Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ސިއްރެއް ނުވާނޭ… 8

Mai Naa Level 3100 Login10 Stories100 Comments
January 20, 2022 3 Mins Read
0 Comments

“އާލިފް…. އަހަންނަށް ސިއްރުކުރީ ކީއްވެ؟” ދާނިޔާ ބުނެލި ވާހަކައިން އަހަރެންގެ ނޭވާ ހުއްޓުނުހެން ހީވިއެވެ. ރަނގަޅަށް ބަލާލުމުން ދާނިޔާ އަތުގައި އޮތީ އަހަރެންގެ ފޯނުކަން އެނގުމުން ހިތުގައި ބިރުވެރިކަން ހިނގާލިއެވެ. އެއްވެސް އެއްޗެކޭ ނުބުނެ ދާނިޔާގެ މޫނަށް ބަލަން ހުރެވުނެވެ. ދާނިޔާގެ ލޯ ފެންކަޅިވެގެން ދިޔަތަން ފެނި، އަހަރެންގެ މޭގައި ރިހުމެއް އުފެދުނެވެ.

ޕާޓް 8

“ކޮން… ކަމެއް… ސިއްރު ކުރީ؟” ވާހަކަ ދެއްކުނުގޮތުން އެއްވެސް ޙަޤީޤަތެއް ނޭންގޭ މީހަކުވެސް އަހަންނަށް ޝައްކުކުރާނެކަން ގައިމެވެ. ދާނިޔާގެ ތޫނު ނަޒަރު އަހަންނަށް ހުއްޓިފައިވިގޮތުން އަހަރެން ޖެހިލުންވިއެވެ. އެއްފަހަރާ އެތައް ޚިޔާލުތަކެއް އަހަރެންގެ ސިކުނޑި ހަލަބޮލި ކުރަމުން ގެންދިޔައެވެ.

“ރިންޒީގެ ވާހަކަ….” އެއަޑު އިވުމުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އަހަރެން ހީކުރިފަދަ ވާހަކައަކަށް ނުވުމުންނެވެ. ރިންޒީއާއި އަހަންނާއި ދެމެދު އެކަހަލަ އެއްވެސް ގުޅުމެއް ނޯންނާނެއެވެ.

“ދާނިޔާ… ތި ހީކުރާ ކަހަލަ އެއްވެސް ގުޅުމެއް އަހަރެމެން ދެމެދުގައެއް ނެތް….” ދާނިޔާއާއި ހަތަރުކަޅި ހަމަކޮށްގެން ހުރެ އަހަރެން ބުނީމެވެ.

“ރިންޒީއަކީ ކާކު؟…” ދާނިޔާ ސުވާލުކުރިއެވެ.

“ރިންޒީ މަސައްކަތްކުރަނީ އަހަރެމެންގެ އޮފީހުގައި… ހަނދާންވޭތަ ނިޒާރުގެ ޕާޓީއިން ދިމާވިއެއްނު…” ވަގުތުން އަހަރެން ދާނިޔާއަށް ހުރިހާ ވާހަކައެއް ކިޔައިދޭން ފެށީމެވެ.

ރިންޒީ އޮފީހަށް ވަނީ މީގެ ހަތް މަސް ކުރިންނެވެ. ފުރަތަމަ އަހަރެމެން ދެމީހުން ދެމެދުގައި އޮތީ އެކުވެރިކަމެވެ. ރިންޒީ އަހަންނާއިމެދު އެހެން ގޮތަކަށް ދެކެފާނެކަމަކަށް އަހަރެން ދުވަހަކުވެސް ހިއެއް ނުކުރަމެވެ. އެކަން އަހަންނަށް އެނގުނީ ރިންޒީ އޭނާގެ ހިތުގެ ހާލަތު ކިޔައިދީ އަހަންނަށް ލޯބި ހުށަހެޅުމުންނެވެ. ޤަބޫލުނުކުރެވިފައި އަހަންނަށް ރިންޒީއާއި ދިމާއަށް ބަލަން ހުރެވުނެވެ. އޭނާއަށް ނޫނެކޭ ބުނުމުން ރޯން ފެށީ އަހަރެންގެ ކުރިމަތީގައި ހުރެގެންނެވެ. ރިންޒީގެ ރުއިން ހުއްޓުވުމަށް ބުނާނެ އެއްޗެއް އަހަންނަކަށް ނޭންގުނެވެ. ލޯބީގެ ނަޒަރަކުން ރިންޒީއާއިމެދު ނުދެކުނުކަމުގައިވިޔަސް ފަހަރެއްގައިވެސް އޭނާގެ ހިތުގައި ޖައްސާ ރޮއްވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެކަމަކު ރިންޒީގެ ލޯބި ގަބޫލުކޮށް އޭނާއާއި ގުޅޭކަށްވެސް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެންދެކެ ނުހަނު ލޯބިވާ އަހަރެންގެ ވަފާތެރި އަނބިމީހާއަށް އޮޅުވާލާ ބޭވަފާތެރިވާކަށް އަހަރެންގެ ހިތާއި ސިކުނޑި އެއްބަހެއް ނުވިއެވެ.

ރިންޒީއާއި ގުޅެން ބޭނުންނުވަނީ ކީއްވެގެންތޯ ސުވާލުކުރުމުން އަހަރެން އުޅެނީ ކައިވެނިކޮށްގެންކަމާއި، އަންހެނުންދެކެ ވަރަށް ލޯބިވާކަން ހާމަކުރީމެވެ. އަދި އަހަރެން މަތިން ހަނދާން ނައްތާލާ އެހެން މީހަކާއެކު އުފާވެރި ދިރިއުޅުމެއް ހޯދަން މަސައްކަތްކުރުމަށް ނަސޭޙަތްތެރިވީމެވެ. އޭގެފަހުން ދުވަސްތަކެއްވާންދެން އަހަރެމެންގެ މެދުގައި މާގިނަ ވާހަކައެއް ނުދެކެވެއެވެ.

ދާނިޔާއާއި ރިންޒީއާއި ބައްދަލުވީ އޭގެ ތިން ހަފްތާއެއް ފަހުންނެވެ. އަހަރެންގެ ރައްޓެއްސެއްކަމަށްވާ ނިޒާރުގެ ކައިވެނި ޕާޓީގެ ތެރެއިންނެވެ. އެރޭ އެޕާޓީގެ ތެރެއިން ގިނަ މީހުންތަކަކާއި ބައްދަލުވެފައިވާތީ، ދާނިޔާއަށް ރިންޒީ ފާހަގަކުރެވިފައި ނުވަނީ ކަމަށްވެދާނެއެވެ.

އޭގެ ފަހުން ހަފްތާއެއްވެސް ވީކަމެއް ނޭންގެއެވެ. އަނެއްކާވެސް ރިންޒީ އަހަންނަށް އުނދަގޫ ކުރަން ފެށިއެވެ. ދެވަނަ އަންބެއްގެ ގޮތުގައި ނަމަވެސް އޭނާ ޤަބޫލުކުރުމަށް އެދި އާދޭސްކުރަންފެށިއެވެ. އަހަރެން ފާޅުގައި އެކަމަށް އިންކާރު ކުރީމެވެ. އޭގެފަހުން އޭނާއާއި އޮތް އެކުވެރިކަމުގެ ގުޅުންވެސް އެއްކޮށް ކެނޑިގެން ދިޔައެވެ. ކޮންމެހެން ބުނަންޖެހޭ އެއްޗެއް ނޫނިއްޔާ އަހަރެން ނުވެސް ބުނަމެވެ. އެކަމަކު ރިންޒީ އެކި ގޮތްގޮތުން އަހަރެންގެ ސަމާލުކަން ހޯދަން މަސައްކަތް ކުރެއެވެ. އަހަންނަށް ގުޅަންވެސް ގުޅައެވެ. މެސެޖްވެސް ކުރެއެވެ. އެގޮތަށް ކުރާ އެއްވެސް ފޯނުކޯލަކަށް އަދި މެސެޖަކަށްވެސް އަހަރެން ޖަވާބެއް ނުދެމެވެ.

ދާނިޔާ އެވާހަކަތައް އަޑުއަހަން ހުއްޓެވެ. އަދި އަހަންނަށް ޝައްކު ކުރެވުނީތީ މާފަށް އެދުނެވެ. ރިންޒީ ކޮށްފައި ހުރި މެސެޖްތައް އަހަރެން ދާނިޔާއަށް ދެއްކީމެވެ. ދާނިޔާގެ ހިތުގައި ފަހުންވެސް ޝައްކެއް އުފެދުމުގެ ފުރުޞަތު ނުދޭންވެގެންނެވެ. އަހަރެންގެ މޭގައި ލައްވެލައިގެން ހުރެ، ދާނިޔާ ތަކުރާރުކޮށް މާފަށް އެދުނެވެ. ދާނިޔާގެ ބޮލުގައި ފިރުމާލަމުން އެއީ އެއްވެސް މައްސަލައެއް ނޫންކަމަށް އަހަރެން ބުނީމެވެ. ދާނިޔާގެ މަޤާމުގައި އަހަރެން ހުރިނަމަވެސް ކަންތައް ކުރެވޭނީ އެގޮތަށް ކަމުގައި ބުނެ ދާނިޔާގެ ހިތްހަމަޖައްސައިދިނީމެވެ.

*****************

މިއަދަކީ އަހަރެންގެ މަންމައާއި ބައްޕަ ލަންކާއަށް ފުރަން ހަމަޖެހިފައިވާ ދުވަހެވެ. ބޮޑުދައިތަ ބަލިވެ އުޅޭތީވެ ދުވަސްކޮޅަކަށް މަންމަމެން އެތަނުގައި މަޑުކުރާނެއެވެ. ހެނދުނުއްސުރެ އުޅުނީ ދަތުރަށް ތައްޔާރުވުމުގައެވެ. އަހަންނާއި ދާނިޔާ، މަންމަމެން ފުރުވަން އެއަރޕޯޓަށް ދިޔައީމެވެ.

މަންމަމެން ފުރުވާފައި އެނބުރި މާލެ އާދެވުނުއިރު ހަތަރުގަޑި ބައިވަނީއެވެ. ގެއަށް ދިއުމުގެ ބަދަލުގައި، ދާނިޔާ އަހަރެންގާތު އެދުނީ އޭނާގެ ރަހްމަތްތެރިއެއް ކަމަށްވާ ޒައީމާގެ ގެއަށް ގެންގޮސްދިނުމަށެވެ.

*****************

ދާނިޔާ ސައިކަލުން ފޭބުމުން، ގެއަށް ދާންވީމާ އަހަންނަށް ގުޅުމަށް ހަނދާންކޮށްދިނީމެވެ. އާއެކޭ ބުނެ ބޯޖަހާލާފައި ދާނިޔާ ކުރިއަށް ހިނގައިގަތެވެ. ދާނިޔާ އެގެއަށް ވަންނަންދެން އަހަރެން މަޑުކުރީމެވެ.

އެވަގުތު އެގެޔާއި ޖެހިގެން ހުރި ގެއިން ނުކުތް މީހަކު ފެނިފައި އަހަންނަށް ދެލޯ ކުޑަކޮށްލެވުނީ ކޮންމެވެސް ތަނަކުން ފެނުނު މީހެއްހެން ހީވާތީއެވެ. ސިކުނޑިއަށް ބާރުލުމުން އެއީ ރިއްފަތުކަން އެނގުނެވެ. ސާދުއާއި ގުޅުމެއްހުރި މީހަކަށްވީތީ އަހަންނަށް ދެފަރާތަށް ބޯހޫރާލެވުނެވެ. އޭނާއަށް އަހަރެން ފެނުމުގެ ކުރިން އަވަހަށް ސައިކަލް ދުއްވާލީމެވެ.

*****************

ދާނިޔާ ޒައީމާމެންގެއަށް ގެންގޮސްފައި އަހަރެން ދިޔައީ ރައްޓެއްސަކާއެކު ހުޅުމާލެއަށެވެ. އެތަނަށް ގޮސް އުޅުމުގެ ތެރޭގައި އަހަންނަށް ސާދު ފެނުނެވެ. ނަސީބަކުން އޭނާއަކަށް އަހަންނެއް ނުފެނެއެވެ. ސާދު ފެންނަކަމަށްވެސް ނުހަދާ އަހަރެން ބެލީ އަވަސްއަވަހަށް އެތަނުން ދުރަށް ދެވޭތޯއެވެ. އެކަމަކު އަހަރެންގެ ނަސީބު މިފަހަރު އެހާ ރަނގަޅެއް ނުވިއެވެ. އަހަންނާއެކު އުޅުނު ފައިސަލްއަށް ސާދު ފެނިގެން އޭނާއާއި ގޮވާލިއެވެ. ކަންތަކާ ޖެހުނީއޭ އަހަރެންގެ ހިތަށް އެރިއެވެ.

 

(ނުނިމޭ)

Share Article

Follow Me Written By

Mai Naa

Level 3100 Login10 Stories100 Comments

Other Articles

Previous

ސިއްރެއް ނުވާނޭ… 7

Next

ވީމޭ އިންތިޒާރުގައި – 7

Next
January 20, 2022

ވީމޭ އިންތިޒާރުގައި – 7

Previews
January 18, 2022

ސިއްރެއް ނުވާނޭ… 7



All Right Reserved!