Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަތަރު އުދަރެސް (15)

maasham Level 110 Stories
August 4, 2015 3 Mins Read
8 Comments

“ދޮންތަ ދައްކާ ވާހަކަ.. ހަމަ ވާހަކައެއް ކިޔާފަ ދެރަވިއްޔާ އޭގެ މާނައަކީ އޭގަ ވާ އެއްޗެއް ލައިފްއަށް އެޕްލައި ވަނީ އޭތަ؟” ލުޔާ އޭނާގެ ކޮޓަރިއަށް ގޮސް ވަނެވެ. ލިއުޒާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތިއެވެ.

ލިއުޒާގެ ކުރިމަތީގައި އޭނާގެ ހިތުގެ ހާލު ބަޔާން ކުރާނީ ކިހިނަކުން ހެއްޔެވެ. އެފަދަ ހިތްވަރެއް ލުޔާގެ ކިބައަކު ނެތެވެ. އޭނާއަށް މިއަދު ކުރެވޭނެހާވެސް ކަމަކީ އޭނާގެ ހިތް ފޮރުވުމެވެ. އެކަން ކުރުމަށް އޭނާ އަމިއްލަ ނަފްސަށް ވަޢުދުވިއެވެ.

****

އޮފީސް ނިމުނު ގަޑީގައި ލުޔާ ފެންނަން ނެތުމުން އަރީފު ނުތަނަވަސް ވިއެވެ. ފަހަކަށް އައިސް ލުޔާ އަރީފުއާއި ވާހަކަ ދައްކާލެއް ވަނީ މަދުވެފައެވެ. އޮފީހުގައި ވެސް އަރީފުއާއި ލުޔާ ދިމާވަނީ ވަރަށް މަދުންނެވެ. އެއް ސެކްޝަންއެއްގައި މަސައްކަތް ކުރި ނަމަވެސް ލުޔާ ގިނަ ވަގުތު ހޭދަކުރަނީ އޮފީހުން ބޭރު މަސައްކަތްތަކުގައެވެ.

ދެތިން ފަހަރު ލުޔާއަށް ގުޅާލުމުންވެސް ލުޔާ އޭނާގެ ފޯނަކަށް ޖަވާބެއް ނުދެއެވެ. އެންމެފަހުން ލިއުޒާމެންގެ ގެއާ ދިމާލަށް އަރީފު މިސްރާބު ޖެހީވެސް އެ ފިކުރުގައި ހުރެގެންނެވެ.

ސައިބޮއެ ނިމުމުން އަރީފު މަޑުކުރީ ލިއުޒާއާއެކު ވަގުތުކޮޅެއް ހޭދަ ކޮއްލުމައްޓަކައެވެ. އޭނާއަށް ލުޔާއާއި މެދު މާ ބޮޑަށް ފިކުރު ކުރެވޭތީ އެކަމާ އޭނާ ހުންނަނީ ހާސްވެފައެވެ. އޭނާގެ ހިތުގެ އެދުމަކާހުރެ ލިއުޒާއަށް ދެރަގޮތެއް މެދުވެރިވާކަށް އަރީފެއް ނޭދެއެވެ. ލިއުޒާއާއި އަރީފުއާއި ދެމީހުން ވާހަކަ ދައްކަން ތިބީ ގޭގެ ފެންޑާގައެވެ. ހަވީރުގެ ހިތްފަސޭހަކަން އިތުރު ކޮއްދެމުން ދިޔައީ ޖެހެމުންދާ ފިނި ވައި ރޯޅިތަކެވެ. އެހެނަސް މިއަދު އެ ވައިރޯޅިތަކުން އެ ދެމީހުންނަކަށް ހިތްހަމަ ޖެހުމެއް ނުލިބެއެވެ. ކުރިއާ ޚިލާފަށް ދެމީހުންނަށް ތިބެވުނީ ދައްކާނެ ވާހަކައެއް ނޭނގިފައެވެ. ލިއުޒާ ޚިޔާލަށް ގެއްލިފައި ވާއިރު އަރީފުވެސް އިނީ އަމިއްލަ ދުނިޔެއެއްގައެވެ. ދޭތެރެއަކުން ކޮންމެވެސް އެއްޗެކޭ ބުނުމަށްފަހު އަނެއްކާވެސް ދެމީހުން ހަމަހިމޭން ވެއެވެ. ނުދަންނަ މީހަކަށް ހީވާނީ ދުރުހިލޭ ދެމީހުން އަލަށް ދިމާވެގެން އުޅޭ ހެންނެވެ.

“ކިހިނެތް ލުޔާ މިއަދު ގެއަށް އައީ؟” ދައްކާނެ ވާހަކަތައް ހުސްވުމުން އަރީފު އަހާލިއެވެ.

“ބައްޕައަށް ގުޅައިގެން ކާރުގަ.. ލިއުމެންނާ އެކު.. ލުޔާ ބުނީ އަރީ ބިޒީ އޯ..”ލިއުޒާގެ ޖަވާބު އިވުމުން އަރީފު ދިޔައީ ސިއްސައިގެންނެވެ. ލުޔާ ކަމަކު އެދެފިނަމަ އަރީފު ކުރަން ހުރި ހުރިހާ ކަމެއް ހުއްޓާލުމަށްފަހު އޭނާ ބުނި ކަމެއް ކޮއްދޭނެއެވެ. އެހެން ނޫނަސް ކޮންމެ ދުވަހަކުވެސް ލުޔާ އޮފީހުން ގެއަށް ގެނެސްދެނީ އަރީފެވެ. އެހެންކަމުން މިއަދުވެސް އެގަޑީގައި އަރީފު ލުޔާ ހޯދާނެ ކަން ލުޔާއަށް ހަމަ ރަނގަޅަށްވެސް އެނގޭނެއެވެ.

“އޯ.. އާނ މިއަދު ތަންކޮޅެއް ބިޒީ ދުވަހެކޭ…” އަރީފު ޖަވާބުދިނީ ވަރަށް ފަރުވާކުޑަ ރާގެއްގައެވެ. ލުޔާ ހެދީ ދޮގެއްކަން ފަޅާއަރުވާލުމުގެ ބަދަލުގައި އޭނާ ބޭނުން ވީ އެކަމުގެ ހަގީގަތް ހޯދާށެވެ. އޭނާއަށް ވިސްނުނު ގޮތުގައި ލުޔާ އަރީފުއާއި މެދު ހިތްހަމަ ނުޖެހުނީއެވެ. ފަހަރުގައި ކުރީރޭގެ ސުވާލަށް ޖަވާބު ނުދިނުމުން ކަމަށްވެސް ވެދާނެއެވެ. އެހެނަސް އޭގެ ފަހުންވެސް އެދެމީހުން އެތައް ފަހަރަކު ވާހަކަ ދައްކައިފިއެވެ.

ލިއުޒާގާތުގައި އިނުމަށްފަހު އަރީފު ގެއަށް ދާން ނިކުތީ އިރު އޮއްސުމުގެ ކުރިންނެވެ. ގެއަށް ވަތް އިރު ހަސްނާ އުޅެނީ ސިޓިންގރޫމު ކުނި ކެހުމުގައެވެ. އޭނާގެ އެއްބަފާ ކޮއްކޮ މާހިން އިނީ ޓީ.ވީ. ދޮށުގައި ގޭމެއް ކުޅޭށެވެ. އަރީފު ގެއަށް ވަތް ތަން ފެނުމާއެކު ހަސްނާގެ މޫނުމައްޗަށް ވެރިވީ ރުޅިވެރިކަމެވެ. ބުމަ ގޮށް ޖަހާލުމަށްފަހު ކުރަން ހުރި މަސައްކަތް ބަހައްޓާފައި އޭނާ ހިނގައިގަތީ ބަދިގެއާއި ދިމާލަށެވެ.

“އޮފީސް ނިމުނީމަވެސް މާލެ ތެރޭގަ ތެޅި ތެޅިފަ ނޫނީ ގެއަކަށް ނާދެވޭނެ! ދެން މަވީ މީނަ އައިހާ އިރަކުން އަލުން ބަލުން ސައި ހަދަން! މާހިން އަށް ކިޔަވަދޭން އުޅޭނަމޭވެސް ބުނާނެ! ހުސް ފޮނި އަނގަ، ހަމަ އަމާގެ ގޮތްގަނޑު ހުންނާނީ.. އެހެން މީހަކަށް ފަސޭހައެއް ޖައްސައިގެނެއް ނުވާނެ!” ހަސްނާގެ ކަމަކީ އޭނާގެ ދޮންދަރިފުޅާ ދިމާލަށް ކުދި ކިޔުމެވެ. އަރީފަށް ދުވަހަކުވެސް ރަނގަޅަށް ކަމެއް ކުރެވޭ ކަމަކަށް ނުވެއެވެ.

“ސައި ބޮއެގެން މިއައީ..” ހަސްނާ ކިތަންމެ ހުތުރުކޮށް ވާހަކަ ދެއްކިޔަސް އަރީފު ހަސްނާއަށް ވަރަށް އިޚުތިރާމު ކުރެއެވެ. ދުވަހަކުވެސް އަޑުހަރުކޮށް ޗުއްޕުއޭވެސް ނުބުނެއެވެ. ވާނީވެސް އެހެންތާއެވެ. އަރީފުގެ މަންމަ އޭނަ ބޭނުން ނެތިގެން ދޫކޮއްލި ދުވަހު އޭނާ ބަލައި ބޮޑުކުރީ ހަސްނާއެވެ. ހަސްނާގެ ފަރާތުން މައިވަންތަ ލޯބި ނުލިބުނެއްކަމަކު އޭނާއަށް ކިރިޔާވެސް ތަރުބިއްޔަތެއް ދިނީ ހަސްނާއެވެ. އަދި ބައްޕަ ނިޔާވުމުން މިއަދު އޭނާގެ ހުރި ހަމައެކަނި އާއިލާއަކީވެސް އެއެވެ.

“ހޫން. ލިއުޒާ މެން ގެއިން ދޯ! ސަހަލު ގޮތަކަށް ނޫޅޭތި އިނގޭ! އަހަރުމެން ބަދުނާމު ކުރާނެ ގޮތެއް ނޭނގިގެން ދޯ ތިއުޅެނީ! ހަތަރު ދަމު އެގޭތެރޭގަ އޮތީމަ މީހުންދައްކާ ވާހަކަ ކަލެއަށް އެނގޭތަ؟!” ދުވާލުދާ ހަތަރުދަމު އެ ގޭތެރެއިން އަރީފަށް އިވެނީ ހަސްނާގެ ރުޅިވެރިކަމުގެ އަޑެވެ. މާހިން އާއެކު ހޭދަ ކުރާ ވަގުތު ފިޔަވައި އެގޭތެރެއިން އޭނާއަކަށް ހިތް ހަމަޖެހުމެއް ނުލިބެއެވެ.

“ފިލާވަޅުތައް ނިންމީތަ؟” މާހިންގެ ގާތުގައި އިށީންނަމުން އަރީފު ސުވާލު ކޮއްލިއެވެ. އޭރުވެސް ހަސްނާ އަޑުދަށުން ކޮންމެވެސް ކުއްޖެއް ކިޔާލަ ކިޔާލަ ހުއްޓެވެ.

“އެއް ސުވާލު ނުނިންމަން… ދޮންބެ އަންނަދެން މަޑުކުރީ.. ވަރަށް އުނދަގޫ ޕޭޕަރެއް މިފަހަރު ދިނީ..” މާހިން ވާހަކަ ދެއްކީ ޓީ.ވީ. އަށް ގެއްލިގެން އިނދެއެވެ.

“ދެން ދޭ ވުޟޫ ކުރަން، އިރުކޮޅަކުން ބަންގި ގޮވާނެ… މިސްކިތުން އައިއްސަ ފިލާވަޅު ނިންމާލާނީ ދޯ…” އަރީފު މިހެން ބުނުމާއެކު މާހިން ކުޅެން އިން ގޭމު ނިއްވާލިއެވެ. އުމުރުން 14 އަހަރު ފުރިފައި ވީނަމަވެސް އޭނާ އަރީފުގެ ބަސްއަހައެވެ. ބައްޕައެއްގެ މަގާމު ފުރިހަމަކުރަން މިއަދު ހުރީ އަރީފެވެ. އެހެންކަމުން އެހެން އެއްވެސް މީހަކަށް އިޚުތިރާމު ނުކުރާވަރަށް އަރީފުއަށް އިޚުތިރާމް ކުރެއެވެ.

މާހިންގެ ފިލާވަޅުތައް ނިންމާލައި ގޭތެރޭގެ މަސައްކަތްތަކެއް ކޮއްލުމަށްފަހު އަރީފު ކޮޓަރިއަށް ވަނީ ގަޑިން 10 ޖެހި ފަހުންނެވެ. އެނދުގައި އޮށޯވެލުމަށްފަހު އޭނާ ފޯނު ނެގީ ލުޔާއަށް ގުޅާލުމަށެވެ. މިއަދު ލިއުޒާ ދެއްކި ވާހަކަ އަރީފުގެ ބޮލުތެރޭގައި އެނބުރެނީއެވެ.

“ހަލޯ..” ލުޔާ ފޯނު ނެގީ ތިންވަނަ ފަހަރަށް އަރީފު ގުޅުމުންނެވެ.

“ލުޔާ؟” ލުޔާގެ މަޑުމައިތިރި އަޑު އިވިފައި އަރީފަށް އޭނާއަށް ގޮވާލެވުނީ ބޭއިޚްތިޔާރުގައެވެ.

“ކަމަކުތަ؟” ލުޔާގެ ސުވާލުން އޭނާ ވާހަކަ ދައްކަން ބޭނުން ނުވަނީހެން އަރިފަށް ހީވިއެވެ.

“ލުޔާ ރުޅިއައިސްތަ؟ އަހަންނަށް ކަމެއް ކުރެވުނީތަ؟ އިފް ސޯ، އައި އޭމް ވެރީ ސޮރީ…” އަރީފު ވާހަކަ ދެއްކީ އިރު އޭނާގެ ހިތުގައި ޖެހިފައިވާކަން އެ އަޑުން ވެސް އެނގެއެވެ.

“ކީއްވެ ތިހެން ތި އެހީ؟ ލުޔާ ރުޅިއެއް ނޫނޭ..” އަރީފުގެ އަޑުގައިވާ ހިތާމަވެރިކަން ފާހަގަވުމުން ލުޔާގެ އަޑުވެސް މުޅިން ބަދަލުވިއެވެ.

“މިހާރު އެއްގޮތަކަށްވެސް ވާހަކައެއް ނުދައްކާ… މިއަދު އޮފީސް ނިމިގެންވެސް އަހަންނާއެކު ނުދާންވެގެން ބައްޕައާއެކު ދިޔައީ.. ގުޅީމަ ފޯނުވެސް ނުނަގާ.. މެސެޖަށް ރިޕްލައިއެއްވެސް ނުކުރޭ.. ހީވަނީ އެވޮއިޑް ކުރާހެން…” ފާޅުކުރަން ބޭނުން ނުވިނަމަވެސް އަރީފުއަށް އޭނާގެ ހިތުގެ ޝަކުވާތަށް ލުޔާއަށް ކިޔައިދެވުނެވެ.

އަރީފުގެ ވާހަކައަށް ލުޔާ އެއްވެސް ޖަވާބެއް ނުދެއެވެ. އެތައް އިރެއް ވަންދެން ހަމަހިމޭންކަންމަތީ ތިބުމަށްފަހު އަރީފު އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

“ފޯ ވަޓް އެވާރ އައި ޑިޑް، އައި އޭމް ރިއަލި ސޮރީ..”

“ސޮރީ އަރީ… އަރީ އެއްވެސް ކަމެއް ނުކުރޭ.. އެންޑް އައި އޭމް ނޮޓް އެވޮއިޑިންގ ޔޫ.. ޕްރޮމިސް” ލުޔާ ވާހަކަ ދެއްކިއިރު އެއަޑުގައިވަނީ ކުރަކިކަމެކެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maasham

Level 110 Stories

Other Articles

Previous

ޒީޝާ (އަށްވަނަ ބައި)

Next

ހަތަރު އުދަރެސް (16)

Next
August 5, 2015

ހަތަރު އުދަރެސް (16)

Previews
August 4, 2015

ޒީޝާ (އަށްވަނަ ބައި)

8 Comments!

  1. maasham says:
    August 5, 2015 at 12:00 am

    Guys, I know it’s really short.. But don’t worry.. Part 16 will be up in just a few hours.. :))

  2. shaa says:
    August 5, 2015 at 12:02 am

    Wow dhigukan dho :@

  3. Tigrious says:
    August 5, 2015 at 12:08 am

    Haadha Kurey Dhow

  4. afaa says:
    August 5, 2015 at 12:16 am

    Mi meehunnah saabas. Genesdhey varakah kiyan aadha kobbala. E buneenun next part will be in few hours ey…! Nice story. Keep it up

  5. Mush says:
    August 5, 2015 at 12:33 am

    Afaa ebuny thedheh….

  6. Shaha says:
    August 5, 2015 at 12:37 am

    V v v v v reethi mi baivx…. Waiting 4 next part..?

  7. Shabee says:
    August 5, 2015 at 1:09 am

    Koba vaahaka

  8. shaz says:
    August 5, 2015 at 1:24 am

    V reethi mi part vx….
    Waitin for next part

Comments are closed.

Next Episodeހަތަރު އުދަރެސް (16)←


All Right Reserved!