ވީމޭ އިންތިޒާރުގައި – 18
“ކިޔާން..” ފެންކަޅި ވަމުން ދިޔަ ރީޝަމް ގޮވާލިއެވެ.”ސޮރީ ރީޝަމް.. އަހަރެން އެކުވެރި ކަމަށްޓަކާ ކޮށްދިން ކަންތައްތަކުން ރީޝަމްއަށް ނުބައި މާނައެއް ދޯ ނެގުނީ؟.. އެއީ އަހަރެން ރީޝަމް ދެކެ ލޯބި ވާ ކަމުގެ އިޝާރާތެއްހެން ހީވާ ނަމަ އެގޮތަށް ނުވިސްނާ..” ގަދަކަމުން ކިޔާން ހިތާއި ދެކޮޅަށް ވާހަކަ ދެއްކިއެވެ. ރީޝަމްގެ ދެލޯ ބޮޑުވިއެވެ.”އަހަރެން ކިހިނެއްތަ ދެވަނަ މީހަކު ދެކެ ލޯބި ވާނީ؟ އަދި މިއުޅެނީ ޖޫލީގެ މަތިން ހަނދާން ނައްތާ ނުލެވިގެން.. ލޯތްބަކީ ބޭނުން މީހަކު ދެކެ ވެވޭނެ އެއްޗެއް ނޫނޭ ރީޝަމް..” އަޑަށް މާޔޫސްކަން ވެރިވިޔަ ނުދީ ކިޔާން ވާހަކަ ދެއްކިއެވެ.”އެހެން ނޫން ނަމަތާ ޖޫލީގެ ލޯބި ހިތުން ފުހެލެވޭނީ.. ކިހިނެއް އިނގޭނީ އެ ހުރިހާ ކަމަކުން ރީޝަމް އެގޮތަށް ވިސްނާނެ ކަމެއް.. އިނގުން ނަމަ ނުހަދާނަން އެގޮތަކަށް.. ދެން.. އަހަރެން ޖޫލީ ދެކެ ލޯބިވާހާ ހިނދަކު ރީޝަމްއަށް ހިތުން ޖާގައެއް ދެވޭކަށް ނެތް..” ކިޔަން ވާހަކަ ދެއްކީ ރީޝަމް ފޫހި ކުރުވަން ނަމަވެސް ނޭނގިގެން ކިޔާންއަށް އެ ހިތް ފުނޑުފުނޑު ކުރެވުނެވެ. ފަހަތަށް އެނބުރިގެން ހުރި ކިޔާންގެ ދެލޮލަށް ވެސް ދިޔައީ ކަރުނަތައް އެއްވަމުންނެވެ.
**18 ވަނަ ޕާޓު**
ކިޔާންގެ ކުޅަދާނަކަމުން އަޑުން އެކަން ނާންގާ ހިފަހައްޓާ ލެވުނެވެ.”އިނގޭ އައި ލަވް ޔޫ ބުނާނީ ވަރަށް ވިސްނާފައި ކަން.. އެކަމަކު ވިސްނާލި ގަޑީގައި ރަނގަޅަށް ވިސްނާލި ނަމަ އަހަރެން މިވަގުތު މިތާ ހުރެ ނޫނެކޭ ބުނެދާނެކަން ވެސް.. ހަމައެކަނި އަމިއްލަ ހިތަށް ބަރޯސާވެގެން ނުވާނެ ފަހަރު ވެސް އަންނާނެ..” ކިޔާން އެހުރި ގޮތަށް ހުރެ ވާހަކަ ދެއްކި އެވެ. ހިތަށް ކެތް ނުވެގެން ފަހަތުން ރީޝަމް ގިސްލާ އަޑު ކިޔާންއަށް އިވެން ފެށިއެވެ. އެކަމުގެ ސަބަބުން ކަރުނަތައް ހިފަހައްޓާލުން ވީ ދަތި ކަމަކަށެވެ. ޖީބުގައި އޮތް އަތަށް ބާރު ވެގެން ދިޔައިރު ނުރޮވި ހުރީ ކިރިޔާއެވެ.”ކިޔާން.. އަޅެ ލޯބި ވުމަކީ ކުށެއް ނޫން..ނޫންތަ؟..” އިސްޖަހާލައިގެން ހުރެ ރީޝަމް އެހިއެވެ. ވެހެން ފެށި ހިމަފޮދު ވާރޭ އާއި އެކުވެގެން ކިޔާންގެ ކަރުނަ ތިކިތައް ފައިބައިގެން ދިޔައެވެ. ވާހަކަ ދައްކައިފި ނަމަ ރޮވިއްޖެކަން އިނގި ދާނެތީ ކިޔާން ހުރީ މަޑުންނެވެ.
ދެމީހުންގެ މެދުގައި އޮތް ހަމަހިމޭންކަން ނަގާލީ ކިޔާންއެވެ. ކުޑަކޮށް ކަރު ކަރުކެހިލާފައި ކިޔާން ތަރިތަކާއި ދިމާއަށް ބަލަން ފެށިއެވެ.”ދެން އިތުރަށް މި ދޭތެރޭގައި ދައްކާނެ ވާހަކައެއް އެބަ އޮތްތަ؟..” ތަރިތަކަށް ނަޒަރު ހުއްޓާލައިގެން ހުރެ ކިޔާން އެހިއެވެ.”ވަރަށް ލޯބިވޭ..” ކިތަންމެ މަޑުން ރީޝަމް އެހެން ބުނި ނަމަވެސް ކިޔާންގެ ކަންފަތާއި ހަމައަށް ފޯރިއެވެ. ވަގުތުން ދެލޯ މަރާލެވުނެވެ. ވީ އުފަލަށް ވުރެ ލިބެން އުޅޭ ހިތާމަ މާ ބޮޑެވެ.”އަހަރެން ވެސް ކިޔާން ދެކެ ލޯބިވީ ވާ ހިތަކުން ނޫނޭ.. ކިޔާން އަހަރެން ދެކެ ލޯބި ނުވިޔަސް އަހަރެން ކިޔާން ދެކެ ރުޅިއެއް ނާންނަން..ޖޫލީ ކަހަލަ ފިނޑި އަންހެން ކުއްޖަކަށްޓަކައި ހިތާމަ ނުކުރައްޗޭ..މުޅި އުމުރު އެކަމުގައި ހުސް ކުރުމަށްވުރެ ރަނގަޅު ވާނެ އެ ލޯބި ފުހެލަން މަސައްކަތް ކުރިއްޔާ..” ރީޝަމް އެހެން ބުނެފައި ފަސް އެނބުރި ދާން ހިނގައިގަތެވެ. ވަކި ހިސާބަކުން ހުއްޓެވުނީ ހުރެވުނީ ގެއާއި ކިހާ ދުރެއްގައިކަން އިނގުމުންނެވެ. އެހެނަސް ދެއްކުނު ވާހަކައަށް ފަހު އެ ދެމެދުގައި ނުފެންނަ ފާރެއް އުޅުނުކަން އިނގުމުން ރީޝަމް ހިނގައިގަތެވެ.
ވަކި ހިސާބަކުން ރީޝަމްއަށް މަގު އޮޅުނެވެ. ހުރެވުނީ ގެއާއި ނުލާހިކު ކައިރީގައި ކަން އިނގުނީ އަބަދާއި އަބަދު އެތާ ތިބޭ ފިރިހެން ގްރޫޕް ތިބުމުންނެވެ.”އާދޭ.. ގެއަށް ގެންގޮސް ދޭނަން..” އެތަނުން ހިކި އިލޮއްޓެއް ހެން ހުރި އިސްތަށިގަނޑު ދިގު މީހަކު ކޮޅަށް ތެދުވިއެވެ. ގަތް ބިރުން ރީޝަމްއަށް އައި ކޮޅަށް ހިނގައި ގަނެވުނެވެ. ކުރިމަތިން ދެޖީބަށް އަތް ޖަހާލައިގެން އަންނަމުން ދިޔަ ކިޔާން ފެނި ރީޝަމް ހައިރާންވިއެވެ.”ހިނގާ..” އެމީހުންނަށް ބެލުމެއްނެތި ކިޔާން ހިނގައިގަތެވެ. ރީޝަމް ވެސް ދުވެލާފައި ގޮސް ކިޔާން އާއި އެއްވަރު ކޮށްލިއެވެ.”އަހަންނަށް ހީވަނީ މިހާރު އިނގޭނެހެން އަހަރެން އަބަދު ރީޝަމް އެކަނި ފޮނުވަން ބޭނުން ނުވާ ސަބަބު..” ކިޔާން ހިނގަމުން ވާހަކަ ދެއްކިއެވެ. މާޔޫސްކަން މަތީގައި ހުރެ ރީޝަމް ބޯ ޖަހާލިއެވެ.
ގެއަށް ވަތް ގޮތަށް ރީޝަމް ދިޔައީ ކޮޓަރިއަށެވެ. ދެރަވެފައިވާ ވަރުން އެނދަށް ވެއްޓިގަނެ ބަންޑުން އޮވެ ރީޝަމްއަށް ފެށުނީ ރޯންށެވެ. ހިތުގައި އުތުރި އަރަމުން ދިޔަ އިހުސާސްތައް ހިއްސާ ކުރާނެ މީހަކު ނެތުމުން އިތުރަށް ރޮވެން ފެށުނެވެ. ރީޝަމްހާ ބަދުނަސީބު މީހަކު މި ދުނިޔޭގަ ވެސް ނޫޅޭނެއޭ ހިތަށް އެރީ ހިތަށް ކޮށްފައިވާ ފުން އަސަރުންނެވެ. ފުރަތަމަ ފަހަރަށް ފިރިހެން ކުއްޖެއްގެ ފަރާތުން އެކަހަލަ ހަރުކަށި ޖަވާބެއް ލިބުމުން ރީޝަމް ހިތަށް ކުރީ ފުން އަސަރެކެވެ. މުޅި ހަޔާތުގައި ވެސް އަލަށް ލޯބިވި ފިރިހެން ކުއްޖަކީ ކިޔާންއެވެ. އެހެންކަމުން އެފަދަ ޖަވާބަކަށް ފޮނި އިންތިޒާރެއް ކުރެވުނީ ކަންނޭނގެއެވެ. ރޮމުން ބާލީހުގައި މޫނު ފޮރުވާލި އިރުވެސް އިރުކޯ ކޮޅުން ނޭފަތް ދަމާލާއަޑު ކޮޓަރި ތެރެއަށް އިވެއެވެ.
ރީޝަމް ގެއަށް ލުމަށްފަހު ކިޔާން ދިޔައިރު ހިތް ހީވަނީ މޭތެރޭގައި އޮވެ ގެނބެމުން ދާ ހެންނެވެ. ރީޝަމް އެހާ ލޯބިން ބުނުމުން ވެސް އެ ހިތަށް އޭނައަށް ތަދު ކުރެވުން ނޫން ކަމެއް ނުވިއެވެ. ކޮޓަރިއަށް ވަދެ ދޮރު ލައްޕާލާފައި ކިޔާން ދޮރުގައި ލެނގިލިއެވެ. އޭރު ދެލޯ ފުރި ބަންޑުން ވަނީއެވެ. ގިނައިރު ކަރުނަތައް ހިފަހައްޓަން މަސައްކަތް ކުރުމުން ދެލޮލުގެ ރަތްކަން އިތުރު ވެފައި ވެއެވެ. މަޑުމަޑުން ދޮރުގައި ހޭކެމުން ކަހަލަ ގޮތަކަށް ބިންމައްޗަށް ތިރި ވެވުން އިރު އެ ކުށެއް ނެތް އަންހެން ކުއްޖާގެ ހިތަށް ކުރާނެ އަސަރުވެސް ކިޔާންއަށް އަންދާޒާ ނުކޮށްލެވެއެވެ. އަންހެން ކުއްޖަކު އެގޮތަށް އިސްނަގައިގެން ބުނާނީ ހާދަ ލޯބިވާތީއޭ ކިޔާންގެ ހިތަށް އެރިއެވެ. އެކަމަކު…
ރީޝަމް ލޯބިވަނީ ކިޔާން ދެކެކަން މާއިލްއަށް އިނގިއްޖެނަމަ ރީޝަމްގެ ހިތެކޭ އެއްފަދައިން މާއިލްގެ ހިތް ވެސް ފޮތިފޮތި ވާނެކަން ޔަޤީނެވެ. ހިތަށް ކުރި އަސަރާއި އެކު އަނެއްކާ ވެސް ކިޔާންގެ ލޮލުން ހޫނު ކަރުނަތިކިތައް ފައިބަން ފެށިއެވެ.
ތުނިކޮށް ވާރޭ ވެހެމުން ދަނިކޮށް ބޯކޮށްލީ ހަމަ ކުއްލިއަކަށެވެ. އެކަހަލަ އަރާމު ރެއެއްގައި ޚިޔާލެއް ފިކުރެއް ނެތި ނިދާލަން ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ ދެ ގޭގައި ދެމީހުން ކަރުނަ އަޅައި ރޮމުން ދިޔައިރު އެކަކަށް ވެސް އެކަކަށް ވެސް އެކަމުގައި ހިލަން ނުވެއެވެ. ކިޔާން އާއި ރީޝަމްއަކީ އެ އަރާމް ނިދިން މަހްރޫމްވި ދެމީހުންނަށް ވާނެއެވެ. ދިމާވެފައިވާ މަޖުބޫރީ ހާލަތު އިނގެން އޮތީ ހަމައެކަނި ކިޔާން އަށެވެ. ދެ ހިތެއްގައި އެއް ވިންދެއް ޖަހަން ފެށިއިރު ދެމީހުންނަށް ވެސް ލިބުނީ ކޮންފަދަ ބޮޑު ހިތާމައެއް ހެއްޔެވެ؟ އެރޭ ނިދި ވަނީ އެމީހުންނަށް ރުޅި ހަދާފައި ކަހަލައެވެ. ހިތް ފުރެންދެން ރުއިމަށް ފަހު ނިދަން ވެގެން ދެލޯ މަރާލި އިރު ހަމަ އެއްގޮތަކަށްވެސް ނިންޖެއް ނައެވެ. އައިސްފައިވާ ގިލަންވެރިކަމުން ސަލާމަތް ވާނެ ގޮތެއް ކިޔާންގެ އިތުރުން ރީޝަމް އަކަށް ވެސް ނޭނގުނެވެ.
“ރީޝް..ރީޝް..” ރީޝަމްއަށް ހޭލެވުނީ އާނިޔާ ކަންބޮޑުވެގެން ގޮވާ އަޑަށެވެ. ފުންމައިގެން ތެދުވެ ގަޑި ބަލާލުމާއި އެކު ދެލޯ ބޮޑުވިއެވެ. މެންދުރު ބާރަގަޑި ސާޅީސް އެކެއް ވެއްޖެއެވެ.”ރޭގަ މާ ލަހުންތަ އަނެއްކާ ނިދީ؟ ނިދަން ލާނެ ހެދުމެއް ނެތީތަ؟..” އާނިޔާ އެނދުގައި އިށީނދެ ސުވާލު ކުރަން ފެށިއެވެ.”ނޫން މިހެން އޮއްވާ ނިދުނީ..” އާނިޔާއާއި ކުރިމަތިލާ ވަރަށް ގައިގައި ހިތްވަރެއް ނެތުމުން ރީޝަމް ގޮސް ފާޚާނާއަށް ވަދެ ދޮރު ޖެހިއެވެ. ކުއްލިއަކަށް ސިކުނޑިއަށް އެރި ތަދާއި އެކީގައި ކުޑައިރު ރީޝަމް ރުއި މަންޒަރެއް ހިތަށް ސިފަވިއެވެ.”ނޯ..” ދަތްތައް ފިތާ ބާރު ކޮށްލައިގެން ރީޝަމް މޫނު ދޮންނަން ފެށިއެވެ. އާނިޔާ ވަނީ އޭނާގެ ކައިރީގައި ކުޑައިރުގެ ހަނދާންތައް އައު ނުކުރުމަށް ނަސޭހަތް ދީފައެވެ.
ރުއިމުން އެއްވެސް ފައިދާއެއް ނުކުރާނެއޭ ކިޔައިގެން ރީޝަމް ހިތަށް ވިސްނައިދިނީ ބޭކާރު ގޮތުގައި ރޯން ބޭނުން ނެތުމުންނެވެ. ފެންވަރައިގެން އާދައިގެ ގޮތަކަށް ރީތިވެގެން ނިކުތް އިރު އެ މޫނުމަތީގައި ވަނީ ވަރުބަލި ކަމެވެ. އިސްތަށިގަނޑުގައި ހުޅި އެއް ޖަހާލާފައި އެލުން ރީޝަމް އެނދުގައި އޮށޯތެވެ. މިއަދު ބޭރަށް ނިކުންނަ ހިތެއް ނުވީ ކިޔާން ނާންނާނެކަން އިނގޭތީއެވެ. އެވަގުތު މާހީ ހޭލައިގެން ރީޝަމްއަށް އުނދަގޫކުރަން ފެށިއެވެ.”ދެން މާހީ..” ހިތްހަމަ ނުޖެހިފައި ރީޝަމް ގޮވާލިއެވެ. އަދި ތެދުވެގެން ބޭރަށް ނިކުތެވެ.
★★★
ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަތް ރީހާން އަށް ހުއްޓެން މަޖުބޫރުވީ ފޯނަށް ލިހުވާން ގުޅަން ފެށުމުންނެވެ.”ލިއަމް ކައިރިއަށް ދޭ..” ރީހާން ފޯނު ނެގުމާއި އެކު ލިހުވާން ބުންޏެވެ. ރީހާން ގާތަށް ފާޑަކަށް ރުޅި އައެވެ. އެއްޗެއް ނުބުނެ ފޯނު ކަނޑާލާފައި ރީހާން އެނދުމައްޗަށް ވެއްޓިގަތެވެ.”އާހ..” އެލީޒާ ހަޅޭއްލަވައި ގަތް އަޑު އިވުމުން ނިދަން ބޭނުންވެފައި އޮތް ރީހާން ދިޔައީ ސިއްސައިގެންނެވެ. ދުވެފައި ތިރިއަށް ދެވުން އިރު އެލީޒާ ހުރީ ނޭފަތުގައި އަތް އަޅައިގެންނެވެ.”ރީހާން! މީ ކޮން ކަމެއް! ނުބުނަންތަ މިކަން ހުއްޓާލާށެކޭ..” ގުދަން ކުރިމަތީގައި އެލީޒާ ހުރީ ރުޅިގަދަ ވެފައެވެ.”ޝިޓް..” ނިއްކުރި މަތީގައި އަތުން ރީހާންއަށް ޖަހާލެވުނެވެ.”ރީހާން.. ސީރިއަސްލީ.. މަޖާ ކަމެއް ނޫނޭ ތީ އެއް..” ފަކުރުންނާއި އައިސްފައިވާ ރުޅިން އެލީޒާ ބޭރަށް ނިކުންނަން ދުއްވައިގަތެވެ. އެހެނަސް ރީހާން ހުށިޔާރު ކަމާއެކު ގޮސް އެލީޒާގެ ކުރިމައްޗަށް އެރިއެވެ.
“އަހަރެން ނޫޅެން ތިކަހަލަ މީހުން ފަހަތަކުން..” ދާން މަސައްކަތް ކުރަމުން އެލީޒާ ބުންޏެވެ.”ޕްލީޒް އެލީ.. ސޮރީއޭ.. ދެން..” ރީހާން އެލީޒާގެ އަތުގައި ހިފާ މަޑުކުރުވިއެވެ. އެލީޒާ ނޫނީ އިތުރު މީހަކު އޭނައަށް ނެތް އިރު އެލީޒާ ދާންދެން ބަލަން ރީހާން ނުހުންނާނެ އެވެ.”ކީއްވެތަ.. ރީހާންއަށް ހަމަ ރަނގަޅަށް އިނގޭނެ އަހަރެން ވަރަށް ރުޅި އަންނަކަން ތިކަހަލަ ކަންތައްތައް ކުރަން..” ވާހަކަ ދައްކަމުން ދިޔައިރު މަޑުމަޑުން އެ ދެލޯ ދިޔައީ ތެމެމުންނެވެ.”ކީއްވެތަ ރީހާންއަށް އަހަރެން އިތުބާރު ކުރަންވީ ވެސް.. ދެން ނޭނގޭނެ އެ ފޮރުވައިގެން ގެންގުޅޭނެ ތަނެއް ވެސް..” ދެލޯ އަޅައިގެން ހުރެ ރީހާންގެ އަތުތެރެއިން އެލީޒާ ނިކުތެވެ.”މައާފްކުރޭ އެލީ.. އަހަރެންގެ އެބަ ހުރިތަ އެލީ ނޫން އިތުރު މީހެއް؟.. އަހަރެންވެސް އެލީ ތި ވާ ވަރަށް ދެރަ ވާނެއޭ އަހަރެން ދޫކޮށްލާފަ ގޮސްފިނަމަ..” އެލީޒާގެ ކޮނޑުގައި ހިފާ ނުހަނު ކައިރީގައި ބަހައްޓަމުން ވާހަކަ ދެއްކިއެވެ.
ރީހާންގެ ވާހަކައިން އެލީޒާ އިސްޖަހާލިއެވެ.”ތިކަން ހުއްޓާލާ..” އަމުރުވެރި ރާގަކަށް އެލީޒާ އެހެން ބުނެފައި ގަދަކަމުން ރީހާން ކައިރިން ދުރަށް ޖެހުނެވެ.”ޕްލީޒް..” ދެރަވެފައި ރީހާން ގޮސް އެލީޒާގެ ގައިގައި ކުޑަކޮށް ބައްދާލިއެވެ. އެއާއެކު ދެލޯ ބޮޑުވެގެން ގޮސް އެލީޒާގެ އަތްފައި ފިނިވިއެވެ.”ގަސްތުގައެއް ނޫން އެހެން ހެދީ..” އެހުރި ގޮތަށް ހުރެ ވާހަކަ ދެއްކިއެވެ. ކުރު ނޭވާއެއް ލީއިރު އެލީޒާގެ ދެލޮލުގައި ހުރި ކަރުނަތައް ފައިބަން ފެށިއެވެ. ރީހާންގެ ގައިގައި މަޑުމަޑުން ދެއަތް ވަށާލެވުން އިރުވެސް އެލީޒާއަކަށް ނޭނގުނެވެ. އިރުކޮޅަކުން ރީހާން ޖީބުން ފޯނު ނަގަން އުޅުން ގަޑީގައި އެލީޒާ އަށް ސިހިފައި ދުރަށް ޖެހެވުނެވެ. އެލީޒާއަށް ބަލާލާފައި ފޯނުން ރީހާން ގުޅީ ލިއަމް އަށެވެ.”ކާރު ހިފައިގެން މިގަޑީގަ އާދޭ..” ރީހާން ހަރުކަށިކަމާއި އެކު ވާހަކަ ދެއްކިއެވެ. އެކޮޅުން ޖަވާބެއް ނުލިބެނީސް ރީހާން ފޯނު ކަނޑާލިއެވެ.
އެލީޒާ ބަލަބަލައި ހުއްޓާ ރީހާން ގުދަނާއި ދިމާއަށް ހިނގައިގަތެވެ. ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެ ފަހަރަކު ފޮށިގަނޑެއް ނެރެމުން ނެރެމުން އެތަން ހުސްކޮށްލި އިރުވެސް ބޮލަށް އެނބުރުން އަރާ ކަހަލަ ވަހެއް ހަރުލާފައި ހުއްޓެވެ. ފަނަރަ ވަރަކަށް މިނެޓް ތެރޭގައި ލިއަމް އައިސް ރީހާންގެ ގެއަށް ވަނެވެ.”ގެންދޭ..” ފޮށިތަކުގައި އަތުން ޖަހާލަމުން ރީހާން އެލީޒާ ގޮވައިގެން އެތެރެއަށް ދާން ހިނގައި ގަތެވެ. އެއްފަހަރާ އެހާ ބައިވަރެއް ހިލޭ ލިބުމުން ލިއަމް ފާޑަކަށް ހީނލިއެވެ. ޝުކުރުވެސް އަދާ ނުކޮށް އަވަސް އަވަހަށް އެ ކާރަށް އެރުވޭތޯ އުޅެން ފެށިއެވެ.
ކޮޓަރިއަށް ވަދެ އެނދުގައި އޮށޯންނަމުން ރީހާން ދެލޯ މަރާލިއެވެ. ރީހާން ހުންނާނީ ނިދަން ބޭނުން ވެފަހޭ ހިތަށް އެރުމުން އެލީޒާ މަޑު ކުރަން ނޫޅެ ގެއިން ނިކުންނަން ހިނގައި ގަތެވެ. ލިއަމް އޭރު ފެންނާކަށް ނެތެވެ. އަވަސް އަވަހަށް ގެއިން ނިކުތް އިރު ފެނުނު މަންޒަރަކުން އެލީޒާ ދެލޯ ބޮޑުވިއެވެ.”ރީހާން!!…” އަޑުގެ ނެތްތަނަށް އެލީޒާއަށް ހަޅޭއްލަވައި ގަނެވުނެވެ. ލިއަމް ދުއްވާފައި ދިޔަ ކާރުން އެހެން ކާރެއްގައި ޖެހި އެ ކާރު ދިޔައީ ފަހަތަށް ވިއްސައިގެންނެވެ. އެއަޑަށް ރީހާން ފުންމައިގެން ތެދުވިއެވެ. އިސާހިތަކު މީހުންތައް އެތަނަށް ޖަމާވާން ފެށިއެވެ.
ރީހާންއަށް ނިކުމެވުން އިރު އެތަނުގައި ލޭގެ ކޯރެއް ހެދެމުން ދިޔައެވެ. މީހުންތައް އެއްފަރާތް ކުރަމުން ރީހާން ގޮސް ބެލި އިރު ލިއަމް އޮތީ ކާރުގެ ތެރޭގައި ތާށިވެފައެވެ. އަނެއް ކާރުގައި އިން ފިރިހެން މީހާ ކުޑަދޮރުން ބޭރަށް ވެއްޓުނު އިރު އަންހެން މީހާ ކާރު ތެރޭގައި ލިއަމް ގޮތަށް ތާށިވެފައި އިނީއެވެ. އެންމެން ކާރު ކައިރިއަށް ދާން ފެށުމުން ރީހާން ގޮސް ވެއްޓިފައި އޮތް ފިރިހެން މީހާގެ ކައިރިއަށް ތިރިވެ ބޯ އަނބުރާލާފައި މޫނު ފެންނަ ގޮތައް ހެދިއެވެ.”ނޯ..” ރީހާންގެ ދެލޯ ވޮޑުވިއެވެ. ބޯ ފަޅައިގެން ގޮސް ލޭ އަންނަމުން ދިޔައީ ޒާންއެވެ. ކާރުގެ ތެރޭގައި ދެން އިންނާނެ މީހަކީ ކާކުކަން ނުބުންޏަސް ރީހާންއަށް އިނގުނެވެ.
ޒާން އަށް ބެލުމެއްނެތި ރީހާން މީހުންތަކުގެ ތެރެއަށް ވަދެގަތީ ނުލާހިކު އަވަހަށެވެ. މީހުންތައް ވެގެން ލިއީޝް ނެރުން އިރު ހެޔެއް ނެތެވެ. އޭރު އެއްބައި މީހުން އެމްބިއުލަންސްއަށް ގުޅައިގެން އުޅެއެވެ. ލިއީޝް އަތްދަނޑި މައްޗަށް ލައިގެން ރީހާން އެމްބިއުލާންސް ކައިރިއަށް ދިޔައިރު ޒާން އާއި ލިއަމް ވައްދައިފިއެވެ. ލިއީޝް ވެއްދުމާއި އެކު އެމްބިއުލާންސް ސައިރެންގެ އަޑުން މުޅިތަން ގުގުމާލިއެވެ. ހޮސްޕިޓަލާއި ހަމައަށް ދެވެންދެން ވެސް ރީހާން އުޅުނީ ދެފަޔަށް ހިނި އަރައިގެން އުޅޭ ފަދައިންނެވެ.
އެމަޖެންސީ ރޫމަށް ދެން މީހުން ވެއްދިއިރު ޒާން އާއި ލިއަމްގެ ހާލު މާ ބޮޑެވެ. ލިއީޝް އެޑްމިޓް ކުރީއެވެ. ރީހާންގެ ދެފައި އެއްތާކު ނުޖެހެއެވެ. ލިއީޝް އަށް ގެއްލުމެއް ވެދާނެތީ ކަންބޮޑުވަނީއެވެ. އެލީޒާއަށް ނުހުރެވިގެން އެންމެފަހުން ރީހާން ކައިރިއަށް ޖެހިލެވުނެވެ.”ހާދަ ވަރަކަށް ތި ހާސްވަނީ.. ކަމެއް ނުވާނެއޭ އިރާދަކުރެއްވިޔާ..” ރީހާން ހަމައަކަށް އެޅުވޭތޯ އެލީޒާ ބެލިއެވެ. އެވަގުތު ލިއީޝް ބަލަން ވަތް ޑޮކްޓަރ ވޯޑުން ބޭރަށް ނިކުތެވެ. ލިއީޝްގެ އެހީތެރިޔާ ކޮބާހޭ އެހުމުން ރީހާން އިސްނަގާފައި ޑޮކްޓަރ ކައިރިއަށް ދިޔައެވެ.”މާ ބޮޑު ކަމެއް ވެފައެއް ނެތް.. ބިރުން ހޭނެތިފަ.. ސާޅީސް ވަރަކަށް މިނެޓް ތެރޭ ހޭ އަރާނެ..” ޑޮކްޓަރ އިނގިރޭސި ބަހުން ވާހަކަ ދެއްކުމަށްފަހު އެމަޖެންސީ ރޫމަށް ވަނެވެ. ރީހާން ވޯޑަށް ވަނުމުން އެލީޒާވެސް ރީހާން ފަހަތުން ދިޔައެވެ.
ގާތްގަނޑަކަށް ތިރީހަކަށް މިނެޓު ފަހުން ލިއީޝް ކުޑަކޮށް ކުކުރާލިއެވެ. ރީހާން އަވަސް އަވަހަށް ގޮނޑިން ތެދުވިއެވެ.”ޒާން..” ހޭ އެރިތަނުން ވެސް ލިއީޝްއަށް ގޮވާލެވުނެވެ. އަސަރެއް ނެތްކަމަށް ދެއްކި ނަމަވެސް ރީހާން ހިތުގައި ރިއްސާލި އެވެ. ލޯ ހުޅުވާލި ވަގުތު ކުރިމަތިން ރީހާންގެ ސޫރަ ފެނުމުން އަލުން ލޯ މަރާލީ ބޮލުގައި އަތް އަޅައިގެން ހުރެއެވެ.”އާރ ޔޫ އޯކޭ ލިއީޝް؟..” ލިއީޝްއަށް ވީގޮތް ފެނުމުން ރީހާން ކަންބޮޑުވިއެވެ. ފުރަތަމަ ބަލާލުމާއިއެކު ލޮލުން ފެނުނު ހައިރާންކަން ދެވަނަ ފަހަރަކު ނުފެނުނެވެ. ފެނުނީ ކަރުނައާއި ރުޅިވެރިކަމެވެ.”ލިޝް..” ރީހާންއަށް ނުހުރެވިގެން ލިއީޝްގެ އަތްތިލައިގައި ހިފާލެވުނެވެ. އެކަމުން ލިއީޝްގެ ރުޅި އިތުރަށް ގަދަވެގެން ދިޔައިރު އެލީޒާއަށް ދެލޯ ބޮޑުކޮށްލެވުނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


