އިމާރާތަށް ބަލަންހުރި ލިލިއަންގެ ފެނުން ފުސްވެގެންދިޔަ ހިނދު ދެފަހަރަކު ލޯ މަރާލެވުނެވެ. އެހެނަސް ލޯ ކުރިމައްޗަށް ވެރިވި ކަޅު ތިކިތަކާއެކު ހިނދުކޮޅެއްގެ ތެރޭގައި މުޅި މާހައުލު އެނބުރެން ފެށި އިޙްސާސެއް ކުރެވުނެވެ. އިސާހިތަކު ލިލިއަންގެ ސިކުނޑި ފުރާލީ ކަނު އަނދިރިކަމެވެ.
ލޮލަށް އެޅިގެން ދިޔަ އައްޔާއެކު ލިލިއަން އުނދަގޫ ގޮތަކަށް ދެލޯ ހުޅުވާލިއެވެ. ދެފަހަރަކު އެސްފިޔަ ޖަހާލަމުން އޭނާއަށް އޮވެވުނު މާހައުލާ މެދު ވިސްނާލެވުނެވެ. ނުދަންނަ މާހައުލެއްގައި އޮވެވުނުކަން ވިސްނުމާއެކު ލިލިއަން އަށް ފުންމައިގެން ތެދުވެވުނެވެ. ދިޔާން އާއެކު ރަށުން ފުރައިގެން އޭނާ ދިރިއުޅޭ ގެއަށް އާދެވުނުކަން ހަނދާން އާވީ ދެނެވެ. ގޭގެ ދޮރުމަތީ ހުއްޓުނު ވަޤުތު މޫނުމައްޗަށް އަނދިރީކަން އެނގެއެވެ. އެއަށްފަހު ވީ އެއްވެސް ކަމެއް ލިލިއަން ހަނދާނެއް ނެތެވެ. ނިއްކުރީގައި އަތުގެ ބަނޑުފުށް ޖައްސާލަމުން ލިލިއަން ދެލޯ މަރާލާ ފުންނޭވާއެއް ދޫކޮށްލިއެވެ.
ކުއްލިއަކަށް ދޮރު ހުޅުވުނު އަޑު އިވުމާއެކު ލިލިއަން އަށް އިސް އުފުލާލެވުނެވެ.
” މޭމް ހޭލެވުނީތަ..؟ އެއްވެސް އުނދަގުލެއް ވޭތަ..؟” ދޮރުން ބޯދިއްކޮށްލި އަންހެން ކުއްޖާއަށް ލިލިއަން ތެދުވެގެން އިންތަން ފެނުމުން އަވަސް ފިޔަވަޅުތަކުގައި އެނދުކައިރީ ހުއްޓެމުން ސުވާލުކުރިއެވެ.
” ނޮ..ނޯ.. އައިމް ފައިން..މީ.. ދި.. ޔާން .. ކޮބާ..؟” ލިލިއަން އަށް އަޅަ އަޅައިގަންނަމުން ވާހަކަ ދެއްކިއެވެ. ކުއްލިއަކަށް ދިމާވި މީހެއްގެ ކަންބޮޑުން އެކުލެވޭ ބެލުން ހުއްޓިފައިވާ ވުމުންނާއި އޭނާ މުޚާތަބު ކުރިގޮތުން ލިލިއަން އަށް އުނދަގޫ ވާގޮތްވިއެވެ.
” ޔަންގް މާސްޓަރ ވީ ކުޑަކަމަކު އޮފީހަށް ގޮސް.. ވަރަށް އަވަހަށް އަންނާނެ.. މާސްޓަރ ދިޔައީ މޭމްގެ ހުރިހާ ކަމެއް އަޅުގަނޑާ ހަވާލުކޮށް މޭމް ރަނގަޅަށް ބެލުމަށް ބުނެފަ.. އަޅުގަނޑަށް ކިޔަނީ ސޯފީ..” ސޯފީ ސަލާމަށް އަތް ދިއްކޮށްލަމުން ހިތްހެޔޮ ހިނިތުންވުމެއް ރައްދުކުރިއެވެ. ލިލިއަން ސޯފީގެ އަތުގައި ހިފާލަމުން އެމޫނަށް ބަލައިލިއެވެ. ބަލާބެލުމަށް ވިހީގެ އަހަރުތައް ގުނަމުން އަންނަ ސޯފީ އަކީ ދިވެއްސެއް ހެންނެން ހިޔެއް ނުވެއެވެ. އެހެނަސް ދިވެހިބަހުން ވާހަކަ ދެއްކުމުގައި ކޮށިކަމެއް، އައިބުކަމެއް ނެތެވެ. ރާޅުބާނި ދިގު އިސްތަށިގަނޑު އެއްފަރާތަކަށް ގަތާފައިވާއިރު ލައިގެންހުރި ހެދުމުން ބޮޑަށް ފާޑުވީ ޕާކިސްތާނު ހިސާބުން އައިސް ހުރި ކުއްޖަކާއެވެ.
” މޭމް އެއްޗެއް ކާން ބޭނުންތަ..؟ ނުވަތަ.. ފެންވަރާލަންތަ ބޭނުމީ..؟” ސޯފީ ސުވާލު ކުރިއެވެ.
މީ.. ފެންވަރާލަން..” ލިލިއަން ބޭނުންވީ އިތުރު ކަމެއް ކުރުމުގެ ކުރިން ތާޒާ ވެލުމަށެވެ.
” މިހާރު ގަޑިން ކިހާ ވަރެއް..؟” ލިލިއަން އަށް ގަޑިންވީ ވަރެއް ބުނަން ނޭނގުމުން ސުވާލު ކުރިއެވެ.
ގަޑިން ދެގަޑި ބައި..” ސޯފީ ބުނުމާއެކު ލިލިއަންގެ ދެލޯ ބޮޑުވިއެވެ. އޭނާ ހޭނެތިފައި އޮންނަތާ އިރުތަކެެއް ވެއްޖެކަން ޔަޤީންވިއެވެ.
” ހާސްނުވޭ.. ޑޮކްޓަރ ބަލާފަ ބުނި ހާސްވާން ޖެހޭ ވަރުކަމެއް ނެތޭ.. ދަތުރުގެ ވަރުބައްޔާ، އާ މާހައުލަކަށް އައުމުން ލިބުނު ސްޓްރެސް އިން ވީ ކަމެކޭ ޑޮކްޓަރު ބުނީ..” ސޯފީ ލިލިއަންގެ މޫނުގައިވީ ކުލަވަރު ދެނެގަނެވުމުން އަވަހަށް ވާހަކަ ދެއްކިއެވެ.
ޑޮ..ޑޮކްޓަރ..؟؟؟” ލިލިއަން ހައިރާން ކަމާއެކު އަހާލެވުނެވެ.
” ލައްބަ.. މޭމް ހޭނެތުނީމަ ޔަންގް މާސްޓަރ ފެމިލީ ޑޮކްޓަރ ގެނައީ..” ސޯފީ އިތުރު ތަފްސީލު ދިނެވެ. ލިލިއަން އަށް ދެލޯ މަރާލެވުނެވެ. އޭނާގެ ދިރިއުޅުން ހަޤީޤަތުގައިވެސް ބަދަލުވެއްޖެކަން އިޙްސާސްކުރެވެން ފެށުނެވެ. މޭމްގެ ފޮށި މިހުރީ.. އެއްވެސް އެއްޗެއް ބޭނުން ނަމަ އަޅުގަނޑު ކައިރީ ބުނޭ..” ސޯފީ ލިލިއަންގެ ފޮށި ދައްކާލަމުން ބުންޏެވެ.
” ޕްލީސް.. ކޯލް މީ ލިލިއަން..” ލިލިއަން އަށް ކެތްނުވުމުން ބުނެވުނެވެ. އުމުރުގެ ގޮތުން އޭނާއާ ގާތްގަނޑަކަށް އެއްވަރުގެ އަންހެންކުއްޖަކު އެފަދައިން އަދަބުވެރިކޮށް އޭނާއާ މުޚާތަބު ކުރާ އަޑު އަހަން ލިލިއަން އަކަށް ފަސޭހައެއް ނުވިއެވެ.
އޯ..އޯކޭ ލިލިއަން.. ވަރަށް ރީތި ނަމެއް..” ސޯފީ ތަޢުރީފު ކޮށްލިއެވެ.
” މިހުރީ ފާޚާނަ.. ދެން މިހުރީ ޗޭންޖިންގް ރޫމް..” ކޮޓަރީގެ ތަންތަން ސޯފީ ލިލިއަން އަށް ދައްކައިދެމުން ދިޔައެވެ.
” މިއޮތީ އަޅުގަނޑު ނަންބަރު.. އެއްވެސް ކަމެއް ނުވަަތަ އެއްޗެއް ބޭނުން ވެއްޖިއްޔާ ގުޅާލާ.. ” ސޯފީ ނަންބަރު ނޯޓު ކޮށްފައި އޮތް ގަނޑުކޮޅެއް ލިލިއަން އަށް ދައްކާލަމުން ބުންޏެވެ. އޭގައި ހިފަމުން ލިލިއަން ޝުކުރު އަދާކުރުމާއެކު ސޯފީ ކޮޓަރިން ނިކުމެގެން ދިޔައެވެ. ކޮޓަރީގައި އެކަނިވުމާއެކު ލިލިއަން އަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭނާއަށް ހުރެވުނު ތަނަވަސް ކޮޓަރިއަށް ރަނގަޅަށް ނަޒަރު ހިންގާލެވުނީވެސް ދެނެވެ.
ހުދާއި އަޅިކުލައިން ޒީނަތް ކުރެވިފައިވާ ހިތްފަސޭހަ ކޮޓަރިއެކެވެ. ބޭރު ފެންނާނެހެން ފަރުމާކޮށްފައި ހުރި ބިއްލޫރި ދޮރާއި ވީ ފަރާތުގައި ހުރި ސޯފާ ގޮނޑިތައް ލިލިއަންގެ ލޮލުގައި އަޅައިގަތެވެ. އެނދާއި ސޯފާތައް ދަށުގައި މަހުމަލުގެ ރަގެއް އަޅާފައި އޮތެވެ. މައްޗަށް ލޯ ހިންގާލިއިރު އަލިމަހުން ޖަރީވެފައިވާ ޗާންދަލިއާ ފެނުމުން ލިލިއަން އާޝޯޙުވިއެވެ. ތަންތަން ބަލަމުން އައިސް ސޯފީ ދެއްކި ދޮރުން ލިލިއަން ފާޚާނާއަށް ވަނެވެ. ފާޚާނާވެސް ކުޑަވަރެއްގެ ކޮޓަރިއަކާ ތަފާތެއް ނެތެވެ.
ފޮށިން ބޭނުންވާ ސާމާނު ނަގައިގެން ލިލިއަން ފާޚާނާއަށް ވަނެވެ. އޭނާ ހީކުރި ގޮތާއި ޚިލާފަށް ފާހާނައިގާ ފެންވަރަށް ބޭނުންވާ ހުރިހާ އެއްޗެއް ހުއްޓެވެ. ފާޑު ފާޑުގެ ޝަވަރ ޖެލް ތަކާއި ޝޭމްޕޫ އަދި ފޭސް ވޮޝް ތަކެވެ. ލިލިއަން އަށް އެންމެ ކަމުދިޔައީ ފާޚާނައިގާ ހުރި ފުޅާ ބިލިގާއެވެ. ބިލިގާގެ ކައިރީ މީރުވަސްދުވާ އުއްންބަތިތައް ބެހެއްޓިފައި ހުއްޓެވެ. އެމާހައުލުގައި ބިލިގާ ތެރޭ އެތައް އިރަކު އޮތަސް ހިތްނުފުރޭނެހެން ލިލިއަން އަށް ހީވިއެވެ. އެހެނަސް އެވަޤުތު ފާޚާނައިގާ ގިނައިރުވާން ބޭނުން ނުވުމުން ލިލިއަން މާގަނޑުން ރަނގަޅަށް ފެންވަރާލިއެވެ. ފްރޮސްޓެޑް ގްލާސް އިން ވަކިކުރެވިފައިވާ ފެންވަރާ ބައިގެ ބިއްލޫރިތައް ވެހެމުންދިޔަ ފެންތަކާއެކު ފުސްވަމުން ދިޔައެވެ.
ފެންވަރާލުމުން ލިބުނު ތާޒާކަމުން ލިލިއަންގެ ހިތަށް ހަމަޖެހުން ލިބި ހަށިގަނޑަށް ދިރުން ލިބިގެން ދިޔައެވެ. އޭނާ އާންމުކޮށް ގޭގައިލާ އުޅޭ ކަކުލާ ހަމައަށް އަންނަ ކުރުތާ ގަމީހަކާއި ޖިންސު ލަމުން ލިލިއަން އޭނާގެ ފަން އިސްތަށިގަނޑުގައި ފުނާ އެޅިއެވެ. ދޮރުގައި ޓަކިދެމުން ސޯފީ ގޮވާލި އަޑު އިވުނީ ފުނާ އަޅަން އިންދައެވެ. ރީތިވާ މޭޒުގައި ފުނާ ބާއްވަމުން ލިލިއަން ގޮސް ދޮރުހުޅުވާލިއެވެ.
” ކެއުން ތައްޔާރުވެފަ ހުރި ވާހަކަ ބުނަން މިއައީ.. ތައްޔާރުވެ ނިމުނީތަ..؟” ސޯފީ ލިލިއަން އަށް ބަލާލަމުން ސުވާލު ކުރިއެވެ. ލިލިއަން ބޯ ޖަހާލުމާއެކު އޭނާގެ ފަހަތުން އައުމަށް ސޯފީ އެދުނެވެ. ލިލިއަން އިންކާރު ކުރުމެއްނެތި ސޯފީގެ ފަސް ފަހަތުން ހިނގަމުން ދިޔައެވެ.
ކޮޓަރިން ނިކުމެވުމާއެކު ލިލިއަން އެކި ތަންތަނަށް ނަޒަރު ހިންގެން ފެށުނެވެ. އޭނާ ހޭނެތުމުގެ ސަބަބުން ގޭގެ އެއްވެސް ތަނެއް ފެނިފައެއް ނުވެއެވެ. ސޯފީގެ ފަސް ފަހަތުން ގޮސް ގޭގެ ލިވިންގް ރޫމަށް ނިކުމެވުމުން ލިލިއަން އަށް ހުއްޓެވުނެވެ. އޭނާއަށް ގޭގެ ބޭރުން ފެނުނީ ކުޑަ މިންވަރެއްކަން އިޙްސާސްކުރެވި ހިންދިރުވާލެވުނެވެ.
ތަަނަވަސް ލިވިންގް ރޫމުގެ ކޮންމެ ދިމާއަކުންވެސް ފެންނަނީ ޝާހީ ކަމެވެ. ” ވިންޓޭޖް” ގެ އިޙްސާސް ކުރެވޭނެހެން ފަރުމާ ކުރެވިފައިވާ އެ ލިވިންގް ރޫމް ފަދަ ދެވަނަ ތަނެއް އޭނާއަށް މީގެ ކުރިން ފެނިފައެއް ނުވެއެވެ.
” މިދިމާގަ ޑައިނިންގް ރޫމް ހުންނާނީ..” ލިލިއަން އަށް ހޭވެރިކަންވީ ސޯފީގެ އަޑު ޖެހުމުންނެވެ. ކާގެެއަށް ވަނުމާއެކު ބާރަ ވަރަކަށް މީހުންގެ ޖާގައިގެ ދިގު މޭޒެއް ދޮށުގައި ސޯފީ ލިލިއަން ބޭންދިއެވެ. އޭރު އިތުރު ދެ އަންހެންނުން ލިލިއަން އިށީން ދިމާއިން މޭޒުމަތީ ތަފާތު ބާވަތްތަކުގެ ކާތަކެތި އަތުރަނީއެވެ.
” ލިލިއަން ބޭނުން އެެއްޗެއް ކާން ފަށަންވީ.. ކުރިން އަހާނުލެވުނީމަ ކަމުދާނެހެން އެންމެ ހީވާ ޑިޝްތައް މިހުރީ ތައްޔާރު ކޮށްލާފަ.. މީ މިގޭގަ ކެއްކުމުގެ ކަންކަން ކުރާ ދެކުދިން.. ކާ ގަޑި ޖެހުމުގެ ކުރިން އެދުވަހަކު ކާން ބޭނުންވާ ތަކެތީގެ ލިސްޓެެއް ދިނުމުން މިކުދިން އެެ އެއްޗެއް ތައްޔާރު ކޮށްދޭނެ..” ލިލިއަން އަށް މޭޒުކައިރީ ތަކެތި އެތުރި ދެކުދިން ތަޢާރަފް ކޮށްދެމުން ސޯފީ ބުންޏެވެ. ލިލިއަންވެސް އެކުދިންނަށް ނުތަނަވަސް ހިނިތުންވުމެެއް ރައްދުކުރިއެވެ. އޭނާއަށް އަދިވެސް މާހައުލަށް ހޭނެން ވަޤުތު ބޭނުންވެއެވެ.
” އަވަހަށް ކާން ފަށާ..” ސޯފީ ލިލިއަން ކައިރީ ހުރި ހުސްތައްޓަށް އިޝާރާތް ކޮށްލަމުން ބުންޏެވެ.
” ސޯފީމެން ނުކަންތަ..؟” ސުފުރާމަތީގައި ހުރި ބައިވަރު ކާއެއްޗިއްސަށް ނަޒަރު ހިންގާލަމުން ލިލިއަން އަށް ސުވާލު ކޮށްލެވުނެވެ. ހަމަގައިމުވެސް އެހުރިހާ އެއްޗިއްސެއް އޭނާއަކަށް ހުހެއް ނުކުރެވޭނެކަން ޔަޤީނެވެ.
” އަޅުގަނޑުމެން މިހާރު ކައިފިން.. ” ސޯފީ ޖަވާބު ދިނެވެ. ލިލިއަން އަށް ގަޑިން ވީވަރު ހަނދާންވީ ދެނެވެ. މެންދުރު ފަހަނައަޅާ އަސުރު ވަޤުތު ވެފައިވީކަން އެނގުމުން ލިލިއަން އަށް އެ ޖަވާބު ޤަބޫލުކުރެވުނެވެ.
ލިލިއަން އިތުރު ވިސްނުމަކަށް ނުގޮސް ކާން ފެށިއެވެ. އޭނާއަށް އިޙްސާސް ކުރެވުނީ އަގު ބޮޑު ރެސްޓޯރެންޓެއްގައި ކާން އިނދެވުނު ހެންނެވެ.
ކަމުން ގެންދިޔައިރު އޭނާ އިށީންދެގެން އިން ދިގު މޭޒަށް ނަޒަރު ހިންގާލެވުނެވެ. ޖާގައިގެ ގޮތުން ބޮޑު އެ މޭޒު ދޮށުގައި އެކަނި އިންނަންޖެހުުމުން ލިލިއަން އަށް އެކަނިވެރި އިޙްސާސެއް ކުރެވުނެވެ. ދިޔާންގެ އާއިލާއާ މެދު ލިލިއަން އަށް ވިސްނާލެވުނީ ދެނެވެ. ދިޔާންގެ މަންމައާއި ބައްޕަ ހުންނަކަން ފިޔަވާ އިތުރު ތަފްސީލެއް އޭނާއަށް ދިޔާންގެ އާއިލާއާ ބެހޭގޮތުން އެނގިފައެއް ނެތެވެ. އޭނާއަށް ދިޔާން އާ ގުޅުން ހުރި ކަންކަން އެނގިފައިވާ މިންވަރުގެ ހަނިކަން ވިސްނުމާއެކު ލިލިއަންގެ ހިތަށް އުނދަގޫވިއެވެ. އެއާއެކު ދިޔާންގެ މައިންބަފައިން އުޅޭތަނަކާމެދު ލިލިއަންގެ ހިތުގައި ސުވާލު އުފެދުނެވެ. އޭނާއަށް އެގެއިން ދިޔާންގެ އާއިލާގެ މީހެއްގެ ނިޝާނެއްވެސް ނުވެއެވެ. ސޯފީ ކައިރީ އަހަައިގެން އޭނާގެ ހިތުގައިވާ ސުވާލުތަކަށް ޖަވާބު ހޯދަން ހިތައް އަރާފައިވެސް ލިލިއަން އަށް ފަސްޖެހެވެނީއެވެ.
އެފަދަ ޚިޔާލުތަކެއްގައި އިނދެގެން ލިލިއަން އޭނާގެ ކެއިން ނިންމާލިއެވެ. ދިޔާން އަދިވެސް ގެއަށް ނާންނާތީ ލިލިއަން ނުތަނަވަސް ވަމުން ދިޔަނަމަވެސް އެކަން މޫނުމަތިން ނުދައްކާ ވޭތޯ ލިލިއަން މަސައްކަތް ކުރިއެވެ.
” ދެން ކޮންކަމެއް ކޮށްލަން ބޭނުންވަނީ.. ގޭގެ އެކި ތަންތަން ބަލާލަން ބޭނުންތަ..؟” ލިލިއަން ކައިނިމުމާއެކު ތައްޔާރަށް ހުރި މީހެއް ފަދައިން ސޯފީ ސުވާލުކުރިއެވެ. ލިލިއަން ފޫހިވިޔަ ނުދީ ބެހެއްޓޭތޯ އޭނާ މަސައްކަތް ކުރަމުން ދާފަދައެވެ. ލިލިއަން އަށްވެސް ސޯފީގެ ޚިޔާލު ކަމުދިޔައެވެ. އޭނާއަށް އަދިވެސް އެބޮޑު މެންޝަނުން ގިނައީ ނުފެނި ހުރި ތަންތަންކަން ޔަޤީނެވެ.
ސޯފީ ޓުއަރ ގައިޑެއްހެން ލިލިއަން އަށް އެގޭގެ ހުރިހާ ތަނެއް ދައްކަމުން ދިޔައެވެ. އެ ގޭގެ ކޮންމެ ތަނެއްވެސް ލިލިއަން އާޝޯޚު ކުރުމުގައި ކާމިޔާބު ހޯދަމުން ދިޔައެވެ. އެ ބޮޑު ގޭގެ ހަތަރު ފާރު ތެރެއިން ފެންނަމުން ދިޔައީ ޚިޔާލު މުއްސަނދި ސިކުނޑިއެއްގެ ފުރިހަމަ ފަރުމާވެރިކަންކަން ގައިމެވެ.
ގޭގައި ހުރި ޖިމާއި ލައިބްރަރީ ދައްކާލުމަށްފަހު ގޭގެ ހާމަ ފެންޑާގައި އޮތް ބޮޑު ސްވިމިންގް ޕޫލްވެސް ސޯފީ ދެއްކިއެވެ. ގޭގެ އެތެރޭގެ ހުރިހާ ތަންތަން ބަލާ ނިމުމާއެކު ސޯފީ ލިލިއަން ގޮވައިގެން ނިކުތީ ގެއިން ބޭރަށެވެ. އެއާއެކު އޭނަަ ކާރުގައި ގެއަށް ވަދެގެން އައި މަގާއި ފެން އަރުވާ ވަޑާން ފެނިގެން ދިޔައެވެ.
ގޭގެ ދެފަރާތުގައި ހައްދާފައި ހުރި މާ ގަސްތަކަށް ލިލިއަންގެ ނަޒަރު ހުއްޓުނެވެ. އެތާނގައި ހައްދާފައިވާ ކޮންމެ ގަހަކީ މީހަކު ވަރަށް ބަލައިގެން ހައްދާފައި ހުރި ގަސްތަކެއްކަން ޔަޤީންވިއެވެ.
ގަސްތަކުގެ ކައިރިން ހިނގަމުން ދިޔަ ލިލިއަންގެ ހިތްފުރެމުން ދިޔަ އިހްސާސެއް ކުރެވުނެވެ. މަލުގެ މީރުވަހާއި އެކުވެގެން ވައިގެ ތެރޭގައި ހިފާފައިވާ ލުއިލުއި ތާޒާވަސް އޭނާއަށް ކަމުދިޔައެވެ. އެ ހިތްހަމަޖެހުމާއެކު ތުންފަތުގައިވީ ލުއި ހިނިތުންވުމާއެކު ލިލިއަން ހިނގަމުން ދިޔައެވެ. ގަސްތަކަށް ބަލަމުން ދިޔަ ލިލިއަންގެ ފިޔަވަޅުތައް ކުއްލިއަކަށް ހުއްޓުނެވެ. ފެހިކަން ގަދަ ގަސްތަކާއި ވަކިން އިން ކުޑަ ހުސްބިމުގައި އެކަނިމައި އެކަނި އިން ކުޑަ ކުޑަ ކުޑަ ގަހަށް ލިލިއަންގެ ނަޒަރު އަމާޒުވިއެވެ. އަނަރޫފަވެފައިވާ އެގަހުގައި އަޅާފައި އިން ލިލީމާ ވަނީ މިލާ މޯޅިވެ ފިޔަތަކުގެ ކުލަ ބަދަލުވެފައެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






