ފަރީޝާއަށް ބޭވަފާތެރިވެއްޖެކަން ދެއްކުމަށް ކުޅިވަރެއް ކުޅެދިނުމަށް އަންހެންކުއްޖަކު ބޭނުންވާ ވާހަކަ ވިޔާމް ވަސީމާއަށް ބުންޏެވެ.ވިޔާމްގެ އެވާހަކައާ ދޭތެރޭ ވަސީމާ ވިސްނާލިއެވެ.ދިރިހުރުމުގެ އުންމީދު ގެއްލިފައިވާ އޭނާގެ ކޮއްކޮގެ އެދުން ފުރިހަމަކޮށްދެން ވަސީމާ ބޭނުންވިއެވެ.އެކަން ކޮށްދިނުމަށް ހޯދާނެ އަންހެންކުއްޖަކާ ދޭތެރޭގައި ވަސީމާ ވިސްނަން ފެށިއެވެ.ވަރަށް ވިސްނުމަށްފަހު ވަސީމާގެ ބޮލަށް އައީ ހަމަ އެންމެ ނަމެކެވެ.އެއީ އޭނާގެ ފިރިމީހާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ނަތާޝާއެވެ.ނަތާޝާއަކީ އަހުލާގު ރަނގަޅު ބަލާލަންވެސް ހުތުރު ކުއްޖަކަށް ނުވާތީ، އެކަމަށް އެންމެ އެކަށޭނީ އޭނާކަން ވަސީމާއަށް އިހުސާސްކުރެވުނެވެ.އެހެންނަމަވެސް ނަތާޝާ އެކަންކުރަން ގަބޫލުވެދާނެބާވައޭ ވަސީމާގެ ހިތަށްއެރިއެވެ.
ނަތާޝާ ގަބޫލުނުވިއަސް އާދޭސްކޮށްގެންވިއަސް އޭނާ އެކަމަށް އެއްބަސް ކުރުވޭތޯ ވަސީމާ ނިންމިއެވެ.އެހެންކަމުން އެވާހަކަ ވަސީމާ އޭނާގެ ފިރިމީހާ ގާތު ދެއްކިއެވެ.ވިޔާމަށް ކެންސަރުޖެހިފައިވާކަން ވަސީމާގެ ފިރިމީހާއަށްވެސް އެނގެއެވެ.އެހެންނަަމަވެސް އެކަމަކީ ވަސީމާގެ ފިރިމީހާއަށްވެސް ރުހެވޭނެކަމަކަށް ނުވިއެވެ.އެހެންނަމަވެސް އެވާހަކަ ނަތާޝާ ގާތު ދައްކާލުމަށް އޭނާ ވަސީމާ ކައިރި ބުންޏެވެ.
އެރޭ ވަސީމާ ނަތާޝާއަށް ގުޅިއެވެ.އަދި އޭނާ އެއްވެސް ކަމެއްކުރަންތޯ ސުވާލުކުރިއެވެ.ވަސީމާގެ ސުވާލަށް ޖަވާބުދެމުން ނަތާޝާބުނީ އޭނާ ކިޔެވުން ނިންމިގޮތަށް، ވަޒީފާއެއްވެސް ނުލިބޭތީއާއެކު ރަށުގައި އެއްވެސްކަމެއް ނުކޮށް ހުންނަނީ ކަމުގައެވެ.ނަތާޝާއާ ކުޑަކޮށް ވާހަކަދައްކާލުމަށްފަހު، ވިޔާމްގެ ވާހަަކަ ނަތާޝާއަށް ވަސީމާ ހިއްސާކުރިއެވެ.އަދި ނަތާޝާގެ ފަރާތުން ބޭނުންވާ ކަންތައްވެސް ވަސީމާ ބުންޏެވެ.ވަސީމާގެ ވާހަކަތަކަށް އެއްޗެކޭ ނުބުނެ ނަތާޝާ ވަގުތުކޮޅަކު ހުއްޓެވެ.އޭނާއަށް އެއީ ގަބޫލުވާން ފަސޭހަކަމަކަށް ނުވިއެވެ.
މަހު މުސާރައެއްވެސް ދޭގޮތަށް ވިޔާމާ ގުޅުމެއް އޮންނަގޮތަށް ފަރީޝާއަށް ދެއްކުމުގެ ނިޔަތުގައި ކުޅިވަރެއް ކުޅެލަދިނުމަށް ވަސީމާ ބުންޏެވެެ.އަދި ރަށަށް އަޔަސް ނަތާޝާ ލައްވާ އެއްވެސް މަސައްކަތެއް ނުކުރުވާނަންކަމަށްވެސް ވަސީމާ ބުންޏެވެ.ވިޔާމްގެ ހާލަތާ ދޭތެރޭގައި ނަތާޝާ ދެރަވެ ހަމްދަަރުދީވިއެވެ.އެހެންނަމަވެސް އެއީ އޭނާއަށް ކުރަން ވަރަށް އުދަނގޫވާނެކަމެއް ކަމަށް އިރުއިރުކޮޅާ ވަސީމާއަށް ނަތާޝާ ބުނެއެވެ.ވަސީމާ ވަރަށް ވާހަކަދެއްކުމުން އެންމެފަހުން އެކަންކުރަން ނަތާޝާ ގަބޫލުވިއެވެ.
ނަތާޝާ އެކަމަށް ގަބޫލުވުމުން ވަސީމާ ވަގުތުން ވިޔާމްގާތަށް ދިޔައެވެ.އަދި ނަތާޝާ އެކަންކޮށްދޭނެކަމަށް ބުންޏެވެ.އެރޭ ނަތާޝާއާ ވިޔާމްގެ އިތުރުން ވަސީމާއާ ވެގެން ކުރިއަށް ކަންތައްކުރާނެ ގޮތުގެ ޕްލޭނެއް ރޭވިއެވެ.އަދި އެމީހުންގެ ޕްލޭން ވިޔާމްގެ މައިންބަފައިންނަށްވެސް ކިޔައިދިނެވެ.އެމީހުންވެސް އެކަމަށް ގަބޫލެއްނޫނެވެ.ނަމަވެސް ވިޔާމަށްޓަކާ އެއްޗެކޭ ނުބުނެ ތިއްބެވެ.
ނަތާޝާ އަންނަން ގަބޫލުވުމުން އޭނާ އަންނަނީ ކީއްކުރަންތޯ ފަރީޝާ ކުރިމަތީ ބުނާނެ އެއްޗަކާމެދު ވަސީމާ ވިސްނަން ފެށިއެވެ.އަދި އޭނާއަށް ހިޔާލެއްއައީ އޭނާގެ ފިހާރައިގައި ވަޒީފާ އަދާކުރަމުންދިޔަ އަންހެންކުއްޖާ މީހަކާއިނދެ އޭނާގެ ދިރިއުޅުން ފިރިމީހާގެ ރަށަށް ބަދަލުކުރުމުންނެވެ.އެހެންކަމުން ނަތާޝާ އަންނަނީ ފިހާރައަށްކަމަށް ބުނާނީ ކަމުގައި ވަސީމާ ނިންމިއެވެ.
އޭގެ އަނެއްދުވަހު އެންމެން އެކުގައި ސައިބޯން އެރުމަށްފަހު ނަތާޝާ އަންނަވާހަކަ ވަސީމާ ދެއްކިއެވެ.އެވަގުތު އެތާ ފަރީޝާވެސް އިނެވެ.ނަތާޝާ އަންނަ ސަބަބުވެސް އޭނާ ފަރީޝާކުރިމަތީގައި ބުންޏެވެ.ވިޔާމްގެ މަންމަވެސް ނަތާޝާ އަންނަކަން އެނގިހުރެވެސ،ް ފަރީޝާ ކުރިމަތީ ނޭނގޭކަމަށް ހަދަމުން ނަތާޝާއާ ބެހޭގޮތުން ސުވާލުކުރަމުން ދިޔައެވެ.
ނަތާޝާ ރަށަށް އައިދުވަހު އޭނާ ބަލާ ބަނދަރަށް އެންމެން ދިއުމަށް ވަސީމާ އެދުނީވެސް އެމީހުން ކޮށްފައިވާ ޕްލޭނާ އެއްގޮތަށް އަމަލުކުރުމުގެ ނިޔަތުގައެވެ.އެދުވަހު ނަތާޝާ އައުމުން އޭނާއާ ދިމާލަށް ވިޔާމް ކަޅިޖަހާނުލާ ބަލަންހުރީވެސް އެއީ އެމީހުންގެ ޕްލޭނުގެ ބަޔަކަށް ވާތީއެވެ.ވިޔާމް ނަތާޝާއާ ދިމާލަށް ކަޅިޖަހާނުލާ ބަލަންހުރި މަންޒަރު ފަރީޝާއަށް ފެނުނެވެ.ފަރީޝާ އޭނާއާ ދިމާލަށް ބަލަންހުންނަ ވަގުތު ވިޔާމްގެ ނަޒަރު ނަތާޝާއަށް ހުއްޓިފައިވިޔަސް، ފަރީޝާ ނުބަލާ ހުންނަވަގުތު ވިޔާމްގެ ނަޒަރު ހުންނަނީ ފަރީޝާއަށެވެ.
ނަތާޝާ އެރަށަށް އައި ފުރަތަމަ ދުވަހުވެސް މައިދައިތައާ ވަސީމާ ދައްތަ އޭނާ ގާތްކުރީވެސް އެއީ ޕްލޭނުގައިވާ ގޮތެވެ.ކާން އެރުމަށްފަހުވެސް އެދުވަހު ވިޔާމްގެ ނަޒަރު މުޅިންހެން ނަތާޝާއަށް ހުއްޓިފައިވަނީ އެއީ އޭނާ ފަރީޝާއަށް ދެއްކުމަށްކުރި ކަމަކަށްވާތީއެވެ.ހަގީގަތުގައި ފަރީޝާނޫން އެހެން އަންހެނަކާ ދިމާލަށް ބަލަން ވިޔާމަށް ވަރަށްވެސް އުދަނގުލެވެ.
ނަތާޝާ އައިފަހުން ވިޔާމް އަބަދު ރީތިވެ ސެންޓުޖަހާ ކަންތައްކުރަންފެށީ އޭނާ ނަތާޝާދެކެ ގަޔާވެއްޖެކަމަށް، ފަރީޝާއަށް ހީކުރުވުމުގެ ނިޔަތުގައެވެ. ނަތާޝާއަކީ ރީތިކުއްޖެއްދޯއޭ ކިޔާ ފަރީޝާ ވިޔާމަށް ސުވާލުކުރިދުވަހު ފަރީޝާއަށް އެއްޗެއް ހީވެއްޖެކަން ވިޔާމަށް އިހުސާސްކުރެވުނެވެ.ވިޔާމް އަބަދު ރީތިވެގެން ހުންނާތީ އެސުވާލުވެސް ފަރީޝާ އެހިއެވެ.އެހެންކަމުން އޭނާގެ ފަހު ޕްލޭން މަސައްކަތް ކުރާކަމުގެ އިހުސާސް ވިޔާމަށް ކުރެވެން ފެށިއެވެ.އެހެންކަމުން ކޮންމެރެއަކު ބޭރު ޖޯލީގައި ވިޔާމް އިންނަން ފެށިއެވެ.
ކޮޓަރިން ބޭރަށް ފަރީޝާ ނިކުންނަކަން، ފާރައަށް ހުންނަ ވަސީމާ ނޫނީ މައިދައިތަ ވިޔާމަށް އެންގުމުން އޭނާ ފޯނުގައި އިންނަކަމަށް ހެދެއެވެ.އެހެންކަމުން ފަރީޝާއަށް އަބަދުވެސް ފެންނަނީ ވިޔާމް ބޭރުޖޯލީގައި ފޯނުގައި އިންނަތަނެވެ.އެހެންނަމަވެސް ހަގީގަތުގައި ވިޔާމް އެތާއިނދެ ހިތާމަކުރުން ނޫންކަމެއް ނުކުރެއެވެ.ފަރީޝާ ނިކުންނަ އިރަށް ފޯނު ކަންފަތުގައި ޖަހާގެން އިނދެ އަސްލު ފޯނު ބޭނުންނުކުރާ ކަމަށްވާނަމަ ފަރީޝާއަށް ޝައްކެއް ވެދާނެތީ، ވިޔާމް ދެން ކޮންމެރެއަކުވެސް އިންނަނީ އޭނާގެ މަންމަގެ ފޯނަށް ގުޅައިގެންނެވެ.އެއީ ފަރީޝާ ވިޔާމްގެ ފޯނަށް ގުޅިއަސް ކޯލު ވެއިޓިންގައި އިންތަން ދެއްކުމުގެ ނިޔަތުގައެވެ.ވީވެސް އެހެންނެވެ.ފަރީޝާ ވިޔާމަށް ގުޅިފަހަރު އޭނާ ފޯނު ވެއިޓިންގައި އިންތަން ފަރީޝާއަށް ފެނި އެކަމާވެސް ފަރީޝާ ސުވާލުކުރިއެވެ.
ވިޔާމްގެ އަމަލުތަކާމެދު ސުވާލުކުރުން ފިޔަވައި ވަރީގެ ވާހަކަ ފަރީޝާ ނުދައްކާތީ ވިޔާމް ނިންމީ އޭނާއާ ނަތާޝާއާ ގުޅުމެއްވާކަން ފަރީޝާއަށް ދައްކާށެވެ.އެހެންކަމުން ފަރީޝާ ފިހާރައަށް އެއްޗެހިގަންނަން ނިކުތް ދުވަހެއްގައި ވަސީމާ ގުޅާފައި ފަރީޝާ ފިހާރައަށް ދާާކަން ވިޔާމަށް އެންގުމުނ،ް ވިޔާމް އެދުވަހު ފަރީޝާއަށްވުރެ ކުރިއަށް ފިހާރައަށް ގޮސް ހުއްޓެެވެ.އަދި ފަރީޝާ އަންނަކަން އެނގިހުރެ އޭނާ ކައުންޓަރުމަތީ ބަޅުވެލައިގެން އޮވެ ނަތާޝާއާ ވާހަކަދައްކަމުން ދިޔައެވ.ެ
އެދުވަހު ފަރީޝާ ފިހާރަ ދޮރުމައްޗަށް އައިސް ހުއްޓުނުކަންވެސް ވިޔާމަށް އެނގެއެވެ.އެހެންނަމަވެސް އޭނާ ނުފެންނަކަމަށް ހަދައިގެން ނަތާޝާއާ ވާހަކަދައްކަމުން ވިޔާމް ދިޔައެވެ.އެގޮތުގައި ހުރުމަށްފަހު ފަރީޝާ ފެންނަކަމަށް ވިޔާމް ހެދުމުން ފަރީޝާ އެތަނުން ނިކުމެގެން ދިޔައެެވެ.އެދުވަހު ވިޔާމްވެސް ފަރީޝާގެ ފަހަތުން އޭނާއަށް ނުފެންނަހެން ދިޔައެވެ.ފަރީޝާއަށް އެހެންހަދަން ޖެހުމުން އެދުވަހު ވިޔާމްގެ ހިތަށް ވަރަށް އަސަރުވެސް ކުރިއެވެ.ވިޔާމް އާދޭތޯ ފަހަތަށް އެނބުރި ފަރީޝާ ބަލާލިތަންވެސް، އެވަގުތު ގެއެއްގެ ފާރާ ނިވާވެގެން ފަރީޝާއަށް ބަލަން ކަރުނައިން ފުރިގެންވާ ހާލު ހުރި ވިޔާމަށް ފެނުނެވެ.އެދުވަހު އެތާހުރެ ވިޔާމް ވަރަށް ރުއެވެ.އެހެންނަމަވެސް އެކަމެއް ފަރީޝާއަކަށް ނޭނގޭނެއެވެ.އޭނާއަށް ވިޔާމް ނުފެނުމުން، އޭނާގެ ފަހަތުން ވިޔާމް ނާންނަނީ ކަމުގައި ފަރީޝާއަށްވަނީ ހީކުރެވިފައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





