ފަރީޝާގެ ކޮޓަރިން ނިކުތް ނަތާޝާއަށް ނުދަންނަ ނަންބަރަކުން ގުޅިއެވެ.ނަތާޝާ ފޯނު ކަންފަތުގައި ޖަހާލުމަށްފަހު ހަލޯ އޭ ބުނެލިއެވެ. “މީ ވިޔާމް” އެކޮޅުން ބުނެލިއެވެ. “އެހެންތަ އަނެއްކާ ކިހިނެއްވީބާ؟” ނަތާޝާ އަހާލީ ތުއިގޮތަކަށެވެ. “މާބޮޑުކަމެއް ވީކީނޫން..މީދެން ނަތާގެ ނަންބަރު ޔަގީންކޮށްލާށާ ތިއަޑު އަހާލަންވެގެންނާއެކު” ވިޔާމް ބުނެލިއެވެ.
ވިޔާމާ ވާހަކަދައްކަން ނަތާޝާ އޭނާގެ ކޮޓަރިއަށް ވަނެވެ. “ދަންތަ ފިހާރައަށް؟” ވިޔާމް އަހާލިއެވެ. “ބޭނުމިއްޔާ ދޭ އެކަމް ދިޔަސް ނަތާއަކާ ދިމަލެއްނުވާނެ…އެއީ ނަތާ މީނީ ބުރޭކްވީމަ ގެއަށް އައިއްސަ ދެން ރޭގަނޑު އަށެއްޖަހާއިރު ދާނީ” ނަތާޝާ ބުނެލިއެވެ.
ވިޔާމް އުޅޭގޮތުން އޭނާގެ ނިޔަތް ނަތާޝާއަށް ވަރަށް ރަނގަޅަށް އިނގެއެވެ.ވިޔާމް ރަހުމަތްތެރިކަމޭ ބުންޏަސް އަސްލު އޭނާ ބޭނުންވަނީ ރަހުމަތްތެރިކަން ނޫންކަންވެސް ނަތާޝާއަށް އިނގެއެވެ.ވިޔާމް އޭނާދެކެ ގަޔާވެއްޖެކަން އެނގިހުރެވެސް ވިޔާމާ ވާހަކަދައްކާ ގުޅުންކުރިއަށް ގެންދަން ނަތާޝާ ބޭނުންވިއެވެ.އެއީ ވިޔާމްގެ އަތުން އެއްޗެހި ހޯދުމުގެ ނިޔަތުގައެވެ.
“ބައި ދަ ވޭ ވިޔާމްގެ ވައިފް ކައިރިއަށް، ތިމީހުންގެ ކޮޓަރިއަށްވަދެލާފަ މިއައީ” ނަތާޝާ ބުނެލިއެވެ. “އެހެންތަ؟..އެއީ އަނެއްކާ ކީއްކުރަންބާ؟” ވިޔާމް އަހާލިއެވެ. “ހާސްނުވޭ އަހަރެމެންގެ ރަހުމަތްތެރިކަމުގެ ގުޅުމެއް އޭނައަށްވެސް އަދި އިތުރުމީހަކަށްވެސްް ނޭނގޭނެ…ހަމަވަދެލީ…ވިޔާމްބުނީ ހަމަތެދެއް އެޑުރެސިންޓޭބަލްމަތީގަ ހުސްނުވާވަރަށް ސާމާނުއޮތް” ނަތާޝާ ބުނެލިއެވެ.
“މިއަދު ފިހާރައިގަ ހުރެފަ ބުނީމެއްނުން އޭނައަށް މަދުނުވާވަރަށް އެއްޗެހި ހުންނާނޭ ހޯދަދީފަ” ވިޔާމް ބުނެލިއެވެ. “ނަތާ ވާހަކައެއް ބުނެލަންތަ އެއްޗެއް ހީނުކުރަންޏާ” ނަތާޝާ އެހެންއެހުމުން ވިޔާމް އާނއެކޭ ބުނެލިއެވެ.
“ވިޔާމްގެ ވައިފް ފެންނުވަރާތަ ހުންނަނީ؟…ދެންމެ އެކޮޓަރިއަށް ވަތްއިރު އޮތީ އެނދުމަތީގަ…ބުރުގާ ނާޅާހުންނައިރު އަދި ވަކިން ފަކުރުވައްތަރުޖަހާ…މިގޭ އެންމެނާ ވާހަކަދެއްކިއަސް ވިޔާމްގެ ވައިފާ ނަތާ ވާހަކަނުދައްކަނީ އޭނަ ހުންނަ ފޫހިގޮތުން” ނަތާޝާ ބުނެލިއެވެ.
“ނަތާއަށްވެސް ފެނިއްޖެދޯ..ވިޔާމްމީ އޭނައާއެކު އުޅޭމީހެއް އެހެންވީމަ ވިޔާމް އަދި ކިހާ ފޫއްސެެއްވާނެ…ވިޔާމް ކުރިންވެސް ބުނިންދޯ މިލައިފާ ދޭތެރޭ ވިޔާމް އެހާ ހެޕީއެއްނޫނޭ” ވިޔާމް ބުނެލިއެވެ.
“ފަރީޝާއަށް މަދުވާނެ އެއްވެސް އެއްޗެއްނޯންނާނެ…ވިޔާމް އޭނަގެ ހުރިހާކަމެއްވެސް ކޮށްދެން…އެކަމަކު އޭނަ ކައިރި ހިކޭށޭ ބުނީމަ އެވަރުނުވި…ދުވާ މެޝިނެއްވެސް ހޯދަދީފާނަމޭ ވިޔާމްބުނިން އެކަމަކު އޭނަ ބޭނުންވީ ބޭރަށްގޮސްގެން ހިނގަން…ކުރިން އުޅުނު މަހެއްވަންދެން ހަށިގަނޑަށް ބަލައިގެން އެކަމަކު ފަހުން އެއްވެސް ކަމަކާނުލާ ހުއްޓާލީ…ހިސާބަށްވުރެ ކަންނެތީއޭ ބުނެވޭނީ…ކުރިން އޭނައަކީ ހިކިކޮށް ހުރިކުއްޖެއް….ވިޔާމް ކޮންމެހެން އޭނަކައިރި ހިކޭށޭ ބުނަނީ ސިފަރީތިކުރާކަށް ނޫން” އެހެންބުނެ ފަރީޝާއަށް ދަރިން ނުލިބޭވާހަކަ ނަތާޝާއަށް ވިޔާމް ކިޔައިދިނެވެ.
“އަސްލުތަ؟…ވިޔާމްގެ މުޅި ލައިފް ވޭސްޓްދޯ ތިކުރެެވެނީ” ނަތާަޝާ ބުނެލިއެވެ. “އާން..ވޭސްޓްދޯ މިވަނީ އޭނަ ބޭނުމެއްނުވޭ ދަރިއެއް އެހެންވެއެއްނު ހިކެންނޫޅެނީ..ޑަކުޓަރުންވެސް ބުނިވިއްޔަ ހިކުނީމަ ލިބޭނޭ…ކުރިން އޭނަ ބަނޑުގަ ސިސްޓެއް އިނދެގެން ނުލިބުނީ އެކަމަކު ސިސްޓު ވިރުވާލައިފި…މިހާރު ފަލަވުމުން ނުލިބެނީ….ވިޔާމްވެސް ހާދަ ބޭނުމޭ ބައްޕާއޭ ކިޔާލާފަ ގޮވާލާނެ ކުއްޖެއް” ވިޔާމް ދެރަވާކަމަށް ހެދެމުން ބުނެލިއެވެ.
“އަޅެދޯ…ނަތާނަމަ ހުރިހާ އެއްޗެއްލިބި، ހުރިހާ ކަމެއްވާން އޮއްވާ ކުރާނަން…ރީތިވެސްވާނަން..ހިކެންވެސް ހިކޭނަން” ނަތާޝާ ބުނެލިއެވެ. “ނަތާ ތީ ރީތިކުއްޖެއް” ވިޔާމް ބުނެލިއެވެ. “މި ބުނީ ނަތާމީ ފަރީޝާ ނަމައޭ” ނަތާޝާ ބުނެލިއެވެ. “ދެން ކީއްވެ ވިޔާމް އޭނައާ ވަކިނުވަނީ” ނަތާޝާ އަހާލިއެވެ.
ނަތާޝާ އެހެންބުނުމުން ފަރީޝާގެ ނިކަމެެތިކަމާ ދޮންމަންމަގެ އަނިޔާވެރިކަމުން ފަރީޝާ އުޅުނު ހިތްދަތި ދިރިއުޅުމުގެ ވާާހަކަ ވިޔާމް ނަތާޝާއަށް ކިޔައިދިނެވެ. “ވިޔާމާ ފަރީޝާ ދިމާވިއިރު އޭނާއަކީ ވަރަށް ބޮޑުނިކަމެއްޗެއް…ވަރަށް ހާލުގަ އޭނާ އުޅުނީ ދޮންމަންމަގެ އަނިޔާވެރިކަމުގަ..ދެން ވިޔާމްމީ މީހުންނަށް ގޯސްމީހެއްނޫންވިއްޔަ އެހެންވެ ވިޔާމްގެ ހިތަށް އެއަނިޔާވެރިކަން ދެކެން ކެތްނުކުރެވިގެން އޭނާ މިކޮޅަށް ގެނައީ…މެރީ ކުރީ އެއްގެއެއްގަ މެރީނުކޮށް އުޅެން މަންމަމެންވެސް އެހާ ބޭނުމެއްނުވާނެ އެހެންވެގެންނާއެކު އަނެއްކާ އޭނަ ވިޔާމާ ދޭތެރޭގަ ނުވިސްނިއަސް ވިޔާމް އޭނައާ ދޭތެރޭގަ ވިސްނާތީ، ލޯބިވާތީ…ވިޔާމް އޭނަ މިހާރު ދޫކޮށްލިއަސް މަގުމަތިވާނީ..އޭނަ ގޭމިހުން އޭނަ ބޭނުމެއްނުވާނެ..އެއީ އެމީހުންގެ ނުރުހުމުގަ ފިލައިގެންވިއްޔަ ނިކުތީ” ވިޔާމް ކިޔައިދިނީ ދެރަވާކަމަށް ހެދެމުންނެވެ.
“އެކަމަކު އޭނައާ ދޭތެރޭގަ ވިސްނިއަސް ވިޔާމްގެ އަމިއްލަ ލައިފާ ދޭތެރޭގަވެސް ވިސްނާލަންވާނެދޯ” ނަތާޝާ ބުނެލިއެވެ. “ހާނ…ވިޔާމްވެސް އެބަވިސްނަން ތިކަމާ..އަބަދަކު މިހެންވެސް ނޫޅެވޭނެ..ވިޔާމް ވަރަށް ބޭނުންވޭ ދަރިއެއް…ރަނގަޅުމީހެއް ލިބިއްޖެއްޔާ އިންނަންވީ ކަންނޭނގެ…ވިޔާމްއާ އެކުގަ އުޅޭމީހަކަށް ވަރަށް ފައިދާވާނެ..އެއީ ވިޔާމްމީ ވަރަށް ރަަނގަޅުމީހެއް އަދި އަތްމަތިވެސް ވަރަށް ދީލަތިވާނެ…ފޮނިކަނޑަނީކީ ނޫން” ވިޔާމް އެހެންބުނުމުން ނަތާޝާ ހިނިގަނޑެއްޖަހާލިއެވެ.
ވިޔާމާ ވާހަކަދައްކާލުމަށްފަހު ނަތާޝާ ފޯނުބޭއްވިއެވެ.އޭނާގެ މޫނުމަތިން ހިނިތުންވުން ނުކެނޑެއެވެ.ވިޔާމް އޭނާގެ މަޅީގައި ޖައްސާލުމަށް މާބޮޑު މަސައްކަތްތަކެއް ކުރާކަށް އޭނާއަކަށް ނުޖެހޭނެޔޭ ނަތާޝާގެ ހިތަށްއެރިއެެވެ.ކޮޓަރީގައި އިނދެފައި ބޭރަށް ނިކުމެލަން ނަތާޝާ ކޮޓަރިން ނިކުތްވަގުތު ފަރީޝާވެސް ކޮޓަރިން ނިކުންނަނީއެވެ.ނަތާޝާ ފެނުމުން ފަރީޝާ އޭނާއަށް ގޮވާލިއެވެ.ފަރީޝާ ގޮވާލުމާއެކު ލޯއަޅާލުމަށްފަހު އަނގައިން ނުބުނެ ނަތާޝާ ދިޔައީއެވެ.
އޭނާގެ އެއަމަލުން ފަރީޝާ ހައިރާންވިއެވެ.އަދި ނަތާޝާ ދަންދެން އޭނާއަށް ބަލަންހުރެވުނެވެ.ދާދި ދެންމެއަކު އޭނާގެ ކޮޓަރިއަށް އައިސް ވަރަށް ހިތްހެޔޮކަމާއެކު ވާހަކަދެއްކި ނަތާޝާ މިހާރު އެހުރީ އޭނާގެ ކުރީގެ ސިފައަށް ބަދަލުވެފައެވެ.ކުއްލިއަކަށް ނަތާޝާއަށް ބަދަލުތަކެއް އައުމުން ފަރީޝާ އަޖައިބުވިއެވެ.ނަމަވެސް އެކަން މާބޮޑުކަމަކަށް ފަރީޝާ ނުހެދިއެވެ.ވީކީއްތޯ ބަލާކަށްވެސް ފަރީޝާ ބޭނުމެއްނުވިއެވެ.ގުޅުން ބާއްވަން ބޭނުންނުވާ މީހަކަށް އޭނާއަށްވެސް ގަދަކަމުން ގުޅުންނުބޭއްްވޭނެކަން އެނގޭތީއެވެ.
******
އެދުވަހަށްފަހު ވިޔާމާ ނަތާޝާއާ ދެމީހުން ގެންދިޔައީ ފޯނުން ވާހަކަދައްކާ ގުޅުން ބަދަހިކުރަމުންނެވެ.އޮފީހުގައި އިނދެފައި ދޭތެރެއަކުން ނަތާޝާ ކައިރިއަށް ފިހާރައަަށް ވިޔާމް އާދެއެވެ.ރޭގަނޑު ވުމުން ވިޔާމް އިންނަނީ ބޭރުޖޯލީގައި ނަތާޝާއަށް ގުޅައިގެންނެވެ.ނަތާޝާއާ ގުޅުން ވަރުގަދަވާ ވަރަކަށް ފަރީޝާއާ ވިޔާމްގެ ގުޅުންދިޔައީ އިތުރަށް ހީނަރުވަމުންނެވެ.
ފަހަކަށް އައިސް ކޮޓަރިއަށް ލަހުން ވިޔާމް ނިދަން ވަންނާތީ ވިޔާމް ކޮބައިތޯ ބަލަން ފަރީޝާ ބޭރަށް ނިކުމެލައެވެ.އެއިން ކޮންމެފަހަރު އޭނާއަށް އަބަދުވެސް ފެންނަނީ ވިޔާމް ބޭރުޖޯލީގައި މީހަކަށް ގުޅައިގެން ފޯނުގައި އިންނަތަނެވެ.މިހާރު އެއްއެނދެއްގައިވެސް ފަރީޝާއާއެކު ވިޔާމް ނުނިދައެވެ.ފަރީޝާ ނިދަނީ ތިރީގައި ގޮދަނޑި އަޅައިގެންނެވެ.ސަބަބަކަށް ވިޔާމްބުނީ ފަރީޝާ ފަލަވުމުގެ ސަބަބުން އެނދުގައި ދެމީހުން ނިދާވަރަށް ޖާގަ ނޯންނަކަމަށެވެ.
ވިޔާމް އުޅޭއުޅުމުންނާއި އަބަދު ކޯލުގައި އިންނާތީ އެސުވާލުކުރަން ފަރީޝާ ބޭނުންވިއެވެ.ނަމަވެސް އެކަމަށް ހުރަސްއެޅީ އޭނާ ވިޔާމްދެކެ ފަސްޖެހެވޭތީއެވެ.ވިޔާމް ކައިރި އެހެން އަހާފިނަމަ އޭނާ ރުޅިއައިސްދާނެތީއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





