ދުވެފައި އައި ނައިޝާ އައްކިޔުންގެ ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ. “އޯހް….ހާދަވަރަކަށް އައްކި ހޯދައިފީމޭ” އައްކިޔުންގެ ގައިގައި ބައްދާލަމުން، ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލާފައި ނައިޝާ ބުނެލިއެވެ.ނައިޝާ ބައްދާލިއިރުވެސް އޭނާ ގައިގައި ބައްދާލުމެއްނެތި، ހުރިގޮތަށް ގުނޑިނުލާ އައްކިޔުން ހުރީ އަނގައިން ބަހެއްވެސް ބުނެނުލައެވެ.
“ހާދަ މިސްވިޔޭ އައްކި މަތިން” އައްކިޔުންގެ ކޮނޑުގައި ހިފާ ބާރުކޮށްލަމުން ނައިޝާ އިތުރަށް ބުނެލިއެވެ.ކުޑަ ވަގުތުކޮޅަކަށް ހަރަކާތް ހުއްޓިފައި ހުރި އައްކިޔުން، އޭނާގެ ގައިން ނައިޝާ ދުރުކޮށްލިއެވެ.އެވަގުތު އައްކިޔުންނާ ދިމާލަށް ނައިޝާ ބަލައިލިއެވެ.އައްކިޔުންގެ މޫނުމަތިން ފެންނަނީ ސީރިއަސްކަމެވެ.އެމޫނުމަތީގައި އެއްވެސް އުފާވެރިކަމެއް ނެތެވެ.
“ހުޅުމާލެއަށް އައިތާ ފަސްދުވަސްމިވީ… އެފަސްދުވަހު ވަރަށް ހިނގިއްޖެ އައްކި ހޯދަން” އައްކިޔުންނާ ދިމާލަށް ކުޑަ ވަގުތުކޮޅަކު ބަލަން ހުރެލުމަށްފަހު، ނައިޝާ ބުނެލީ ހިނިތުންވެ ހުރެއެވެ.
ނައިޝާއަށް ބަލަންހުރި އައްކިޔުންނަށް ނައިޝާގެ މޫނުމަތިން ހިތާމަވެރިކަމެއް ނުފެނުނެވެ.އެއާ ޚިލާފަށް އައްކިޔުންނަށް ފެނުނީ ނައިޝާގެ އުފާވެރި މޫނެވެ.ނައިޝާގެ މަތިންފެށިގެން ތިރިއަށް ބަލައިލި އައްކިޔުންނަށް، ނައިޝާގެ އަތްދަބަހުގައި އެލުވާލައިފައިވާ ކުޑަ ރާބަނދި ފެނުނެވެ.ރާބަނދި ފެނުމާއެކު އެއީ ސައިފް ދިން ރާބަނދިކަން އައްކިޔުންނަށް ވަގުތުން އެނގުނެވެ.އެވަގުތު އޭނާގެ ހިތުގައި ކޫރުމެއް އެޅުނުފަދައެވެ.
“އައްކި ފޯނު ހަލާކުވީތަ؟ ހާދަވަރަކަށް ގުޅިއްޖޭ…..ޚިދުމަތް ކަނޑާލައިފަ އޮންނަކަމަށް ބުނަނީ” އައްކިޔުންގެ އަތުގައި ހިފާލަން އުޅެމުން ނައިޝާ ބުނެލީ އައްކިޔުން ބަހެއް ނުބުނެ ނައިޝާއަށް ބަލަންހުރުމުންނެވެ.
އައްކިޔުންގެ އަތުގައި ނައިޝާ ހިފަން އުޅުމުން ކުއްލިއަކަށް އައްކިޔުން ފަހަތަށް ޖެހިލުމަށްފަހު، ދެއަތް އުފުލާލީ ގައިގައި އަތް ނުލާށޭ ބުނާފަދަ ގޮތަކަށެވެ.އައްކިޔުންގެ އެއަމަލުން ނައިޝާ ވަރަށް ހައިރާންވިއެވެ. “އައްކި؟” ހައިރާންވެ ހުރެ ނައިޝާ ގޮވާލީ، އަނެއްކާވެސް އައްކިޔުންގެ އަތުގައި ހިފަން ކުރިއަށް ފިޔަވަޅެއް އަޅާލަމުންނެވެ.މިފަހަރުވެސް އައްްކިޔުން ފަހަތަށް ޖެހިލިއެވެ.
“ކިހިނެއްވީ ވާވަރު ވީމަތަ ތިއައީ؟” ފަހަތަށް ފިޔަވަޅު އަޅާލުމަށްފަހު އައްކިޔުން އަހާލިއެވެ.އައްކިޔުން އަހާލި ގޮތުން ހިނިތުންވެލައިގެން ހުރި ނައިޝާގެ މޫނުމަތިން ކުއްލިއަކަށް ހިނިތުންވުން ކެނޑިގެންދިޔައެވެ.
“އައްކި އޯކޭތަ؟” އައްކިޔުންގެ ފަރާތުން ތަފާތުކަމެއް ފާހަގަވާތީ ނައިޝާއަށް އަހާލެވުނެވެ. “އަދިވެސް އަހަރެން އޯކޭތޯ ތަ އަހަނީ؟…އަދި ކިރިޔާތަ އަހަރެން މަތިން ހަނދާންވީ؟….އަދި ކިރިޔާތަ އަހަރެންމީ ހުރި މީހެއްކަންވެސް އެނގުނީ؟” ނައިޝާއާ ދިމާލަށް އެއްޗެކޭ ނުބުނަން ވަރަށް ކެތްްކޮށްގެން ހުރި އައްކިޔުން އެންމެފަހުން އެއްނޭވާއިން ބުނެލިއެވެ.
އައްކިޔުން ވާހަކަ ދެއްކި ގޮތުން އޭނާ ވަރަށް ބޮޑަށް ކަމަކާ ހިތްހަމަ ނުޖެހިފައިވާކަން ނައިޝާއަށް އެނގުނެވެ.ދުވަހަކުވެސް ވާހަކަ ދައްކާފައި ނުވާ ގޮތަކަށް މިއަދު ނައިޝާއާ އޭނާ ވާހަކަދައްކަމުން ދިޔައެެވެ. “އަހަރެން ހިއެއް ނުކުރަން ނައިޝާ އަހަންނަށް ދޮގު ހަދާފާނެ ކަމަކަށް” އައްކިޔުން ބުނެލިއެވެ.
އައްކިޔުން ބުނަންއުޅެނީ ކީކޭ ކަމެއް ނޭނގޭ ހާލު އޭނާއާ ދިމާލަށް ބަލަހައްޓައިގެން ނައިޝާއަށް ހުރެވުނެވެ. “އައްކި ކީކޭތަ ތިކިޔަނީ؟….އައްކިއަށް ކިހިނެއްްވެފަތަ ތިހުރީ؟…ނައި ކޮން ދޮގެއްތަ ހެދީ؟” އައްކިޔުންގެ އަމަލާމެދު ހައިރާންވެހުރެ ނައިޝާ އަހާލިއެވެ.
“އަދިވެސް އަހަންނަށްތަ ކަމެއްވެގެން މިއުޅެނީ؟…..އަހަރެން ހިއެއްނުކުރަން ހުރަޔަށް އެއް ހަފްތާއަށޭ ކިޔާ ދޮގުހަދާފަ ސައިފްގެ ރަށަށް ނައިޝާ ގޮސްދާނެ ކަމަކަށް” އައްކިޔުން ބުނެލިއެވެ.އައްކިޔުން އެހެންބުނުމާއެކު ކުއްލިއަކަށް ނައިޝާގެ ދެލޯ ބޮޑުވެގެންދިޔައެވެ. “އައްކިއަށް ކިހިނެއް އެނގުނީ ނައި ދިޔައީ ސައިފްގެ ރަށަށް ކަމެެއް؟” ނައިޝާ ހައިރާންކަމާއެކު އަހާލިއެވެ.
“އަދިވެސް އަހަންނަށް އެނގުނުގޮތެއްތަ ބަލަނީ؟….ހައިރާންވެއްޖެދޯ؟…އަހަރެން ހިއެއް ނުކުރަން ނައިޝާ….” އައްކިޔުންނަށް ރޮވެން އުޅެންފެށުމުން މޫނު އަނެއް ފަރާތަށް އަނބުރާލީ ނައިޝާގެ ކުރިމަތީގައި ރޯން ބޭނުން ނުވާތީއެވެ.
“ނައި އަކަށްވެސް ނޭނގެ އެރަށަށް ކަމެއްދަނީ….ލޯންޗު ދުއްވާލި ފަހުން ނައިއަށް ވެސް އެނގުނީ….އެހެންނޫނަސް ނައި އެރަށަށް އެއްގޮތަކަށް ވެސް ދާހިތެއް ނުވޭ އެރަ….” ނައިޝާ ބުނަންއުޅުނު ނަމަވެސް އައްކިޔުން އޭނާގެ ވާހަކަ ކުރިމަރާލިއެވެ.
“މީތި ބަލައިލީމަ އިނގޭނެ އެރަށަށް ދިޔައީ ދާހިތްނުވެގެންކަމާ ނައިޝާ ގައިގަ ހުރި ވަފާތެރިކަންވެސް” އެހެންބުނެ ޖީބުން ފޮޓޯތައް އަޅާފައިވާ ސިޓީއުރަ ނެގުމަށްފަހު ނައިޝާގެ ފައިބުޑަށް އައްކިޔުން އެއްލާލިއެވެ.
“މީ ކޯއްޗެއް؟” ވާނުވާ ނޭނގޭ ހާލު ވެއްޓިފައިވާ ސިޓީއުރަ ނަަގަމުން ނައިޝާ އަހާލިއެވެ.އަދި އައްކިޔުންނާ ދިމާލަށް ބަލައިލުމަށްފަހު، އެސިޓީއުރަ ކަނޑާލީ އައްކިޔުންގެ ފަރާތުން ޖަވާބެއް ނުލިބުމުންނެވެ.
ސިޓީ އުރަ ހުޅުވާލި ނައިޝާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ.އަދި އަވަސް އަވަހަށް ފަހަރަކު ފޮޓޯއެއް ބަލަމުން ނައިޝާ ދިޔައީ ހައިރާންވެ ހުރެެއެވެ.”މީ….ކި ކި ކިހިނެއް އައް އައް އައްކި” އަޅަ އަޅައިގަންނަމުން ނައިޝާ ބުނަން އުޅުނެެވެ.
“ހީނުކުރާާތި ނައިޝާ ކޮށްފައިވާ ކަންތައްތައް އަހަންނަށް ނޭނގެޔޭ” އައްކިޔުން ބުނެލިއެވެ.
ސައިފާ ވާހަކަދައްކަން ހުރިއިރު އެތާ ތިންވަނަ އެއްވެސް މީހަކު ނުހުންނާނެ ކަމުގެ ޔަގީންކަން ނައިޝާގެ އޮތެވެ.ވީއިރު އެފޮޓޯތައް ނެގީ ކާކު ކިހިނެއްކަމެއް ނައިޝާގެ ސިކުނޑިއަކަށް ނުވިސްނުނެވެ.އޭނާއަށް ލިބިގެންދިޔައީ ހީނުކުރާހާ ބޮޑު ހައިރާންކަމެކެވެ.
“އައްކި ޕްލީސް މީ ހަގީގަތެއް ނޫން..މި ގަބޫލުނުކުރެވޭ” ނައިޝާ ކަންބޮޑުވެހުރެ އާދޭހުގެ ރާގަކަށް ބުނެލިއެވެ. “އަހަރެން ކިހިނެއް ގަބޫލުނުކުރާނީ…ނައިޝާ އާ ދެކޮޅަށް އަހަންނަށް ހެކި ލިބިފަ އޮއްވާ…..ނައި ދައްކަފާނަންތަ އައްކިއަށް ގަބޫލުކުރެވޭނެ ފަދަ ހަމައެންްމެ ހެއްކެއްް ވެސް ނައި އާ އެއްކޮޅަށް” އާދޭހުގެ ރާގަކަށް އައްކިޔުން އެހެންބުނެލި އިރު އޭނާގެ އަޑުގައި ތުރުތުރު ލުމެއް އުފެދިފައިވެއެވެ.ނައިޝާގެ ވާހަކަ ގަބޫލުކުރަން އައްކިޔުން ކިތަންމެހާވެސް ބޭނުމެވެ.ނަމަވެސް ލޯމަތިން ފެންނަން ހުރި ހެކިތަކުން ނައިޝާގެ ބަސް ގަބޫލުކުރަން އައްކިޔުންނަށް ދަތިވިއެވެ.
“އައްކިއަށް ނައި ގުޅިވަރާ ނައި އައްކިއަށް ކޮށްފަހުރި ހުރި މެސެޖުތައްވެސް ދައްކަފާނަން….އެރަށަށް ދާން ލޯންޗަށް އެރީއްސުރެ ނައި ދިޔައީ އައްކިއަށް ގުޅަމުން….ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ނައި ގުޅަން އައްކިއަށް” އެހެންްބުނެ ދަބަސް ހާވާލުމަށްފަހު އޭގެތެރޭގައިވާ ފޯނު ނައިޝާ ނެގިއެވެ.
******
ފޯނު ނަގައި ހުޅުވާލި ނައިޝާއަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ.ކޯލް ބަޔާ މެސެޖް ބައިގައި އޭނަ އައްކިޔުންނަށް ފޮނުވާފައިވާ އެންމެ މެސެޖެއްވެސް ނެތް ތާނގައި ކޯލެއްހާ ހިސާބުވެސް ފެންނާކަށް ނެތެވެ.ނަމަވެސް އައްކިޔުން ފުލުފުލުން ނައިޝާއަށް ކޮށްފައިވާ މެސެޖުތަކާ ކޯލުތައް ފެންނަން ހުއްޓެވެ.އައްކިޔުންނަށް ހެކި ދައްކަން ފޯނު ހާވާލި ނައިޝާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.އެވަގުތު އައްކިޔުން ނައިޝާގެ ފޯނު އަތުލިއެވެ.
“ނައިއަށް ހަމަ އަސްލަށް ވެސް އައްކިގެ އެންމެ ކޯލެއްވެސް އެންމެ މެސެޖެއްވެސް ނުލިބޭ…މިއަދުވެސް ފޯނުބެލިއިރަކު ނެތް ތިއެއްޗިއްސެއް” އައްކިޔުންނަށް ނައިޝާ ބުނެލީ ނުހަނު ބޮޑަށް ހައިރާންވެ ހުރެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.






Please upload soon ?
yes i will dear and thanks for you support <3