Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ޔާރާ ފެނުނީމާ 4

Ali Alsham Level 110 Stories
March 5, 2022 5 Mins Read
0 Comments

” އަނހަ. މަންމާ ވަދޭ ވަދޭ.”
ފަރީދާއަށް ބަލާލަމުން އާސިފާ ހިނިތުންވެލިއެވެ. އާސިފާއަކީ ފަރީދާގެ ދަރިފުޅު ރަމީޒްގެ އަންހެނުންނެވެ.

” މިއީ ކައިރާ ތަ؟. ބޮޑުވެއްޖެއޭ ދޯ މިހާރު” ކައިރާގެ އަތުގައި ހިފައިލަމުން އާސިފާ ވާހަކަދެއްކިއެވެ. އިސްއުފުލާލަމުން ކައިރާ ހިނިތުންވެލިއެވެ.

” އެލީޝާ ކޮބާ؟ އެމަންޖެ ލޮލުން ނުދެކޭތާ އެތައް އަހަރެއްވެދާނެ. އަދިވެސް ރާއްޖެ އަންނާކަށް ނުޅޭތަ؟”
ފަރީދާ އޭނާގެ މާމަދަރިފުޅު އެލީޝާ ކޮބައިތޯ އަހާލިއެވެ.

” މަންމާ! އެލީޝާ އަދި ދެ އަހަރު އެކޮޅުގަ ނަގާނެ ކިޔެވުން ނިންމާލަން. އެއަށްވުރެ ކުރިން އޭނަ ރާއްޖެ އަންނާކަށް ބޭނުމެއް ނުވޭ.” މިފަހަރު ވާހަކަދެއްކީ ފޮށިތައް އެތެރެއަށް ވައްދަމުން ދިޔަ ރަމީޒްއެވެ.

” އާސިފާ. ދޭބަލަ މަންމަމެނަށް ކާންދޭން. ވަރަށް ހައިވެފައޭ އެތިބީވެސް. ދޯ.” ކައިރާއަށް ދޯ ދެމުން ރަމީޒް އޭނާގެ ބޮލުގައި ފިރުމާލިއެވެ.
**** *****
ކައިރާ އޭނާއަށް ޚާއްސަކޮށްފައިވާ ކޮޓަރިއަށް ވަނުމަށްފަހު ފުން ނޭވާއެއްލިއެވެ. ތަނަވަސް ބޮޑު ރީތި ކޮޓަރިއެކެވެ. ހުދު ކުލައާއި ދަނބުކުލައިގެ އަގުބޮޑެތި ފަރުނީޗަރުތަކުން އެތަން ޒީނަތްތެރި ކުރެވިފައިވެއެވެ. އެތަނަށް އައީއްސުރެ އެ އެޕާޓްމެންޓްގެ ރީތިކަމާއި ޝާހީވަންތަކަމާއި ތަނަވަސްކަން އޭނާގެ ލޮލުގައި އަޅައިގަތެވެ. ބޮޑުބޭބެމެން ދިރިއުޅެނީ ފުދުންތެރި ތަނަވަސް ދިރިއުޅުމެއްގައި ކަން ފެންނަ ފެނުމުން ހާމަވެއެވެ. ފެން ވަރައިގެން އަވަދިވުމަށްފަހު މަޢްރިބް ނަމާދުވެސް ކޮށްލިއެވެ. ވެފައިވާ ވަރުބަލިކަން ފިލުވުމަށް އޭނާ އެނދުގައި ޖައްސާލިތަނާ ފޯނު ރިންގްވާއަޑު އިވުނެވެ. ނުދަންނަ ނަންބަރަކުން ގުޅަމުން ދިއުމުން އޭނާގެ ނިތަށް އެރި ރޫތައް ގިނަވެގެން ދިޔައެވެ. ނަގަން ނުނަގަން ހުރެފައި އޭނާ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.
” ހަލޯ. މީ ނާއިކްއޭ. ވީޑިއޯއަށް ޖައްސަބަލަ ޕްލީޒް. ވާހަކައެއް ބުނަންވެގެނޭ”
އެއީ ނާއިކްކަން އެނގުމުން އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ނާއިކް އޭނާގެ ނަންބަރު ހޯދީ ކިހިނެއް ހެއްޔެވެ؟ ވީޑިއޯއަށް ޖައްސަންވެސް ބުނީއެވެ. މިއުޅެނީ ކޮންފަދަ ވާހަކައެއް ނުބުނެވިގެން ބާވައެވެ؟ ބުރުގާ ނާޅައި އިނދެ ވީޑިއޯއަށް ޖައްސާކަށް އޭނާ ބޭނުމެއް ނުވިއެވެ. ވެފައިވާ ވަރުބަލިކަމުން އޮތްތަނުން ހިރިލުންވެސް ވާނީ ބޮޑުކަމަށެވެ.
“ވީ ކޭން ޓޯކް ތްރޫ ސެންޑިންގް މެސެޖެސް .” ފޯނު ކަނޑާލުމަށްފަހު ކައިރާ މެސެޖް ފޮނުވާލިއެވެ.
“އޯކޭ. ވެއަރ އާޔޫ. މާލޭގަތަ؟” ނާއިކްގެ މެސެޖް ލިބުނެވެ.
” ޔެސް. ކޮން ވާހަކައެއް ބުނަންވެގެން.”
” އަސްލު ވާހަކައެއް ބުނާކަށް ނޫނޭ. ދެން ހަމަ ގުޅާލީ ހާލު ބަލަން. ކަމަކުނުދަނީތަ؟”
” އުހު. އެހެނެއްނު.”
އެނދުމަތީގައި ބަނޑުވަތަށް އޮވެގެން ނާއިކް މެސެޖް ކުރަމުން ދިޔައިރު އެމޫނުމަތީގައި ނުފިލާ ހިނިތުންވުމެއް ވިއެވެ. ދެމީހުންގެ ވާހަކަ ކުރިފަޅައިގެން ގޮސް އެކި އެކި ދިމާލަށް ދަތުރު ކުރަން ފެށިއެވެ. ނާއިކްގެ ހިތުގައި ކައިރާއަށްޓަކައި ޖަހަމުންދާ ލޯބީގެ ވިންދުގެ ސަބަބުން އޭނާވަނީ ފާޑަކަށް ދީވާނާވެފައެވެ. ކައިރާގެ ފޯން ނަންބަރ ހޯދައިގެން އޭނާއަށް ގުޅީވެސް އެބޭނުމުގައެވެ. ދެކިލަން ހިތް އެދޭތީއެވެ. މިއީ ދުވަހަކުވެސް އޭނާއަށްވީ ގޮތެއް ނޫނެވެ. އެރަށަކުން އައި ފަހުން ކައިރާގެ ހަނދާންތަކުގެ ތެރޭގައި އޮވެވެނީއެވެ. އެހަނދާންތަކުގައި ލޯބީގެ ކުލަވަރު ނެތަސް އަމިއްލަޔަށް ކުލަޖައްސުވައިގެން ޚިޔާލުވެސް ކުރެވެނީއެވެ. ލޯބިވާ ވާހަކަ ބުނަން އޭނާ ބޭނުންވިއެވެ. ނަމަވެސް ކައިރާ ނޫނެކޭ ބުނެފިނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އެއީ އޭނާގެ ހިތުގެ ހަމަޖެހުން ނަގާނެ ޖަވާބެކެވެ. އެހެންނޫނަސް ލޯބިވާ ވާހަކަ ބުނަން އަދި މާއަވަހެވެ. ދެމީހުން ދިމާވީވެސް އިހަކަށް ދުވަހުއެވެ.

ކުރިޔަށްވުރެ ބޮޑަށް ދެމީހުން އެކީގައި ވަގުތު ހޭދަކޮށް ހެދުމުން ކައިރާގެ ހިތް އޭނާގެ މައްޗަށް ލެނބިގެން ހިނގައިދާނެކަމަށް ނާއިކް ޤަބޫލުކުރިއެވެ. ނަމަވެސް އޭނާއަށްވުރެ ކުރިން ކައިރާގެ ހިތް އެހެން މީހަކު ހިސޯރުކޮށްފަ ހުރިކަމެއް އޭނާ ނުދަނެހުއްޓެވެ. އަދި އޭނާއާއި ކައިރާގެ ދެމެދުގައި އޮތް ގުޅުމެއްގެ ހިލަމެއްވެސް އޭނާއަކަށް ނުވެއެވެ. އެއީ އޭނާ ކައިވެނިކުރުން ދާއިމަށް ހަރާމް މަހުރަމެއްކަން އެނގޭ ދުވަހު އޭނާއަށްވާނީ ކިހިނެއް ހެއްޔެވެ؟
***** ****
ދެއަހަރު ފަހުން

” ނާއިކް. ވިސްނާނީ ސިކުނޑިން. ހިތަކުން ނޫން. ސިކުނޑިއާއި ބުއްދީގެ މައްޗަށް ހިތް ބާރުފޯރުވާނަމަ އެގޯސްވީ. ހިތް އެދޭނެ އެކިކަހަލަ ކަންކަމަށް. އެކަންތައްތައް އެއްފަރާތުގައި ބަހައްޓާފައި ތިމާއަށް ވީހާވެސް ފައިދާ ބޮޑުވާނެ ގޮތަކަށް ކަންކުރީމަ ރަނގަޅުވާނެ. ” އާމިރު އެއްޗެއް ވިސްނަދޭފަދަ ގޮތަކަށް ވާހަކަ ދައްކަމުން ދިޔައީ ނާއިކްއާއެވެ. ސޯފާގައި ރަނގަޅަށް ލެނގިލަމުން ނާއިކްގެ ޖަވާބަކަށް އޭނާ އިންތިޒާރު ކުރިއެވެ.
” ތިބުނީ އަަހަރެން މީރާއާ އިންނަންވީއޭތަ؟” ފަރުވާކުޑަގޮތަކަށް ނާއިކް އަހާލިއެވެ.

” އާ އެހެން. އޭރުން އަހަރެމެނަށްވާ ފައިދާ ބޮޑުވާނެ. މީރާގެ ބައްޕައަކީ ރާއްޖޭގެ ނަން މަޝްހޫރު ވިޔަފާރިވެރިއެއް. އޭނަގެ މިލްކިއްޔާތުގައި އެތައް ރިސޯޓަކާއި މުދާތަކެއްވޭ. ބައްޕަގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް އޭރުން އޭނާ އެހީވެދޭނެ. އޭނާގެ މިލްކިއްޔާތުގަ ހުރި ބައެއް މުދާތައް ބައްޕައަށް ހިބައިން ދެވިގެން ދާނެ. އެކަމް މިކައިވެނި ކުރެވުނީމަ އެކަން ވާނީ. ބޮޑު މުއްސަނޖަކަށްވާން ނާއިކް ބޭނުމެއް ނުވޭތަ؟ ” އާމިރު ސީދާ ނާއިކްގެ މޫނަށް ބަލަން އިނދެ ވާހަކަ ދައްކަމުން ދިޔައެވެ.
” ތީދޯ ތި ބޭނުންވާ ކަމަކީ. ކަލޭ ގޮސް އޭނައާ އިނދެބަލަ. ހީކުރީތަ މަ ތިކަމަށް އާއެކޭ ބުނާނެއޭ. މަ ކައިވެނި ކުރާނީ މަބޭނުން މީހަކާ މަބޭނުން އިރަކު. އެނގިއްޖެ.” ނާއިކް ފުންމައިގެން އިންތަނުން ތެދުވިއެވެ.
” ނާއިކް. ބައްޕައާއޭ ތިވާހަކަ ދައްކަނީ. އަދަބެއް އަޚުލާޤެއްވެސް ނެތޭ މީނަގެ. ހިސާބަށްވުރެ ބޮޑުވެގެން ނޫޅެއްޗޭ.” ދުންޔާއަށް ހިމޭނުން ނީނދެވުނެވެ.

” ބުނޭ. މިކައިވެނި ނުކުރެވެންވީ ސަބަބެއް ބުނޭ. ” ލޯ ހަނިކޮށްލަމުން ދުންޔާ ނާއިކްއާއި ދިމާލަށް ލަސްފިޔަވަޅުތަކެއް އަޅަމުން އައިސް އޭނާގެ ކުރިމަތީގައި ހުއްޓިލިއެވެ.
” އަހަންނަށް އެނގޭ ކީއްވެގެންކަން އެއީ. އެކަންތައް މަބަލައިފިން.” އާމިރު ދެއްކި ވާހަކައިން ދުންޔާގެ ހުރިހާ ސަމާލުކަމެއް އޭނާއަށް ދިނެވެ. ނާއިކްވެސް އާމިރު ބުނަން އުޅޭ އެއްޗެއް ބެލުމުގެ ނިޔަތުގައި ހުއްޓެވެ.
” ނާއިކްއާ އެއްކޮށް އުޅޭ އަންހެންކުއްޖެއް. ވާހަކަ ނުދެއްކޭ މަންމަނެއް. އޭނައާ ހިތާވެގެން އުޅޭތީ މައްސަލައަކީ.” އާމިރު އޭނާއަށް އެނގިފަ ހުރި މިންވަރު ހިއްސާކޮށްލިއެވެ.
“ދެވަނަ ފަހަރަށް ކައިރާއާ ދިމާލަށް މަންމަނެކޭ ނުބުނާތި. އާ. އެއީ ތިބުނާ މައްސަލައަކީ. ތިމީހުނަށް އަހަރެން ކައިރާދެކެ ވާލޯބި އެނގޭނަމަ…… ” ބުނަން އުޅުނު އެތި ފުރިހަމަ ނުކޮށް ނާއިކް ގެއިން ނުކުތުމަށް ހިނގައިގަތެވެ. އޭނާ ހުއްޓުވަން އާމިރު ދެތިން ފަހަރު ގޮވައިލި ނަމަވެސް އެއަޑެއް ނޭހިއެވެ. ބޯ ހޫރާލަމުން އާމިރު ސިޑިން މައްޗަށް އަރައިގެން ދިޔައީއެވެ.

ދުންޔާއަށް ހުރި ތަނުގައި ގުޑައިވެސް ނުލާ ހުރެވުނީއެވެ. އޭނާއަށް އެއިވުނީ ރަނގަޅަށް ހެއްޔެވެ؟ ކައިރާއެވެ. އެނަމެވެ. އޭނާ އިންތިހާއަށް ނަފުރަތުކުރި އަމިއްލަ ބަނޑުއަޅައި ވިހެއި ދަރިއެވެ. އެއީވެސް ވާހަކަ ދެއްކުމަށް ނުކުޅެދިފައިވީ ކުއްޖެކެވެ. ނާއިކް އެދެއްކީ އެކައިރާގެ ވާހަކަ ހެއްޔެވެ؟ ވެދާނެއެވެ. މީގެ ދެއަހަރު ކުރިން އޭނާ އެރަށަށް ގޮސްފައިވެއެވެ. ކޮންމެގޮތެއްވިޔަސް މިވީ ގޮތުން އެއީ ކާކުތޯ ރަނގަޅަށް ބަލަން އެބަޖެހެއެވެ.
**** ****
މޫދާއި ދިމާލަށް ނަޒަރު ހުއްޓައިލައިގެން ހުއްޓެއްކަމަކު ނާއިކްގެ ވިސްނުން ހުރީ އެހެން ދިމާލެއްގައެވެ. އޭނާގެ މައިންބަފައިން ތަކުރާރުކޮށް އެކައިވެންޏެއް ކުރަން އެދޭތާ ދުވަސްތަކެއް ވެދާނެއެވެ. މިއަދު ބޮލަށް ނުކުޅަދާނަ ވީވަރުން އޭނާއަށް ރުޅި އިސްކުރެވުނީއެވެ. އެހެނީ އެކައިވެނި ކުރުމަށް އޭނާ ބޭނުމެއް ނުވެއެވެ. މުދަލާއި ފައިސާގެ ދަހިވެތިކަމުގައި ޖެހި، އޭގެ އަމާޒުފަތްގަނޑަށް ވާސިލްކުރާނެ ލޮންސިއެއްގެ ގޮތުގައި އޭނާ ބޭނުންކުރަން އެމީހުން ނިންމަނީ ހެއްޔެވެ؟ މިހާރުވެސް ލިބިފައި ހުރި ތަނަވަސްކަމާއި ފައިސާ މަދީ ހެއްޔެވެ؟ ގިނައިން ލިބޭ ވަރަކަށް އެއެއްޗަކަށް ދަހިވެތިވާ ފަހަރުވެސް އާދެއެވެ. މިވީ ދެއަހަރު ތެރޭގައި އޭނާއަށް ކައިރާއާ ގުޅިގެން އުޅެވިއްޖެއެވެ. ނަމަވެސް ލޯބިވެރިންގެ ގޮތުގައެއް ނޫނެވެ. އެކުވެރިކަމުގެ ނަމުގައެވެ. މިހާރު ދެން ފުދިއްޖެއެވެ. އޭނާ ކައިރާ ދެކެ ވާލޯބި ކައިރާއަށް އަންގަން ޖެހޭނެއެވެ. މިހެން ހުއްޓާ ތެޔޮ ނާށި ކާޅު ޖަހައިގެން ގޮސް ދާނެތާއެވެ.
**** ****
” މާމާ. !”
އެލީޝާ އައިސް ފަރީދާގެ ގައިގައި އޮޅުލައިގަތެވެ. ފަރީދާވެސް އުފަލުން އެލީޝާގެ ބުރަކަށީގައި ފިރުމާލިއެވެ. އެތައް ޒަމާނަކަށްފަހު ފެނުމުން ދެމީހުންގެ ލޮލުންވެސް ކަރުނަ ނީރާލިއެވެ.

ފަރީދާއާއި ވާހަކަ ދެއްކުމަށްފަހު ފަހަތުގައި ހުރި ކައިރާއަށް އޭލީޝާގެ ނަޒަރު ހުއްޓާލިއެވެ. ވަގުތުން އޭނާގެ ހިތުގައި ބުނެދޭން ނޭނގޭ ކަހަލަ ފޫހި ކަމެއް އުފެދުނެވެ.
“ހާއި ކައި. ހައު އާ ޔޫ؟ ” ފުޅާ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލަމުން ނިކަން ހިމަ އަޑަކުން އެލީޝާ އަހާލިއެވެ.
( ރަނގަޅު. ) ކައިރާ އަތުން ހަރަކާތްކޮށްލިއެވެ.

ފަރީދާގެ ނަޒަރު ހުއްޓުނީ އެލީޝާ ލައިގެން ހުރި ނިވާކަން ކުޑަ ހެދުމަށެވެ. ކުރު އަންނައުނުތަކެއްގައި ހުރި އިރު އޭނާ ލަދެއްވެސް ނުގަންނަނީ ހެއްޔެވެ؟ މާބޮޑަށް ޖަޒުބާތީވުމުން ކުރީކޮޅު އޭނާގެ ލޮލުގައި އެތަންކޮޅު އަޅައެއް ނުގަތެވެ. ރަމީޒްއާއި އާސިފާ އޭނާ ތަރުބިއްޔަތު ކުރީ މިފަދަ ގޮތަކަށް ހެއްޔެވެ؟

“މަންމާ. އެބައަންނަން ފްރެޝް ވެލައިގެން އިނގޭ. ވަރަށް ވަރުބަލި. މެލޭއިން އިންޑިޔާއަށް. އިންޑިޔާއިން ލަންކާއަށް. އެތަނުން ރާއްޖެއަށް. މެލޭއިން ޑައިރެކްޓްކޮށް އާދެވުނުނަމަ. ދޯ..” ވާހަކަތަކެއް ދައްކަމުން އެލީޝާ އޭނާގެ ކޮޓަރިއަށް ދިޔައެވެ.
**** ***
މާލޭގައި ހޭދަކުރެވުނު ދެއަހަރު ދުވަހުގެ ތެރޭގައި ނާރަސިންގް ހަދަން ކައިރާ އުޅުނެވެ. ނަމަވެސް އެދުވަސްތަކުގެ ތެރޭގައި ފަރީދާ މާބޮޑަށް ބަލިވުމުން އެކަން މެދުކަނޑާލި ގޮތަށް އަދި ކުރިޔަށް ގެންދެވިފައިނެތެވެ. އެލީޝާ އައުމަށްފަހު މިދެދުވަހުގެ ތެރޭގައި އޭނާއަށް އެލީޝާގެ ފަރާތުން މާބޮޑު ގާތްކަމެއް ނުފެނެއެވެ. އެއީ ގިނަ ދުވަސްތަކަކަށް ބައްދަލު ނުވެވި ހުރުމުން ދިމާވި ގޮތެއް ކަމަށް ކައިރާ ނިންމިއެވެ.

ޚިޔާލުތަކެއްގައި ހުރެގެން ސިޑިން ތިރިޔަށް ފައިބަމުން ދިޔަ ކައިރާ މީހެއްގެ ގައިގައި ލައިގަނެފައި ވެއްޓެން އުޅުނެވެ. ނަމަވެސް އެއަށްވުރެ ކުރިން އެމީހާ ބެލީ ކައިރާ ނުވެއްޓި ހިފެހެއްޓޭތޯއެވެ. ލިބުނު ކުއްލި ސިހުމާއެކު ކައިރާ އެމީހެއްގެ ގަމީހުގައި މާބާރަކަށް ހިފެހެއްޓުމުން އެމީހާއަށް ފައި އަރި އަޅާލެވުނެވެ. އެއާކު ދެމީހުންނަށް އެއްކޮށް ވެއްޓި ފުރޮޅެމުން އައިސް ސިޑީގެ ތިން ފައްތަރު ގިރާ ކުރެވުނެވެ. ދެން ޖެހުނީ ގްރައުންޑް ފްލޯގައެވެ. އެންމެ މިނުޓެއްވެސް ލަސްނުކޮށް ކައިރާގެ ގައިމަތީގައި އޮތް ޒުވާނާ ތެޅި ގަނެފައި ތެދުވިއެވެ. ކައިރާވެސް އަވަހަށް ތެދުވުމަށްފަހު ކުޑަކޮށް ހެދުން ފޮޅާލިއެވެ. ދެމީހުންނަށް ތަދުވި ނަމަވެސް ތަދުވިކަމަކަށް ނުހެދުނެވެ.
” ސޮރީ.” ޒުވާނާގެ އަޑު ޖެހުމުން ކައިރާ އިސްއުފުލާ ބަލާލިއެވެ. އެއާއެކު ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ. ކައިރާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އެއީ އެނޫން ދެވަނަ މީހެއް ނޫނެވެ. އޭނާގެ ހިތް އެސޫރަ ދުށުމަށް އެދި ބޭޤަރާރުވެފައިވާ އިންސާނާގެ ސޫރައެވެ. ދުވަހަކުވެސް އޭނާއަށް އެސޫރަ އޮޅުވައެއް ނުލެވޭނެއެވެ. ހަމަ އެދެލޮލެވެ. އެމޫނެވެ. ތުނބުޅި މަތިމަސް ކުޑަކޮށް ފަޅާފައި ހުރުމުން އޭނާގެ ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. ބައިމަތި ފުޅާ މޭ މައްޗަކާއި ކަސްރަތީ ހަށިގަނޑެކެވެ. ހިތް އާދަޔާ ޚިލާފަށް ބާރަށް ތެޅެމުން ދިޔައީ އޭނާ އިސްވެ ވާހަކަ ދައްކާނެ ކަމަށް ހީކޮށް ބުނެލާނެ އެއްޗެއްގެ އިންތިޒާރުގައި ހުންނަން ޖެހުމުންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ali Alsham

Level 110 Stories

Other Articles

Previous

އެ ނަފްސުގެ ބަދަލު 5

Next

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (32)

Next
March 5, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (32)

Previews
March 5, 2022

އެ ނަފްސުގެ ބަދަލު 5



All Right Reserved!