ސައިފްގެ ގޭގެ ގޯތިތެރެއަށް ނައިޝާއާ ސައިފްގެ މަންމަ ވަނެވެ.އޭރު ބޭރު ޖޯލީގައި ސަނާއާ ސައިފް ނައިޝާމެންގެ އިންތިޒާރުގައި ތިއްބެވެ.އެމީހުން އައުމުން އެންމެން އެކުގައި ކާ މޭޒުދޮށަށް ޖަމާވިއެވެ.
ކާ މޭޒުމަތީގައި އެކި ބާވަތުގެ ވަރަށް ގިނަ ކާތަކެތި ތައްޔާރުކޮށްފައިވާ ތަން ނައިޝާއަށް ފެނުނެވެ. އެސުފުރާމަތި ފެނުމުން ކާހިތްނުވެފައިވާ ނައިޝާ ކުޅުދިޔާވިއެވެ.
“އެދުވަހު ނައިޝާ އެންމެން އެއްކޮށްފަ ވާހަކަ ނުދެއްކި ނަމަ އަހަރުމެން އަދިވެސް ތިބޭނީ އެނުލަފާ އަންހެންމީހާގެ ބާރުގެ ދަށުގަ….މިގެ އަހަރުމެންނަށް މިލިބުނީ ނައިޝާގެ ސަބަބުން….އަހަރެމެން އެކަމާ ވަރަށް ޝުކުރުވެރިވަން” ކާން އިނދެ ސައިފް ބުނެލިއެވެ.
“ޝުކުރުއަދާ ނުކުރޭ އަހަރެން އެކަން ކުރީ އިންސާނިއްޔަތު ކަމަށްޓަކާ” ނައިޝާ އެހެންބުނެލުމާއެކު ކާން އިން މައިދައިތައާ ސައިފްގެ އިތުރުން ސަނާގެ ލޮލަށްވެސް ކަރުނަ ޖަމާވިތަން ނައިޝާއަށް ފެނުނެވެ.
“ކޮބާ ސުހާ މިހާރު؟” ނައިޝާ އަހާލިއެވެ. “އޭނަވީ އޭނަގެ މައިންބަފައިންގެ ގޭގަ ޒައިކާއެކު….އަހަރެން އޭނަ ވަރިކުރަން ކޯޓަށް މައްސަލަ ލައިފިން….މާދަން ކޯޓަށް ހާޟިރުވާން ޗިޓުވެސް ލިބިފަ އެބައިން” ސައިފް ބުނެލިއެވެ.
*********
ކައި ނިމި ސައިފްމެންނަށް ޝުކުރުއަދާ ކުރުމަށް ފަހު ނައިޝާ ގެސްޓް ހައުސާ ދިމާލަށް މިސްރާބު ޖެހިއެވެ. އެވަގުތު ސައިފް އޭނާ ލައިދޭން އައެވެ.
“ކޮބާ ސައިކަލް؟” ސައިކަލުގެ މަތިން ހަނދާންވުމުން ނައިޝާ އަހާލިއެވެ. “ސުހާއަށް ރުފިޔާ ހޯދަން ވިއްކާލީ” ސައިފް ދެރަވެލާފައި ބުނެލިއެވެ.
އެވަގުތު ސައިފް ގާތު އަދިވެސް ގެންގުޅެނީ ކުރީގެ އެކައުންޓް ނަމްބަރުތޯ އަހާ އެކައުންޓް ނަންބަރު ދޭން ނައިޝާ ބުނެލިއެވެ.”އެއީ ކީއްކުރަން؟” އެކައުންޓް ނަމްބަރު ނުދޭންވެގެން ސައިފް އަހާލިއެވެ.ނަމަވެސް ނައިޝާ ކުރުނުކޮށް ކިޔަންފެށުމުން ސައިފް އެކައުންޓް ނަންބަރު ނައިޝާއަށް ދިނެވެ.
“އިންނާނެ ފަންސަވީސް ހާސް ރުފިޔާ ފޮނުވާފަ…އެއީ ސައިފްމެންނަށް ނައި ދޭ ކުޑަ ހަދިޔާއެއް” ނައިޝާ ބުނެލިއެވެ.އެވަގުތު ސައިފްގެ ލޮލަށް ކަރުނަ ޖަމާވިއެވެ. “ނައިޝާ ތީ ހާދަ ރަނގަޅު ކުއްޖެކޭ” ސައިފް ބުނެލިއެވެ.
“އަދި ހަނދާންނެތިފަ މިހުރީ ސައިފްގެ އެންމެ ގާތް ރަހުމަތްތެރިޔާ އާއެކު އެއުޅެނީ ވެސް ސައިފްގެ ރަހުމަތްތެރިއެއް ނޫންތަ؟” ނައިޝާގެ ހިތުގައިވާ ސުވާލު ސައިފާ ކޮށްލިއެވެ.
“އެމީހުންގެ ވާހަކަ ނުދައްކާ…..ހާނިމަކީ އަހަރެންގެ ގާތް ރަހުމަތްތެރިއެއް ނޫން…އެއީ އަހަރެންގެ ގާތް ކެހިވެރިޔާ” ސައިފް ރުޅިވެރިކަމާއި އެކު ބުނެލި އެވެ.
އެވަގުތު ނައިޝާ މާފަށް އެދުނެވެ. “ނޫން އަހަރެން ނައި ދެކެ ރުޅިއެއް ނާދޭ… އެމީހުންގެ ނަން އިވުނަސް އަހަރެންނަށް ރުޅި އާދެވެނީ…. މަގުމަތިން އެހާނިމު ފެނުނަސް ހިތަށްއަރާ ގޮތެއް ހަދާލަފާނަމޭ” ސައިފް ބުނެލިއެވެ.
“ނައި ތިދައްކަނީ ގައްސާންގެ ވާހަކަ…އޭނައަކީ ހާނިމްގެ ރައްޓެއްސެއް…ހާނިމްގެ ފަރާތުން އަހަންނާ ގައްސާން ރަހުމަތްތެރި ވަނީ…އެކަމް އަސްލު އަހަރެންގެ އެކުވެރިޔަކީ އޭރު ހާނިމް” ސައިފް ނައިޝާއަށް ކިޔައިދިނެވެ.
*********
ގެސްޓް ހައުސްއަށް އާދެވުމުން ސައިފަށް ޝުކުރު އަދާކުރުމަށްފަހު ނައިޝާ ވަންނަން ދިޔައެވެ.އެވަގުތު ނައިޝާއާ ދިމާލަށް ބަލަހައްޓައިގެން ސައިފް ހުއްޓެވެ.އޭނާ ބަލަން ހުރިގޮތުން ނައިޝާ ކައިރި ކޮންމެވެސް ވާހަކައެއް ބުނަން އުޅޭހެން ނައިޝާއަށް ހީވެއެވެ.
“ކިހިނެއްވީ؟….ހާދަ ހީވެޔޭ އެއްޗެއް ބުނަން ބޭނުންވެގެން އުޅޭހެން” ސައިފް ކައިރިއަށް އައިސް ނައިޝާ ބުނެލިއެވެ.
“ސައިފް މީ ކިހާ ބަދުނަސީބު މީހެއް….ސައިފް އެމީހަކަށް އެންމެ ވަފާތެރިވި މީހާ އެންމެ ފަހު ވަގުތު ކެހި އެދިނީ… ސުޙާއަށް ތެދުވެރިވާން ވެގެން އަަހަރެން ނައި އާ އިނދެގެން އުޅުނުއިރު ނައި އާ ކައިރިވެސް ނުވީ …..އެކަމް އޭނަ ބަލާބަ ކަންތައް ކުރިގޮތް….އަދިއެވެސް އަހަރެންގެ އެންމެ ގާތް އެކުވެރިޔާއާ އެކު” ސައިފް ދެރަވެލާފައި ބުނެލިއެވެ.ސައިފް ދެރަވެފައިވާ ތަން ފެނި ނައިޝާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ.އެކިގޮތްގޮތުން އޭނާ ސައިފަށް ހިތްވަރު ލައިދިނީ ކުޑަކުޑަ ޝާނީއާ ދޭތެރޭ ވިސްނާ، ހިތްވަރު ދެރަވެ ހިތާމަނުކުރުމަށް ބުނަމުންނެވެ
************
ހެނދުނު އަށެއް ޖެހުމުން ފުރަން ބަނދަރަށް ނައިޝާއާ ފާއިޒް ދިޔައެވެ.އެވަގުުތު ސައިފްގެ އާއިލާގެ އިތުރުން ހަނީފާއްތައާ ރަށުގެ ގިނަމީހުން ނައިޝާމެން ފުރުވަން އައިސް ތިއްބެވެ.
“ދަރިފުޅާ މަންމަމެންނަށް ހިތްހެޔޮކުރާތި” ނައިޝާ ގައިގައި ބައްދާލަމުން ސައިފްގެ މަންމަ ބުނެލިއެވެ. ސައިފްގެ މަންމައަށް ބޯޖަހާލާ ސަލާންކޮށްލުމަށްފަހު ސަނާ ކައިރިއަށް ނައިޝާ ދިޔައެވެ.
“އަން…މީ ދައްތަ ކޮއްކޮއަށްދޭ ހަދިޔާއެއް” ވޮލެޓް ހުޅުވާލުމަށްފަހު ދެހާސް ރުފިޔާ ނަގާ ސަނާއަށް ދިއްކޮށްލަމުން ނައިޝާ ބުނެލިއެވެ. ސަނާ އެރުފިޔާގައި ހިފުމަށްފަހު ނައިޝާ ގައިގައި ބައްދާލިއެވެ.
“ދައްތަ މަތިން ވަރަށް ހަނދާންވާނެ” ނައިޝާ ގައިގައި ބައްދާލައިގެން ހުރެ ސަނާ ބުނެލިއެވެ.ސަނާގެ ބުރަކަށީގައި ފިރުމާލާ، އެނައާވެސް ސަލާމްކުރުމަށްފަހު ސައިފްގެ ކައިރިއަށް ނައިޝާ ދިޔައެވެ.އޭރު ޝާނީގެ އަތުގައި ހިފާލައިގެން ސައިފް ހުއްޓެވެ.
ނައިޝާ ދިޔަގޮތަށްގޮސް ޝާނީ އުރާލުމަށްފަހު އެކުއްޖާގެ ކޮލަށް ބޮހެއް ދިނެވެ.ޝާނީވެސް “ނައިޝާ ދައްތާއޭ” ކިޔާފައި ވަރަށް ލޯބިން އޭނާގެ ކަރުގައި ބައްދާލިއެވެ.ޝާނީ ބައްދާލުމުން ނައިޝާއަށް ހިނިތުންވެވުނެވެ.
ބިންމަތީގައި ޝާނީ ބެހެއްޓުމަށްފަހު، ނައިޝާ ސައިފާ ކުރިމަތިލިއެވެ. “ނައި ހިތްހެޔޮ ކުރާތި” ސަލާމް ކުރަން އަތްދިއްކޮށްލަމުން ސައިފް ބުނެލިއެވެ.ސައިފްގެ އަތުގައި ހިފާ ނައިޝާ ސަލާމްކޮށްލީ ބޯޖަހާލަމުންނެވެ.
“ސައިފަށް ނައި ދެކެ ލޯބިވެވިއްޖެ…ނައި ކައިރި މިރަށުގަ ހުންނާށޭ ބުނަންވެސް ވަރަށް ބޭނުންވޭ…އެކަމް ނައި ތީ މިހާރު އެހެންމީހެއްގެ ހައްގެށް….ނައިގެ ފޯނު ނަންބަރު ވެސް ވަރަށް ބޭނުންވޭ އެކަމް ހިއެއްނުވޭ ފޯނު ނަންބަރުވެސް ލިބޭނެހެނެއް” އިސްދަށަށް ޖަހާލަމުން ސައިފް އޭނާގެ ހިތުގައިވާ އުދާސްތައް ބޭރުކޮށްލީ ނުހަނު ދެރަވެލާފައެވެ
“އާނ….ނައި ދެކެ ވަރަށް ލޯބިވާ އަދި ނައިވެސް ވަރަށް ލޯބިވާ މީހަކު އެބަހުރި…ސައިފަށްވެސް އަދި ރަނގަޅުމީހެއް ލިބޭނެ އެއީ ނައިގެ އުންމީދަކީ” ނައިޝާ ބުނެލިއެވެ
“ނުލިބޭނެ…މީހަކަށް ދެން އިތުބާރުކުރަން ވަރަށް އުދަނގޫވާނެ….ކޮންމެ ގޮތެއްވިޔަސް ނައި ބުނިހެން އަހަރެންގެ މިހިރަ ތުއްތު ފުރާނައަށްޓަކާ އަހަރެން ދުނިޔޭގަ އުޅޭނަން” ޝާނީއަށް އިޝާރާތް ކޮށްލަމުން ސައިފް ދެރަވެލާފައި ބުންޏެވެ.
“ނައި މަތިން ސައިފް ދެން ހަނދާން ނައްތާލާ…ދެމީހުންނަށްވެސް ރަނގަޅުވާނީވެސް މިގޮތް….ދެން ސައިފަށް ނައި ފެންނާނެ ހެނެއް ހިޔެއްނުވޭ” ދަމުން ނައިޝާ ބުނެލިއެވެ.އެވަގުތު ސައިފްގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް ރޮނގު ރޮނގަށް ފައިބަމުން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





