ހަނީފާއްތަ ކައިރިއަށް ގޮސް ވަރަށް ބާރަށް ހަނީފާއްތަގެ ގައިގައި ނައިޝާ ބައްދާލިއެވެ.ހަނީފާއްތަވެސް ނައިޝާ ގައިގައި ބައްދާލިއެވެ.
“ކަނބުލޮ އަދި އަންނައްޗޭ މިރަށަށް” ހަނީފާއްތަ ބުނެލިއެވެ. “ދެން ހިއެއްނުވޭ އާދެވޭނެ ހެނެއް…ނައިޝާ އަންނަން ބޭނުންވެގެންނޫން މިފަހަރުވެސް މިއައީ.. ހަނީފާއްތަގެ ނަންބަރު އެބައޮތެއްނު… މިރަށަށް ނަޔަސް ޚަބަރުވެވޭނެ އެއްނު…ގުޅާނަން ހަނީފާއްތައަށް” ނައިޝާ ބުނެލިއެެވެ.
“ކުރީފަހަރުވެސް ދިނީމަ ނުހިފި އެހެންވީމަ މިފަހަރު މީގަ ހިފާ” ހަނީފާާއްތައަށް ދޭން ނައިޝާ ވޮލެޓަށް ލައިފައި ހުރި ދިހަހާސް ރުފިޔާ ނަގާ ދިއްކޮށްލިއެވެ.
“ހާދަ ބައިވަރެއް؟…ތި ބާއްވާ” ހަނީފައްތަ ބުނެލިއެވެ. “ނޫން މިފަހަރު މީގަ ހިފާ” ނައިޝާ ކުރު ނުކުރުމުން ހަނީފާއްތަ އެރުފިޔާގައި ހިފިއެވެ.
އެންމެނާ ސަލާމް ކުރުމަށްފަހު ލޯންޗަށް ނައިޝާ އެރިއެވެ.ލޯންޗު ފަޅުން ބޭރުވަންދެން ނައިޝާ ދާ މަންޒަރު ބަލަން ސައިފް ދެރަވެފައި ހުއްޓެވެ.
**********
ކަނޑުގެ ލޮނުގަނޑު ކަފަމުން ހަލުވި ދުވެލީގައި ލޯންޗު ދަތުރުކުރަމުން ދިޔައެެވެ.ސީޓުގައި އިށީންދެލައިގެން ފޯނާ ކުޅެން ނައިޝާ އިނެެވެ. އޭނާއަށް އައްކިޔުންނާ ދިމާވެވޭތީ ހުރީ ވަރަށް ބޮޑަށް އުފާވެފައެވެ.އެހެންއިނދެ ޔުދާގެ ނަންބަރަށް ނައިޝާ ގުޅާލީ އެކޮޅުން ފޯނު ނަގާނެ ކަމުގެ އެއްވެސް އުންމީދެއް ނެތިއެވެ.ނަމަވެސް ޔުދާގެ ކޯލު ކުރިއާ ޚިލާފަށް ރިންގުވިއެވެ.ހުރިހާ ދުވަހަކު ނުގުޅި ހުރެފަ މިއަދު އެކޯލު ރިންގުވުމުން ނައިޝާ ކުޑަކޮށް ހައިރާންވިއެއް ކަމަކު އުފާވެސް ވިއެވެ.
“ހަލޯ”! ރިންގުވިތާ ދެމިނެޓްވެސް ނުވެ އެކޮޅުން ޔުދާ ފޯނު ނެގިއެވެ. ޔުދާގެ އަޑުޖެހުމުން ނައިޝާ ވަރަށް އުފާވިއެވެ.
“ދަރިޔާ ކޮން ދުނިޔެއަކު ތިއުޅެނީ؟….ހާދަ ވަރަކަށް ގުޅައިފީމޭ…ނައިގެ ޚަބަރެއްނުވާތީ ޕޮލިހަށްވެސް ދާން ހިތަށްއަރާފަ މިހުރީ….ފޯން ހަލާކުވީތަ؟….ނައިގެ ނަންބަރަށް އެއްގޮތަކަށްވެސް ނުގުޅޭ…ރިންގުވާ އަޑެއްވެސް ނީވެ ހަމަ ކެނޑެނީ” ޔުދާ އެއް ނޭވާއިން ބުނެލިއެވެ.
“ނައިވެސް އެހެން ހިތަށްއަރާފަ މިހުންނަނީ……ފޯނަށް ހަމަ ރަނގަޅަށް ރޭންޖުލިބޭ….ހަމައެކަނި ޔުދާއަށާ އައްކިޔުންނަށް ނުގުޅެނީ….ކޮންމެ ދުވަހަކު ކަހަލަގޮތަކަށް ނައި ގުޅަން ތިދެމީހުންނަށް…އެގޮތަށް މިއަދުވެސް ގުޅާލިއިރަށް މިގުޅުނީ” ނައިޝާ އަދިވެސް ހުރީ ހައިރާންވެފައެވެ.
************
ޔުދާއާ ނައިޝާ ކުޑަކޮށް ފޯނުން ވާހަކަދައްކާލިއެވެ. “އަޅެ ކާއެއްޗެއްވެސް ނަހަދަން…ނައި ކޯއްޗެއް ކާން ބޭނުންވަނީ އަންނަންވާއިރަށް ތައްޔާރުކޮށްލާނަން” ޔުދާ އެހެންބުނުމުން އޭނާ މިދަނީ ކައިގެން ކަމަށާ އެއްޗެއް ނުހެދިޔަސް ރަނގަޅުވާނެ ކަމަށް ބުނެލިއެެވެ.
“އައްކިއަށް ގުޅައިފިންތަ މިހާރު؟” ޔުދާ އަހާލިއެވެ. “ނޫން…ޔޫ އަށް ގުޅެންޏާ އައްކިއަށްވެސް ގުޅޭނެއެއްނު….އެކަމް އަދި ނުގުޅާނަން…..ސަޕްރައިޒެއް ދޭން ހުޅުމާލެއަށް ގޮއްސަ ގުޅާނީ” އުފަލުން ހުރެ ނައިޝާ ބުނެލިއެވެ.
********
ލޯންޗު މާލެ ބަނދަރަށް ގާތްކުރުމުން ޓެކްސީއެއްގައި ނައިޝާ ހުޅުމާލެއަށް ދިޔައެވެ.ކާރުގައި އިން ނައިޝާގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ.
ކާރު ނައިޝާގެ ގެއަށް މަޑުކުރުމުން މަތިން ބަލަންހުރި ޔުދާ ވަގުތުން ފޭބިއެވެ. “ހާދަ މިސްވިޔޭ ނައި ދެކެ…އަހަރެން މުޅިން ބިރުން އަވަދިވެއްޖެ ނައިއަށް ކަމެއްވީ ކަމަށް ހީކޮށް” ނައިޝާ ފެނުމުން އުފަލުން ބައްދާލަމުން ޔުދާ ބުނެލިއެވެ.ޔުދާގެ އެލަފްޒުތަކުން ނައިޝާ ހިނިއައެވެ.
******
“އާހް….ހާދަ ޒަމާނަކަށް ފަހުއޭ ގެއަަށް މިއާދެވުނީ” ސޯފާގައި އިށީންދެ ހަމަޖެހުމުގެ ނޭވާއެެއް ދޫކޮށްލަމުން ނައިޝާ ބުނެލިއެވެ.
“ކޮބާ ކިހިނެއްވަނީ އެކޮޅު؟” ޔުދާ އަހާލިއެވެ.ޔުދާއަށް ކަން ހިނގާދިޔަގޮތް ކުރުކޮށް ނައިޝާ ކިޔައިދިނެވެ. “އަސްލުތަ؟…އެސުހާގެ އަތްދަށުން ސައިފްމެން ސަލާމަތްވީތީ އުފާކުރަން” ޔުދާ ބުނެލިއެވެ.
*******
އަތްދަބަހާ ފޮށި ކޮޓަރީގައި ބެހެއްޓުމަށްފަހު، ނައިޝާ ފޯނު ނެގިއެވެ.ހިނިތުންވެލައިގެން ހުރެ އައްކިޔުންގެ ނަންބަރަށް ގުޅާލުމަށްފަހު ކަންފަތުގައި ފޯނު ޖައްސާލިއެވެ.ފޯނު ކަންފަތުގައި ޖަހައިގެން ހިނިތުންވެލައިގެން ހުރި ނައިޝާގެ މޫނުމަތިން ކުއްލިއަކަށް ހިނިތުންވުން ކެނޑިގެން ދިޔައެވެ.
ތިން ބުރަށް އައްކިޔުންގެ ނަންބަރަށް ނައިޝާއަށް ގުޅުނުއިރުވެސް އިވެނީ އެއްވާހަކަަ އެކެވެ.އޭނާގެ ނަންބަރު ޚިދުމަތް ކަނޑާލައިފައިވާ ވާހަކައެވެ.އައްކިޔުންގެ ފޯނުގެ ޚިދުމަތް ކަނޑާލައިފައި އޮތުމުން ނައިޝާ ވަރަށް ހައިރާންވިއެވެ.ވަގުތުން ސިޓިންރޫމަށް ގޮސް ޔުދާގެ ފޯނު ނައިޝާ ހޯދިއެވެ.
ޔުދާގެ ފޯނުން އައްކިޔުންގެ ނަންބަރަށް ނައިޝާ ގުޅާލީ އިތުރަށް ޔަގީން ކުރުމުގެ ނިޔަތުގައެެވެ.އޭނާގެ ފޯނުން ގުޅިއިރުވެސް އިވެނީ ޚިދުމަތް ކަނޑާލައިފައިވާ އަޑެވެ. “އައްކި އައިތަ ނައި ހޯދަން މިގެއަށް؟” ފޯނު ޔުދާއަތަށް ދިއްކޮށްލަމުން ނައިޝާ އަހާލިއެވެ.އެވަގުތު ޔުދާ ދެފަރާތަށް ބޯހޫރާލީ ނާދޭ ބުނުމުގެ ގޮތުންނެވެ.
އައްކިޔުންގެ ފޯނުގެ ޚިދުމަތް ކަނޑާލައިފައި އޮތުމުންނާއ،ި ޔުދާއަށްވެސް އޭނާ ޚަބަރުވެފައި ނުވާތީ އައްކިޔުން ހޯދަން އޭނާގެ ގެއަަށްދާން ނައިޝާ ނިންމިއެވެ. “ނައި އަތުގަ ނެތްތަ އައްކިގެ އިތުރު ނަންބަރެއްވެސް؟” ނިކުންނަން ދިޔަ ނައިޝާއަށް ޔުދާ އަހާލިއެވެ.ނައިޝާއާ އެއްވަރަށް ޔުދާވެސް ހުރީ ހައިރާންވެފައެވެ “ނެތޭ…..ފޭސްބުކާ ވައިބާރ އިން ވެސް ނުފެނުނު އައްކިއެއް” ނިކުންނަމުން ނައިޝާ ބުނެލިއެވެ.
************
މަޑު ހިނގުމުގައި ނައިޝާ އައްކިޔުންގެ ގެއާ ދިމާލަށް ދިޔައެވެ.އައްކިޔުންނާ އެކު ކުރިން އެގެއަށް ނައިޝާ ގޮސްފައިވުމުން، އެގެއަށްދާން އޭނާއަށް އެނގުނެވެ.އައްކިޔުން ދިރިއުޅުނު އެޕާޓްމެންޓްގެ ދޮރުމައްޗަށް ހުއްޓިލުމަށްފަހު، ނައިޝާ ބެލް އަޅާލުމުން ޒަލަފް ދޮރު ހުޅުވިއެވެ. “އަހަނ ނައިޝާ” ދޮރުމަތީގައި ހުރި ނައިޝާ ފެނުމުން ޒަލަފް ގޮވާލިއެވެ.
“ކޮބާ އައްކިޔުން؟” އެސުވާލު ދެމީހުންނަށްވެސް އަހާލެވުނީ އެކުއެކީގައެވެ.އެވަގުތު ޒަލަފާ ނައިޝާއާ ދެމީހުން އެކަކު އަނެކަކުގެ މޫނަށް ބަލައިލީ ހައިރާންވެ ހުރެއެވެ.
“މިގެއަކު ނޫންތަ އައްކިޔުންވަނީ؟” ނައިޝާ އަހާލިއެވެ.
“ނޫން…ނައިޝާ ކައިރިއަކު ނޫންތަ އޭނަވަނީ؟” ޒަލަފްވެސް އަހާލިއެވެ.
“އައްކިގެ ޚަބަރެއްނުވީމަ އައްކި ހޯދަން މިއައީވެސް….ގުޅިއިރު ނަންބަރުވެސް އޮތީ ޚިދުމަތް ކަނޑާލާފަ” ނައިޝާ ބުނެލިއެވެ
“މީގެ ދެރޭ ކުރިން އަހަރެން ބޭރުގަ ހުއްޓާ އޭނަ ގުޅާފަ ކުއްލިއަކަށް ބުނި އެހެންގެއަކަށް ބަދަލުވި ވާހަކައާ އޭނާ އެވަގުތު ހުރީ އެގޭގަ ކަމަށް…އަހަންނަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އެކޮޅުން ފޯނު ކަނޑާލީ… އަހަރެންވެސް އެނަންބަރަށް ވަރަށް ގުޅިން….ފުރަތަމަ ނިވާލާފަ އޮތީ ފަހުން ޚިދުމަތް ކަނޑާލާފަވާ ކަމަށް ބުނަނީ…..ކުއްލި ގޮތަކަށް އައްކި އެހެން ގެއަކަށް ބަދަލުވީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ބަދަލުވީ ކޮން ގެއަކަށް ކަމެއްވެސް އަހަންނަކަށް ނޭނގެ….އަހަރެން ހީކޮށްގެން މިހުރީ އައްކި ނައިޝާއާ އެކުގަ ކަމަށްވަނީ…..ވަރަށް ހައިރާންވެފަ މިހުރީ އައްކި އެހެދިގޮތުން…..އަހަރުމެން ދެމީހުންގެ ދޭތެރޭގަ އެއްވެސް މައްސަލައެއްވެސް ނުޖެހޭވިއްޔާ….އަނެއްކާ އައްކި ދަމުންދިޔައީ އަހަންނަށް ނޭނގި މިތަނަށް ފަސްމަހުގެ ކުލިވެސް އެއްކޮށްް ދައްކަދީފަ” ޒަލަފް ކިޔައިދިނެވެ
ޒަލަފް ދެއްކި ވާހަކަތައް އަޑުއަހަން ހުރި ނައިޝާއަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ. “އެހެންތަ؟” ނައިޝާއަށް ބުނާނެ އެއްޗެއް ނޭނގިގެން ބުނެލެވުނެވެ.
******************
(ދަންވާލުމެއް: (އަޅުގަނޑުގެ ވާހަކަ (ދިމާވި އާދަޔާ ހިލާފް ޒުވާނާ)ގެ އަށްޑިހަ ހަތަރެއް އަދި އަށްޑިހަ ފަސްވަނަ ބައި ނުފެންނަކަމަށް ބައެއްކިޔުންތެރިން ފާހަގަ ކޮށްލައިފައިވެއެވެ.އެކިޔުންތެރިންނަށް ޕޭޖް 2 އަކުން ދެ ޕާޓުވެސް ފެނިވަޑައިގަންނަވާނެ ވާހަކަ އަޅުގަނޑު ދަންނަވާލަން……މި ފުރުސަތުގައި އަޅުގަނޑުގެ ވާހަކަ ކިޔުއްވާ ހުރިހާ ބޭފުޅުންނަށް ޝުކުރުދަންނަވާލަން?)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





