ވާނަން އުމުރަށް( 9)
ހިދާޔަތު ގެ އަލިކަން އިރާއި އެކު އޮއްސިގެން ދާ އުސޫލުން މިއަދު އެ އިރާއެކު އަރްޔަން ގެ ހިތުގެ ހަމަޖެހުން އޮއްސިގެން ހިނގައްޖެއެވެ. ކުރަން މިއުޅެނީ ކޮން ކަހަލަ ކަމެއް ކަން އެނގުނު ނަމަވެސް ގޮތެއް ނިންމުމަށް އަރްޔަން ނުކުޅެދިފައި ވާކަހަލަ އެވެ. އެއްފަރާތެއްގައި ނަފުރަތު ވީއިރު އަނެއް ފަރާތުގައި ހަމްދަރުދީ ވެއެވެ. ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގަމުން ދިޔަ އަރްޔަން އަށް އިރު އިރުކޮޅާ އަތުގައި އޮތް ގަޑިއަށް ނަޒަރު ހިންގައި ލެވެއެވެ.
__________________________
އެހެން ދުވަސް ދުވަހާއި ޚިލާފަށް އައިލީން އަށް ކޮލެޖުން ނިކުމެވުނީ ތަންކޮޅެއް ލަސްވީ ފަހުން ނެވެ. ބޭރަށް ނުކުމެ ފުރަތަމަ ވެސް ދެފަރާތް ބަލާލެވުނީ ފެންނަ ހިސާބުގައި އަރްޔަން ހުރި ތޯ އެވެ. އަނގައިން ނުބުނި ކަމުގައި ވިޔަސް ޙަޤީޤަތުގައި އައިލީން ގެ ހިތާއި ނަފްސު ވަނީ އަރްޔަން ގެ އެ ހިތްގައިމު ސޫރަ ދެކިލުމަށް ބޭގަރާރު ވެފައެވެ. އެ އަބުއިކަމެއް ނުވާ ހިތްގައިމު އަޑާއި ނުލައި އައިލީން ގެ ހިތުގައި ހަމަޖެހުމެއް ނުވެ އެވެ. ފެންނަ ހިސާބުގައި އަރްޔަން ނެތުމުން އައިލީން ނިންމީ އޭނާ ލަސްވެގެން ދިޔައީ ކަމަށެވެ. ފުންނޭވާއެއް ދޫކޮއްލަމުން އައިލީން ކުރިއަށް ހިނގަމުން ދިޔައީ މާޔޫސް ކަންމަތީ އެވެ. އަނދިރި ގޯޅިއަކަށް އެޅުނު ވަގުތު ފަހަތުން އައި މީހަކު އައިލީން ގެ އަނގަމަތީގައި ފޮތިގަނޑެއް އަޅައި ބާރު ކޮއްލިއެވެ. ގަދަ ހަދަން މަސައްކަތް ކުރި ނަމަވެސް އައިލީން އަށް އިހުސާސް ކުރެވެނީ ގައިން ވަރު ދޫވަމުން ދާ ކަމެވެ. މަޑުމަޑުން އެ މެރެމުން ދިޔަ ދެލޮލުން އައިލީން އަށް ފެނުނީ ކަޅު ކުލައިގެ ބޮޑު ޓީޝާޓުގެ އިތުރަށް މޫނުމަތި ފޮތިގަނޑަކުން ނިވާ ކުރެވިފައިވާ ތަނެވެ. ދެން ވީގޮތެއް ނޭނގެއެވެ.
މޫނުމައްޗަށް ފިނި އެއްޗެއް އުޅެމުން ދިޔަ ކަމުގެ އިހްސާސް ކުރެވެން ފެށުމުން އައިލީން ބޭނުން ވީ މޫނުމަތި ފޮހެލުމަށެވެ. އެހެން ވިޔަސް އައިލީން ގެ އަތް ފައި ގުޑުވާވެސް ނުލެވުނެވެ. ތަނުގެ އަނދިރި ކަމުގެ ސަބަބުން ތަންދޮރު ވަކި ވާވަރު ނުވި ނަމަވެސް އެއީ ހަދަން ފަށާފައިވާ އިމާރާތެއް ކަމަށް އައިލީން ނިންމީ ތަނުގައި ހިފާފައި ހުރި ސިމެންތި ވަހުގެ ސަބަބުން ނެވެ. މޫނުމައްޗަށް އެޅެމުން ދިޔައީ ކޯއްޗެއް ކަން ނޭނގުނު ނަމަވެސް ކައިރީގައި މީހަކު ހުރި ކަން އެނގޭވަރު ވެއެވެ. އަދި މޫނުމައްޗަށް އެޅެމުން ދިޔައީ އެމީހަކު އަތުގައި އޮތް ފުޅިން ކަން އެނގުމުން ހަޅޭއް ލަވަން ބޭނުންވީ ނަމަވެސް އަނގަމަތީ ގައި ވެސް ވަނީ ފޮތިގަނޑެއް އަޅައި ބާރު ކޮއްފަ އެވެ. ފުޅި ހުސްވުމުން އެމީހަކު އެ ފުޅި ދުރަށް އެއްލާލި އަޑު މުޅި އެ ތަނުގައި ގުގުމައިގެން ދިޔަ އެވެ. “ހެލޯ.. ބިއުޓީ…..ތިއިނީ އެއްކޮން ތެމި ފޯވެފައި.. ސޮރީ ފިނި ޖޫސް ފުޅިއެއް އަޅައި ލެވުނީމަ….ހިއްޓެ ގެނެސް ދީބަލަ މީނާ ޗޭންޖް ކުރަން މުޅިގައިގަ ހުސް ޖޫސް އެ އޮތީ…” ކައިރީގައިހުރި މީހާ އައިލީން އާއި މުޚާޠަބު ކުރަމުން ދިޔައީ މީގެ ކުރިން ވެސް އެ ޢިބާރާތްތަކާއި އެ ލަފްޒުތަކުން އެ ހިތް ރޫރޫ އަޅައިގެން ދިޔަ ލަފްޒުތަކެވެ. އައިލީން ގެ ކައިރީގައި ހުރި އެ ޒުވާނާ ތަންކޮޅެއް ދުރަށް ޖެހިލި އިޙްސާސް ވުމާއެކު އައިލީން އަށް ތެޅިގަނެވުނީ އަތްފައި މޮހެ އެ ހައްޔަރުން މިނިވަން ކަމެއް ލިބޭ ތޯ އެވެ. ނަމަވެސް ކުރި ލިބޭގޮތެއް ނުވި އެވެ. އެނބުރި އެޒުވާނާގެ އައި ކަން އެނގުމުން އައިލީން ހަރަކާތްތައް ހުއްޓާލި އެވެ. “މި އޮތީ… ވަރަށް ލޯބި މެކްސީ ޑްރެސް އެއް…ހިނގާ ޗޭންޖް ކޮއްދޭނަން އަހަރެން..” އައިލީން އަށް ތެޅިގަނެވުނީ ދުރަށް ދިއުމަށެވެ. އެއާއެކު މުޅި އިމާރާތުގެ ތެރޭގައި ގުގުމައިގެން ދިޔައީ ދެ ޒުވާނުންގެ ހުނުމުގެ އަޑެވެ.
______________
ކަޅުކުލައިގެ އަތްދިގު ޓީޝާޓަކާއި ކަޅު ކުލައިގެ ޖީންސެއް ލައިގެން ހުރި ޒުވާނާ ބޮލުގައި ކަޅު ކުލައިގެ ތޮތްޕެއް އަޅައި ހަމަ ޖެހިލަމުން އެއާރބްލެޑް އަށް އަރާ ދުއްވާލިއެވެ. އެންމެ ބާރު ދުވެލީގާއި ގޮސް އަނދިރި ގޮޅިއެއްގެ ތެރެއަށް ވަދުނެވެ. ހަދަން ފަށާފައި ހުރި އިމާރާތެއްގެ ކުރިމަތީގައި ސައިކަލް ޕާކް ކޮށްލުމަށް ފަހު ޖީބުން ނެގި ކަޅު ފޮތިގަނޑަކުން މޫނު ނިވާކޮށްލުމަށް ފަހު މިސްރާބު ޖެހީ އިމާރާތުގެ ސިޑިއާއި ދިމާއަށެވެ. ފަރިތަ ކަމާއި ހަލުވި ކަމާއި އެކު ނުހަނު އަވަހަށް 2 ވަނަ ފަލޯ އެރުމާއެކު ވަދެވެން ހުރި ދޮރު ފައިން ޖެހީ ގައިގައި ހުރި ބާރެއް ލާފައި އެވެ. ހަދަން ފަށާފައި ހުރި އިމާރާތެއް ކަމުން އެ ދޮރަކީ މަކުޑި އަޅުވާ ގޮތަށް ބަޔަކު ހަދާފައި ހުރި ދޮރެކެވެ.
___________________
ކުރިއަށް ވުރެން ކައިރިއަށް ޖެހި އެ ޒުވާނާ އައިލީން ގެ ކޮނޑުގައި ހިފާ ގަޔާއި ކައިރި ކޮށްލި އެވެ. ދުރަށް ދިއުމަށް ގަދަ ހަދަމުން ދިޔަ ނަމަވެސް އައިލީން ގެ ގައިގައި އެވަރު ބާރެއް ނެތެވެ. އައިލީން ގެ ހެދުމުގައި ހިފާ އިރާލީ އެއްވެސް ރަޙުމެއް ނެތި އެވެ. ބަލާބެލުމަށް ދެމީހުން ވެސް ތިބީ މަސްތުގެ ހާލުގައި އެވެ. ޓީޝާޓު ބޭލުމަށް ކޮޅަށް ތެދުވި ވަގުތު އެ ޒުވާނާ ސިހިގެން ދިޔައީ ދޮރުގައި ޖަހައި މީހަކު ދޮރު ވައްޓާލުމުން ނެވެ. ދޮރުމަތީގައި މޫނު ނިވާކޮށްގެން ހުރި ޒުވާނާ އިރުކޮޅަކު ބަލަން ހުރުމަށްފަހު ދުވެފައި އައިސް ޓީޝާޓު ބާލަން އުޅުނު ޒުވާނާ ގެ މޫނު މަތީގައި ވިހެލި އެވެ. ކަނެއްގައި ޕެކެޓު ތަކެއް ހިފައިގެން އިން ޒުވާނާ ތެދުވެ އެ ދިމާއަށް ދުވެފައި އަންނަ ފެށުމުން އެ ދިމާއަށް ގޮސް އެ ޒުވާނާ ބަނޑުގައި ފައިން ޖަހާ ދުރަށް ކޮއްޕައި ލިއެވެ. ވަގުތުގެ ބޭނުން ހިފައި އެ ޒުވާނާ ޓީޝާޓު ބޭލުމަށް ފަހު އައިލީން އަށް ދިއްކޮށްލި އެވެ. އަވަސް އަވަހަށް ޓީޝާޓު ގަޔަށް ހެޔޮވަރު ކޮއްލަމުން ތެދުވި އިރު މުޅި ހަށިގަނޑު ތުރުތުރު އަޅަމުން ދިޔަ އެވެ. ހުސްގަޔާ ހުރެ އައިލީން ގެ އަތުގައި ހިފައިގެން އެ ޒުވާނާ ދުއްވައި ގަތީ ތިރިއަށް ދިއުމަށެވެ. ސިޑީގެ ހަރުފަތްތައް ގިރާ ކުރަމުން ތިރިއަށް ފޭބުމާއެކު އެ ޒުވާނާ އައިލީން ގެ އަތުން ދޫކޮށްލި އެވެ. ކައިރީގައި ޕާކުކޮއްފައި ހުރި ސައިކަލު މަޑި ހުޅުވާ ލުމަށް ފަހު ހުދު ކުލައިގެ ޓީޝާޓެއް ނަގައި ގަޔަށް މަހާލި އެވެ. ތަނަށް ވެރިވެފައިވާ އަނދިރި ކަމުގެ ސަބަބުން އައިލީން އަށް އެ ޒުވާނާ ގެ މޫނު ސާފުކޮށް ފެންނަ ގޮތެއް ނުވިއެވެ. ސައިކަލަށް އަރައި ސްޓާޓް ކޮއްލަމުން އެ ޒުވާނާ އައިލީން އަށް އަތުން އިށާރާތް ކުރީ ސައިކަލު ފަހަތަށް އެރުމަށެވެ. ސައިކަލަށް އަރައި ހަމަ ޖެހިލި ނަމަވެސް އެ ޒުވާނާ ސައިކަލު ދުއްވާލި ބާރު ދުވެލީގެ ސަބަބުން އިޙްތިޔާރަކާއި ނުލައި އައިލީން ގެ ދެއަތުން އެ ޒުވާނާ ގެ މެދުގައި ހަށީގައި ބައްދާ ލެވުނެވެ.
__________________________
އާޓިފިޝަލް ބީޗް ގެ މީހުން މަދު ހިސާބަކަށް އާދެވުމުން ސައިކަލް ދުއްވަން އިން ޒުވާނާ ސައިކަލު ނިއްވާލި އެވެ. ފަހަތުގައި އިން އައިލީން އަށް މިއިން ކަމެއްގެ ހިލަމެއް ވެސް ނުވެއެވެ. “އައިލީން” ފައިބަން ތައްޔާރު ވެފައި ހުރި ކަރުނަ ތައް ހިފެހެއްޓުމަށް އައިލީން އަށް ދަތިވީ ކުރިމަތިން ހިތް އެދޭ ޒުވާނާ ގެ އަޑު ކަންފަތުގައި ޖެހުމުން ނެވެ. “އަ..އަރްޔަން” ތުރު ތުރު އަޅަމުން ދިޔަ އަޑަކުން އައިލީން ގެ ދުލުން އަރްޔަން ގެ ނަން ބޭރުވެގެން ދިޔައީ ހިތްބަލި ކަށިކޮއްލަމުންނެވެ. އިތުރަށް ބުނާނެ އެއްޗެއް ނޭނގުމުން ފައިބަމުން ދިޔަ ކަރުނަ ތައް ފޮހެލަމުން ސައިކަލުން ފައިބި ވަގުތު އަރްޔަން ވެސް އައިލީން ގެ އަތުގައި ހިފައި ކައިރިއަށް ދަމާލި އެވެ. އެފަދަ ހަރަކާތަކައް ތައްޔާރު ނުވެ ހުރި އައިލީން ގޮސް ޖެހުނީ އަރްޔަން ގެ މޭމަތީގައި އެވެ. ސައިކަލުން ފައިބައި އައިލީން ގެ ކަނދުރާގައި އެތް އަތް އަޅުވާލާފައި އަނެއް އަތުން އައިލީން ގެ ބޯ މޭގައި އަރްޔަން ލައްކޮށްލީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އެވެ. އިޙްތިޔާރަކާއި ނުލައި އައިލީން އަށް ވެސް އަރްޔަން ގެ މެދުހަށީގައި ބައްދާ ލެވުނެވެ. މަޑުމަޑުން ފައިބަމުން ދިޔަ ކަރުނަ ތަކުން އަރްޔަން ގެ ޓީޝާޓު ތެމެމުން ދިޔަ އެވެ.
_______________________
“ބައްޕާ! އަދިވެސް ހަބަރެއް ނުވޭތަ؟ ” ޝައްފާން ގެ އަޑުގައި ވި ހާސްކަން ވިސްނުމުން ޝަހީދު ގަސްތުކުރީ ފޯނުކޯލު ކުރުކޮށް ލުމަށެވެ.
ނުނިމޭ
