ވިޔާމްގެ ފަރާތުން މާމަ ދަރިއަކު، ވިޔާމްގެ މައިންބަފައިން ބޭނުންވާ ވާހަކަ އަބަދު ދައްކާތީއާއެކު ދެމީހުން ޓެސްޓުކުރަން، ފަރީޝާ ވިޔާމަށް އެދުނެވެ.އެހެންކަމުން ކުރިން ޑަކުޓަރާއެކު ރާވާފައި އޮތްގޮތަށް ވިޔާމް ފަރީޝާ ގޮވައިގެންދިޔައީ ވަސީމާގެ ރަހުމަތްތެރި ޑަކުޓަރުގެ ގާތަށެވެ.އެހެންނަމަވެސް އެއީ ވަސީމާގެ ރަހުމަތްތެރިއެއް ކަމެއް ފަރީޝާއަކަށް ނޭނގޭނެއެެވެ.ފަރީޝާގެ މައްސަލައެއް ނޫޅޭނަމަ ވިޔާމް ޓެސްޓުކުރާގޮތަށް، ވިޔާމްގެ އެދުމުގެމަތިން އެދުވަހު ޓެސްޓުކުރީ ފަރީޝާ އެކަންޏެވެ.
އެދުވަހުގެ މެންދުރުގެ ވަގުތު، ޑަކުޓަރު އަސްލު ނަތީޖާާ ލިބުނުވާހަކަ ބުނަން ވިޔާމަށް ގުޅިއެވެ.ޑަކުޓަރު ބުނިގޮތުގައި ދަރިން ލިބުމުގައި އެއްވެސް މައްސަލައެއް ފަރީޝާގެ ނެތެވެ.އެހެންނަމަވެސް ވިޔާމް އެދުނުގޮތަށް ފަރީޝާގެ ސްކޭން، ބަނޑުގައި ސިސްޓުހުރި އެހެންމީހެއްގެ ސްކޭނަށް ބަދަލުކޮށްފިން ކަމަށާއި ހަވީރު އެނަތީޖާ ބަލާއައުމަށް ފަރީޝާއަށް ޑަކުޓަރު ގުޅާނެކަމަށް ބުންޏެވެ.ފަރީޝާގެ އެއްވެސް މައްސަލައެއް ނެތްއިރު ދެން މައްސަލަ އުޅޭނީ ވިޔާމްގެކަން އޭނާއަށް އެދުވަހު އެނގުނެވެ.އޭނާއަށް ދަރިން ލިބުމުގައި ހުރަސްއަޅަނީ ބަނޑުގައި އިން ޓިއުމަރުންކަމަށް އެދުވަހު ވިޔާމަށް ހީކުރެވުނެވެ.
ޑަކުޓަރު ނަތީޖާ ލިބުނުވާހަކަ ބުނަން ފަރީޝާއަށް ގުޅުމުން އޭނާއާ ވިޔާމް ހޮސްޕިޓަލަށްދާން ސައިކަލަށް އެރިއެެވެ.ގެއިން ހޮސްޕިޓަލަށް ދެވެންދެން ފަރީޝާ ދައްކަމުންދިޔައީ ލިބޭނެ ނަތީޖާއަކާ ދޭތެރޭ ވިސްނާ ހިތް ނުތަނަަވަސްވާ ވާހަކައެވެ.އޭނާ ސައިކަލުމަތީގައި އިނދެވެސް ލިބޭނެ ނަތީޖާ ރަނގަޅުވޭތޯ ދުއާކުރަމުންދިޔައެވެ.ފަރީޝާ ކުރަމުންދިޔަ ދުޢާތައް އަޑުއިވުމުން ވިޔާމް ވަރަށް ދެރަވިއެވެ.
ވިޔާމް އެދުނުގޮތަށް ފަރީޝާގެ ބަނޑުގައި ސިސްޓުހުރިކަމަށް ޑަކުޓަރު ފަރީޝާ ކައިރި ބުންޏެވެ.އަދި ފަރީޝާއަށް އެކަމަށް އެއްވެސް ބޭހެއް ނުދިނުމުން ޝައްކުވެދާނެތީ، ޑަކުޓަރުދިނީ ހަށިގަނޑަށް ގެއްލުންނުވާނެ ވިޓަމިން ބޭސްތަކެކެެވެ.ނަމަވެސް އެބޭސްތައް ބޭނުންކުރުމުން ފަހަރުގައި ބަރުދަން އިތުރުވެދާނެކަމަށް ޑަކުޓަރު ފަރީޝާއަށް އެންގިއެވެ.ފަރީޝާއަށް އެއީ ވިޓަމިން ބޭސްތަކެއްކަމެއް ނޭންގޭނެއެވެ.އޭނާ ހީކުރީ އެއީ ޑަކުޓަރު އޭނާކައިރި ބުނިފަދައިން ސިސްޓު ވިރުވުމަށާއި ދަރިމައިވުމަށް ބޭނުންކުރާ ބޭސްތަކެއް ކަމަށެވެ.އެހެންކަމުން ބަރުދަން އިތުރުވިއަސް ސިސްޓު ވިރުވަން ފަރީޝާ ބޭނުންވިއެވެ.
ފަރީޝާގެ މައްސަލައުޅޭކަން އެނގުމުން އޭނާއަށް ރޮވުނެވެ.ފަރީޝާ ރޯމަންޒަރު ފެނުމުން ވިޔާމްގެ ހިތަށް ވަރަށް އަސަރުކުރިއެވެ.އެހެންނަމަވެސް ވިޔާމަށް ވަނީ ފަރީޝާއަށް އެހެންހަދަން މަޖުބޫރުވެފައެވެ.އެއީ ފަހުން ފަރީޝާއަށް ލިބޭނެ ހިތާމަ ކުޑަކުރުމުގެ ނިޔަތުގައެވެ.ފަރީޝާގެ އެދުމުގެމަތިން އޭނާ ގޮވައިގެން އިތުރު ފަރުވާއަށް ވިޔާމް މާލެ ދިޔައެވެ.މާލެގޮސް ހިޖާމާވެސް ފަރީޝާ ޖެހިއެވެ.ހިޖާމާގެ ފަރުވާ ފަރީޝާއަށް ދިނީ ސިސްޓުހުރިކަން އަންގައިދޭ ސްކޭން ރިޕޯޓަށް ބަލައިގެންނެވެ.ެމާލެއިން ފަރީޝާ ދެއްކި ޑަކުޓަރަކީ ވަސީމާގެ ރަހުމަތްތެރި ޑަކުޓަރުގެ ރަހުމަަތްތެރިއެކެވެ.އެހެންކަމުން ވިޔާމްގެ ވާހަކަ އެޑަކުޓަރުވަނީ މާލޭގައި ހުރި ޑަކުޓަަރަށް ކިޔައިދީފައެވެ.
ފަރީޝާ އަބަދު ރޯތީ އެމަންޒަރު ދެކެން ވިޔާމްގެ ހިތަށް ކެތްނުވުމުން ސިސްޓު ވިރިއްޖެކަމަށް ފަރީޝާކައިރި ބުނެދިނުމަށް މާލޭގައި ހުރި ޑަކުޓަރުގާތު ވިޔާމް އެދުނެވެ.އަދި ޑަކުޓަރު ވިޔާމް އެދުނުގޮަތަށް ކަންތައް ކުރިއެވެ.ބަނޑުގައި އިން ސިސްޓު ވިރުނުކަން އެނގުމުން ފަރީޝާ ވަރަށް އުފާވިއެވެ.އަދި ދަރިން ހޯދަން އޭނާ ވަރަށް މަސައްކަތް ކުރިއެވެ.އެހެންނަަމަވެސް އެކަން ކާމިޔާބުނުވުމުން އަނެއްކާވެސް ފަރީޝާ މާޔޫސްވިއެވެ.
ފަރީޝާއަށް ދަރިން ނުލިބޭތީ އޭނާ ވިޔާމާ ދުރުވެދާނެއޭ ވިޔާމަށް ހީވި ހީވުން ކާމިޔާބެއްނުވިއެވެ.އެހެންކަމުން އަނެއްކާވެސް ވިޔާމް ވިސްނީ ފަރީޝާ، އޭނާގެ ހަޔާތުން ދުރަށްދާނެގޮތަކާމެދުގައެވެ.އެދުވަސްކޮޅަކީ ފަރީޝާ ކެއި ވިޓަމިން ބޭސްތަކުން އޭނާގެ ބަރުދަން އިތުރުވި ދުވަސްކޮޅެވެ.އެހެންކަމުން ދަރިން ނުލިބޭތީ އަނެއްކާވެސް ވަސީމާގެ ރަހުމަތްތެރި ޑަކުޓަރަށް ފަރީޝާ ދެއްކިއެވެ.އެފަހަރު ފަރީޝާ ގާތު ޑަކުޓަރުބުނީ ބަރުދަން ލުއިކުރުމަށެވެ.ދަރިން ލިބުމަށް ހުރަސްއަޅަނީ ބަރުދަން އިތުރުވުމުން ކަމަށެެވެ.
ޑަކުޓަރު އެހެންބުނުމުން ފަރީޝާ ދުވަންދާން ފެށިއެވެ.ބަރުދަން ލުއިކުރުމަށް ފަރީޝާ ކުރަމުންދާ ހިތްވަރާއި އަޒުމު ވިޔާމަށް ފެނި، ފަރީޝާގެ ބަރުދަން ވަރަށް އަވަހަށް ލުއިވެދާނެކަމަށް ވިޔާމަށް ހީކުރެވުނެވެ.އަދި އެހެންއެކަންވެގެން ދަރިއަކު ނުލިބިއްޖެނަމަ ފަރީޝާއަށް އޭނާގެ މައްސަލައެއް ނެތްކަން އެނގި، ވިޔާމްގެ ބައްޔާ ކުރި ޕްލޭންތައް ފަޅާއަރާފާނެތީ ވިޔާމް ޖެހިލުންވާން ފެށިއެވެ.އެހެންކަމުން ވިޔާމް ނިންމީ ފަރީޝާއާއެކު އުޅެމުން އައި ލޯބި ދިރިއުޅުން ހުއްޓާލުމަށްފަހު، ފަރީޝާއަށް އަޅާލުން ކުޑަކަން ދައްކާށެވެ.ކިތަންމެ ހިތަށް އުދަނގޫވިޔަސްމެއެވެ.
ވިޔާމްގެ އުޅުމަށް ހެޔޮނޫން ބަދަލުތައް އަންނަން ފެށުމުން ފަރީޝާއަށް ފިކުރުކުރެވެންފެށި ކަސްރަތުކުރުންވެސް މުޅިން ހުއްޓުނެވެ.އަދި އޭނާ ގިނަވަގުތު އެކަނި ކޮޓަރިތެރޭގައި ހިތާމަކުރަން ހޭދަކުރިއެވެ.ފަރީޝާ އުޅޭ ހާލު ފެނި ވިޔާމްގެ ހިތަށްވެސް އަސަރުކުރަމުންދިޔައީ އިންތިހާއަށެވެ.ފަރީޝާ ނުހުންނަ ތަންތާ، މަންމަމެން ކުރިމަތީގައި ވިޔާމް އެކަމާ ދެރަވެ ކަރުނަ އޮހޮރުވިޔަސް، ފަރީޝާ ކުރިމަތީގައި ހިތްހަރުކޮށްގެން ވިޔާމް އުޅެމުންދިޔައެވެ.އެވަރުންވެސް ފަރީޝާ، ވަރީގެ ވާހަކަނުދެއްކުމުން، ދެން ވިޔާމް ވިސްނީ އޭނާގެ އާއިލާމީހުން ފަރީޝާއަށް އެއްޗެހި ކިއުމަށެވެ.އެގޮތަށް ކަންތައްކުރުމުން އެގޭގައި ނުހުރެ ފަރީޝާ ވަރިވެގެން ހިނގައިދާނެ ކަމަށެވެ.
ވިޔާމް އެދުނުގޮތަށް، ދަރިން ނުލިބެނީ ފަރީޝާ ގަސްތުގައި ކަންކުރާގޮތުން ކަމަށްބުނެ އެމީހުން އޭނާއާ ދިމާލަށް އެއްޗެހިކިޔެވެ.އެމީހުންނަށްވެސް އެކަންކުރަން ފަސޭހައެއްނޫނެވެ.އެކަމަކު ވިޔާމް ރޮއެފައި އެދުނު އެދުމެއްގެ މައްޗަށް އެކަން ކުރީއެވެ.އެވަރުންވެސް ފަރީޝާ ވަރިއާ ހަމައަށް ނުދިޔައެވެ.އެހެންކަމުން ދެން، ފަރީޝާ ކުރިން އުޅުނު ނިކަމެތި ހާލުގެ ވާހަކަދައްކާ އޭނާ ނިކަމެތިކުރަން ވިޔާމް ފެށިއެވެ.އެއީ އެގޮތަށް ކަންކުރުމުން ފަރީޝާގެ ހިތުގައި ވިޔާމަށް ނަފްރަތު އުފެދި އޭނާއާ ފަރީޝާ ވަކިވެދާނެކަމަށެވެ.އެވަރުންވެސް ވިޔާމާ ދުރަށްދާކަށް ފަރީޝާ ނުނިންމައެވެ.
ވިޔާމްދެކެ ފަރީޝާ ފޫހިކުރުވާނެ އެތައްގޮތެއް ވިޔާމް ހެދިއެވެ.އެތައް އެއްޗިއްސެއް ގޮވިއެވެ.އެތައް މަލާމާތެއް ކުރިއެވެ.ފަލަވުމުން ފޫހިވާކަމަށް ފަރީޝާއާ ދިމާލަށް އެތައްފަހަރަކު ބުންޏެވެ.ފަރީޝާއާއެކު ރޭކުރުންވެސް މުޅިންހެން ވިޔާމް ހުއްޓާލިއެވެ.ނަމަވެސް އެކަންކަމަކުންވެސް އެދެވޭ ނަތީޖާއެއް ވިޔާމަކަށް ނުލިބުނެވެ.ވިޔާމަށް އޭނާގެ އާއިލާގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބުނެވެ.އެމީހުންވެސް ވިޔާމާ ފަރީޝާ ވަކިވާކަށް ނޭދެއެވެ.އެހެންނަމަވެސް ވިޔާމް ކުރަމުންދިޔަ އާދޭސްތަކަަށް ބީރުކަންފަތެެއް ދޭހާ ހިތްވަރު އެމީހުންގެ ނެތުނީއެވެ.
އެކިގޮތްގޮތަށް ފަރީޝާގެ ހިތުގައި ވިޔާމާ އޭނާގެ އާއިލާއަށް ނަފްރަތު އުފައްދަން އެމީހުން ވަރަށް މަސައްކަތް ކުރިއެވެ.ނަމަވެސް އެކަން ކާމިޔާބެއްނުވިއެވެ.ވަރަށް ވިސްނުމަށްފަހު ވިޔާމް ފަހުގެ ނިންމުން ނިންމަން ހިތަށްއެރިއެވެ.އެއީ ވިޔާމްގެ ހަޔާތުގައި ނަގަންޖެހުނު އެންމެ އުދަނގޫ އެއް ނިންމުމެވެ.އެހެންނަމަވެސް އެހެންހަދަން ވަނީ ވިޔާމްގެ ޟަމީރަށް މަޖުބޫރުވެފައެވެ.ވަރަށް ގިނަވަގުތު ވިސްނަން އިނުމަށްފަހު އެކަންކުރަން ވިޔާމް ނިންމިއެވެ.އެއީ ވިޔާމް ބޭވަފާތެރި ވެއްޖެކަން ފަރީޝާއަށް ދެއްކުމެވެ.އެެކަން ކުރަން އަންހެންކުއްޖަކު ބޭނުންވެއެވެ.ނަމަވެސް ވިޔާމަކީ ފަރީޝާނޫން އަންހެނަކާ އަނގައިންވެސް ބުނިމީހަކަށްނުވާތީ، އޭނާ އެކަންކުރާނެގޮތެއް ވިސްނަމުންދިޔައެވެ.ވިޔާމް ފިކުރުބޮޑުވެފައި އިންނަން ފެށުމުން ވަސީމާ ސުވާލު ކުރިއެވެ.އެހެންކަމުން ވިޔާމް ކުރަންއުޅޭކަންތައް ވަސީމާއަށް ކިޔައިދިނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





