“ހޫން ކޮން ވާހަކައެއް ދައްކާށޭ ޔާޝް ދޮންބެ ތި ފޮނުވާލީ؟…”ރިޔާޝް ދިއުމުން ދޮރު ލައްޕާފައި އައިސް އަހުޝަމް ގޮނޑި އެއްގައި އިށީނދެ ލިއެވެ. ރީޝާ ދައްކަން އެ އުޅެނީ ކޮންމެވެސް ކޫސަނި ވާހަކަ އެއް ކަން އޭނާ އަށް އެނގެއެވެ. މީގެ ކުރިން ވެސް ބޮޑު ވާހަކަ އެކޭ ބޮޑު ކަމެކޭ ކިޔާފައި ރީޝާ ވަނީ އޭނާ ތަންތަނަށް ގެންގޮސްފައެވެ. އެ ބޮޑު ކަމަކީ ރަނގަޅަށް ބަލާއިރު ފިޔައެއް ނޮޅާލުން ކަހަލަ ކަމެކެވެ. “އޭ ބްރޯވްސް…. މަ ވަރަށް ދުވަސްވެއްޖެ މި ވާހަކަ ނުބުނެ އުޅޭތާ…. ބަޓް އައި ކާންޓް ކީޕް ދިސް ސިކްރެޓް އިން މައި ހާރޓް އެނީ މޯރ…” ފުން ނޭވާއެއް ދޫކޮށްލުމަށް ފަހު ރީޝާ އެނދުގައި އިށީނދެލިއެވެ. އޭނާ ބުނަން އެއުޅޭ ބޮޑު ވާހަކައިގެ ބޮޑު ކަން ބަލައިލަން ނަޔާ އާއި ރިއާޝް ވެސް ރީޝާ އަށް ކަންފަތް ދީގެން ތިއްބެވެ. “ޔެސް… މަށަކަށް ނޭނގެ ކީއްވެ ކޮން އިރަކު ކިހިނެއް ވީ ކަމެއް ކަމެއް ވެސް؟…އެކަމް މަށަށް އެނގޭހާ ވެސް އެއްޗަކީ މަށަށް މިކަން ވެއްޖެ ކަން…” ވަކި ވަކިން ކޮންމެ މީހެއްގެ މޫނަށް ނަޒަރެއް ދެމުން ރީޝާ އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. “ހޫން ދެން ތި މާ ހާސަރު ދިގުނުކޮށް ވީ ގޮތެއް ބުނެބަލަ… ޔަގީނޭ އަނެއްކާ ބޮލުން އިސްތައްޓެއް ވަކިވީ ކަން… އާން އެ އަށްވުރެ ބޮޑު ކަމެއް މަންޖެ އަކަށް ނުވާނެ…” ރީޝާގެ ވާހަކަ ދިގު ކަމުން އަހުޝަމް އަނގަ ގަދަ ކުރަން ފެށިއެވެ. “ޕިސް ޕިސް އަހުއްޓި ކައެ މަޑުން އިނދެބަލަ… ބަލި މީހުންނަށް އޯގާތެރި ވާން ވާނެ…” އަހުޝަމްގެ ކަންފަތުގައި ހިފާލަމުން ރިއާޝް ބުންޏެވެ. “ހޫންންން…އާޝް ބްރޯ އަށް ވިސްނެއޭ…. ހަމަ ބުނަން ވީ ތަ ވީގޮތް؟..” ރީޝާ ބުންޏެވެ. “އަޖައިބެއް… ބުނެބަލަ” ކަންފަތުގައި ފިރުމަމުން އަހުޝަމް ބުންޏެވެ. “އައި ލަވް ސަމް ވަން ވެރީ މަޗް….” އެހިސާބަށް ބުނެލުމަށްފަހު ރީޝާ ދެލޯ މަރާލިއެވެ. ރީޝާގެ ދުލުން ބޭރުވި ލަފްޒާއި އެކު އެންމެންނަށް ތިބިތަނުން ތެދުވެވުނެވެ. ނަޔާގެ އަނގަމަތީ އަތް އޮތް އިރު އަހުޝަމްގެ އަނގަޔާއި އެއްވަރަށް އަހުޝަމްގެ ދެލޯ ވެސް ހުރީ ބޮޑު ވެފައެވެ. ރިއާޝްގެ އަނގަމަތީގައި ޝަހާދަތް އިނގިލި ޖެއްސުނުގޮތަށް އިތުރު ކަމެއް ކުރަން އެސޮރު ހަނދާން ވެސް ނެތެވެ. އެންމެން ވެސް ލިބުނު ސިހުމުގައި އަނގަ ނަގައިގެން ތިބީއެވެ.
*******************
މަޑު މަޑުން ދެލޯ ހުޅުވާލި އިރު އެންމެން ތިބި ގޮތް ފެނި ރީޝާގެ ގާތަށް ހިނިއަންނަ ގޮތް ވިއެވެ. އެންމެންގެ މޫނު ކުރިމަތީ ފުށްޓަތްކެއް ޖަހާލުމާއި އެކު ތިން މީހުން ދެފަރާތަށް ބޯ ހޫރުވަ ހޫރުވާފައި އިށީނެވެ. “މަންޖޭ….. ކާކު؟؟…” ތިން މީހުންނަށް ގޮނޑީގައި ފޫ ޖެހުނު ހެން ހީނުވެ ތިން މީހުން އެއްފަހަރާ އަހާލިއެވެ. ރިއާޝް އާއި އަހުޝަމް ދުޢާ ކޮށްލަ ކޮށްލާ ތިބީ އެއީ ރިޔާޝް އަށް ވުމަށް އެދި އެދި އެވެ. “އެއީ ވަރަށް ޚާއްޞަ މީހެއް…. އެމީހަކު ފެނިގެން މަގޭ މުޅި އުމުރުގައި ވެސް މަށަށް އެހެން ދިމާލަކަށް ނުބެލުނު މީހެއް…. އޭނަ ދިޔައީމަ މަގޭ ހިތުގައި ރިއްސާލި މީހެއް… އޭނަ އައީމަ މަގޭ ހިތް ކީއްކުރަން؟ މަށަށް ވެސް ނެށޭނެ…” ހުވަފެނީ ގޮތަކަށް އިނދެ ރީޝާ ބުނެލިއެވެ. “ދެން އެއީ ކާކުތަ ؟؟….” ކެތްތެރިކަން ކުޑަވެފައި އިން އަހުޝަމް އާއި ރިއާޝް އެއްފަހަރާ އަހާލިއެވެ. “އެއީ… އެކަމް އެއީ ލިބެން ނެތް މީހެއް…. މަ ކިތަންމެ ވަރަކަށް ލޯބި ވިޔަސް މަށަށް ނުލިބޭނެ މީހެއް… އެމީހެއްގެ ހިތުގައި މަގޭ ނަން ނުވާ މީހެއް…. އެމީހެއްގެ ލޯބިވެރިއެއް ވެސް ހުންނަ މީހެއް….” ދެލޮލުން ވެއްޓުނު ކަރުނަ ތިކި ބޮޑުވައި އިނގިލިން ފޮހެލުމާއި އެކު ރީޝާގެ ކަރު އެލުނެވެ. ރީޝާގެ އަނގައިން ނުކުތް ބަސްތަކާއި އެކު އަހުޝަމް، ރިއާޝް އަދި ނަޔާގެ ހިތަށް އަސަރު ކުރިއެވެ. އެމީހުންގެ އެންމެ ގާތް އެކުވެރިޔާ އަށް ލިބެން ނެތް މީހެއް ދެކެ ލޯބި ވެވުމުން ފުރަތަމަ ވެސް އެމީހުންނަށް އެއީ ރިޔާޝް ކަމާއި މެދު ޝައްކު ކުރެވުނެވެ. ރީޝާ އެހާ ޔަގީން ކަމާއި އެކު ލިބެން ނެތޭ، އެމީހެއްގެ ލޯބިވެރި އެއް ވެސް ހުރެއޭ ބުނުމުން އަހުޝަމް އަދި ރިއާޝް އަށް އެކަކު އަނެކަކާއި ދިމާއަށް ބަލައިލެވުނު އިރު ނަޔާގެ ދެލޯ މެރުނެވެ. “ރީޝް އެއީ ކާކު ތަ؟ ނަން ބުނެބަލަ…” ޗޮކެއް ކަނޑާލައިފަާ އަހުޝަމް ބުނެލިއެވެ. “އެއީ…” ރީޝާގެ ޖުމްލަ ފުރިހަމަ ނުކުރެވި އުޅެނީސް ޑޮކްޓަރު ވަނެވެ. ޑޮކްޓަރު އައުމުން ތިން ކުދިން ބޭރަށް ނުކުތެވެ. އޭރު ޝަރީފް ވެސް އެދިމާއަށް އާދެއެވެ. މާ ލަސް ވުމުން ޝަރީފް އެކުދިން ފޮނުވާލިއެވެ.
ތިން ދުވަސް ވޭތުވެގެން ދިޔަ ގޮތް ވެސް ނޭންގުނެވެ. ނަޔާ، ރިއާޝް އަދި އަހުޝަމް އަށް ކިތަންމެ ފަހަރަކު ރީޝާ ގާތަށް ދެވުނު ކަމުގައި ވިޔަސް ކޮންމެވެސް ސަބަބަކާއި ހުރެ ރީޝާ ލޯބިވަނީ ކާކު ދެކެ ކަމެއް ނުހޯދުނެވެ. އެކުދިން ދާ ފަހަރެއްގައި ވިއްޔާ ވަސީމާ ނޫނީ ޝަރީފް ރީޝާގެ ކައިރީ ހުރެއެވެ. ނޫނީ ރީޝާގެ ކޮންމެވެސް އާއިލީ ބައެއް ތިބޭނެއެވެ. ބައެއް ފަހަރަށް ރިޔާޝް ވެސް އެމީހުންގެ ފަހަތު އަޅުވާލާތީ ރީޝާ ލޯބިވާ މީހާ ހޯދުން އެކުދިންނަށް ވެފައި ވީ ދަތި ކަމަކަށެވެ. ހޮސްޕިޓަލުން ދޫކޮށްލާ، ރީޝާ ގެއަށް ގެނެވުމާއި އެކު ނަޔާ އާއި އަހުޝަމް އަދި ރިއާޝް ބަލަމުން ދިޔައީ ރީޝާ އެކަނި ވާނެ ވަގުތަކަށެވެ. ނަމަވެސް ރޭގަނޑު ވީ އިރު ވެސް ރީޝާގެ ކައިރިން މީހުން ހުސް ނުވެއެވެ. އެންމެ ފަހުން މާދަމާ އަންނާނަމޭ ކިޔާފައި އެކުދިން ގެއަށް ދިޔައެވެ.
އެނދުގައި ދެކޮޅަށް ފުރޮޅި ފުރޮޅި ވެސް ރިޔާޝް އަކަށް ނުނިދުނެވެ. މިރޭ މާ ބޮޑަށް ރީޝާގެ މަތިން ހަނދާން ވާ ރެޔަކީ ތޯއްޗެކެވެ. ރިޔާޝް ތެޅޭ ވަރުން ރިއާޝް އަކަށް ވެސް ނުނިދުނެވެ. އިރު އިރު ކޮޅާ ތެދުވެ އޭނާ ނިދައިފިތޯ ވެސް ބަލައެވެ. އެންމެ ފަހުން އެނދުގައި ނޯވެވިގެން ރިއާޝް ތިރިއަށް ފޭބިއެވެ. އެވަރުން ވެސް ރިޔާޝްގެ ޖެއްސުން ތަކެއް ނުހުއްޓުނެވެ. ރިޔާޝް އަށް ނުނިދުނު ކަމުން ކޮއްކޮ އަށް ވެސް ވަރު އަރުވަނީ ތާ އެވެ. “ދެން ކިހާ ދެރަ ކަމެއް ދޮންބޭ…. މަންމަ ކައިރީ ބުނަން މި ދަނީ…” ރުޅި އައިސްގެން ރިއާޝް ތެދުވެ ކޮޓަރިން ނުކުތެވެ. ރިއާޝް ނުކުތުމުން ރިޔާޝް އެނދުމައްޗަށް ކޮޅަށް އަރާ ފުމެން ފެށިއެވެ. އޭނާ އެ ވަރަށް ރިއާޝް އަށް ޖެއްސުން ކުރުމުގެ ބޭނުމަކީ ހަމަ ރިއާޝް ކޮޓަރިން ނެރެލުމެވެ. ސިއްރު ސިއްރުން ގޮސް ދޮރު ތަޅުލައިފައި ބޮކި ތައް ދިއްލާލިއެވެ. އެއަށްފަހު އަލަމާރީގައި ހުރިއްޔާ ހުރި ޓީޝާޓަކާ، ގަމީހަކާ، ހުޑީ އަކާ ދެން ވެސް ހުރިއްޔާ ހުރި އެއްޗެއް ނަގާ ލާން ފެށިއެވެ. ކަމުނުގޮސްފިއްޔާ އެނދުމައްޗަށް އެއްލާލައެވެ. އެންމެ ފަހުން އޭނާ އަށް ކަމުދާ އެއްޗަކަށް ލެވުނީ ރަތް ކުލައިގެ ކޯޓް ފަޓުލޫނެކެވެ. ގޮށްތައް އަޅުވާ ކޯޓު ގަޔަށް ހެޔޮވަރު ކޮށްލުމަށްފަހު ލޯގަނޑު ކުރިމަތީ ހުއްޓިލިއެވެ. އިސްތަށިގަނޑުގައި އަތް ފުނާ އަޅާލުމަށްފަހު ތަޅުދަނޑި ފޫކު އަޅުވާ ބޮޅެއް ހިފައިގެން ލޯގަނޑަށް ލޯބި ހުށަހެޅިއެވެ. އެފަދަ ގޮތަކަށް އެސޮރު އެރޭ އުޅުނީ ނުވެސް ނިދައެވެ. ރީޝާ އަށް ލޯބި ހުށަހަޅަން ފަރިތަ ކުރާށެވެ. އިރު އަރަން ވާއިރަށް ހުރިހާ އެއްޗެއް ކަބަޑު ތެރެއަށް ގުޅަ ޖެހުމަށްފަހު އެނދަށް އަރާ ދެލޯ މަރާލީ ރީޝާގެ ސޫރަ ހިތަށް ގެންނަމުންނެވެ.
އެކަހަލަ މިކަހަލަ ގޮތަކަށް ހަފްތާ އެއް ފަސްދީފިއެވެ. ރީޝާގެ ދުލުން އޭނާގެ ހިތުގެ ރާޖާގެ ނަން ބޭރު ނުވެގެން އަހުޝަމް މެން ހީވަނީ އެހެން ކަމެއް ހެންނެވެ. ރީޝާގެ ހާލު ރަނގަޅު ވުމާއި އެކީ ރީޝާގެ ޢާއިލާ ނިންމީ ވިލިނގިއްޔަށް ދަތުރެއް ގޮސްލާށެވެ. ރީޝާ ބޭނުންވީ ކޮމެޑީ ލޭންޑްގެ ހުރިހާ ކުދިން ވެސް ގޮވައިގެން ދަތުރު ދާށެވެ. ރިޔާޝް ގެންދާނަންތޯ، ނުގެންދާނަންތޯ ހިތަށް އެރުމާއި އެކު ރީޝާ އަށް އެހެން މީހުންގެ ޚިޔާލު ހޯދަން މަޖުބޫރު ވިއެވެ. ވަރަށް ނޫން ކަމަށް ހެދިފައި ދަތުރު ދާން އޮތް ދުވަހުގެ ކުރީ ދުވަހު ސްޓޫޑިއޯ އަށް ގޮސް ރިޔާޝް ކޮބައި ތޯ ރިއާޝް ކުރެން އަހާލިއެވެ. “ދޮންބެ ވެއްޖެ ޖިމަށް ގޮސް… ނިންމާފަ އެސޮރު އަންނާނީ… ” ރީޝާ ރިޔާޝް ކޮބައި ތޯ އެހުމުން ހައިރާން ވީ ނަމަވެސް ކުރު ގޮތަކަށް ރިއާޝް ފުއްދާލިއެވެ. “އޭ އާން… މަންޖޭ އަދިވެސް ނުބުނަމެއްނު އެއީ ކާކު ކަމެއް… ދެން ބުނެބަލަ.. ” ރީޝާ ލޯބިވާ މީހާގެ މަތިން ހަނދާން ވުމުން އަވަހަށް އަހުޝަމް އެ މަޢުލޫއަށް ދިޔައެވެ. “ތެދެއް ކޮޔާ…. އަވަހަށް އެމީހާގެ ނަން ބުނެބަލަ…” ނަޔާ ވެސް އަހުޝަމް އާއި އެއްބައިވެލި އެވެ. “ހަލޯވްވްވް… އޯހް ހާއި ރީޝް… މިހާރު ހަމަ އެއްކޮށް ރަނގަޅު ތަ؟..” ރިޔާޝް އަށް ވެސް އަންނަން އެނގޭނީ އެންމެ ނުބައި ވަގުތުގައެވެ. “ހާދަ ޓައިމިން ކަޑައޭ ޔާޝް ދޮންބޭ….” ދެފައި ބިންމަތީގައި ތަޅާލަމުން ނަޔާ ކުސް ތަޅާލިއެވެ. “މި ވަރުން ކިހިނެއް ބުނާނީ….” ދެފަރާތަށް ބޯ ހޫރުވާލަމުން ރީޝާ ބުންޏެވެ. ވާނުވާ ނޭނގޭތީ ކޮންއެއްޗެއް ބުނަން ހެއްޔޭ ރިޔާޝް އެހިއެވެ. “ޕިސް ޕިސް… ކަލޯ ދަތުރު ދާނަން ހޯ މަރިޔަނބު މެންނާ އެކީ ވިލިނގިއްގަށް…” ބޮލުގައި ޖަހާލަމުން އެންމެ އަވަހަށް ދުލަށް އައި އެތި އަހުޝަމް ބޭރު ކޮށްލިއެވެ. އެއާއެކު ރީޝާ ވެސް ހަމަޖެހުނެވެ. އޭނާ ނާހަނީސް ރިޔާޝް މިއޮށް ގެންދެވެނީ އެވެ. ރިޔާޝް ޔަގީނެއް ނޫން ހޭ ބުނިލެއް ބާރު ކަމުން ބެލްކަނީގައި ތިބި ކޮތަރު ތައް ވެސް އުދުއްސައި ގަތެވެ. ރިޔާޝް ރީޝާ ދެކެ އެހާ ލޯބި ވާއިރު ރީޝާ މީހެއް ދެކެ ލޯބި ވާކަން އެނގޭތީ އަހުޝަމް އާއި ރިއާޝް ދެރަވިއެވެ. ނަޔާ އަކަށް ވެސް ރިޔާޝް ރީޝާ ދެކެ ލޯބިވާ ކަމެއް ނޭނގެއެވެ. އެނގޭނަމަ މިހާރު އޭނާ އެވާހަކަ ރީޝާ ކައިރީގައި ބުނާނެތާ ކިތަންމެ ދުވަހެކެވެ. “އޯކޭ އެންމެން މާދަން ހަތެއްގެ ފެރީއަށް ވިލިނގިލީ ފެރީ ޓާމިނަލަށް…” ނިކަން ހަމަޖެހިލާފައި ރީޝާ ބުނެލިއެވެ. ދޭތެރެ ދޭތެރޭން އޭނާ ވަށްކަޅިން ރިޔާޝް އާއި ދިމާއަށް ބަލައިލާ އިރު ރިޔާޝް ހުންނާނީ މަތި ބަލާށެވެ. މިހާރު ދެތިން ފަހަރަކު ރިޔާޝް މަތި ބަލަން ހުއްޓާ ވެސް އޭނާ އަށް ފެނިއްޖެ އެވެ. އޭނާ ވެސް މަތީގައި ހުރީ ކޮން އެއްޗެއްތޯ ބަލަން މަތި ބަލައިލިއެވެ. އެ މަންޒަރު ފެނި ރިޔާޝް ގާތަށް ހިނި އައެވެ. ރީޝާ އައިނު ނާޅާ ހުރެގެން އޭނާ އާއި ދިމާއަށް ބަލާއިރު އޭނާގެ ލޯ މާ ތޫނެވެ. ރީޝާ ބަލައިލަން ވާއިރަށް އޭނާ މަތި ބަލަނީ އެވެ.
އަނެއްދުވަހުގެ ހަ ގަޑި ބައި ވީއިރު ރިޔާޝް ހުރީ ވިލިނގިލީ ފެރީ ޓާރމިނަލުގައެވެ. އަހުޝަމް ދަބަހަށް އެއްޗިހި އަޅައިގެން އަންނަން ދެން އޭނާ އަކަށް މަޑެއް ނުކުރެވުނެވެ. ރިއާޝް ފަހާނައިން ނުކުންނަން ދެން ވެސް އޭނާ އަކަށް މަޑެއް ނުކުރެވުނެވެ. ނުވިތާކަށް މަންމަ ކޮފީ ގިރަން ދެން މަޑު ކުރެވުމުން ވެސް އޭނާ އަށް ހީވީ އޭނާ ބަހައްޓާފައި ރީޝާ ފުރާފާނެ ހެންނެވެ. އެންމެން ހަމަ ވީއިރު ހަ ގަޑި ސާޅީސް ފަހެއް ވެއްޖެ އެވެ. ރީޝާ އައިސް އެންމެ ފުރަތަމަ ވެސް ހޯދާލީ ރިޔާޝް އެވެ. އޭރު އަހުޝަމް އާއި ރިއާޝް އާ ތިން މީހުން ވެގެން ނަޔާ ގޮއްވަން ތިއްބެވެ. ކަރު ކެހިލަމުން ރީޝާ އައިސް އެންމެން ކައިރީގައި ހުއްޓިލިއިރު އޭނާ ހުރީ ދަތް ޕިލަ ސޭލަށް އަޅުވައިގެންނެވެ. “އައްދޭ…. ދެމީހުން އެކައްޗެކޭ ކިޔައިގެންތަ ބުލޫ ލައިގެން ތިޔައީ؟؟…” ރީޝާ އާއި ރިޔާޝް މަޑު ނޫކުލައިގެ ހެދުން ލައިގެން ތިބުމުން އެއްޗެކޭ ބުނެނުލާ ރިހުލާ އަކަށް ނުހުރެވުނެވެ. ރިހުލާ އެހެން ބުނުމުން ރިޔާޝް އާއި ރީޝާ އެކަކު އަނެކަކާއި ދިމާއަށް ބަލައިލިއެވެ. އިއްތިފާގުން ދެމީހުންނަށް ވެސް ލައިގެން ތިބެވުނީ މަޑު ނޫކުލައިގެ ހެދުމެވެ. މަޑު ނޫ ކުލައިގެ ހުޑީ އަކާއި ހުދު ސްކިނީ އެއް ލައިގެން ރިޔާޝް ހުރި އިރު ރީޝާ ހުރީ އިންޑިއާ ސްޓައިލުގެ މަޑު ނޫ ކުލައިގެ ހެދުމަކާއި ހުދު ފުޅާ ހަރުވާޅެއް ލައިގެން ނެވެ. ދެމީހުން ގުޅޭނީ އެވަރަކަށް ނޫން ހެއްޔެވެ. “އައްތޭ ދޯ… އެބުނާހެން… މަންޖެ މެން ހާދަ ގުޅުވާލައިގެން ތިއުޅެނީ؟… ލަމްހާ އަށް ވެސް މަޑަކުން ނުހުރެވުނެވެ. ނަޔާ، އަހުޝަމް އަދި ރިއާޝް އެއްޗެކޭ ނުބުނީ ރީޝާ މީހެއް ދެކެ ލޯބި ވާކަން އެނގޭތީ އިތުރު މީހަކާ ނުޖައްސަން ވެގެންނެވެ. އެ ތިން ކުދިންނާ ޚިލާފަށް ރީޝާ އާއި ރިޔާޝް ވަރަށް ފޮނި ވިއެވެ. ނޭނގުމެއްގެ ތެރެއިން ވެސް ދެމީހުންނަށް އެއްވައްތަރުން ހެދުން އަޅައިގެން އާދެވުމުން ދެހިތް ނަށާލިއެވެ. “އޭ އެއީ ހަމަ އިއްތިފާގް… ދޯ ރީޝް…” އިސްތަށިގަނޑުގައި އަތް ފުނާ އަޅާލަމުން ރިޔާޝް ބުންޏެވެ.
ވިލިނގިލީގެ ކަނޑިންމަ ތެރެއިން ފެރީ ވަން އިރު ހެނދުނުގެ ހިތްގައިމު ކަން ރަށު ތެރެއިން ފެންނަން އޮތެވެ. ރިޔާޝް ފައިބާފައި ރީޝާ ބާލުވަން އަތް ދިއްކޮށްލަން އުޅެފައި ވެސް ވަސީމާ މެން ތިބުމުން އެހެން ހަދާކަށް ނުކެރުނެވެ. އެންމެން ފައިބައިގެން ޖޯލި ފަތި ތަކުގައި ދަތުރު ވަރުބަލި ފިލުވަން ޖައްސާލިއިރު ރީޝާ ދިޔައީ މާ ދުރު ނޫން ހިސާބެއްގައި ހުރި ހިރުނދު މާ ގަސް ދޮށަށް މާ ހޮވާށެވެ. އެ ގަސްދޮށް އެއީ އޭނާ ވިލިނގިއްޔަށް އަންނަ ކޮންމެ ފަހަރަކު އޭނާ މާ ހޮވަން ދާ ގަސްދޮށެކެވެ. ގަސް ބުޑަށް ވެރިފައި ހުރި މާތަކަށް ބަލައިލި އިރު ޅަ އިރުގެ ހަނދާން ތައް އޭނާ އަށް އާވިއެވެ. މަޑު މަޑުން މާ ހޮވާފައި އުނގަށް އަޅަން ފެށިއިރު ފަހަތުން ރިޔާޝް އަންނަ ކަމެއް އޭނާ އަކަށް ނޭނގެއެވެ.
“ގަސް ދޮށަށް ހިރުނދު މާ
ނަސް ވެރު މަ ތަލި ރަން ކޮޅާ
އަސްތާ ހޮވަން ނޭ ނުވާ”
ރީޝާގެ ކައިރީގައި އުޑަފައިން އިށީނދެ ބިންމަތިން މަލެއް ނަގައި ރީޝާގެ އިސްތަށިގަނޑުގައި ޖަހައިދެމުން ރިޔާޝް ރައިވަރެއް ކިޔާލިއެވެ. ރިޔާޝްގެ އަޑު ޖެހުމާއި އެކު ރީޝާ ނަގަން އުޅުނު މާ ވެސް ވެއްޓުނެވެ. އޭނާގެ ކަންފަތް ކައިރީ އެ މާ ރިޔާޝް ހަރުކޮށްދިނުމުން ރީޝާގެ ތުންފަތަށް މަޢުނަވީ ހިނިތުންވުމެއް ވެރިވިއެވެ. ޖެހިލި ވައި ރޯޅި އަކާއި އެކު ގަހުގައި ހުރި މާތައް ވެސް އެދެމީހުންނާ ދިމާލަށް ވެރުނެވެ. ބަލާލަން ވަރަށް ވެސް ރީތި މަންޒަރެކެވެ. “ހެހެ… މަށަށް ހީވަނީ ރީޝް ތީނީ މި މާތަކަށް ދީވާނާ ވެފަ ހެން…” ސަމާސާ ގޮތަކަށް ރިޔާޝް ބުނެލިއެވެ. “އަސްލު ވެސް… ހަމަ ދީވާނާ ވެފައި… އެކަމް މި މާ ތަކަކަށް ނޫން…” ހެދުމުގެ ފަސް ބައިގައި ހިފަހައްޓައިގެން ރީޝާ ޖޯލި ފަތި ތަކާއި ދިމާއަށް ދާން ހިނގައިގަތެވެ. ފަހަތުން ރިޔާޝް ވެސް ރީޝާ އާއި އެއްވަރަށް ހިނގައިގަތެވެ. “ދެން އެހެންވިއްޔާ ކޯއްޗަކަށް ދީވާނާ ވެފައި ތީނީ؟…” ބުމަ އަރުވާލަމުން ރިޔާޝް ރީޝާގެ އުނގުން މަލެއް ނެގިއެވެ. “ނޭނގެ…. ދުލުން ބޭރެއް ނުވޭ… އެއީ ކޯއްޗެއްތޯ އަޅެ ޔާޝް ދޮންބެ ގެސް ކޮށްބަ…” އެހެން ބުނެވުނު އިރު ރީޝާގެ ހިތުގެ ތެޅުން އަވަސް ވިއެވެ. “ހެއްހެއް… ދެން ވަކި ޔާޝް ދޮންބެ އަށް ކޯއްޗެއް އެނގޭނީ…” މަލުގެ ފިޔަތަށް ވަކި ކޮށް ރީޝާގެ މޫނަށް އުކާލަމުން ރިޔާޝް ބުންޏެވެ. އެދެމެދުގައި މާ ގިނަ ވާހަކަ ތަކެއް ނުދެކެވެނީސް އެންމެން ތިބި ހިސާބަށް ދެ މީހުންނަށް އާދެވުނެވެ. އެ ދެމީހުން އައީ ޖޯލި ތަކުގެ ފަހަތުން ކަމުން އަހުޝަމް މެންނަކަށް އެ ދެމީހުންނެއް ނުފެނެއެވެ. ދެމީހުން ދެފަރާތުން އައިސް ނޭނގޭ ކަމަށް ހެދިލާފައި ޖޯލީގައި ޖައްސާލިއެވެ. “ކޮންތާކުން ތިއައީ؟…” ރީޝާގެ އުނގުގައި ހުރި މާތަށް ވަސީމާގެ އުނގަށް އަޅައަޅާ ހުއްޓާ ނަޔާ އަހާލިއެވެ. “ކަލޭނޭ މިކުއްޖާ ވިލިނގިއްޔަށް އަންނަ ފަހަރެއްގައި ވިއްޔާ ބަސްތާ އެއްގެ ހިރުނދު މާ ގެންދާނެ… މަށަކަށް ނޭނގެ އެ ގެންގޮސްގެން ކުރާކަމެއް… އެހެރަ ފެންނަ ގަސްދޮށުން މާ ހޮވައިގެން އެ އައީ…” އޭނާގެ އުނގުގައި ހުރި މާތަށް ކޮތަޅަކަށް އަޅަމުން ވަސީމާ ނަޔާ އަށް ޖަަވާބު ދިނެވެ. “ޕިސް ޕިސް ތިހެން އުޅެނިކޮށް ގަސް ގަސް ދޮށުން މާ ހޮވުން ވެސް މަނާ ކުރާނީ… މަންޖެ ޖޫރިމަނާ ވެސް ކޮށްފާނެ…” އަތުގައި އިން ނެސްކެފޭ ދަޅު ޑަސްބިނަށް ހޫރާލަމުން އަހުޝަމް ބުންޏެވެ. “ނުކެރޭނެ މަނާ ކުރާކަށް… މަނާ ކޮށްފިއްޔާ މަ މަނާ ކުރާނަން ގާނޫނު ހެދުން… ސަރުކާރެއް ބޭކާރެއް ނޯންނާނެ…” ނަޔާ ހިފައިގެން އިން ރިހާކުރު ގުޅަ ޕެކެޓުން އެތިކޮޅެއް އަނގަޔަށް އަޅާލަމުން ރީޝާ އިށީނދެލިއެވެ. ވަރުބަލި ފިލުވާލުމަށްފަހު އެންމެން ހަބީބާ މެން ގޭ ދޮށަށް ދިޔައީ ހެނދުނުގެ ސަޔަށް އިންސާފު ކުރާށެވެ.
ހަވީރު ފެރީ އިން އަހުޝަމްގެ މަންމަ ސަފީގާ އާއި ބައްޕަ އަބޫބަކުރު ވެސް ވިލިނގިއްޔަށް އައެވެ. އަދި ނަޔާގެ މައިންބަފައިން ވެސް އެމީހުންނާއި އެކު އައީ ވަސީމާ މެން އެކަނި ވުމުން ފޫހި ވާނެތީ އެވެ. ހަވީރުގެ ހިތްގައިމު ވަގުތު ރިޔާޝް، އަހުޝަމް އަދި ރިއާޝް ބައިސްކަލު ބުރު ޖަހަން ދިޔައެވެ. ރީޝާ މެން ގޮވައިގެން ދާން އުޅެފައި ވެސް ރީޝާ މެން ފޮޓޯ ނަގަން ދިއުމުން އެމީހުން ވަކިން ބައިސްކަލް ދުއްވަން ދިޔައީ އެވެ. “ބްރޯ… ކީއްވެތަ މި ލަސްކުރަނީ؟ ދޮންބެ ބޭނުން ވަރަށް އަވަހަށް ރީޝް އަށް ކޮންފެސް ކުރަން…” ފާލަން ކައިރިއަށް މަޑު ކޮށްލަމުން ރިޔާޝް ބުންޏެވެ. ރިޔާޝް އެހެން ބުނުމުން އަހުޝަމް އަދި ރިއާޝް އަށް އެކަކު އަނެކަކާއި ދިމާއަށް ބަލައިލެވުނެވެ. ދެމީހުންގެ މޫނު މަތިން ވެސް ފެންނަމުން ދިޔައީ ގޮތް ހުސްވެފައިވާ ކަމުގެ އަސަރު ތަކެވެ. ރިޔާޝް އަށް ދޭނީ ކޮން ޖަވާބެއް ކަމެއް އެދެމީހުންނަކަށް ނުވިސްނުނެވެ. “ސޭ ސަމްތިންގް…. ކިހިނެއް ހަދާނީ؟….” އެކަކު ވެސް އެއްޗެކޭ ނުބުނުމުން ރިޔާޝް ކަންތައް ބޮޑުވި އެވެ. “ހަހްހް… ދޮންބޭ… ވީ އާރ ސޮރީ ޓު ސޭ ދިސް… ބަޓް… މީހުން ބުނެއެއްނު ތިމާ ލޯބިވާ މީހާ އަށްވުރެ ތިމާ ދެކެ ލޯބިވާ މީހާ އާ އެކު އުޅުން މާ ރަނގަޅޭ…” އެހާ ހިސާބަށް ބުނެވުނު އިރު ރިއާޝް އަށް ވިސްނާލަން މަޖުބޫރު ވިއެވެ. އެހެން ބުނާއިރު އެމީހުން ރީޝާ އަށް ވެސް ދޭންޖެހޭނީ އެ ނަސޭހަތެވެ. ރީޝާ ލޯބިވާ މީހާ އަށްވުރެ ރީޝާ ދެކެ ލޯބިވާ މީހާ އާ އެކު ވާށެވެ. އެއީ ރިޔާޝް އަށް ވީއިރު ރިޔާޝް އުޅެން ޖެހޭނީ ރިޔާޝް ލޯބިވާ، އެކަމަކު ރިޔާޝް ދެކެ ލޯބި ނުވާ މީހަކާ އެކު އެވެ. މިއީ ކޮންފަދަ ދެކޮޅު ނުޖެހޭ ވާހަކަ އެއް ހެއްޔެވެ؟ “ހަހަ ތީ އިހުގެ މީހުން ދައްކާ ހަމަނުޖެހޭ ވާހަކަ… މަ ބުނާނީ އަޅެ ކޮންފެސް ކޮށްލަބަލާށޭ… ޔާޝް ދޮންބެ ރީޝް ދެކެ ލޯބި ވަންޏާ، ރީޝް ރިޖެކްޓް ކުރިޔަސް އެކަން އެންމެ ރަނގަޅުވާން ޖެހޭނެ…” އަހުޝަމް އަށް އެކަން ވިސްނުނެވެ. “ޕިސް މަ ތިހާ ނެގެޓިވް ކޮށެއް ނުވިސްނާނަން… އައި ހޭވް ސީން ހާރ ލަވް ފޯރ މީ… އައި ރިއަލީ ޑޯންޓް ތިންކް ޝީ ވިލް ރިޖެކްޓް މީ…” ވަރަށް ޔަގީން ކަމާއި އެކު ރިޔާޝް ބުންޏެވެ. ދޮންބެ އަށްޓަކައި ރިއާޝްގެ ހިތުގައި އިންތިހާ އަށް ހަމްދަރުދީ އުފެދުނެވެ. އޭނާ ކޮއްކޮއެއްގެ ހައިސިއްޔަތުން ދެކޭ ކުއްޖެއްގެ ސަބަބުން އޭނާގެ ދޮންބެ އަށް ހިތާމައެއް ލިބޭކަށް ރިއާޝް ބޭނުމެއް ނުވެއެވެ. ކޮންމެ ގޮތެއް ވިޔަސް ހެޔޮ ކަމަށް އަހުޝަމްގެ އަތް މައްޗަށް އޭނާ އެކަން ދޫކޮށްލީ ރިޔާޝް އަށް ދޭނެ ލަފައެއް އޭނާ އަށް ނުވިސްނުމުންނެވެ. އަހުޝަމް ވެސް ހުރީ އޭނާ އަށް ނިންމުނު ގޮތާއި މެދު މާ ހިތް ހަމަ ޖެހިފަކާއެއް ނޫނެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާގެ ސަބަބުން އޭނާ ވެސް ބޭބެ އެއްގެ ގޮތުގައި ދެކޭ މީހަކަށް ދެރައެއް ލިބޭކަށް އޭނާގެ ހިތެއް ނޭދެއެވެ. އެހެން ވިޔަސް އޭނާ އަށް ކުރެވޭނީ ކީއް ހެއްޔެވެ؟ ލޯބީގައި އެއްވެސް ތަޖުރިބާއެއް ނެތެވެ. ލޮއެއްބާއި ބެހޭ ގޮތުން އެންމެ އެނގޭނީ ވެސް ރީޝާ އަށެވެ. އެކަމަކު މި މައްސަލަ ޖެހިފައި މިއޮތީ ވެސް ރީޝާ އާއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.




Masha Allah
Mi part vx vrh rythi
Waiting for the next ep
Thank you dhariflhooo
Yes wait please ❣️