އެދުވަހުވެސް ވިޔާމް ގެއަށް އައުމުން އޭނާއާ ސުވާލުތަކެއް ކުރުން ފިޔަވައި، ވަރީގެ ވާހަަކައެއް ފަރީޝާ ނުދެއްކިއެވެ.އެހެންކަމުން ވިޔާމް އަނެއްކާވެސް ކުޅިވަރެއް ކުޅެލިއެވެ.އެއީ މާލެއިން ބޮޑު އަގުދީފައި ކަރުގައި އަޅާ ފަށެއް ގަތުމެވެ.އަދި އެފަށް ފަރީޝާއަށް ދެއްކުމުގެ ނިޔަތުގައި އޭތި ލިބުނުދުވަހު ވިޔާމް އެހިފައިގެން ކޮޓަރިއަށް ވަނެވެ.އަދި ފާހަނައަށްވަދެ ފަރީޝާ ހަދާގޮތް ބަލަން ސިއްރުން ހުއްޓެވެ.ފަރީޝާ އެގަހަނާ ފޮށި ހުޅުވި މަންޒަރާއި، ސްލިޕްކޮޅުކިޔާ، ކަރުަގައި ފަށް އެޅި މަންޒަރުވެސް އެދުވަހު ވިޔާމް ހުރީ ބަލާށެވެ.ފަރީޝާއަށް ބަލަންހުރެ ފާހަނަތެރޭގައި ވިޔާމް ވަރަށް ރުއެވެ.ނަމަވެސް ހިތް ހަރުކޮށްގެން ނިކުމެ ފަރީޝާ ފަށް އެޅުމުން އޭތި ޓިޝުލުން ފުހެ ފަރީޝާއާ ދިމާލަށް ވިޔާމް އެއްޗެހިކިއެވެ.
ނަތާޝާގެ ކަރުގައި ފަށް އެޅުމަށް ވިޔާމް ބުނެ އެފަށް އެދުވަހު އޭނާއަށް ވިޔާމް ދިނެވެ.އަދި ޑަސްބިން ތެރެއަށް ކޮތަޅާއިއެކު ގަހަނާ ފޮށްޓާއި ސްލިޕްކޮޅުލުމަށާއި، ފަރީޝާ އައިސްފިނަަމަ ކޮންމެވެސް ގޮތަކުން އޭނާއަށް ޑަސްބިން ފެންނަގޮތް ހެދުމަށް ނަތާޝާ ކައިރި ވިޔާމް އެދުނެވެ.ފަރީޝާ ފިހާރައަށް ވަނުމާއެކު ވިޔާމް އެދުނުގޮތަށް ޑަސްބިން އޭނާއަށް ފެންނަގޮތަށް ނަތާޝާ ބެހެއްޓިއެވެ.އަދި އެގަހަނާފޮށި ފަސޭހައިން ފެންނާނެހެން ޑަސްބިނުގެ އެންމެ މައްޗަށްލިއެވެ.ނަތާޝާގެ ކަރުގައި އަޅާފައި އިން ފަށާއި ޑަސްބިންތެރޭ ހުރިއެއްޗެހި ފަރީޝާގެ ލޮލުގައި އަޅައިގަންނާކަށް މާކަ ގިނަވަގުތެއް ނުނެގިއެވެ.އެހެންކަމުން ވިޔާމް ބޭނުންވި ކަންތައް ވަރަށް ފަސޭހައިން ވިއެވެ.
އެދުވަހު އެފަށުގެ ވާހަކަ ފަރީޝާ ވިޔާމް ގާތު އެހީ ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހިހުރެއެވެ.އެހެންކަމުން ވިޔާމްގެ މިފަހަރުގެ ކުޅިވަރުން ފަރީޝާއަށް އަސަރެއް ކޮށްފިކަން ވިޔާމަށް އިހުސާސްވިއެވެ.އަދި ފަރީޝާއަށް އެއީ ކުޅިވަރެއް ކަމުގައި ހީވިޔަ ނުދިނުމަށް، ވިޔާމް އެހެންވެސް ބޭވަފާތެރިވާ މީހުންނެކޭ އެއްފަދައިން އެކަމަށް އިންކާރުކޮށް ނަފްސު ދިފާއުކުރިއެވެ.
ވިޔާމްގެ އެބަސްތަކުން ރުޅިއައިސްފައިހުރި ފަރީޝާގެ ރުޅި މުޅިން ހިނދުނެވެ.އެއީ ވިޔާމް ބޭނުންވިގޮތެއް ނޫނެވެ.ވިޔާމް އުންމީދުކުރީ އެފަހަރު ފަރީޝާ އޭނާއާ ވަރިވާން ނިންމާނެ ކަމަށެވެ.ނަމަވެސް ފަރީޝާގެ ކެތްތެރިކަން ފެނި ވިޔާމް އިތުރަަށް މާޔޫސްވިއެވެ.އެހެންކަމުން އޭނާ ނިންމީ އެންމެފަހުގެ ނިންމުން ނިންމާށެވެ.އެއީ ނަތާޝާ އޭނާގެ ދަރިއަކަށް ބަލިވެއިންކަން ދެއްކުމަށެވެ.އެރޯލުކީ ނަތާޝާއަށްވެސް އަދި ވިޔާމަށްވެސް ކުޅެން އުދަނގޫވި ބައެކެވެ.އެހެންނަމަވެސް ޕްލޭނާ އެއްގޮތަށް ހުރިހާކަމެއް ކުރުމަށްފަހު، ޕްލޭންގެ އެންމެފަހު މަރުހަލާއަށް ދެމީހުންނަށްވެސް އާދެވިފައިވުމުން އެކަން ކުރަން ނިންމީއެވެ.
އެހެންކަމުން ބައްޕަ ބަލިވެގެން ރަށަށް ދަނީއޭ ބުނެ ގެއިން ނިކުމެގެންގޮސް ނަތާޝާހުރީ ވިޔާމްމެން އޭނާއަށް ހިފައިދިން، ރަށުގެ މީހުން މަދު ހިސާބެއްގައި ހުރި ދުވަހު ކުއްޔަށްދޭ ކޮޓަރިއެއްގައެވެ.ނަތާޝާއަށް ބަރާބަރަށް ވަސީމާ ކާއެއްޗެހި ގެންގޮސްދީ ހަދާތީ ނަތާޝާ ތިންދުވަސް ވަންދެން އެއްގޮތަކަށްވެސް ކޮޓަރިން ބޭރަކަށް ނުނިކުމެއެވެ.އެހެންކަމުން ނަތާޝާވީ އޭނާގެ ބައްޕަ ބަލިވެގެން ރަށުގައި ކަމުގައި ފަރީޝާއަށް ހީވިއެވެ.އަނެއްކޮޅުން ވިޔާމް ދިޔައީ ރަށާ ކައިރި ރަށަކަށެވެ.އެދުވަހު ލޯންޗުގައި އޭނާ އެކަނި އިންދާ ފަރީޝާ ގުޅުމުން ވާާހަކަދެއްކިގޮތަށް ތިންދުވަސް ވަންދެން ފަރީޝާގެ ކޯލު އަންނަކަން އެނގިހުރެވެސްް ޖަވާބުނުދީ ވިޔާމް ހުރީއެވެ.އެއީ ވިޔާމް އަންހެނަކު ގެންގުޅޭކަން ފަރީޝާގެ ހިތަށް ގަބޫލުކުރުވުމަށެވެ.އެރަށުގައި ހުރި ތިންދުވަހުވެސް ވިޔާމްގެ ކަމަކީ ފަރީޝާގެ މަތިން ހަނދާންކޮށް ރުއިމެވެ.ނޫނީ މަންމައަށް ގުޅައިގެން ރުއިމެވެ.
ތިންދުވަސް ހަމަވުމުން ނަތާޝާ ގެއަށް އެނބުރި އައީ ކަރުގައި ރެޑްމާކެއް އިންފަދައިން މޭކަޕެއް ކޮށްގެނެވެ.އެއީވެސް އެމީހުންގެ ޕްލޭންގެ ބައެކެވެ.ނަތާޝާއާ ވިޔާމާ ދޭތެރޭގައި ކަމެއް ހިނގިކަމަށް ދޭހަކޮށްދިނުމުގެ ގޮތުންނެވެ.އެދުވަހު ވިޔާމް އެދިފައިވާ ގޮތަށް އޭނާގެ މަންމަ، ނަތާޝާގެ ކަރަށް ކިހިނެއްވެފަތޯ ސުވާލުކުރިއެވެ.އެއީ އެތަން ފަރީޝާއަށް ދެއްކުމުގެ ނިޔަތުގައެވެ.އެދުވަހު އޭނާއަށް ނަތާޝާ ކަރުގައި އިން މޭކަޕް ފެނުނެވެ.ނަމަވެސް އެއީ މޭކަޕެއް ކަމެއް ފަރީޝާއަކަށް ނޭނގެއެވެ.
ފަރީޝާއަށް ނަތާޝާގެ ކަރުގައި އިން މޭކަޕް ދެއްކިވާހަަކަ ބުނަން ވިޔާމަށް އޭނާގެ މަންމަ ގުޅައިގެން އިން ވަގުތު ފަރީޝާވެސް ވިޔާމަށް ގުޅިއެވެ.އެވަގުތު ވިޔާމްގެ ފޯނު ވެއިޓިންގައި އިންތަން ފެނި ފަރީޝާގެ ބޮލަށް އެތައް ސުވާލުމާކުތަކެއް ޖަމާވިއެވެ.ނަމަވެސް އެފަހަރުވެސް ފަރީޝާ އެދެމީހުންނަށް ޝައްކެއް ނުކުރިއެވެ. އޭނާގެ އާދައިގެމަތިން ސުވާލުކުރުން ފިޔަވައި ވަރީގެ ވާހަކައެއް ނުދެއްކިއެވެ.
އޭގެ ހަފްތާއެއްފަހުން އަނެއްކާވެސް ކުޅިވަރެއް ނަތާޝާއާ އެކު ވިޔާމް ކުޅުނެވެ.އެދުވަހު ފަރީޝާ އެކަނިކުރުވަން ގޭގައި ތިބި އެންމެންވެސް ބޭރަށް ދިޔައެވެ.ނަމަވެސް ވަސީމާ ހުރީ ފަރީޝާ ޖޯއްޔަށް ނިކުމޭތޯ އޭނާއަށް ނުފެންނަ ގޮތަށް ފާރައަށެވެ.ގޭގައި އެއްވެސް މީހަކު ނެތުމުން ފޫހިވެގެން ފަރީޝާ ބޭރު ޖޯއްޔަށް ނިކުތްވަގުތު ވަސީމާ އެޚަބަރު ވިޔާމަށް ގުޅާފައި ދިނުމުން އޭނާ ނަތާޝާ ސައިކަލަށް އަރުވައިގެން ގޭދޮރުމައްޗަށް މަޑުކުރުވިއެވެ.އެދުވަހު ފަރީޝާ ހުރަސްކޮށް ނަތާޝާއާ އެކު ދިޔަަވަގުތު ވިޔާމްގެ ހިތަށް ވޭނީ ރިހުމެއް އެެރިކަހަލައެވެެ.ނަމަވެސް ފަރީޝާ ފެންނަކަމަށް ނުހަދާ ވިޔާމް ދިޔައީއެވެ.އެދުވަހު އެދެމީހުންނާ ދިމާލަށް ބަލަން ފަރީޝާ ހުރުމަށްފަހު ނަތާޝާގެ ކޮޓަރިއަށް ދިޔައެވެ.އެވަގުތު ވަސީމާ ގުޅައިފައި އެޚަބަރު ދިނުމުން ވިޔާމް އެތަނުން ނިކުތެވެ.އަދި ފަރީޝާ އައިކަން އެނގިހުރެވެސް ފަރީޝާ ފެނުމުން ސިހުމެއް އެރިހެން ގޮތްދައްކާލިއެވެ.އަދި ނަތާޝާ އުޅެނީ ބަލިވެކަމަށާއި، މާބަނޑު މިހުންނަށް އާންމުކޮށް ވާކަންތައް ކަމުގައިވާ މޭނުބައިކޮށް ބޯއަނބުރަނީކަމުގައި ވިޔާމް ބުންޏެވެ.
އެދުވަހުވެސް ފަރީޝާ އެދެމީހުންނަށް ޝައްކެއް ނުކުރިއެވެ.އޭގެ ބަދަލުގައި ނަތާޝާ ބަލިވާހަކަ ބުނުމުން އޭނާއަށް ފަރީޝާ އޯގާތެެރިވީއެވެ.އެހެންކަމުން އެއްރޭ ވިޔާމާ ނަތާޝާގެ ފަހުގެ ކުޅިވަރު ކުޅެލިއެވެ.އެއީ އެދެމީހުން ގައިގޯޅިން ތިބޭ މަންޒަރު ފަރީޝާއަށް ދެއްކުމަށެވެ.އެހެން ހެދުމުން ހަމަ ގައިމުވެސް ފަރީޝާ ރުޅިއައިސްގެން ވަރިވާނެކަން ވިޔާމަށް ޔަގީންވާތީއެވެ.
އެރޭ ފަރީޝާ ނިދާފައި އޮތްއިރު ވިޔާމް ބޭރަށް ނިކުތެެވެ.އެއީ ކޮންމެރެއަކުވެސް ފަރީޝާއަށް ދެއްކުމަށް ފޯނުގައި އިންނަކަމަށް ހަދައިގެން ޖޯލީގައި އިނުމަށެވެ.ނަމަވެސް އެރޭ ފަރީޝާ އޮތީ ނިދާފައި ކަމުން ކޮޓަރި ބޭރުގައި ހުރެ ކުޑަދޮރުން ފަރީޝާއަށް ބަލަން ވިޔާމް ހުއްޓެވެ.ނިދާފައި އޮތް ފަރީޝާއަށް ބަލަން ކަރުނައިން ފުރިފައި ވިޔާމްހުއްޓާ ފަރީޝާ ހޭލި މަންޒަރު ފެނުމާއެކު ވިޔާމް އަވަހަށް އެތަނުން ފިލިއެވެ.އަދި ވަގުތުން މަންމަގެ ނަންބަރަށް ގުޅާލުމަށްފަހު ފަރީޝާ ހޭލައިފިކަމަށް އޭނާ ބުންޏެވެ.
އެހެންކަމުން ނަތާޝާއަށް ގުޅާ އޭނާގެ ކޮޓަރިއަށް ވިޔާމް ވަނެވެ.އަދި ދެމީހުން އެކަކު އަނެކަކާ ކައިރިވާން ނުކެރިފައި އެތައް އިރަކު ތިއްބެވެ.އެހެންނަމަވެސް ވިޔާމްގެ މަންމަ ގުޅާފައި ފަރީޝާ ގޯތިތެރެއަށް ނިކުމެއްޖެ ވާހަކަބުނުމުން ވިޔާމްމެނަށް ޖެހުނީ އެކަންކުރާށެވެ.އެހެންކަމުން ކޮޓަރި ތަޅުނުލާ ވިޔާމް އެނދުގައި އޮށޯތުމުން އޭނާ ކައިރި ނަތާޝާވެސް އޮށޯތެވެ.އަދި ފަރީޝާ އެމީހުންގެ ކޮޓަރި ދޮރުމަތީގައި ހުރިވާހަކަ ފަރީޝާއަށް ބަލަން ފާރައަށްހުރި ވިޔާމްގެ މަންމަ ބުނުމުން ނަތާޝާގެ ބަނޑުގައި ވިޔާމް އަތްހާކަން ފެށިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





