ރައްޓެހިވިތާ ހަފްތާއެއް ނުވަނީސް ލެޔާލްގެ ފަރާތުން ޝަކުވާތައް އަޑުއަހަން ޖެހުމުން އައްކިޔުން ހިތްހަމަ ނުޖެހެން ފެށިއެވެ.އޭނާ ހިތާހިތުން ލެޔާލަށް އެއްޗެހިކީ ނަމަވެސް، ލެޔާލްގެ ކުރިމަތީގައި އެއްޗެއް ނުބުނަން ކެތްކޮށްލައިގެން އިނެވެ.
“އައްކިވެސް މިކަމަށް ހިތްވަރެއް ލާބަލަ….އައްކިއާ ހެދި ނޫޅޭ މީހަކާ ހެދި ހިތާމަ ކުރަމުންދާއިރު، އައްކިއަށްޓަކާ ގުރުބާންވާން ތައްޔާރަށް ތިބި މީހުންނާ ދުރަށް ތިދެވެނީ” އައްކިޔުން އެއްޗެކޭ ނުބުނެ އިނުމުން ލެޔާލް ބުނެލިއެވެ.ލެޔާލްގެ އެބުނެލުމުން އައްކިޔުންގެ ކެތްތެރިކަން ކޮޅުންލިއެވެ.
“ލެޔާލް ހީކުރަނީ މީ ވަރަށް ފަސޭހަކަމެއް ކަމަށްތަ؟….މީ އަހަރެން ގަސްތުގަ ކުރާ ކަމެއް ނޫނޭ… އަހަރެންވެސް ބޭނުމޭ ނޯމަލް ލައިފަށް ރުޖޫޢަވާން….ވިހުރިހާ ކަމެއް ހަނދާން ނައްތާލާފަ….އެހެންނޫނަސް ލެޔާލްގެ ބަހާއި ޢަމަލާ ދިމަލެއް ނުވޭ ކަންނޭނގެ މިހާރު…..ކުރިން ލެޔާލް ބުނި ހަނދާންވޭ އަހަރެން ހަމައަކަށް އެޅެންދެން މަޑުކުރާނަމޭ…ކިތަންމެ ވަގުތެއްވެސް ނަގަންވީއޭ” ހިތްހަމަނުޖެހިފައި އެންމެފަހުން އައްކިޔުން ބުނެލިއެވެ.
“ރަނގަޅޭ އަހަރެން ބުނީމޭ….އެކަމް އަހަންނަށްވެސް ކެތްވާނީ ވަކި ވަރަކަށް….ދެން އޯކޭ އައްކި ބޭނުންވަރަކަށް ވަގުތުނަގާ ލެޔާލް ދެން ގޮސްލީ” ވެލިގަނޑުމަތިން ތެދުވަމުން ލެޔާލް ބުނެލިއެވެ.ބީޗުން ނިކުމެގެންދިޔަ ލެޔާލްވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެެވެ.
***********
ޖެހިގެން އައި ދުވަހުވެސް އައްކިޔުން ބީޗަށް ނިކުމެލިއެވެ.އެވަގުތު ބީޗަށް އައި އައްކިޔުންގެ ބައްޕައަށް، އައްކިޔުން ބީޗުގައި ހުރިތަން ފެނުމުން ވަރަށް ހިތްހަމަ ޖެހުނެވެ.
“ދަރިފުޅާ ބައްޕަ ވަރަށް ހިތްހަމަޖެހޭ ދަރިފުޅު ހަމައަކަށް އެޅެން ތިހެން މަސައްކަތް ކުރާތަން ފެނުނީމަ” އައްކިޔުންގެ ކައިރިއަަށް އައިސް އޭނާގެ ބައްޕަ ބުނެލިއެވެ.
“ބައްޕައަށްޓަކާ އައްކިޔުން ދެން ކޮންމެދުވަހަކު ބޭރަށް ނިކުމެ ހަމައަކަށް އެޅެވޭތޯ މަސައްކަތް ކުރާނަން…..ބައްޕަ ބުނިހެން ގުދުރަތީ ރީތި މިމަންޒަރު ބަލައިލުމަކީ ހިތަށް ވަރަށް ފަސޭހަވާ ކަމެއް” އައްކިޔުން އެހެންބުނުމުން އޭނާގެ ބައްޕަ އުފަލުން އައްކިޔުންގެ ގައިގައި ބައްދާލިއެވެ.
************
(ފަސްދުވަސް ފަސް)
މިއަދުވެސް އައްކިޔުން ފެނޭތޯ ދާން ތައްޔާރުވާން ނައިޝާ އުޅުނެވެ.ލޯގަނޑު ކައިރި ބުރުގާ އަޅަންހުރި ނައިޝާ ކައިރިއަށް ޔުދާ އައެވެ. “މިއަދުވެސް އައްކި ފެނޭތޯތަ ތިދަނީ؟” ޔުދާ އަހާލިއެވެ. “އާނ…..އައްކި ފެނޭތޯ” މޮޅިވެރި އަޑަކުން ނައިޝާ ބުނެލިއެވެ.
“މިހާރު ތިގޮތަށް އައްކިޔުން ހޯދަން ނައި ދާތާ ފަސްދުވަސް މިވީ….ކޮންމެދުވަހަކުވެސް ގެއަށް ނައި އަންނަނީ މާޔޫސްވެ ހުރެ… އަނެއްކާ މިހާރު ނައި ވަރަށް ކެއުމާވެސް ދުރުވެއްޖެ…ޔުދާ ބުނެލާނީ ނައިގެ އަމިއްލަ ނަފްސަށް ބަލާލަންވާނެ” އައްކިޔުންނަށް ވީނުވީއެއް ނޭނގުމުން އެކަމާ ހިތާމަކޮށް، ކެއުމާވެސް ނައިޝާ ދުރުވުމުން ޔުދާ ބުނެލިއެވެ.
“އައްކިގެ ޚަބަރެއް ނުވާހާ ހިނދަކު ހިތްހަމަޖެހިލައިގެން އަރުތެރެއިން ފެންފޮދެއްވެސް ނުދިރޭނެ” ދެރަވެލާފައި ނައިޝާ ބުނެލިއެވެ.
“އަނެއްކާ އައްކިޔުން ނައި އާ ދުރުވީބާ؟” ޔުދާގެ ހިތުގައިވާ ސުވާލު ނައިޝާއާ ކޮށްލިއެވެ. “ނޫން…ނައި ދެރަވާނެ ފަދަކަމެއް އައްކިއެއް ނުކުރާނެ…ނައިއާ އެއްވަަރަށް އައްކިވެސް ނައިދެކެ ލޯބިވޭ…ނައި އައްކިއަށް އިތުބާރުކުރަން” ވަރަށް ޔަގީންކަމާއެކު ނައިޝާ ބުނެލިއެވެ. “ސޮރީ…ޔުދާގެ ހިތުގަވާ ސުވާލެއް ހަމަ އަހާލީ….ޔުދާގެ އުންމީދަކީވެސް ތީ….ތި ދެމީހުން އުފަލުގަ އުޅުން” ޔުދާ މާފަށް އެދުމުން އެއީ މައްސަލައެއް ނޫންކަމުގައި ނައިޝާ ބުނެލިއެވެ.
ތައްޔާރުވެ ނިމުމުން އަތްދަބަސް ނައިޝާ ކޮނޑުގައި އަޅާލިއެވެ. “އަތް ދަބަސްވެސް ހިފައިގެން ހަވީރުދާ މީހާ ގެއަށްއަންނަނީ ރޭގަނޑު އަށެއް ނުވައެއް ޖަހާއިރު….އެހާއިރު ވަންދެން ވަރުބައްޔެއްވެސް ނުވޭތަ އަޅެ؟” ޔުދާ އަހާލިއެވެ. “ވަރުބަލިވީމަ ތަނެއްގަ އިށީންދެ ރެސްޓު ނަގަނީ…ވަރުބަލި ފިލީމަ އަނެއްކާވެސް ހިނގަނީ….ދަބަސް މިގެންދަނީ އެހާ ގިނަވަގުތު ހިނގާއިރު ވަރަށް ފެންބޮވާ އެހެންވެ ފެންފުޅިއެއް އެއްޗެއް ގަންނަންވެގެން….ތިން ހަތަރު ފަހަރަށްވެސް އެއްމަގެއް ބެލެވޭ އައްކި ހުރެދާނެކަމަށް” ނިކުންނަން ދޮރުގައި ހިފާލަމުުން ނައިޝާ ދެރަވެލާފައި ބުނެލިއެވެ.
އައްކިޔުން ހޯދަން ނައިޝާ ކުރާހާ މަސައްކަތް ޔުދާއަށް ކިޔައިދިނުމުން ޔުދާގެ ހިތަށް އަސަރުކުރިއެވެ. “ނައިގެ ކާރުގަ ކީއްވެ ނުދަނީ؟…ޔުދާވެސް ދަންތަ ނައި އާއެކު….ޔުދާ ކުރިންވެސް ދާން ބޭނުންވެގެން އެހީމަ ނައި ގަބޫލެއްނުވި” ޔުދާ އަހާލިއެވެ.
“ކާރުގަ ދުއްވުމަށްވުރެ ފައިމަގުގަ އުޅުނީމަ ހުރިހާ ތަނަކަށްވެސް ވަދެވޭނީ….ނޫން ޔުދާ އަންނާނެކަމެއްނެތް….ޔޫ ގެ ކޮލެޖް ފެށިފަވާތީ ނައި ބޭނުމެއްނޫން ޔޫ މިކަމަށް ބޯ ގާނައިގެން ކިޔެވުމަށް ފުށުއަރުވާކަށް….ނައިއަށް ކަމެއް ކޮށްދެންޏާ ޔޫ ކިޔަވާ” ނައިޝާ ބުނެލިއެވެ.ނައިޝާ އެހެންބުނުމުން ޔުދާވެސް ކޮލެޖަށާއި ފިހާރައަށްދާ ވަގުތުތަކުގައި އައްކިޔުން ފެނޭތޯ ބަލާ ކަމުގައި ބުނެލިއެވެ.ޔުދާ އެހެންބުނުމުން އޭނާއަށް ޝުކުރު އަދާކުރުމަށްފަހު ނައިޝާ ގެއިން ނިކުތެވެ.
***********
މަޑު ހިނގުމުގައި ދެފަރާތް ބަލަމުން ނައިޝާ ދިޔައެވެ.ދުވަހަކީ ހަފްތާ ބަންދު ދުވަހެއްކަމުން މަގުމަތީގައި ފުދޭވަރަކަށް މީހުން އުޅެއެެވެ.ހަވީރު ފިންޏަށް އާއިލާ ގޮވައިގެން ހިނގާލަން ނިކުމެއުޅޭ މީހުންނާއި، ނަލަހެދިލައިގެން ފިނިބުރުޖަހަން ނިކުމެއުޅޭ މީހުންތައްވެސް ނައިޝާއަށް ފެނުނެވެ.އެހުރިހާ އެންމެންގެ މޫނުމަތިން ހިނިތުންވުން ފެނުނަސް ނައިޝާގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ.
*******
ހިނގަމުންގޮސް ގެއާ ވަރަށް ދުރަށް ނައިޝާއަށް އާދެވުނެވެ.ވަރުބަލިވެފައިވާ ވަރުން ކުރިމަތިން ފެންނަން ހުރި ބީޗަށް ނައިޝާ ވަނެވެ.އަދި އިށީންނަން ހަދާފައިވާ އަށްޓެއްގައި އިށީންދެ ވެފައިވާ ވަރުބަލި ފިލުވާލިއެވެ.
ގަތް ފެންފުޅިން ފެންފޮދެއް ބޯލާ، އަރުތެރެ ތެންމާލުމަށްފަހު ގެނައި ފެންފުޅި އަށިމަތީގައި ބެހެއްޓިއެވެ. އަދި އަނެއްކާވެސް ދާން ނައިޝާ ހިނގައިގަތެވެ.ބީޗުތެރެއިން ހިނގަމުން ދިޔަ ނައިޝާ ދެފަރާތަށް ބަލަމުންދިޔައީ އެބީޗު ތެރެއިންވެސް އައްކިޔުން ފެނިދާނެ ކަމަށެވެ.
ހިނގަމުންދިޔަ ނައިޝާގެ ހިނގުން ކުއްލިއަކަށް ހުއްޓުނީ ތަންކޮޅެއް ދުރުން އައްކިޔުންނާ އެއްގޮތް ސިފަތަކެއްހުރި މީހަކު ފެނިގެންނެވެ.ފުރަގަސްދީގެން މޫދަށް ބަލަހައްޓައިގެން ހުރި އެމީހާއާ ދިމާލަށް ނައިޝާ ވަރަށް ރަނގަޅަށް ބަލައިލިއެވެ.ނައިޝާއަށް ފުރަގަސްދީގެން ހުރުމުން އެމީހާގެ މޫނު ރަނގަޅަށް ނުފެންނާތީ އެއީ އައްކިޔުންތޯ ޔަގީންކޮށްލިއެވެ.
“އައްކިޔުން” ހަށަންބަނދެލައިގެން މޫދާ ދިމާއަށް ބަލަން ހުރި އައްކިޔުންގެ މޫނު ފެނިގެން ނައިޝާއަށް މަޑުމަޑުން ބުނެލެވުނެވެ.އައްކިޔުން ހޯދާތާ އެތައް ދުވަހެއް ވެފައިވާތީ އާއި އަދި އޭނާ ދެކެން އިންތިހާއަށް ނައިޝާ ބޭނުންވެފައި ވަނިކޮށް އައްކިޔުން ފެނުމުން ނައިޝާ ވަަރަށް އުފާވިއެވެ.
*******
އައްްކިޔުން ފެނުމާއެކު ވީއުފަލެއްގެ ބޮޑުކަމުން ތަންކޮޅެއް ބާރަށް އައްކިޔުންގެ ނަމުން ގޮވާލުމަށްފަހު އޭނާއާ ދިމާލަށް ނައިޝާ ދުއްވައިގަތީ ހެވިލާފައެވެ.މިހުރިހާ ދުވަހު އައްކިޔުން ނުފެނިގެން އޭނާ ކުރަމުން އައި ހިތާމަ އެއްކޮށް ފިލި ކަހަލައެވެ.އެމޫނުމަތިން މިހާރު ފެންނަނީ އުފާވެރިކަމެވެ.
*************
މޫދަށް ބަލަން ހުރި އައްކިޔުން ސިހިގެންގޮސް ބަލައިލީ ނައިޝާ ގޮވާލި އަޑަށެވެ.އެވަގުތު ދުވެފައި އޭނާގެ ގާތަށް އަންނަ ނައިޝާ ފެނި އައްކިޔުންގެ މުޅި ހަށިގަނޑު ހުއްޓުން އެރި ފަދައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





