އޭނާ ކޮއްކޮއެއްގެ ހައިސިއްޔަތުން ދެކޭ ކުއްޖެއްގެ ސަބަބުން އޭނާގެ ދޮންބެ އަށް ހިތާމައެއް ލިބޭކަށް ރިއާޝް ބޭނުމެއް ނުވެއެވެ. ކޮންމެ ގޮތެއް ވިޔަސް ހެޔޮ ކަމަށް އަހުޝަމްގެ އަތް މައްޗަށް އޭނާ އެކަން ދޫކޮށްލީ ރިޔާޝް އަށް ދޭނެ ލަފައެއް އޭނާ އަށް ނުވިސްނުމުންނެވެ. އަހުޝަމް ވެސް ހުރީ އޭނާ އަށް ނިންމުނު ގޮތާއި މެދު މާ ހިތް ހަމަ ޖެހިފަކާއެއް ނޫނެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާގެ ސަބަބުން އޭނާ ވެސް ބޭބެ އެއްގެ ގޮތުގައި ދެކޭ މީހަކަށް ދެރައެއް ލިބޭކަށް އޭނާގެ ހިތެއް ނޭދެއެވެ. އެހެން ވިޔަސް އޭނާ އަށް ވެސް ކުރެވޭނީ ވަކި ކީއް ހެއްޔެވެ؟ ލޯބީގައި އެއްވެސް ތަޖުރިބާއެއް ނެތެވެ. ލޮއެއްބާއި ބެހޭ ގޮތުން އެންމެ އެނގޭނީ ވެސް ރީޝާ އަށެވެ. އެކަމަކު މި މައްސަލަ ޖެހިފައި މިއޮތީ ވެސް ރީޝާ އާއެވެ.
****************
އިރު އޮއްސެން ކައިރިވުމުން ރިޔާޝްގެ ފަހަތުން އަހުޝަމް އާއި ރިއާޝް ގެއަށް ދިއުމަށް މިސްރާބު ޖެހިއެވެ. އިރު އޮއްސޭ ރީތި މަންޒަރުގެ އަވައިގައި ޖެހިފައި ރީޝާ މެން ތިބީ އަތަށް ފޯނު ތައް ހެޔޮވަރު ކޮށްގެންނެވެ. ރިއާޝް މެން ދިޔަ މަގުމަތީގައި ރީޝާ މެން ފެނުމުން އެ މީހުންނަށް ޖެއްސުން ކޮށް ނުލާ ދާން ފިރިހެން ކުދިންގެ ހިތެއް ނޭދުނެވެ. މަގުގެ އެއްފަރާތުގައި ބައިސްކަލު ތައް ބެހެއްޓުމަށްފަހު ކޮންމެ މީހަކު މަގޫ ފަތް ކޯޅިއެއް ހިފައިގެން އަންހެން ކުދީން ތައް ކައިރިއަށް ދިޔައެވެ. “މިއައޯވް…” ޖެޓީ މަތީގައި ހުރެގެން ކެމެރާ ސެޓު ކޮށްލި ރީޝާ ސިއްސައިގެން ދިޔައީ އޭނާގެ ކަންފަތް ބުޑުން ބުޅަލެއް ގޮވާލި އަޑު އިވުމުންނެވެ. ކުރިމަތީގައި އޮތީ ފުން ފަޅެއް ކަން ނޭނގޭ ޙާލު ގަތް ބިރުން ރީޝާ ކުރިއަށް ދުއްވައިގަތެވެ. އަޅާލި ފުރަތަމަ ފިޔަވަޅާއި އެކީ ރީޝާ އަރި އަޅާލައިގެން ޖެޓީ މަތިން މޫދަށް ވެއްޓެން ދިޔައެވެ. އެކަމަށް ހުށިޔާރު ވެގެން ހުރި ރިޔާޝް ލަތްކެއް ޖަހައި ރީޝާ އޭނާގެ ގަޔާއި ދިމާއަށް ދަމައިގަތެވެ. އަހުޝަމް އާއި ރިއާޝް ވެސް ނަޔާ މެންނަށް ހަމަ އެ ލަނޑު ދިނެވެ. އެކުދިން އައި ރުޅީގައި ރިޔާޝް މެން ފަހާ ދުއްވައިގަތެވެ. އަހުޝަމް ބަލާކަށްނުހުރެ ބައިސްކަލަށް އަރައި ދުއްވާލިއެވެ. ރިއާޝް ދިޔަގޮތަށް ގޮސް މޫދަށް ފުންމާލިއެވެ. ރިޔާޝް އޭނާގެ ފަހަތުން ދުވަމުން އައި ރީޝާ އަތް ދަނޑި މައްޗަށް ހިއްލާލުމަށްފަހު އެނބުރެން ފެށިއެވެ. “އޭތްތްތް…. ދެން ޔާޝް ދޮންބޭ… ބަހައްޓާ ތިރީގާ……” ފޫޅަށް ވައި އެރުމާއި އެކު ރީޝާ ރިޔާޝްގެ މޭގައި ގޮށް މުށުން ތަޅަން ފެށިއެވެ. ރީޝާ އެހެން ކުސްތަޅަން ފެށުމުން ރިޔާޝް އަށް ވީ މަޖާ ކަމަކަށެވެ. އިތުރަށް ރީޝާ ބިރު ގަންނުވާލުމަށްޓަކައި ގޮސް ރީޝާ މޫދަށް އެއްލާލާކަމަށް ހެދުނެވެ. އެއާއި އެކު ރިޔާޝްގެ ހުޑީ އޭނާގެ އަތުތެރެއަށް ބޮނޑިކޮށްލާ ރިޔާޝްގެ މޭ ތެރޭ ރީޝާ އޭނާގެ މޫނު ފޮރުވާލިއެވެ. އެވަގުތު ދެހިތުގެ ތެޅުން އެކަކު އަނެކަކަށް އިޙުސާސް ވިއެވެ. މަޑުމަޑުން ރިޔާޝް ރީޝާ ތިރީގައި ބެހެއްޓިއެވެ. މީހުން ބަލަން ތިބުމުން ރީޝާ ރިޔާޝް އަށް ލޯ އަޅާލިއެވެ. ނޫން ކަމަށް ހެދިފައި ރިޔާޝް ބޯ ކަހަން ފެށިއެވެ. މަޖާ ވަގުތު ކޮޅަކަށް ފަހު ގެއަށް ދިޔައީ އެންމެން އެއްކޮށެވެ.
ރޭގަނޑުގެ ކެއުމަށް އިންސާފު ކުރުމަށްޓަކައި ހުރިހާ އެންމެން ހަބީބާ މެން ގެއަށް ޖަމާވިއެވެ. އެއީ ރިހުލާގެ މާމަ ގެ ކަމުން ހުރިހާ ކުދިންނަށް ވެސް ކުރެވެމުން ދިޔައީ އަމިއްލަ ގެ ކަމުގެ އިޙުސާސެވެ. ވާނީ ވެސް އެހެން ނޫން ހެއްޔެވެ؟ ހަބީބާ ވެސް އެ ކުދިންނާ އެކު އެހާ ސަކަރާތް ޖަހައެވެ. އެކުދިން ހަބީބާ އާއި އެކު އުޅޭއިރު ހީވާނީ ހަބީބާ އަކީ ވެސް ފުރާވަރުގެ ކުއްޖެއް ހެންނެވެ. ހަބީބާ ދެކެނީ އެ ކުދިންނަކީ ވެސް ހަމަ އޭނާގެ މާމަ ދަރިން ކަމަށެވެ. ކެއުން ތައްޔާރުވަން ދެން ނަޔާ، ރީޝާ އަދި ރިހުލާ އަނބު ގަސް ދޮށުގައި ހުރި ޖޯލި ތަކަށް ދިޔައެވެ. އިރުކޮޅަކުން ޒާނާ އާއި ލަމްހާ ވެސް އެކުދީންނާއި ބައިވެރި ވިއެވެ. އަނބު ގަސް ދޮށަށް އާދެވުމުން ރީޝާގެ ހިތް ރޮއްވާލިއެވެ. އެ ގަސް ދޮށުގައި ހުއްޓާ އޭނާ އަށް ފެނުނު ހިތްދަތި މަންޒަރު ހަނދާން ވުމުން ހިތުގައި ރިއްސާލިއެވެ. ރިޔާޝް އާއި އޭނާގެ ލޯބިވެރިޔާ ގައި ގޯޅި ވެގެން ތިބި މަންޒަރު ހިތަށް ސިފަވާން ފެށުމުން ރީޝާ ދެލޯ މަރާލިއެވެ. ލޮލުން ކަރުނަ އަންނަން އުޅޭހެން ހީވުމުން އަވަސް އަވަހަށް އެސްފިޔަ ޖަހާލިއެވެ. “ދީރޭ ދިރޭ ސޭ މެރި ޒިންދަގީ މޭ އާނާ…. ދީރޭ ދީރޭ ސޭ މެރި ދިލް ކޯ ޗުރާނާ… ފެނިފާ ލޯބި ވެވިއްޖޭ ދެލޮލާ ރީތި މޫނާ… ތުމްސެ މިލްކަރް ތުމްކޯ ހޭ ބަޓާނާ ބަރަބޯ…” ސުޕާރި ޕެކެޓެއް ދަތުން ކަނޑަމުން އަހުޝަމް އައިސް ލަވައެއް ކިޔާލިއެވެ. ލަވައިގެ ފަހު ތަންކޮޅު އޭނާ ކީ ގޮތުން އެންމެނަށް ވެސް ހެވުނެވެ. “ޖަބްސޭ ތުޖެ ދޭކާ ދިލްކޮ ކަހީން އާރާމް ނަހީ… ކިހިނެއްހޭ ހާލު ބަޔާން ކޮށްދޭނީ ލޯބިން ދެން… ތިޔަ ސޫރަ ހިތުން ނުފިލާނޭ ކެރިހުރެ ވައުދު ވަމޭ…” ލަވައިގެ އަނެއް ބައި ކިޔަމުން ރިޔާޝް އައިސް ރީޝާގެ ކުރިމަތީގައި އިން ޖޯލީގައި އިށީނެވެ. ރީތި ލަވައެއް ކަމުން ރީޝާ އަކަށް ވެސް އެ ލަވަ ނުކިޔާ ނީނދެވުނެވެ. ލަވައިގެ އަނެއްބައި އޭނާގެ ރަން އަޑުން ކިޔަން ފެށިއިރު އެ ލަފްޒު ތައް އޭނާ އަމާޒު ކުރަމުން ދިޔައީ ރިޔާޝް އަށެވެ.
ހަބީބާ އައިސް ކާން ހެދިފައި ހުރި ވާހަކަ ބުނުމުން އެންމެން ކާން ދިޔައެވެ. ރިޔާޝް ބެލީ ރީޝާގެ ކައިރީގައި އިށީނދެވޭތޯ އެވެ. އެކަމަކު އެއަށްވުރެ ކުރިން ނަޔާ އާއި ލަމްހާ ގޮސް ރީޝާގެ ދެ އަރީގައި އިށީނެވެ. ހިތުން ނަޔާ މެންނަށް އެއްޗިހި ގޮވަމުން ގޮސް އަނެއް ފަޅީގައި ހުރި ގޮނޑިތަކުގައި އިށީންނަން ރިޔާޝް ދިޔައެވެ. “އޭ އޭ އަހުއްޓި ކަލޯ އިނދޭ ތިތާ… އޭ އުހޫން މަށަށް ގެނޭ ތި ގޮނޑި.. ޕިސް ކައެ އިނދޭ ތިތާ..” ރިއާޝް އާއި އަހުޝަމް ގޮނޑިއާއި ކޯޅި ކޯޅި ތިއްބާ ރިޔާޝް އަވަހަށް ގޮސް ރީޝާގެ ކުރިމަތީގައި އިން ގޮނޑީގައި އިށީނެވެ. މޭޒުމަތީގައި އަތުރާފައި ހުރި އެކި ވައްތަރުގެ ދިވެހި ކާނާއަށް ނަޒަރު ހިންގާލި އަހުޝަމްގެ ސޮނި ނުވެއްޓުނީ ކިރިޔާ އެވެ. “އައްދެ لا إله إلا الله ދަރިފުޅާ އަހުސަމް ބަނބުކެޔޮ ބަތް މިހުރީ…” އަބޫބަކުރު އޭނާގެ ތައްޓަށް ބަތް އަޅަމުން އަހުޝަމް އަށް ގޮވާލި އެވެ. “އައްޗީޑި… އަހުއްޓި ބުރޯ ބަނބުކެޔޮ ބަތް ކައިގެން މިރޭ ފޮޑި ނުތަޅައިފިއްޔާ ރަނގަޅު…” ރިހާކުރާ ތެލުލިފަތާ ބަތާ މޮޑެމުން ރީޝާ އަހުޝަމް އާއި ދިމާކޮށްލިއެވެ. “އޭ އައްދޭ… އެއްކަލަ ރިހާކުރު ހަލީމާ ފެށީ… މަންޖެ ތެލުލިފަތް ކައިގެން މިރޭ އުޅެން ޖެހޭނީ ގޭސް ފުޅި ލީކު ވެގެން…” މިރުހެއް ހަފާލަމުން އަހުޝަމް ބުންޏެވެ. “ކަލޯ މިރޭ އުޅެން ޖެހޭނީ ފަހާނައިން ނޭރިގެން…” ކިރުސަރުބަތު ތަށިން އެތި ފޮދެއް ބޯލަމުން ރީޝާ ބުންޏެވެ. “ހޫން އަދި އެނގޭތަ އެންމެނޭ އެއްދުވަހު މި އަހުއްޓި މި އައީ އިނގޭ އަޅުގަ ބަލައި ސްޓޫޑިއޯ އަށް ދާން… މިގޮލާ އައީ ތެލުލި ބަނބުކެޔޮ ކައިގެން… ދެން މަ ބަލައި އައި ގޮލާ ސީ ލަވައިގަނެގެން މަ ބަހައްޓާފަ ނައްޓާލީ… އަދި ސައިކަލުގަ އިން އިރު ވެސް އިނީ ފޮޑި ޖަހާލަ ޖަހާލާ… ” އެތަށް ދުވަހެއް ކުރީގެ ހަނދާނެއް ރީޝާ އާ ކޮށްލިއެވެ. އެ ދުވަސް ހަނދާން ވުމުން އަހުޝަމް ލަދު ގަތެވެ. އަނެއްކާ މަންމަ މެން ތިއްބާ ރީޝާ އެ ވާހަކަ ބުނުމުން އޭނާ ކަޑަ ވީ ވެސް އިންތިހާ އަށެވެ. ” އެހެން ދޯ ވާނީ މަންޖެ އައި ގޮތަށް އައިސް މަ ގައިގާ ލެނޑީ ވިއްޔަ… ” ކަޑަ ނުވާން ވެގެން އަހުޝަމް ރީޝާ މަތި ކުރަން ފެށިއެވެ. އެކަހަލަ މަޖާ ވާހަކަ ތަކެއްގައި ކައި ނިންމާލި އިރު އެންމެންގެ ބަނޑު ވެސް ހުރީ ޕޮއް ކިޔަން ގާތް ވެފައެވެ. އަނެއްކާ ރީޝާ އާއި އަހުޝަމްގެ ޒުވާބުން އެންމެން ތިބެނީ ހީ ހީ ހަލާކު ވާން ގާތް ވެފައެވެ. ދޭތެރެއަކުން ހަބީބާ ހުރެލާފައި ބުނާ މަޖާ އެއްޗިހިން ވެސް އެމީހުން ހިންޏައިގެން ހަލާކުވެއެވެ.
އާ ދުވަހަކަށް އިރު އެރީ ރީޝާގެ ލޮލަށް ފެނިގެންނެވެ. ‘ސަން ރައިޒް’ ބަލަން އަންނަން ކީ އެކަކު ވެސް ގަޑި އަކަށް ނާދެއެވެ. އެކަމާ ފުއްޕާލާފައި ރީޝާ އިނީ ގެއަށް ވެސް ނުދާން ހިތު އަޅައިގެންނެވެ. މޫދަށް ވެއްޓިފައި އޮތް ރުކެއް މަތީ އިށީނދެލައިގެން އިން އިރު ހީވަނީ ހަންޑި ގަނޑުވަރު ދޮން ކަމަނަ ހެންނެވެ. ލައިގެން އިނީ ރަތް ކުލައިގެ އަރި ފަޅި އެކެވެ. ތިރިން ކަޅު ފުއްޕި ހަރުވާޅެކެވެ. އިސްތަށިގަނޑު އެއްފަރާތަކަށް ހުޅި ޖަހާފައި ހުރި ގޮތުން ހަމަ ހަންޑިއަކަށް ދޫ ނުކުރާނެއެވެ. އަނެއްކާ އިށީނދެގެން އިނީ ވެސް ވަލު ތެރޭ ހަންޑިން ތިބޭހެން އެއް ފައި ފަހަތަށް އަނެއް ފައި ލައި އެލުވާލައިގެންނެވެ. އެހެން އިނދެފައި އަޅެ ރައިވަރެއް ކިޔާލާނެ ނަމައެވެ. ދޮން އަހަންމަދަށް އެ އަޑު އިވިއްޖެއްޔާ މޮޔަވީހެވެ.
މިއަދު ފަތިހުގެ އަރާމުކަން ހޯދަން ރިޔާޝް ބޭނުންވީ ތަންމަތީގައި އޮވެގެންނެއް ނޫނެވެ. ރިއާޝް އާއި އަހުޝަމް މިސްކިތުން އައި ގޮތަށް ނިދަން އެރުމުން އޭނާ އެކަނި ބަނދަރަށް ދާން ނިންމިއެވެ. ފައިވާން އަތަށް ނަގައިގެން ސާފު ދޮންވެލި ގަނޑުމަތީ ރިޔާޝް ފިޔަވަޅު ގުނަމުން ދިޔައެވެ. ލައިގެން ހުރި މަޑު ނޫ ކުލައިގެ ޓީޝާޓާއި ހުދު ސޯޓު ހިތްގައިމު ފަތިހަކަށް ފުދެއެވެ. އިރުގެ ދަޅަތައް މޫނަށް އެޅެން ހެދުމުން ގިރުވާނުގައި އިން އައިނު ނަގައި އޭނާގެ މޫނުގެ އެއް ބައި ފޮރުވާލިއެވެ. ކާޅާއި ކޮވެލީގެ ތަރާނާ ތަކާއި ރާޅު ބީއްސާ ހިތްގައިމު އަޑު އިވުމުން ރިޔާޝްގެ ހިތަށް ބަޔާން ކުރަން ދަތި އުފަލެއް ލިބެމުން ދިޔައެވެ.
ސުރަޖް ހުއާ މައްދަމް…
ޗާންދް ޖަލްނޭ ލަގާ…
އާސްމާން ޔޭ ހޭ…
ކްޔުން ޕިގަލްނޭ ލަގާ…
ޖަލްތާ ރަހޭ ސުރަޖް….
ޗާންދް ރަހޭ މައްދަމް….
ޔޭ ކްވާބް ހޭ މުޝްކިލް….
ނަ މިލް ސަކެންގޭ ހަމް…
ހްމްމްމްމް…..
ރުކުގެ ކުރީގައި އިށީނދެގެން އިން ކާޅަށް ރީޝާ އޭނާގެ ހިތުގެ ޙާލު ލަވައެއްގެ ސިފައިގައި ބަޔާން ކޮށްދިނެވެ. އެ ކާޅު ވެސް އޭނާ އާއި ދިމާއަށް ބަލަހައްޓައިގެން އިން ގޮތުން ހީވަނީ ރީޝާ އެބުނާ އެއްޗެއް އެއަށްވެސް ފަހުމު ވާ ހެންނެވެ. މަޑުމަޑުން އޭތި ކުކުރާލިއިރު ރީޝާ އާއި ދޭތެރޭ ހަމްދަރުދީ ވާ ހެން ވެސް ހީވެއެވެ.
އިސްދަށަށް ޖަހައިގެން ހިނގަމުން އައި ރިޔާޝް އަށް އިސްއުފުލާލަން މަޖުބޫރުވީ އަސަރުގަދަ ލަވައެއްގެ އަޑު އިވުމުންނެވެ. އެ ލަވައިގައި އެންމެ ފަހުން ކީ ތަންކޮޅު އޭނާގެ ކަންފަތުގައި ގުގުމާލިއެވެ. މީ ހަޤީޤަތަކަށް ހަދަން އުނދަގޫ ހުވަފެނެކެވެ. އެހެންކަމުން އަހަރެމެން ދުވަހަކު ވެސް ނުގުޅޭނެއެވެ. ލަވައިގައި އެ ބުނަނީ މިހެންނެވެ. އެ ކުއްޖަކު އެ ލަވަ އެކީ ހާދަހާ ހިތަށް ތަދުވެގެންނޭ ރިޔާޝްގެ ހިތަށް އެރިއެވެ. އަނެއްކާ މިއީ އޭނާ އާއި ރީޝާ އަށް ވެސް ވާން އޮތް ގޮތް ބާއެވެ. ނޫނެކެވެ. އެހެން ވެގެން ނުވާނެއެވެ. މިއީ ކިތަންމެ އުނދަގޫ ރާސްތާ އަކަށް ވިޔަސް ކާމިޔާބުގެ މަންޒިލާއި ހަމައަށް އޭނާ ވާސިލްވާނީ ރީޝާގެ އަތުގައި ހިފައިގެން ހުރެއެވެ. އިޚްތިޔާރުން ބޭރުގައި ރިޔާޝް އަށް އެ އަޑު އައި ދިމާއަށް ދާން ހިނގައިގަނެވުނެވެ. ހިސާބަކަށް ދުވެވުނު ތަނާ ރިޔާޝްއަށް ރުކެއްގެ މަތީގައި އިށީނދެގެން އިން އަންހެން ކުއްޖަކު ފެނުނެވެ. މޫދާއި ދިމާއަށް އެ ރުއް ގުދުވެފައި އޮތް އިރު އެ އަންހެން ކުއްޖާ އިނީ ރިޔާޝް އަށް ފުރަގަސް ދީގެން ނެވެ. އޭނާގެ ހިތުގެ ތެޅުން އަވަސް ވާން ފެށީ ބިރެއް ފެނިގެން ހިތް ތެޅޭ ހާ ބާރަށެވެ. އެ އަންހެން ކުއްޖާގެ އިސްތަށިގަނޑު ވަޔާ ހޫރެން ދޫކޮށްލާފައި އޮތް އިރު ލައިގެން އިނީ ރަތް ހެދުމެކެވެ. ތިރިން ލައިގެން އިނީ ކަޅު ހަރުވާޅެއް ކަމެއް ކަނޑިއްކެއް ކަމެއް ވަތްކެއް ނުވެއެވެ. އޭނާ ލައިގެން އިން ހެދުން ބައެއް ފަހަރު ލިބާހަކާ ވެސް ވައްތަރެވެ. އަނެއްކާ އެއީ ހަންޑިއެއް ބާއެވެ. ވާހަކަ ތަކުގައި ލިޔެފައި އޮންނަ ކަނޑު ފުރޭތައެއް ބާއެވެ. ފިލްމު ތަކުން ފެންނަ ރަތް ލިބާސް ލީ ދޮން ކަމަނަ ބާއެވެ. ހިސާބަކަށް ބިރުގަނެފައި ހުރެވެސް ރިޔާޝް އެ އަންހެން ކުއްޖާ އާއި ދިމާއަށް ހިނގައިގަތެވެ. ތަސްބީޙަ ކިޔަމުން އޭނާ ގޮސް އެ ރުއް ކައިރީ މަޑު ކޮށްލިއެވެ. ދެ ތިން ފަހަރު ފުން ނޭވާއެއް ލުމަށްފަހު ކަރު ކެހިލިއެވެ. ފަހަތުން މީހަކު ކަރު ކެހިލި އަޑަށް ސިއްސައިގެން ގޮސް ރީޝާ ނުވެއްޓުނީވެސް ކިރިޔާ އެވެ. އިސްތަށިގަނޑު އެއްފަރާތަކަށް ގެނެސް ފަހަތް ބަލައިލިއެވެ. ދެލޯ މަރާ ބާރުކޮށްގެން ހުރެ ރިޔާޝް ޝަހާދަތް ކިޔަމުން ދިޔައެވެ. “ޔާޝް ދޮންބެ؟….” ކަރު ކެހުނީ ރިޔާޝް ކަން އެނގުމުން ރީޝާ ހަމަޖެހުނެވެ. ރީޝާގެ އަޑު ޖެހުމުން ރިޔާޝް ވަގުތުން ދެލޯ ހުޅުވާލި އެވެ. “ރީޝް ތަ؟… ނަސީބެއްނު… ޔާޝް ހީކުރީ ހަންޑި ގަނޑުވަރު ދޮން ކަމަނަ ކަމަށް…” ފުން ނޭވާއެއް ލައިފައި ރިޔާޝް ރުކަށް އަރަން ފެށިއެވެ. “އަސްލު ވެސް މީ ހަންޑި އަކަށް ވެއްޖެއްޔާ އޯ؟…” ރިޔާޝް ބިރުގަނެފައި ހުރި ކަން އެނގުމުން އިއްޔެ ކުރި ކަންތަކުގެ ބަދަލް ދިނުމަށް ރީޝާ ބުންޏެވެ. “އެ އޭން؟… ޝަހާދަތް ކިޔާބަލަ…” ރީޝާ އެހެން ބުނުމުން ރިޔާޝް ބިރުގަންނަން ފެށިއެވެ. ރިޔާޝް އިތުރަށް ތަޅުވާލުމަށްޓަކައި ރީޝާ ނުލަފާ ގޮތަކަށް ހޭން ފެށިއެވެ. “ރި ރި ރީޝް… ތި ތީ ހަމަ ރީޝް ތަ… ރީޝް ޕްލީޒް ސްޓޮޕް އިޓް… ސްޓޮޕް ރީޝް ޕްލީޒް…” މީހާ ތުރު ތުރު ލަމުން ދިޔަ ޙާލު ރިޔާޝް އާދޭސް ކުރަމުން ދިޔައެވެ. އަންހެން ކުދިން އެހާ ބާރަށް ހޭކަށް ނުވާނޭކަން ހަނދާން ވުމުން ރީޝާ އަވަހަށް ހުނުން ހުއްޓާލިއެވެ. “އޯކޭ އޯކޭ… މީ ރީޝް އޭ… ހަންޑި އެއް ނޫނޭ… لا إله إلا الله محمد رسول الله اشهد ان لا اله الا الله و أشهد انمحمد رسول الله صلى الله عليه وسلم… ހެޕީ؟..” އިސްތަށިގަނޑު ގަތަމުން ރީޝާ ހިނިތުންވެލިއެވެ. ބިރުން ތުރު ތުރު ލަމުން ދިޔަ ރިޔާޝް ހަމަޖެހުނީ ދެނެވެ. އަދިވެސް އޭނާ ސުބުޙާނަﷲ ކިޔުން ހުއްޓައެއް ނުލައެވެ. ރީޝާ އާއި ދިމާއަށް ފެން ފޮދެއް ޖަހާލުމަށްފަހު ރުކަށް އެރިއެވެ. ” ހަހަހަ އިއްޔެ މިއައޯ ގޮވީމަ އޭގެ ބަދަލު…” ރިޔާޝް އައިސް އޭނާ ކައިރީގައި އިށީނުމުން ރީޝާ ބުމަ ހިއްލާލިއެވެ. “އޭ އެކަމް ތިކަހަލަ ކަންތައް ނުކުރައްޗޭ… ޔާޝް ކިރިޔާ ބިރުން ހަލާކު ނުވީ…” ސޯޓު ފޮޅާލާފައި ރިޔާޝް ބިރު ފިލުވަން ވާހަކަ ދައްކަން ފެށިއެވެ. ދެމީހުން ވާހަކަ ދައްކަން ހަ ގަޑި ބައި ވީ އިރު ވެސް ތިއްބެވެ. އެތައް އިރަކު އެތަށް ވާހަކައެއް ދެކެވުނު އިރު އެކަކު ވެސް ލޯބިވާ ވާހަކަ އެއް ނުބުނެއެވެ. ހައްތަހާވެސް މޮޔައިންނެވެ. މިއަށްވުރެ ރަނގަޅު ފުރުސަތެއް އަޅެ ރިޔާޝް އަށް ލިބޭނެ ހެއްޔެވެ؟ އަހުޝަމް އާއި ރިއާޝް އުނދަގޫ ކުރާކަށް ނެތެވެ. ނަޔާ މެން ތިބީ ގަދަ ނިދީގައެވެ. ރަށު ތެރޭގައިވެސް މީހަކު ނުކުމެ އުޅޭ ހެނެއް ހިއެއް ނުވެއެވެ. ދުރު ދުރުން އުދުހިފައި ދާ ކާޅުތައް ވެސް އެދެމީހުންގެ ދޭތެރެއަކަށް ނުވަންނާނެއެވެ. އޭ މިހިރަ ފެންނަ ރިޔާސާ އެވެ. ކައިރީގައި ތީނީ ކަލޯ ލޯބިވެގެން އުޅޭ ރީސާ އެވެ. މިތާކު އަހުއްޓި އެއް އާއްޓެއެއް ކަލޯ މެން ދެމީހުން ދެމެދަށް ވަންނާކަށް ނެތެވެ. ނަސީމާ އެ އޮތީ ހުވަފެން ބަލަން ރަޖާ ދަށަށް ވަދެއެވެ. އިސާހިތަކު މީހަކު ބީޗް ބޮގަކަށް އައިސް ދާނެއެވެ. ތި ނިކަން ލޯބިވެޔޭ ކިޔާ ހަޅޭއްލަވައިގަން ބަލާށެވެ. އޭރުން މަ ވެސް ލޯބި ވެެޔޭ ކިޔާ ރީޝް ހަޅޭއްލަވައިގަންނާނަމެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.




Alhe fahe magey galhitte konthaakun tha thi khiyaalu thah nereny????
Masha Allah varah molhu ingey mihaaru
Klw hessa salhi mi Bai vx
Mae mihaaru mi episode thah kiyany meehun nei thanthaaga…hevey Varun salaamai nuvegen..
Btw mihaarun feshigen eba visnan bulhaleh libeythw u Annam vaairah…Kaley dhn avahah esoru lavaa lwbi vaa vhk bunuvabala…keh madhuvey mihaaru eba vrh bodah….ey aan bas dheythi….ehaaluga manje ruh buriehga indhaa fenijjeya ma golaa athah gaa burieh heyo varukoggen furathama kaaku thw balan dhaanyves..amayyaai….Kal vrh fodi nuthalhaa meeheh viyya ahutti ladhu gannavan mi ulheny…kalw vrh salhi ingey mi vhk dhigu kuramun twist thah Genna goi…vrh lwbi vey ingey u dheke…vrh reethi u ves vhk ves