވުނީ ހިނދުކޮޅަކަށް ނަމަވެސް އެއީ އޭނާގެ މާޔާކަމަށް ހީކުރެވުމުންނެވެ. ނަމަވެސް އޭނާގެ އިނގިލިތައް ދިމްޔާގެ މޫނާއި ޖެހޭނުޖެހޭހާ ކައިރިވުމުން ކުއްލިއަކަށް އެއީ ދިމްޔާކަން ހަނދާންވުމުން އަވަސް އަވަހަށް އިނގިލިތައް ދުރުކޮށްލަމުން ދެފާރާތަށް ބޯހޫރާލެވުނެވެ. އޭރުވެސް އަރާމު ނިންޖަކުން ދިމްޔާ ނިދާލާފައިވާއިރު ދޭތެރެއަކުން ގިސްލެވެމުން ދިޔައީ މާގިނައިން ރުއިމުގެ ސަބަބުންނެވެ.

އީމަންގެ ކޮނޑުމަތީގައި ބޯއަޅާލައިގެން ނިދިފައި އޮތް ދިމްޔާއަށް ހޭލެވުނީ ފަތިސް ނަމާދު ބަންގީގެ އަޑަށެވެ. ދެލޯ ހުޅުވާލުމަށްފަހު އޮވެވުނީ އީމަންގެ ކޮނޑުގައި ބޯއަޅާލައިގެންކަން އެނގުމުން އަވަސް އަވަހަށް ހަށިގަނޑު ތެދުކޮށްލަމުން ހަމަޖެހިލިއެވެ. ދިމްޔާ ތެދުވުމުން އީމަން ދިމްޔާއަށް ބަލާލުމުން ކުޑަކޮށް ހިނިތުންވެލުމުން ބަދަލުގައި ދިމްޔާވެސް ހިނިތުންވެލިއެވެ.
“ރެކްގެ ޚަބަރެއް ނުވޭތަ…؟؟؟” އީމަނާއި ދިމާއަށް ބަލާލަމުން ދިމްޔާ ރާކިނާއި ބެހޭ ގޮތުން ސުވާލުކޮށްލިއިރު ނޭނގޭ ބާރުމިނެއްގައި އޭނާގެ ހިތް ތެޅެމުން ދިޔައެވެ.
“މިހާރު ލޭ އަޅަނީ…. ވަކި ބަދަލެއް ނާދެ….” ދިމްޔާ ކުރި ސުވާލުގެ ޖަވާބަކީ ދިމްޔާ އަޑުއަހަން ބޭނުންވާނެ ޖަވާބަކަށް ނުވާނެކަން އިނގޭތީ އީމަން ޖަވާބު ދިނީ އިސްޖަހާލައިގެން އިނދެއެވެ.
“ހޭ އަރައިފިތަ….؟؟؟؟” އީމަންގެ އަތުގައި ހިފައި ބާރުކޮށްލަމުން ދިމްޔާއަށް މިހެން އަހާލެވުނީ ހިތް އަވަސްވެފައި އިނދެއެވެ. އީމަން ދިމްޔާގެ ބޮޑު ދެލޮލަށް ބަލާލިއެވެ. އޭރު އެރީތި ދެލޮލަށް ކަރުނަތައް ޖަމާވަމުން ދިޔައެވެ. އީމަން ދެފަރާތަށް ބޯހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. އެއާއިއެކު ދިމްޔާގެ ދެލޯ ފުރި ބަންޑުންވާން ފެށީ ތާޒާ ކަރުނައިންނެވެ. އެއީ އީމަން ބޭނުންވާ ގޮތެއް ނޫނެވެ. ދިމްޔާ ދެރަކުރާކަށް އޭނާ ފަހަރެއްގައިވެސް ބޭނުމެއް ނޫނެވެ. އެހެނަސް ނުވާ ކަމެއް ވީކަމަކަށް ހަދާނީވެސް ފަހެ ކިހިނަކުންހެއްޔެވެ…؟؟ އީމަން ހިންދިރުވާލަމުން އޭނާގެ އަތުގައި ބާރަށް ހިފަހައްޓައިގެން އިން ދިމްޔާގެ އަތަށް ފިތާލަމުން ހިތްވަރު ކުރުމަށް ބުންޏެވެ. އެވަގުތު ރީހާންވެސް އެތަނަށް އައެވެ.
“ބޭބޭ…. ކޮބާ ދައްތަ….؟؟؟؟ ރަނގަޅުތަ މިހާރު….؟؟؟؟” ރީހާން ފެނުމުން ދިމްޔާގެ އަތުން ދޫކޮށްލަމުން އީމަން އަހާލިއެވެ. ރާނިޔާއަށް އޮތީ ނިދިފައި ކަމަށް ބުނަމުން ރީހާން އެދުނީ އީމަންގެ ގާތުން ދިމްޔާ ގޮވައިގެން ގެޔަށް ދިޔުމަށެވެ. ނަމަވެސް ރާކިން އެހާލުގައި އޮއްވާ ދިމްޔާ ގެއަށް ދާކަށް ބޭނުމެއް ނުވިއެވެ.
“އެންމެ ރަނގަޅު…. އެހެން ވީއިރު ހިނގާ ގެއަށް ގޮސް ފެންވަރައިގެން ނަމާދުކޮށް ހަދާލައިގެން އަންނާނީ….. ހަމަޔަޤީނުންވެސް އަހަރެން ދިމް ގެނެސްދޭނަން މިތަނަށް…..” އީމަން ޔަޤީންކަން ދިނުމުން އެންމެފަހުން ދިމްޔާ ގެއަށް ދާން އެއްބަސްވިއެވެ. ދިމްޔާމެން ދިޔަ ދިމާއަށް ބަލަން ހުރި ރީހާންގެ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް އެވަގުތު ލިބިގެން ދިޔައީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅުދެކެ އިންތިހާއަށް ލޯބިވާ ކުއްޖެއް ހުރިކަން ޔަޤީންވުމުންނެވެ. ލިބުނު ހިތްހަމަޖެހުމާއިއެކު އޭނާ މިސްރާބު ޖެހީ ހޮސްޕިޓަލުގައި ހުރި މިސްކިތާއި ދިމާއަށް ފަތިސް ނަމާދުކޮށްލުމަށްޓަކައެވެ.

ކޮޓަރިއަށް ވަދެ އެކަނި ވުމުންވެސް ދިމްޔާ އެތައް އިރެއް ރުއިމުގައި ހޭދަ ކުރިއެވެ. އޭނާގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައީ ފެންވަރާލައިގެން ފަތިސް ނަމާދު ކޮށްލެވުމުންނެވެ. ނަމާދުކޮށް އަވަދިވެގެން ރާކިނަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި އެތައް އިރެއް ވަންދެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާދެންނެވިއެވެ.

ދިމްޔާ ތައްޔާރުވެލައިގެން ބޭރަށް ނުކުތްއިރު އީމަން އިނީ ސޯފާގައި ނިދިފައެވެ. އީމަންގެ ގާތަށް އައިސް މަޑުކޮށްލަމުން މަޑުމަޑުން އީމަނަށް ގޮވާލުމާއިއެކު އީމަން ދެލޯ ހުޅުވާލިއެވެ.
“ތިއައީ ދޯ…. ނަމާދު ކޮށްލައިގެން އައިސް ދިމް ނުކުމޭތޯ މިތާ މިއިނީ….” ހަށިގަނޑު ތެދުކޮށްލުމަށްފަހު ދެލޯ އުނގުޅާލަމުން އީމަން ބުނެލިއެވެ.
“އިމޫ ދާންވީނު ނިދާލަން…. ވަރަށް ވަރުބަލިވެފައި ދޯ ތިހުރީ…. އަހަރެން ގޮސްދާނަން “ޓެކްސީ” އެއްގައި…..” އީމަންގެ މޫނަށް ބަލާލަމުން ދިމްޔާ މިހެން ބުނުމުން އީމަން ކޮޅަށް ތެދުވަމުން ނޫނެކޭ ބުނެލިއެވެ.
“ނޫނޭ…. އަހަރެން ވަރުބައްޔެއް ނުވޭ…. އަހަރެންވެސް ދާނަން ހޮސްޕިޓަލަށް…. އަންނާނަން ތައްޔާރު ވެލައިގެން…” މިހެން ބުނެފައި އީމަން ހިނގައިގަތުމުން ދިމްޔާ އީމަންގެ އަތުގައި ހިފައި ހުއްޓުވިއެވެ.
“ކޮފީއެއް ގިރައިދެންތަ….؟؟؟” އީމަންގެ މޫނަށް ބަލާލަމުން ދިމްޔާ މިހެން އެހުމުން އީމަން ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ. އެއަށްފަހު އޭނާ ހިނގައިގައތީ ކޮޓަރިއަށެވެ.

އީމަން ކާގެއަށް ދިޔައިރު ކޮފީ ގިރައިގެން ދިމްޔާ އިނީ އީމަންގެ އިންތިޒާރުގައެވެ.
“ކޮބާ ދިމްއަށް….؟؟؟ ދިމް ކޮފީ ނުބޮނީތަ….؟؟؟؟ އެއް މަގުގައި ކޮފީ ގިރައިފައި ހުރުމުން ސުވާލުގެ ނަޒަރުން ދިމްޔާއަށް ބަލާލަމުން އީމަން އަހާލިއެވެ. ފާޑަކަށް އިނދެފައި ދިމްޔާ ބޯޖަހާލަމުން ބޯހިތެއް ނެތޭ ބުނެލިއެވެ.
“އެކީއްވެ….؟؟؟ ރޭގައިވެސް އެއްވެސް އެއްޗެއް ނުކައި ތިހުރީ…. ދިމް ތިހެން ނުކައި ނުބޮއި ހުންނަންޏާ ރެކްވެސް ކިހާ ދެރަވާނެ…. އާދޭ އަހަންނާ އެކީ ކޮފީ ބޯން…..” އީމަން އޯގާތެރިކަމާއިއެކު މިހެން ބުނުމުންވެސް ދިމްޔާ އަރުތެރޭން އެއްވެސް އެއްޗެއް އެތެރެ ކުރާ ޚިޔާލެއް ނުކުރިއެވެ.

“އެންމެ ރަނގަޅު…. ދިމް ހުރޭ ދިމްގެ ގޮތުގައި… އަހަންނަށްވެސް އެނގޭ ހަދާނެ ގޮތް…. ގޭގައި ދިމް ބައިންދާފައި ގެ ތަޅުލާފައި އަހަރެން ހިނގައިދާންނަން ހޮސްޕިޓަލަށް….” ކޮފީތަށީގައި ތުން ޖަހާލަމުން އީމަން މިހެން ބުނުމުން ބަސްއަހާ ކުޑަ ކުއްޖެއް ފަދައި ދިމްޔާ ތެދުވެ ކޮފީ ގިރަން ފެށިއެވެ. މިމަންޒަރު ފެނުމުން އީމަނަށް އެއްމިޔަކަނުން ހިނިތުންވެލެވުނީ ދިމްޔާގެ މައުސޫމުކަމުންނެވެ. އޭނާގެ މާޔާއާއި ދިމްޔާ ސިފައިގެ ގޮތުން ކިތަންމެ އެއްގޮތް ވީކަމުގައި ވިޔަސް ދެމީހުންގެ މިޒާޖު ހާސްބައި ތަފާތުކަން އެވަގުތުވެސް އީމަނަށް ނަގައިގަނެވުނެވެ. މިއަދު ދިމްޔާގެ މަޤާމުގައި މާޔާ ހުރިނަމަ އޭނާއާއި ޖަދަލުކުރާނެކަން އީމަނަށް ޔަޤީންވެއެވެ. މާޔާގެ އެމިޒާޖު އޭނާއަށް ކިތަންމެހާވެސް ކަމުދެއެވެ. ނަމަވެސް މިއަދު މިވަނީ ވަގުތު ފާއިތުވެފައެވެ. ދެން މާޔާ އެނބުރި އޭނާގެ ދިރިއުޅުމަށް އަންނާނެކަމާމެދު އީމަންގެ އެއްވެސް އުއްމީދެއް ނެތެވެ. އެކަމުގެ ކުށްވެރިއަކީ ޚުދު އޭނާއެވެ. ގުޅުމެއް ދެމެހެއްޓޭނީ އެގުޅުމުގައި ލޯތްބާއި އިތުބާރު އޮވެގެންނެވެ. އެކަކު އަނެކަކަށް ފުރިހަމަ އިތުބާރު ނުކުރެވޭކަމުގައި ވަންޏާ ގުޅުމެއް ފުނޑުފުނޑުވެގެންދާކަށް ސިކުންތުކޮޅެއްވެސް ނުނަގާނެއެވެ. އެދުވަހު އީމަން މާޔާއަށް އިތުބާރުކޮށް އޭނާ ދެއްކި ވާހަކަ އަޑު އެހިނަމަ މިއަދު އެކަނިވެރިކަމާއި ކުރިމަތިލާކަށް އީމަނަކަށް ނުޖެހުނީހެވެ.

ދިމްޔާމެން ހޮސްޕިޓަލަށް ދިޔައިރު ރުހާމެންވެސް ހޮސްޕިޓަލްގައި ތިއްބެވެ. ރާނިޔާގެ ޙާލު ކުރިޔަށްވުރެ ރަނގަޅުވުމުން ހޮސްޕިޓަލްގެ ބެލުމުގެ ދަށުން ދޫކޮށްލިއެވެ. އެހެންކަމުން ރީހާން ދިޔައީ ރާނިޔާ ގޮވައިގެން ގެއަށެވެ.

“ކޮބާ ރެކް…؟؟؟ ހޭ އަރައިފިތަ…؟؟؟” ހޮސްޕިޓަލަށް އައި ގޮތަށް ރުހާގެ އަތުގައި ހިފާލަމުން ދިމްޔާއަށް އަހާލެވުނެވެ. ރުހާ ބޮލުގެ އިޝާރާތުން ނޫނެކޭ ބުނެލިއެވެ. ތުންފަތުގައި ދަތް އަޅާލަމުން ދިމްޔާ ގޮސް ގޮނޑީގައި އިށީނުމުން ދެން ތިބި މީހުންވެސް އޭނާގެ ގާތުގައި އިށީނެވެ. ރާކިންގެ ޙާލު ނޭނގޭތީ އެންމެނަށްވެސް ތިބެން ޖެހުނީ ހާސްކަމެއްގެ ތެރޭގައެވެ.

އޭގެ އިރުކޮޅެއް ފަހުން ނަރުހަކު އައިސް ދިން ޚަބަރަކުން އެންމެނަށް އެކީ ކޮޅަށް ތެދުވެވުނެވެ. ހުއްޓުން އަރާފައި ހުރި ދިމްޔާ ސިހުނީ ޖަޒްލީ އޭނާގެ ކޮނޑުމަތީގައި އަތް ބާއްވާލުމުންނެވެ. ދިމްޔާ ޖަޒްލީއަށް ބަލާލުމަށްފަހު ހިނިތުންވެލަމުން ރާކިން ހޭއެރިކަމަށްޓަކައި ހިތާހިތުން މާތް ﷲ އަށް ޝުކުރުދެންނެވިއެވެ. ވީއުފަލެއްގެ ބޮޑުކަމުން އޭނާގެ ދެލޮލުން ކަރުނަވެސް ނިރާލިއެވެ. ރާކިންގެ ގާތަށް ދެމީހަކަށް ވަދެވިދާނެކަމަށް ނަރުސް ކުއްޖާ ބުނުމުން އީމަނާއި ދިމްޔާ އެތެރެއަށް ވަނެވެ.

އެތެރެއަށް ވަންނަން ދިޔަ ދިމްޔާގެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅެމުން ދިޔައެވެ. އޭނާގެ ހިތުގެ ތެޅުންވަނީ އަވަސްވެފައެވެ. އެތެރެއަށް ވަދެވުމާއިއެކު ރާކިން ފެނުމުން އެއްވެސް އިޚުތިޔާރަކާނުލާ އެރީތި ދެލޮލަށް ކަރުނަތައް ޖަމާވެގަތެވެ. އޭރު ރާކިން އޮތީ އެމީހުނަށް ބަލަހައްޓައިގެންނެވެ. އޭނާގެ ބޮލުގައި ވަނީ ބެންޑޭޖް އޮޅާފައެވެ. މޫނުމައްޗަށް ބަލާލުމުންވެސް އޭނާގެ ޙާލު މާ ރަނގަޅު ނޫންކަން އެނގެއެވެ. ރާކިންގެ ގާތުގައި މަޑުކޮށްލަމުން ދިމްޔާ ރާކިންގެ އަތުގައި ހިފާލިއެވެ. ރާކިން ދިމްޔާއަށް ހިނިތުންވެލިއެވެ. ބަދަލުގައި ދިމްޔާވެސް ހިނިތުންވެލިއިރު އޭނާއަށް ރޮވިއްޖެއެވެ. ރާކިން ބޮލިގެ އިޝާރާތުން ނުރޮއުމަށް ބުންޏެވެ. ދިމްޔާ ރާކިނާއި ދިމާއަށް ގުދުވެ އޭނާގެ ނިއްކުރިއަށް ބޮސްދިނެވެ. އަދި އަތުގެ ނުފުށުން ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލިއެވެ. ރާކިން ދެން ބަލާލީ އީމަނަށެވެ. އަދި އުނދަގޫ ގޮތަކަށް މަންމަމެން ކޮބާތޯ ސުވާލުކޮށްލިއެވެ. ހިނިތުންވެލަމުން އެމީހުން ބޭރުގައި ތިބިކަމަށް އީމަން ބުނެލީ ރާނިޔާގެ ޙާލު ރާކިނަށް ސިއްރުކުރުމުގެ ގޮތުންނެވެ.

“އަހަރެން ވަރަށް ދެރަވި…. އަހަރެން ހީކުރި އަނެއްކާވެސް ރެކްއާއި ދުރުވާން ޖެހުނީ ކަމަށް….” ރާކިންގެ އަތުގައި ހިފަހައްޓާލައިގެން އިނދެ ދިމްޔާ ބުނެލިއެވެ. އޭރު ރާކިންވެސް އޮތީ ދިމްޔާގެ އަތުގައި ހިފަހައްޓާލައިގެންނެވެ. ރާކިން ދިމްޔާއަށް ހިނިތުންވެލީ ވާހަކަ ދައްކަން ބޭނުންވިކަމުގައި ވިޔަސް އޭނާއަށް ވާހަކަ ދައްކަން އުނދަގޫވުމުންނެވެ. އޭރު އޭނާގެ ދެލޮލަށް ދިމްޔާ ފެންނަމުންވެސް ދިޔައީ ފުސް ގޮތަކަށެވެ.

ރާކިންގެ އަތުގެ ހަރަކާތްތައް ހުއްޓުންހެން ހީވެގެން ދިމްޔާއަށް ރާކިނާއި ދިމާއަށް ބަލާލެވުނެވެ. އޭރު ރާކިންގެ ދެލޯވަނީ މެރިފައެވެ. ހާސްވެފައި އިނދެ ދިމްޔާއަށް ބަލާލެވުނީ އީމަނާއި ދިމާއަށެވެ. އޭރު އީމަންވެސް އިނީ ރާކިނަށް ބަލަހައްޓައިގެންނެވެ. އޭނާގެ މޫނުމަތިންވެސް ކަންބޮޑުވުމުގެ އަސަރުތައް ފެންނަމުން ދިޔައެވެ.

“އިމޫ…. ރެކްއަށް ކިހިނެއް އެވީ…؟؟؟” ހާސްވެފައި އިނދެ ދިމްޔާ މިހެން އަހާލުމުން އީމަން ދިމްޔާއަށް ބަލާލަމުން ބޭރަށް ހިނގައިގަތީ ނަރުހަކު ހޯދުމަށެވެ. ދިމްޔާ ރޮވިފައި އިނދެ ރާކިނަށް ގޮވަމުންދިޔައިރު އޭނާގެ ހިތް ހީވީ މޭފަޅާލާފައި ނުކުމެގެން ހިނގައިދާނެހެންނެވެ. މާގިނައިރެއްނުވެ އީމަން ނަރުހަކާއި ޑޮކްޓަރު ގޮވައިގެން އެތަނަށް އައެވެ. ޑޮކްޓަރު ރާކިން ބެލުމަށްފަހު މާބޮޑަށް ބޮލަށް ބަރުވެފައި ހުރުމުގެ ސަބަބުން ނިދުނީ ކަމަށް ބުނުމުން ދިމްޔާއަށާއި އީމަނަށް އެކަކު އަނެކަކަށް ބަލާލަމުން ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ.

އޭގެ އިރުކޮޅެއްފަހުން ރާކިން “ޕްރައިވެޓް” ކޮޓަރިއަކަށް ބަދަލު ކުރެވުނެވެ. ދިމްޔާ ރާކިންގެ ގާތުގައި ގޮނޑީގައި އިށީނދެލައިގެން އިނުމުން ވަރުބަލިވެފައި ހުރުމާއިއެކު އީމަން ޖައްސާލީ އެތާ ވަކިން ހުރި ކުޑަ އެނދުގައެވެ.

އީމަނަށް ހޭލެވުނީ ގާތުން ބަޔަކު ހޭއަޑަށެވެ. ދެލޯ ހުޅުވާ ބަލާލިއިރު އެތާ ތެރޭގައި ރުހާމެންގެ އިތުރުން ތާނީވެސް ހުއްޓެވެ. އޭރުވެސް ދިމްޔާ އިނީ ރާކިންގެ ގާތުގައި ގޮނޑީގައި އިށީނދެލައިގެންނެވެ.

“ކޮންކަމަކާ އެންމެން މާވަރަކަށް ތިހެނީ…؟؟؟ ތާނީ ކޮންއިރަކު މިކޮޅަށް އައީ…؟؟؟” މޯޅިއަކަށް ދެމިލަމުން ފަހަރަކު މީހެއްގެ މޫނަށް ބަލާލަމުން އީމަން އަހާލިއެވެ. އެވަގުތު ތަފާތު ގޮތެއް ހީވުމުން އީމަނަށް އޭނާގެ ބޮލުގައި އަތް ޖަހާލެވުނެވެ. އޭރުވެސް އެއްވެސް ޖަވާބެއް ނުދީ ތިބެގެން އެންމެން ހެނީއެވެ. ރާކިންވެސް އޮތީ ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވައިގެންނެވެ.

“މީ ކޮންކަމެއް….؟؟؟ ކީއްވެ އަހަރެންގެ ބޮލުގައި ބެނޑޭޖް އަޅާފައި މިހުރީ…. އަނެއްކާ އަހަރެންގެ ބޯވެސް ފަޅައިގެން ދިޔައީތަ…؟؟؟” ބޮލުގައި އަޅާފައި ހުރި ބެންޑޭންޖްގަނޑުގައި އަތް ޖަހާލަމުން އީމަން ސުވާލުކޮށްލީ ފަހަރަކު މީހެއްގެ މޫނަށް ބަލާލަމުންނެވެ.
“އެހެންނޭ ވާނީ … އަދިވެސް ޖެހޭތާކު އޮވެގެން ނިދާތި….” އީމަންގެ ގާތަށް އައިސް މަޑުކޮށްލަމުން ތާނީ މިހެން ބުނެލީ މަޖާވެފައި ހުރެއެވެ.

“ދެން ވަރަށް ހެއްވާ…. ތާނީ ތީ މިތާގެ ނަރުހެކޭ ކިޔާފައި މިތާގެ ބެންޑޭޖް އެއްޗެހި ބޭނުން ނެތް ގޮތުގައި ބޭނުންކުރުމުގެ ޙައްޤެއް ތާނީއަކަށްވެސް ނޯންނާނެ….” އީމަންވެސް މަޖާވެލާފައި އިނދެ ވާހަކަ ދެއްކިއެވެ.

“އިމޫ ތިބުނީ ވަރަށް ބޮޑު ތެދެއް…. އެކަމަކު ތިބެންޑޭޖް ތީ މިތާގެ އެއްޗެއް ނޫން… ތީ އަހަރެމެންގެ ގަނެގެން ގެނައި އެއްޗެއް…. އަސްލު ވީގޮތަކީ ރެކް އެކަނި ބެންޑޭޖް އަޅައިގެން އޮންނަން ވީމަ ފޫހިވާތީ ރެކް ބޭނުންވީ އިމޫވެސް ބެންޑޭޖް އަޅަން…. ދޯ ރެކް….” ހިނިގަނޑެއް ޖަހާލަމުން އާހިލް މިހެން ބުނުމުން ރާކިންވެސް އާހިލްގެ ވާހަކައާއި އެއްބައިވުމުގެ ގޮތުން ބޯޖަހާލިއެވެ.

“އެކަމަކު ދޯ…. އަހަރެން ހަމަ ހައިރާންވެއްޖެ…. ތީ ކުޑަކުދިންތަ މިކަހަލަ ސަކަރާތް ޖަހަން….. ކަލޭމެން އަދި ބޮޑެއް ނުވޭ ދޯ…..” އީމަން ބެންޑޭޖްގަނޑު ނަގަން އުޅެންފެށުމުން އެ ނެގިޔަ ނުދީ ޖަޒްލީމެން ހިފެހެއްޓުމުން އީމަން ބުނެލިއެވެ. ޖަޒްލީމެން ގަދަ ކޮށްލުމުން އެންމެ ފަހުން އީމަނަށް ޖެހުނީ ބަލި ޤަބޫލުކޮށް އެމީހުން ބުނި ގޮތެއް ހަދައިގެން އިންނާށެވެ.

ޖެހިގެން އައި ދުވަހުވެސް އީމަނަށް ޖެހުނީ އެބެންޑޭޖް އަޅައިގެން ހުންނާށެވެ. އެ ނަގައިފިއްޔާ އެއަށްވުރެ ބޮޑުވަރުކޮށްލާނެކަމަށް އެމީހުން ބުނުމުން އީމަންވެސް ދެން އިތުރަށް އެނަގާކަށް ނޫޅެނުވެ. ރޭގަނޑު ދިމްޔާއާއި އީމަން ރާކިންގެ ގާތަށް ހޮސްޕިޓަލަށް އައުމުން ރާނިޔާމެން ގެއަށް ދިއައެވެ. އެވަގުތު ތާނީ ވެސް އެތަނަށް އައެވެ. އެވަގުތަކީ އޭނާގެ ޑިއުޓީ ވަގުތުކަމުން އޭނާހުރީ ނަރުސް ޔުނިފޯމްގައެވެ. ހަތަރު މީހުން ވާހަކައިގައި ތިއްބާ ތާނީގެ ފޯން ރިންގް ވާން ފެށިއެވެ. ފޯނަށް ޖަވާބު ދިނުމަށްޓަކައި ތާނީ ތަންކޮޅެއް ދުރަށް ޖެހިލިއެވެ.

ފޯން ކޯލް ނިންމާލުމަށްފަހު އައިސް ތާނީ ލޮލުން އިޝާރާތްކޮށްލުމުން ރާކިންވަނީ ފާހާނާއަށެވެ. އޭރު އީމަން އިނީ ރާކިން އޮންނަ އެނދުގައި އިށީނދެލައިގެންނެވެ. ދިމްޔާއާއި ތާނީ ހުރީ އީމަންގެ ގާތުގައި ކޮޅަށެވެ. ކުއްލިއަކަށް ދޮރުހުޅުވުނުއަޑަށް އެންމެން އެކީ އެދިމާއަށް ބަލާލިއެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވެފައި ހުރެ އީމަނަށް އިންތަނުން ކޮޅަށް ތެދުވެވުނެވެ. ދޮރުމަތީގައި ހުއްޓިލައިގެން އެހުރީ އޭނާގެ މާޔާ ނޫން ދެވަނަ އެހެން މީހެއް ނޫނެވެ. ދެފަހަރަކަށް އެސްފިޔަ ޖަހާލަމުން އީމަނަށް މާޔާގެ ނަން ކިޔާލެވުން އިރު މާޔާ އައިސް އޭނާގެ ގައިގައި ބައްދާލައިފިއެވެ. އީމަން ހައިރާންކަމާއިއެކު އެއްފަހަރު ދިމްޔާގެ މޫނަށް އަދި އަނެއްފަހަރު ތާނީގެ މޫނަށް ބަލާލީ ވާނުވާ ނޭނގި ހުރެއެވެ. ނަމަވެސް ދިމްޔާމެންގެ މޫނުމަތިން ހައިރާންކަމުގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. ދެމީހުންވެސް ތިބީ ވަރަށް ހަމަޖެހިލައިގެން ހިނިތުންވެލައިގެންނެވެ.

އިރުކޮޅަކު އެގޮތުގައި ހުރުމަށްފަހު މާޔާ އީމަނާއި ދުރަށް ޖެހިލަމުން އީމަންގެ ދެއަތުގައި ހިފާލިއެވެ. އެއަށްފަހު އީމަނާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އޭރު އޭނާގެ ރީތި ދެލޯވަނީ ކަރުނުން ތެމިފައެވެ.

“އަސްލު ކިހިނެއްވީ…؟؟؟ ވަރަށް ތަދުވޭތަ ބޮލަށް…؟؟؟؟” އީމަންގެ ބޮލުގައި އަޅާފައި އޮތް ބެންޑޭޖްގަނޑަށް ބަލާލަމުން މާޔާ މިހެން އަހާލުމުން އީމަނަށް ބަލާލެވުނީ ތާނީއާއި ދިމާއަށެވެ. އޭރު އަނގަމަތީގައި އަތް އަޅައިލައިގެން ތާނީ ހިނިގަނޑު ކޮންޓްރޯލް ކުރަން މަސައްކަތްކުރާތަން ފެނުމުން އީމަނަށް ވީގޮތް ނަގައިގަނެވުނެވެ.

“މާޔާ…. އަހަރެން….” އީމަން ވާހަކަ ދައްކަން އުޅެން ފެށުމުން މާޔާ އީމަންގެ އަނގަމަތީގައި އަތް އަޅާފައި ހުއްޓުވިއެވެ. އަދި އީމަންގެ ދެކޮނޑުގައި ހިފާލަމުން އެނދުގައި އިށީނުމަށް ބުންޏެވެ. ބަސް އަހާ ކުޑަ ކުއްޖެއް ފަދައިން އީމަން މާޔާ ބުނި ގޮތަށް ކަންތައް ކުރިއެވެ.

“އިމޫ…. އަހަންނަށް މާފުކުރޭ… އަހަރެން އޭރު ހުރީ ވަރަށް ހިތްހަމަ ނުޖެހިފައި އެހެންވެ އިމޫ ދޫކޮށްލާފައި ދެވުނީ… އެކަމަކު އިމޫއާއި ނުލާ އަހަރެން އެކޮޅުގައި އުޅުނީ ވަރަށް އުނދަގުލުން…. އިމޫ މަތިން ހަނދާންނުވާ އެންމެ ހިނދުކޮޅެއްވެސް ނުދޭ… މަންމަމެން އެހާވަރަށް އާދޭސް ކުރީމައިވެސް ގޮތްދޫނުކުރަންވެގެން މިކޮޅަށް ނައިސް ހުރީވެސް….. އެކަމަކު އިއްޔެގައި ތާނީ ގުޅާފައި އިމޫގެ ބޯފަޅައިގެން ދިޔަ ވާހަކަ ބުނުމުން އަހަންނަށް އެންމެ ހިނދުކޮޅަކުވެސް އެކޮޅަކު މަޑެއް ނުކުރެވުން… އަހަންނަށް ހީވަނީ އިމޫއަށް ތިހާލު ޖެހުނީވެސް އަހަރެންގެ ސަބަބުން ކަންނޭނގެ….” މާޔާގެ ވާހަކަ މިހިސާބަށް ދިޔުމުން އީމަނަށް އިތުރަށް އަޑުއަހަން ނީނދެވުމުން މާޔާގެ ނަމުން ގޮވާލިއެވެ. އެއަށްފަހު ދެން އޭނާ ބަލާލީ ތާނީމެންނާއި ދިމާއަށެވެ.

“މާޔާ…. އަހަންނަކަށް އެއްވެސް ކަމެއް ނުވެ….” މާޔާގެ އަތުގައި ހިފާލަމުން އީމަން މިހެން ބުނުމުން މާޔާ ހައިރާންވިއެވެ. ދިމްޔާއާއި ތާނީވެސް އެކަކު އަނެކަކަށް ބަލާލިއެވެ.

” ބޯފަޅައިގެން ދިޔައީ އަހަންނެއް ނޫން…. ރެކްގެ ބޯ ފެޅުނީ…. މީ އިއްޔެ ތާނީމެން ޖެހި ސަކަރާތެއް…. ބޮލުގައި އަޅާފައި އޮތް ބެންޑޭޖްގަނޑު ނެގުމަށްފަހު މާޔާއަށް ދައްކާލަމުން އީމަން މިހެން ބުނުމުން މާޔާއަށް ބަލާލެވުނީ ތާނީއާއި ދިމާއަށެވެ. އެވަގުތު ފާހާނާގެ ދޮރުހުޅުވާލާފައި ރާކިންވެސް ފާހާނާއިން ނުކުތެވެ. ރާކިން އައިސް އެނދުގައި އިށީނުމުން އީމަން އެނދުން ތެދުވިއެވެ.

“މާޔާ…. އަހަންނަށް މާފުކުރޭ…. އަހަންނަކަށް ނޭނގެ އެއީ އެމީހުންގެ ރޭވުމެއްކަން…. އެއީ އަހަންނަށް އެނގިގެން ވީކަމެއް ނޫން…. ފަހަރެއްގައި މާޔާ ޤަބޫލުވެސް ނުކޮށްފާނެ…..” މާޔާގެ މޫނަށް ބަލާލަމުން މިހެން ބުނެފައި އީމަން އެތަނުން ދާން ހިނގައިގަތެވެ. އެވަގުތު ދިމްޔާ އީމަންގެ އަތުގައި ހިފައި ހުއްޓުވިއެވެ.

“ތިދެމީހުން އުޅޭގޮތުން އެހެންމީހުންގެ ހިތަށް ކެތް ނުވީމައޭ ރޭވުންތައް ރާވަންޖެހުނީ…. ދެމީހުން އެކަކު އަނެކަކު ދެކެ އިންތިހާ ދަރަޖައަށް ލޯބިވާއިރުވެސް ތިތިބެނީ ގޮތްދޫނުކުރަން…. އެހެން ކަންތައް ކުރީމަ ވަކި ކޮންމޮޅެއްތަ ވަނީ…؟؟؟ ހިތަށް ތަދުވުން ނޫންކަމެއް ވޭތަ….” ދިމްޔާ ވާހަކަ ދެއްކީ ތަންކޮޅެއް ހަރުގޮތަކަށް ދެމީހުނަށް ވިސްނައިދޭ ފަދައަކުން ދެފަހަރު ދެމީހުންގެ މޫނަށް ބަލާލަމުންނެވެ. ދިމްޔާގެ ވާހަކަ ނިމުމުން މާޔާއާއި އީމަން އެކަކު އަނެކަކަށް ބަލާލިއެވެ.

“އަހަރެން ޤަބޫލުކުރަން ކުށް ކުރެވުނީ އަހަންނަށްކަން…. އަހަރެމެން މީ އިންސާނުންނަށްވީތީ ކުށްވެސް ކުރެވޭނެ… އަހަރެން މާފަށްވެސް އެދުނިން…. އަލުން ގުޅެންވެސް ބޭނުންވޭ… އެކަމަކު މާޔާ އަހަރެން ދޫކޮށްލާފައި ދިޔައީ އަހަންނަށް ދެވަނަ ފުރުސަތެއްވެސް ނުދީ…. ދެން އެހެންވީމަ އަހަރެން ކީއްކުރާނީ…؟؟؟” ދެރަވެފައި ހުރެ އީމަން ވާހަކަ ދެއްކީ މާޔާއަށް ފުރަގަސްދީގެން ހުރެއެވެ.

“އަހަރެންވެސް ޤަބޫލުކުރަމޭ ދެވަނަ ފުރުސަތެއް ނުދިނުން އެއީ އަހަންނަށް ކުރެވުނު ކުށެއްކަން… އެކަމަށް އަހަރެން މާފަށްވެސް އެދެން…. އަހަރެންވެސް ބޭނުންވޭ އަލުން ގުޅެން…. އެކަމަކު އަހަރެން އައީމަ އިމޫ ތިއުޅުނީ މިތަނުން ދާކަންނު….” ވާހަކަ ދައްކަމުންގޮސް މާޔާއަށް އެންމެ ފަހު ޖުމްލަ ބުނެވުނީ ޝަކުވާގެ ރާގުގައެވެ. އީމަން ފަސްއެނބުރި މާޔާއަށް ބަލާލިއެވެ. އޭރު މާޔާވެސް ހުރީ އީމަނަށް ބަލަހައްޓައިގެންނެވެ. އީމަން ދެފިޔަވަޅު ކުރިޔަށް ޖެހިލުމަށްފަހު މާޔާގެ ކުރިމަތީ މަޑުކޮށްލަމުން އޭނާގެ ދެއަތުގައި ހިފާލިއެވެ. ރާކިން، ދިމްޔާ އަދި ތާނީ ތިބީ ހިނިތުންވެފައި އެމަންޒަރު ބަލާށެވެ.

“އަހަރެން ދުވަހަކުވެސް މާޔާ ނޫން އެހެން މީހަކު ބޭނުމެއް ނޫން…. ދެން ކިތަންމެ ބޮޑު ކަމަކާ ކުރިމަތިލާން ޖެހުނަސް އަހަރެން މާޔާއާއި ދުރަކަށް ނުދާނަން…. މާޔާއަށް ފުރިހަމަ އިތުބާރު ކުރާނަން…. އަހަންނާ ކައިވެނި ކުރާނަންތަ….؟؟؟؟” މާޔާގެ ދެލޮލަށް ބަލަން ހުރެ އީމަން ދެއްކި ވާހަކައިން އުފަލުން ގޮސް މާޔާގެ ދެލޮލުން ކަރުނަ ނިރާލިއެވެ. އަވަސް އަވަހަށް ބޯޖަހާލަމުން މާޔާ އީމަންގެ ހުށައެޅުން ޤަބޫލުކުރީ ހިތުން ރުހުމުންނެވެ. އެވަގުތު އީމަންގެ ހިތަށްވެސް ބަޔާންކުރަން ދަތި އުފަލެއް ލިބިގެން ދިޔައެވެ. އޭނާ މާޔާގެ ނިއްކުރިއަށް ބޮސްދިނުމަށްފަހު މާޔާގެ ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލައިދިނެވެ. އެމަންޒަރު ބަލަން ހުރެފައި ދިމްޔާވެސް ގޮސް ރާކިންގެ ގާތުގައި އިށީނެވެ.

“އަހަރެމެންގެ އިންތިޒާރަށްވެސް ދެން ވަރަށް އަވަހަށް ނިމުން އައިސްދާނެ…. މާތް ﷲ އިރާދަ ކުރެއްވިއްޔާ ދުވަސްކޮޅަކުން ދިމް ހުންނާނީ އަހަރެންގެ އަންބެއްގެ ގޮތުގައި….” ދިމްޔާގެ އަތަށް ފިތާލަމުން ނުހަނު ލޯތްބާއިއެކު ރާކިން ބުނެލިއެވެ.

ރާކިން ރަނގަޅުވުމުން ގެޔަށް ފޮނުވާލެވުނެވެ. އެއާއިއެކު ރާކިންމެންގެ ކައިވެނީގެ ތައްޔާރީތައް ވާން ފެށުނެވެ. ދާބިރުގެ އެދުމަށް ކައިވެނި ވެވެންދެން ދިމްޔާ ދާބިރުމެންގެ ގެއަށް ބަދަލުވިއެވެ. ދިމްޔާމެންގެ ދެބެން އެތައް ދުވަހެއްގެ ފަހުން އެކީގައި އުޅެލަން ލިބުމުން ދުވަހުގެ ގިނަވަގުތުތައް ހޭދަ ކުރަނީ ދެމީހުން އެކީގައެވެ. އެކިކަހަލަ ސަކަރާތް ޖެހުމާއި މަޖަލުގައެވެ. ކިތަންމެ ފަހުން ދިމާވި ކަމުގައި ވީނަމަވެސް އެދެމީހުންގެ ގުޅުން ބަދަހިކަމުން ހީވަނީ އެކުގައި އުޅެބޮޑުވެގެން އައި ދެކުދިންހެންނެވެ. ދެމީހުންގެ މިޒާޖުގައި ތަފާތުތަކެއް ހުރި ކަމުގައި ވީނަމަވެސް އެކަކު އަނެކަކާ ނުހަނު ގުޅެއެވެ.

އާދައިގެ މަތިން މިއަދުވެސް ދިމްޔާމެން ތިބީ ކޮޓަރީގައި ކޮންމެވެސް ސަކަރާތެއް ޖެހުމުގައެވެ. އެވަގުތު ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖެހުމުން މާޔާ ހިނގައިގަތީ ދޮރު ހުޅުވުމަށެވެ. އޭރު ދެމީހުން އުކާފައި ހުރި ބާލީސްތައް ތަޅުންމަތިން ހޮވުމުގައި ދިމްޔާ އުޅުނެވެ.

“ވާއު…. ބޭފުޅާ ހަމަ އެންމެ ހިނދުކޮޅަކުވެސް ކަމަނާގެ މޫނު ދެކިނުލާ ނުހުރެވޭ ދޯ…..” ކުޑަކޮށް ދޮރު ހުޅުވާލައިގެން ހުރެ މާޔާ ވާހަކަ ދެއްކީ ދޮރުމަތީގައި ހުރި ރާކިނާއެވެ. ދިމްޔާއަށް ރާކިން ނުފެނުން ކަމުގައި ވީނަމަވެސް ދޮރުމަތީގައި ހުރީ ރާކިންކަން ޔަޤީންވީ މާޔާގެ ޖުމްލައިންނެވެ. އެހެންކަމުން އެނދުމަތީގައި އޮތް ދޯބައްޓާ ނަގައި ކަރުގައި އޮޅާލަމުން ދުވެފައި ކަހަލަ ގޮތަކަށް ގޮސް ރާކިންގެ ގާތުގައި މަޑުކޮށްލިއެވެ.

“ދައްތަ ވަރަށް ނަސީބު ރަނގަޅޭ އަސްލުވެސް…. ބަލާބަލަ ރެކްއަށް ދައްތަ ފެންނަ ހިސާބަށް ނައިސް ނުހުރެވޭ އެންމެ ހިނދުކޮޅަކުވެސް…. އެކަމަކު މަގޭ ވަތުކިބަ މިހާރު ވީތަންވެސް ނޭނގެ…. އޭނަ އަހަރެން މަތިން ހަނދާންވެސް ނުވަނީ ތޯއްޗެ….” އަނގަޔަށް ގޮތެއް ހަދާލަމުން މާޔާ މިހެން ބުނެލީ ކުޑަކޮށް އަކުރުތަކަށް ދަމާލަމުން މަޖާ ރާގެއްގައެވެ. ދިމްޔާއަށާއި ރާކިނަށް އެއްފަހަރާ ހިނިގަނޑެއް ޖަހާލެވުނީ އެހެންވެގެންނެވެ.

“އައްދޯއި…..” ކުއްލިއަކަށް ކޮޓަރީގެ ކުޑަދޮރާއި ދިމާލުން ހަޅޭލަވައިގަތް އަޑަށް މާޔާމެން އެދިމާއަށް ގޮސް ދޮރު ކައިރި ހުއްޓުންތަނާ ފެނުނު މަންޒަރުން ތިންމީހުން އެއްފަހަރާ ހޭންފެށިއެވެ. އޭރު އެގޭގައި ގެންގުޅޭ ބުޅާ އޮތީ އީމަންގެ ފައިގައި ދަތްއަޅައިގެންނެވެ.
“އިމޫ…. ތީ ކޮންކަމެއް….” ހިނިގަނޑު ކޮންޓްރޯލްކޮށްލަމުން ދިމްޔާ އަހާލިއެވެ. މާޔާ ގޮތެއް ހަދާލުމުން އެބުޅާ އެތަނުން ދިޔައެވެ.
“ނޭނގެ އަހަންނަކަށްވެސް….. އަހަރެން އުޅުނީ ކުޑަދޮރުން އެތެރެއަށް ވަންނަންވެގެން…. އެކަމަކު އައި ނައި ތަނެއް ނޭނގި ބުޅާގަނޑު އައިސް މަގޭ ފައިގައި ދަތްއެޅީ….. ހީވަނީ ދެން ގެއަށް ވަގެއް ވަންނަން އުޅޭތީ ހިފަހައްޓަން އުޅުންހެން… ވަރެއްގެ ބުޅަލެއް….” ކުޑަދޮރުން އެތެރެއަށް ފުންމާލަމުން އީމަން ބުނެލިއެވެ.

“އެހެނޭވާނީ…. ބޮޑު ދޮރު ހުއްޓައިވެސް ވަންނަން ޚިޔާލުކުރީތި ކުޑަދޮރުން ވިއްޔަ…. ދެން އެސޮރުވެސް ހީކުރާނީ ތީ ވަގެއް ކަމަކަށްނު….” ދެޖީބަށް އަތް ޖަހާލަމުން ރާކިން ބުނެލިއެވެ.

“ކީއްކުރާނީ ރެކް…. ރެކްކަހަލަ ބޯރަނގަޅު މީހެއް ނޫނޭ އެއީ….” ދަނޑިވަޅުގެ ބޭނުންކޮށް މާޔާވެސް އީމަނާއި ދިމާކޮށްލިއެވެ. މާޔާ އެހެން ބުނުމުން އީމަން ލޯހަނިކޮށްލަމުން މާޔާއަށް ބަލާލިއެވެ.

“އަހަރެން އުޅުނީ މާޔާއަށް “ސަޕްރައިޒެއް” ދޭންވެގެންނޭ…. ތަންކޮޅެއް ތަފާތުގޮތަކަށް… އެކަމަކު އަންނަ އިރަށް ތި އެއްޗެހި ގޮވައިގަތީނުން…. އަހަރެން މިދަނީ ދާން….” އީމަން ރުޅިއައިކަމަށް ހަދާލަމުން ދާން ހިނގައިގަތެވެ.

“ތެދެކޭ މާޔާ…. އޭނަ އެހާވަރުން އައީމައިވެސް ފައިރަނގަޅުތޯ އަހާލާނެ ކަމުގައި އެއްޗެހިކިޔަން ވިއްޔަ ތިފެށީ…. ކޮރުޖަހަމުންނޭ ހިނގަނީވެސް… ފަޔަށް ގޮތެއް ވީތަ….؟؟؟” ކޮރުޖަހަމުން އީމަން ހިނގައިގަތުމުން ދިމްޔާ އޭނާ ހުއްޓުވާފައި ކޮޓަރީގައި ހުރި ސޯފާގައި ބޭންދިއެވެ. މާޔާއާއި ރާކިންވެސް ދިމްޔާގެ ގާތަށް ޖެހިލިއެވެ.

“ދިމް…. އަހަންނަށް ކަމެއް ކޮށްދެންޏާ ކައިވެނީގެ ކުރިން މާޔާއަށް ތިކަހަލަ ރީތި އާދަތައް ދަސްކޮށްދީބަލަ…. ކައިވެނިކުރަން އުޅޭ އިރުވެސް އެއުޅެނީ ކުޑަކުދިން އުޅޭހެން….” އީމަން މިހެން ބުނުމުން ދިމްޔާއާއި ރާކިން ހޭންފެށިއެވެ. މާޔާ އީމަނަށް ލޯއަޅާލަމުން އީމަނަށް ރައްދު ދިނެވެ. އެގޮތުގައި އެތައް އިރެއް ވަންދެން މާޔާމެން ޒުވާބުކުރަމުން ދިޔައިރު ދިމްޔާމެން މަޖާވެފައި ކުޅި ބަލަން ތިއްބެވެ.

ދުވަސްތައް ފާއިތުވަމުންގޮސް މިއަދަކީ ކައިވެނި ކުރަން ހަމަޖެހިފައިވާ ދުވަހެވެ. ކައިވެނި ކުރުން އޮތީ ދާބިރުގެ ގޭގައިކަމުން ރާކިނާއި އީމަން ތައްޔާރުވެގެން ޢާއިލާއާއިއެކު ދާބިރުގެ ގެއަށް ދިޔައެވެ. އެދެމީހުން ތިބީ އެއްގޮތަކަށް ހެދުން އަޅައިގެންނެވެ. އަތްދިގު ހުދުގަމީސް ހުރީ ލައިގެން ހުރި ކަޅު “ސްކިނީ” ގެ ދަށަށް ޖަހާ ދޫކޮށް ބެގީކޮށްލާފައެވެ. ގަމީސްމަތިން ކަޅުކުލައިގެ ވެސްޓެއް ލައިފައި ހުރިއިރު ކަރުގައި ރަތްކުލައިގެ ސްކާފެއް އޮޅާލާފައި ވެއެވެ. ބޮލުގެ އިސްތަށިގަނޑު ކޮޅަށް ނަގާ ތަތްކޮށްލާފައި ހުރިއިރު ދެމީހުންވެސް ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ.

“ރެކް… އިމޫ….” އާހިލްމެންނާ ވާހަކަ ދައްކަން ތިބި ރާކިނާއި އީމަން ފުރަގަހަށް އެނބުރުނީ ތާނީ ގޮވާލުމުންނެވެ. އޭރު ތާނީގެ ފުރަގަހުގައި ރަތްކުލައިގެ އެސްތަކަކާއި މާތަކަކުން ފަރުމާކުރެވިފައިވާ ހުދުކުލައިގެ ކައިވެނީގެ ބޮޑު ހެދުން ލައިގެން އެތިބީ ދިމްޔާއާއި މާޔާއެވެ. އެދެމީހުންވެސް ތިބީ އެއްވައްތަރެއްގެ ހެދުމެއްގައެވެ. ރަތްކުލައިގެ އެސްތަކެއް ޖެހި ހުދުޝޯލުން ވަށްމޫނުތައް ވަށާލާފައިވާއިރު ދެމީހުންވެސް ނުހަނު ރީއްޗެވެ. ހީވަނީ ބިމަށް ފައިބާ ތިބި ހޫރު ޕަރީންތަކެއްހެންނެވެ. މިރޭ އެއްގޮތަކަށް ހެދުން އަޅާފައި ތިބުމުން ހީވަނީ އެކެއްގެ ހިޔަނި ކުލަކޮށް ފެންނަން ހުރިހެންނެވެ. ދެމީހުން އެހާވެސް ވައްތަރެވެ. ކަޅިޖަހާނުލާ ރާކިނާއި އީމަނަށް ދިމްޔާމެނާއި ދިމާއަށް ބަލަހައްޓައިގެން ތިބެވުނީ ބުރުގައި އަޅާފައި ތިބުމުން އެމީހުން ވަކިން ރީތިވީމައެވެ.
“ޔަޤީން މިރޭ ރެކްއަށްވެސް އަދި އިމޫއަށް ވެސް ދިމްޔާއާއި މާޔާ ވަކި ކުރާކަށް ނޭނގޭނެ…..” ރާކިންމެން ސިހުނީ ޖަޒްލީގެ އަޑަށެވެ.
“އަހަންނަށް އެނގޭ އަހަރެންގެ ދިމް ވަކިކުރަން…..” ޖީބަށް އަތް ޖަހާލަމުން ރާކިން މިހެން ބުނުމުން އީމަނަށް ރާކިނާއި ދިމާއަށް ބަލާލެވުނީ ހައިރާންވީވަރުންނެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ..؟ މިރޭ އީމަނަށްވެސް އެދެމީހުން ވަކިކުރާކަށް ނޭނގެއެވެ. ވީއިރު ރާކިނަށް އޭނާގެ ދިމްޔާ ވަކިކުރަން އެނގުނީ ކިހިނެއްބާއޭ އީމަންގެ ހިތަށް އެރިއެވެ.

ރާކިން ދިމްޔާމެނާއި ދިމާއަށް ހިނގައިގަތުމުން އީމަންވެސް އޭނާގެ ފަހަތުން ހިނގައިގަތެވެ.
“މީ އަހަރެންގެ ދިމް….” ރާކިން ގޮސް ދިމްޔާގެ އަތުގައި ހިފާލަމުން މިހެން ބުނުމުން ރުހާމެން ރާކިނަށް ތަޢުރީފްކޮށްލިއެވެ.
“ކިހިނެއް ރެކްއަށް އެހާފަސޭހައިން އަހަރެން ފާހަގަ ކުރަން އެނގުނީ….؟؟؟” ރާކިން އެހާ ފަސޭހައިން ދިމްޔާ ފާހަގަ ކުރީތީ ދިމްޔާވެސް ހުރީ ހައިރާންވެފައެވެ.

“އަހަންނަށް އެންމެ ފުރަތަމަވެސް ތިދެމީހުން ވަކިކުރެވުނީ އަހަރެން ދިމްއަށް ދިން އަހަރެމެންގެ ލޯބީގެ ނިޝާނުން… މިރޭވެސް ދެމީހުން ވަކިކުރަން އެނގުނީ ހަމަ އެނިޝާނުގެ ސަބަބުން….” ދިމްޔާގެ އަތުގައި ރާކިން އަޅުވައިދިން ކެވެލިކޮޅާ ކުޅެލަމުން ދިމްޔާއަށް ބަލަހައްޓައިގެންހުރެ ރާކިން މިހެން ބުނުމުން ދިމްޔާގެ ހިނިތުންވުން ފުންވެގެން ދިޔައެވެ. އީމަންވެސް ކުރިއަށް ޖެހިލާ މާޔާގެ އަތުގައި ހިފާލަމުން އޭނާގެ ރީތިކަމަށް ތަޢުރީފުކޮށްލިއެވެ.

މާގިނައިރުތަކެއްނުވެ ކައިވެނިކޮށްދޭ މީހުން އައިސް ކައިވެނި ކޮށްދީފައި ދިޔުމުން ޕާޓީ ބޭއްވުމަށް ހަމަޖެހިފައިވާތަނަށް އެމީހުން ދިޔައެވެ. ޕާޓިއަށް އަނަން ކޮންމެ މީހަކަށްވެސް ދިމްޔާއާއި މާޔާ ވައްތަރުކަމުން އެވާހަކަ ނުދައްކައެއް ނުހުރެވުނެވެ. ސަލާމް ކުރަން އަނަން މެހެމާނުން ތަންކޮޅެއް މަދުވުމުން ރާކިން ދިމްޔާއަށް ބަލާލިއެވެ. ދިމްޔާގެ މޫނުމަތި މިއަދު ވަކިން ތާޒާވެފައި އުޖާލާހެން ރާކިނަށް ހީވިއެވެ. ކިތަންމެ ހިތްދަތި ދުވަސްތަކެއް ކަޑައްތު ކޮށްފައި ވީކަމުގައި ވީނަމަވެސް މިއަދު އެމައުސޫމް ކުއްޖާގެ މޫނު އެވަނީ އުޖާލާކަމުން ފުރިފައެވެ. ހީވާކަހަލައެވެ. މިވަގުތު މިދުނިޔެމަތީގައިވާ އެންމެ އުފާވެރިކުއްޖަކީ ދިމްޔާއެވެ. ރާކިން ބަލަހައްޓައިގެން ހުރުމުން ދިމްޔާ ކިހިނެއްވީތޯ އަހާލުމުން ރާކިން ސިއްރުން ދިމްޔާގެ ކަންފަތް ދޮށުގައި އެއްޗެއް ބުނެލިއެވެ. އެއާއިއެކު ދިމްޔާގެ ދޮންމޫނު އެކި ރަތްވެގެން ދިޔައީ މާބޮޑަށް ލަދުގަތުމުންނެވެ. ދިމްޔާ މަޑުމަޑުން ރާކިންގެ ކޮނޑުގައި ޖަހާލިއިރު އޭނާހުރީ ރާކިނާއި ހަތަރުކަޅި ބައްދަލްކޮށްލަން ނުކެރިފައެވެ. އޭރު ރާކިންވެސް ލާނެއް ގޮތަކަށް ދިމްޔާއަށް ބަލަހައްޓައިގެން ހުރެފައި ދިމްޔާގެ އަތަށް ފިތާލިއެވެ.
“އީމަންގަނޑާ….” ދިމްޔާއަށާއި ރާކިނަށް އެއްފަހަރާ ޖެހިގެން ތިބި މާޔާމެންނާ ދިމާއަށް ބަލާލެވުނީ މާޔާ އީމަނަށް ގޮވާލި އަޑަށެވެ. އޭރު މާޔާ އޭނާގެ އަތުގެ އުޅަނބޮށިކޮޅުން އީމަންގެ ބަނޑުގައި ޖަހާލަނީއެވެ.
“މާޔާ މިރޭވެސް ޒުވާބުކޮށް ތަޅާފޮޅަނީތަ….؟؟؟؟” ކައިރީގައި ހުރި މާޔާ ކައިރީގައި ސިއްރު ސިއްރުން ދިމްޔާ އަހާލިއެވެ.
“އޭނަ މިތާހުރެގެންވެސް އަހަންނަށް ޖެއްސުން ކުރަނީ….” ތުންފިއްތާލަމުން މާޔާ މިހެން ބުނުމުން ރާކިނާއި ދިމްޔާ އެކަކު އަނެކަކަށް ބަލާލަމުން ހޭންފެށިއެވެ.
“މިހާރު ތީ މީހެއްގެ އަންބެކޭ…. ދެން ކުޑަކުދިންހެން ޝަކުވާ ކުރުން ހުއްޓާލަން ވީނުދޯ….” ލާނެއް ގޮތަކަށް ހެވިފައި ހުރެ އީމަން ބެލީ ދެންވެސް މާޔާ ރުޅިއަރުވާލެވޭތޯއެވެ. ކަންވީވެސް އެހެންނެވެ. އީމަނަށް ލޯއަޅާލަމުން މާޔާ އީމަންގެ ގައިގައި ބޮނޑިއެއް އަޅުވާލިއެވެ.

ދުރުގައި މަޑުކޮށްލައިގެން ދާބިރު ހުރީ ދިމްޔާއާއި މާޔާގެ ހަރަކާތްތަކަށް ބަލާށެވެ. މިރޭގެ މިއުފާވެރި މަންޒަރު ދެކެން އޭނާގެ ލޯބިވާ ކޮއްކޮ ދީމާ ދުނިޔޭގައި ހުރިނަމައޭ ދާބިރުގެ ހިތަށް އެރިއެވެ. ދީމާ މިއަދު ދުނިޔޭގައި ހުރިނަމަ ދިމްޔާމެންގެ މޫނުމަތީގައި އެވާ ހިނިތުންވުން އެތައް ގުނައެއް އިތުރުވެގެންދާނެކަން ދާބިރަށް ޔަޤީންވިއެވެ. އެހެނަސް އެކަމުގައި ވަކި ކުރެވޭނެ ކަމެއްވެސް ނޯންނާނެއެވެ. މަރަކީ އެއްވެސް ދިރޭ މަހުލޫޤަކަށް ހިފެހެއްޓޭނެ އެއްޗެއް ނޫނެވެ. ވަގުތު އައިސް ޖެހުމުން އެންމެންވެސް ޖެހޭނީ މިފަނާވަނިވި ދުނިޔެއާއި އަލްވަދާއު ކިޔާށެވެ.

ލޮލުން އައި ކަރުނަތިކި ފޮހެލަމުން ދާބިރު އަނެއްކާވެސް ދިމްޔާމެނަށް ބަލާލިއެވެ. އޭރު އެމީހުން ތިބީ ފޮޓޯއަކަށް ހުއްޓިލައިގެންނެވެ. ދިމްޔާއާއި މާޔާ އަތުގައި ހިފަހައްޓާލައިގެން ހުރިއިރު ދެމީހުންގެ ދެފަރާތުގައި އެމީހުންގެ ކޮނޑަށް އަތްލައިގެން ރާކިނާއި އީމަން ތިއްބެވެ. އެންމެންގެ މޫނުމަތީގައިވެސް ވަނީ އުފާވެރިކަމެވެ. އެކުދިންގެ އެއުފާވެރިކަން އަބަދަށް ލެހެއްޓެވުމަށް އެދި ދާބިރު މާތް ﷲ ގެ ޙަޟްރަތަށް ދުޢާ ދެންނެވީ ހިތްހަމަޖެހިފައިވާ ޙާލުގައެވެ.

ނިމުނީ

Comments (60)

  1. eemiyaa

    kiyuntherinnah mivaahaka kamudhiya kamah heekuran..
    thanks hana n ihu for ur help n support 🙂 🙂 🙂

  2. sobi

    Aslu mi vaahakaage bodu sihru maayaa ah dhimyaa fenna thanun maayaa ehaa surprise nuvee kyve

    1. eemiyaa
      sobi

      suprise vi ehnu.. 18 vana part gai innaane ebai..
      މާޔާވެސް ދިމްޔާއަށް ބަލަހައްޓައިގެން ހުރިއިރު އޭނާއަށް ހީވީ ލޯގަނޑަކުން އަމިއްލަ ސޫރަ ފެންނަމުން ދިޔަހެންނެވެ. ދެމީހުންގެ ހެދުން އެޅުމުގެ ތަފާތު ފިޔަވައި އަޅައިކިޔާލެވޭވަރުގެ އެއްވެސް ތަފާތެއް ނެތެވެ. އަވަސްއަވަހަށް އެސްފިޔަ ތަޅުވާލަމުން ދިމްޔާގެ އަތުގައި މާޔާ ހިފާލީ ކުރިމަތިން ފެންނަމުންދާ މަންޒަރަކީ ތެދެއްތޯ ޔަޤީންކޮށްލުމަށެވެ.

  3. Crazi

    Wow me 1st atlast nimunee dho..vrh shalhi nimun ehegy…

    1. eemiyaa
      Crazi

      Thank You Crazi 🙂

  4. ilaan

    v reethi vaahaka nimuneema v dheravejje

    1. eemiyaa
      ilaan

      Thank You ilaan 🙂

  5. zai

    Wow nimendhen ehvis foihikameh nethi kiivahakaeh miee

    1. eemiyaa
      zai

      Thank You zai 🙂
      v ufaavejje zai ah mivaahaka kamudhiyaeema

  6. wershe

    Warah rythi ??

    1. eemiyaa
      wershe

      Thank You wershe 🙂

  7. Neee

    Dhen keeve tha dhimya laa komme hedhumehga ves red thankolheh innany…red kula aa maa gaathy…story nimunu iru ves neyge e keeve kameh…e thankolhu mathin hadhan nethuny dho…

    1. eemiyaa
      Neee

      neee dhim red hedhun lany dhim ge favourite colour aky red v ma.. e vaahaka innaane 6 vana part ga genesdheefa..
      “ރެޑް ކުލަ އަހަންނަށް ރީތިވީމަ އަބަދު އެކުލައިގެ ހެދުން ލާހިތްވަނީ….” ހިނިތުންވެލަމުން ދިމްޔާ ރާކިންއަށް ޖަވާބު ދިނެވެ.

  8. xau

    wow this story is awesome..mihaathanah kiyunu eneme reethi eh vaahaka..feshuneehsure kiyamun aee foohi kameh nethi..and ninmun hama habeys..eemya ge new story eh avah musthagbalehga fennaane kamah unmeedhu kuran..?

    1. eemiyaa
      xau

      Thank You xau. 🙂
      xau ah foohi kameh nethi mi vaahaka kiyuneethee eem v happy vejje..
      eem ge story eh adhi kiyaalan libeyne In Sha Allah.. bt thankolheh fahun…

  9. shaz

    v reethi nimun vx…..

    1. eemiyaa
      shaz

      Thank You shaz 🙂

  10. Ab

    Varhh salhii…
    Varh furihama.
    Alhugandee konme vz varakah vaahaka kiyaaa ulhey meeheh..
    Enme gayaa vegen kiyunu vaahaka.
    Konme dhuvahaku vx vaahaka up veythow madhu vegen 10 varakah faharu balaaleveyy.
    Alhugandu unnmmmeeedhh kurann mikahala ehn vaahaka eh varh avahaa alhugandu men kiyaalumuge furusatheh libene kamah…

    1. eemiyaa
      Ab

      Thank You Ab 🙂
      v ufavejje Ab ah kamudhaa kahala vaahaka eh liyevuneethee..
      In Sha Allah adhi eam ge vaahaka eh kiyuntherinnah genesdheynan

  11. Neem

    V teethi nimun. eem ge vahakaeh knirakun dhen liyaanee

    1. eemiyaa
      Neem

      Thank You Neem 🙂
      vaki ehen bunaakah neyge.. ekm adhi ehn vaahaka eh genesdheynan In Sha Allah

  12. Pearl

    Dhim red kula laa vaahakaage sirru kobaatha??? Rek ah hamalaa dhin dhimge ex bf ah vy goih vesh neangea… but ninmun reethi…

    1. sweety
      Pearl

      dhim red hedhun lany eynage manma red hedhun laathee ey kurin genes ineennu

    2. eemiyaa
      Pearl

      Thank You pearl 🙂
      dhim red hedhun lany a e dhim ge favourite colour v ma.. 6 vana part ga innaane evaahaka..
      rek ah hamala dhinumah fahu shaainah dhevuny fuluhunthakegge kurimahchashey bunefa innaane.. fuluhun eyna hifeyti vaahaka innaane.. ekm dhn eyna ah v goi nugenesdhevey dw… sry… fuluhunge belumuge dhashah eyna gendhevuneema dhn ithurah ebai nugenaee

  13. tho

    Mihaathanahky ehme nice story

    1. eemiyaa
      tho

      Thank You tho 🙂
      Asluvestha?? i knw enmenah mivaahaka kamunudhaanekan bt tho ah mivaahaka kamudhiyaeema v happy vejje

  14. sweety

    over all this story is v.nice.. ekam dhera vany vaahaka nimunyma.. hope to see another story of eem

    1. eemiyaa
      sweety

      Thank You sweety 🙂
      eem ge ehn story eh kiyalan libeyne adhi In Sha Allah

  15. anaa

    Thanks for the amazing story. …

    1. eemiyaa
      anaa

      wc 🙂
      Thank You anaa 🙂

  16. Kiyuntheriyaa

    Soo great eem.. hope to see another story written by you in the upcoming future 🙂 GUD LUK eem.

    1. eemiyaa
      Kiyuntheriyaa

      Thank You Kiyuntheriyaa 🙂
      In Sha Allah i will write another story in the future

  17. Faxoo

    varah reethi. emme fahun ninmun kiyumuge furusath libijje. thankx eemiyaa.. ?

    1. eemiyaa
      Faxoo

      Thank You Faxoo 🙂
      Maa las v dw fahu part genesdhinun.. sry 4 tht..
      wc Faxoo..

  18. samee

    Wow…. mihaa kiyaahi thun ky mey furatha ma vaahaka…. v v v reethi.. ekam eem… mivaahaka nimuney ma vv dhera vejji.. hey kuran eem ge ehn vaahaka eh v avaha fen naane kamah….. Keep it up eem….

    1. eemiyaa
      samee

      Thank u samee 🙂
      samee ah ehaa kiyaa hithun mivaahaka kiyunukan a e eem ah libunu v bodu fakhureh.. 🙂
      Avahah nunas eem ge vaahaka eh adhi kiyaalan libeyne In Sha Allah

  19. dark princess

    Vvv rythi story eh.. feshigrn nimen dhekah ehves foohi ksmehnethi kiyaa lrvijje… v habeys… thnks..

    1. eemiyaa
      dark princess

      Thank u dark princess 🙂
      v ufaa vejje dark princess men foohi nuvaa gothakah vaahaka genesdhevuneethee…
      wc 🙂

  20. Ifaa

    Wow NYC..?

    1. eemiyaa
      Ifaa

      Thank You Ifaa 🙂

  21. MarSha

    Very nice.. start to end foohi vaa hisaabeh nethi vaahaka nimuny. Eemiyaa ge new story sksh waiting… good luck eemiyaa. Happy life akah edhen dhimya raakin n maaya eeman.

    1. eemiyaa
      MarSha

      Thank You Marsha 🙂
      MarSha menah kamudhaane gothakah vaahaka genesdheveytho eem bely.. ekan kaamiyaabu v thee ufaakuran.. Allah ge heyo rahumaifulhaai eku kiyuntherin foohi nuvaane gothakah vaahaka genesdhevunee MarSha men kahala kudhinge support eem ah libuneema.. 🙂

  22. hana

    Nimuny dhw..v reethi mi vaahaka…foohi kameh nethi nimendhen kiyaalevijje..good job eem..hope to see another story of urs soon..n ur mst wc eem..

  23. ken?

    masha allah vvvv reethi story ei….feshigen nimendhen inthixaaru kurevunu…foohikamei nethi hirihaa part ei ves keeen…hama vvv reeethi….??❤?????????????
    all de best eeem for ur next story. …hope to c ut soon..tgc…☺

  24. ken?

    masha allah vvvv reethi story ei….feshigen nimendhen inthixaaru kurevunu…foohikamei nethi hirihaa part ei ves keeen…hama vvv reeethi….??❤?????????????
    all de best eeem for ur next story. …hope to c ut soon..tgc…☺

  25. Laty001

    Vvvvv reethi feshigen nimendhenvx… Eem ge hunaruverikamahhh hama saabasss…

  26. Yushiii

    Nice Eemeee new story aka inthixaaru kuraanan ingeyy. ??

  27. kennukbee

    nice varah rythi hope to c ur next story soon

  28. Anonymous

    v kamudhiya.. kuh faahaga kohdhinumun ragalhu kurikan ves faahaga kuran. ?? Kaamiyaabah edhen
    dhen gina meehun vejjeya thibeyny.. ekamkau ebahuri misaalakh dhe meehehge nan laafa huree ey liyefa.. ekamaku 2 nuvatha eah vure gina nama thibeyny.. ?
    Ma ves v dhera vejje nimuneema dhaamiya ah loabeege vaahaka liyan egey hama.. hunaru eba huri
    ????????????

  29. Aru

    Wow! V nice story. Baaja veri musthagubalaka eden.

  30. sarooo

    Ehbadu ebaafa 2 ahhenun ehvaguthehgai kaaiveni nukureveyne ingey. V salhi

  31. zee

    Vvvvv reethi, thank you, aa vaahaka akah inthizaaru kuran.

  32. Ainth

    nice story… bt there are some mistakes.. firihennunah nisbai koh vathu kiba eh nukiyaane… vathukiba means an’bimeehaa… so eemaan ah nisbai koh mayaa akah vathu kiba ekey nukiyene… n mivaahakaiga hurun inun othun nubai koh genesfai hunnakan faahaga kurevunu… mikanthah thah rangalhu kohlanikoh mi vaahaka v furihama vess

  33. Anonymous

    nice story… bt there are some mistakes.. firihennunah nisbai koh vathu kiba eh nukiyaane… vathukiba means an’bimeehaa… so eemaan ah nisbai koh mayaa akah vathu kiba ekey nukiyene… n mivaahakaiga hurun inun othun nubai koh genesfai hunnakan faahaga kurevunu… mikanthah thah rangalhu kohlanikoh mi vaahaka v furihama vess

  34. Ree

    ?????????? Eem hama molhee vaahaka liyan.. Keep it up.. Reeethi aa vaahaaka akah inthixaaru kuran.. May Allah Bless You?

  35. faahi

    vvvvvvvvv reethi vaahakeh mee………..adhives mikahala reethi vaahaka liyaane nama dho inshallah vvvvv reethi Allah thibaaeh heyo rahumah lavvashi aameen.

  36. Rauu

    Mihaathanah Kee ehme reethi eh vaahaka… Gud job! Loved it ?

  37. mm

    varah salhi 😉

  38. ޒީނާ

    ވަރަށް ރީތި

  39. maakunbe

    haadha reethivaahakaekey eemiyaa

Comments are closed.