އަލީ އައިސް ރީޝާގެ ކޮލުގައި ހިފާފައި އުފުލާލި އެވެ. އެއަށްފަހު ލަކުނޑި ބުރިއެއް ހިފައިގެން އައިސް ރީޝާގެ ގައިގައި ޖަހަން އަތް ހިއްލާލި އެވެ. “ނޫން.. ނޫން… މީނާގެ ޒަމާން މީހާ އަވަހަށް ދުއްވާލައިގެން ނުވާނެ… ކަލޭ ޖެހޭނީ މަރަށް ތެޅެން…” އެހެން ބުނުމަށް ފަހު ރީޝާގެ ކަރުގައި އަތް އަޅަން އޭނާގެ އަތް ދިއްކޮށްލިއެވެ. “ހެހެ… ފެން ފޮދެއް ބޮއެފަ ދޯ ކަލޭ ފަހު ނޭވާ ލާ ހިތްވަނީ؟…” ނުލަފާ ގޮތަކަށް ހީ ގަންނަމުން ދަޅަކަށް ފެން އަޅާފައި ރީޝާގެ އަނގަމަތީގައި އަޅާފައި ހުރި ފޮތިގަނޑު އޭނާ ނައްޓާލިއެވެ. އެއަށްފަހު ރީޝާގެ ތުނބުގައި ދަޅު ޖައްސާ ކޮށްޕާލިއެވެ.އެ މުޑުދާރު ފެން ނުބޯން ވެގެން ރީޝާ ބޯ ހޫރުވާލިއެވެ. މިވަގުތު އޭނާގެ މޫނު މަތިން ފެންނަމުން ދަނީ އާދަޔާ ޚިލާފު ފޯރިއެކެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ ބިރުކުޑަކަމެވެ. އެމީހާގެ އަޑު ޖެހުމާއި އެކު ރީޝާ އަށް އެއީ އަލީކަން ޔަގީންވިއެވެ. އޭނާ ފިލްމު ތަކުން ދަސްކުރި ގޮތަށް ފައިން އަލީގެ ބަނޑުގައި ޖެހިއެވެ. ނުވިސްނާ ހުރުމުން އަލީ ވެއްޓެން އުޅުނެވެ. ނަމަވެސް ދެން އައިސް ރީޝާ ހޫރުވާލިއެވެ. ރީޝާ ހޫރުނީ އެންމެ ފަހަރަކު އެވެ. ދެވަނަ ފަހަރަށް ސާބިތު ކަމާއި އެކީ އޭނާ ބިމުގައި ފައި ހަމަކުރިއެވެ. މިވަގުތު އޭނާ އަށް ހުރީ އާދަޔާ ޚިލާފު ބާރެއް ލިބިފައި ހެން ވެސް ހީވެއެވެ. ލޮލަށް އެއްޗެއް ނުފެނުނު ކަމުގައި ވިޔަސް މަޑު މަޑުން ރީޝާ ކުރިއަށް ދިޔައެވެ. ބަލާކަށްނުހުރެ އަލީ އައިސް ރީޝާގެ ކަރުގައި ހިފައި ނޭވާ ހޮޅިއަށް ފިތާ ލިއެވެ.
******************
ކުއްލިއަކަށް އެ ކޮޓަރީގެ ދޮރު ހުޅުވާފައި ވަދެގަތީ ޕޮލިހުންނެވެ. ފަހަތުން ވަން ރިޔާޝް، ރިއާޝް އަދި އަހުޝަމް އަށް ރީޝާގެ ކަރުގައި ހިފަހައްޓައިގެން އޮތް އަލީ ފެނި އެދިމާއަށް ދުއްވައިގަތެވެ. އަހުޝަމް އާއި ރިއާޝް އަލީ ގެނެސް ޕޮލިހުންނަށް ހަވާލުކޮށް ދެންތިބި މީހުން ވެސް ހައްޔަރު ކުރަން އެހީވެދިނެވެ. އަވަސް އަވަހަށް ރިޔާޝް ރީޝާގެ އަތުން ވާގަނޑު މޮހަލާ ދެލޮލުގައި ބަނދެފައި އޮތް ފޮތިގަނޑު މޮހާލިއެވެ. އޭރު ވެސް އޭނާގެ ދެލޮލުން ހޯސް ލާފައި ކަރުނަ އަންނަމުން ދިޔައެވެ. މިދުނިޔޭގައި ވެސް ހުރި އޭނާ އެންމެ ލޯބިވާ އަންހެން ކުއްޖާ އެ ޙާލުގައި އޮތް ތަން ދެކެން އޭނާގެ ހިތަށް ކެތްވާނީ ކިހިނަކުން ހެއްޔެވެ. ބާރު ބާރަށް އޭނާ ރީޝާ ގެނެސް އޭނާގެ މެޔާލާ ބޮނޑި ކޮށްލިއެވެ. ރީޝާގެ ފުރާނަ ސަލާމަތް އެވީ ހަމަ ކިރިޔާ އެވެ. އެމީހުން އައުން ކުޑަ ކުޑަ ތަންކޮޅެއް ލަސް ވިޔަސް އޭނާ އަށް ފެންނާނީ ރީޝާގެ ފުރާނަ ނެތް މަސްގަނޑުވެ. އެހެން ހިތަށް އެރުމާއި އެކު ރީޝާ ސަލާމަތް ކުރެއްވި ކަމަށްޓަކައި ރިޔާޝް ﷲ އަށް ޙަމްދު ކުރިއެވެ.
ފުން ނޭވާ ތަކެއް ލަމުން ދިޔައިރު އޭނާ އަށް އޮވެވުނީ ރިޔާޝްގެ އަތުތެރޭގައި ކަންވެސް ރީޝާ އަށް އެނގުނީ ނަރުހުން އައިސް އޭނާ ނަގަން އުޅުމުންނެވެ. ރިޔާޝް އޭނާގެ އަތްދަނޑި މައްޗަށް ރީޝާ އުފުއްލާލައިގެން ނުކުމެ އެމްބިއުލާންސް އަށް ރީޝާ އެރުވިއެވެ. ރީޝާގެ ޙާލު ބޮޑު ކަމުން އެންމެ ފުރަތަމަ ވެސް އޭނާ ގެންދެވުނީ އެމަޖެންސީ ރޫމަށެވެ. ބޭރުގައި މަޑުކޮށްލުމަށްފަހު ރިޔާޝް ވަސީމާ އަށް ގުޅާ އެ ޚަބަރު ދިނެވެ. އަދި ކޮމެޑީ ލޭންޑްގެ ވައިބަރ ގުރޫޕުގައި ވެސް އެވާހަކަ ޖެހިއެވެ. މާ ގިނަ އިރު ތަކެއް ނުވެ ވަސީމާ އާއި ޝަރީފް ދުވަމުން ދުވަމުން ހޮސްޕިޓަަލަށް އައެވެ. “މަގޭ ދަރިއަށް ކިހިނެއް ވީ؟…” ހާސްވެ ކަންބޮޑު ވެފައި ވަސީމާ ރިޔާޝް ކުރެން އެއްސެވެ. “ދައްތާ…ހާސް ނުވޭ… އެއްކަލަ އަލީ މެން…” އެހިސާބަށް ބުނެވުނު އިރު ރިޔާޝްގެ ގާތަށް ރުޅިއަންނަން ފެށިއެވެ. އަލީދެކެ އައި ރުޅީގައި ފާރުގައި ގޮށްމުށުން އޭނާ އަށް ޖެހުނެވެ. “އަލީ ކީއްކުރީ؟؟؟…” ވަސީމާ އާއި ޝަރީފް އެއްފަހަރާ އަހާލިއެވެ. “ފަޅު ގެއަކަށް ވައްދާފަ ރީޝާ މަރާލަން އެ އުޅުނީ… އަޅުގަނޑަށް ރީޝާ ފެނިގެން ރީޝާ ފަހަތުން ދިޔައީ… ދެން އިއްތިފާގުން ކަންނޭންގެ އަޅުގަނޑަށް ފެނުނީ ރީޝާގެ ކަންފަތުލާ އެއްޗާއި ތަނޑި.. އެ ތަނޑި ވެއްޓިފައި އޮތީ ގެއެއްގެ ދޮރު ކުރިމަތީ… އެ ގެ އެއީ އިރުކޮޅެއް ކުރިން މީހަކު ވަން ގެއެއް… އެއީ އެ އަލީ… އެގެއަށް ވަން ތަނާ އަޅުގަނޑަށް ފެނުނީ އެމީހުން ރީޝާ އަށް އަނިޔާ ކުރާތަން… އަޅުގަނޑު ވަގުތުން ޕޮލިހަށް ގުޅީ…” ކުރުގޮތަކަށް ވީ ގޮތް ރިޔާޝް ކިޔައިދިން އިރު އޭނާގެ އަޑުގައި ރިހުމެއް އެކުލެވިގެން ވިއެވެ. ނަމަވެސް އެކަން ރީޝާގެ މައިންބަފައިންނަށް ދައްކާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެ ވާހަކަ ތައް އޭނާ އެ ކިޔައިދިނީ އަހުޝަމް އާއި ރިއާޝް އަށް ނަމަ މިހާރު އޭނާ ރޯން ވެސް ރުއީހެވެ. ރިޔާޝްގެ ރަނގަޅު ކަމުން ޝަރީފް ރިޔާޝް އަށް އިންތިހާއަށް ޝުކުރުވެރި ވިއެވެ. އޭނާ އާއި ވަސީމާގެ ހުރި ހަމައެކަނި ދަރިފުޅުގެ ފުރާނަ ސަލާމަތް ކޮށްދިނީތީވެ ޝަރީފްގެ ހިތް ރިޔާޝް އަށްޓަކައި ލޯބިން ފުރުނެވެ. ވީ ގޮތް ރިޔާޝް ކިޔައިދިނުމާއި އެކު ވަސީމައަށް ގޮނޑި ބަރި އަށް ވެއްޓިގަނެވުނެވެ. އޭނާގެ ހިތް ފަޅައިގެން ދިޔަ ހެން ވެސް ހީވެއެވެ. ހުރި ހަމައެކަނި ދަރިފުޅު އެހާ ވޭނެއް ތަކުލީފު ކުރިކަން އެނގުމާއި އެކު އޭނާގެ މައި ލަގޮނޑިއަށް ކެތްވީ ވެސް ކިރިޔާ އެވެ. ޝަރީފްގެ ހަލަކީ ވެސް އެޔެވެ. ވަސީމާގެ ބުރަކަށީގައި ފިރުމަ ފިރުމާފައި އޭނާވެސް ރުޔެވެ.
އަލީ އާއި އޭނާގެ ގުރޫޕު ހައްޔަރު ކުރުމަށްފަހު ރިއާޝް އާއި އަހުޝަމް ހޮސްޕިޓަލް އަށް އައީ ނަޔާ މެން ގޮވައިގެންނެވެ. އެމީހުން ހޮސްޕިޓަލަށް އައި މަގުމަތީގައި ހަމަ ބުއްދި ގެއްލިފައި ހުރި ލިޔާ ފެނި ލިޔާ ވެސް ފުލުހުންނާ ހަވާލު ކުރި އެވެ. އެންމެން ވެސް ރީޝާ އަށްޓަކައި ދުޢާ ކޮށްލަ ކޮށްލާ ތިބީ ޑަކްޓަރުގެ އިންތިޒާރުގައެވެ. ގަޑިއިރަކަށްފަހު ޑަކްޓަރު ނުކުތުމާއި އެކު އެންމެންގެ ސަމާލުކަން ޑަކްޓަރަށް ދިނެވެ. “ޑޮކްޓަރ..އަޅުގަނޑު ދަރިފުޅު…” ރޮވެމުން ކަހަލަ ގޮތަކަށް ވަސީމާ ބުންޏެވެ. “ޑޯންޓް ވޮރީ… އިންޝާ ﷲ ޝީޒް ނޯރމަލް ނައު… އަސްލު އެގަޑީގައި އެހާ ބޮޑަށް ޙާލު އެ ދަށްވީ ނޭވާ ހޮޅި ފިތުނީމަ… އެހެން ނޫނީ ހަމަ ބަރާބަރު ވާނެ… އަދި ދެތިން ދުވަހެއް ބާއްވާލާފައި އިތުރު ޓެސްޓު ތަކެއް ހަދާފައި ދޫކޮށްލެވޭނީ… މިހާރު ބައްދަލު ކޮށްލެވޭނެ…” ހިނތުންވުމަކާއި އެކު ޑަކްޓަރު އެހެން ބުނުމަށް ފަހު އެންމެން ވަނުމަށް ތަން ދެއްކިއެވެ. އޮކްސިޖަން ގުޅާފައި ރީޝާ އޮތް އިރު އޭނާގެ ދެލޯ އޮތީ ހުޅުވިފައެވެ. ކޯތާފަތް މަތިން ކަރުނައިގެ ރޮނގެއް ދެމިފައި ހުރި އިރު އޭނާގެ މޫނުމަތިން އަދިވެސް ބިރު ގަނެފައި ހުރިކަން ހާމަވެއެވެ. ވަސީމާ ވަން ގޮތަށް ދުވެފައި ރީޝާގެ ގާތަށް ދިޔައެވެ. އެ ދަރިފުޅު އެ ޙާލުގައި އޮތް ތަން ފެނި އެ ހިތް ފޮތި ފޮތި ނުވީ ކިރިޔާއެވެ. ރީޝާގެ މޫނުގައި ބޮސްދީފައި ރޯން ފެށި ގޮތުން އެތާނގައި ތިބި އެންމެންގެ ހިތް ތައް ވެސް ރޮއްވާލިއެވެ. ޝަރީފް ވެސް އައިސްފައި ކަރުނަވީ ދެލޮލުން ރީޝާ އަށް ބަލައިލިއެވެ. އެ ދަރިފުޅު އޭނާ އަށް އިންތިހާއަށް ބޭނުންވެފައި ވީ ވަގުތު ދަރިފުޅަށް ހިމާޔަތް ނުދެވުމުން އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. ރީޝާގެ ނިތުގައި ބޮސްދިނުމަށްފަހު ރީޝާގެ ބޮލުގައި ޝަރީފް ފިރުމާލިއެވެ. މިހާރު ފެންނަމުން އެދަނީ ޢާއިލާގެ ވަރުގަދަ ގުޅުމެވެ. މަންމަ އާއި ބައްޕަ އަދި ދަރިފުޅެވެ.
ރިޔާޝް ހުރީ ދެލޯ މަރައިގެންނެވެ. ރީޝާ އާއި ދިމާއަށް ބަލައިލިޔަސް އޭނާ އަށް ރޮވޭނެކަން އޭނާ އަށް އެނގެއެވެ. ރިއާޝް އާއި އަހުޝަމް އަށް ރިޔާޝް ހުރި ގޮތް ފެނުމުން އައިސް ބުރަކަށީގައި ޖަހަލާފައި ހިތްވަރު ދިނެވެ. ވަސީމާ އާއި ޝަރީފް ރީޝާ އާއި ދުރުވެލުމަށްފަހު ނަޔާ މެންނަށް ޖާގަ ދިނެވެ. “މަންމަ އަންނާނަން ކާލާނެ އެއްޗެއް ހިފައިގެން” ޝަރީފް އާއި އެކު ވަސީމާ ފިހާރައަށް ދިޔައީ ކާއެއްޗެއް ގަނެލުމުގެ ބޭނުމުގައެވެ. ނަޔާ އާއި ރިހުލާ އައިސް ރީޝާގެ ގައިގައި ބައްދާލިއެވެ. ލަމްހާ، ޒާނާ އަދި ޝިފާ ވެސް އައިސް ރީޝާގެ ގައިގައި ބައްދާލިއެވެ. “ރީޝް… އަޅޭ އެމީހުން ކީއްކުރީ… ހަމަ ހުވާ މިބުނީ މަގޭ އަތުގައި އެ އަލީ ޖެހުނު ނަމަ ހަމަ ޒަމާން ދުއްވާލާނަން…” ރުޅިވެރި ކަމާއެކު ނަޔާ ބުނިއިރު އެހެން ކުދީން ވެސް ނަޔާ އާއި އެއްބަސް ވިއެވެ. “ރީޕުޓްސް ބީ ސްޓްރޯންގ… ބުނީމެއްނު އަހޫ ހުއްޓަކާ އެ މީހުންނަކަށް ރީޕުގެ ޒިންދަގީގައި ހަކުރެއް ނުލެވޭނޭ….” އަހުޝަމް ސަމާސާ ރާގަކަށް އެހެން ބުނީ ރީޝާ ހިތްހަމަ ޖައްސައި ދިނުމަށްޓަކައެވެ. “އާރންން… މި ތުއްތު މަނިކު ބޭ ހުއްޓާ އަލީ ކީއްކުރަން؟ ހަސަނަކަށް ހުސޭނަކަށް ވެސް މަރިޔަނބަށް ގެއްލުމެއް ނުދެވޭނެ…” ރިއާޝް ވެސް އައިސް އަހުޝަމްގެ ކޮނޑަށް އަތް ވައްޓަލާފައި ރީޝާގެ ހިތް ހަމަ ޖެއްސޭތޯ ބެލިއެވެ. މަޑުމަޑުން ރީޝާގެ ތުންފަތަށް ހިނިތުން ވުން ވެރިވެގެން ދިޔައީ އަބަދުވެސް އޭނާގެ ގާތުގައި ދެގޮތެއް ނުވެ އެ އެކުވެރިން ތިބޭތީއެވެ. މިވަގުތު ކިތަންމެ ވަރަކަށް އެކުދިންނާއި ވާހަކަ ދަށްކަން ބޭނުން ވިޔަސް އޮކްސިޖަން މާސްކް އަޅުވާފައި އޮތުމުން ރީޝާ އަށް ވާހަކައެއް ނުދެއްކުނެވެ. ދެން މަޑު މަޑުން އޭނާގެ ދެލޯ ހޯދާލީ ރިޔާޝް އެވެ. އެ ނާޒުކު ދަނޑިވަޅުގައި ރިޔާޝްގެ އަތުތެރޭ އޭނާ އަށް އޮވެވުނުކަން ހަނދާން ވުމާއި އެކު އޭނާގެ ހިތަށް ފިނިކަން ލިބުނެވެ. ރިޔާޝްގެ އަތްދަނޑި މައްޗަށް އޭނާ ލައިގެން ގެންދިޔަ އިރު ރިޔާޝްގެ މޫނުމަތިން ފެނުނު ހިތާމައިގެ އަސަރު ރީޝާގެ ލޯމައްޗަށް ސިފަ ވެގެން ދިޔައެވެ. އޭނާ ސަލާމަތް ކޮށްދިނީ ރިޔާޝް ކަން ހިތަށް އެރުމާއި އެކު އެ ހިތުގައި އުފެދުނީ ސުވާލެކެވެ. ރިޔާޝްގެ ލޯބިވެރި އެއް ހުރޭ ނޫންހެއްޔެވެ؟. އެކަމަކު އޭނާ ސަލާމަތް ކުރަން އައީ ރިޔާޝް އެވެ. ރީޝާ އާއި ރިޔާޝް އަކީ އެކުވެރިންގެ ކުރިމަތީގައި ސަމާސާ ޖޯޑެކެވެ. ޙަޤީޤަތުގައި އެދެމީހުން ރައްޓެއްސެއް ނުވެއެވެ. އެ ގުޅުން އޮންނަނީ ހަމައެކަނި ޝޯވ ގައެވެ. އެހެން ނޫނީ އެދެމީހުން އުޅޭނީ އެކުވެރިންގެ ގޮތުގައެވެ. ރީޝާއަށް އޭނާ ރިޔާޝް ދެކެ ލޯބިވެވިއްޖެ ކަން ރޭކަލީ އިރު މާ ލަސް ވެއްޖެ އެވެ. ރިޔާޝް އެހެން މީހެއްގެ ޙައްޤަކަށް ވެނިމިއްޖެއެވެ. ތިން އަހަރު ވަންދެން އޭނާގެ ހިތުގައި އުފެދެމުން ދިޔަ ޖަޒްބާތުތައް ވިއްސި ވިހާލި ވެއްޖެއެވެ. އެ ލޯބި ހިތުގައި ފަސް އަޅައި ފޮރުވަން މަސައްކަތް ކުރަމުން ދިޔަ ވަރަކަށް ރިޔާޝް އޭނާ އާއި ގާތް ވާން ފެށުމުން އެކަން ރީޝާ އަށް ވީ ދަތި ކަމަކަށެވެ. ނަޔާ ނުވަތަ އަހުޝަމްގެ ގާތުގައި ވެސް އަދި އަދަށް ދާން ދެން ވެސް އެވާހަކަ އޭނާ ނުބުނީ ރިޔާޝްގެ ލޯބިވެރިއެއް ހުންނަކަން އެނގޭތީއެވެ. ވީއިރު މިއަދު ރިޔާޝް އޭނާ އެ ސަލާމަތް ކޮށްދިނީ ރިޔާޝް ވެސް އޭނާ ދެކެ ލޯބި ވާތީ ހެއްޔެވެ؟ ނުވަތަ އިންސާނިއްޔަތު ކަމުގެ ސަބަބުން ހެއްޔެވެ؟ އެހެންވިއްޔާ އޭނާ އެ ޙާލުގައި އޮއްވާ ރިޔާޝްގެ މޫނުމަތިން ހިތާމައިގެ އަސަރު އެވަރަށް ފާޅުވާން އެހުރީ ކީއްވެގެން ހެއްޔެވެ؟ އޭނާ އަކީ އިންސާނަކަށް ވީމާ ހެއްޔެވެ؟ ނޫނީ ގާތް އެކުވެރި އަކަށް ވީމާ ހެއްޔެވެ؟ ނޫނީ ހަމަ ރިޔާޝް ވެސް އޭނާ ދެކެ ލޯބި ވާތީ ހެއްޔެވެ؟ އެ ސުވާލުތައް ވީ ރީޝާގެ ހިތުތެރޭގައެވެ. ޣައިބު ވެފައެވެ. ރިޔާޝް އަށްޓަކައި އެ ހިތުގައި އުތުރި އަރަމުންދާ ޖަޒުބާތު ތަކާއި އެކުވެފައެވެ.
ކަރުނަ ތައް އޭނާގެ ދެލޮލުން ފައިބަމުން ދިޔަ ޙާލު ރިޔާޝް އެ ކަރުނަ ތައް ފުހެމުން ދިޔައެވެ. ކިތަންމެ ވަރަކަށް ފުހުނަސް އެ ކަރުނަތަކަށް ނިމުމެއް ނާންނާނެކަން ރިޔާޝް އަށް ވަރަށް ރަނގަޅަށް އެނގެއެވެ. ރީޝާ އަށް އެކަން ފާހަގަ ވުމުގެ ކުރިން އޭނާ ބޭރަށް ނުކުތެވެ. އޭނާ އާއި ދިމާއަށް ބަލައި ވެސް ނުލައި ރިޔާޝް ނުކުމެގެން ދިއުމާއި އެކު ރީޝާގެ ހިތުގައި ރިއްސާލިއެވެ. އޭނާގެ ހިތުގައި ދިއްލިފައި ވީ އުންމީދުގެ ހުޅުކޮޅު ކަނި ވެގެން ދިޔައެވެ. ހިތަށް ކުރި ފުން އަސަރުން އަނެއްކާވެސް ރީޝާގެ ދެލޯ ކަރުނުން ތެމެން ފެށިއެވެ. ހޮސްޕިޓަލުގެ ކެންޓީނަށް ރިޔާޝް ދިޔައީ ސާފު ވައިން ހިތަށް ހަމަޖެހުން ހޯދުމަށެވެ. އުޑުމަތީގައި އިންތިހާ އަށް ވިލާ ބޯވެފައި ވާއިރު އެންމެ ތަރި އެއްވެސް ނެތެވެ. ކައުނުގައި ވާ ހުރިހާ އެއްޗެއް ވެސް އޭނާގެ ހިތާމައިގައި ބައިވެރި ވާ ކަހަލަ އެވެ. އިރުކޮޅަކުން ފުލުހުން އޭނާ އަށް ގުޅިއެވެ. ލިޔާ އާއި އަލީ އަދި އަލީ އަށް އެހީވި ފަސް މީހުން ވެސް ހައްޔަރު ކުރެވި ތިރީސް އަހަރަށް ޖަލަށްލެވިފައިވީ ވާހަކަ ބުންޏެވެ. މީގެ ކުރީން ވެސް އަލީ އަދި ލިޔާ ވަނީ އެތަކެއް ކުށުގެ ރިކޯޑު ތަކެއްގައި ބެދިފައެވެ. މަސްތުވާތަކެތީގެ މައްސަލަ ތަކާއި، މާރާމާރީ ހިންގުމުގެ މައްސަލަތަކާއި، ޖިންސީ ގޯނާ ކުރުން ފަދަ ތަފާތު މައްސަލަ ތައް ހިމެނެއެވެ. އެފަދަ ކޮންމެ ފަހަރަކު ވެސް ނަސޭހަތް ދީފައި ދޫކޮށްލަނީ އެވެ. ނުވަތަ ކުރު މުއްދަތަކަށް ޖަލަށްލަނީ އެވެ. އެހެނަސް މިފަހަރު އެ ދެމީހުންނަށް ވެސް އެ ދެވުނީ ޙައްޤު ސަޒާއެވެ. ލިޔާ ތިރީސް އަހަރަށް ޖަލަށް ލެވުމުން ރިޔާޝްގެ ބޮލުން ހީވީ ބޮޑު ބުރައެއް ނެގި ހެންނެވެ. އަވަހަށް ރީޝާ ގާތު ރައްޓެހިވާން އަހަން އޭނާގެ ހިތަށް އެރިއެވެ. އެހެނަސް އޭނާ އެކަން ކުރަން ބޭނުން ވަނީ ވަރަށް ޚާއްޞަ ގޮތަކަށެވެ. ރީޝާ ހޮސްޕިޓަލުން ދޫކޮށްލީމާ އެންމެ ފުރަތަމަ ވެސް އޭނާ ކުރާނީ އެ ކަމެވެ. ކޮފީ ތަށި ދަމާލުމަށްފަހު ބިލު ދަށްކާފައި އަވަހަށް އޭނާ ރީޝާ ބާއްވާފައި އޮތް ކޮޓަރި އަށް ދިޔައެވެ.
ރިޔާޝް ދިޔައިރު ވަސީމާ ރީޝާ އަށް ކާން ދޭން އުޅުނެވެ. އޭރު ނަޔާ އާއި އަހުޝަމް އަދި ރިއާޝް ފިޔަވާ އެންމެން ގެއަށް ގޮސްފިއެވެ. ހުރިހާ ކުދިން މަޑު ކުރަން އުޅެފައި ވެސް ވަސީމާގެ އެދުމުގެ މަތިން ދިޔައީ އެވެ. ނަޔާ އާއި އަހުޝަމް އަދި ރިއާޝް މަޑުކުރީ ރީޝާ ބޭނުން ވެގެންނެވެ. މުހިންމު ވާހަކައެއް ދައްކަން ވެފައި އޮތީތީއެވެ. ރިޔާޝް ވަދެފައި ހިތްގައިމު ހިނިތުންވުމެއް ރީޝާ އަށް ހަދިޔާ ކޮށްލިއެވެ. ރިޔާޝް ހިނިތުން ވެލުމުން ވެސް ރީޝާ އަށް ފާޑަކަށް ބަލަން އިނދެވުނީ އެވެ. ވަސީމާ ދިއްކޮށްގެން އިން ފެން ތަށީގައި ތުން ޖެހިގޮތަށް ފެން ފޮދު ބޯލަން ވެސް ނޭނގިފައި އިނީއެވެ. ރިޔާޝްގެ މޫނަށް ގެއްލިފައެވެ. ނަޔާ ވެސް ރިޔާޝްގެ އެ ޢަމަލުން ނަގަންވީ މާނައެއް ނޭނގިފައި ފާޑަކަށް އަނގަ ހަދައިގެން ބަލަން ހުއްޓެވެ. އަހުޝަމް ބަލާކަށްނުހުރެ އެ މަންޒަރު ވީޑިއޯ ކޮށްލިއެވެ. ކޮންމެ މީހެއްގެ މޫނުމަތީގެ ކުލަވަރު ވެސް އަރާ ގޮތަށެވެ. ވަސީމާ އެހެން ދުނިޔެއަކަށް ގެއްލިފައި އިން ކަން އެއީ ރީޝާގެ ނަސީބެވެ. “ކޮބާ ކިހިނެއް މިހާރު؟…” ވަސީމާ އަށް ބޭޒާރު ވެދާނެތީ ނިކަން އެކުވެރި ރާގަކަށް ރިޔާޝް ރީޝާ ކައިރީ އަހާލިއެވެ. ރިޔާޝް އެހެން އެހުމުން ރީޝާ ކޮށި އެރިއެވެ. ވަސީމާ ސިއްސައިގެން ގޮސް އަވަހަށް ރީޝާ އަށް ފެން ދިނެވެ. ރިޔާޝް ގާތަށް އައީ ލާނެއް ހިންޏެކެވެ. އޭނާ ޙާލު އެހުމުން ވެސް ރީޝާ އަށް ވީ ވަރަކީ އެއީ އެވެ. ނަޔާ އާއި އަހުޝަމް އަދި ރިއާޝްގެ ހިނިގަނޑު ވެސް ފަޅައިގެން ނުދިޔައީ ކިރިޔާ އެވެ. ވަސީމާ އިންދާ ރީޝާ އަށް އެހެން ވުމުން ހިނި ނާންނާނީ ކާކު ހެއްޔެވެ؟ “ރީއްޕެ ގަދަ ވާނޭ…. މިހާރު ހަމަ ސަތޭކަ ދޯ ރީޕުޓްސް…” ރިޔާޝް އަށް ޖަވާބު ދިނީ އަހުޝަމް އެވެ. ހިނިތުން ވެލާފައި ރީޝާ ބޯ ޖަހާލި އިރު އަދިވެސް އޭނާ އިނީ ފާޑަކަށެވެ. މޮޔަ ހީވެފައެވެ. މަންމަ އިންދާ ރިޔާޝް އާއި ދިމާއަށް ބަލަން އިނދެވުމުންނެވެ. އަނެއްކާ ރިޔާޝް ޙާލު އެހުމުން ކޮށި އެރުމުން އޭނާ އިންތިހާއަށް ލަދު ގަތެވެ. މަންމަ ހީކުރާނީ ކީކޭ ކަމެއް ވެސް ނޭނގެ އެވެ. ކައި ނިމުމުން ރީޝާ ކޮންމެވެސް އެއްޗެކޭ ކިޔާފައި ވަސީމާ ފޮނުވާލިއެވެ. އަހުޝަމް ކައިރީ ބުނެގެން ރިޔާޝް ވެސް ފޮނުވާލިއެވެ.
އަހުޝަމް އޭނާ ފޮނުވާލުމުން ރިޔާޝް ހުރީ ފުއްޕާފައެވެ. ކޮމެޑީ ލޭންޑްގެ ހަތަރު ކުދިންގެ ވަގުތު ކޮޅެކޭ ކިޔާފައި އޭނާ ފޮނުވާލި އިރު އޭނާ އަކީ ވެސް ހަމަ ކޮމެޑީ ލޭންޑްގެ ނުލާހިކު ބޮޑު ހިއްސާ ދާރެކެވެ. އެހާ ވަރުން މިރޭ ރީޝާ އާއި ވާހަކަ ދައްކަން އުޅެނިކޮށް ވެސް އޭނާ އެޖެހުނީ އިތުރަށް އެއް ދުވަސް މަޑު ކުރާށެވެ. ގެއަށް ގޮސް އެނދުމައްޗަށް ވެއްޓިގަތީ ހެދުން ވެސް ބަދަލު ނުކޮށެވެ. އުމުރުން 20 އަހަރު ވީއިރު އަދިވެސް އޭނާ އުޅޭގޮތުން ރިއާޝް އަށް ވުރެ ކުޑަ އެވެ.
“ހޫން ކޮން ވާހަކައެއް ދައްކާށޭ ޔާޝް ދޮންބެ ތި ފޮނުވާލީ؟…”ރިޔާޝް ދިއުމުން ދޮރު ލައްޕާފައި އައިސް އަހުޝަމް ގޮނޑި އެއްގައި އިށީނދެ ލިއެވެ. ރީޝާ ދައްކަން އެ އުޅެނީ ކޮންމެވެސް ކޫސަނި ވާހަކަ އެއް ކަން އޭނާ އަށް އެނގެއެވެ. މީގެ ކުރިން ވެސް ބޮޑު ވާހަކަ އެކޭ ބޮޑު ކަމެކޭ ކިޔާފައި ރީޝާ ވަނީ އޭނާ ތަންތަނަށް ގެންގޮސްފައެވެ. އެ ބޮޑު ކަމަކީ ރަނގަޅަށް ބަލާއިރު ފިޔައެއް ނޮޅާލުން ކަހަލަ ކަމެކެވެ. “އޭ ބްރޯވްސް…. މަ ވަރަށް ދުވަސްވެއްޖެ މި ވާހަކަ ނުބުނެ އުޅޭތާ…. ބަޓް އައި ކާންޓް ކީޕް ދިސް ސިކްރެޓް އިން މައި ހާރޓް އެނީ މޯރ…” ފުން ނޭވާއެއް ދޫކޮށްލުމަށް ފަހު ރީޝާ އެނދުގައި އިށީނދެލިއެވެ. އޭނާ ބުނަން އެއުޅޭ ބޮޑު ވާހަކައިގެ ބޮޑު ކަން ބަލައިލަން ނަޔާ އާއި ރިއާޝް ވެސް ރީޝާ އަށް ކަންފަތް ދީގެން ތިއްބެވެ. “ޔެސް… މަށަކަށް ނޭނގެ ކީއްވެ ކޮން އިރަކު ކިހިނެއް ވީ ކަމެއް ކަމެއް ވެސް؟…އެކަމް މަށަށް އެނގޭހާ ވެސް އެއްޗަކީ މަށަށް މިކަން ވެއްޖެ ކަން…” ވަކި ވަކިން ކޮންމެ މީހެއްގެ މޫނަށް ނަޒަރެއް ދެމުން ރީޝާ އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. “ހޫން ދެން ތި މާ ހާސަރު ދިގުނުކޮށް ވީ ގޮތެއް ބުނެބަލަ… ޔަގީނޭ އަނެއްކާ ބޮލުން އިސްތައްޓެއް ވަކިވީ ކަން… އާން އެ އަށްވުރެ ބޮޑު ކަމެއް މަންޖެ އަކަށް ނުވާނެ…” ރީޝާގެ ވާހަކަ ދިގު ކަމުން އަހުޝަމް އަނގަ ގަދަ ކުރަން ފެށިއެވެ. “ޕިސް ޕިސް އަހުއްޓި ކައެ މަޑުން އިނދެބަލަ… ބަލި މީހުންނަށް އޯގާތެރި ވާން ވާނެ…” އަހުޝަމްގެ ކަންފަތުގައި ހިފާލަމުން ރިއާޝް ބުންޏެވެ. “ހޫންންން…އާޝް ބްރޯ އަށް ވިސްނެއޭ…. ހަމަ ބުނަން ވީ ތަ ވީގޮތް؟..” ރީޝާ ބުންޏެވެ. “އަޖައިބެއް… ބުނެބަލަ” ކަންފަތުގައި ފިރުމަމުން އަހުޝަމް ބުންޏެވެ. “އައި ލަވް ސަމް ވަން ވެރީ މަޗް….” އެހިސާބަށް ބުނެލުމަށްފަހު ރީޝާ ދެލޯ މަރާލިއެވެ. ރީޝާގެ ދުލުން ބޭރުވި ލަފްޒާއި އެކު އެންމެންނަށް ތިބިތަނުން ތެދުވެވުނެވެ. ނަޔާގެ އަނގަމަތީ އަތް އޮތް އިރު އަހުޝަމްގެ އަނގަޔާއި އެއްވަރަށް އަހުޝަމްގެ ދެލޯ ވެސް ހުރީ ބޮޑު ވެފައެވެ. ރިއާޝްގެ އަނގަމަތީގައި ޝަހާދަތް އިނގިލި ޖެއްސުނުގޮތަށް އިތުރު ކަމެއް ކުރަން އެސޮރު ހަނދާން ވެސް ނެތެވެ. އެންމެން ވެސް ލިބުނު ސިހުމުގައި އަނގަ ނަގައިގެން ތިއްބެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.



