“ރުހާ…. އަހަރެން ވަރަށް ދެރަވާނެ ރުހާގެ އަމިއްލަ ނަފްސު ކުށްވެރިކުރަންޏާ…. ދެންވެސް އެހެން ނުބުނައްޗޭ…. އަހަރެން ރުހާދެކެ ވަރަށް ލޯބިވޭ…..” އެ ހުރި ގޮތަށް ހުރެ ރުހާގެ ބޮލުގައި ފިރުމާލަމުން މިކްޔާން ބުނެލިއެވެ.
**********
އަރާމު ފޮނި ނިއްޖެއްގައި އޮއްވާ މިލާނަށް ހޭލެވުނީ ކަންފަތް ދޮށުގައި ގުގުމަމުން ދިޔަ އެލާރމްގެ އަޑުންނެވެ. އެހާ ގާތުން އެހާމެ ބާރަށް އަޑު އިވުމުން އޭނާއަށް ފުންމައިގެންފައި ތެދުވެ އިށީނދެވުނެވެ. ދެލޯ ތަންމިނަށް ހުޅުވާލެވުނު ވަގުތު ސިހިފައި ހަޅޭއްލަވައިގަނެވުނީ ކޮޓަރީގެ ފަނޑު އަލީގައި އެނދުކައިރީގައި ފޯނު ހިފަހައްޓައިގެން ހުރި ރިދާ ފެނިފައެވެ. އެއީ ރިދާކަން ޔަޤީންވުމުން މޭގައި އަތް އަޅާލަމުން ހިތުގެ ވިންދު ހަމައަކަށް އެޅުވޭތޯ ހިތާއި ދިމާލުން މޭގައި ފިރުމާލެވުނެވެ. އޭރުވެސް ހުއްޓުމެއްނެތި ރިދާގެ އަތުގައި އޮތް ފޯނު އެލާރމްވަމުން ދާތީ އޭނާގެ އަތުން ފޯނު ޖަހައިގަތެވެ. އަދި އެލާރމް ކަނޑާލަމުން ގަޑި ބަލާލިއިރު، އަދި މެންދަމުން އަލިވެ ހަތަރެއް ޖެހީއެވެ. އަދި ފަތިސް ނަމާދު ވަގުތުވާން ވަގުތު އޮތުމުން އެހާ އަވަހަށް ރިދާ ގޮވީ ކީއްކުރަންތޯ ރިދާގެ ގާތުގައި އަހާލެވުނެވެ. އަދި އޭނާގެ ފަރާތުން ޖަވާބެއް ނުލިބެނީސް އަނެއްކާވެސް އޮށޯތީ ފަތިސް ނަމާދު ވަގުތު ވަންދެން އަދި އިރުކޮޅަކު ނިދާލުމުގެ ބޭނުމުގައެވެ. މިލާން މި ކަންތައް ކުރިގޮތުން އޭނާއަށް ޖަވާބު ދިނުމުގެ ބަދަލުގައި ރިދާ ގޮސް ކޮޓަރީގެ ހޮޅިބުރި ދިއްލާލިއެވެ. ކޮޓަރިތެރެ އެކީ އަލިވެގެން ދިޔުމުން ނިދާލާނަމޭ ހިތާ އޮށޯވެގެން އޮތް މިލާން ރިދާއަށް ބަލާލަމުން އަނެއްކާވެސް ތެދުވެ އިށީނެވެ. ހަރުކޮށް ހިނގާލާފައި އައި ރިދާ، އެނދުގެ މަގަތުގައި ދެފައި ވަށްކޮށްލައިގެން އިށީނެވެ. އޭނާގެ ނަޒަރު ސީދާވެފައިވީ މިލާނަށެވެ.
“ރިދާ…. ކިހިނެއްވީ…؟؟؟؟” ރިދާގެ ޙަރަކާތްތަކަށް ފަރުވާވެ ބަލަން އިން ނަމަވެސް އެއްވެސްކަމެއް ދޭހަ ނުވުމުން ލޯތްބާއިއެކު އެހެނަސް ނިދި އަޑަކުން މިލާނަށް އަހާލެވުނެވެ.
“މިލާން…. ދެން ހޭލަބަލަ ރަނގަޅަށް…..” މިލާން މާ ވަރަކަށް އާފުރޭތީ ރިދާއަކަށް ކަމަކު ނުދިޔައެވެ. ރިދާ އެހެން ބުނުމުން މިލާން އޭނާގެ ދެލޯ އުނގުޅާލުމަށްފަހު، މޫނުގައި ދެއަތުން ފިރުމާލިއެވެ. އަދި މޯޅިއަކަށް ދެމެލާފައި އޭނާވެސް ދެފައި ވަށްކޮށްލިއެވެ.
“ހޫމް ދެން ބުނެބަލަ…… މިހާރު މި އިނީ ރަނގަޅަށް ހޭލާފައޭ…..” ރިދާގެ މޫނަށް ބަލާލަމުން ހިނިތުންވެލަމުން މިލާން ބުންޏެވެ.
“އިއްޔެ ޑޮކްޓަރަށް ދައްކާ ވާހަކަ ދެއްކީމެއްނު….. އެހެންވެ ރެޑިވާންވެގެން މި ހޭލެއްވީ…..” މިލާންގެ މުލައްދަނޑީގައި ހިފަހައްޓާލަމުން ޖޯޝާއިއެކު ރިދާ ބުނެލިއެވެ. ރިދާ ދެއްކި ވާހަކައަކުން މިލާނަށް އިނދެވުނީ ފާޑަކަށް އަނގަކޮޅު ހަދާލައިގެން ރިދާއަށް ބަލާށެވެ. މިލާން އެހެން ބަލަން އިނުމުން “ހަނދާނެއް ނުވޭ” ހޭ ރިދާއަށް އަހާލެވުނެވެ.
“ނޫނޭ…. ހަނދާންވެއްޖެ….. އެކަމަކު….. އަހަރެން އަދި އެޕޮއި……” ބޮލުގެ ފުށްކިބައިގައި ފިރުމަމުން މިލާން ވާހަކަ ދައްކަ ދައްކަ ހުއްޓާ ރިދާ ވާހަކަދއްކަން ފެށިއެވެ.
“އަހަންނަށްވެސް އެނގޭ ރޭގަކަން އެވާހަކަ ދެއްކީ…. މިލާން އަދި ހޮސްޕިޓަލަށް ނުގުޅާކަންވެސް އެނގެއޭ…. އަހަރެން މި ދައްކަނީ އެވާހަކައެއް ނޫން…. މިސާލަކަށް ހެނދުނުވެސް ދެއްކޭ ކަހަލަ ގޮތެއް ވިއްޔާ ޑޮކްޓަރު ގާތަށް ގޮސް ކީކޭތަ ބުނާނީ….؟؟؟ އަހަންނަށް ނޭނގެ ޑޮކްޓަރު ގާތު ދައްކާނެ ވާހަކައެއްވެސް…. އެހެންވީމަ ކުރިން ދައްކާނެ ވާހަކައަކާއި އެ ވާހަކަ ދައްކާނީ ކާކުކަމާއި މިކަންކަން ޑިސްކަސް ކުރަންވެގެންނޭ މި ގޮވީ…..” ރިދާ އޮޅުން ފިލުވައިދިނެވެ. ރިދާގެ ވާހަކަ އަޑުއަހާފައި މިލާނަށް އަމިއްލަ ނިތތުގައި އަތުން ޖަހާލެވުނެވެ. އަދި ދެފަރާތަށް ބޯހޫރާލެވުނެވެ.
“އެކަމަކު ރިދާ…. އެވާހަކަ ދައްކަންވެގެންތަ ފަތިސް ނުވަނީސް އަހަންނަށް ތި ގޮވީ…. މި ނޫން ވަގުތެއް ހަމަ ނެތީތަ…..؟؟؟ ހެނދުނު ހޭލާފަވެސް އެވާހަކަ ދެއްކޭނެއެއްނު…. އެޔޮށް އަރާމު ނިދިކޮޅޭ ތި ގެއްލުވާލީ…..” މިލާން ދިމާކޮށްލީ އަނެއްކާވެސް އޮށޯންނާށެވެ. ނަމަވެސް ރިދާ އޭނާ އޮތަކަ ނުދިނެވެ.
“މިލާން…. ދެން އަހަރެން ޤުރުބާންކުރި ނިންޖޯ….. އަހަރެން ހާދަ އިރެއްވަންދެން އިންތިޒާރުކޮށްފީމޭ…. ދެން ހަތަރެއް ޖެހީމައެއްނު މި ގޮވީ…. އެ އަވަސްތަ؟؟؟؟ އިރުކޮޅަކުން ބަންގިވެސް ގޮވާނެ…..” ކޮޓަރީގައި ހުރި ގަޑިއަށް އަވަސް ނަޒަރެއް ދެމުން ރިދާ ބުނެލީ އާދޭހުގެ ރާގެއްގައެވެ.
“އޭނ….ރިދާ މި ހުރިހާ އިރެއް ވަންދެން ނުނިދާތަ ތި އުޅެނީ….” ރިދާގެ ވާހަކަތަކުން އެހެން ހީވުމުން ދެލޯ ބޮޑުކޮށްލާފައި މިލާނަށް އަހާލެވުނެވެ. ފާޑަކަށް ތުންކޮޅު ހަދާލަމުން ރިދާ ބޯޖަހާލިއެވެ. މިލާނަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އަދި އަތުން ދެތިންފަހަރު ނިތުގައި ޖަހާލެވުނެވެ.
“އަހަންނަކަށް ނޭނގެ ދެން ބުނާނެ އެއްޗެއްވެސް…. އެކަމު ރިދާ ނުނިދާ އުޅެންވާނެތަ….؟؟؟؟؟ ހަމަ ނިދާލާފަ ހަމަޖެހިލައިގެންވެސް ވާހަކަ ދެއްކޭނެއެއްނު….” ރިދާގެ މޫނުގައި ފިރުމާލަމުން އޯގާތެރިކަމާއިއެކު ވިސްނައިދޭ ރާގެއްގައި މިލާން ބުނެލިއެވެ.
“ނިދި ނައީމަ އަހަރެން ކީއްތަ ކުރާނީ….؟؟؟” މައުސޫމް ގޮތަކަށް ރިދާ ބުނެލުމުން މިލާން ގާތަށް ކުޑަކޮށް ހިނިއަންނަ ގޮތްވިއެވެ. ރިދާގެ ޙަރަކާތްތަކާއި ވާހަކަތަކުން އޭނާ އުފާވެފައިވާވަރާއި، ނުތަނަވަސް ވެފައިވާވަރު މިލާނަށް ދޭހަވިއެވެ. އެހެންވުމުން ނިދި ނައިސްދާނެ ކަންވެސް އޭނާއަށް ވިސްނުނެވެ. އެހެން ކަމުން ދެން އިތުރަށް އެވާހަކަ ދައްކާކަށް އޭނާ ނުހަދައެވެ.
“ދެން އޮތަކަސް ނުއެއް ނިދޭނެ….. ފަތިސް ނަމާދަށް ގޮވަން އަދި ވަގުތު ކޮޅެއް އެބައޮތް… ހޭލެވުނީމަ ދެން އަހަރެން އަންނާނަން ދަމުނަމާދު ކޮށްލައިގެން…. އެވާހަކަ ދައްކާނީ ދެމީހުން ފަތިސް ނަމާދުކޮށްލައިގެން ހަމަޖެހިލައިގެން އިނދެ ދޯ…..” މިލާން ލޯތްބާއިއެކު މިހެން ބުނުމުން ރިދާ އަވަސް އަވަހަށް ބޯޖަހާލިއެވެ.
**********
ފަތިސް ނަމާދުކޮށް އަވަދިވެގެން ގެއަށް އައިސް ކޮޓަރިއަށް ދިއުމުގެ ކުރިން މިލާން މިސްރާބު ޖެހީ ކާގެއާއި ދިމާއަށެވެ. އޭނާއާއި އެކުއެކީގައި ކަހަލަ ގޮތަކަށް މިކްޔާނާއި ނިމާލްވެސް ވަނީ ކާގެއަށެވެ. އޭރު އާދައިގެ މަތިން ގޭގެ އަންހެންވެރިން ކޮފީ ބޯން ތިއްބެވެ. އެތާނގައި މަދީ ރިދާ އެކަންޏެވެ. ރިދާ ފެންނަން ނެތުމުން ކާގެއަށް ނާދޭތޯ ރުހާގެ ގާތުގައި މިލާން އަހާލުމުން ރުހާ ބޯޖަހާލިއެވެ. ފަތިސް ނަމާދުކޮށްގެން އައިސް ވާހަކަ ދައްކާނީއޭ ބުނެފައި މިލާން ދިއުމުން އޭނާ އަންނަންދެން އިންތިޒާރުގައި ކޮޓަރީގައި އިނީކަމަށް މިލާން ނިންމިއެވެ. ބައެއް ފަހަރު ރިދާގެ ހުންނަ ޅަގޮތްގަނޑެއްގެ ސަބަބުން އޭނާގެ ހިތުން ރިދާއަށް ދެވިފައިވާ ލޯބި އެތައް ގިނައެއް އިތުރުވެގެން ދެއެވެ.
**********
ތަބަކަކަށް ދެ ކޮފީތަށި ލައިގެން އައި މިލާން، ކޮޓަރީގެ ދޮރު ހުޅުވާލާފައި ވަން ވަގުތު ފެނުނު މަންޒަރަކުން އެއްވެސް އިޚްތިޔާރަކާ ނުލާ އޭނަގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ކޮޓަރީގައި ބަހައްޓާފައިވާ ނޫލުކައިގެ ސޯފާއަށް ދެފައި އަރުވާލައިގެން ލެނގޭ ބައިގައި އަތްއަޅުވާލައިގެން، އަތް މަތީ ބޯ އަޅާލައިގެން އޮތް ރިދާއަށް އޮތީ ނިދިފައެވެ. ފަތިސް ނަމާދުކޮށްގެން މިލާންގެ އިންތިޒާރުގައި އިންދާ އޭނާއަށް ނިދުނީއެވެ. މިލާން މަޑުމަޑުން ދޮރު ލައްޕާލުމަށްފަހު، ކޮފީތަބަށް ރީތިވާ މެޒުމަތީ ބަހައްޓާލިއެވެ. އަދި އެއަށްފަހު ވަރަށް މަޑުމަޑުން ފިޔަވަޅު އަޅަމުން ގޮސް ރިދާގެ ގާތުގައި މަޑުކޮށްލިއެވެ. ރިދާގެ ބުޅި އިސްތަށިގަނޑު ހުޅިއެއްޖަހާ ހައްޔަރު ކޮށްލާފައި ވީނަމަވެސް ނުފޯރާ ކުދި އިސްތަށިތައް އެ ދޮން މޫނުމައްޗަށް ފައިބައިފައި ވެއެވެ. މިލާން ސޯފާގައި އިށީނދެ އެ އިސްތަށިތައް އެއްފަރާތް ކޮށްލިއެވެ. ނިދާފައިވާއިރުވެސް އެރީތި މޫނުން މައުސޫމްކަން ފައުޅުވެއެވެ. އެގޮތުގައި ކިތަންމެ އިރެއް ވަންދެންވެސް އެ މޫނަށް ބަލަން އިންނާކަށް އޭނާ ފޫއްސެއް ނުވާނެއެވެ. މިލާން ވަރަށް މަޑުމަޑުން އަދި އެހާމެ ފަރުވާތެރިކަމާއިއެކު، ރިދާ އޭނާގެ އަތްމައްޗަށް އުފުލާލުމަށްފަހު، ގެންގޮސް އެނދުގައި ބާއްވާލިއެވެ. ރިދާ ކުޑަކޮށް އެނބުރެލި ނަމަވެސް ނުއެއް ހޭލައެވެ. އޭނާ އޮތީ އެއަށްވުރެ މާގަދަ ނިންޖަކުން ނިދާލާފައެވެ. ވާނީވެސް އެހެންތާއެވެ. އިންސާނަކު ކިތަންމެ ބޭނުންވީ ނަމަވެސް ނިދީގެ މައްޗަށް ބާރު ފޯރުވާނީ ކިހިނަކުން ހެއްޔެވެ.؟ އަދި އެވެސް ރޭގަނޑު އެއްކޮށް ނުނިދާ ހުރެއެވެ. އިރުކޮޅަކު ރިދާއަށް ބަލަން އިނދެފައި މިލާން އޭނަގެ ގައިމަތީ ރަޖާ އަޅާލަދިނެވެ. އަދި އެނދުން ތެދުވުމަށްފަހު ކޮފީ ތަބަށް ހިފައިގެން ކޮޓަރިން ނުކުތެވެ.
**********
ރިދާއަށް ހޭލެވުނީ ގޭތެރޭ އަޑުގަދަކަމުންނެވެ. މޯޅިއަކަށް ދެމެލުމަށްފަހު ފޯނުން ގަޑި ބަލާލިއެވެ. ދެލޯ ބޮޑުވެގެން ދިޔައީ އެކެއް ޖަހާ ފަނަރަ މިނިޓް ހިނގާފައިވާ ތަން ފެނުމުންނެވެ. އެހާ އިރުވަންދެން އޭނާ ނިދާފައި އޮތް އިރު އެއްވެސް މީހަކު އޭނާއަށް ނުގޮވީ ކީއްވެބާއޭވެސް ހިތަށް އެރިއެވެ. ގޭތެރޭ އެހާ އަޑުގަދަވެގެން އެ އުޅެނީ ކޮންކަމަކާބާއޭވެސް ހިތަށް އެރިއެވެ. އެއިން ސުވާލަކަށް ޖަވާބު ހޯދުމުގެ ކުރިން އޭނާ އަވަސްވެގަތީ ފެންވަރާ ތާޒާވެލައިގެން މެންދުރު ނަމާދުކުރާށެވެ.
ނަމާދުކޮށް އަވަދިވެގެން ޒިކުރުކޮށްލުމަށްފަހު އޭނާ މިސްރާބު ޖެހީ ބޭރަށް ދިއުމަށެވެ. އެވަގުތު އޭނާގެ ބަނޑުން އަޑެއް އިވުނެވެ. ބަނޑު ހައިވެފައިވާ ކަމުގެ އިޙްސާސްވެސް ކުރެވުނީ ދެނެވެ. ފިޔަވަޅުތަކަށް ބާރުލާފައި ހިނގައިގަތީ ބޭރަށް ދިއުމަށެވެ. ސިޑިން ތިރިއަށް ފައިބަމުން ދިޔަވަރަކަށް ގޭތެރޭގެ އަޑުގަދަވަމުން ދިޔައެވެ. އަޑު އައީ މެހެމާނުން ބައިތިއްބާ ކޮޓަރިތަކާއި ދިމާލުން ކަމަށްވާތީ އޭނާ އެ ދިމާއަށް މިސްރާބުޖެހިއެވެ. ދޮރު ހުޅުވާލެވިފައިވާ ކޮޓަރީގެ ދޮރުމަތީ ހުއްޓިލަމުން އޭނާއަށް އަނގަމަތީ އަތް އަޅާލެވުނީ އެތަން ތައްޔާރު ކޮށްފައިވާލެއް ފުރިހަމަކަމުންނެވެ.
“ވާއު….. ބޭބީ ހޮސްޕިޓަލުން ދޫކޮށްލީތަ….؟؟؟” އެކި ދިމަދިމާއަށް ބަލަމުން ރިދާއަށް އަހާލެވުނެވެ. އެތަން ތައްޔާރުކުރުމަށް ބޭނުން ކޮށްފައިވާ ޢިބާރާތްތަކާއި އެއްޗެހިން އޭނާއަށް ވިސްނުނީ ލައިނީމެންގެ ދަރިފުޅު ގެއަށް އަންނަން އުޅެނީ ކަމުގައެވެ.
“އާން ރިދާ…. ބޭބީ އަންނަނީ……” އުފާވެފައިހުރިވަރުން ރިދާގެ ގައިގައި ބައްދާލަމުން ރުހާ ބުނެލިއެވެ. އެތާ ތިބި މީހުންތައް ރިދާގެ ސަމާލުކަމަށް އައީވެސް ދެނެވެ. މިލާނާއި މިކްޔާންގެ އިތުރުން މަލަކްއާއި މިލްނާވެސް އުޅެއެވެ.
“އަހަރެން އެކަނި ދޯ މަދީ…. އަހަންނަށް ނިދުނީ….. އެކަކުވެސް އަހަންނަކަށް ނުގޮވައެއްނު…..” ރިދާ ޝަކުވާ ކޮށްލިއެވެ. އޭނާވެސް ހުރީ އެތަން ތައްޔާރުކުރުމުގައި ބައިވެރިވާން ބޭނުންވެފައެވެ. ކުރިންވެސް އެ ޝަކުވާ އަންނާނެކަމަށް އެންމެންވެސް ވިސްނައިގެން ތިބީ ކަންނޭނގެއެވެ. އެންމެންވެސް ބަލާލީ މިލާނާއި ދިމާއަށެވެ. މިލާނަށް އެކަން ދޭހަވުމުން ރިދާއާއި ދިމާއަށް ހިނގައިގަތެވެ.
“އަހަރެން ނުގޮވާށޭ ބުނީމަ އެކަކުވެސް ނުގޮވީ…. ރޭ އެއްކޮށް ނުނިދާ ހުރެފަ އަނެއްކާ އެހާ ބުރަކޮށް މަސައްކަތްކުރީމަ ދެން ނިދި އަންނާނީ ބޭބީ ގެއަށް އަންނަ ގަޑިއަކަށްނު….. އެހެންވެ ބޭބީ އަންނަން ވާއިރަށް ރިދާއަށް ތަޒާކަން ލިބޭނެތީވެ އެގޮތަށް ކަންތައް ކުރީ…. އަދި މި ނިމުނީކީ ނޫނޭ…. ރިދާއަށްވެސް ބައެއް މަސައްކަތްތައް ބަހައްޓާފަ ހުންނާނެ ދޯ ފަހަރީ…..” ރިދާ ގަޔާ ކައިރިކޮށްލަމުން މިލާން ރުހާއަށް ދޯ އަޅާލިއެވެ.
“އާނ…. ދެން ހުންނާނީ ރިދާ ކުރަންޖެހޭ މަސައްކަތްތައް….. ބޭބީ އަންނާނީވެސް ހަވީރުން…. އެހެންވީމަ އަދި ނިންމާލެވޭނެއެއްނު ދޯ…..” ރިދާގެ ކޮލުގައި ހިފާލަމުން ރުހާ ބުނެލިއެވެ. ރީތި ހިނިތުންވުމަކާއިއެކު ބޯ ޖަހާލަމުން ދެން ކުރަންވީ ކޮންކަމެއްތޯ ރިދާ އަހާލިއެވެ.
“މަސައްކަތް ފެށުމުގެ ކުރިން އެހަށް ހިނގާ ކާން….. ރިދާ ހުންނާނީ ވަރަށް ބަނޑުހައިވެފައެއްނު ދޯ…. އަހަރެމެންވެސް އަދި ނުކަމޭ…..” މިލާން އެހެން ބުނުމުން މިލްނާވެސް އޭނާއާ އެއްބައިވެ އެންމެންނަށް ކާން ދާން އެންގިއެވެ. ލައިނީމެންގެ ދަރިފުޅު އަންނަން އުޅޭ ޚަބަރު ލިބުމުން އުފާވެފައި ހުރިވަރުން ރިދާ ހުރި އޭނާ ދައްކަން އުޅުނު ވާހަކަ މަތިންވެސް ހަނދާން ނެތިފައެވެ.
“ރިދާ ސްކޫލް ޗުއްޓީ ހަފްތާވީމަ ބާރު ބޮޑުކަމުން މީގެ ހަފްތާއެއްހާ ދުވަސް ފަހުން ޑޮކްޓަރަށް ދެއްކޭ ގޮތްވާނީ….. ދައްކަން ގޮއްސަ ދައްކާނެ ވާހަކައާއި ދޭތެރޭ ރިދާ ނުވިސްނާ… އަހަރެން ވާހަކަ ދައްކާނަން…..” އެންމެންގެ ފަހަތުން ދަމުން އެމީހުންނަށް އަޑު ނީވޭނެހެން މަޑުމަޑުން މިލާން ބުނެލިއެވެ. އުފާވީވަރުން ހުރިހާ ދަތްތަކެއް ފެންނަވަރަށް ހީލަމުން ރިދާ ބޯ ޖަހާލިއެވެ.
**********
ލައިނީއާއި ރަޔާން އެމީހުންގެ އަލަތު ދަރިފުޅު ގޮވައިގެން “މޫންލައިޓް” ގެއަށް އައުމުން ރުހާމެންގެ ފަރާތުން ލިބުނު ހޫނު މަރުހަބާގެ ސަބަބުން އެމީހުން ތިބީ ވަރަށް އުފާވެފައެވެ. އެމީހުން އައުމުން ހީވަނީ ގެއަށް ކުޑަވަރެއްގެ ޢީދެއް އައިސްގެން އުޅޭހެންނެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަނީ ހިނިތުންވުމާއި އުފާވެރިކަމެވެ. އެ ކުޑަ ކުޑަ ކުއްޖާގެ ސަބަބުން އެގެއަށް ބަހާރު މޫސުން އައިސްފައިވާ ފަދައެވެ. ގެއަށް ދިރުން އައިސްފައި ވެއެވެ.
**********
ދަންވަރުގެ ވަގުތެވެ. ރުހާއަށް ހޭލެވުނީ ނޭވާ ހާސްވާން ފެށުމުންނެވެ. ހޭލިއިރު ކޮޓަރީގައި އަލިކަމެއް ނެތެވެ. ކޮޓަރިއަށް ކަނު އަނދިރިކަން ވެރިވެފައިވުމުން ތަނެއް ދޮރެއް ވަކި ކުރާކަށް ނޭނގުނެވެ. ބާލީސްދަށާއި އެނދުމަތީގައި އަތް ހިންގާލެވުނީ ފޯނު އަތުޖެހޭތޯއެވެ. އޭރުވެސް އޭނާއަށް ރަނގަޅަށް ނޭވާ ނުލެވެއެވެ. ފޯނު އަތު ނުޖެހުމުން ގާތުގައި އޮތް މިކްޔާންގެ ގައިގައި ކޮށްޓާލަމުން ގޮވާލިއެވެ. ދެފަހަރަކު ގޮވާލުމުން މިކްޔާންވެސް ހޭލިއެވެ. ކޮޓަރީގައި އަލިކަމެއް ނެތުމުން އެނދު ކައިރީގައި ހުރި ކުޑަ ކަބަޑު މަތީގައި އޮތް އޭނާގެ ފޯނު ނަގައި އަލިކޮށްލިއެވެ. ތެޅިގެންފައި އޭނާއަށް ރުހާގެ ގައިގައި ހިފައި ތަޅުވާލެވުނީ ހާސްވެގެން ރުހާ އުޅުނުގޮތް ފެނިފައެވެ. ފޯނުގެ އަލިކަން ކޮޓަރިއަށް ވެރިވުމުން ރުހާ ކުޑަކޮށް ހަމައަކަށް އެޅުމުން ރުހާއަށް ފެންފޮދެއް ދީފައި މިކްޔާން އަވަސްވެގަތީ ބެލްކަނީގެ ދޮރު ހުޅުވާލާށެވެ. ފޮތިގަނޑު ކަހާލާފައި ދޮރު ހުޅުވާލުމާއިއެކު ހަނދުވަރުގެ ރިހިއަލި ކޮޓަރިއަށް އެޅިގެން ދިޔުމުން އެއްވެސް އިޚްތިޔާރަކާ ނުލާ މިކްޔާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ރުހާއަށް ގޮވާލަން ފަހަތަށް އެނބުރުނުއިރު ރުހާ އައިސް އޭނާއާއި އަރާ ހަމަވަނީއެވެ. ރުހާގެ އަތުގައި ހިފާލައިގެން މިކްޔާން ބެލްކަންޏަށް ނުކުތެވެ. ބުރުހަމަ ހަނދު، އުޑުގައި ރަނިކަން ކުރަމުން ދިޔައިރު، ކަރަންޓުގެ އަލި އެއްވެސް ވަރަކަށް ނެތުމުން އުޑުގައި ފިޔަޖަހަމުން ދިޔަ ތަރިތައްވެސް ރީތިކޮށް ފައުޅުވާން ހުއްޓެވެ. ޖެހެމުންދާ ފިނިފިނި ވައިރޯޅީގެ ސަބަބުން ރުހާގެ ހިތަށްވެސް ފިނިކަން ލިބިގެން ދިޔައެވެ.
“މުޅި ރަށުން ކަރަންޓު ދިޔައީ ކަންނޭނގެ….” އެއްވެސް ހިސާބަކުން ކަރަންޓުގެ އަލި ފެންނަން ނެތުމުން ރުހާއަށް ބަލާލަމުން މިކްޔާން ބުނެލިއެވެ. ނަމަވެސް މިކްޔާންގެ އަޑު ރުހާގެ ކަންފަތާއި ހަމައަށް ފޯރިހެންނެއް ހިޔެއް ނުވެއެވެ. އޭނާ ހުރީ އުޑާއި ދިމާއަށް ބަލާށެވެ. ތުންފަތުގައި ނުފިލާ ހިނިތުންވުމެއް ވިއެވެ. ޖެހެމުންދާ ވައިރޯޅިތައް އޭނާގެ ދިގު އިސްތަށިގަނޑާއި ސަމާސަ ކުރަމުންދާކަހަލައެވެ. ކުރިމަތިން ފެންނަމުން ދިޔަ ހިތްގައިމު މަންޒަރު ފެނިފައި މިކްޔާނަށް ހުރެވުނީ އާޝޯހުވެފައި ރުހާއަށް ބަލާށެވެ. ރުހާގެ މޫނަށް އެޅެމުންދިޔަ އިސްތަށިތައް އެއްފަރާތްކޮށްލައިދެން އުޅުމުން ރުހާ ބަލާލީ އޭނާގެ އިނގިލިތައް ރުހާގެ މޫނުގައި ބީހިލުމުންނެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލްވީވަގުތު ރުހާއަށް ލަދުން އިސްޖަހާލެވުނީ މިކްޔާންގެ ތޫނު ނަޒަރަށް ބަލަން ލަދުގަތުމުންނެވެ. ނުބުނިކަމުގައި ވިޔަސް އެކަން އޭނާގެ މޫނުން ހާމަވާން ހުއްޓެވެ. ރުހާގެ ދޮން މޫނަށް ހަނދުވަރުގެ އަލި އެޅިފައިވުމުން ލަދުގަތުމުގެ ސަބަބުން އެމޫނަށް ވެރިވި ފިނިފެން ޖަންބުކުލަ މިކްޔާނަށް ސިއްރެއް ނުވިއެވެ. އޭނާ އަތުގެ ނުފުށުން ރުހާގެ މޫނުގައި ފިރުމާލިއެވެ. މިކްޔާންގެ ބީހިލުމުން ރުހާގެ ޚިއްސުތަކަށް އެނގުންވެލައިގެން ދިޔައެވެ. އިސްއުފުލާ ބަލާލެވުނުއިރު މިކްޔާންގެ ދެލޮލުގައިވީ އަސަރުތައް ދެނެގަންނަން އޭނާއަކަށް ނޭނގުނެވެ. މިކްޔާން ކުރިއަށްވުރެވެސް ބޮޑަށް ރުހާއާއި ގާތްވެލަމުން އޭނާގެ އުނގަނޑުގައި އަތް އަޅުވާލިއެވެ. މިކްޔާންގެ އެ ގާތްކަމުން ކުރެވުނު އިޙްސާސަކުން ރުހާއަށް ދެ ލޯ މަރާލެވުނެވެ. ރުހާގެ ފަރާތުން ފެހި ސިގްނަލް ލިބުމުން މިކްޔާނަށް އިތުރަކަށް އޭނާގެ ޚިއްސުތައް ކޮންޓްރޯލެއް ނުކުރެވުނެވެ. ރުހާގެ މޫނާއި މޫނު ގާތްކޮށްލެވުނެވެ. މިކްޔާންގެ ހޫނު ނޭވާތައް ރުހާގެ މޫނަށް އެޅުމުން އޭނާގެ ހިތް ބާރު ބާރަށް ތެޅެން ފެށިއެވެ. އިންތިޒާރުކުރަމުން ދިޔައީ ޖާދުވީ ވަގުތުކޮޅަށެވެ. އެހެނަސް އޭނާ ހީކުރި ގޮތަކަށް ކަންތަކެއް ނުވިއެވެ. ދެލޯ ހުޅުވާލެވުނީ އުނަގަނޑުގައި ވަށާލެވިފައިވާ މިކްޔާންގެ އަތް ދޫކޮށްލުމުންނެވެ. ރުހާ ބަލާލުމުން މިކްޔާން އެއްފިޔަވަޅު ފަހަތަށް ޖެހެމުން ދުރު ބަލާލިއެވެ.
“ކަރަންޓު އަންނާނެ އިރެއް ނޭނގެ…. އުއްބައްތިއެއް ރޯކޮށްގެން އަންނާނަން….” ރުހާގެ ނަޒަރު އަމާޒުވެފައިވާކަމުގެ އިޙްސާސްވުމުން އޭނާގެ މޫނަށް ނުބަލާ ހުރެ މިހެން ބުނެފައި މިކްޔާން ހިނގައިގަތެވެ. ނަމަވެސް އޭނާއަށް ކުރިއަށް ދެވޭގޮތް ނުވީ ރުހާ އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ. ދެންވެސް މިކްޔާން ފަސް އެނބުރި ބަލައެއް ނުލިއެވެ. އެހެންކަމުން ރުހާ އޭނާގެ ކުރިމައްޗަށް އަރާ މިކްޔާންގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. ގަދަކަމުން ހިނިތުންވަމުން މިކްޔާން ރުހާއަށް ބަލާލިއެވެ. ރުހާވެސް ލުއި ހިނިތުންވުމެއް ހަދިޔާކުރަމުން މިކްޔާންގެ ފިރިހެންވަންތަ ހަށިގަނޑުގައި ބައްދާލިއެވެ. މިކްޔާން އެގޮތަށް ކަންތައް ކުރީ ކީއްވެގެންކަން ރުހާއަށް އެނގެއެވެ. އޭނާ ރުހާއަށް ބޭނުންވެފައިވާ މިންވަރު އަންދާޒާ ކޮށްލަން ނޭނގުނަސް ނުހަނު ބޭނުންވާކަން އެނގެއެވެ. މިކްޔާން ފަސްޖެހެނީ ރުހާގެ ސަބަބުން ކަންވެސް އޭނާއަށް އެނގެއެވެ. އަދިވެސް ރުހާ ފަސްޖެހިދާނެތީ ޖެހިލުންވަނީއެވެ. އެހެނަސް ރުހާ މިހާރު ބޭނުންވަނީ އެކަމާ ކުރިމަތިލާށެވެ. އޭނާގެ ހިތުން ބިރުވެރިކަން އެކީ ފިލުވާލާށެވެ. މިކްޔާންގެ އުފާތަކަށްޓަކައެވެ. އޭނާގެ ހިތުގެ ހަމަޖެހުމަށްޓަކައެވެ. މަންމައާއި ޢާއިލާގެ އެހެން މީހުންގެ އުއްމީދުތައް ފުރިހަމަ ކޮށްދިނުމަށްޓަކައެވެ. އިތުރަށް މިކްޔާނަށް ހިތްދަތިކަން ދޭން ބޭނުން ނުވާތީއެވެ. މިކްޔާނަކީވެސް އިންސާނެއްތާއެވެ. އިޙްސާސްތައް ކޮންޓްރޯލް ކުރެވޭނީވެސް ވަކިވަރަކަށްތާއެވެ. މި ހުރިހާ ދުވަހެއް ވަންދެންވެސް މިކްޔާން ކެތްކުރީ އޭނާއަށްޓަކައެވެ. އިތުރަށް އިންތިޒާރު ކުރުވާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެންކަމުން ރުހާ ނިންމީ ކޮންމެ ގޮތެއް ވިޔަސް މިރޭ އެކަމާ ކުރިމަތިލާށެވެ. އޭނާ އިސްނަގަން ބޭނުންވިއެވެ. އިރުކޮޅަކު މިކްޔާންގެ ގައިގައި ބައްދާލައިގެން ހުރެފައި ރުހާ ދޫކޮށްލިއެވެ. ނަމަވެސް އޭނާ ހުރީ މިކްޔާންގެ ގައިގައި ޖެހޭ ނުޖެހޭހާ ގާތުގައެވެ. އެހެން ހުރެފައި އޭނާ މިކްޔާންގެ މޫނުގައި ދެއަތުން ހިފަހައްޓާލުމަށްފަހު، ފުރަތަމަ ހަރުފަތް ގިރާކޮށްލިއެވެ. ރުހާ ކޮށްފާނެކަމަށް ހިތަށްވެސް ނާރާ ކަމެއް ކޮށްލުމުން މިކްޔާނަށް ފުރަތަމަ ހުރެވުނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. ނަމަވެސް ފަހުން އޭގެ ތެރެއަށް ވަދެވުމުން ރުހާގެ އުނގަނޑުގައި އަތް އަޅުވާލާ ކުރިއަށްވުރެވެސް ބޮޑަށް ގާތްކޮށްލިއެވެ. ފުރަތަމަ ހަރުފަތް ގިރާކުރުމަށްފަހު، ދެވަނަ ހަރުފަތަށް ދިޔުމުގައި އިސްނެގީ މިކްޔާނެވެ. ރުހާ ހުރީ މިކްޔާންގެ އަތުގައި ހިފަހައްޓާލައިގެންނެވެ. މިކްޔާންގެ ބީހިލުމުން އުނދަގޫވަމުން ދިޔަ ނަމަވެސް ފޮނި މީރު އިޙްސާސެއް ކުރެވޭހެންވެސް ހީވިއެވެ. ނަމަވެސް މިކްޔާންގެ ޙަރަކާތްތައް ބަދަލުވާން ފެށުމުން ރުހާއަށް އުނދަގޫވާންފެށިއެވެ. މެއަށް ނުބައި ގޮތްތަކެއްވެ ސިކުނޑިއަށް ބާރުކުރަމުން ދިޔައެވެ. ނަމަވެސް ދެންވެސް އޭނާބެލީ ހިތްވަރާއިއެކު އެގޮތުގައި ހުރެވޭތޯއެވެ. ފަސްނުޖެހި ވޭތޯއެވެ. އޭނާއަށް އުނދަގޫވަމުން ދިޔަވަރަކަށް ނޭނގި ހުރެ މިކްޔާންގެ އަތަށް ބާރުކުރެވެމުން ދިޔައެވެ. މިކްޔާނަށް އެކަން އިޙްސާސްވުމުން އޭނާގެ ޙަރަކާތްތައް މަޑުޖައްސާލަމުން ރުހާއަށް ބަލާލިއެވެ. އަޑު ބޭރުނުވިނަމަވެސް ރުހާގެ މެރިފައިވާ ދެ ލޮލުން ރާސްލާފައި ކަރުނަތައް ފައިބަމުން ދެއެވެ. މޫނު ރަތްކަމުން ހީވަނީ ލޭހިލިފައިވާ ހެންނެވެ. އޭރުވެސް ރުހާ ހުރީ މިކްޔާންގެ އަތުގައި ބާރަށް ހިފަހައްޓާލައިގެންނެވެ. ރުހާގެ ޙާލަތު ފެނިފައިވާ މިކްޔާންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. އޭނާގެ ދެލޮލަށްވެސް ކަރުނަތައް ޖަމާވީ ބަސްބުނާހާ ވަގުތުކޮޅެއްގެ ތެރޭގައެވެ. ރުހާގެ ކުރިމަތީގައި ރޮވިދާނެތީ އޭނާގެ ނިތަށް ބޮސްދީފައި، އެންމެ ހިނދުކޮޅަކުވެސް އެތާނގައި މަޑުނުކޮށް އޭނާ ވަނީ ކޮޓަރިއަށްށެވެ. މިކްޔާން ދިޔުމުން އަނގަމަތީ އަތް އަޅައިގެންހުރެ ރުހާ ބާރު ބާރަށް ރޯންފެށިއެވެ. އޭނާއަށް ކުރިއަށްވުރެވެސް ބޮޑަށް ރޮވުނީ މިކްޔާން ދިޔައީ އޭނާގެ ސަބަބުން ހިތްހަމަނުޖެހިގެންހެން ހީވުމުންނެވެ.
މިކްޔާން ކޮޓަރިއަށް ވަންތަނާ ކަރަންޓު އައުމުން އޭނާ ގޮސް ވަނީ ފާހާނާއަށެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓި ހުރެ އަމިއްލަ ސޫރައަށް ބަލާލިއެވެ. އޭރު އޭނާގެ ދެލޮލުންވެސް ކަރުނަ ފާއްދާލާފިއެވެ. ކަރުނަތައް ފައިބައިގަތީ ބަލަބަލާ ހުއްޓައެވެ. ފެން އިސްކުރު ދޫކޮށްލުމަށްފަހު މިކްޔާން މޫނު ދޮވެލިއެވެ. އޭނާ ރޯކަށް ބޭނުމެއް ނޫނެވެ. ރުހާއަށްޓަކައި އޭނާ ހިތްވަރުކުރަން އެބަޖެހެއެވެ. ރުހާއާއި ދުރުގައި ހުންނަން އެހާ އުނދަގުވާއިރުވެސް، މިހުރިހާ ދުވަހެއް ވަންދެންވެސް އޭނާ ކެތްކުރީއެވެ. ދެންވެސް ކެތްކުރާނީއެވެ. އަބަދުހެން އެހާ ގާތުން ރުހާ ފެންނަން ހުންނާތީ އިޙްސާސްތައް ކޮންޓްރޯލް ކުރުމަކީވެސް ފަސޭހަ ކަމެއް ނޫނެވެ. މިރޭވެސް އޭނާއަށް ރުހާއާއި ގާތްވާން އުޅެވުނީ ބޭއިޚްތިޔާރުގައެވެ. ހަމަހޭވެރިކަން ވުމުން އަވަހަށް ދުރަށް ދާންވެސް މަސައްކަތްކުރިއެވެ. ނަމަވެސް ދެވަނަ ފަހަރުވެސް ރުހާ އާއި ގާތްވެވުނީ ރުހާގެ ސަބަބުންނެވެ. ހިތްވަރުކޮށްފައި ރުހާ އެކަމާ ކުރިމަތިލީތީ އޭނާ ހައިރާންވި ނަމަވެސް އުފާވެސް ވިއެވެ.
މީހާ ހަމައަކަށް އެޅުމުން މިކްޔާން ފާހާނާއިން ނުކުތެވެ. އެވަގުތު އޭނާގެ ކަންފަތުގައި ހަރުލީ ރުހާގެ ވޭނީ ރުއިމުގެ އަޑެވެ. އަވަސް ފިޔޔަވަޅުތަކެއް އަޅަމުން ބެލްކަންޏަށް ދިޔައިރު ރޮމުން ދިޔަ ރުހާ ފެނިފައި އޭނާ ވަރަށް ދެރަވިއެވެ. އެ ދިޔަގޮތަށް ގޮސް ރުހާގެ ގައިގައި ބައްދާލަމުން ހުއްޓާލުމަށް އެދުނެވެ.
“ރުހާ ޕްލީޒް ހުއްޓާލާ…. އަހަރެން ރުހާއާއި ދޭތެރޭ ފަޚުރުވެރިވަން….. ރުހާތީ ވަރަށް ހިތްވަރުގަދަ ކުއްޖެއް…..” މިކްޔާންގެ ވާހަކަތައް އަޑު އިވިފައި ރުހާގެ ރުއިމުގެ އަޑު ކުއްލިއަކަށް ކެނޑުނެވެ. މިކްޔާނާއި ދުރަށް ޖެހިލަމުން ދެލޯ ފުހެލިއެވެ. އަދި ސުވާލުގެ ނަޒަރަކުން މިކްޔާނަށް ބަލާލިއެވެ.
“މިރޭ ރުހާ ތި ސާބިތުކޮށްދިނީ ރުހާއަށް ވަރަށް ބޮޑު ކުރިއެރުމެއް އައިސްފައިވާކަން….. ރުހާ އިސްވެ ތިކުރި ކަމަކީ، ރުހާގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަމުން އަރައިގަންނަން ރުހާއަށް އެޅުނު ފުރަތަމަ ފިޔަވަޅު…. ކިތަންމެ ކުޑަ މިންވަރެއް ނަމަވެސް އަހަރެން ދެކޭ ގޮތުގައި އެއީ ވަރަށް ބޮޑު ކުރިއެރުމެއް…. ފަސް ނުޖެހި ތި ޢަޒުމުގައި ދެންވެސް ކުރިމަތިލާންވީ…. އެގޮތުގައި ހިތްވަރުކޮށްފިނަމަ މާތް ﷲ ގެ އއިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ކާމިޔާބު ލިބޭނެ….. އަހަރެންގެ އިންތިޒާރަށް ވަރަށް އަވަހަށް ނިމުން އައިސްދާނެ…..”
“މިކްޔާން ދިޔައީ ހިތްހަމަނުޖެހިގެން ނޫންތަ…..؟؟؟؟” މިކްޔާންގެ ވާހަކަތައް އަޑު އިވިފައި ރުހާއަށް އަހާލެވުނެވެ. އޭނާ ހީކުރީ މިކްޔާން ދިޔައީ ހިތްހަމަ ނުޖެހިގެންކަމަށްށެވެ. ރުހާގެ ސުވާލުން މިކްޔާންގެ ގާތަށް ހިނިއައެވެ.
“އަހަރެން ކީއްވެ ހިތްހަމަ ނުޖެހެންވީ…. ރުހާއަށް ތިހާ ބޮޑު ކުރިއެރުމެއް ލިބުނީމަ އަހަރެން މިހުރީ ވަރަށް އުފާވެފައި…. ދެން ފަހަތަށް އެއްވެސް ފިޔަވަޅެއް ނާޅާތި…. މަސައްކަތް ކުރަންވީ ކުރިއަށް ފިޔަވަޅު އެޅޭތޯ…. ރުހާއަށް ވާނެ… އަހަރެން ހިތްހަމަ ނުޖެހިދާނެތީ ފަސްނުޖެހޭތި…..” ރުހާގެ ކޮލުގައި ފިރުމާލަމުން މިކްޔާން ބުނެލިއެވެ. އެވަގުތު ރުހާގެ ލޮލުގައި އަޅައިގަތީ ރަތްވެފައިވާ މިކްޔާންގެ ދެއަތެވެ. މޫނުގެ ކުލަވަރު އެކީ ބަދަލުވެގެން ދިޔައީ ދެއަތަށް ރަނގަޅަށް ބަލައިލުމުންނެވެ. އެއަތުގައި ވަނީ އޭނާ ހިފެހެއްޓުމުގެ ސަބަބުން އޭނާގެ އިނގިލިތަކުގެ ނިޔަފަތިތަކުން ވަކި އެޅި ލޭ ހިލިފައެވެ. އެމަންޒަރު ފެނިފައި އަނެއްކާ އޭނާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ.
“މިކްޔާން ސޮރީ…..” މިކްޔާންގެ ދެއަތަށް ބަލަން ހުރެ ރުހާއަށް ބުނެވުނެވެ.
“މީ ރުހާ ތިކަމުން އަރައިގަންނަން މަސައްކަތްކުރާ ކަމުގެ ވަރުގަދަ ހެއްކެއް…. އަހަންނަށް މީ އެއްވެސް އަނިޔާއެއް ނޫން…. މިކަހަލަ ކިތަންމެ ވަތްކެއް އެޅިޔަސް ހެޔޮ…. އަހަރެން ބޭނުންވަނީ ރުހާ މިކަމާ ކުރިމަތިލާ ކާމިޔާބު ހޯދަން…..” ރުހާ ހިތްހަމަ ޖައްސައިދިނުމަށްޓަކައި މިކްޔާން ބުނެލިއެވެ. މިކްޔާންގެ ވާހަކަތައް އިވިފައި އެފަދަ ރަނގަޅު މާތް ފިރިއަކު ދެއްވީތީ ރުހާ، މާތް ﷲ އަށް ޙަމްދުކޮށްލިއެވެ. ކުޑަކޮށް މިކްޔާންގެ ގައިގައި ބައްދާލަމުން ޝުކުރު އަދާކޮށްލާފައި ދެން އޭނާ އަވަސްވެގަތީ މިކްޔާންގެ އަތުގައި އައިސްޕެކް އަޅާށެވެ.
**********
ހަފްތާއެއް ފަހުން ލައިނީމެންގެ ދަރިފުޅު ލޫޠް ގޮވައިގެން އެނބުރި ރަށަށް ދިއުމުން އަނެއްކާވެސް “މޫންލައިޓް” ގެއަށް ފަޅުކަން އައިސްފައިވެއެވެ. މެންދުރުގެ ވަގުތު އިތުރު ބަޔަކު ގޭގައި ނެތުމުގެ ސަބަބުން ރުހާއާއި މިލްނާ ތިބީ އަނބު ގަސްދޮށުގައި ހުރި ޖޯލިފަތީގައެވެ.
“ދޮންތީ….” ރުހާގެ ފޯނުން އޮންލައިން ޕޭޖަކުން ވިއްކާ ބަދިގެ ސާމާނުތަކެއް ބަލަން ތިބެފައި ދެމީހުންނަށް އެއްފަހަރާ ބަލާލެވުނީ ރިދާގެ އަޑު އިވުމުންނެވެ. ގޭތެރެއަށް ވަދެގެން އައި ރިދާ އެދިމާއަށް ދުވެފައި އަންނާތީ ދެމީހުންނަށް ކޮޅަށް ތެދުވެވުނެވެ. ރިދާ އެއައި ގޮތަށް އައިސް ރުހާގެ ގައިގައި ބައްދާލައިގެން ހުރެ ރޯންފެށިއެވެ. ވާނުވާ ނޭނގިވާ ޙާލު ރުހާއާއި މިލްނާ އެކަކު އަނެކަކަށް ބަލާލުމަށްފަހު ރިދާ ގާތު ވީ ކީއްތޯ އަހާލެވުނެވެ. ގޭތެރެއަށް ވަދެގެން އައި މިލާން އެމީހުންގެ ލޮލުގައި އަޅައިގަތީ ދެނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.







Assalaam Alaikum ?
kiyuntherinnah mi part ves kamudhane kamah ummeedhu kuran ?❤️?
Mihaaru mi vaahaka eem ge fb page “EamYaa ge Vaahaka” in ves kiyaaleveyne ?
https://www.facebook.com/EamYaa-ge-Vaahaka-100267119062847/
Enjoy ?
?❤️
This part is also great ??❤️…kurin part ah comment eh nukoh levuni v busy Koh ulhen jehunima..e part ves v reethi❤️❤️..so when next
vrh vrh reethi… mi vhk ge next episode ah inthizaaruga❤️
Thanks Wifaa ❤️?