ގަސްތަކުގެ ކައިރިން ހިނގަމުން ދިޔަ ލިލިއަންގެ ހިތްފުރެމުން ދިޔަ އިހްސާސެއް ކުރެވުނެވެ. މަލުގެ މީރުވަހާއި އެކުވެގެން ވައިގެ ތެރޭގައި ހިފާފައިވާ ލުއިލުއި ތާޒާވަސް އޭނާއަށް ކަމުދިޔައެވެ. އެ ހިތްހަމަޖެހުމާއެކު ތުންފަތުގައިވީ ލުއި ހިނިތުންވުމާއެކު ލިލިއަން ހިނގަމުން ދިޔައެވެ. ގަސްތަކަށް ބަލަމުން ދިޔަ ލިލިއަންގެ ފިޔަވަޅުތައް ކުއްލިއަކަށް ހުއްޓުނެވެ. ފެހިކަން ގަދަ ގަސްތަކާއި ވަކިން އިން ކުޑަ ހުސްބިމުގައި އެކަނިމައި އެކަނި އިން ކުޑަ ކުޑަ ކުޑަ ގަހަށް ލިލިއަންގެ ނަޒަރު އަމާޒުވިއެވެ. އަނަރޫފަވެފައިވާ އެގަހުގައި އަޅާފައި އިން ލިލީމާ ވަނީ މިލާ މޯޅިވެ ފިޔަތަކުގެ ކުލަ ބަދަލުވެފައެވެ. ބޭއިޙްތިޔާރުގައި އެގަހާ ދިމާއަށް ލިލިއަންގެ ފިޔަވަޅުތައް އަމާޒުވިއެވެ.
” ތިއީ އާ މާ ގަސްތަކެއް ރުވަން ވެގެން ސާފުކޮށްފައި އޮތް ބިންކޮޅެއް.. ތި ލިލީމާ ގަސް އެއްގޮތަކަށްވެސް ހެދޭގޮތެއް ނުވި.. ނޭނގެ ވީ ގޮތެއް.. ކުރީކޮޅު ވަރަށް ވަރުގަދަޔަށް ހެދުން.. ފަހުން އެކީ މިލާ މޯޅިވީ.. މެޑަމް ގަސްތައް ބަލަހައްޓާހެން އެކަން ކުރަން ނޭނގެނީކަންނޭނގެ..” ލިލިއަންގެ ނަޒަރު ލިލީމާ ގަހަށް އަމާޒުވެފައިވާތަން ފެނުމުން ސޯފީ ކިޔައިދިނެެވެ.
“މެޑަމް..؟” ލިލިއަން އަށް ސުވާލު ކޮށްލެވުނީ ސޯފީ އެދައްކަނީ ކާކުގެ ވާހަކައެއްކަން ނޭނގުމުންނެވެ.
” ޔެސް.. ޔަންގް މާސްޓަރގެ މަންމަ.. މެޑަމް ވަރަށް ލޯބި ކުރާނެ ގަސް އިންދުމަށް.. މީ ހުސް މެޑަމް ހައްދާފަ ހުރި ގަސްތައް..” ސޯފީ އެގޭގެ ދެފަރާތުގައި ހުރި މާބަގީޗާ ދައްކާލަމުން ބުނެލިއެވެ. ލިލިއަން އެހެންހޭ ބުނެލިއެވެ. އިތުރަށް ދިޔާންގެ މަންމައާ މެދު ހިތުގައި ޝައުޤުވެރިކަން އުފެދުނެވެ. ނަމަވެސް ސޯފީ ކުރެން އިތުރު ސުވާލެއް ލިލިއަން ނުކުރެއެވެ.
ސޯފީ އިތުރު ވާހަކަތައް ދައްކަމުން ލިލިއަން ގޮވައިގެން އައިސް ހުއްޓުނީ ބަގީޗާތައް ކައިރީ ފެހި ވިނަ ހައްދާފައި އޮތް ސަރަހައްދުގައެވެ. އެތާނގައި ހުރި ހުދު ވައް މޭޒުގެ ވަށައިގެން ގޮނޑިތައް ޖަހާފައި ހުރި އިރު ކައިރި ސަރަހައްދުގައި ހައްދާފައި ހުރި ބިޔަ ގަސްތަކުން އެތަނަށް ހިޔާއެޅިފައިވިއެވެ.
” މިއީ މެޑަމް އާއި މާސްޓަރ ވަރަށް ގިނައިން ސައިފޮދު ބައްލަވަން ނުވަތަ ކޮފީ ބައްލަވަން އައިސް ތިބޭ ތަނެއް..” އެހިތްފަސޭހަ މާހައުލު ދައްކާލަމުން ސޯފީ ބުންޏެވެ.
” ވަރުބަލި ވެއްޖެދޯ މިހާރު..” ސޯފީ ކަންބޮޑު ވުމާއެކު ސުވާލު ކުރިއެވެ. ލިލިއަންގެ ސިއްހަތު ދަށަށް ގޮސްދާނެތީ ސޯފީ ބިރުގަތެވެ.
” ނޫން.. މިހާރު އެއްވެސް އުނދަގުލެއް ނުވޭ..” ލިލިއަން ޖަވާބުދިނީ ސޯފީ ބިރުން އެއުޅެނީ އޭނާ ހޭނެތުނީމަކަން އެނގިހުރެ އެކަމާ ގުޅުވާފައެވެ.
” ހިނގާ ދެން އެތެރެއަށް ވަންނަން..” ސޯފީ ބުނުމުން ލިލިއަން އިންކާރު ކުރާކަށް ނަހަދައެވެ. ގެއާ ދިމާއަށް އަނބުރާލި ލިލިއަންގެ ފިޔަވަޅުތައް ހުއްޓުނީ ގޭޓުން ވަދެގެން އަންނަ ކާރު ފެނުމުންނެވެ. ކާރު ގޭކައިރި މަޑުކޮށްލުމާއެކު ފޭބީ ދިޔާން އެވެ. ދިޔާންގެ ނަޒަރު ވަޤުތުން ލިލިއަން އަށް އަމާޒުވިއެވެ. އެހިނދު އޭނާގެ ފިޔަވަޅުތައް އަމާޒުވީ ލިލިއަން އާ ދިމާއަށެވެ.
” މިހާރު ކިހިނެއް..؟” ދިޔާން ލިލިއަން ކައިރީ ހުއްޓެމުން އޭނާއަށް ރަނގަޅަށް ނަޒަރު ހިންގާލިއެވެ.
” އޯކޭ މިހާރު..” ލިލިއަން ތެދު ތެދަށް ޖަވާބު ދިނެވެ.
” އެއްވެސް އުނދަގުލެއް ވަންޏާ ބުނައްޗޭ.. އޭރުން އަހަރެން ޑޮކްޓަރ ގެންނާނަން.. ” ދިޔާންގެ މޫނުމަތިން އަދިވެސް ނުތަނަވަސްކަން ފެންނަމުންދިޔަހެން ލިލިއަން އަށް ހީވިއެވެ. އެ ނުތަނަވަސްކަން ފިލުވައިދޭން ބޭނުންވެފައި ހުރި ލިލިއަން ހިނިތުންވެލަމުން އަވަސް އަވަހަށް ބޯ ޖަހާލިއެވެ. އެއާއެކު ދިޔާން ފަޒާގެ ތެރެއަށް ފިނި ނޭވާއެއް ދޫކޮށްލިއެވެ.
” ކެއުން ތައްޔާރު ކުރަންވީތޯ..؟” ސޯފީ ދިޔާން ކުރެން ސުވާލު ކުރިއެވެ. ލިލިއަން އަށް ސޯފީއާ ދިޔާން އަށް ވަކި ވަކިން ބަލާލެވުނެވެ. ސޯފީ އެފަދަ އަދަބުވެރިކޮށް މީހަކާ މުޢާމަލާތު ކުރާތަން އެފެނުނީ އަލަށެވެ. ދެމީހުންގެ ދެމެދުގައި ބަދަލު ކުރެވުނު އެންމެ ޖުމްލަ އަކުންވެސް ޙާދިމަކާއި އޭނާގެ ސާހިބުމީހާގެ ދެމެދުގައި އޮންނަ ދަރަޖަ ލިލިއަން އަށް އިޙްސާސް ކުރެވުނެވެ. އެފަދަ ކަަންކަމަށް ހޭނިފައި ނެތް ލިލިއަން އަށް އެކަން މާ ހިތްއެދޭ ތަޖުރިބާއަކަށް ނުވިއެވެ.
“ނޫން.. ރޭގަނޑުގެ ކެއުން ތައްޔާރުކުރޭ.. އާންމުކޮށް ތައްޔާރުކުރާ ކެއުންތައް ހެދީމަ ރަނގަޅުވާނެ.. ލިލިއަން ވަކި އެއްޗެއް ކާން ބޭނުން ނަމަ އެ އެއްޗެއް ހިމެނީމަ ރަނގަޅުވާނެ..” ދިޔާން ވާހަކައިގެ ތެރެއިން ލިލިއަން އަށް ނަޒަރު ހިންގާލަމުން ބުނެލިއެވެ.
” ކޮޓަރިއަށް ގޮސް ތާޒާ ވެލައިގެން އެބަ އަންނަން..” ދިޔާން ހިނގައިގަތުމުގެ ކުރިން ލިލިއަން އަށް ބަލާލަމުން ބުނެލިއެވެ. ލިލިއަން ބޯ ޖަހާލުމާއެކު ދިޔާން ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. އެހެނަސް ކުއްލިއަކަށް ހިނގުން މަޑުޖައްސާލަމުން ދިޔާަން ސޯފީއަށް ބަލައިލިއެވެ.
” ލިލިއަން ކޮޓަރިއަށް ލައިފަ އަހަރެންގެ ކޮޓަރިއަށް އާދޭ..” ދިޔާން އެހެން ބުނަމުން އަވަސް ހިނގުމުގައި އެތެރެއަށް ވަދެގެން ދިޔައެވެ. ދިޔާން ދިޔަ ދިމާއަށް ބަލަން ހުރި ލިލިއަން އަށް ސޯފީ ބަލާލަމުން އެތެރެއަށް ވަނުމަށް އިޝާރާތް ކޮށްލިއެވެ.
ލިލިއަން ކޮޓަރިއަށް ވަނުމުން ސޯފީ އެނބުރި ހިނގައިގަތެވެ. ލިވިންގް ރޫމުގައި ހުރި ސިޑިން ސޯފީ މިސްރާބުޖެހީ ދެބުރިއަށް ހެދިފައި ހުރި އެގޭގެ މަތީ ފަންގިފިލާއަށެވެ.. ސިޑިން އަރައިގެން ގޮސް ދިޔާންގެ ކޮޓަރީގައި ސޯފީ ޓަކި ދިނެވެ.
“ވަދޭ..!” ދިޔާންގެ އަޑު އިވުމާއެކު ސޯފީ މަޑު މަޑުން ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނެވެ.
” އަހަރެން މާދަން ފަތިހު ސިންގަޕޯރ އަށް ދާން ފުރަން.. ގާތް ގަނޑަކަށް ހަފްތާއަކަށް.. އެއަރޕޯޓަށް ދާން ވާއިރަށް ފޮށި ތައްޔާރު ކޮށްފަ ބަހައްޓާތި.. ” ދިޔާން ސޯފީ ކައިރީ އޭނާގެ ބޭނުން ބުންޏެވެ. ސޯފީ އަދަބުވެރިކަމާއެކު ބޯޖަހާލިއެވެ.
” ދެން.. އަހަރެން ނެތަސް ލިލިއަންގެ ހުރިހާ ކަމެއް ގާތުން ބަލާތި..” ދިޔާން އޭނާގެ ނިއްކުރި މައްޗަށްވެރިވި ރޫތަކާއެކު ބުނެލިއެވެ. ދިޔާން ލިލިއަން ބަހައްޓާފައިދާން ނުތަނަވަސްވަނީ ކަންނޭނގެއެވެ. އެހެނަސް ދިޔާންގެ ވާހަކަތަކުން އޭނާއާއެކު ލިލިއަން ގެންދިޔުމުގެ އެއްވެސް ވިސްނުމެއް ނެތްކަން ހާމަވެއެވެ.
ސޯފީ އޭނާ ލިލިއަން ރަނގަޅަށް ބަލަހައްޓާނެކަމުގެ ޔަޤީންކަން ދިޔާން އަށް ދިނެވެ. އެވާހަކަތަކުން ހިތްހަމަޖެހި ހުރެ ދިޔާން ސޯފީ ފޮނުވާލިއެވެ.
ސޯފީ ދިޔުމާއެކު ދިޔާން އޭނާގެ ކަރުގައި އަޅާފައި އޮތް ޓައީ ދޫކޮށް ފުންނޭވާއެއް ދޫކޮށްލިއެވެ. ދިގު ދަތުރަކަށްފަހު އަރާމު ކުރަންވެސް ވަޤުތެއްް ނުލިބި އޮފީހުގައި ގިނަ ވަޤުތު ތަކެއް ހޭދަކުރުމުން ހަށިގަނޑަށް ވަނީ ލޮޑުކަން ލިބިފައެވެ. އެހެނަސް ފުރުމުގެ ކުރިން ލިލިއަން އާ ބައްދަލުކޮށް އޭނާ ފުރަން އުޅޭކަން ކޮންމެހެންވެސް ހާމަކުރަން ޖެހޭނެކަން ދިޔާން އަށް އެނގެއެވެ.
ފެންވަރާލައިގެން ނިކުމެ ދިޔާން މިސްރާބު ޖެހީ ލިލިއަންގެ ކޮޓަރިއާ ދިމާއަށެވެ. ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލުމާއެކު ލިލިއަން ދޮރު ހުޅުވާލިއެވެ. ދޮރު ކުރިމަތީ ހުރި ދިޔާން ފެނުމުން ލިލިއަންގެ ތުންފަތަށް ހިތްހަމަޖެހުމުގެ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
“ހިނގާ.. ޓެރަސް އަށް.. އަހަރެން އެބައޮތް ވާހަކައެއް ބުނަން ވެފަ..” ދިޔާން އެހެން ބުނުމާއެކު ލިލިއަންގެ ހިތް ތެޅިގަތެވެ. ދިޔާން އޭނާއާ ދައްކަން އެއުޅޭ ވާހަކަ އަކާ މެދު ހިތުގައި ޝައުޤުވެރިކަން އުފެދުނު އިރު ނުތަނަވަސްކަންވެސް އިޙްސާސް ކުރެވެމުން ދިޔައެވެ.
އަވަސް ވެފައިވާ ހިތަކާއެކު ދިޔާންގެ ފަހަތުން ހާމަފެންޑާއަށް އަރާ ލިލިއަން ހުއްޓުނެވެ. އޭރު ދުނިޔެ މައްޗަށް ވަނީ ރަތްވިލާގެ އަސަރު ވެރިވެފައެވެ.
ޓެމްޕާރޑް ގްލާސް އިން ހެދިފައިވާ ރެއިލިންގް ގައި އަތް އަޅުވާލައިގެން ހުއްޓުނު ދިޔާންގެ ކަނާއަތް ފަރާތުގައި ލިލިއަން އައިސް ހުއްޓުނެވެ. ހުޅުމާލޭގެ އުސްއިމާރާތްތަކަށް ލިލިއަން ނަޒަރު ހިންގާލެވުނެވެ.
” އަހަރެން މިއުޅެނީ މާދަން ފަތިހު ފުރަން..” ދިޔާން ބޭރަށް ބަލަން ހުރެ އިއްވާލިއެވެ. ލިލިއަން އަށް ސިހިފައި ދިޔާންގެ މޫނަށް ބަލާލެވުނެވެ.
ފުރުމުގެ އެ ލަފްޒުވެސް ލިލިއަންގެ ކަންފަތައް މިހާރު އިވެމުންދަނީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ.
” ކޮ.. ކޮންތާކަށް..” ލިލިއަން އަކަށް ނުވިސްނުނެވެ. އޭނާ ގޮވައިގެން ދިޔާން އައިތާ އަދި އެއް ދުވަސް ނުވެއެވެ. އަނެއްކާވެސް ދިޔާން އޭނާގެ ލޯ ކުރިމަތިން ގެއްލެން އުޅެނީ ހެއްޔެވެ؟ ދިޔާން އަންނަންދެން އޭނާ އަނެއްކާވެސް ނިމުމެއް ނެތް އިންތިޒާރެއް ކުރަން ފަށަންވީ ހެއްޔެވެ.
” ސިންގަޕޯރ އަށް.. އަހަރެންގެ މަންމަ މެންވެސް ވީ އެ ގައުމުގަ.. ލިން އާ ބައްދަލުކުރަން މަންމަ މެންވެސް ގޮވައިގެން އަހަރެން އަންނާނީ..” ދިޔާން ލިލިއަން އަށް ނަޒަރު ހިންގާލަމުން އިތުރަށް ހާމަކުރިއެވެ.
ލިލިއަން އަށް ބުނާނެ އިތުރު އެއްޗެއް ނުވިސްނުނެވެ. ދިޔާން އެހާ އަވަހަށް ފުރައިގެންދާތީ ހިތްނުތަނަވަސް ވީ ނަމަވެސް ދިޔާން ހުއްޓުވާކަށް ލިލިއަން ބޭނުމެއް ނުވިއެވެ. އަނެއްކޮޅުން ލިލިއަން އާ ބައްދަލުކުރަން ދިޔާން މައިން ބަފައިން ގޮވައިގެން އަންނާނެ ވާހަކަ ބުނުމުން ލިލިަަން އަށް ދިޔާންގެ ވާހަކަތައް ޤަބޫލުކުރަން ފަސޭހަވިއެވެ.
ކޮން އިރަކު އަނބުރާ އަންނަނީ..؟” ލިލިއަން ހަމަޖެހެން މަސައްކަތް ކުރަމުން ސުވާލު ކޮށްލިއެވެ.
” ހަފްތާއެއް ވަރު ވާނެހެން ހީވަނީ..” ދިޔާން ބުނުމުން ލިލިއަން ބޯ ޖަހާލިއެވެ.
” އަހަރެން ނެތަސް ލިން ހާސްވާކަށް ނުޖެހޭނެ.. ސޯފީ ލިން ރަނގަޅަށް ބަލަހައްޓާނެ.. ބޭނުންވާ ކަމެއް އޮތަސް އޭނަ ކައިރީ ބުނީމަ އެކަމެއް ކޮށްދޭނެ..” ދިޔާން ލިލިއަން ހިތްހަމަ ޖައްސައިދިނުމުގެ ގޮތުން އިތުރު ކޮށްލިއެވެ. ބަދަލުގައި ލިލިއަން ބޯ ޖަހާލިއެވެ. ލިލިއަންގެ ހިތް އެތަކެއް ޝުއޫރުތަކުން ފުރި ބާރުވަމުން ދިޔަ ނަމަވެސް އެކަން ބޭރުކުރަން ނުކުޅެދިފައިވިއެވެ. ދިޔާން ހައްތަހާ އޭނާއާ ދުރަށް ހިނގައިދާހެން ލިލިއަން އަށް އަބަދުމެ ހީވަނީއެވެ.
********
ރޭގަނޑު ކެއުން ލިލިއަން ނިންމާލީ ދިޔާން އާއެކުއެވެ. ދެމެދުގައި މާގިނަ ވާހަކަތަކެއް ނުދެކެވެއެވެ. ދިޔާންގެ ފުރުމާއި، ދެމެދުގައިވާ ނޭނގޭ ދުރުކަމާމެދު ވިސްނަން އިން ލިލިއަން އަށް ރަނގަޅަށް ކެވޭ ގޮތެއްވެސް ނުވިއެވެ. މެންދުރުގެ ކެއުން ލަހުން ކެއުމުން ބަނޑުހައި ނުވީ ކަމުގައި ބުނެ ލިލިއަން އުޒުރެއް ދައްކާލިއެވެ. ނިދަން އެނދަށް އަރާ އޮތް ލިލިއަން އަށް އެނދުގެ ދެފަރާތަށް ފުރޮޅި ފުރޮޅި އޮތް އިރުވެސް ނިދީގެ އަސަރު ވެރިވާ ގޮތެއް ނުވިއެވެ.
ނުހަނު ލަހުން ނިދުނު ނަމަވެސް ލިލިއއަން ފަތިސް ވުމުގެ ކުރިން ހޭލެވުނެވެ. ފުންމައިގެން ތެދުވެ ގަޑިން ވީވަރު ބަލާލެވުނެވެ. ދިޔާން ފަތިހު ފުރާވާހަކަ ބުނިނަމަވެސް ސީދާ ކަނޑައެޅިގެން ގަޑިއެެއް ނުބުނެއެވެ. ދޮރު ފޮތިގަނޑު ކަހާލަމުން ބިއްލޫރި ދޮރުން ލިލިއަން ބޭރު ބަލައިލިއެވެ. އޭރު ކާރު ޑްރައިވަރު ކާރުގެ ކައިރީ މަޑުކޮށްލައިގެން ހުރިތަން ލިލިއަންގެ ލޮލުގައި އަޅައިގަތެވެ. ފުރަން އުޅެނީކަން ޔަޤީންވެ ލިލިއަން އަވަސް އަވަހަށް މޫނު ދޮވެލައިގެން އެއްޗެހި ބަދަލުކޮށްލުމަށްފަހު ކޮޓަރިން ބޭރަށް ނުކުތެވެ. ކޮނޑުގައި ދަބަސް އަޅައިގެން ތިރިއަށް ފޭބި ދިޔާން އަށް ލިލިއަން ފެނުމާއެކު ހުއްޓުނެވެ.
” ހާދަ އަވަހަކަށް ތި ތެދުވީ..؟ ނުނިދުނީތަ..؟” ދިޔާން ލިލިއަންގެ މޫނަށް ބަލާލަމުން ސުވާލު ކޮށްލިއެވެ. ލިލިއަން އަށް ހިނދުކޮޅަކު ދިޔާންގެ މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ.
ހޭލެހުނީ އަވަހަށް.. ޔާން ފުރާތީ މިނިކުތީ….” ލިލިއަން އިސްޖަހާލަމުން ބުންޏެވެ. ހިނދުކޮޅެއްގެ ހަމަހިމޭންކަމަކަށްފަހު ދިޔާން ފުންނޭވާއެއް ބޭރުކޮށްލިއެވެ. އެއާއެކު ދިޔާންގެ ފިޔަވަަޅުތަކުގެ އަޑުއިވިގެން ދިޔައެވެ. ދެވަނަ ސިކުންތުގައި ލިލިއަން އަށް އިޙްސާސްވީ ދިޔާންގެ ހަށިގަނޑުގެ ހޫނުކަމެވެ.
” އަހަރެން ވަރަށް އަވަހަށް އަންނާނަން.. ޓޭކް ކެއަރ..” ދިޔާން ލިލިއަންގެ ގައިގާ ބައްދާލައިގެން ހުރެ މަޑުމަޑުން ބުނެލިއެވެ. ދިޔާންގެ ޢަމަލުން
ހިތުގައިވީ އިޙްސާސްތައް ފުންވެގެން ދިޔަ ލިލިއަން ދެލޯ މަރާލަމުން ބޯޖަހާލިއެވެ. އެހިނދު ދިޔާން ލިލިއަން އާ ދުރުވެލަމުން ލިލިއަން ފަސްދީ ދާން ހިނގައިގަތެވެ. ގޭޓުން ނިކުމެގެން ކާރު ދަންދެން ލިލިއަން އަށް ބަލަހައްޓައިގެން ހުރެވުނެވެ. ހިތާއި ހިތުން ދިޔާން ވަރަށް އަވަހަށް އޭނާގެ ކައިރިއަށް އެނބުރި އައުމަށް އެދި ދުޢާ ކުރެވެމުން ދިޔައެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






