ވީމޭ އިންތިޒާރުގައި – 16
އަވަސް އަވަހަށް ދުއްވައި ގަންނަން އުޅުނު ވަގުތު ވާރޭ އޮއްސައިލީ ހަމަ ކުއްލިއަކަށެވެ. ވީ ދެރައިންނާއި ގަތް ބިރުން ރީޝަމް ގެ ލޯ އަނެއްކާވެސް ފެންކަޅިވިއެވެ. އެންމެ ކައިރީގައި ހުރި ހިޔާކޮޅަށް ރީޝަމް ވަނީ މީހަކު ހުރެދާނެ ކަމަށް ވިސްނާފައެއް ނޫނެވެ.”އޯހ ސޮރީ..” މީހެއްގެ ގައިގައި ޖެހުމުން ރީޝަމް މަޢާފަށް އެދުނެވެ. ދެބުމަ ކައިރި ކޮށްލައިގެން ބަލަން ހުރި ކިޔާން ފެނި ރީޝަމް ސިހުނެވެ.”ރީޝް؟ އެކަނިތަ؟..” ކިޔާން އެހިއެވެ.”ހޫމް..” އިތުރު ވާހަކައެއް ދައްކަން ރީޝަމް ބޭނުމެއް ނުވީ ދެރަވެފައި ހުރުމުންނެވެ.”އަދި ހަނދާން ނެތުނީއޭ.. މާއިލް ދޭ އެބަ ރަށަކަށް އޭނަ އާއިލާއާ އެކީ.. އެހެންވެ ހަބަރެއް ނުވެދާނެ..” ހަނދާން ކޮށްލާފައި ކިޔާން ބުންޏެވެ.”އޯހ..” ޝައުގުވެރި ވާކަމަށް ހެދެމުން ރީޝަމް ހެދުނެވެ.”ހޫމް.. ހާދަ ބައިވަރު ކާއެއްޗެހި.. އެކަނި ކެވޭނެ؟ ޝެއަރ ކުރަން ވީއެއްނު..” ކިޔާން ކޮތަޅަށް އިޝާރާތް ކުރިއެވެ.”އަމް.. ދެން..” ރީޝަމް ފާޑަކަށް ރަކިވިއެވެ. އެވަގުތު ވެފައި ހުރި ދެރަ މަތިން ވެސް ހަނދާން ނެތޭ ގޮތް ވިއެވެ.
**16 ވަނަ ޕާޓު**
“ބޭނުންތަ؟..” ރީޝަމް އެއްބުމަ އަރުވާލިއެވެ.”ހޫމް ދިނިއްޔާ ހިފާނަން..” ކިޔާން ހިނިތުންވެލިއެވެ. ތިރީ ތުންފަތުގައި ދަތް އަޅާލާފައި ރީޝަމް ކޮތަޅުން ދެ ޗިޕްސް ޕެކެޓް ނަގާ ކިޔާންއަށް ދިނެވެ.”އަޅެ އަހަރެން މިތާ ހުރެގެންތަ ކާންވީ..” ރީޝަމް ތިން ޕެކެޓްގައި ހިފާފައި ކިޔާން އެހިއެވެ. ރީޝަމް ޖަވާބު ދޭން އިސްއުފުލާލަން އުޅެނިކޮށް ދުރުގައި ބަލަހައްޓައިގެން ހުރި ހާނިމް ފެނި ބިރުން ހަލާކުވާވަރު ވިއެވެ. ތިބެވުނީ އެހާ ވެސް ކައިރީގައެވެ. ތެޅިގަނެފައި ރީޝަމް ދުރަށް ޖެހިލިތަން ބަލަން ހާނިމް ހުރީ ހިތްހަމަ ނުޖެހިފައެވެ.”އަމް ސޮރީ ދަނީ އިނގޭ..” ރީޝަމް ދާން ހިނގައިގަތެވެ. ނަމަވެސް ކިޔާން ރީޝަމްގެ އަތުގައި ހިފާ އަލުން ހިޔާ ދަށަށް ވެއްދިއެވެ.” އޭރުން ތެމޭނެ ރީޝް.. ހިޔާ ހޯދާކަށްނު ރީޝް މިތަނަށް ވަނީ؟..” ކިޔާން ރީޝަމް އާއި ދިމަ ބަލާލިއެވެ. ދުރުގައި ބަލަން ހުރި ހާނިމްއަށް މިކަމުން ޖެހުނީ ނުބައި މާނައެކެވެ.
“ޕްލީޒް ކިޔާން.. އަހަރެންނަށް ދެވޭނެ.. ގެ ވެސް އެހާ ދުރެއް ނޫނޭ..” ރީޝަމް ހުރީ ބިރުން ފިނިވެފައެވެ. ކޮންމެ ވާހަކައެއް ބުނެފައި ރީޝަމް ސިއްރު ސިއްރުން ހާނިމް އާއި ދިމަ ބަލާލަނީ އެތަނުން ދުރަށް ދޭތޯއެވެ. އެކަމަކު އެ ހުރި ފިޔަވަޅު މަތީ އެހުރީ އާނިޔާ ކައިރީ މުޅިން ގޯސް ވާހަކަތަކެއް ދައްކަން ވިސްނަންކަން ޔަޤީނެވެ. އެކަން ކިޔާންއަށް ފާހަގަ ވެގެން ރީޝަމް ބަލާ ދިމާއަށް ބަލާލިއެވެ.”އެހެންވެތަ ބިރުން ތި އުޅެނީ.. ރީޝްގެ ބައްޕަ ދޯ އެއީ؟..” މަގުގައި ހާނިމް ނޫން އިތުރު މީހެއް އެގަޑިއަކު ނެތެވެ.”މާހީގެ ބައްޕަ..” އިސް ޖަހާލަމުން ރީޝަމް ބުންޏެވެ.”ޝިޓް..” އަމިއްލަ ނަފްސަށް ކިޔާން ވަނީ ރީޝަމް ކައިރީގައި އާއިލާ އާއި ބެހޭ ގޮތުން ސުވާލު ނުކުރުމަށް ނިންމާފައެވެ. ރީޝަމް މޫނަށް އަރާ ކުލަވަރުތައް ކިޔާންއަށް ފާހަގަ ކުރެވޭތީއެވެ.
“އޯހ.. ސޮރީ..” ކިޔާން މަޢާފަށް އެދިފައި އެދިމާއަށް ބަލާލި އިރު ހާނިމް އެނބުރިފައި ދަނީއެވެ.”އޯހ ނޯ.. އަހަރެން ދާން ވެއްޖެ.. އެދަނީ ދައްތަ ކައިރީ އަހަރެމެން ދެމީހުން މިތާ ހުރި ވާހަަކަ ބުނަން..” ކިޔާންގެ އަތުން ދޫކޮށްލާފައި ދެން ވެސް ރީޝަމް އުޅުނީ ދާންށެވެ.”އޭ ރީޝް މަޑުކޮށްބަލަ..” އެ ބޯ ވާރޭގެ ތެރޭގައި ރީޝަމް އެކަނި ފޮނުވާކަށް ކިޔާން ހިތްހަމައެއް ނުޖެހުނެވެ. އަނެއް ކޮޅުގައި ޕާޓޭ މީހުން ތަކެއް ތިބުމުން އަދި ވަކިން ބޭނުމެއް ނުވިއެވެ.”ކިޔާން ޕްލީޒް..” ރީޝަމް އާދޭސް ކުރަން ފެށިއެވެ.”އަހަރެން ރީޝް އާ އެކީ ދިޔަސް އެންމެ ރަނގަޅުތަ؟..” ކިޔާން އެހިއެވެ. ވަގުތުން ރީޝަމް ދެފަރާތަށް ބޯ ހޫރާލީ ކަންތައް އިތުރަށް ގޯސްވެދާނެތީއެވެ. ކުރުނުކޮށް ރީޝަމް ކިޔަން ފެށީ އަތުން ދޫކޮށްލުމަށެވެ. ކިޔާން ގޮތްދޫ ނުކޮށް ބުނީ ރީޝަމް އާއި އެކީ ދާނެ ކަމަށެވެ. ނޫނެކޭ ބުނުމުން ޤަބޫލު ނުކޮށް ކިޔާން ރީޝަމްގެ އަތުގައި ހިފައިގެން ގެއާއި ދިމާއަށް ހިނގައިގަތެވެ.
ގެއާއި އަރާ ހަމަވިއިރު ދެމީހުން ވެސް ތިބީ ހީކަރުވާފަ އެވެ.”ދައްތާ..” ގެއަށް ވަތް ގޮތަށް ރީޝަމް އާނިޔާއަށް ގޮވާލިއެވެ.”އެ ތެދެއްތަ؟..” އާނިޔާ ކިޔާން އާއި ދިމަ ބަލާލީ ނުރުހިފައެވެ.”ނޫން.. ހާނިމްބެ އަކަށް ނޭނގޭނެއޭ..” ރީޝަމް ހުރީ ނުލާހިކު ދެރަވެފައެވެ.”އެ ތެދެއް ދައްތާ.. އަހަރެން ހިޔާ ދަށުގަ ހުއްޓަ ރީޝަމްއަށް އޮޅިގެން ވަދެވުނީ.. އެގަޑީގަ ބޯކޮށް ވާރޭ ވެހޭތީއާ އެކީ ދެމީހުން މަޑުކޮށްލީ ވާރޭ ހުއްޓާލަންދެން.. އެކަމަކު ރީޝް މާ ވަރަކަށް ކިޔާތީ މި އައީ..” ކިޔާން އާނިޔާއަށް ވިސްނައިދިނެވެ. ހާނިމް އާއި ދިމަ އާނިޔާ ބަލާލީ ފޫހިވެފައެވެ. ރީޝަމް އަށާއި ކިޔާންއަށް އާނިޔާ ހާނިމްއަށް ވުރެ ބޮޑަށް އިތުބާރު ކުރާނެއެވެ. ދެބުމަ ގޮށްޖަހާލައިގެން ހުރެ އާނިޔާ ކޮޓަރިއަށް ވަނުމުން ހާނިމްވެސް ފަހަތުން ދިޔައެވެ.
“ތެންކިއު..” ލަދުން ރީޝަމް އިސްޖަހާލިއެވެ.”ވެލްކަމް..” މަޑުމައިތިރި އަޑަކުން ކިޔާން ޖަވާބު ދިނެވެ. އެރޭ ދެމީހުން ދޮރު ކައިރީގައި ބައި ގަޑިއެއްހާއިރު މަޑު ކޮށްލިއެވެ. އެހެނަސް ވާރޭ ހުއްޓައެއް ނުލިއެވެ. ދޭތެރެއަކުން ކުޑަކޮށް މަޑުވި ނަމަވެސް އަލުން ވެހެނީއެވެ.”ގެއަކަށް ވެސް ނުދެވުން ދޯ؟..” ހާސްވެފައި ކިޔާން ބުންޏެވެ.”ހޫމް.. އެތެރެއަށް ވަދޭ ދެން.. ތިހާ ގިނައިރު ކޮޅަށް ހުންނާކަށް ނުވާނެ..” ރީޝަމް އެތެރެއަށް ވަންނަން ހިނގައިގަތެވެ. ފުދޭވަރަކަށް ހިކިފައި ވުމުން ކިޔާން ވެސް ރީޝަމް އާއި އެކީ އެތެރެއަށް ވަނެވެ.”ފިލްމެއް ބަލާނަންތަ؟ ކުރިން ދުވަހު ފްރެންޑެއް ދިން ވަރަށް ރީތި ފިލްމެއް އިންނާނެ ލެޕްޓޮޕްގަ.. ބަލަމާ؟..” ރީޝަމް ބެލީ އެދެމެދުގައި ރަނގަޅު އެކުވެރިކަމެއް އުފެއްދޭތޯއެވެ.”އެންމެ ރަނގަޅު..” ކިޔާންގެ ޖަވާބު ލިބުމުން ރީޝަމް މަޑު ކުރާށޭ ބުނެފައި ކޮޓަރިއަށް ވަދެ ދޮރު ޖެހިއެވެ. އިރުކޮޅެއް ފަހުން ތެތް އެއްޗެހި ބަދަލު ކޮށްލައިގެން ރީޝަމް ނިކުތް އިރު އަތުގައި އާ ތުވާއްޔެއް ވެސް އޮތެވެ. ނިކުމެފައި އެ ތުވާލި ރީޝަމް ދިނީ ކިޔާންއަށެވެ.
ކައިރި މޭޒުގައި އިން ލެޕްޓޮޕް ވެސް ހިފައިގެން ރީޝަމް ސޯފާއާއި ދިމާއަށް ހިނގައިގަތެވެ.”ފާޚާނާއަށް ވަދެލަން ބޭނުމިއްޔާ އޯކޭ ވަނަސް..” ލެޕްޓޮޕާއި އެއީ ސޯފާގައި އިށީންނަމުން ރީޝަމް ބުންޏެވެ. ކުޑަކޮށް ބޯ ޖަހާލާފައި ކިޔާން ރީޝަމްގެ ކޮޓަރިއަށް ވަނެވެ. އޭރު މާހީ އޮތީ އެނދުމަތީގައި ޓެބްލެޓް ހިފައިގެންނެވެ. ކޮޓަރީގެ ތަރުތީބު ކަމާއި މެދު ކިޔާން ހިތާއި ހިތުން ތައުރީފު ކޮށްލިއެވެ. މާހީއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލާފައި ކިޔާން ފާޚާނާއަށް ވަނެވެ. ފަސް ވަރަކަށް މިނެޓް ކޮށްފައި ކިޔާން ނިކުތް އިރު ހުރީ ހިކިފައެވެ. ތުވާލި އަޅުވާލާފައި ކިޔާން ކޮޓަރިން ނިކުތް އިރު ރީޝަމް ކާއެއްޗެހި ގެނެސް ސޯފާ ކައިރީގައި ހުރި މޭޒުމަތީގައި އަތުރަނީއެވެ. ދެ ކޯލާ ފުޅި އާއި ޗިޕްސް އަދި ޗޮކްލެޓް ހުއްޓެވެ. ކިޔާންއަށް ހިނިތިންވެވުނެވެ.”މި ކޮން ކަމެއް؟؟..” ހެމުން ކިޔާން ސުވާލު ކުރުމުން ރީޝަމް ހީކުރީ ކޮށްގެން ނުވާނެ ކަމެއް ކުރެވުނު ކަމަށެވެ.”ނަގަންވީތަ؟..” ރަކިވެފައި ރީޝަމް ވެސް ކުރީ ސުވާލެކެވެ.”ނޫނޭ.. މޫވީ ނައިޓް އެއް ހަދާލީ ދޯ..” ކިޔާން ހިނގާލަފައި ގޮސް ރީޝަމްއަށް އެހީތެރިވިއެވެ.
ދެމީހުން ކާއެއްޗެހި އަތުރާފައި އިށީނީ އެ ފިލްމް އަޅުވާފައެވެ.”ރޮމޭންޓިކް އެއްޗެއްތަ؟؟..” ފެށުން އިރު ފެންނަން ފެށި މަންޒަރަކުން ކިޔާން ފެށީ ހޭށެވެ.”އާނ ކިހިނެއްވީ؟ ސޭޑް އެއްޗެއް އަޅުވަންވީތަ؟..” ލަދުން ރީޝަމްގެ މޫނު ރަތްވާ ގޮތްވިއެވެ.”ނޭނގެއޭ ރީޝް ރޮމޭންޓިކް އެއްޗެހި ބަލާ ކަމެއް..” ޝައުޤުވެރިކަން އެ ފިލްމަށް ހުއްޓާލަމުން ކިޔާން ކާންފެށިއެވެ. ދެމީހުން ތިބީ ފުދޭވަރަކަށް ދުރުގައި ނަމަވެސް ދޭތެރެއިން ދެމީހުން ދެމީހުންނަށް ބަލާލައެވެ. ބައެއްފަހަރު އެ ފިލްމް ގައި ދައްކާލާ މަންޒަރުތަކުން ދެމީހުންގެ ހަތަރުކަޅި ވެސް އެއްފަހަރާ ބައްދަލު ވެއެވެ. އެގޮތަށް ތިއްބައި ފިލްމް ނިމެން އުޅުނެވެ. ނިމުނީ ބަޠަލާ އާއި ބަޠަލަށް ދިމާވާ އެތަށް އަޑި ގަނޑަކަށް ފަހު ދެމީހުން ވެސް ގުޅިގެންނެވެ.
“އަހަރެންގެ ލައިފް ވެސް މިހެން ވާނެ ނަމަ..” ކިޔާން ބުންޏެވެ. ރީޝަމް ހީކުރީ އެއީ ޖޫލީއަށް އަމާޒުކޮށް ބުނި އެއްޗެއް ކަމަށެވެ.”ދޯ.. އުފަލުން މަރުވީސް..” ހިތަށް ތަދުވުމުން ރީޝަމް ދުރުބަލާލިއެވެ. ކިޔާންގެ ހިތަށް ވެސް އުނދަގޫ ވީ އެ ނިސްބަތް ކުރީ މާއިލް ބުނި ފަދައިން ރީޝަމްގެ ލޯބިވާ ކުއްޖާއަށް ކަން އިނގުމުންނެވެ.”އަދިވެސް ވާރޭ ނުހުއްޓާލައޭ..” ބޯކޮށް ވެހެމުން ދިޔަ ވާރޭއަށް ކިޔާން ނަޒަރު ހުއްޓާލިއެވެ. އޭރު އެގާރަ ގަޑި ސާޅީސް ހިނގައިފި އެވެ.”އަހަރެން ދަނީ ދެން ތެމިގެން..” ކިޔާން ހިނގައިގަންނަން އުޅުމުން ރީޝަމް ދުވެފައިގޮސް ދޮރު ލައްޕާލިއެވެ.”ކިޔާންގެ ގެ ހުންނަނީ އެކޮޅުކޮޅުގަ.. މިހާ ފިނި އިރު ދިޔައީމަ އަނެއްކާ ބަލި ވެދާނެ.. އަދި މަޑުކޮށްލާބަލަ ހުއްޓާލަންދެން..” ރީޝަމް ދެބުމަ ކައިރިކޮށްލަމުން އަމުރު ކުރިއެވެ.”އައްދެ.. ދެން ތި ބުނަނީ މިގޭގަ ނިދާށޭތަ؟..” ކިޔާން އެއްބުމަ އަރުވާލިއެވެ. ލަދު ގަތް ވަރުން ރީޝަމް އިސްޖަހާލިއެވެ.
“ދޭބަލަ ފެންތައްޓެއް ހިފައިގެން އަންނަން..” ރީޝަމްގެ މޫނަށް ގެއްލެމުން ދާހެން ހީވެގެން ކިޔާން ވާހަކަ އޮޅުވާލިއެވެ. އަވަސް އަވަހަށް ރީޝަމް ކާގެއަށް ވަނެވެ. އެތަން ބަލަން ހުރެފައި ކުއްލި އަކަށް ދޮރު ހުޅުވާލާފައި ކިޔާން ދުއްވައިގަތެވެ. އެގޭގައި މަޑު ކުރަން ވެއްޖެ ނަމަ އިޙްސާސްތަކަށް ބާރު ނުފޯރުވިދާނެތީއެވެ. ފެންތައްޓެއް ހިފައިގެން ނިކުތް އިރު ކިޔާން ގޮސްފިއެވެ. ފިނީގައި ކިޔާންއަށް ކަމެއް ވެދާނެތީ ރީޝަމް ހާސްވަނީ މާ ވަރަކަށެވެ. މާދަމާ ދިމާ ވެއްޖެ ނަމަ ޝަކުވާ ކުރަން ނިންމައިގެން ދޮރު ލައްޕާލާފައި ގޮސް ލެޕްޓޮޕް ނަގަން އުޅުނެވެ. އާނިޔާއަށް އިތުރު އުނދަގުލެއް ނުޖައްސަން ވެގެން ރީޝަމް އެތަން ކުޑަކޮށް ސާފު ކޮށްލާފައި ނިދަން ވަނެވެ.
އަނެއް ދުވަހު ރީޝަމް އާއި ކިޔާން ދިމާވީ ހަވީރު ގަޑީގައެވެ.”އިނގޭ ކަމަށާ ނުވެސް ހަދާ ރޭގަ ދިޔައީ.. ރޯގާ ޖެހުންނަމަ ކިހިނެއް ހަދާނީ؟ ކިޔާން ދާކަން އިނގުނު ނަމަ ދޮރު ބަހައްޓާނީ ލޮކް ކޮށްފަ..” ރީޝަމް ތުން ދަމާލިއެވެ.”އެހާ ވެސް ހާސްވޭތަ އަހަރެންނަށް ކަމެއް ވެދާނެތީ..” ނޫން ކަމަށް ހަދާލާފައި ކިޔާން އެހިއެވެ.”ކާކު ހާސް ނުވާނީ؟ އެހާ އެކޮޅަށް އެފަދަ ރެއަކު އެކަނި ދާކަށް ނުވެސް ކެރޭނެ.. ޚާއްޞަކޮށް ވާރޭ ވެހޭ ގަޑީ..” ކިޔާން އާއި ދިމާއަށް ރީޝަމް ތުން ދަމާލިއެވެ.”ހާދަ ވަރަކަށޭ ތުންފަތް ތި ދަމަނީ..” ކިޔާން ހޭންފެށިއެވެ. މިއަދު އިނދެވުނީ މާ މަޖާ މޫޑެއްގައެވެ.”އޯކޭތަ މިހާރު؟..” ލަދުގަތް ނަމަވެސް ރީޝަމް ތުންފަތް ފޮރުވާލިއެވެ.”އުނހު.. މާ ކިއުޓް..” ޖޯކަކަށް ހަދާފައި ވެސް ކިޔާން ތެދު ބުނަން ފެށިއެވެ. އެގޮތަށް ޚުދު ކިޔާންގެ ހިތް ވެސް އެދުނީއެވެ.
“ތިމާ މީހާ މާ ހޭންސަމް ވީމަ ފޮނިވަނީ ދޯ؟.. ހުރެބަލަ ދެން..” ރުޅިއަންނަކަމަށް ރީޝަމް ހެދުނެވެ.”އަޅޭ ހަމަ އެހާ ލޯބިވާތީތަ ހޭންސަމް ވެސް ވީ؟..” ލާނެއް ރާގަކަށް ހީނލާފައި ކިޔާން އެހެން އެހުމުން ރީޝަމްގެ ހަށިގަނޑުގައި ކަރަންޓް އޮއިވަރެއް ދުވެލިއެވެ.”ކާކު ތިކަހަލަ މީހެއް ދެކެ ލޯބިވާނީ.. ވަރަށް ފޫހިވޭ..” ކުޅަދާނަކަމާއިއެކު ރީޝަމް މޫނުމައްޗަށް ހަރުކަށިކަން ގެނައެވެ.”ލޯބީވާތީ ދޯ މީހަކު ވާރޭގެ ތެރޭގަ ގެއަށް ދިޔަ ކަމަށްޓަކާ ކަންބޮޑުވާނީ..” ރީޝަމްގެ މޫނާއި ކައިރިއަށް މޫނު ގެންނަމުން ކިޔާން ބުންޏެވެ. ދެލޯ ބޮޑުކޮށްލަމުން ރީޝަމް ފަހަތަށް ޖެހެން އުޅުނެވެ. ނަމަވެސް ކިޔާން ރީޝަމް ކޮނޑުގައި ހިފާ ވެލިގަނޑު މަތީ ބާއްވާލިއެވެ. ކިޔާންގެ އެ ޢަމަލުން ހިތަށް އުފާވެރިކަން ވައްދަމުން ދިޔަ ރީޝަމްގެ ހިތް އޮބި ނޯންނަ ވަރަށް ތެޅެމުން ދިޔައެވެ. އެކަމަކު އެ މޫނުމަތިން ފެނުނު ލާނެއް ކަމުން ރީޝަމް އެކަށް މާޔޫސް ވިއެވެ.
“އޯވ.. އަދި ކިރިޔާ މި އިނގުނީ ލަދު ގަންނަން ވެސް އިނގޭކަން..” ފާޑަކަށް ހީނލާފައި ކިޔާން ދޫ ނެރެލިއެވެ. ހިތް ބާރު ބާރަށް ތެޅެމުން ދިޔަ ވަގުތުވެސް ރީޝަމްއަށް ހަމަބިމަށް އާދެވުނެވެ. ވަގުތުން ކިޔާންގެ މޭގައި އަޅާ ކޮއްޕަން ގަދަހެދިއެވެ.”އައުޗް..” ރީޝަމް އަތް އެޅި ތަނުގައި އަތުން ފިރުމާލަމުން ކިޔާން ތަދުވާ ކަމަށް ހެދުނެވެ. އެ ސަމާސާތަކުން ރީޝަމްގެ ހިތް އުފާވާއިރު އިރުކޮޅެއް ނުވެ މާޔޫސް ވަނީއެވެ.”އޫހ އޯކޭ އޯކޭ.. ކްރަޝް ނޫން އިތުރު މީހެއް ކައިރި ވީމަ ނާވަސް ވީ ދޯ؟؟..” ރީޝަމްގެ މޫނުމަތިން ފެނުނު މާޔޫސްކަމުން ކިޔާން ވެސް ދެރަވިއެވެ. ވަގުތުން ރީޝަމް ހައިރާންވިއެވެ. ލޯބިވާ މީހެއް ހުންނަކަން ކިޔާންއަށް އިނގުނީ ކިހިނެއް ހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް މާހީ ނެތްކަން އެއީ ހަމަ ނަސީބެވެ. ހުރިނަމަ އާނިޔާ ކައިރީ ގޮސް ކިޔާލާނެއެވެ.
ކިޔާން ރީޝަމް ގެއަށް ލާފައި ވަތް އިރު މާއިލްގެ ދެ ކޯލް މިސް ވެފައި އިނެވެ.”އޯއިކޭ..” ފޯނު ނަގާފައި ކިޔާން އެނދަށް ވެއްޓިގަތެވެ.”ކޮން ދުނިޔެއަކު ތި އުޅެނީ.. މަ މިހާރު ކިތަށް ފަހަރު ގުޅައިފިން..” މާއިލް ހަޅޭއްލަވައި ގަތެވެ. ކިޔާންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ.”އެންމެ ދެ ފަހަރު.. މާ ގޮތްބޮޑު ކޮށްލައިގެން ނޫޅެބަލަ.. އަލިފާންގަނޑެއް ކިތަންމެ ދުރުން ފެންނަ އިރުވެސް ކަލޭ ގޯވާފަނެ ތިމަންނަ މިއޮށް މަރުވަނީއޭ..” ކިޔާން މަލާމާތް ކޮށްލިއެވެ.”އޭ ތިއެއް ނޫނޭ.. ކޮބާ ރީޝް ކިހިނެއް..” މާއިލް ކޮށްލި ސުވާލުން ކިޔާން ހަނދާންވީ ކުރެވެން އުޅުނު ކަންތަކެވެ. އެންމެ ސިކުންތެއް ލަސްވި ނަމަވެސް އޭނާއަށް ރީޝަމްގެ މޫނުގައި ބޮސް ދެވުނީހެވެ.”ރަނގަޅު..” އުނދަގޫވެފައި ހުރެ ކިޔާން ޖަވާބު ދިނެވެ.”އަސްލު ހުރީ ނާހަން.. އެކަމް ނުހުރެވުން.. ދެން ނާހާނަން.. މިއުޅެނީ އޭނަ މަތިން ހަނދާން ނައްތާލަން ވިއްޔަ..” ފުން ނޭވާއެއް މާއިލް ދޫކޮށްލި އެވެ.
އެރޭ ދަންވަރު އުޅެ އުޅެ ވެސް ކިޔާންއަކަށް ނުނިދުނެވެ. ރީޝަމްއާއި ރީޝަމްގެ ލޯބި ބޭނުމެވެ. މާއިލްގެ އެކުވެރިކަން ވެސް އެވެ. މާއިލްގެ އެދުމަށް އެ ކުރާ ކަންތަކުން ފަހަރަކަށް ވުރެ ފަހަރެއް ރީޝަމްއަށް ވާ ލޯބި ވަނީ އިތުރުވެ. މިހެން ކަންތައް ދާނަމަ އޭނާގެ ހިތުގެ ލަގަން ދޫވެދާނެއެވެ. ކިރިޔާ ވެސް އެކުވެރިޔާ އަށް ގެއްލުން ލިބޭނެ ފަދަ ކަމެއް ކުރާކަށް ކިޔާން ބޭނުމެއް ނޫނެވެ. ހުރިހާ ވަރަކަށް ވެސް ރީޝަމް ކުށްވެރި ކުރަން ކިޔާން ބޭނުމެވެ. އެހެނަސް ކުށްވެރިއަކަށް ޤަބޫލު ކުރަނީ އަމިއްލަ ނަފްސެވެ. ދަތްތަކަށް ފިތާ ބާރު ކޮށްލިއިރު ކިޔާންގެ ދެލޯ ކަރުނުން ފުރިއްޖެއެވެ. ޖޫލީގެ ލޯބި ނުލިބުނުހެން އޭނައަށް ރީޝަމްގެ ލޯބި ވެސް ނުލިބޭނެއެވެ. ނުރޯން ހިތްވަރު ކުރަމުން ކިޔާން އެނދުގައި އޮށޯވެ ދެލޯ މަރާލިއެވެ.
“އައި ލަވް ޔޫ.. ކިޔާން..” ރީޝަމް މަޑުމަޑުން ކިޔާންގެ ކަންފަތް ކައިރީގައި ބުންޏެވެ. ދެމީހުން ތިބީ ގޮނޑުދޮށުގައެވެ.”އައި ލަވް ޔޫ ޓޫ ރީޝަމް..” ކިޔާން ރީޝަމްގެ މަޑު އަތްތިލައިގައި ހިފާލިއެވެ. ކުޑައިރުކޮޅަކު ދެމީހުންނަށް ބަލަން ތިބެފައި ވެލިގަނޑުގައި އިށީނެވެ. ލޯބިން އެތައް ވައުދެއް ވަމުން ދިޔަ ދެ ލޯބިވެރިންގެ މޫނުމަތީގައި ވަނީ ޔަޤީންކަމެވެ. މީހަކު ނެތް އެ މާޙައުލުގައި ދެމީހުން އެތަށް ސަކަރާތެއް ޖެހިއެވެ. މިނިވަންކަމާ އެކީ ވެލިގަނޑުގައި ދުވެ އުޅުނެވެ.
ރީޝަމްއަށް ސިއްސައިގެން ގޮސްފައި ހޭލެވުނީ ބާރު ބާރަށް ގުގުރިއެއް ޖެހުނު އަޑަށެވެ. ދެންމެ އެ ފެނުނީ ހުވަފެނެއްކަން އިނގުމުން ވެސް ރީޝަމްގެ ހިތް ވަނީ އަވަސް ވެފައެވެ. ވެހެމުން ދިޔަ ވާރޭއަށް ބެލުމެއް ނެތި ރީޝަމް ކުޑަދޮރު ކައިރިއަށް ޖެހިލިއެވެ. އެ ހުވަފެނުން އެކަނި ވެސް ރީޝަމްގެ ހިތަށް އާރޯކަން ގެނެސްދިނެވެ. ކިޔާންގެ ޚިޔާލުތަކުގައި ހުރެ ރީޝަމް ގޮސް އޮށޯތެވެ. ހުވަފެނާއި މެދު ހިތްހަމަ ޖެހިފައި ހުރެ ރީޝަމް އަލުން ދެ ލޯ މަރާލީ ނިދާލުމަށެވެ. އެހެނަސް ކުއްލިއަކަށް ދެލޯ ހުޅުވާލިއެވެ. ހެނދުނު ތެދުވާ ގަޑީގައި އެ ހުވަފެން ހަނދާނުގައި ނެތިދާނެއެވެ. ދެލޯ ހުޅުވައިގެން އިރުކޮޅަކު އިނދެ ރީޝަމް އޭނަ ކޮލެޖަށް ގެންދާ ނޯޓްފޮތް ނަގިއެވެ. އޭގައި އެ ހުވަފެނުގައި ވީ ގޮތާއި ރީޝަމްގެ ހިތުގައި މިހާރު ހިނގަމުންދާ އިޙުސާސްތައް ލިޔެލީ ހަނދާން ނެތިދާނެ ބިރަށްޓަކައެވެ.
ރީޝަމް ހީކުރި ގޮތާއި ޚިލާފަށް ހޭލެވުން އިރު އެ ހުވަފެން ހަނދާން ހުއްޓެވެ. އެހެންކަމުން ހެނދުނު ތެދުވެ ފާޚާނާއަށް ވަތް އިރު ވެސް ރީޝަމްގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ސްވެޓާރ ވައްތަރުގެ ޓީޝާޓަކާއި ޖީންސްއެއް ލުމަށްފަހު ކޮލެޖަށް ދާން ދަބަސް ހިފައިގެން ގެއިން ނިކުތެވެ. ހަމަ އެ ހިނިތުންވުމުގައި ހުރެ ކޮލެޖަށް ރީޝަމް ވަނެވެ. ލައުރާ އާއި ޝަލީން ތިބީ ބެންޗެއްގައި އިށީނދެލައިގެންނެވެ. އެމީހުން ކައިރީގައި ރީޝަމް ވެސް އިށީނެވެ.”ހާދަ އުފާވެފަ އިން ދުވަހެއްހެން ހީވެއޭ..” ރީޝަމް ކޮންމެ ވާހަކައެއްވެސް ބުނަނީ ހެވިފައި އިނދެގެން ކަމުން ޝަލީން ގާތަށް ހިނި އައެވެ.”ހެވޭނެ ދޯ..” ހުވަފެނުގެ ވާހަކަ ބުނާކަށް ރީޝަމް ބޭނުމެއް ނުވިއެވެ. ބެލް ޖެހުމުން ތިން މީހުންވެސް ކްލާހަށް ދާން ހިނގައި ގަތެވެ. އޭރުވެސް ރީޝަމް ޚިޔާލުގައި ވަނީ ކިޔާންގެ ސޫރައެވެ. އެވަގުތު ހިތަށް އެރި އެއްޗަކުން ރީޝަމް ފިޔަވަޅުތައް ހުއްޓުނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


