ސައިފްގެ ގޭގެ ގޯތިތެރެއަށް ނައިޝާއާ ސައިފްގެ މަންމަ ވަނެވެ.އޭރު ބޭރު ޖޯލީގައި ސަނާއާ ސައިފް ނައިޝާމެންގެ އިންތިޒާރުގައި ތިއްބެވެ.އެމީހުން އައުމުން އެންމެން އެކުގައި ކާ މޭޒުދޮށަށް ޖަމާވިއެވެ.
ކާ މޭޒުމަތީގައި އެކި ބާވަތުގެ ވަރަށް ގިނަ ކާތަކެތި ތައްޔާރުކޮށްފައިވާ ތަން ނައިޝާއަށް ފެނުނެވެ.އެސުފުރާމަތި ފެނުމުން ކާހިތްނުވެފައިވާ ނައިޝާ ކުޅުދިޔާވިއެވެ.
“އެދުވަހު ނައިޝާ އެންމެން އެއްކޮށްފަ ވާހަކަ ނުދެއްކި ނަމަ އަހަރުމެން އަދިވެސް ތިބޭނީ އެނުލަފާ އަންހެންމީހާގެ ބާރުގެ ދަށުގަ…. މިގެ އަހަރުމެންނަށް މިލިބުނީ ނައިޝާގެ ސަބަބުން… އަހަރެމެން އެކަމާ ވަރަށް ޝުކުރުވެރިވަން” ކާން އިނދެ ސައިފް ބުނެލިއެވެ.
“ޝުކުރުއަދާ ނުކުރޭ އަހަރެން އެކަން ކުރީ އިންސާނިއްޔަތު ކަމަށްޓަކާ” ނައިޝާ އެހެންބުނެލުމާއެކު ކާން އިން މައިދައިތައާ ސައިފްގެ އިތުރުން ސަނާގެ ލޮލަށްވެސް ކަރުނަ ޖަމާވިތަން ނައިޝާއަށް ފެނުނެވެ.
“ކޮބާ ސުހާ މިހާރު؟” ނައިޝާ އަހާލިއެވެ. “އޭނަވީީ އޭނަގެ މައިންބަފައިންގެ ގޭގަ ޒައިކާއެކު… އަހަރެން އޭނަ ވަރިކުރަން ކޯޓަށް މައްސަލަ ލައިފިން….މާދަން ކޯޓަށް ހާޟިރުވާން ޗިޓުވެސް ލިބިފަ އެބައިން” ސައިފް ބުނެލިއެވެ.
********
ކައި ނިމި ސައިފްމެންނަށް ޝުކުރުއަދާ ކުރުމަށް ފަހު ނައިޝާ ގެސްޓް ހައުސާ ދިމާލަށް މިސްރާބު ޖެހިއެވެ.އެވަގުތު ސައިފް އޭނާ ލައިދޭން އައެވެ.
“ކޮބާ ސައިކަލް؟” ސައިކަލުގެ މަތިން ހަނދާންވުމުން ނައިޝާ އަހާލިއެވެ. “ސުހާއަށް ރުފިޔާ ހޯދަދޭން ވިއްކާލީ” ސައިފް ދެރަވެލާފައި ބުންޏެވެ.
އެވަގުތު ސައިފް ކައިރި އަދިވެސް ގެންގުޅެނީ ކުރީގެ އެކައުންޓް ނަންބަރުތޯ އަހާ އެކައުންޓް ނަމްބަރު ދޭން ނައިޝާ ބުނެލިއެވެ.
“އެއީ ކީއްކުރަން؟” އެކައުންޓް ނަމްބަރު ނުދޭންވެގެން ސައިފް އަހާލިއެވެ.ނަމަވެސް ނައިޝާ ކުރުނުކޮށް ކިޔަންފެށުމުން ސައިފް އެކައުންޓް ނަމްބަރު ނައިޝާއަށް ދިނެވެ.
“އިންނާނެ ފަންސަވީސް ހާސް ރުފިޔާ ފޮނުވާފަ…. ސައިފްމެންނަށް ނައި ދޭ ކުޑަ ހަދިޔާއެއް” ނައިޝާ ބުނެލިއެވެ.އެވަގުތު ސައިފްގެ ލޮލަށް ކަރުނަ ޖަމާވިއެވެ. “ނައިޝާ ތީ ހާދަ ރަނގަޅު ކުއްޖެކޭ” ސައިފް ބުނެލިއެވެ.
“އަދި ހަނދާންނެތިފަ މިހުރީ ސައިފްގެ އެންމެ ގާތް ރަހުމަތްތެރިޔާ އާއެކު އެއުޅެނީ ވެސް ސައިފްގެ ރަހުމަތްތެރިއެއް ނޫންތަ؟” ނައިޝާގެ ހިތުގައިވާ ސުވާލު ސައިފާ ކޮށްލިއެވެ.
“އެމީހުންގެ ވާހަކަ ނުދައްކާ…. ހާނިމަކީ އަހަރެންގެ ގާތް ރަހުމަތްތެރިއެއް ނޫން…. އެއީ އަހަރެންގެ ގާތް ކެހިވެރިޔާ” ސައިފް ރުޅިވެރިކަމާއި އެކު ބުނެލިއެވެ.
އެވަގުތު ނައިޝާ މާފަށް އެދުނެވެ. “ނޫން އަހަރެން ނައި ދެކެ ރުޅިއެއް ނާދޭ…. އެމީހުންގެ ނަން އިވުނަސް އަހަރެންނަށް ރުޅި އާދެވެނީ….. މަގުމަތިން އެހާނިމު ފެނުނަސް ހިތަށްއަރާ ގޮތެއް ހަދާލަފާނަމޭ” ސައިފް ބުނެލިއެވެ.
“ނައި ތިދައްކަނީ ގައްސާންގެ ވާހަކަ… އޭނާއަކީ ހާނިމްގެ ރައްޓެއްސެއް…. ހާނިމްގެ ފަރާތުން އަހަންނާ ގައްސާން ރަހުމަތްތެރި ވަނީ….އެކަމް އަސްލު އަހަރެންގެ އެކުވެރިޔަކީ އޭރު ހާނިމް” ސައިފް ނައިޝާއަށް ކިޔައިދިނެވެ.
**********
ގެސްޓް ހައުސްއަށް އާދެވުމުން ސައިފަށް ޝުކުރު އަދާކުރުމަށްފަހު ނައިޝާ ވަންނަން ދިޔައެެވެ.އެވަގުތު ނައިޝާއާ ދިމާލަށް ބަލަހައްޓައިގެން ސައިފް ހުއްޓެވެ.އޭނާ ބަލަންހުރި ގޮތުން ނައިޝާ ކައިރި ކޮންމެވެސް ވާހަކައެއް ބުނަން އުޅޭހެން ނައިޝާއަށް އިހުސާސް ކުރެވުނެވެ.
“ކިހިނެއްވީ؟….ހާދަ ހީވެޔޭ އެއްޗެއް ބުނަން ބޭނުންވެފަ ހުރިހެން” ސައިފް ކައިރިއަށް އައިސް ނައިޝާ ބުނެލިއެވެ.
“އަހަރެން މީ ކިހާ ބަދުނަސީބު މީހެއް…. އަހަރެން އެންމެ ވަފާތެރިވި މީހާ އެންމެ ފަހު ވަގުތު ކެހި އެދިނީ….އެސުހާއަށް ތެދުވެރި ވާންވެގެން އަހަރެން ނައިއާ އިނދެގެން އުޅުނުއިރު ނައި އާ ކައިރިވެސް ނުވީ…އެކަމަކު އޭނަ ބަލާބަ ކަންތައް ކުރިގޮތް…. އަދި އެވެސް އަހަރެންގެ އެންމެ ގާތް އެކުވެރިޔާއާ އެކު” ސައިފް ދެރަވެލާފައި ބުންޏެވެ. ސައިފް ދެރަވެފައިވާ ތަން ފެނި ނައިޝާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ.އެކިގޮތްގޮތުން އޭނާ ސައިފަށް ވިސްނައިދިނީ ކުޑަކުޑަ ޝާނީއާ ދޭތެރޭ ވިސްނާ، ހިތްވަރު ދެރަވެ ހިތާމަނުކުރުމަށް ބުނަމުންނެވެ.
*******
ހެނދުނު އަށެއް ޖެހުމުން ފުރަން ބަނދަރަށް ނައިޝާއާ ފާއިޒް ދިޔައެެވެ.އެވަގުތު ސައިފްގެ އާއިލާގެ އިތުރުން ހަނީފާއްތައާ ރަށުގެ ގިނަމީހުން ނައިޝާމެން ފުރުވަން އައިސް ތިއްބެވެ.
“ދަރިފުޅާ މަންމަމެންނަށް ހިތްހެޔޮކުރާތި” ނައިޝާގެ ގައިގައި ބައްދާލަމުން ސައިފްގެ މަންމަ ބުނެލިއެވެ.ސައިފްގެ މަންމައަށް ބޯޖަހާލާ ސަލާމްކޮށްލުމަށްފަހު ސަނާ ކައިރިއަށް ނައިޝާ ދިޔައެެވެ.
“އަން މީ ދައްތަ ކޮއްކޮއަށް ދޭ ހަދިޔާއެއް” ވޮލެޓް ހުޅުވާލުމަށްފަހު ދެހާސް ރުފިޔާ ނަގާ ސަނާއަށް ދިއްކޮށްލަމުން ނައިޝާ ބުނެލިއެވެ.ސަނާ އެރުފިޔާގައި ހިފުމަށް ފަހު ނައިޝާ ގައިގައި ބައްދާލިއެވެ.
“ދައްތަ މަތިން ވަރަށް ހަނދާންވާނެ” ނައިޝާގެ ގައިގައި ބައްދާލައިގެން ހުރެ ސަނާ ބުނެލިއެވެ.ސަނާގެ ބުރަކަށީގައި ފިރުމާލާ، އޭނައާވެސް ސަލާންކުރުމަށްފަހު ސައިފްގެ ކައިރިއަށް ނައިޝާ ދިޔައެެވެ.އޭރު ޝާނީގެ އަތުގައި ހިފާލައިގެން ސައިފް ހުއްޓެވެ.
ނައިޝާ ދިޔަގޮތަށް ގޮސް ޝާނީ އުރާލުމަށްފަހު އެކުއްޖާގެ ކޮލަށް ބޮހެއް ދިނެވެ. އެވަގުތު ޝާނީ “ނައިޝާ ދައްތާއޭ” ކިޔާފައި ވަރަށް ލޯބިން އޭނާގެ ކަރުގައި ބައްދާލިއެވެ. ޝާނީ ބައްދާލުމުން ނައިޝާއަށް ހިނިތުންވެވުނެވެ.
ބިންމަތީގައި ޝާނީ ބެހެއްޓުމަށްފަހު، ނައިޝާ ސައިފާ ކުރިމަތިލި އެވެ. “ނައި ހިތްހެޔޮކުރާތި” ސަލާމް ކުރަން އަތްދިއްކޮށްލަމުން ސައިފް ބުނެލިއެވެ.ސައިފްގެ އަތުގައި ހިފާ ނައިޝާ ސަލާންކޮށްލީ ބޯޖަހާލަމުންނެވެ.
“ސައިފަށް ނައި ދެކެ ލޯބި ވެވިއްޖެ…ނައި ކައިރި މިރަށުގަ ހުންނާށޭ ބުނަން ވަރަށް ބޭނުންވޭ…. އެކަމަކު ނައި ތީ މިހާރު އެހެންމީހެއްގެ ހައްގެއް…. ނައިގެ ފޯނު ނަންބަރު ވެސް ވަރަށް ބޭނުންވޭ އެކަމް ހިއެއްނުވޭ ނައިގެ ފޯނު ނަންބަރު ވެސް ލިބޭނެހެނެއް” އިސްދަށަށް ޖަހާލަމުން ސައިފް އޭނާގެ ހިތުގައިވާ އުދާސްތައް ބޭރުކޮށްލީ ނުހަނު ދެރަވެލާފައެވެ.
“އާނ…ނައި ދެކެ ލޯބިވާ އަދި ނައިވެސް ވަރަށް ލޯބިވާ މީހަކު އެބަހުރި…. ސައިފަށް ވެސް އަދި ރަނގަޅު މީހެއް ލިބޭނެ އެއީ ނައިގެ އުންމީދަކީ” ނައިޝާ ބުނެލިއެވެ.
“ނުލިބޭނެ…. މީހަކަށް އިތުބާރުކުރަން ދެން ވަރަށް އުދަނގޫވާނެ…. ކޮންމެގޮތެއްވިޔަސް ނައި ބުނިހެން އަހަރެންގެ މިހިރަ ތުއްތު ފުރާނައަށްޓަކައި އަހަރެން ދުނިޔޭގަ އުޅޭނަން” ޝާނީއަށް އިޝާރާތް ކޮށްލަމުން ސައިފް ދެރަވެލާފައި ބުންޏެވެ.
ނައި މަތިން ދެން ސައިފް ހަނދާން ނައްތާލާ…. ދެމީހުންނަށްވެސް ރަނގަޅުވާނީ މިގޮތް….ދެން ސައިފަށް ނައި ފެންނާނެ ހެނެއް ހިއެއްނުވޭ” ދަމުން ނައިޝާ ބުނެލިއެވެ.އެވަގުތު ހިފެހެއްޓުމެއްނެތި ސައިފްގެ ލޮލުން ކަރުނަ އޮހޮރިގެން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





