ހަތަރު އުދަރެސް (14)
އެހެނަސް އިންސާނެއްގެ ހިތަކީ ބާރުފޯރުވޭނެ އެއްޗެއް ނޫން ތާއެވެ. އަރީފު ގަބޫލުކުރަން ބޭނުން ނުވިޔަސް އެ ހިތުގައި ލުޔާއަށް ދެވިފައިވާ މަގާމަކީ ލިއުޒާއަށް ދެވިފައިވާ މަގާމަށް ވުރެ އިސް މަގާމެކެވެ. އެކަމާ ދެކޮޅު ހެދުމަކީ އަމިއްލަ ނަފްސަށް ދޮގު ހެދުން ފަދަ ކަމެކެވެ.
*****
އަހުނަފްއަށް ލިއުޒާގެ ޚަބަރެއް ނުވާތާ ހަފްތާއަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެންމެން އެކުގައި ބޭރަށް ދާ އިރުވެސް ލިއުޒާ ނުދެއެވެ. އެކަން ޔިވާމްއާއި އަރީފު ވެސް ފާހަގަ ކުރިއެވެ. އެހެނަސް ކޮންމެވެސް ބަހަނާއެއް ދެއްކުމަށްފަހު ލިއުޒާ އިންނަނީ ގޭގައެވެ. ލިއުޒާ ކިތަންމެ ކެތް ގަދަވިޔަސް އަހުނަފް އަކަށް ކެތެއް ނުކުރެވެއެވެ. ދަންވަރުގެ ހަމަހިމޭންގަޑީގައި ލިއުޒާމެން ގޭގެ ދޮރުމަތީގައި މަޑުކޮއްގެން އެހެރީ އެހެންވެގެންނެވެ. އޭނާ ކިތަންމެ ރުޅި އައެއް ކަމަކު ލިއުޒާއާއި ދުރުގައި ހުރުމަކީ ނުކުރެވޭނެ ކަމެކެވެ. އެތައް އިރަކު ދޮރުމަތީގައި ހުރުމަށްފަހު އޭނާ ފޯނު ނެގީ ލިއުޒާއަށް މެސެޖެއް ކުރުމަށެވެ. އެހެނަސް އޭނާގެ ހަރަކާތްތައް ހުއްޓުނީ ގޭތެރެއިން ބަޔަކު ވާހަކަ ދައްކާއަޑު އިވުމުންނެވެ.
މަޑު މަޑުން ދޮރާށި ހުޅުވާލުމުން އަޑު އަންނަނީ އެ ގޭގެ ފެންޑާއިން ކަން އަހުނަފްއަށް އެނގުނެވެ. އަދި އޭނާއަށް އިވެނީ އަރީފުގެ އަޑުކަންވެސް ދެނެގަނެވުނެވެ. އެވަގުތު އަހުނަފްގެ ކުރިމަތީގައި ސިފަވެގެންދިޔައީ އަރީފުއާއި ލިއުޒާ އެކުގައި ހީ ސަމާސާ ކުރާ މަންޒަރެވެ. އޭނާ ސައިކަލާ ދިމާލަށް ފިޔަވަޅެއް އެޅީ އެ ދެމީހުންގެ މާފޮޅުވުން އަޑުއަހަން އޭނާއަށް ކެތް ނުކުރެވޭނެތީއެވެ. އެހެނަސް ކުރިއަށް އެޅި ފިޔަވަޅު މަތީގައި އޭނާ ހުއްޓުނީ އަންހެން ކުއްޖާގެ އަޑު އޭނާގެ ކަންފަތުގައި ޖެހުމުންނެވެ. އެއީ ލިއުޒާގެ އަޑެއް ނޫނެވެ. އެހެނަސް މިގަޑީގައި އަރީފު އެގޭދޮށުގައި ވާހަކަ ދައްކަން ހުންނާނީ ލިއުޒާ ނޫން ވަކި ކާކާހެއްޔެވެ؟ އިރުކޮޅަކު އަޑު އަހާލުމުން އެތެރެއިން އިވޭ އަޑަކީ ލުޔާގެ އަޑުކަން އަހުނަފްއަށް އެނގުނެވެ.
ކިޔާ އެއްޗެއް މާ ސާފު ކޮށް ނީވުނަސް އަހުނަފް އެ ދެމީހުން ދައްކަނީ ކޮން ވާހަކައެއްތޯ ބެލުމަށް ޝައުގުވެރިވިއެވެ. ކުޑަކުޑަކޮށް ދޮރު ހުޅުވާލުމުން އޭނާއަށް އަރީފުމެން ދައްކާވާހަކަ ކުރިއަށްވުރެ ސާފުވިއެވެ. ދެމީހުން ދައްކަމުން ދިޔައީ ކޮންމެވެސް ވާހަކަ ފޮތެއްގެ ވާހަކައެވެ. ފަސްވަރަކަށް މިނިޓު ވީއިރުވެސް އެ ދެމީހުންގެ ވާހަކައިގެ މައުޟޫއު ބަދަލެއް ނުވެއެވެ. އެންމެ ފަހުން އަހުނަފް ގެއަށް ދާން މިސްރާބު ޖެހިއެވެ.
ލުޔާއާއި އަރީފު މިގަޑީގައި ވާހަކަ ދެއްކުމަކީ މިހާރު އާދައެވެ. ދެމީހުން ދައްކާ ވަކި ވާހަކައެއް ނޯވެއެވެ. ދިރިއުޅުމުގެ އެކި ކަންތައް އެކަކު އަނެކަކާއި ހިއްސާކުރާއިރު މިހާރު އެ ދެމީހުންނަކީ ނުހަނު ގާތް ދެ ރަހުމަތްތެރިންނެވެ. އެކަން ލިއުޒާއަށްވެސް އެނގެއެވެ. ގިނަ ރޭރޭ ލިއުޒާމެން ތިންމީހުން ވާހަކަ ދައްކަން ތިބެނީ އެކުގައެވެ. މިހާރު އެމީހުން ބޭރަށް ދާލެއް މަދު ވުމުން މަޖާކޮށް ސަކަރާތްޖަހާ ހަދަނީ ލިއުޒާ މެން ގޭގެ ފެންޑާގައެވެ.
މިރޭވެސް ބޮލުގައި ރިއްސާތީ ލިއުޒާ ނިދަން ވަނީ އަށްގަޑި ބައި ވެސް ނުވަނީހެވެ. އަރީފުއާއި ލުޔާ އެކަނި މާއެކަނި ވާހަކަ ދައްކަން ތިބީ އެހެންވެގެންނެވެ. ޖޯލިފަތީގައި ތިބެ އެކަކު އަނެކަކާ ސަމާސާ ކުރަމުން ދިޔައިރު ގަޑި ހިނގާދިޔަ ގޮތެއް އެ މީހުންނަކަށް ނޭނގެއެވެ. އަރީފު ގެއަށް ދާން ތެދުވީ ގަޑިން އެކެއް ޖެހުމުންނެވެ.
“ސުވާލެއް ކޮއްލަންތަ؟” އަރީފްއާއި އެކު ދޮރާށްޓާއި ދިމާލަށް ހިނގައިގަންނަމުން ލުޔާ އެއްސެވެ.
“ހްމމ” ލުޔާގެ މޫނަށް ބަލާލުމަށްފަހު އަރީފު ޖަވާބު ދިނެވެ.
“ގެއަށް ނުގޮސް ތިހާ ލަސް ވީމަ މަންމަ އެއްޗެކޭ ނުބުނޭތަ؟” ކޮންމެ ރެއަކުވެސް ދަން ކޮއްފައި ނޫނީ އަރީފު ގެއަށް ނުދާތީ ލުޔާ އެކަމާ ވިސްނައެވެ.
“ނޫޅޭނެ.. އެއަށްވުރެ ބޮޑަށް މަންމަމެން ވިސްނަން ޖެހޭ ކަންތައްތައް ހުރެޔޭ..” އަރީފުގެ ޖަވާބާއެކު ހިނިތުންވުމެއް ވެދުން ކުރި ނަމަވެސް އެ ލޮލުގައި ވާ އުދާސްތައް ލުޔާއަކަށް ނުފޮރުވެއެވެ.
“ލުޔާގެ ލައިފްގަ ވީ އެންމެ ބޮޑު ހާދިސާ ޝެއާރ ކުރީ އަރީއާ.. އެވަރަށް އިތުބާރު ކުރެވޭތީ.. އައި ހޯޕް އަރީވެސް ލުޔާއަށް އެވަރަށް އިތުބާރު ކުރާނެ ކަމަށް..” އިސްޖަހާލައިގެން ހުރެގެން ލުޔާ ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ.
އޭނާގެ ވާހަކައަށް އަރީފު އެއްވެސް ޖަވާބެއް ނުދިނުމުން ލުޔާ އިސް އުފުލާ ބަލާލިއެވެ. އޭރު އަރީފު ހުރީ ކަޅި ޖަހާނުލައި ލުޔާގެ މޫނަށް ބަލާށެވެ.
“އަރީ އެއްނު ބުނީ ޝެއާރ ކުރީމަ ފަސޭހަ ވާނޭ.. އެންޑް ޔޫ ވާ ރައިޓް.. އަރީ އާ މިގޮތަށް ވާހަކަ ދެއްކޭތީ މިހާރު ގިނަ ރޭރޭ ބިރުވެރި ހުވަފެނެއް ވެސް ނުފެނޭ.. އެހެންވީމަ މި އަހާލީ… އަރީ އެއްވެސް ވާހަކައެއް ޝެއާރ ކުރަން ބޭނުމިއްޔާ، އައި އޭމް ހިއާ…” އަރީފު އަނގައިން ނުބުނެ ހުރުމުން ލުޔާ ވާހަކަ ދެއްކިއެވެ. މިފަހަރު ހަތަރުކަޅި ހަމަ ކޮއްގެން ހުރެއެވެ.
“ދެން ދަނީއޭ… ގުޑް ނައިޓް..” ދޮރާށި ހުޅުވާލުމަށްފަހު ނިކުންނަމުން އަރީފު ބުނެލިއެވެ. ދެންމެ ލުޔާ ދެއްކި އެއްވެސް ވާހަކައެއް އޭނާއަށް އަޑު ނީވޭ ފަދައެވެ. އެއްވެސް ޖަވާބެއްނުދީ އަރީފު ނިކުމެގެން ދިޔުމުން ލުޔާ ހުރީ ދެރަވެފައެވެ. އޭނާއަށް ބުނެވުނު އެއްޗަކުން އަރީފު ރުޅި އައީކަމަށް އޭނާއަށް ހީކުރެވުނެވެ.
****
އެހެން ދުވަސްދުވަހެކޭވެސް އެއްފަދައިން މިއަދުވެސް އޮފީހުން ލުޔާ ގެއަށް ލައިދޭން ނިކުތީ އަރީފެވެ. އެއީ ދެމީހުން އެއް އޮފީހެއްގައި މަސައްކަތް ކުރާތީ އާއި، ކޮންމެ ދުވަހަކު އޮފީސް ނިންމާފައި އަރީފުވެސް ދަނީ އެގެއަށް ކަމަށް ވާތީއެވެ. ދެމީހުން އެކުގައި ނިކުމެ ޕާކިންގް ޒޯނަށް ވަދެގެން ދިޔައިރުވެސް އެ ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. މުޅި ދުވަސް އެއްކޮއް ދިޔައީ އެފަދަ ގޮތަކަށެވެ. އޮފީސް ކަމަކާއި ބެހޭގޮތުން ނޫނީ އަރީފު ލުޔާއާއި ވާހަކައެއް ނުދައްކައެވެ. އެކަމާ ލުޔާ ދެރަވިޔަސް އިސްވެ ވާހަކަ ދައްކާކަށް އޭނާއަކަށް ނުކެރެއެވެ. އެހެނަސް ސައިކަލުގެ ފަހަތަށް އަރަމުން ހިތްވަރުކޮއްފައި އޭނާ ސުވާލުކުރިއެވެ.
“އަދިވެސް ރުޅި އައިއްސަތަ؟”
“ކޮންކަމަކާ؟” އަރީފު ޖަވާބު ދިން އިރު އެ އަޑުގައި ހިތްހަމަ ނުޖެހުމުގެ އަސަރެއް ނުވެއެވެ. އެހެންކަމުން ލުޔާ އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.
“ރޭގަ އެހެން އެހުނީމަ ސޮރީ އިނގޭ.. އަސްލު ލުޔާ ވަރަށް އަނގަގަދަ ދޯ؟ ވަރަށް ނުބެހޭ ކަންތަކާ ބެހޭނެ.. މަންމަ ބުނާނެ އަނގަ މަޑުންލައިގެން ހުންނާށޭވެސް.. އެކަމަކު އަޑު އެހިއްޔާ އެއްނު… އަދިވެސް ދަސް ވާކަށް ނޫޅޭ…” ލުޔާ ފަތިވަރެއް އަމުނާލިއެވެ. އޭނާގެ ހިތް އަވަސްވެފައި ވުމުން ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގެއެވެ. ލުޔާއަށް ވީ ގޮތުން އަރީފުގެ ގާތަށް ހިނި އައެވެ.
“ސާބަހޭ… ރުޅިއެއް ނާދެޔޭ” ލުޔާގެ ވާހަކަ މެދު ކަނޑާލަމުން އަރީފު ބުންޏެވެ.
“ދެން ކީއްވެ މިއަދު މާ ނެގިމަޑުވެފަ..” އަނެއްކާވެސް ލުޔާ ކުރީ ސުވާލެކެވެ.
“ތީ ހަމަ ހީވާ ގޮތް…” މިފަހަރުވެސް އަރީފު ޖަވާބުދިނީ ހިނިގަނޑަކަށްފަހުއެވެ.
“އޯކޭ.. އެހެންވީރުން ހިނގާބަ ފިހާރައަކަށް ވަދެފަ ދާން.. ގެއަށް ގޮއްސަ އަނެއްކާ ނުނިކުމެވޭނެތީ..” މަޖީދީމަގަށް އެޅުމުން ލުޔާ އެދުނެވެ.
މަގުގެ އެއްފަރާތެއްގައި ސައިކަލު ޕާކު ކުރުމަށްފަހު ދެމީހުން އެކުގައި ވަނީ ހަނި ގޯޅިއަކަށެވެ. އެގޯޅީގައިވާ ފިހާރައަކަށް ވަނުމަށެވެ. އަރީފުގެ ކުރިން ހިނގާފައި ދިޔައީ ލުޔާއެވެ. އެހެންކަމުން ޖެހިގެން އޮތް މަގުން އެ ގޯޅިއަށް ވަދެގެން އައި ކާރު ލުޔާއަކަށް ނުފެނެއެވެ. އެއްލި އަތުން އަރީފަށް ލުޔާގެ އަތުގައި ހިފުނީ ހަމަ ކިރިޔާއެވެ. އަރީފު ލަތްކެއް ޖަހާލުމާއެކު ހަޅޭއްލަވައިގަންނަމުން ލުޔާ ވެއްޓެންދިޔައެވެ. އެހެނަސް ހުށިޔާރު ކަމާއެކު އަރީފު އޭނާގެ ގައިގައި ހިފެހެއްޓިއެވެ. ކާރު ދިޔައިރުވެސް އެދެމީހުންނަށް ދުނިޔޭގެ ހޭވެރިކަމެއް ނުވެއެވެ. އަރީފު ލުޔާގެ ގައިގައި ހިފަހައްޓައިގެން ހުރީ ދުނިޔޭގެ ހުރިހާ އަނިޔާއަކުން ހިމާޔަތްކޮއްދޭނަމޭ ބުނާފަދަ ގޮތަކަށެވެ. ލުޔާ އަރީފުގެ ގައިގައި އޮޅުލައިގެން ހުރީ އެ ހަށިގަނޑާއި ދުރުވެއްޖެނަމަ ފުރާނަ ގެއްލިދާނޭ ބުނާފަދަ ގޮތަކަށެވެ.
ފަހަތުން އައި ސައިކަލުގެ ބަރުގޮނުގެ އަޑަށް ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ. އެއާއެކު އެކަކު އަނެކެއްގެ ގައިން ދޫކޮށް ފަހަތަށް ދެތިން ފިޔަވަޅު އެޅިއެވެ. ލުޔާގެ މޫނު މަތިން ހާސްކަން ފާޅުވާއިރު އޭނާގެ ހިތް ހީވަނީ މޭކަށިގަނޑު ފަޅާލާފައި ނިކުންނަން އުޅޭހެންނެވެ. އަރީފަށް ބަލާލުމުން އެ އިހުސާސްތައް ފާލުވާން ނެތެއް ކަމަކު އޭނާވެސް ވަނީ ހަމަ އެފަދަ ހާލެއްގައެވެ. ދެމީހުން ކުރެ އެކަކުވެސް އަނގައިން ނުބުނެ އިރުގަނޑެއް ވަންދެން ތިއްބެވެ. އެންމެފަހުން ލުޔާ ފުން ނޭވާއެއް ދޫކޮއްލިއެވެ. އަދި ލުއި ހިނިތުންވުމެއް އަރީފަށް ވެދުން ކުރުމަށްފަހު ބޯހޫރާލިއެވެ.
“މިހާރު މަގުމަތީގައި އެހެން މީހުންނަށް ބަލާލުމެއް ނޯވޭ ވިއްޔަ ދޯ..” ލުޔާ މިހެން ބުނުމަށްފަހު ހިނގައިގަތީ މަގުގެ އަނެއްފަޅީގައިވާ ފިހާރައާއި ދިމާލަށެވެ.
އަރީފުއާއި ލުޔާ ގެއަށް ދިޔައިރު ލިއުޒާ އުޅެނީ އެންމެނަށް ސައި ތައްޔާރު ކުރުމުގައެވެ. ދެމީހުން އައިސް ވަނުމާއެކު ދުވެފައި އައިސް އޭނާ އެލިގަތީ އަރީފުގެ އަތުގައެވެ.
“މިހާރު ކިހާއިރެއްވެއްޖެ ސައިހަދައިގެން އިންނަތާ! ކީއްވެ އެހާ ލަސްވީ؟” ލިއުޒާ ގެ ސުވާލަށް ޖަވާބުދިނުމުގެ ގޮތުން އަރީފު އިޝާރާތްކުރީ ލުޔާއަށެވެ.
“ފިހާރަކަށް ވަދެލީ.. ދެން އަނެއްކާ ގެއަށް އައިއްސައެއް ނުދެވޭނެއެންނު..” އަރީފުގެ ހަރަކާތް ފެނުމުން ލުޔާ އޭނާގެ ދޮންތައަށް ޖަވާބު ދިނެވެ.
“ހޫނ.. ދެންވެސް އާދޭ ސައިބޯން..” އަރީފުގެ އަތުގައި ހިފާ ދަމާލަމުން ލިއުޒާ ވާހަކަ ދެއްކިއެވެ.
“ސައިބޯ ހިތެއް ނެތް.. ދޮންތައާ އަރީ ދޭ…” ލުޔާ މިސްރާބުޖެހި އޭނާގެ ކޮޓަރިއާ ދިމާލަށެވެ.
ހަގީގަތުގައިވެސް މި ވަގުތު އޭނާގެ އަރަކުން އެއްވެސް އެއްޗެއް ނުދިރޭނެއެވެ. އެއަށް ވުރެ ބޮޑަށް އޭނާ އަށް ވަނީ އަސަރު ކޮއްފައެވެ. އޭނާގެ ހިތުގެ ތެރޭގައި އައު ހުޅުކޮޅެއް ދިއްލިއްޖެ ފަދައެވެ. ލުޔާގެ ސިކުނޑި ތެރޭގައި އެނބުރެނީ އަރީފު އޭނާގެ ގައިގައި ހިފަހައްޓައިގެން ހުރި މަންޒަރެވެ. މިހާރަކަށް އައިސް އޭނާއަށް މާ ގިނައިން އަރީފްއާއި މެދު ފިކުރު ކުރެވެނީއެވެ. މީގެ ކުރިން އޭނާ އަމިއްލަ ނަފްސަށް ވިސްނައިދެމުން ދިޔައީ އެއީ އަރީފު އަށް އޭނާގެ މާޒީގެ ހަގީގަތް އެނގޭތީ ކަމަށެވެ. އެހެނަސް މިއަދު އެވާހަކަ ގަބޫލުކުރެވޭކަށް ނެތެވެ. އޭނާގެ ހިތުގައި އަރީފަށް ޚާއްސަ ޖާގައެއް ދެވިފައި ނުވާނަމަކަ މިހާރު އެ ހިތަށް ކުރާ އަސަރުތަކެއް ނުކުރީހެވެ. ލިއުޒާއާއި އަރީފު ގާތް ވުމުން މިހާރު އެވާ އުނދަގުލެއް ނުވީހެވެ. އެހެނަސް އެ ހިތުގެ އެދުންތައް ކަފުން ކުރަން ވަނީ މަޖުބޫރު ވެފައެވެ. އޭނާ އެންމެ ލޯބިވާ ދޮންތަގެ ހިތަށް ފައިން އަރާ އޭނާގެ އަމިއްލަ ހިތުގެ އެދުން ހާސިލް ކުރަން އުޅޭނީ ކިހިނެތް ހެއްޔެވެ؟ ލުޔާގެ ހިތުގައި ރޯވި ހުޅުކޮޅު ނިއްވާލުން ނޫން ގޮތެއް މިއަދު އޭނާއަކަށް ނެތެވެ.
އެނދުމަތީގައި އޮށޯވެގެން އޮތް އިރު އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ދިޔައީ ބެޑްޝީޓު ތެންމަމުންނެވެ. ލުޔާއަށް ކުރިން ހީކުރެވިފައިވަނީ އޭނާއަކީ ދުނިޔޭގެ ހުރިހާ ހިތާމައެއް ތަހައްމަލު ކުރެވިފައިވާ މީހެއް ކަމަށެވެ. އޭރު އޭނާގެ ހަށިގަނޑުގައި އެޅި ވޭނަށް ވުރެ ބޮޑު ވޭނެއް ނުވާކަމަށެވެ. ތެދެކެވެ. އޭނާވަނީ އެތައް އަނިޔާއެއް ތަހައްމަލު ކޮއްފައެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންނެވެ. އެހެނަސް މީގެ ކުރިން ދުވަހަކުވެސް ސީދާ އޭނާގެ ހިތަކަށް އަނިޔާއެއް ނުވެއެވެ. މިއަދު އޭނާއަށް އިހުސާސް ވަނީ މިގެ ކުރިން އިހުސާސް ވެފައި ނުވާ ވޭނެކެވެ. އެއީ އޭނާގެ ހިތް ފަޅައިގެންދާ އިހުސާސެވެ. ދުވަހަކުވެސް ފިރިހެން ކުއްޖަކަށް ހިތް ނުދޭން ނިންމައިގެން ހުރި ހިތަށް މިއަދު މިވަނީ ކީއް ހެއްޔެވެ؟ އޭނާގެ ހިތަށް އަރީފު ނޫން މީހަކު ލޯބިވާން ނުފެނުނީ ހެއްޔެވެ؟ ޔިވާމްއަކީވެސް ނުލާހިކު ރަނގަޅު، އެހާމެ ރީތި މީހެކެވެ. ޔިވާމް ދެކެ ލޯބި ނުވެވުނީ ކީއްވެ ހެއްޔެވެ؟ މިފަދަ އެތައް ޚިޔާލުތަކެއް ލުޔާގެ ބޮލުގައި އެނބުރެމުން ދިޔައެވެ.
****
ގަޑިން ހަގަޑި ބައިވީކަން ލިއުޒާއަށް އެނގުނީ އޭނާގެ ފޯނު އެލާމް ވުމުންނެވެ. ދުވަހަކީ ހުކުރު ދުވަސް ކަމުން ފޯނު ސައިލެންޓަށް ލުމަށްފަހު އޭނަ އޮށޯތީ އަދި ކުޑަ އިރުކޮޅަކު ނިދާލާނަމޭ ހިތައެވެ. އެހެނަސް އޭނާގެ ހަށިގަނޑު އެކަމާ ދެކޮޅުހެދިއެވެ. އޯކަށް ދަމައިގަތުމުން އަނގަމަތީގައި އަތް އަޅައިގެން ހުރެ ދުވެފައި ގޮސް އޭނާ ފާހާނައަށް ވަނެވެ. ތައްޓާއި ހިސާބަށް ފޯރީ ހަމަ ކިރިޔާއެވެ. އިއްޔެ ކޭހައި ހުރިހާއެއްޗެއް މަތިން އަރައިގެން އައެވެ.
ހޮޑުލައި ނިމިގެން ނިކުތް އިރު އެ ފަކީރުގެ ގައިގައި އެއްވެސް ވަރެއް ނެތެވެ. އޭނާއަކީ ކުޑައިރުވެސް ހޮޑު ލެވިއްޖެނަމަ ބަނޑު ހުސްވަންދެން ހޮޑުލާ މީހެކެވެ. އެނދުމައްޗަށް ވެއްޓިގަތް އިރު އޭނާގެ ގައިގައި ހިނގާލާނެ ހިތްވަރެއްވެސް ނެތެވެ. އެހެނަސް އެއްވެސް އެއްޗެއް ނުކައި އޮވެއްޖެނަމަ ހައްތަހާ ގޯސް ވާނެތީ އޭނާގެ ފޯނު ނެގުމަށްފަހު ނަމްބަރަކަށް ގުޅާލިއެވެ.
“ހަލޯ، މަލީކާ.. ހޭލައި ދޯ ތިއުޅެނީ” އެކޮޅުން ފޯނު ނެގުމާއެކު ލިއުޒާ ވާހަކަ ދެއްކިއެވެ. އޭނާގެ އަޑު ވަނީ ކުރަކި ވެފައެވެ.
“ލައްބަ މޭމް.. މެންދުރަށް ކާއެއްޗެހި ރެޑީ ކުރަނީ..” މަލީކާ ވާހަކަ ދެއްކީ އޭނާގެ ކޮށި ރާގުގައެވެ. އޭނާ އެގޭގައި އުޅޭތާ ހަތް އަހަރުވެފައި ވުމުން ދިވެހި ބަހުން ވާހަކަ ދައްކަން ދަނެއެވެ. އެހެނަސް އަދިވެސް ވާހަކަ ދައްކާއިރު ކޮށި ގޮތެއް ހުރެއެވެ.
“ސައި ހަދައިގެން ގެނެސް ދެވިދާނެތަ؟ ދެންމެ ހޮޑު ލެވުނީމަ..” ލިއުޒާ އަހާލިއެވެ.
“ލައްބަ މޭމް..” މަލީކާ ޖަވާބު ދިނުމުން ލިއުޒާ ފޯނު ކަނޑާލިއެވެ. އެއީ އޭނަގެ ބޮލުގައި އަތް އެޅިއެވެ. މޭނުބައި ކޮއްފައި ހުންނަތާ މިހާރު ދުވަސް ކޮޅެއް ވެއްޖެއެވެ. ކާއެއްޗެއް ފެނުނަސް އޭނާ ހުންނަނީ ފޫހިވެފައެވެ. ރޭގައި އޭނަ ކޭ އެއްޗެއް ކެއީ ގަދަކަމުންނެވެ. އޭނާ ނިންމީ މިއަދު ރަނގަޅު ނުވަންޏާ ޑޮކްޓަރަށް ދައްކާލަން ދާށެވެ. މާލެ ތެރޭގައި އަބަދުވެސް ކޮންމެވެސް ވައިރަލް އެއް އުޅޭތީވެ ޑޮކްޓަރަށް ދެއްކުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް އޭނާ ނިންމިއެވެ.
ސައިބޮއެގެން ގައިގައި ވަރު ޖެހުމުން ލިއުޒާ ނިކުތީ ސިޓިންގ ރޫމަށެވެ. އެކި ކަންކަމުގައި އަހުލުވެރިވެގެން އެންމެންވެސް ގޭތެރޭގައި އުޅެއެވެ. ލުޔާ އިނީ ‘މޭބީ ސަމްޑޭ’ ކިޔާ ވާހަކަ ފޮތަކަށް ގެއްލިފައެވެ. ވާހަކައިގެ ތެރެއަށް އޭނާ ވަދެ އިން އިރު އެ ލޮލުން ކަރުނައިގެ އަސަރު ފެންނަން ހުއްޓެވެ.
“މީހުން ވާހަކަ ކިޔާފަވެސް ރޮއޭތަ؟” ލުޔާގާތުގައި ސޯފާގައި އިށީންނަމުން ލިއުޒާ ބުނެލިއެވެ. އަދި ފޮތް ޖަހައިގަތުމަށްފަހު ލުޔާ ކިޔަން އިން ސޮފުހާއަށް ނަޒަރު ހުއްޓާލިއެވެ.
“އިޓްސް ނޮޓް ސޯ އީޒީ ވެން ޔޫ އާ ޓްރައިންގ ޓު ވިން އަ ވާރ އެގެއިންސްޓް ޔުއާރ ހާރޓް…” ލިއުޒާ ބާރަށް ކިޔާލީ އޭނާގެ ލޮލުގައި އަޅައިގަތް ލިޔުން ކޮޅެވެ. ހަމަ އެއާއެކު އޭނާގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެ ލަފްޒުތައް އޭނާގެ ސިކުނޑީގައި ތަކުރަރުވެލިއެވެ. އެ ފޮތުގެ ތެރެއިން އޭނާއަށް އަހުނަފް ގެ މޫނު ފެނުނެވެ. ހަމަ އެއާއެކު ލުޔާގެ އަތަށް ފޮތް ދިނުމަށް ފަހު ސޯފާއިން ތެދުވިއެވެ. އޭނާ މަސައްކަތް ކުރީ އެއްވެސް ނުތަނަވަސްކަމެއް މޫނުމަތިން ނުދެއްކުމަށެވެ.
“ހިތާ ދެކޮޅަށް ކޮން ހަނގުރާމައެއް ތިކުރަނީ…” ގަދަ ކަމުން ހީލަމުން ލިއުޒާ ސުވާލުކުރީ ލުޔާއާއެވެ.
ލުޔާއަކަށް ލިއުޒާގެ މޫނުމައްޗަށް އަރާ ފޭބި ކުލަތަކެއް ނުފެނެއެވެ. އޭނާ ހުރީ އެއަށް ވުރެ ހިތް ބިރު ގެންފައެވެ. ލިއުޒާއަށް އޭނަގެ ހިތުގެ ހަގީގަތް އެނގިދާނެތީއެވެ. އެ ސުވާލު ކުރުމާއެކު ލުޔާ ހިނިގަނޑެއް ޖަހާލިއެވެ. ލިއުޒާ ސަމާލުކަން ދީގެން ހުރިނަމަ އެ އަޑުގައި ހިތި އަސަރެއް ވާކަން އެނގުނީހެވެ.
“ދޮންތަ ދައްކާ ވާހަކަ.. ހަމަ ވާހަކައެއް ކިޔާފަ ދެރަވިއްޔާ އޭގެ މާނައަކީ އޭގަ ވާ އެއްޗެއް ލައިފްއަށް އެޕްލައި ވަނީ އޭތަ؟” ލުޔާ އޭނާގެ ކޮޓަރިއަށް ގޮސް ވަނެވެ. ލިއުޒާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.


Alhamdhulillah, i’ve finally gotten secure internet. I am really sorry for the inconvenience and thank you all readers for your patience and support. You guys are amazing.
Instead of uploading the past few days’ episodes as a whole I’ve decided to upload daily until its all caught up. So in sha allah, next part on 4th August.
Cheers! <3
Koba????? 4th Aug nimeny avas
not bad
Nice
im second.. but v haalun mi cmt kuree… lap halaakuvegen.. bt I want to read this story and meet my best friend aali
Wow. V v v nyce..
V v v v v v v v reethi mi baivx….. Yey I’m the first… Waiting 4 next part
no m 1st shaha , bllllllll
Wow so cute
Ma lahiy up vaaleh v reethi vaahaka I think liuza preg
Piyaaraa bunihen shabee ah vrx heevanee…. anyways hama v habeys ingey 😉
Oh shabee.. Please don’t be so harsh.. Mi upload kury ey.. And sixteen ves mirey upload kuraanan… Patience is a virtue dear…
Sorry darling 🙁 love u :*