ޔާރާ ފެނުނީމާ 5
ކައިރާގެ ހިތް އާދަޔާ ޚިލާފަށް ބާރަށް ތެޅެމުން ދިޔައީ އޭނާ އިސްވެ ވާހަކަ ދައްކާނެ ކަމަށް ހީކޮށް ބުނެލާނެ އެއްޗެއްގެ އިންތިޒާރުގައި ހުންނަން ޖެހުމުންނެވެ.
ކުރިމަތީގައި އޭނައާ ދިމާލަށް ކަޅިޖަހައިނުލައި ބަލަމުން ދިޔަ އަންހެންކުއްޖާއަށް އަޔާން ބަލާލިއެވެ. މޫނުމަތީގައި ދަންނަ މީހެއްގެ ވައްތަރު ޖަހަމުން ގެންދާތީވެ އަޔާންވެސް ރަނގަޅަށް ބަލަމުން ގެންދިޔައެވެ. ބޮޑަށް ސިކުނޑިއަށް ވާންކޮށްލަމުން އޭނާ ދެލޯ ހަނިކޮށްލިއެވެ. އެއީ ކައިރާކަން އެނގުމުން އޭނާއަށް ހިންދިރުވާލެވުނެވެ. ބުރުގާ އަޅައި ދިގު ހެދުން ލާފައި ހުރުމުން އޭނާއަށް އޮޅޭގޮތްވީއެވެ. މޫނުމަތީގައި ކުރިން ހުންނަ ޅަގޮތްގަނޑު ކެނޑި ހަރު ވައްތަރު ޖަހަމުން ދިޔައިރު، ވައްތަރުވެސް ހެޔޮވެލާފަ ހުރިކަން އޭނާއަށް ފާހަގަ ކުރެވުނެވެ.
މާފާޑަކަށް އޭނާގެ ފައިން ފެށިގެން ބޮލާ ހަމަޔަށް އަޔާން ބަލަމުން ގެންދިއުމުން ކައިރާ ލަދުގަންނަ ގޮތްވިއެވެ. އިސްޖަހާލަމުން ހިނިތުންވެލީ އެހެންވެއެވެ. ޔަޤީނެވެ. އަޔާންއަށް އޭނާއަކީ ކާކުކަން ނޭނގުނީއެވެ. ދެމީހުންނަށް އެކަކު އަނެކަކު ނުފެންނަތާ 7 އަހަރުވުމުން އެއީވެސް ވެދާނެ ގޮތެއް ކަމަށް ކައިރާ ޤަބޫލުކުރިއެވެ.
” ކައިރާތަ؟” އާދައިގެ ރާގެއްގައި އަޔާން އަހާލިއެވެ.
އަޔާން އެހެން އަހައިލުމާއެކު ކައިރާ ވަގުތުން ބޯ ޖަހައިލިއެވެ. ހީވަނީ މާކުރިންވެސް އެ އިޝާރާތްކުރުމަށް އޭނާ ތައްޔާރުވެގެން ހުރިހެނެވެ. ހަރަކާތް އަވަސްވެގެން ދިޔުމުން އޭނާއަށް ތިން ހަތަރު ފަހަރު ބޯޖަހައިލެވުނެވެ.
” އެލީޝާމެން ގޭގަ ދޯ އުޅެނީ؟ ކޮބާ އެލީޝާ އެބައުޅޭތަ ގޭގަ؟”
އަޔާން ދެން ކޮށްލި ސުވާލުތަކުން އޭނާގެ ހިތް މަރުވެގެން ދިޔަކަހަލައެވެ. އޭނާ ފެނުމުން އަޔާން އެއްވެސް އުފަލެއް ނުވަނީ ހެއްޔެވެ؟ ހާލު ބަލައިނުލި ތާނގައި ކުރަނީ ކީއްތޯވެސް އަހައެއް ނުލިއެވެ.
( އެލީޝާ އެބައުޅޭ ގޭގަ.) ކައިރާ އަތުން އިޝާރާތްކުރިއެވެ.
އެއާއެކު މަޑުކުރުމެއްނެތި އަޔާން މައްޗަށް އަރައިގެން ދިޔައެވެ. އަޔާންގެ އެބީރައްޓެހިކަން ފެނި ކައިރާގެ ހިތަށް އަސަރުކުރުވިއެވެ. މިދުވަހަކަށްޓަކައި އޭނާ ކުރީ ކޮންފަދަ ފޮނި އިންތިޒާރުތަކެއް ހެއްޔެވެ؟ އަނެއްކާ އަޔާން އެލީޝާ އެހޯދަނީ ކޮން ބޭނުމަކު ހެއްޔެވެ؟ އޭނާއާއި އެލީޝާއާ ދެމީހުންނަކީ ދެބެންގެ ދެދަރިންކަން އަޔާންއަށް ރަނގަޅަށް އެނގޭނެއެވެ. ހިތަށް ވެރިވި އެއްޗަކުން އޭނާއަށް ތެޅިގަނެވުނެވެ. އަޔާންއާ އެލީޝާއާ ދެމެދުގައި ގުޅުމެއް އޮތީބާވައެވެ.
ވަކި ހިސާބަކަށް ސިޑިން އެރުމަށްފަހު އަޔާން ފަސްއެނބުރި ބަލާލިއެވެ. އޭރު ކައިރާ ނުކުމެގެން ދަނީއެވެ. ކައިރާއާމެދު ކަންތައްކުރެވުނު ގޮތް ވިސްނާލާފައި އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. އެހެނަސް އެވަގުތު ފާއިތުވެއްޖެއެވެ. ބައެއްފަހަރު ކަމެއް ކުރުމަށްފަހު އެކަން އެގޮތަށް ކުރެވުނު ނަމައޭ ނުވަތަ މިގޮތަށް ކުރެވުނު ނަމައޭ ހިތަށް އަރައެވެ. މިއީވެސް އެކަހަލަ ކުޑަ ކުޑަ ކަމެކެވެ. ނަމަވެސް އެވަގުތު އޭނާއަށް މުހިންމީ ކައިރާ ނޫންކަން ބުނެދިނީ ކާކު ކަމެއް އޭނާއަކަށް ނޭނގުނެވެ.
ދޮރު ކުރިމަތީގައި ހުއްޓިހުރެ އަޔާން ބެލް އަޅާލިއެވެ. އިރުކޮޅެއްފަހުން ދޮރު ހުޅުވުނެވެ.
“ކީއްކުރަން ތިއައީ؟”
ކުރިމަތީގައި ހުރި އަޔާން ފެނުމުން އެލީޝާ މޫނު ކުނިކޮށްލިއެވެ.
” ޕިސް. ރުޅި އައިސްފަތަ؟ އެދެން ރުޅި އަންނަން ޖެހޭ ވަރުގެ ކަމެއް ނޫނެއްނު. އަސްލު ބޭބެއެއް ބަލިވެ އުޅޭތީ ނާދެވުނީ.” އެތެރެއަށް ވަދެގަންނަމުން އަޔާން ވާހަކަ ދެއްކިއެވެ.
” ދެން ގުޅާލާފަ ނޫނީ މެސެޖަކުންވެސް އެކަން އަންގާލެވިދާނެ ދޯ. އެލީ ހާދަ ގިނައިރަކު އެތާ މަޑުކޮށްގެން ހުރީމޭ. ދެން އެހެންނޫނަސް އަޔާން އެކަނިތަ “ބޭބެއެއް” ބަލަން ހުރީ؟” ހަށަންބަދެލަމުން އެލީޝާ ވާހަކަ ދެއްކިއެވެ.
” ސޮރީ ޑާލިންގް. ދެން އެހެނެއް ނުވާނެ. ” ހިނިތުންވެލަމުން އަޔާން އެލީޝާގެ ކޮލުގައި ހިފާލިއެވެ. އެލީޝާ އެންމެ ފަހުން ކުރި ސުވާލުން އަޔާން ހިތްހަމަ ނުޖެހުނު ނަމަވެސް އޭނާ އެކަން ނުދެއްކީ އެލީޝާގެ މިޒާޖު އެނގޭތީއެވެ. ދެކޮޅަށް ދޭތި ބުނެލާއިރަށް އެލީޝާ ހުންނާނީ ރޭސް އަރާފައެވެ.
ކުޑަކޮށް ހުޅުވިފައިވާ ދޮރުގެ ދޭތެރެއިން އަޔާންއާއި އެލީޝާއާ ދެމެދު ވެދިޔަ ހުރިހާ ކަމެއްހެން ކައިރާ ބަލަން ހުއްޓެވެ. ކައިރި ފިހާރައަކަށް ދާން އުޅެފައިވެސް އެތަނަށް ނުގޮސް އަންނަން އޭނާގެ އަމިއްލަ ނަފްސު އޭނާއަށް މަޖުބޫރު ކުރުވީ އަޔާން އެލީޝާ ހޯދަން އެގެއަށް އައި ސަބަބު ބަލަން ބޭނުންވާތީއެވެ. ފެނުނު މަންޒަރުތަކާއި އިވުނު އަޑުތަކުން އެކަން ރަނގަޅަށް ސާފުވެއްޖެއެވެ.
އަޔާންއާއި އެލީޝާ ގޮސް ސޯފާގައި އިށީނދެލިތަނާ ކައިރާ އެތެރެއަށް ވަނެވެ. ހާމަ ފެންޑާގެ ތެރޭގައި ދެމީހުން ޖަހަމުން ދިޔަ ސަކަރާތުގެ އަޑު އިވިލިއެވެ. އެތެރެއަށް ވަދެގެން ދިޔަ ކައިރާ އެމީހުންގެ ލޮލުގައި އަޅައިގަތެވެ.
” ކައިރާ. ”
އަޔާން ގޮވާލި އަޑާއެކު އޭނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ކައިރާ ފަސް އެނބުރި ބެލުމެއްނެތި ކުރިޔަށް ހިނގައިގަތުމަށްފަހު ކޮޓަރިއަށް ވަނެވެ.
ކައިރާގެ އެޢަމަލުތައް ފެނިފައި އަޔާން ދެކޮނޑު އަރުވާލިއެވެ. ހަމަގައިމުވެސް އޭނާގެ އަޑު ކައިރާއަށް ނުއިވި ނުދާނެއެވެ. އެ އަޑާއެކު ކައރާގެ ފިޔަވަޅުތަކަށް ހުއްޓުމެއްއައި ކަމީ އެކަމުގެ ހެތްކެކެވެ.
” އަޅާނުލާ. ކައިރާގެ ވައްތަރޭ އެއީ މިހާރު.” ކައިރާއަށް ގޮވުމަށްފަހު ފުން ޚިޔާލަކަށް ގެއްލިގެން ހުރި އަޔާން ފެނުމުން އެލީޝާ ބުނެލިއެވެ. އަޔާންއާއި ކައިރާއާ ދެމީހުންނަކީ ކުޑައިރުގައި ނިކަން ގާތް ދެއެކުވެރިންކަން އެލީޝާއަށް އެނގެއެވެ.
ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު ކައިރާ ދޮރުފަތާއި ލެނގިލިއެވެ. އަތުގެ ނިޔަފަތިތައް ހަފަމުން ދިޔައިރު ކޮންމެވެސް ވަރަކަށް ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އަޔާންއާއި އެލީޝާގެ ދެމެދުގައިވާ ގުޅުން އެނގުމުން އޭނާގެ ހިތަށް އަސަރުކުރީއެވެ. ނުވިތާކަށް ފުރަތަމަ އަޔާންގެ ފަރާތުން ފެނުނު ބީރައްޓެހިކަން ފެނި ހިތުގައި ޖެހުނީއެވެ. ދެރަވާން ބޭނުންނުވިޔަސް ދެރަވަނީއެވެ. ލޮލުން ފެންވެސް އަންނަނީއެވެ. ހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން އަޔާން ގޮވުމުންވެސް އެއަޑަށް ބީރުކަންފަތެއް އެވަގުތު އޭނާ ދިނެވެ.
އެލީޝާއާއި އަޔާންގެ ދޭތެރެއަށް ވަންނަން އޭނާއަށް ހަމަހިލާ ނުކެރޭނެއެވެ. އެހެނީ އެލީޝާގެ ހިތުގައި އޭނައާ ދޭތެރޭ ކޮންމެފަދަ ކިލަނބުކަމެއް އޮތަސް އޭނާގެ ހިތް އެލީޝާއަށް ސާފެވެ. އަބަދުވެސް ދެކެނީ އެލީޝާއަކީ އޭނާގެ ކޮއްކޮއެއްގެ ގޮތުގައެވެ. ކޮއްކޮގެ ލޯބިވެރިޔާ ޖަހައިގަތުމަކީ އޭގެ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟ ނުވަތަ އޭނާގެ ލޯބިވެރިޔާ ޖަހައިގަތީ ކޮއްކޮ ކަމަށް ބުނެވިދާނެ ހެއްޔެވެ؟
އަތުތެރޭގައި އޮތް ފޯން ވައިބްރޭޓް ވުމާއެކު ކައިރާ އެއަށް ބަލާލިއެވެ.
” މިރޭ 9 ޖަހާއިރު ރަސްފަންނަށް އަންނާތި. އައި ވިލް ބީ ދެއާ. ހަނދާންކޮށް އަންނައްޗޭ އިނގޭ.” ނާއިކްގެ މެސެޖެކެވެ.
” އޯކޭ. ” ކައިރާ ކުރު ޖަވާބެއް ފޮނުވައިލިއެވެ.
އަޔާން ދާނޭހާއިރު ކޮށްފައި ކައިރާ ބަދިގެ ފަރާތަށް ނުކުތީ ބަނޑުހައިވާން ފެށުމުންނެވެ. އޭރު އާސިފާއާއި ގޭގައި ގެންގުޅޭ އަންހެން މީހާއާ ދެމީހުން ބަދިގެ ތެރޭގައި އުޅުނެވެ. އާސިފާއަށް ބަލާލަމުން ކައިރާ ހިނިތުންވެލިއެވެ.
” އަންޖޫ. އާދެބަލަ ދައްތައާއެކު ގެސްޓް ރޫމް ސާފުކޮށްލަން. އަޔާން އުޅޭނީ އެރޫމްގަ އޭނާގެ މަންމަމެން ލަންކާއިން އަންނަން ދެކަށް. އަޔާން އެނގެއެއްނުދޯ. އެލީޝާ ރައްޓެހި ކުއްޖާ. މިގެޔަށް އާދެޔެއްނު. ކައިރާ އުނދުންމަތީގަ ހުރި އެއްޗަށް ބަލާލައްޗޭ. ”
އާސިފާ އަންޖޫ ގޮވައިގެން ބަދިގެއިން ނުކުމެގެން ދިޔައީ ގެސްޓް ރޫމް ސާފްކުރުމަށް ކަމަށް ބުނަމުންނެވެ. ކައިރާގެ ސިކުނޑިއަށް ނަގައިގެނެވުނީ އަޔާންގެ ވާހަކައެވެ. އަޔާން އުޅޭނީވެސް މިގޭގައި ހެއްޔެވެ؟ އަޔާންއާ ދުރަށްދެވޭނީވެސް އޭނާ ލޯކުރިމަތިން ނުފެންނަ ނަމަތާއެވެ. އެހެނަސް އެލޯބި ހިތުގައި ފަސްއަޅާ ފޮރުވަން އަދި މާއަވަސްކަމަށް އޭނާގެ ހިތުގެ ކޮންމެވެސް ކަނަކުން ބުނަމުން ދިޔައެވެ.
ފްރިޖުން ބޮޑު ޖޫސް ޕެކެޓެއް ނެގުމަށްފަހު ކައިރާ އެ ބިއްލޫރިއަކަށް އަޅަން ފެށިއެވެ. އެއާއެކު އޭނާއަށް ތެޅިގަނެވުނީ މީހަކު އޭނާގެ ލޯމަތީގައި މަޑުމަޑުން އަތް އެޅުމުންނެވެ. ބޮޑު ހަރު އަތްތިލައެއްކަމުން އެއީ ފިރިހެނެއްކަން އޭނާއަށް އެނގުންވިއެވެ.
” ނުބަލާނަންތަ ކާކުތޯވެސް މީ؟ ”
އޭނާގެ ކަންފަތުގައި އެޖެހުނީ އަޔާންގެ އަޑެވެ. ކައިރާ މަޑުމަޑުން އެއަތްތިލަ އޭނާގެ ލޯމަތިން ނަގަމުން އެނބުރިލިއެވެ. ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައި ހުރި އަޔާން ފެނުމުން ކައިރާގެ ހިތުގެ ތެޅުން އަވަސްވިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔުމާއެކު ކައިރާގެ ހިތަށް ގޮތެއް ވެލިއެވެ. ނޭނގޭ އިހުސާސެއް ކުރެވުނީ އޭނާގެ އަމިއްލަ އިޚުތިޔާރުން ބޭރުގައެވެ. އެދެލޮލުގެ ފުންކަމުގެ ތެރެއަށް ގެނބިގަންނަން އޭނާ ބޭނުންވިއެވެ.
ކައިރާ އިސްޖަހާލީ އިރުގަނޑެއް ފަހުންނެވެ. އެއާއެކު އަޔާންއަށްވެސް ހަމަ ބިމަށް އާދެވުނު ކަހަލައެވެ. އޭނާއަށްވެސް ބަލަހައްޓައިގެން ހުރެވުނީއެވެ. ނޫންކަމަށް ހެދިލަމުން އަޔާން ތަންކޮޅެއް ދުރަށް ޖެހިލިއެވެ.
“ކީއްވެ އަހަރެން ގޮވީމަ އަޅައިނުލައި ދިޔައީ؟ ނުބުނާތި އަޑުނީވުނީއޭ. އަހަންނަށް އެނގޭ ކައިރާއަށް އިވުނުކަން އަހަރެން ގޮވި އަޑު.”
އަޔާން ވާހަކަދައްކަން ފެށުމުން ކައިރާގޮސް އުނދުންމަތީ ހުރި އެއްޗަށް ބެލުމަށްފަހު އެނިއްވާލިއެވެ. އަޔާންގެ ސުވާލަށް ޖަވާބު ދިނުމުގެ ވިސްނުމެއް އޭނާގެ ނެތް ކަހަލައެވެ. ކުއްލިއަކަށް އޭނާ ހުއްޓުން އެރީ އަޔާން އޭނާގެ އަތުގައި ހިފައިލުމުންނެވެ.
” ޖަވާބުދީ. އެހެންނޫނީ އަތުން ދުލެއް ނުކުރާނަން.” އަޔާންގެ މޫނުމަތިން ފެންނަމުން ދިޔައީ ސީރިއަސް ކަމެވެ. ކައިރާ ބެލީ އޭނާގެ އަތް އަޔާންގެ އަތުން ނެއްޓުވޭތޯއެވެ.
” ހާދަ ހީވެއޭ މަގޭ ދެކެ ހިތްހަމަ ނުޖެހިފަ ހުރިހެން. ސޮރީ. ކުރީކޮޅު ރަނގަޅަށް ވާހަކަ ނުދެއްކުނީމަ. އަސްލު މުޅިން އެހެން ޚިޔާލެއްގަ ހުރީމައޭ އޭރު.”
ކައިރާގެ މޫނުގެ ކުލަވަރު ދެނެގަންނާކަށް އަޔާންއަށް މާ އުނދަގުލެއް ނުވިއެވެ. އަދި ކައިރާގެ އަތުން ދޫކޮށްލަމުން ސުވާލު ތަކުރާރު ކުރިއެވެ.
“(އެގަޑީ ފާޚާނާއަކަށް ދާންޖެހިގެން)” ކައިރާ އަތުން އިޝާރާތްކުރިއެވެ. ދޮގެއް ހަދައިގެން ވިޔަސް މިސުވާލަށް ޖަވާބުދޭން އެބަޖެހޭތާއެވެ.
” ޔާން. ކޮބާ؟” އެގަޑީގައި އެލީޝާ އައިސް ބަދިގެއަށްވަނެވެ. އެވަގުތު ކައިރާއާ އަޔާންއާ ދެމީހުން ތިބިގޮތުން ދެމީހުންގެ މޫނަށް ވަކިވަކިން އޭނާ ބަލައިލިއެވެ. ދެމީހުންވެސް ތިބީ އެކަކު އަނެކަކުގެ ކުރި މައްޗަށް ވާގޮތަށެވެ. ކައިރާ އޭނާގެ ރީތިކަމުގެ ދަލުގައި އަޔާން ޖައްސުވައިގެން އޭނާގެ އަތުން އަޔާން ޖަހައިގަންނާނެއެވެ. މިއީ އެންމެ ފުރަތަމަވެސް އެލީޝާގެ ހިތަށްވެރިވި ކަމެވެ. ކައިރާއަށްޓަކައި އޭނާގެ ހިތުގައި ރޯވެފައިވާ ހަސަދައިގެ ހުޅުކޮޅު އެއީ ނިވުމެއް ނެތް ހުޅުކޮޅެކެވެ. އެއަލިފާންގަނޑަށް އެންމެ ބޯކޮށް ތެޔޮ އެޅިގެން ދަނީ މީހުންގެ ވިހަގަދަ ބަސްތަކުންނެވެ. އޭނާ ކައިރާއަށް ނަފްރަތު ކުރާ ސަބަބު ވަނީ އޭނާގެ ހިތުގެ ތެރޭގައެވެ.
” މީ ކައިރާއާ ވާހަކަދައްކާލަނީ.” އެލީޝާ މާބޮޑަށް ބަލަން ފެށުމުން އަޔާން ބުނެލިއެވެ. އެލީޝާއަކީ ޝައްކާއި ވަހުމުތަކާއި ކުށް ހީތަކުން ނަފްސު ބަރާކޮށްގެން އުޅޭ މީހެއްކަން އަޔާން ދަނެއެވެ.
” ހޫމް. ދެން އާދެބަ. ކައިރާ. ކަޅު ސައި ދެތަށި ހަދާލެވިދާނެތަ؟ އެލީއާއި ޔާންއާ ދެމީހުނަށް. ޕްލީޒް ކައި ދެން ނޫނެކޭ ނުބުނާތި. އެ އަންޖޫގަނޑުވެސް ނެތް ފެންނާކަށް.” މޫނަށް ތުއި ވައްތަރުތަކެއް އަރުވަމުން އޭނާގެ ތުއި އަޑުން އެލީޝާ ވާހަކަ ދެއްކިއެވެ. ކައިރާ ބޯޖަހައިލަމުން އަވަސްވެގަތީ ކަޅު ސައި ހަދާށެވެ.
” ހޫމް. ތިބޭނެ ހެދިކާވެސް. އެވެސް ގެންނާތި އިނގޭ.” އަޔާންގެ އަތުގައި ނިކަން ލޯބިން ހިފައިލުމަށްފަހު އެހެން ބުނެލަމުން އެލީޝާ ދާން އުޅެގަތެވެ.
” އެދޮގެއް ކައިރާއެއް ނޫން ހަދާނީ. އަހަރެން ބޯހިތްވަނީ އެލީގެ ތިދެއަތުން ހަދައިގެން.” ހުރި ތަނުގައި ހުއްޓިހުރެ އެލީޝާގެ ދެއަތަށް ކުޑަކޮށް ފިތައިލަމުން އަޔާން ބުނެލިއެވެ. އަޔާން އެހެން ބުނެލުމާއެކު އެލީޝާ އިސްއުފުލާ ބަލައިލީ ދެބުމަ ގޮތް ޖަހައިގެން ހުރެއެވެ.
” ޕްލީޒް. ” އަޔާން ފާޑެއްގެ ވައްތަރެއް މޫނަށް ޖައްސައިލަމުން އާދޭސްކުރާ ރާގަކަށް އެހެން ބުނެލިއެވެ. އިތުރު އެއްޗެއް ނުބުނެ އެލީޝާ މަސައްކަތް ފެށިއެވެ. އެވަގުތު އަޔާން ކައިރާއަށް ބަލާލަމުން އެއްލޯ މަރައިލި ގޮތުން ކައިރާއަށް ހެވުނެވެ.
***** ****
ކޮޓަރީގެ ދޮރު ހުޅުވުމަށްފަހު މަޑުމަޑުން ދުންޔާ ދޮރުން އެތެރެއަށް ދެމިގަތެވެ. ފާޚާނާއިން ފެން އޮހޮރޭ އަޑު އިވުމުން ނާއިކް ހުރީ ފާޚާނާގައިކަން އޭނާއަށް ފަހުމްވިއެވެ. ރީތިވާ މޭޒުމަތީގައި ބާއްވާފައި އޮތް ނާއިކްގެ ފޯނު ނެގުމަށްފަހު އޭތި ހުޅުވަން އުޅެގަތެވެ.
ޕާސް ވޯޑު ޖަހައިފައި ހުރުމުން އެކަން ވާގޮތެއް ނުވިއެވެ. ދުންޔާ އޭނާއަށް ހީވާ ނަންތަކެއް ޖަހަން އުޅެގަތުމާއެކު ކައިރާގެ ނަން ސިކުނޑިއަށް އައެވެ. ގައިމުވެސް ފާސް ބަހަކީ ނާއިކްގެ ނަންކަމަކަށް ނުވިއެވެ. އިނގިލިތައް ހަރަކާތް ކުރަމުން އޭނާ ” ކައިރާ” އިނގިރޭސިން ޖަހައިލުމާއެކު ވަގުތުން ފޯނު ހުޅުވުނެވެ. ނާއިކް އޭނާގެ ފޯނުގެ ފާސް ބަހަކަށްވެސް ކައިރާގެ ނަން ޖަހައިގެން މިއުޅެނީ އެއަންހެނަކާ ހެދި ހާދަ ވަރެއް ވެފައި ހުރީމަތާއެވެ. ވަގުތުން ވައިބަރ އިން އައިސް އިން ނޮޓިފިކޭޝަނެއް އޭނާގެ ލޮލުގައި އަޅައިގަތެވެ.
” އޯކޭ” ކައިރާ ފޮނުވި މެސެޖެކެވެ. ދުންޔާ ނާއިކްއާއި ކައިރާއާ ދެމީހުން ދައްކާފައިވާ ވާހަކަތައް ބަލަމުން ދިޔައެވެ. އިނގިރޭސިއަށް ކޮށިވުމުން މާފަސޭހަކަމާއެކު ދެނެނުގަނެވުނަސް ލަސްލަހުން އޭނާ އެކިޔަމުން ގެންދިޔައެވެ. ޔަޤީނުންވެސް ލޯބީގެ މެސެޖެއް ނެތެވެ. އެކަމަކު އޭނާއަށް އެމެސެޖުތަކުން އެނގުނު އެއް ކަމަކީ މިރޭ އެދެމީހުން ބައްދަލުކުރަން ރާވާފައިވާ ކަމެވެ. މިލިބުނީ ފާރަލާން ރަނގަޅު ފުރުސަތެއް ކަމުގައި އޭނާ ދެކުނެވެ. އޭނާ އެކޮޓަރިއަށް ވަނީވެސް ނާއިކްގެ ފޯނު ބެލުމުގެ ބޭނުމުގައެވެ. ވައިބަރގައި އިން ކައިރާގެ ޕީޕީއަށްވެސް އޭނާ ބަލައިލިއެވެ. ބުރުގާ އަޅާފައިވާއިރު އެއީ ވަށް މޫނެއްގެވެރި ދޮން ކުއްޖެކެވެ. އެއީ އޭނާގެ ދަރި ކައިރާހެންވެސް އޭނައަށް ހީވިއެވެ.
” މަންމާ!”
ފަހަތުން ނާއިކްގެ އަޑުއިވުމުން އޭނާ ދިޔައީ ސިއްސައިގެންނެވެ. އަތުގައި އޮތް ނާއިކްގެ ފޯނު ބިންމައްޗަށް ވެއްޓުނީވެސް ސިހުނު ވަރުންނެވެ. ފޯނުގެ ނަސީބު ގަދަކަމުން ބިންމަތީގައި ޖެހުމުން އެއަށް ގޮތެއް ނުވިއެވެ. ނަމަވެސް ދުންޔާގެ އަތުގައި ނަސީބު ހިފިކަމަކަށް ނުވިއެވެ. މާބޮޑަށް ފޯނުގެ ތެރެއަށް ވަދެވުމުން އޭނާއަށް ނާއިކްގެ ހަރަކާތްތަކަށް ފާރަވެރި ނުވެވުނީއެވެ. ވެއްޓިފައިވާ ފޯނު އަތަށް ނަގަމުން އޭނާ ނާއިކްއާ ކުރިމަތިލިއެވެ.
” ބަލާބަލަ މިއޮތް ކަމެއް އޭ. ނާއިކްއަށް ނޭނގެނީތަ ތަރުތީބުން އެއްޗެހި ބަހައްޓާކަށް؟ ލޯޝަން ފުޅީގެ މަތިނުޖަހާ. މިމޭޒުމަތީގަ ހުސް ޖެލް މިހިރީ. މަންމަ އަތް ޖެއްސިތަނާ ކައްސާލާފަ މިފޯނު މިވެއްޓުނީ.”
ރީތިވާ މޭޒުމައްޗަށް ބަލަމުން އޭނާއަށް ފެނުނުހާ އައިބުތަކަށް އިޝާރާތްކުރަމުން ދުންޔާ ވާހަކަ ދެއްކިއެވެ.
ޤަބޫލުކުރަން ދަތި ނަމަވެސް ނާއިކް އިތުރު އެއްޗެކޭ ނުބުންޏެވެ. އެހެނީ ދުންޔާ އެފޯނަށް ބަލަހައްޓައިގެން ހުރިގޮތް އޭނައަށް ރަނގަޅަށް ފެނުނެވެ.
އެއްޗެހި ތަކެއް ކިޔަމުން ފޯނު ބޭއްވުމަށްފަހު ދުންޔާ އެކޮޓަރިން ނުކުތެވެ. އަދި ގޮސް ފެންޑާގެ ބެލްކަންޏަށް ނުކުންނަމުން އޭނާގެ ފޯނު އަތަށް ނެނގިއެވެ. ނަންބަރުތަކެއް ޖެހުމަށްފަހު މީހަކަށް ގުޅާލިއެވެ.
” ހަލޯ ނާހިދާ. މީ މަށޭ އެނގިއްޖެތަ؟ ދުންޔާ. ” އެކޮޅުން ފޯނު ނެގުމާއެކު ދުންޔާ ވާހަކަދެއްކިއެވެ.
” ހޫމް. ކީކޭ؟” ނާހިދާ ބުނެލިއެވެ.
” އާދެބަލަ މިގެއަށް ހަމަ މިހާރު. ތިހިރީ މާލޭގައެއްނު. މައުޅޭ ގެވެސް އެނގޭނެ ދެން. ހުއް. ކީއްކުރަން ސަބަބު ބަލަނީ. ފަހަރުގަ ސަޔެއްވެސް ލިބިދާނެ.” ދުންޔާ ވާހަކަ ދައްކައި ނިމުމުން ފޯނު ކަނޑާލިއެވެ.
****** ****
” ދެން ބުނެބަލަ. ކީއްކުރަން އެހާ ވަރުން މަ މިތަނަށް ތިގެނައީ” ކުޅި ބޯކިބާ ފޮއްޗެއް އަނގަޔަށްލަމުން ނާހިދާ ވާހަކަދެއްކިއެވެ.
” ކަމަކު އެދެންވެގެނޭ.” ދުންޔާ ބުނެލިއެވެ.
“އާއެކޭ. މަށަށް އޭރުވެސް އެނގެޔޭ އެދުމެއްނެތި ވެދުމެއް ނުކުރާނެކަން. ތިޔަ އުޅެނީ ކައިރާއާ ނާއިކްގެ ވާހަކަ ދައްކަންށެއްނު. ބުނަން ރަނގަޅު ވާހަކައެއް. މާމޮޅެތި ގޮތްގޮތް ނުހަދާ ނާއިކް ކައިރީ ހަޤީޤަތް ބުނޭ. އަދި ކައިރާގާތުވެސް.” ނާހިދާ ނިކަން ފޯރިއަރާފައި ވާހަކަ ދެއްކިއެވެ.
” އޭއި. މަޑުން ވާހަކަ ދައްކާތި. ނާއިކް އެބައުޅެޔޭ ގޭގަ. އަސްލުވެސް އެއީ އެކައިރާތަ ހަމަ؟ ކިހިނެތް ނާހިދާއަށް އެނގުނީ.” ދުންޔާ އެންމެ ފުރަތަމަ ޔަޤީންކުރަން ބޭނުންވީ އެކަމެވެ.
” އެކައިރާހޯ. މަށަށް ދެން އޭނަ ވަކިކުރަން ނޭނގޭނެތަ؟. ކަލެޔަށް ނުފެނުނަސް މަށަށް ފެނެޔޭ އެމީހުން އެކުގަ އުޅޭތަން. އެދުވަހު ހީވެގެން ފާރަލީމޭ ވަރަށް. އެންމެފަހުން ކަލޭގެ ސޮރު ކައިރީ މައެހީ އެއީ ކޮން އަންހެން ކުއްޖެއްހޭ. ބުނިހާއިރުން ބުނެފި ތިމަންނާގެ ރައްޓެއްސެކޭ. މަށަށް ވަގުތުން އެނގުނު އެދެމީހުންނަށް ހަޤީޤަތް ނޭނގޭކަން. ” މީހެއްގެ ހިލަންވި އަޑު އިވިގެން ދެމީހުންވެސް ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލިއެވެ. އަނެއްކާ އެއީ ނާއިކް ހެއްޔެވެ؟
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Bro nice ☺️❤️
Waiting for the next part
Thanks firewolf queen?❤️
Part 6 will be released soon