ނައިޝާގެ ފޯނަށް ކުއްލިއަކަށް އައްކިޔުންގެ މެސެޖުތަކާ ކޯލުތައް އައިގޮތަކާ، އޭނާ އައްކިޔުންނަށް ކޮށްފައިވާ މެސެޖުތަކާ ކޯލުތައް ފޯނުގައި ފެންނަން ނެތުމުން ނައިޝާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.އޭނާއަށް ވަނީ ވަރަށް ބޮޑު ހައިރާންކަމެއް ލިބިފައެވެ.
“މީ ކޯއްޗިއްސެއް؟…..މިހިރީ އަހަރެން ފޮނުވާފަ ހުރި މެސެޖުތައްވެސް ބަލާފަ” އައްކިޔުން ވަރަށް ބޮޑަށް ނުރުހުންވެ ހުރެ ބުނެލިއެވެ.
އައްކިޔުންނަށް ދޭނެ ޖަވާބެއް ނައިޝާގެ ދުލު ކުރިއަށް ނައުމުން، އައްކިޔުންނާ ދިމާލަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނެވެ.
“ބުނާނެ އެއްޗެއް ނޭނގުނުދޯ؟” ނައިޝާގެ އަތަށް ފޯނުލަމުން އައްކިޔުން ބުނެލިއެވެ.އޭރު އައްކިޔުންގެ ދެލޮލުން ވަނީ ފެން އައިސް ރަތްވެފައެވެ.އޭނާ ވަނީ ވަރަށް ބޮޑަށް ދެރަވެފަ އެވެ.ނަމަވެސް ނައިޝާގެ ކުރިމަތީގައި އެހިތާމަ ދައްކަން އައްކިޔުން ބޭނުމެއް ނޫނެވެ.އެހެންކަމުން އައްކިޔުން ދެރަވާ ވަރަކަށް އޭނާގެ ރުޅިގަނޑު ދިޔައީ ނައިޝާގެ ކުރިމަތީގައި ގަދަވަމުންނެވެ.
***********
ނައިޝާގެ ކުށެއްނެތްކަން އައްކިޔުންނަށް ސާބިތުކޮށްދޭން ކިތަންމެހާވެސް ނައިޝާ ބޭނުމެވެ.އައްކިޔުންނަށް ކުރެވިގެން އުޅެނީ ކުށްހީއެއްކަންވެސް ބުނެދޭން ނައިޝާ ބޭނުންވެއެވެ.އެހެންނަމަވެސް އެކަން ސާބިތުކޮށްދޭނެގޮތެއް އޭނާއަކަށް ނެތެވެ.ހަމައެކަނި އޮތީ ދުލުން ބުނެލާ ބަހެވެ.އެހެންނަމަވެސް އޭނާއާ ދެކޮޅަށް ހުރިހާ ހެއްކެއްް އޮތުމުން ކުޑަކުއްޖަކުވެސް އޭނާ ދައްކާ ވާހަކަ ގަބޫލުނުކުރާނެކަން ޚުދު ނައިޝާވެސް ގަބޫލުކުރެއެވެ.އައްކިޔުންނަށް ދޭނެ ޖަވާބެއް އޭނާގެ ސިކުނޑިއަށް ނައުމުން ނައިޝާ މުޅިން ގޮތްހުސްވެ މާޔޫސްވިއެވެ.
އައްކި ހަމައަސްލަށްވެސް…” ވަގުތުކޮޅަކު ހިމޭނުން ހުރެލުމަށްފަހު، ނައިޝާ އޭނާގެ ދިފާއުގައި އެއްޗެއް ބުނަން މަސައްކަތްކޮށްލިއެވެ.
ނަމަވެސް ނައިޝާގެ ޖުމުލަ ފުރިހަމަ ނުވަނީސް އައްކިޔުން އޭނާ ހުއްޓުވިއެވެ. “ދެން އިތުރަށް ދޮގުހަދަން ނޫޅޭ….ކުރިމަތިން ހެކި ފެންނަން އޮއްވާ ނޭނގެޔޭ އަނެކައްޗެކޭ ބުންޏަސް މޮޔައެއްވެސް ގަބޫލެއް ނުކުރާނެ” އިހުނަށްވުރެ އައްކިޔުންގެ ރުޅިގަދަވިއެވެ.އޭނާގެ އަޑުވެސް ދިޔައީ ގަދަވެގެންނެވެ.
“އަހަރެން ނައިޝާ ފުރުވަންދިޔަ ދުވަހު ބުނި ހަނދާންވޭ ކޮންމެތާކު ހުއްޓަސް ނައިޝާދެކެ ވަރަށް ލޯބިވާ މީހަކުވާކަން ހަނދާންކުރައްޗޭ…..އެކަމަކު އަހަންނަށް ހީވަނީ ނައިޝާ އެހަނދާނެއް ނެތްހެން” އައްކިޔުން އަސަރުން ފުރިގެންވާ ރާގަކަށް ބުނެލިއެވެ.
“އަަހަންނަށް ހީވަނީ އަހަރެންގެ ނަންބަރު ނައިޝާ ބުލޮކް ކޮށްލީހެން….އަހަރެން އެހެން މީހުންގެ ނަންބަރުތަކުންވެސް ގުޅިން….އަހަރެން ގުޅާފާނެތި ނުދަންނަ ނަންބަރުތައްވެސް ބުލޮކް ލިސްޓަށް ލީކަންނޭނގެ” އަނެއްކާވެސް އައްކިޔުން ބުނެލިއެވެ.
***********
ނައިޝާގެ ބޮލުގައި އެތައް އިލްޒާމްތަކެއް އެޅެމުންދިޔައިރުވެސް ގަނބުވެފައި އޭނާއަށް ހުރެވުނެވެ.އޭނާގެ ބޮލުތެރޭގައި އެނބުރެމުންދަނީ އައްކިޔުންނަށް ކަންތައްތައް އެނގުނުގޮތަކާއި އޭނާގެ ފޯނަށްވެފައިވާ ގޮތެކެވެ.
***********
އައްކިޔުންނާ ނައިޝާއާ ދެމީހުން ވާހަކަދައްކަން ތިބިތަން ބަލަން، ދުރުގައި ލެޔާލް ހުއްޓެވެ.އޭނާގެ ތުންފަތްމަތީގައި ވަނީ ވިހަ ހިނިތުންވުމެކެވެ.ކުޑަވަގުތުކޮޅަކު ހުރެލުމަށްފަހު އައްކިޔުންމެންނާ ދިމާލަށް ލެޔާލް މިސްރާބު ޖެހިއެވެ.
“އަހަރެން މިހުރިހާ ދުވަހަކު ތި ފޮޓޯތައް ހިފައިގެން އުޅުނީ ކޮންމެވެސް ދުވަހަކުން ނައިޝާއާ ބައްދަލުވެ އަހަރެންގެ ހިތުގަވާ ސުވާލުތައް ކުރަން…އަހަންނަށް މިއަދު އެސުވާލުތަކުގެ ޖަވާބުވެސް ލިބިއްްޖެ….ދެން އަހަރެން ހޯދަން ނޫޅޭތި” ފަހު ފަަހަރަށް އައްކިޔުން ބުނެލިއެވެ.
އައްކިޔުން އެހެންްބުނުމުން އިސްދަށަށް ޖަހައިގެން ހުރި ނައިޝާ ކުއްލިއަކަށް އައްކިޔުންނާ ދިމާލަށް ބަލައިލިއެވެ.
ނައިޝާގެ ކުރިމަތީގައި ރުޅިއައިސްފައި އައްކިޔުން އެހެން ބުނެލި ނަމަވެސް އޭނާގެ އެތެރެހަށީގައި ވަނީ ވޭނީ ހިތާމައެވެ.
އައްކިޔުންނާ ދިމާލަށް ކޮންމެވެސް އެއްޗެއް ބުނަން ނައިޝާ އަނގަހުޅުވާލި ވަގުތު، ފުރަގަހުން ލެޔާލް އައިސް އައްކިޔުންގެ ނަމުން ގޮވާލިއެވެ.
ލެޔާލް ގޮވާލުމުން އައްކިޔުންނާ ނައިޝާއާ ދެމީހުން އެއްފަހަރާ ލެޔާލާ ދިމާލަށް ބަލައިލެވުނެވެ.ލެޔާލް ފެނުމާއެކު އައްކިޔުން ސިހިގެންގޮސް ކައިރީގައި ހުރި ނައިޝާއަށް ބަލައިލިއެވެ.އެވަގުތު ލެޔާލަށް ބަލައިލުމަށްފަހު އައްކިޔުންނަށް ނައިޝާ ބަލައިލީ ވާނުވާ ނޭނގޭ ހާލުގައެވެ.
ލެޔާލް ފެނުމުން އޭނާ ކޮންމެވެސް ތަނަކުން ފެނުނު ހަނދާނެއް ނައިޝާވިއެވެ.ނަމަވެސް ފެނުނީ ސީދާ ކޮންތަނަކުން ކަމެއް ނައިޝާގެ ހަނދާނަކަށް ނައެވެ.
ލެޔާލާ ދިމާލަށް ނައިޝާ ބަލައިލުމުން އޭނާއަށް ލެޔާލް ފެންނަކަން އައްކިޔުންނަށް އެނގުނެވެ.
“އައްކި ކީއްތަ ތިކުރަނީ؟” އައްކިޔުން ބަލައިލުމުން ލެޔާލް ހިތްހަމަ ނުޖެހި ހުރެ ބުނެލީ ނައިޝާއަށް ބަލަހައްޓައިގެން ހުރެއެވެ.
ލެޔާލްގެ އެސުވާލުން ނައިޝާ ހައިރާންވިއެވެ.އޭނާ ސުވާލު ކުރިގޮތުން އެއީ އައްކިޔުންނާ ގާތްމީހެއްކަން ނައިޝާއަށް ދޭހަވިއެވެ.
“އައްކި މީ ކާކު؟” ހައިރާންވެ ހުރެ ނައިޝާ މަޑުމަޑުން އައްކިޔުންނަށް ބުނެލިއެެވެ. “އަސްލުގަ ތީ އަހަރެން އަހަން ޖެހޭ ސުވާލެއް ތީކާކުތޯ…..އަހަންނަކީ އައްކިގެ ގާލްފުރެންޑް…..އައްކިއަކިީ އަހަރެންގެ ލޯބިވެރިޔާ” އައްކިޔުންނަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ލެޔާލް ނައިޝާއަށް ބުނެލިއެވެ.
ލެޔާލްގެ އެޖުމުލައިން ނައިޝާއަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ކެނޑުނުހެނެވެ.ނައިޝާއަށް ބުނާނެ އެއްޗެއް ނޭނގިގެން އައްކިޔުންމެންނާ ދިމާލަށް ބަލަން ހުރެވުނެވެ.
“ހިނގާ ދާން” ލެޔާލްގެ އަތުގައި ހިފާލަމުން އަވަހަށް އައްކިޔުން ބުނެލިއެވެ.ލެޔާލްގެ އަތުގައި ހިފައިގެން އެތަނުންދާން އައްކިޔުން ހިނގައިގަތީ ލެޔާލް ނައިޝާއަށް ގޯނާއެއް ކޮށްފާނެތީއެވެ.އޭރު އައްކިޔުންގެ ހިތް ގަދައަށް ތެޅެމުން ދިޔައެވެ.ނައިޝާގެ ކުރިމަތީގައި ލެޔާލްގެ އަތުގައި ހިފަންޖެހުމުން އައްކިޔުންގެ ހިތަށް ވަރަށް އަސަރުވެސް ކުރިއެވެ.
*************
ނައިޝާ ބަލަންހުއްޓާ އައްކިޔުން ލެޔާލްގެ އަތުގައި ހިފާލުމުން ނައިޝާގެ ހިތުގައި ވޭނީ ރިހުމެއް ރިހެލިއެވެ.ފެންނަމުންދާ ހިތާމަވެރި އަދި އަޖާއިބުކުރުވަނިވި ކަންތަކުން ކަރުނައަޅަން ވެސް ނޭނގިފައި ނައިޝާއަށް ހުރެވުނެވެ.ވަގުތުކޮޅަކަށް ނައިޝާގެ ހުރިހާ ހިއްސެއް ހުއްޓުނު ފަދައެވެ.ލޯމަތިން ފެންނަމުންދާ މަންޒަރު އޭނާއަށް ގަބޫލުނުކުރެވޭ ހާލު އައްކިޔުންމެނާ ދިމާލަށް ބަލަން، ހުރި ފިޔަވަޅުމަތީގައި ނައިޝާއަށް ހުރެވުނެވެ.
*************
ލެޔާލްގެ އަތުގައި ހިފައިގެން ބާރު ހިނގުމުގައި ދިޔަ އައްކިޔުންނަށް މީހުން މަދު ހިސާބަކަށް ދެވުމުން ލެޔާލްގެ އަތުން ދޫކޮށްލިއެވެ.އަދި އެތެރެހަށީގައި ހިފަހައްޓައިގެން ހުރި ހުރިހާ އިހުސާސްތަކެއް ކަރުނައިގެ ސިފައިގައި ބަންޑުން ކޮށްލިއެވެ.ބޮލުގައި އަތް އަޅައިގެން އިނދެ އަޑުން އަޑުނަގާ އައްކިޔުން ރޮމުންދިޔައެވެ.
އެތައް ދުވަހެއް ފަހުން ނައިޝާއާ ބައްދަލުވެ ނައިޝާގެ ފުށުން އައްކިޔުންނަށް ހަގީގަތް ސާފުވުމުން އޭނާ ވަރަށް ދެރަވިއެެވެ.އައްކިޔުންގެ ބައްޕަގެ ބަހާއި ދެކޮޅުވެ، އައްކިޔުން އެންމެ ލޯބިވި މީހާއަށް އޭނާ ކުރި އިތުބާރުގެ ނަތީޖާ ހިތިވުމުން ހިތަށް އަސަރުކުރާ ހާލުގައެވެ.
****************
އައްކިޔުންމެން ލޮލުގެ ކޮޅަށް އޮބާލުމުންވެސް އެތަނުންދާން ނޭނގިފައި ނައިޝާއަށް ހުރެވުނެވެ.ބީޗުތެރޭގައި ދުވަމުން އައި ކުޑަކުއްޖަކު ނައިޝާގެ ގައިގައި ޖެހުމުން ގަނބުވެފައި ހުރި ނައިޝާ ސިއްސައިގެން ގޮސް އެތަނުންދާން ހިނގައިގަންނަން އުޅުނެވެ.
ނެގި ފުރަތަމަ ފިޔަވަޅާއެކު ނައިޝާއަށް ހީވީ މުޅިތަން އެނބުރުނުހެންނެވެ.ވެއްޓެންދިޔަ ނައިޝާއަށް ކައިރީގައި ހުރި ގަހުގެ ގޮނފިގަނޑުގައި ހިފާ ބާރުކޮށްލެވުނެވެ.އަދި ތަންތަނުގައި އަތް ހާކަމުން މަޑުމަޑުން ބީޗުން ނިކުންނަން ދިޔައެވެ.
*************
ނައިޝާއަށް އަދިވެސް ހުރެވުނީ ދާދި ދެންމެއަކުވީ ކަންތައްތަކުގެ ސަބަބުން ލިބުނު ޝޮކުގެ މަތީގައެވެ.ޖަވާބު ބޭނުންވާ އެތައްހާސް ސުވާލުތަކެއް އޭނާގެ ބޮލުތެރޭގައި އެނބުރެމުން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





