ވާނަން އުމުރަށް(8)
އެ ތަފާތުކަން އަރްޔަން ގެ ހިތުގައި ޓަކި ޖަހާލި ކަހަލަ އެވެ. ފޮނި ހިޔާލު ތަކާއި ގޮތް ނޭނގޭ ހިޔާލު ތަކެއްގައި ފީނަމުން ދިޔަ އަރްޔަން އަށް ހޭވަރިކަންވެ ހަމަ ބިމަށް އާދެވުނީ ފޯނުގެ ރިންގުގެ އަޑު ކަންފަތުގައި ޖެހުމުން ނެވެ.
________________________
ހޫން ތިއީވާ މީހެއް..2 ޖަހާއިރު ގުޅާށޭ މަ ބުނިން 2:30 ވީއިރު ވެސް ނުވިތަ 2 ޖެހި ކަމަކަށް…. އޭ.. ނިކަން މޭން އަކަށް ވެގެން މިކަން ކުރެވޭނީ.. ކުރަތްޕެއް ހެން ހުރެގެނެއް ނޫވާނެ” ފޯނު ނަގައި ކަންފަތުގައި ޖަހާލުމާއެކު އިވިގެން ދިޔައީ ވިޔާމް ގެ ލެކްޗަރުތައް އަޑު އަހަން ހުރި އަރްޔަން މި ނައްޓާލީ ކަމުގައި ބުނެ އަވަސް ހިނގުމުގައި ގެއިން ނިކުމެގެން ދިޔައީ ކާރާއި ދިމާއަށެވެ. ބޮލަށް ހޫނު ވާނެ މިންވަރު އަންދާޒާ ކުރެވުމުން ކަންނޭނގެ އެވެ.
________________________
ސިނަމާލެ ބްރިޖު ހުރަސްކޮށް ދިއުމަކީ ވަގުތު ނަގާނޭ ކަމެއްކަން އެނގުނު ނަމަވެސް ވިޔާމް ހީވަނީ އަހަރު ތަކެއް ގުނަން ޖެހިގެން އުޅޭހެން ނެވެ. ދިގު އިންތިޒާރަކަށް ނިމުން އައީ ޕާކިން ޒޯނު ގައި ޕާކުކޮއްލި އަރްޔަން ގެ ކާރު ލޮލުގައި އަޅައި ގަތުމުން ނެވެ. ރެސްޓޯރެންޓު އެތެރެއަށް ވަދެގެން އައި އަރްޔަން އަށް އޭނާ ނުފެނުމުން ކުޑަކޮށް ތެދުވެ ލުމަށް ފަހު އަތް ހޫރާލީ އަރްޔަން އޭނާ ހޯދުމަށް ފަސޭހަ ކޮށް ދިނުމަށެވެ. “ހޫން..މިހުރީ އާދެވިފަ ދެން ތި ކުރަން އުޅޭ ކަމެއް ކިޔާ..” މޭޒު ދޮށުގައި އިށީނދެ ވުމާއެކު އަރްޔަން ބޭނުންވީ ދައްކަން އާއި ވާހަކަ ފެށުމަށެވެ. “ރޭގަ ބުނިމެއްނު މަންޖެއެއްގެ ވާހަކަ އޭނާ އަށް ހާދަލަން ސަޅި އެއްޗެއް މިއީ..އަނެއްކާ މޭން އަށްވެސް ހެއްސަ އަރާމު އިހުސާސް ވާނެ…” ވިޔާމް ކަންކަން ކުރިއަށް ގެންދަން ވީގޮތެއް އޮޅުން ފިލުވައި ދިނުމުން އަރްޔަން ވަގުތުން އެކަމާ ދެކޮޅު ހެދި އެވެ. އަދި އެއީ އޭނާ އަށް ވާވަރު ކަމެއް ނޫން ކަމުގައި ހާމަ ކުރި އެވެ. ދެން ވިޔާމް ގެ ހިޔާލު ދަތުރުކުރީ އަމިއްލަ އެދުމާ ދިމާއަށެވެ. އަތް އިސްކުރުމަކީ ބަދަލު ހިފަން ޖެހޭ ކަމެއް ކަމަށް ބުނެ އޭނާ އާއި ދެތިން ހަތަރު ފިރިހެނުން އެކަން ކުރަން ބުނުމުން އަރްޔަން ދެކޮޅު ހަދަން ބޭނުންވީ ނަމަވެސް އަރްޔަން އެ ދިލަ ތަދު އިހްސާސް ވުމުން އެ ހިތުގައި ބަދަލު ހިފުމުގެ އޮއިވަރެއް ދުވެލި ކަހަލަ އެވެ. މީހުން ބުނެ އުޅެއެވެ. އީމާން ކަމެއް ނެތް މީހާ އިބިލީހަށް ހެއްލުމަކީ ގާތް ކަމެކެވެ. ހަމަ އެފަދައިން ކޮންމެ ހެއްލުމަކީ ގެއްލުމެކެވެ.
___________________________
ކޮންމެ ރެއަކު ކޮލެޖުން ފެށިގެން އައިލީންގެ ގޭ ހުންނަ ގޮޅި އާއި ހަމައަށް އަރްޔަން އާދެ އެވެ. ހަމަ އެކަނި އައިލީން އާއި ވާހަކަ ދައްކައި އެކުވެރިކަން ބަދަހި ކުރުމުގެ މަޤްޞަދުގައެވެ. އަރްޔަން ފުންނޭވާއެއް ދޫކޮށްލީ އުންމީދެއް ނެތް ފަދައިން ނެވެ. ތެދެކެވެ. ވޭތުވެދިޔަ ހަފްތާގެ ތެރޭގައި އެތައް ރެއަކު އެތަކެއް ފަހަރު މަތިން އައިލީން ގެ ފަހަތުން ހިނގިއްޖެ އެވެ. ދުލުން ނަން ނުބުނި ކަމުގައި ވިޔަސް ނަން އަރްޔަން އަށް އެނގުނީ ވެސް އެކުވެރިއަކު ގޮވާ އަޑު އިވުމުން ނެވެ. “ހޭ…ކިތައް ފަހަރު ސޮރީ ބުނީމަތަ މާފު ދޭނީ…. ކުރިން އަހަރެން އަންހެން ކުދިން ފަހަތުން ނުދުވަން އެކަމު އައިލީން ގެ ތަފާތު ކަން ހިތުގައި ފެވިފައިވަނީ މާ ބޮޑަށް…އެހެން ވިޔަސް އަހަރެން ބޭނުން ވަނީ އެކުވެރިކަން ގާތް އެކުވެރިކަން..” ކޮންމެ ރެޔަކު ހެން އަރްޔަން ދައްކާ ވާހަކަ މިރޭ ވެސް ތަކުރާރުކޮށް ދައްކަމުން ދިޔަ ނަމަވެސް މިއިން އަޑެއް އައިލީން ގެ ކަންފަތާއި ހަމައަށް ފޯރި ހެނެއް ހީއެއް ނުވެ އެވެ. އައިލީން ގެ ހުންނަ ގޮޅިއަށް އެޅުމުން އަނބުރާ ލުމަށް ފަހު އަރްޔަން މިސްރާބު ޖެހީ ސައިކަލާއި ދިމާއަށެވެ. އަދި ފޯނު ނަގައި ވިޔާމް އަށް ގުޅާލުމަށްފަހު މެރީ ބްރައުން ރެސްޓޯރެންޓައް ދާން ބުނެފައި އޭނާ ވެސް މިސްރާބު ޖެހީ އެދިމާއަށް ދިއުމަށެވެ.
_______________________
“އަދިވެސް ހަމަ އެއްވެސް ކުރި އެރުމެއް ނުލިބޭ ތަ؟ ” ރެސްޓޯރެންޓައް ވަދެ ހަމަ ޖެހިލެވުމުން ވިޔާމް ގޮނޑިއަށް ހަށިގަނޑު ދޫކޮއްލަމުން ބުމަ ހިއްލާ ލުމަށް ފަހު އަރްޔަން އަށް ހީލި އެވެ.” ކީކޭ ބުނާނީ ވެސް.. ހާދަ ގޮތެއްގައި ހުންނަ އަންހެން ކުއްޖެކޭ އެއީ… މަށަކަށް މިހާރު ހީއެއް ނުވޭ މިކަން ވާނެ ހެނެއް…. ” ވިޔާމް އަށް އަރްޔަން ދިނީ އުއްމީދެއް ނެތް ޖަވާބެއް ނަމަވެސް އަރްޔަން ކަންފަތުގައި ޖެހުނީ ވިޔާމް ގެ ލުއި ހީލުމުގެ އަޑެވެ.” މޭން… މަ އޭރު ވެސް ބުނިން ކަންނޭނގެ ތިކަމެެއް ނުވާނެ އޭ ތިހެންނެއް…. މަށާ ހަވާލުކޮއްބަލަ އަހަރުން ނިންމާނީ ފިރިހެނުން ގޮތުގާ…އައްޓެ ކަލޭ އާ ވީމާ ވާނީ މިހެންނޭ.. ” ވިޔާމް ހަމަ ޖެހިލާފައި އަރްޔަން އާއި ދިމާއަށް ނަޒަރު ހުއްޓާލައިގެން އިނީ އަރްޔަން ގެ ފަރާތުން އިޒްނަ ލިބޭނެ ކަމުގެ އުންމީދު ގައެވެ. ކަން ވީ ވެސް އެހެން ނެވެ. އަރްޔަން އެދުނީ ވިޔާމް ގެ ޕްލޭން ކިޔާ ދިނުމަށެވެ. ވިޔާމް އެކަމާ ވަގުތުން ދެކޮޅު ހެދި އެވެ. މާ ބޮޑު ކަމަކަށް ހަދަން ބޭނުން ނުވި ނަމަވެސް އަރްޔަން ގެ ހިތަށް އުނދަގޫ ވަމުން ދިޔައެވެ. ހިތާއި ޞަމީރު ބުނަމުން ދިޔައީ އެއީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އެހެން ވިޔަސް އަރްޔަން ހުރީ އެ އަޑުތަކަށް ބީރުކަން ފަތެއް ދޭން ނިންމައިގެން ނެވެ.
________________________
“ކިޔެވުން ކިހިނެށް ތަ ދަރިފުޅު.. ” ކާމޭޒު ދޮށުގައި އިން އައިލީން ބޮލުގައި ފިރުމާލަމުން ޝަހީދު ކިޔެވުމާއި ބެހޭ ގޮތުން އަހާލި ނަމަވެސް ފަނޑު ހިނިތުންވުމެއް އެ ތުންފަތުގައި ދުވެލީ އަރްޔަން ގެ ޙިޔާލު ހިތަށް ވެރިވެގެން ދިއުމުން ނެވެ.”ކިޔެވުން ހަމަ ރަނގަޅު…ޝައްފު ހަބަރެއް ނުވާތާ ދެތިން ދުވަސް ވެއްޖެ..ބޭބެއަށް ނުގުޅާތަ؟ ” މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރު ޝަހީދު އަށް ސިއްރު ކުރުމަށް އައިލީން ގެ ހަތިޔާރަކަށް ވީ ޝައްފާން ގެ ވާހަކަ އެވެ.” އުހުން….މިރޭ ގުޅި.. 8:30 ހާއިރު… ބުނި ދަރިފުޅަށް ލަސް ކޮއްލާފަ ގުޅާނަމޭ.. ” އައިލީން ބޭނުން ވީ ފަދައިން އެ ވާހަކަ ވީ ޝަހީދު ގެ ސަމާލުކަން އަތުލި މައުލޫއަކަށެވެ.
___________________________
” ހާދަ ފޮނި އޭ މި ލީންކޮ….އަހަރެން ހަމަ އެންމެ ދެ ދުވަހު ނުގުޅީމާ ވެސް ކޮބާ ތޯ ވެސް ބަލާ ނުލާ…ވަރަށް ދެރަ ވެފައި މިހިރީ.” ފޯނު ނެގުމާއެކު އިވިގެން ދިޔައީ ޝައްފާން ގެ ޝަކުވާ ގެ އަޑެވެ. “ޝައްފު އަކަށް ނޯންނާނެ ރަނގަޅު އެއްގޮތް… ނުގުޅިއްޔާ ހާލު ނުބަލާފަ.. ގުޅިއްޔާ ބިޒީ ގަޑީ ގުޅިފަ އަބަދުވެސް އޮންނާނީ…. ޝަކުވާއެއް ނުކުރާނެ ގޮތް އެއީ ދެން ނެތް ގޮތް..” އައިލީން ވެސް ޝައްފާން ބުނެލި ރާގުގައި ޝައްފާނަށް ރައްދު ދިނެވެ. އެއާ އެކު އިވުނީ ދެމީހުންގެ ހީލުމުގެ އަޑެވެ. އެދެމެދުގައި ދެން ދެކެވެމުން ދިޔައީ މުސްތަގުބަލަށް ކުރެވުމުން އަންނަ އުއްމީދުގެ ވާހަކަ އެވެ. އައިލީން ގެ އުންމީދަކީ ކިޔަވައި މޮޅު ވުމެވެ. ރަނގަޅު އޮފީހެއްގައި ވަޒީފާ އަދާ ކުރުމެވެ. ޝައްފާން ގެ އުންމީދަކީ ސީ. އީ. އޯ . އެއްގެ ގޮތުގައި ބައްޕަގެ ކޮންޕެނީ އާއި ހަވާލު ވުމެވެ.
___________________________
“ބޭބެ ކޮބާ.. ހިނގާ ދާން..އަޅުގަނޑު ރެޑީ..” އައިލީން ސިޓިންރޫމައް ނިކުމި އިރު ސޯފާ ގައި ނޫހެއް ކިޔަން އިން ޝަހީދު ފެނުމުން އޮފީހަށް ދިއުމަށް އޭނާ ތައްޔާރު ކަމަށް ބުނެލި އެވެ. ޝަހީދު ވެސް އަވަހަށް އައުމަށް ބުނެފައި ހިނގައި ގަތީ ކާރާއި ދިމާއަށެވެ.
އޮފީހުގެ މާހައުލު އައިލީން އަށް އައު ވީ ނަމަވެސް ހޮޓެލް ބިޒްނަސް ވެގެން ދިޔައީ އައިލީން ގެ ޝައުގުވެރިކަން އަތުލި ވިޔަފާރި އަކަށެވެ. “ރާއްޖޭގެ ޓުވަރިޒަމް އެހާ ފުޅާ އިރު މިއަށްވުރެ ރަނގަޅު އެހެން ވިޔަފާރިއެއް ނޯންނާނެ…ޙަޤީގަތުގައި ވެސް މިއީ ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަރަމުން ދާ ވިޔަފާރި އެއް” އޮފީހަށް ނިކުމި ފުރަތަމަ ދުވަސް ނަމަވެސް ޝަހީދު ގެ އެސިސްޓެންޓް މުއީދު ވެގެން ދިޔައީ އައިލީން ގެ ރަޙުމަތްތެރިއަކަށެވެ. “މިއަށްވުރެ ފުޅާ ދާއިރާއެއްގައި ކުރެވޭނެ އެހެން ވިޔަފާރިއެއް ނުވާނެ ތަ؟” އައިލީން ގެ ވިސްނުން ވެގެން ދިޔައީ މުއީދުގެ ޝައުގުވެރިކަން ދަމައިގަތް ކަމަކަށެވެ. “އަދި އެއް ނެތް އެކަހަލަ ވިޔަފާރި އެއް….” މުއީދުއަށް ވިސްނައި ލެވުނީ އައިލީން ގެ މިޒާޖާއި މެދުގައި އެވެ.
___________________________
އައިލީން ކާރުގައި ގެއަށް ފޮނުވާލުމަށް ފަހު މުއީދު އާއި ޝަހީދު ގެ މިސްރާބަކަށް ވީ އެމީހުން އާއްމުކޮށް ދާ ކެފޭ އެވެ. “ސަރ….އަޅުގަނޑު އެކުވެރިއެއްގެ ޙައިޞިއްޔަތުން އެއްޗެއް އަޅާލަން ތޯ؟” ވެއިޓަރު އޯޑަރު ނަގައިގެން ދިއުމުން އިސްވެ ވާހަކަ ދައްކަން ފެށީ މުއީދު އެވެ. “މުއީދު ކައިރީގައި މިހާރު ބުނެވިއްޖެ ކަންނޭނގެ މީހާ ދުވަސް ވީއިރު އޮފީހުން ބޭރުގައި ސަރ ގެ ނަމުން މުޙާތަބު ނުކުރަން….އަހަރެން މިއީ އޮފީސް މާހައުލުން ބޭރުގައި މުއީދުގެ ރައްޓެއްސެއް އެހެންވީމަ އަހަރެން ނުދެކެން މުއީދު ހުއްދަ އަކަށް އެދެން ޖެހޭ ކަމެއް ” އޮފީހުން ބޭރުގައި ހަރުކަށި ވުމުގެ ބަދަލުގައި ޝަހީދު ބޭނުން ވަނީ އެކުވެރިކަމެވެ. ހަމަ އެގޮތަށް އޮފީސް މާހައުލުގައި އެކުވެރިކަމައް ވުރެން ޝަހީދު ބޭނުން ވަނީ ހަރުދަނާ ވެރިއަކަށް ވުމަށެވެ.” އެންމެ ރަނގަޅު….މިއަދު އޮފީހަށް ގެނައި އަންހެން ކުއްޖާ ގެ ވިސްނުން ވަރަށް ތަފާތު…..މި ކޮންޕެނީ އާއި ގުޅިގެން މަސައްކަތް ކުރަން ފަށައިފިއްޔާ މިޔަށް ވުރެ ރަނގަޅަށް އެއްވެސް ބަޔަކަށް ވިޔަފާރި އެއް ނޫވާނެ” މުއީދު އޭނާގެ ހިޔާލު ޝަހީދު އަށް ހުށަހެޅުމުން ޝަހީދު އެކަމާއި ބޯޖަހާލީ އެކަމާއި އެއްބަސް ވުމުގެ ގޮތުން ނެވެ. ޙަޤީގަތުގައި އައިލީން ގެ ވިސްނުމާއި ހިޔާލުތައް ވެގެން ދިޔައީ ހުދު އޭނާ ވެސް ހައިރާން ކުރަނިވި ކަމަކަށެވެ. “މުއީދު…. އައިލީން ގެ ސަބަބުން ކިތައްމެ ވަރަކަށް ފައިދާ ލިބެން އޮތް ނަމަވެސް އަހަރެން ބޭނުމީ އައިލީން ގެ އަމިއްލަ ނިންމުމެއް…. އޭނާ ކުރާނެ ވިޔަފާރި އަކާ ގުޅޭނެ ފަރާތެއް އެނގޭނީ ހަމަ އޭނާ އަށް….. ޙަޤީގަތުގައި އަހަންނަށް ޝައްފާން އެކޭ އެއްގޮތަށް އައިލީން އަކީ ވެސް އަހަރެންގެ ދަރިއެއް..”
_______________________
ހިދާޔަތު ގެ އަލިކަން އިރާއި އެކު އޮއްސިގެން ދާ އުސޫލުން މިއަދު އެ އިރާއެކު އަރްޔަން ގެ ހިތުގެ ހަމަޖެހުން އޮއްސިގެން ހިނގައްޖެއެވެ. ކުރަން މިއުޅެނީ ކޮން ކަހަލަ ކަމެއް ކަން އެނގުނު ނަމަވެސް ގޮތެއް ނިންމުމަށް އަރްޔަން ނުކުޅެދިފައި ވާކަހަލަ އެވެ. އެއްފަރާތެއްގައި ނަފުރަތު ވީއިރު އަނެއް ފަރާތުގައި ހަމްދަރުދީ ވެއެވެ. ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގަމުން ދިޔަ އަރްޔަން އަށް އިރު އިރުކޮޅާ އަތުގައި އޮތް ގަޑިއަށް ނަޒަރު ހިންގައި ލެވެއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
