Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ޔާރާ ފެނުނީމާ 6

Ali Alsham Level 110 Stories
March 7, 2022 5 Mins Read
0 Comments

” އެކައިރާހޯ. މަށަށް ދެން އޭނަ ވަކިކުރަން ނޭނގޭނެތަ؟ ކަލެޔަށް ނުފެނުނަސް މަށަށް ފެނެޔޭ އެމީހުން އެކުގަ އުޅޭތަން. އެދުވަހު ހީވެގެން ފާރަލީމޭ ވަރަށް. އެންމެފަހުން ކަލޭގެ ސޮރު ކައިރީ މައެހީ އެއީ ކޮން އަންހެން ކުއްޖެއްހޭ. ބުނިހާއިރުން ބުނެފި ތިމަންނާގެ ރައްޓެއްސެކޭ. މަށަށް ވަގުތުން އެނގުނު އެދެމީހުންނަށް ހަޤީޤަތް ނޭނގޭކަން.” މީހެއްގެ ހިލަންވި އަޑު އިވިގެން ދެމީހުންވެސް ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލިއެވެ. އަނެއްކާ އެއީ ނާއިކް ހެއްޔެވެ؟

” ދައްތާ. ފެންފުޅި ހުންނަނީތަ؟ މަސައްކަތްކުރާ މީހުން ފެންގެންނަން ބުނަނީ.” އެތެރެއަށް ވަދެގެން އައި ބިދޭސީ މީހާ އަވަސް ނޭވާތަކެއް ލަމުން އައިސް ވާހަކަ ދެއްކިއެވެ. އޭނާ ހީވަނީ ލައިނުގަނެގެން އުޅޭހެނެވެ. އޭނާ ފެނުމުން ދުންޔާއަށް ޗޮކެއް ކަޑާލެވުނެވެ.
” ދެން ފެންފުޅި ނުހުންނާނެތަ މިގޭގަ؟ ގޮސް ފުރިޖުން ނަގާބަލަ.” އެމީހާ ބަލަހައްޓައިގެން ހުންނަން ފެށުމުން ދުންޔާ ވާހަކަދެއްކިއެވެ.
” ކޮންތާކު މަސައްކަތެއް އެކުރަނީ..؟” އެމީހާ ފެންފުޅި ހިފައިގެން ނުކުތުމުން ނާހިދާ އަހާލިއެވެ.
“މަތީބައިގަ ކޮޓަރިއެއް ރާނަންވެގެން. ” ދުންޔާ ޖަވާބުދިނެވެ.
” ހޫ. ދެން ކިހިނެއް ހަދާނީ؟ އެނާއިކްއަށްވެސް އެނޫން އަންހެނަކާ ހިތާވާކަށް ނޭނގުނުތަ؟ އެއަންހެނެއްގެ ކިބައިން ނެތެއްނު ސަލާމަތްވެވިފައެއް. އެއްލާލާފަ އައީމަވެސް އަދިވެސް މަގޭ ދިރިއުޅުމުން ނުނެއްޓިފަ.” ދުންޔާ ނުރުހުމާއެކު ވާހަކަ ދައްކަން ފެށިއެވެ.
” އެއްޗެއް އަހާލަންތަ؟ ދުންޔާގެ ހިތުގައި ހަމަ ކައިރާއަށް އެއްވެސް ލޯތްބެއް ނެތީތަ؟ އަމިއްލަ ބަނޑުއަޅައި ވިހައި، އަމިއްލަ ލެއިން އުފަންވެފައިވާ ދަރިއެކޭ އެއީ.”
” އަހަންނަކަށް ނޭނގެ. ތީ މިވަގުތު މުހިއްމު ވާހަކަތަކެއް ނޫން. ނާހިދާ. ނާއިކްއަށް އެހަޤީޤަތް އެނގިއްޖެނަމަ އޭނާ އަހަންނަށް ނަފުރަތު ކުރާނެ. އަހަރެން ބޭނުމެއް ނޫން ނާއިކްއަށް އެކަން އަންގާކަށް. އެދެމީހުން ދުރުކުރެވޭނެ ކޮންމެވެސް އެހެން ގޮތެއް ހޯދާ. ” މޭޒުމަތީގައި ދެއަތް ވިއްދާލަމުން ދުންޔާ ފުން ނޭވާއެއްލިޔެވެ.
ނާއިކް ކައިރާދެކެ ވާލޯބި ދުންޔާއަށް ރަނގަޅަށް އެނގެއެވެ. އެހެނީ ނާއިކް މިފަހަކަށް އައިސް ފާޅުގައި އޭނާ ކައިރާދެކެ ލޯބިވާކަން ބުނަމުންދެއެވެ. އެއީ އޭނާގެ އެއްބަނޑު ދައްތަކަން އެނގޭދުވަހު އޭނާ ކަންތައް ކުރާނެ ގޮތެއްވެސް ދުންޔާއަކަށް ނޭނގެއެވެ. އެދުވަހަކުން ނާއިކް އޭނާއަށް ނަފްރަތު ކުރާނެ ކަމަކީ ދުންޔާއަށް ޔަޤީންވާ ކަމެކެވެ. ނުވިތާކަށް ނާއިކްއަކީ އަންނަ ރުޅީގައި އަތުން ފައިން ނިކަން ގޯސް ހަދާމީހެކެވެ.
” ހޫމް. ދެގޮތެއް އެބައޮތް. އެއްގޮތަކީ ކައިރާއަށް އެކަން ހުއްޓަން އެންގުން. އޭނާއާ ވާހަކަދައްކާލުން. ނާއިކްއާ ދުރަށް ދިއުމަށް އޭނާ އެއްބަސް ކުރުވުން. ކުރެވެން އޮތް ގޮތަކަށް އެކަން ކުރުން. ރުހުމުގައި ނުވިނަމަ މަޖުބޫރުކޮށްގެން ވިޔަސް އެކަންކުރުވުން. ނާއިކްއަށް ނާންގައި. އަނެއްގޮތަކީ…..” ނާހިދާ ދައްކަމުންދިޔަ ވާހަކަ ހުއްޓާލަމުން އެއްމިޔަކަނުން ހީލިއެވެ.

” ކިހިނެއްވީ؟ މާފާޑަކަށް ތިބަލަނީޔޯ؟ ” ނިތް އަރުވާލަމުން ދުންޔާ އަހާލިއެވެ.
” އަނެއްގޮތް ބުނާނީ ފަހުން…. އެކަމް އަހަންނަށް ޖެހޭނެ މާލީ އެހީތެރިކަން ފޯރުކޮށްދެން. ފައިސާ. ފައިސާ. މިކަހަލަ މޮޅެތި ޚިޔާލުތައް ދޭއިރު ހާދަ ދަލެކޭ އޮހޮރުވަން ޖެހެނީ. އެކަމުގެ ބަދަލުދޭން ޖެހޭނެއެއްނު. ހިލޭ ސާބަހަށް މިކަހަލަ…..”
” ހޫން. ދެން ހުއްޓާލާ. ނާހިދާ ބޭނުންވަރަކަށް ފައިސާ ދޭނަން. ބަދަލުގަ އަހަންނަށް މިކަމުގައި އެހީތެރިވެ ދޭންޖެހޭނެ.” ނާހިދާ ވާހަކަދައްކައި ނުނިމެނީސް ދުންޔާ ބުނެލިއެވެ. ގޮނޑިން ތެދުވަމުން ދުންޔާ ފަހަތަށް އެނބުރުނުއިރު އެތާ ހުރި މީހާ ފެނުމުން އޭނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ.
” ރޯހިދު. ތީކޮންކަމެއް؟” ފިހިގަނޑެއް ހިފައިގެން އައިސް ހުރި ބިދޭސީ މީހާއަށް ބަލާލަމުން ދުންޔާ އެހިއެވެ. އެއީ މީގެ ކުޑައިރުކޮޅެއް ކުރިން ފެންފުޅި ބަލާއައި މީހާއެވެ.
” ދައްތާ. މިތަން ސާފުކުރަން ޖެހެނީނު. ” އެހުރި ގޮތަށް ހުރެ ރޯހިދު ޖަވާބުދިނެވެ.

“ކީކޭ ދެން ބުނާނީ؟ މިތާ އަހަރެމެން ތިބިކަން ނޭނގެނީތަ؟ ތިހިފައިގެން ދޭ. ދޭދޭ. ހަމަ މިހާރު ނުކުމޭ. ވަރެއްގެ މީހެކޭ މިއީ އަދި. މީނާގެ ކަމަކީ މިގޭގަ ޖާސޫސުކުރުން. އެ އައީ އަހަރެމެން މިތާ ތިބެ މިދައްކާ ވާހަކަ އަޑުހަންށޭ. އަނގައެއް އޮތީމަ ބުނެފިއެއްނު އަދި ސާފުކުރަންށޭ. އެއްކަމެއްވެސް ރަނގަޅަށް ކުރާކަށް އެނގޭ މީހެއް ނޫނޭ މިއީ. މިއޮތް ހުރިހާ ދުވަހު ރާއްޖޭގަ ހުރެ އޭނާއަށް ދަސްވީ ދިވެހިބަސް އެކަނި. އެވެސް މިކަހަލަ ޖާސޫސްކުރަންވެގެން.” ދުންޔާ ހަޅޭލަވަން ފެށުމުން ރޯހިދު އެތަނުން ނުކުތެވެ. ބާރަކަށް ދެލޯ މަރާލެވުނީ ދުންޔާ ދެން އެބަދިވަރު ގޮވުން ހުއްޓާނުލާނެކަން އެނގޭތީއެވެ. އޭނާއާ ދިމާލަށް ހަޅޭލެވުން އެއީ ދުންޔާގެ އުފަލެއް ކަހަލައެވެ. އެހެންކަމުން ދުންޔާއަށް ޖެއްސުން ކުރުމަކީ މިހާރު އޭނާގެ އުފަލެއްކަމުގައި ރޯހިދު ހަދައިފިއެވެ.
**** ******
ގަޑިން ރޭގަނޑު 9 ޖަހަން ހުރީ ދިހަ މިނެޓެވެ. ލޯގަނޑު ކުރިމަތީގައި ހުރެ ފަރިބެލުމަށްފަހު ކައިރާ އެންމެފަހު ކަމަކަށް މުޅި ގަޔަށް ސެންޓު ބުރުވާލި ވަގުތު ފަރީދާ އެކޮޓަރިއަށް ވަނެވެ.
” މާރީތިވެގެން ކޮންތާކަށް ދާން؟ ” ފަރީދާ އައިސް ހުއްޓިލީ ކައިރާގެ ގާތުގައެވެ.
“( މާމަ ކައިރީގަ އަދި ނުބުނެވޭދޯ. ރައްޓެހި ކުއްޖަކާއެކީ ރަސްފަންނަށް ދާން މިއުޅެނީ.)” ކައިރާ އަތުން އިޝާރާތްކުރިއެވެ.
” އަވަހަށް އަންނާތި. މާމަ އެހާ ހިތްހަމަޖެހޭ ކަމެއް ނޫން ތިއީ. ރޭގަނޑު ބޭރަށް ގޮސް އުޅުން.” ފަރީދާ ބުނެލިއެވެ. ކައިރާ ބޯޖަހާލަމުން ގެއިން ނުކުތްނަންވެގެން ހިނގައިގަތީ އަވަހަށް އަންނާނެކަމަށް ފަރީދާއަށް އަންގަމުންނެވެ.
” އަޔާން އައިސް އެބައުޅެއެއްނު މިގޭގަ. ކައިރާ ވާހަކައެއް ނުދައްކަންތަ އަޔާންއާ؟” ފަރީދާ އަނެއްކާވެސް ވާހަކަދައްކަން ފެށުމުން ކައިރާ މަޑުކޮށްލިއެވެ.
“( ނޫން. ވާހަކަދެއްކިން.)” ކައިރާ އަތުން ހަރަކާތްކޮށްލިއެވެ.
ފުން ނޭވާއެއްލުމަށްފަހު ފަރީދާ ހަމަޖެހިލިއެވެ. އަޔާންއާ ކައިރާގެ ކައިވެނި ކުރެވިގެންދާނެ ކަމުގެ ފޮނި އިންތިޒާރުގައި ދުވަސްތައް ގުނަމުން އޭނާ އެދަނީ ފަރުދާގެ ފުރަގަހުގައި ހިނގަމުންދާ އެއްވެސް ނޭނގޭ ހާލުގައެވެ. އަފީފްގެ ވަސިއްޔަތް ފުރިހަމަ ކުރެވި އެދަރިފުޅުގެ އެންމެފަހުގެ އެދުން ފުރިހަމަވާނެ ކަމުގެ އުއްމީދުގައެވެ.
**** ****
ބަނަ ވިލާތަކުން ކޮންމެވެސް ވަރަކަށް އުޑުމަތި ބައްދާލެވިފައިވާއިރު ޖެހެމުން ދިޔަ ފިނިފިނި ވައިރޯޅިތަކުން އެންމެހައި ދިރުންތަކަށްވެސް އެފިނިކަން މެހެސޫސް ކުރުވަމުން ދިޔައެވެ. ރަސްފަންނުގައި ކައިރާގެ އިންތިޒާރުގައި ނާއިކް އިނީ މިރޭ އޭނާގެ ހިތުގެ އިހުސާސްތައް ކައިރާގެ ކުރިމަތީގައި ބަންޑުންކޮށްލާނަމޭ ހިތާއެވެ. ފުރަތަމަ ލޯބި ހާސިލް ކުރެވޭނެކަމުގެ އުއްމީދުގައެވެ. ކުއްލިއަކަށް ކުރިމަތީގައި އައިސް ހުއްޓިލި ކައިރާ ފެނުމުން ނާއިކް ސިހުނެވެ. ތަންކޮޅެއް މީހުން މަދު ހިސާބަކަށް ނާއިކް ހިނގައިގަތީ އެތަނުގައި ބަޔަކު އުޅެން ފެށުމުންނެވެ. ކައިރާވެސް މަޑުމަޑުން ނާއިކްގެ ފަހަތުން ދިޔައެވެ. ނާއިކް މިރޭ ކުރަންއުޅޭ ކަމާމެދު ކައިރާގެ ހިތުގައި ސުވާލު އުފެދިގެން ދިޔައެވެ.
” ކައިރާ. ވަރަށް ދުވަސްވެއްޖެ އަހަރެން މިވާހަކަ ނުބުނެވިގެން އުޅޭތާ. އައި ލަވް ޔޫ. އާ އަހަންނަށް ކައިރާދެކެ ލޯބިވެވިއްޖެ. ވިލް ޔޫ މެރީ މީ..؟” ކަކޫ މައްޗަށް ތިރިވެލަމުން ނާއިކް އޭނާގެ އަތް ކައިރާއަށް ދިއްކޮށްލިއެވެ. އެއަތުގައި ހިފާށޭ ބުނެލާފަދަ ގޮތަކަށެވެ.

ކައިރާއަށް ބަލަހައްޓައިގެން ހުރެވުނީވެ. ކިޔާނެ އެއްޗެއް ހަދާނެ ގޮތެއް އޭނާއަކަށް ނޭނގުނެވެ. އެއްވެސް ހާލެއްގައި އެފަދަ ގޮތަކަށް ނާއިކްއާއިމެދު އޭނާ ނުދެކެއެވެ. އެހިތުން އަޔާން ނޫން މީހަކަށް ޖާގަ ދިނުމަކީ އޭނާއަށް ކުރަން އުނދަގޫވާނެ ކަމެކެވެ. ސީދާސީދަލަށް ނާއިކް ކައިރީ ހަޤީޤަތް ބުނަންވީ ހެއްޔެވެ؟ ނޫނީ ފަހުން ވިސްނާލާފަ ޖަވާބެއްދޭނެ ކަމަށް ބުނަންވީ ހެއްޔެވެ؟ ނޫނީ ނާއިކްއަށް އާބަސް ބުނާނީ ހެއްޔެވެ؟ ނާއިކްއަށް އާބަސް ބުނެފިނަމަ އަޔާންއާ ދުރަށްދެވެން މަގުފަހިވާނެ ހެއްޔެވެ؟ ކޮންމެގޮތެއްވިޔަސް އޭނާއަށް އަޔާން ލިބުމަކީ ނާދިރުކަމެއްގެ ގޮތުގައި ކައިރާ ދެކުނެވެ. އެހެނީ އަޔާން އުޅެނީ އެލީޝާއާއި ލޯބީގެ ގޮތުން ގުޅިގެންނެވެ. ކޮއްކޮއަށްޓަކައި ލޯބި ޤުރުބާންކުރަން ކައިރާ ހުރީ ތައްޔާރަށެވެ. އެދެމީހުންގެ ދޭތެރެއަށް ވަދެގަންނާކަށް އޭނާ ބޭނުމެއްނުވެއެވެ. އަނެއްކޮޅުން ނާއިކްއަށް ނޫނެކޭ ބުނަންވެސް އޭނާއަށް ނުކެރުނެވެ. އެހެނީ އެދެމީހުން ދިމާވީއްސުރެ ނާއިކް އޭނާއަށް ނިކަން އަޅާލައެވެ. އޭނާގެ ހުރިހާ ކަމެއްގައިވެސް އެހީތެރިކަން ފޯރުކޮށްދީ އޭނާގެ އުފަލާއި ހިތާމަތަކުގެ ބައިވެރިއަކަށްވިއެވެ.
” ހާދަ ވަރަކަށް ތިވިސްނަނީ.” ނާއިކްގެ އަޑުޖެހުޖެހުމާއެކު ކައިރާއަށް ތެޅިގަނެވުނެވެ. ކައިރާ އޭނާގެ އަތް ނާއިކްގެ އަތްމަތީ ބާއްވަމުން ބޯޖަހާލިއެވެ. ނާއިކް އެއަތުގައި ހިފައިލަމުން ކޮޅަށް ތެދުވިއެވެ. އޭނާގެ ހިތަށް ލިބިގެންދިޔަ އުފާވެރިކަން ބަޔާންވެސް ނުކުރެވޭނެކަން ޤައިމެވެ. ހިނިތުންވެލެވުނީވެސް ބޭއިޚްތިޔާރުގައެވެ.

“ބަލާބަލަ އެދެމީހުން ތިބިގޮތް. ދުންޔާއަށް ފެނޭތަ؟” ނާހިދާ ދުންޔާގެ ގައިގައި ވިކައިގަންނަމުން ބުނެލިއެވެ. ތަންކޮޅެއް ދުރުގައި ތިބެ އެދެމީހުން ނާއިކްއާއި ކައިރާގެ ހަރަކާތްތަކަށް ފާރަވެރިވަމުން ދިޔައެވެ.
” ދެން މަށަށް ނުފެންނާނެތަ؟.” ދުންޔާ ބުނެލިއެވެ.
” ތިކަމެއް ނޭނގެ. މިއޮތް ހުރިހާ ދުވަހުވެސް ނުފެނުނުވިއްޔަ.” ނާހިދާ ބުނެލިއެވެ.

” ތީގެ މާނައަކީ ކައިރާވެސް އަހަރެންދެކެ ލޯބިވެއޭތަ؟” ނާއިކް ކައިރާގެ ދެލޮލަށް ފުންކޮށް ބަލާލަމުން އަހާލިއެވެ. ނާއިކްގެ މޫނަށް ބަލަން ނުކެރިގެން ކައިރާ އިސްޖަހައިގެން ހުރެ ބޯޖަހާލިއެވެ.

ނާއިކްއަށް އާބަސް ބުނުން، މިއީ ކުރެވުނު ރަނގަޅު ކަމެއްބާއޭ އޭނާގެ އަމިއްލަ ނަފްސާއި ސުވާލުކޮށްލެވުނެވެ. އެކަމުން ހިތަށް ހަމަޖެހުމެއް ނުލިބެނީއެވެ. ކޮންމެގޮތެއްވިޔަސް ވަރިހަމަ ކަމަށް ބަލާފައި ކައިރާ އޭނާގެ އަމިއްލަ ނަފުސު ހަމައަކަށް އަޅުވާލިއެވެ.
***** ***
” ހެވޭ. މިބުނީނު މަގޭ ކުރިމަތިން ދުރަށް ދާށޭ. ކިހާ ބޮޑުކަމެއް. ” އެލީޝާ ހަޅޭއްލަވައިގަތެވެ.
” އޯކޭއޭ. އޯކޭއޭ. އަހަރެން މިދަނީ. ” އަޔާން އެތަނުން ނުކުތްނަމުން ބުނެލިއެވެ. ބޯހަމަޖައްސާލުމަށް އަޔާން ދިޔައީ ޓެރެހަށެވެ. ހަނދު ފެންނަން ނެތް ރެއެއްކަމުން މުޅި އުޑުމަތިވެސްވަނީ އަނދިރިވެފައެވެ. ޖެހެމުންދިޔަ ފިނިފިނި ވައިރޯޅިތަކުގެ ސަބަބުން އޭނާގެ ހިތަށް ހަމަޖެހުން ލިއްބައިދިނެވެ. ލައިގެން ހުރި ޖީންސްގެ ދެޖީބަށް އަތްޖަހައިލަމުން އަޔާން މާހައުލަށް ބަލާލިއެވެ.
އެލީޝާގެ މިޒާޖު ހުންނަގޮތާއިމެދު އޭނާއަށް ވިސްނާލެވުނެވެ. ކުދިކުދި ކަންތަކާއި ހެދިވެސް އެލީޝާ ރުޅިއައިސްގެން އެހާ ވަރު އަރުވާލާނެއެވެ. އަމިއްލަ ނަފްސަށް ގެއްލުން ދިނުމަކީވެސް އެލީޝާ ކުރަން ފަސްޖެހޭނެ ކަމެއް ނޫނެވެ. އޭނާ އެލީޝާއާއި ގުޅުނީ ކޮންމެހެން އޭނާ ބޭނުންވެގެން ނޫނެވެ. އެލީޝާ އެކަމަށް އެދޭވަރުންނެވެ. ފުރަތަމަ ލޯބި ހުށަހެޅީވެސް ޚުދު އެލީޝާ އަމިއްލައަށެވެ. މާބޮޑު ވިސްނުމެއް ނުވިސްނައި އަޔާން އެވަގުތު އާބަސް ބުނެލީއެވެ. އެނާ އެލީޝާއާ ގުޅެން ބޭނުންވީ ކުޑަދުވަސްކޮޅަކަށެވެ. ނަމަވެސް އެލީޝާގެ ހުންނަ ގޮތް ދޫނުކުރުމާއި އެހުންނަ މިޒާޖެއްގެ ސަބަބުން އޭނާއަށް އެލީޝާ ދޫކޮށްލުންވީ ކުރަން އުދަނގޫވި ކަމަކަށެވެ. އޭނާ އެލީޝާދެކެ ވަނީ ލޯތްބެއްކަމެއް ނުވަތަ ހަމްދަރުދީކަމެއް އޭނާއަކަށް ނޭނގެއެވެ. އެނގޭ އެއްކަމަކީ އަދިވެސް އޭނާ ބޭނުންވާ ހަޤީޤީ ލޯބީގެ ފޮނި އިހުސާސެއް ނުކުރެވޭކަމެވެ.

ނުނިދިގެން އެންމެފަހުން ކައިރާ ކޮޓަރިން ނުކުތެވެ. ޓެރަހާއި ދިމާލަށް އޭނާ މިސްރާބު ޖެހީ އުޑުފެންނަށް ހިސާބަށް ދިއުމުގެ ބޭނުމުގައެވެ. ރޭގަނޑުގެ ވަގުތުތަކުގައި ހަނދުވަރުގެ ރިހި އައްޔާއި ތަރިތައް ވިދައި ބެބުޅެމުންދާ ޗާލު މަންޒަރު ބަލައިލުމަކީ އޭނާ އެންމެ ގަޔާވާ އެއްކަމެވެ. އެވަގުތު ފުން ޚިޔާލަކަށް ގެއްލިފައި ހުރި އަޔާން އޭނާގެ ލޮލުގައި އަޅައިގަތެވެ. އަޔާން ހުއްޓި ހުރިލެއް ލޯބި ކަމުން ފުރަގަހުން ގޮސް ބައްދާލަން އޭނާގެ ހިތް އެދުނެވެ. ނަމަވެސް އެފުރުސަތު އޭނާއަކަށް ނެތެވެ.
މީހެއްގެ ހިލަންވިހެން ހީވެގެން އަޔާން ފަހަތަށް އެނބުރި ބަލާލިއެވެ. ކައިރާ ފަހަތުގައި ހުރިތަން ފެނުމުން އޭނާ ހިނިތުންވެލިއެވެ.
” ކީއްކުރަނީ މިތާ މިގަޑީގަ؟” އަޔާން އަހައިލިއެވެ.
“( ނިދިނައިސްގެން މިއުޅެނީ މިރޭ.)” ކައިރާ އަތުން އިޝާރާތްކޮށްލިއެވެ.
“ނިންދަވައިދޭންވީތަ؟ އާދޭ. އަހަރެން ނާނާ ކިޔާނަން” އެއްމިޔަކުނުން ހީލަމުން އަޔާން ވާހަކަދެއްކި ގޮތުން ކައިރާގެ މޫނަށް ރަކި ހިނިތުންވުމެއް ވެރިވިއެވެ. ކުޑަ ވަށް ބުރުގަލަކާއި ދޫހެދުމެއް ލައިގެން ހުރި ކައިރާއަށް ބަލާލަމުން ފުރަތަމަ ފަހަރަށް އަޔާންއަށް ކައިރާއާމެދު ވިސްނާލެވުނެވެ. އެމަޑުމައިތިރި މިޒާޖާއި ހެދުން އެޅުމުގައި ގެންގުޅޭ ރީތި ސިފަތައް އަޔާންއަށް ކަމުދިޔައެވެ.
ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ali Alsham

Level 110 Stories

Other Articles

Previous

ވައުދޭ ވެވޭ މީ… 5

Next

ލޯބި ވެވުމުން 12

Next
March 7, 2022

ލޯބި ވެވުމުން 12

Previews
March 7, 2022

ވައުދޭ ވެވޭ މީ… 5



All Right Reserved!