Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ވީމޭ އިންތިޒާރުގައި – 17

Baby Devil Level 610 Stories100 Stories
February 13, 2022 6 Mins Read
0 Comments

ރީޝަމް ހީކުރި ގޮތާއި ޚިލާފަށް ހޭލެވުން އިރު އެ ހުވަފެން ހަނދާން ހުއްޓެވެ. އެހެންކަމުން ހެނދުނު ތެދުވެ ފާޚާނާއަށް ވަތް އިރު ވެސް ރީޝަމްގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ސްވެޓާރ ވައްތަރުގެ ޓީޝާޓަކާއި ޖީންސްއެއް ލުމަށްފަހު ކޮލެޖަށް ދާން ދަބަސް ހިފައިގެން ގެއިން ނިކުތެވެ. ހަމަ އެ ހިނިތުންވުމުގައި ހުރެ ކޮލެޖަށް ރީޝަމް ވަނެވެ. ލައުރާ އާއި ޝަލީން ތިބީ ބެންޗެއްގައި އިށީނދެލައިގެންނެވެ. އެމީހުން ކައިރީގައި ރީޝަމް ވެސް އިށީނެވެ.”ހާދަ އުފާވެފަ އިން ދުވަހެއްހެން ހީވެއޭ..” ރީޝަމް ކޮންމެ ވާހަކައެއްވެސް ބުނަނީ ހެވިފައި އިނދެގެން ކަމުން ޝަލީން ގާތަށް ހިނި އައެވެ.”ހެވޭނެ ދޯ..” ހުވަފެނުގެ ވާހަކަ ބުނާކަށް ރީޝަމް ބޭނުމެއް ނުވިއެވެ. ބެލް ޖެހުމުން ތިން މީހުންވެސް ކްލާހަށް ދާން ހިނގައި ގަތެވެ. އޭރުވެސް ރީޝަމް ޚިޔާލުގައި ވަނީ ކިޔާންގެ ސޫރައެވެ. އެވަގުތު ހިތަށް އެރި އެއްޗަކުން ރީޝަމް ފިޔަވަޅުތައް ހުއްޓުނެވެ.

 

**17 ވަނަ ޕާޓު**

 

“ވަޓް ދަ ހެލްލް..” ރީޝަމް ތުންފަތުގައި ދަތް އަޅާލިއެވެ. ހިތަށް އެރީ ކިޔާން ކައިރީގައި ލޯބިވާ ވާހަކަ ބުނުމުން ވާނެ ގޮތެކެވެ. ލަދުން ހުރެ ރީޝަމް ގޮސް ކްލާހަށް ވަނެވެ. ފިލާވަޅު އަޑުއަހަން އިނދެފައި އެސައިންމަންޓެއްގައި ހިމަނަން ޖެހޭ ބައެއް ކިޔާދޭން ފެށުމުން ރީޝަމް ނޯޓް ފޮތް ނަގާ ހުޅުވާލިއެވެ. އެ ހުވަފެން ހަނދާން ވުމާއެކު ރީޝަމް އަށް ހީނލެވުނެވެ. ނަމަވެސް އަވަސް އަވަހަށް ގަލަން ނަގާފައި ނޯޓްކުރަން ފެށީ ކިޔަވާދޭ ގަޑީގައި އެކަހަލަ ޚިޔާލު ކުރަން ބޭނުން ނުވުމުންނެވެ.

 

ކޮލެޖް ނިންމާފައި ރީޝަމް ގެއަށް ދާން ނިކުތީ މެންދުރު އެވެ. ގެއާއި ހަމައަށް ދެވެން އުޅެނިކޮށް މީހެއްގެ ގައިގައި ރީޝަމް ޖެހުނެވެ.”ސޮރީ..” އިސްއުފުލާލަމުން ރީޝަމް ބަލާލި އިރު ކިޔާން ހުރީ ދެބުމަ އަރުވާލައިގެންނެވެ.”އިޓްސް އޯކޭ..” ކިޔާން ފެނުމުން ރީޝަމްއަށް އެ ހުވަފެނުގެ މަތިން ހަނދާންވިއެވެ.”ކޮންތާކަށް އެކަނި ތިދަނީ މާ ބާރަށް؟..” ކިޔާން އެހިއެވެ.”ވާރޭ ވެހެން ވާއިރު ގޭގަ ހުންނަން ވެގެން..” ރީޝަމް ހިނިތުންވިއެވެ.”ގެންގޮސް ދޭންވީތަ؟..” ކިޔާން އެއްލޯ މަރާލިއެވެ.”ކައިރީގައޭ.. އެހުރީ..” ދުރުނޫން ހިސާބެއްގައި ހުރި ގެ ދައްކާލަމުން ރީޝަމް ބުންޏެވެ.”ދެން ހިނގާބަލަ.. މަށާ އެކީ ދާން ލަދު ގަންނަނީ ދޯ..” ދުރު ހިސާބެއްގައި ތިބި ފިރިހެނުންތަކެއް ނަޒަރު ރީޝަމްއަށް އަމާޒު ވާތަން ފެނި ރީޝަމް އަތުގައި ހިފައިގެން ކިޔާން ލަސްލަހުން ހިނގައިގަތެވެ. ކިޔާންގެ ހިތުގައި އެވަރަށް ޝަކުވާ ވިއެވެ. މިގަޑީގައި އެމީހުން އެތާ ތިބެން ޖެހުނީ ކީއްވެ ހެއްޔެވެ؟ ނެތް ނަމަ އޭނާ ރީޝަމްގެ ކުރިމަތިން ދުރަށް ދާނެއެވެ.

 

ރީޝަމް އަށް ހިނިތުންވެވުނެވެ. ނޭނގިގެން ވެސް ކިޔާން އޭނައަށް އަޅާލައޭ ހިތް ބުނަނީ ކީއްވެ ކަމެއް ނޭނގެއެވެ. އެއާއިއެކު ކިޔާން ދެކެ ވާ ލޯބި ފުންވެގެން ދިޔައެވެ. ގެއާއި އަރާ ހަމަވެފައި ހިތާއި ދެކޮޅަށް ކިޔާން ރީޝަމް އަށް އެއްލޯ މަރާލިއެވެ. މަޖަލަކަށް ކުރި ކަމެކެވެ. އެހެނަސް ރީޝަމްއަށް އެކަން ނެގުނީ ސީރިއަސް ކޮންނެވެ. ދޮރު ކައިރީގައި ކިޔާން ދަންދެން ބަލަން ރީޝަމް ހުއްޓެވެ.”ދޮންތި އައީ ދޯ..” މާހީ ރީޝަމް ކައިރީގައި ހުއްޓުނެވެ. ކުޑަކޮށް ހޫމް އަޅުވާލާފައި ރީޝަމް އެތެރެއަށް ވަނެވެ.”ދައްތާ..” ހާނިމް ނެތްކަން ޔަޤީން ކޮށްފައި ރީޝަމް ކުއްލިއަކަށް ގޮވާލިއެވެ. ހިތުގެ ހާލު އާނިޔާއަށް ހިއްސާ ކުރަން ބޭނުންވީ ލަފަޔެއް ލިބޭނެ ކަމަށެވެ.”ލައްބަ..” އާނިޔާ ވަޒީފާގެ މަސައްކަތެއްގައި އިނދެ ބުންޏެވެ.”ކުއްޖެއް ދެކެ ލޯބި ވަންޏާ ހަދާނީ ކިހިނެއް..” ރީޝަމް އިނދެފައި އެހި ސުވާލުން އާނިޔާއަށް ކުރަން ހުރި މަސައްކަތްތައް ހުއްޓާލަން މަޖުބޫރު ވިއެވެ.

 

“އެނ؟ ކީއްވެ ތިހެން ތި އެހީ؟..” އާނިޔާ ދެބުމަ އަރުވާލިއެވެ.”އަހާލީ ހަމަ.. ދެން ބުނެބަލަ..” ރީޝަމް އިނީ ލަދުންނެވެ.”ލޯބި ވާނަމަ ބުނެލާ.. އޭރުން ދޯ ލޯބިވާ މީހެއް ދެކޭ ގޮތް އިނގޭނީ.. ރީޝް ލޯބިވީ ދޯ މީހެއް ދެކެ..” އާނިޔާ އެހިއެވެ. ފާޑަކަށް ރީޝަމް ބޯ ޖަހާލިއެވެ.”ކާކުތަ؟..” ކުޑަ ހުނުމެކާއެކު އާނިޔާ ރީޝަމްއަށް ބަލާލިއެވެ.”ކުއްޖެއް..” އެތާ އިންނަން ނުކެރުމުން ދުވެފައި ރީޝަމް ކޮޓަރިއަށް ވަނެވެ. އާނިޔާ އެބުނީ ރަނގަޅަށް ހެއްޔެވެ؟ ކިޔާން ކައިރީގައި ލޯބިވާ ވާހަކަ ބުނަންވީ ބާއެވެ. އެކަން ޚިޔާލަށް ގެނެވުމާ އެކުވެސް ރީޝަމްގެ ހިތް ބާރު ބާރަށް ތެޅެންފަށައިފިއެވެ. ރަނގަޅަށް ވިސްނާލާފައި ބުނަން ކަމަށް ރީޝަމް ނިންމީ އެގަޑީގައި ވިސްނާ ވިސްނާ ބޯ ގޮވާނެކަން އިނގޭތީއެވެ.”ދޮންތި ކާކު ދެކެ ލައިކް ވަނި..” މާހީ އެހިއެވެ. ހައިރާންވެގެން ރީޝަމް ދެލޯ ބޮޑުވިއެވެ.”ފްރެންޑްސް ދޯ..ދޮންތަގެ ބަ..”

 

“ނޯ.. ލޮބި އެއީ ލައިކް އެއްނު..” ރީޝަމްގެ ވާހަކަ މާހީ ހުއްޓުވާލިއެވެ.”މާހީ.. އެއީ ބޮޑެތިކުދިން ދައްކާ ކަހަލަ ވާހަކަ.. މާހި ވެސް ބޮޑުވަންދެން މަޑު ކޮށްލާ އިނގޭ..” ރީޝަމް މާހީގެ ކޮލުގައި ހިފާލިއެވެ. އެ ކުޑަ ކުއްޖާގެ ސިކުނޑިއަށް އެ ވާހަކަ ނަގައިގަނެވުނީ ކިހިނެއް ބާއޭ ހިތަށް އެރުމުން ރީޝަމް އަށް ހެވެން އުޅުނެވެ. ކުޑަކޮށް ތާޒާ ވެލައިގެން ފޮތްތައް އަތަށް ނަގައިގެން ރީޝަމް އެނދުގައި އިށީނީ ފިލާވަޅު ނިންމާލުމުގެ ނިޔަތުގައެވެ. ކިޔާންގެ ޚިޔާލުން ސިކުނޑި ފުރެން ފެށުމުން ފިލާވަޅު ހަދާ ހިތް ކެނޑި އެކަމާ މެދު ވިސްނަން ރީޝަމްއަށް އިނދެވުނެވެ.

 

ގެއަށް އައިސް ވަތް ކިޔާން ހުރީ ދެބުމަ ކައިރި ވެފައެވެ. އެ ދިމާގައި އުޅޭ ފިރިހެން ކުދިން އުޅޭ ގޮތުން ކިޔާން ހުންނަނީ ހިތްހަމަ ނުޖެހިފައެވެ. ރީޝަމް ގޭގެ ވަށައިގެން އުޅޭ އަންހެން ކުދިންނާ ފޮށޭ މަންޒަރު ކިޔާންއަށް ފެންނަން ފެށީ އެގެއާއި ދިމާއަށް ދާން ފެށި ފަހުންނެވެ. ކިޔާން ބޭނުންވަނީ ރީޝަމް އާއި އެކީ ހޭދަ ކުރާ ވަގުތުތައް މަދު ކުރަންށެވެ. ރީޝަމްގެ ނަން ހިތުން ފުހެވެންދެންނެވެ. މާއިލްގެ ހިތް ކިޔާން އާއި ހެދި މާޔޫސް ވާކަށް ހުވަފެނަކުން ވެސް ނުބަލާނެއެވެ. އެހެނަސް ކަން ދިމާވާން ފެށީ ކިޔާން ބޭނުންވި ގޮތަކަށް ނޫނެވެ.

 

ރީޝަމް އަށް އެމީހުންގެ ނަޒަރު ހުއްޓޭކަން ކިޔާންއަށް އިނގެން ފެށީ ކޮންމެ ދުވަހަކު ކަހަލައިން އެކަން ތަކުރާރު ވާތީއެވެ. ރީޝަމް ކައިރީގައި ގިނައިން ބޭރަށް ނުދާން އެދުނަސް ކޮލެޖަށް ދާން މަޖުބޫރު ވެގެން ކިޔާންއަށް ޖެހެނީ ރީޝަމް ގޮވައިގެން ދާންށެވެ. އެހެނީ އާނިޔާ ވެސް އޭނަ ކައިރީގައި އެދިފައި ވަނީ ރީޝަމް ރަނގަޅަށް ބަލާ ދިނުމަށެވެ. އާނިޔާގެ އިތުބާރު ކިޔާން ގެއްލުވައެއް ނުލާނެއެވެ. އަނެއް ކޮޅުން ރީޝަމްގެ ހިތަށް ދިޔައީ އެކަމުން އުފާވެރިކަން ލިބެމުންނެވެ. ދުވަހަކަށް ވުރެ ދުވަހެއް ކިޔާން އާއި އޮންނަ ގުޅުން ވަރުގަދަވާތީއެވެ. އެހެނަސް ފަހަކަށް އައިސް ކިޔާން މާ މަޑުން ހުންނަކަން ރީޝަމްއަށް ފާހަގަ ވިއެވެ. ކިތަންމެ ގިނައިރު އުޅުނަސް ކުރީގައި ހުންނަ ކަހަލަ މަޖާ މޫޑެއްގައި ކިޔާން ފެނުން މަދުވިއެވެ. އެކަމާ ރީޝަމް ސުވާލު ކުރުމުން ޖަވާބަކަށްވަނީ ބަލިކަމުން ވާ ގޮތެއް ކަމަށެވެ.

 

ކިޔާންގެ އާއި އެކީ އެކަހަލަ ގުޅުމެއް އޮންނަން ވުމުން ރީޝަމް ހިތުގައި ފުރަތަމަ އުފެދުނީ ހީ އެކެވެ. އަޅާލާ ވަރާއި މަޖާ ކޮށް، ހަވީރު ގަޑީގައި އެކީގައި ބޭރަށް ދާތީ ރީޝަމްގެ ހިތް ހުންނަނީ ފުރިފައެވެ. ހިތަށް އުފާވެރިކަން ވެރިވެފައިވާލެއް ބޮޑު ކަމުން ރީޝަމްއަށް ވިސްނުނީ މުޅިން ހިތްހަމަ ޖެހޭނެ ގޮތަށެވެ. ކިޔާން ފަހަރެއްގައި އޭނާ ދެކެ ލޯބި ވެދާނެ ކަންނޭނގެއެވެ. ލޯބީގެ ސަމާސާތައް ނުކުރި ނަމަވެސް ރީޝަމްގެ ވިސްނުން ބަދަލުވާން ނޫޅުނެވެ. ބައެއް ފަހަރު ވިސްނާ ލެވޭ ވަރު ގިނަކަމުން އެއީ ހީވާ ގޮތެއް ކަމަށް ވެދާނެ ކަމުގެ ބިރު ރީޝަމްގެ ހިތުގައި އޮވެއެވެ.

 

“ދައްތާ..” ނުގޮވާން އިނދެފައި ރީޝަމް ގޮވާލިއެވެ.”ހޫމް..” އާނިޔާ ރީޝަމް އާއި ދިމަ ބަލާލިއެވެ.”ކުރިން ދުވަހު ބުންޏެއްނު ދޯ ލޯބި ވާނަމަ ބުނާށޭ އެ ކުއްޖެއްގެ ކައިރީގަ..” ދެވަނަ ފަހަރަށް ރީޝަމް އާނިޔާގެ ކައިރީގައި އެ ސުވާލު އެހިއެވެ.”ލައްބަ ކިހިނެއް ވީ؟.” އާނިޔާގެ މޫނުމަތިން ކުޑަކޮށް ލާނެއް ކަމުގެ ކުލަވަރު ފެނުނެވެ.”ދެން.. މިސާލަކަށް ކިހިނެއް ހަދާނީ އެކުއްޖާ.. ނޫނެކޭ ބުނެފި ނަމަ..” ރީޝަމް ތިރީ ތުންފަތުގައި ދަތް އަޅާލިއެވެ.”ރީޝް އަނެއްކާ ކުއްޖެއްގެ ކައިރީގަ ބުނީތަ؟..” އާނިޔާ ކަންބޮޑު ވިއެވެ. އަވަސް އަވަހަށް ރީޝަމް ދެފަރާތަށް ބޯ ހޫރާލިއެވެ.”އަހާލަނީއޭ ހަމަ..” ކުޑަކޮށް ރީޝަމް ހީނލިއެވެ.”ހެހެ.. އެންމެ ރަނގަޅު.ނޫނެކޭ ބުންޏަސް ލޯބިވާ ވާހަކަ ބުނުމަކީ ކުށެއް ނޫން.. ލޯބި ވުމަކީ ވެސް ކުށެއް ނޫނެއްނު ދޯ؟.. އެކުއްޖާ ނޫނެކޭ ބުނެފި ނަމަ ރީޝް މަޢާފަށް އެދެން ކިހިނެއް ވާނެ؟.. ނުވަތަ ރީޝް އެވާހަކަ ބުނީ އެކުއްޖަކު ހިތްހަމަ ނުޖައްސާކަށް ނޫނޭ ވެސް ބުނެ ވިދާނެ..” އާނިޔާ ޖަވާބު ދިނެވެ.

 

ކޮޓަރިއަށް ވަތް ގޮތަށް ރީޝަމް އެކަމާ މެދު ވިސްނާލިއެވެ. އާނިޔާ އެބުނީ މުޅިއަކުން ދޮގެއް ވެސް ނޫނެވެ. އަނެއްކާވެސް ބުނެފި ނަމަ ރީޝަމްއަށް ލިބިދާނެ ހިތާމައަކާ މެދު ވިސްނަން އުޅެނިކޮށް ކިޔާންގެ މެސެޖެއް ލިބުނެވެ.”ތަނަކަށް ދާނަމަ ހަނދާންކޮށް ބުނެލައްޗޭ އިނގޭ ރީޝް..” ކިޔާންގެ އެ މެސެޖުން ރީޝަމްއަށް ހިނިތުންވެވުނެވެ. އިތުރަށް ނުބައިކޮށް ވިސްނާނެ ފުރުސަތެއް ވެސް ނުލިބުނެވެ.”ލެޓްސް ޓްރައި..” ރީޝަމް އެންމެ ފަހުގެ ނިންމުން ނިންމިއެވެ. އޭރު ރީޝަމްގެ ހިތުގެ ތެޅުން އަވަސް ވަމުން ދިޔައިރު މޫނުމަތީގައި ލަދުރަކި ހިނިތުންވުމެއް ދުވެލިއެވެ.”ކިޔާން…މިރޭ ބީޗަށް ދަން.. އެއިޓް ތާރޓީ ހާއިރު..” އެ ހިނިތުންވުމުގައި ހުރެ ރީޝަމް މެސެޖް ފޮނުވާލި އެވެ.

 

ވަރުބަލި ކަމާއި އެކީ ކިޔާން ދެލޯ ހުޅުވާލީ މެސެޖެއް ލިބުމުންނެވެ. ރީޝަމްގެ މެސެޖް ކިޔާލި އިރު ކިޔާންގެ ހިތުގައި ސުވާލު އުފެދިއްޖެއެވެ. ދުވަހަކު ވެސް ރޭގަނޑު ރީޝަމް ބީޗަށް ގޮސްފައި ނުވާއިރު މިރޭ މިދަނީ ކީއްކުރަން ބާއެވެ؟ މިއަދު އިތުރު ތަނަކަށް ނުދަން ހެއްޔޭ ބުނެ މެސެޖް ކޮށްލުމުން ރީޝަމް ޖަވާބުގައި އާނއެކޭ ބުނުމުން ކިޔާންއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. މިއަދު ރީޝަމް މަތިން ހަނދާން ނެތޭ ވަރަށް ނިދާލެވޭނެ ކަންނޭނގެއެވެ. ހިތްހަމަ ޖެހިފައި ކިޔާން ދެލޯ މަރާލީ ރޭގަނޑު ހަތް ގަޑި ސާޅީސް ފަހަކަށް އެލާމް ކޮށްފައެވެ. އަންނަން އުޅޭ ބޮޑު މުސީބާތުގެ ހިލަމެއް ނުވެ ކިޔާން ދެލޯ މަރާލީ ހަމަ ޖެހިލައިގެންނެވެ.

 

ރޭގަނޑު ރީޝަމް ތައްޔާރު ވެ ނިމުން އިރު ހުރީ އަށްގަޑި އެކާވީސް ވެފައެވެ. ފުން ނޭވާއެއް ލާފައި ރީޝަމް އަމިއްލަ ސޫރައަށް ބަލާލީ ކިތަށް ވަނަ ފަހަރު ކަމެއް ނޭނގެއެވެ. ރަތްކުލައިގެ އަތްދިގު ގޮޅިޖެހި އަންހެން ގަމީސް ގަޔަށް ދޫކޮށް ހުރިއިރު ކަޅުކުލައިގެ ޖީންސްއެއްގައި ރީޝަމް ހަޑިއެކޭ ނުބުނެވޭނެއެވެ. އިސްތަށިގަނޑު ވަނީ މިނިވަންކަމާއި އެކީ ދޫކޮށްލާފައެވެ. ކުޑަކޮށް ކޮންސީލާރ އާއި ލިޕްސްޓިކް ވެސް ބޭނުން ކުރިއެވެ. އަލަށް ފިރިހެން ކުއްޖަކަށް ޓަކައި ރީތި ވެވުނީތީ ރީޝަމް ފާޑަކަށް ފޫހިވިއެވެ. ޓިޝޫ އަކުން މޭކަޕްތައް ރިމޫވް ކުރަން އުޅެނިކޮށް ކިޔާން ސަލާމް ގޮވާލި އަޑު އިވިފައި ރީޝަމްއަށް ކުއްލިއަކަށް ދޮރު ކައިރިއަށް ދެވުނެވެ.

 

“ވާވް.. ހާދަ ރީތިވެލައިގެން.. މާ މުހިންމު ރެއެއްތަ އަނެއްކާ؟..” ދިމާ ކުރާ ފާޑަކަށް ކިޔާން ބުންޏެވެ.”ހޫމް.. ދެން ހިނގާ އަވަހަށް..” ރީޝަމް ރަކިވެގެން ހުންނަން ފެށުމުން ކިޔާން ޖީބަށް އަތް ޖަހާލިއެވެ.

ދެމީހުން ދިޔައީ ރީޝަމްގެ އެދުމުގެ މަތިން އެއްކަލަ ދިމާއަށެވެ. އަލަށް ރޭގަނޑު ދެވުމުން ރީޝަމް ވަށައިގެން ބަލާލިއެވެ. އޭރު ކިޔާން ބުނިހެން ބައެއް ލޯބިވެރިން ތިއްބެވެ.”އޯހ ކްރަޝް އާ މީޓް ކުރަން ދޯ މިތަނަށް ތި އައީ.. ވާރޭ ވެހި ދާނެތީ ނަސީބެއްނު މާ ގިނަ ބަޔަކު ނެތްކަން ވެސް..” ހިތަށް ވެރިވި މާޔޫސްކަން ފޮރުވާލަމުން ކިޔާން ބުންޏެވެ.”މީޓް ކޮށް ނިމުނީމަ ގުޅާލާ.. އަންނާނަން..ނޫނީ ބީއެފް އާ އެކީ ދާން ވީ އެއްނު..” ލާނެއްކަން އަޑަށް ވެރިކުރަމުން ކިޔާން ވާހަކަ ދެއްކިއެވެ. ރީޝަމް ހިތް ވަނީ އަވަސް ވެފައެވެ. ރީޝަމް އިސް ޖަހައިގެން ހުރެ ކިޔާން ކައިރީގައި އެދުނީ މީހުން ނެތް ހިސާބަކަށް ދާންށެވެ. ވާނުވާ ގައި ހުރެ އެތާ ތިބި މީހުންނާއި ދުރަށް ކިޔާން ރީޝަމް ގޮވައިގެން ދިޔައެވެ.”ދެން އަހަރެން ދަނީ.. ރަނގަޅަށް މާ ފޮޅުވާތި..” ކިޔާން ރީޝަމް އަށް ބަލާލާފައި ހިނގައިގަތެވެ. ކުއްލިއަކަށް ރީޝަމް ކިޔާންގެ އަތުގައި ހިފާ ހުއްޓުވިއެވެ.

 

ދެބުމަ ކައިރި ކޮށްލައިގެން ހުރެ ކިޔާން ފަހަތް ބަލާލިއެވެ.”ބިރު ގަންނަނީތަ؟ ހާސް ނުވޭ ދެން.. ރީޝް ގެ ލޯބިވެރިޔާ އަންނާނެ ދޯ އިރުކޮޅަކުން.. އަންނަ އިރު އަހަރެން މިތާ ހުރީމަ އެނާ ހިތްހަމަ ނުޖެހިދާނެ..” ކުޑަކޮށް ހީނލާފައި ކިޔާން ބުންޏެވެ. ދެކޮޅު ހެދުމުގެ ގޮތުން ރީޝަމް ދެފަރާތަށް ބޯ ހޫރާލިއެވެ.”އަ… އަހަރެން.. މިއައި ކިޔާން އާ މީޓް ކުރަން..” ރީޝަމް ވާހަކަ ދެއްކީ ރާޅު ޖަހާ ހިސާބަށް ގޮސްފައެވެ.”ބީއެފްގެ ވާހަކަ ބުނަން؟؟..” ކިޔާން ރީޝަމް ފަހަތުން ދަމުން އެހިއެވެ.”ނޫން.. ކިޔާން..” ރީޝަމް ކިޔާންއަށް ފުރަގަސް ދިނެވެ.”އަހަރެން ބޭނުން ވާހަކައެއް ބުނަން.. އެންމެ ރަނގަޅުތަ؟؟.” ރީޝަމް އެހުރި ގޮތަށް ހުރެ އެހިއެވެ. މަޑުމަޑުން ކިޔާން އާނއެކޭ ބުންޏެވެ.

 

“އައި..އައި ލަވް ޔޫ ކިޔާން..” ތުރުތުރު އަޅަމުން ރީޝަމް ބުންޏެވެ. ކިޔާން ދިޔައީ ސިއްސައިގެންނެވެ. އެވަގުތު ހޭންވެސް ފެށުނެވެ.”ކޮންކަހަލަ ސަމާސާއެއް ކުރަން ތިއުޅެނީ..” ހެމުން ކިޔާން އެހިއެވެ.”މީ ސަމާސާއެއް ނޫނޭ ކިޔާން.. އައި ލަވް ޔޫ..” ރީޝަމް ހިތްވަރު ކޮށްފައި އަލުން ބުންޏެވެ. ވަގުތުން ކިޔާންގެ ހުނުން ހުއްޓުނެވެ.”އިނގޭ ވަރަށް ސަޕްރައިޒް ވާނެކަން.. އެކަމް ޔެސް.. އަހަރެންނަށް ކިޔާން ދެކެ ލޯބި ވެވިއްޖެ.. ފުރަތަމަ ފެނުން ދުވަހުން ފަށައިގެން.. ފިލްމް ތަކުންނާ އެއްޗެހިން އިނގޭ އެއީ ލޯބިކަން.. އޭރު ޤަބޫލެއް ނުކުރެވުނު.. ފަހުން މަޖުބޫރުވީ ޤަބޫލު ކުރަން.. އެއީ ކިޔާން ފެންނަ އިރަށް އަހަރެންނަށް ވާ ގޮތުން، އެހެން އަންހެން ކުއްޖެއްގެ ވާހަކަ ދައްކާއިރު އަހަރެން ވަރަށް ޖެލެސް ވޭ.. އެވަރުން ނުވެގެން ކިޔާންގެ ހުވަފެންތައް ވެސް ފެންނަން ފެށި.. ދެން ނޭނގުނު ލޯބި ނޫން އެހެން އެއްޗެއް މިއަށް ކިޔާކަށް..” ރީޝަމް ހިތުގައި އަތް އަޅައިގެން ހުރެ ވާހަކަ ދެއްކިއެވެ.

 

ބޭއިޚްތިޔާރުގައި ކިޔާން ރީޝަމްއަށް ފުރަގަސް ދެވުނެވެ.”ކިޔާން އަހަންނާ މެދު ކަންތައް ކުރަން ފެށި ގޮތުން މި ވާހަކަ ބުނަން އިތުރު ހިތްވަރެއް ލިބުނީ ވެސް..ކިޔާން ދެކެ އަހަންނަށް ލޯބި ވެވުނީ ގަސްތަކު ނޫން.. ބައްދަލު ވީ ވެސް ޕްލޭން ކޮށްގެނެއް ނޫން..” ރީޝަމް ބުންޏެވެ.”ނޭނގުނު ރީޝަމް ތި ކިޔާ އެއްޗެއް..” ރީޝަމް ކިޔަން ފެށި އެއްޗެހިން ކިޔާންގެ ހިތް ފުރިގެން ބަންޑުން ވާން ފެށުމުން ވެސް ނޭނގޭ ކަމަށް ހެދުނެވެ. ވަގުތުން ރީޝަމްގެ ހިތް ނުތަނަވަސް ކަމުން ފުރާލިއެވެ.”އަހަރެން މިބުނީ އަހަރެން ކިޔާން ދެކެ ލޯބި ވެއޭ.. އަދިވެސް ނޭނގޭތަ؟..” ރީޝަމް ލަސް ލަހުން އެނބުރުން އިރު ކިޔާން ހުރީ ފުރަގަސްދީގެންނެވެ.”ހާދަ ހެއްވައޭ..” ކިޔާންގެ އަޑުން ނުރުހުން ފާޅުވިއެވެ.

 

“ކިޔާން..” ފެންކަޅި ވަމުން ދިޔަ ރީޝަމް ގޮވާލިއެވެ.”ސޮރީ ރީޝަމް.. އަހަރެން އެކުވެރި ކަމަށްޓަކާ ކޮށްދިން ކަންތައްތަކުން ރީޝަމްއަށް ނުބައި މާނައެއް ދޯ ނެގުނީ؟.. އެއީ އަހަރެން ރީޝަމް ދެކެ ލޯބި ވާ ކަމުގެ އިޝާރާތެއްހެން ހީވާ ނަމަ އެގޮތަށް ނުވިސްނާ..” ގަދަކަމުން ކިޔާން ހިތާއި ދެކޮޅަށް ވާހަކަ ދެއްކިއެވެ. ރީޝަމްގެ ދެލޯ ބޮޑުވިއެވެ.”އަހަރެން ކިހިނެއްތަ ދެވަނަ މީހަކު ދެކެ ލޯބި ވާނީ؟ އަދި މިއުޅެނީ ޖޫލީގެ މަތިން ހަނދާން ނައްތާ ނުލެވިގެން.. ލޯތްބަކީ ބޭނުން މީހަކު ދެކެ ވެވޭނެ އެއްޗެއް ނޫނޭ ރީޝަމް..” އަޑަށް މާޔޫސްކަން ވެރިވިޔަ ނުދީ ކިޔާން ވާހަކަ ދެއްކިއެވެ.”އެހެން ނޫން ނަމަތާ ޖޫލީގެ ލޯބި ހިތުން ފުހެލެވޭނީ.. ކިހިނެއް އިނގޭނީ އެ ހުރިހާ ކަމަކުން ރީޝަމް އެގޮތަށް ވިސްނާނެ ކަމެއް.. އިނގުން ނަމަ ނުހަދާނަން އެގޮތަކަށް.. ދެން.. އަހަރެން ޖޫލީ ދެކެ ލޯބިވާހާ ހިނދަކު ރީޝަމްއަށް ހިތުން ޖާގައެއް ދެވޭކަށް ނެތް..” ކިޔަން ވާހަކަ ދެއްކީ ރީޝަމް ފޫހި ކުރުވަން ނަމަވެސް ނޭނގިގެން ކިޔާންއަށް އެ ހިތް ފުނޑުފުނޑު ކުރެވުނެވެ. ފަހަތަށް އެނބުރިގެން ހުރި ކިޔާންގެ ދެލޮލަށް ވެސް ދިޔައީ ކަރުނަތައް އެއްވަމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Baby Devil

Level 610 Stories100 Stories

Other Articles

Previous

ބުނެބަލާ ލޯބިވޭ 6

Next

ހީވޭ ކަލާވޭހެން-38

Next
February 14, 2022

ހީވޭ ކަލާވޭހެން-38

Previews
February 13, 2022

ބުނެބަލާ ލޯބިވޭ 6



All Right Reserved!