Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޔާރު ނުބުނޭ ތިހެން … (19)

Eemyaa Level 910 Stories100 Comments100 Login500 Comments100 Stories500 Login
October 29, 2021 8 Mins Read
1 Comment

ވިއްސާ ކޮޓަރީގެ ބޭރުގައި މަޑުކޮށްލައިގެން ތިބި ޢާއިލާގެ އެންމެންގެ ސަމާލުކަން އަތުލީ ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑުންނެވެ. އެންމެންގެ ތުންފަތަށް ހިނިތުންވުން ވެރިވިއިރު މާތް ﷲ އަށް ޙަމްދުކޮށް އެކަކު އަނެކަކަށް މަރުހަބާ ކިޔަން ފެށިއެވެ. އޭގެ އިރުކޮޅެއް ފަހުން ވިއްސާ ކޮޓަރިން ޑޮކްޓަރު ނުކުތުމުން އެންމެން އެދިމާއަށް ހިނގައިގަތެވެ. ލައިނީއާއި ތުއްތު ދަރިފުޅުގެ ޙާލުވެސް ރަނގަޅުކަމުގައި ޑޮކްޓަރު ބުނުމުން އެންމެންވެސް މާތް ﷲ އަށް ޙަމްދުކޮށްލިއެވެ.

“ޑޮކްޓަރ…. ކޮންކަހަލަ ކުއްޖެއް ލައިނީ ވިހެއީ….؟؟؟” ހިތް އަވަސްވެފައި ހުރެ ރަޔާނަށް އަހާލެވުނެވެ.

“މަރުހަބާ…. ފިރިހެން ކުއްޖެއް…” މިހެން ބުނެފައި ޑޮކްޓަރު ދިޔުމުން ރަޔާންގެ ތުންފަތުގައިވި ހިނިތުންވުން އިތުރަށް ފުޅާވެގެން ދިޔައެވެ. މިކްޔާން ރަޔާންގެ ކޮނޑުގައި މަޑުމަޑުން ޖަހާލަމުން މަރުހަބާ ކިޔާލިއެވެ.

ދެގަޑިއެއްހާއިރުފަހުން ލައިނީއާއި ތުއްތު ދަރިފުޅު ވޯޑަށް ބަދަލުކުރެވުނެވެ. ޢާއިލާގެ އިސްވެރިން ލައިނީމެންގެ ދަރިފުޅު ދެކެލާފައި ނުކުތުމުން އެކުއްޖާ ދެކެލުމަށްޓަކައި ދެން ވަނީ މިކްޔާންގެ ދެމަފިރިންނާއި މިލާންގެ ދެމަފިރިންނެވެ. އެމީހުން އެތަނަށް ވަންއިރު ރަޔާން އިނީ ލައިނީގެ ބޮލުގައި ފިރުމާލަ ފިރުމާލައެވެ. ވެފައިވާ ވަރުބަލިކަމުގެ ސަބަބުން ލައިނި އޮތީ ލޯމަރާލައިގެންނެވެ. ހަތަރު މީހުން ގޮސް ވަށާލީ ތުއްތު ދަރިފުޅު ބާއްވާފައި އޮތް ކުޑަ އެނދު ކައިރީގައެވެ.

“މާޝާ ﷲ …” ހަތަރުމީހުންނަށް އެއްފަހަރާކަހަލަ ގޮތަކަސް ބުނެވުމުން އެކަކު އަނެކަކަށް ބަލާލަމުން ހިނިތުންވެލިއެވެ.

އަޅޭ ލޯބިކަން…..” އެކުއްޖާގެ ކޮލުގައި ބޮޑުވާއިނގިލިން މަޑުމަޑުން އަތް ހިންގާލަމުން ރިދާއަށް ބުނެވުނެވެ. އަނގައިން އިތުރު ބަހެއް ނުބުނި ނަމަވެސް ރުހާއާއި މިކްޔާންގެ އިތުރުން މިލާންވެސް ކަޅިޖަހާނުލާ އެކުއްޖާއަށް ބަލަން ތިބީ ލޯބިވެތި ގޮތަކަށެވެ.

“ދޮންބޭ އަހަރެން އުރާލަންތަ…..؟؟؟” އެކުއްޖާ އުރާލަން ބޭނުންވެފައި ހުރިވަރުން ރުހާ ރަޔާންގެ އިޒުނައަށް އެދުނެވެ. ރަޔާން ހިނިތުންވުމަކާއިއެކު މަޑުމަޑުން ބޯޖަހާލުމުން ރުހާ އެދަރިފުޅު އުރާލަމުން ލޯބިކޮށްލިއެވެ. މިމަންޒަރު ބަލަން ހިނިތުންވެފައި މިކްޔާން ހުއްޓެވެ.

“ދެން ދީބަ އަހަރެން އުރާލަން…..” އެކުއްޖާ އުރާލަން ބޭނުންވެފައި ހުރިވަރުން ރިދާވެސް އެދުނެވެ.

“މަޑުކޮށްބަ ދޯ…. އަހަރެން އަދި އުރާލީއޭ މި….” އެކުއްޖާގެ މޫނަށް ބަލަން ހުރެ ރުހާ ބުނެލީ އެކުއްޖާ އެހެން މީހެއްގެ އަތަށް ދޭން ބޭނުން ނުވާތީއެވެ. އެހެނަސް އޭނާއަށް އެގޮތުގައި މާ ގިނައިރަކު ނުހުރެވުނެވެ. ރިދާ ކިޔާ އާދޭސްކުރަން ފެށުމުން އޭނާއަށް ޖެހުނީ އެކުއްޖާ ރިދާގެ އަތަށް ދޭށެވެ. މިކްޔާނާއި މިލާން ހެވިފައި މި މަންޒަރު ބަލަން ތިއްބެވެ.

“ބޭބީ ވައްތަރީ އަހަންނާ ދޯ…. އަހަރެން ކަހަލަ ބޮޑު ދެލޯ ހަމަ…..” އެކުއްޖާ އުރާލައިގެން ހުރެ އެ ތުއްތު މޫނަށް ބަލަމުން ރިދާ ބުނެލިއެވެ.

“ރިދާއާއި ވައްތަރީއާއި އަހަންނާވެސް ވައްތަރުވާނު…. އެކަމަކު އަހަންނަށް ބޭބީ ވައްތަރީ ދޮންބެ އާ…. ދެން މޫނުކޮޅު ވަށްވީމަ ކުޑަކޮށް އަހަންނާ ވައްތަރު ގޮތެއް އެބަހުރި…. އެކަމަކު ރިދާއާއި ހަމައެކަނި ވައްތަރީ ދެލޯ….. އެއީ އަހަންނާވެސް އެއްގޮތް ސިފައެއް….” ރިދާ އެހެން ބުނުމުން ރުހާވެސް ރަނގަޅަށް އެކުއްޖާގެ މޫނަށް ބަލާލަމުން ބުނެލިއެވެ. އޭނާ ބޭނުންވީ ރިދާ ރުޅިއަރުވާލާށެވެ. އެކަން ކާމިޔާބުވެސް ވިއެވެ. އޭނާ ރުހާގެ ބަހަށް ދެކޮޅަށް ވާހަކަދައްކަން ފެށިއެވެ.

“ދެން ދެމީހުން ހުއްޓަން އުޅޭ….. ބޭބީ ވައްތަރީ އަހަންނާ ލައި އާ…. ދޯ ލައި……” ލޯމަރާލައިގެން އޮތް ލައިނީ ލޯހުޅުވާލުމުން އޭނާއަށް ދޯ އަޅާލަމުން ރަޔާން މިހެން ބުނުމުން ލުއި ހިނިތުންވުމަކާއިއެކު ލައިނީ ބޯޖަހާލިއެވެ. މިކްޔާނާއި މިލާންވެސް ރަޔާނާއި އެއްބައިވެލުމުން ރުހާ އާއި ރިދާ އެމީހުންނަށް ލޯއަޅާލި ނަމަވެސް އެމީހުންވެސް ތިބީ ހިނިތުންވެލައިގެންނެވެ. ރަޔާން ރިދާގެ އަތުން ދަރިފުޅު އަތުލުމަށްފަހު، އެކުއްޖާއާއި ލޯބިކޮށްލިއެވެ. އަދި ލައިނީގެ ގާތުގައި ދަރިފުޅު ބާއްވާލިއެވެ.

“ދޮންބޭ….. ހިނގާ ގެއަށް ގޮސް ކާލައިގެން އަރާމުކޮށްލަން…. މިހާރު ވަރަށް ވަރުބަލިވެ ނިދިއައިސްފައި ހުންނާނީވެސް…. ރޭގަވެސް ރަނގަޅަށް ނުނިދަމެންނު……” ރަޔާން އާފުރެލިތަން ފެނިފައި ރުހާ ބުނެލިއެވެ.

“ތެދެއް…. ދޮންބެދޭ ދޮންތިމެންނާއި އެއްކޮށް ގެއަށް….. އަހަރެން ލައިގާތުގައި މަޑުކުރާނަން….. މަންމަވެސް ހުންނާނެއްނު….. ދޮންބެ ހަމަޖެހިލައިގެން މިރޭ އާދޭ ލައިގެ މަންމައާއިއެކު…. ދޮންބެ އަންނަންދެން އަހަރެން ވަރަށް ރަނގަޅަށް ލައި އާއ ބޭބީވެސް ބަލާނަމޭ…..” ރަޔާން ނުދާން އުޅުމުން ލައިނީވެސް ރިދާއާއި އެއްބައިވެލުމުން، ލައިނީގެވެސް އެދުމުގެ މަތިން ރުހާއާއިއެކު އޭނާ ގެއަށް ދާން އެއްބަސްވިއެވެ. މިކްޔާނާއި މިލާން ދިޔައީ އޮފީހަށެވެ.

**********

މިލާން ކޮޓަރިއަށް ވަންއިރު ރިދާ އިނީ އެނދުމަތީގައެވެ. އަތުގައި ލޯޝަން ލަމުން ދިޔަ ނަމަވެސް އޭނާ އިނީ ޚިޔާލަކަށް ގެއްލިފައެވެ. މިލާން ކޮޓަރިއަށް ވަންކަންވެސް އޭނާއަށް ރޭކާނުލީ އެހެންވެއެވެ. ރިދާ އިންގޮތް ފެނިފައި މިލާން މަޑުމަޑުން ހިނގާފައިގޮސް ރިދާގެ ކަންފަތްދޮށުގައި ވަރަށް ބާރަށް ޕޮއް ލައްވާލަމުން ސިއްސުވާލިއެވެ. ޚިޔާލަށް ގެއްލިފައި އިން ރިދާ ބާރަށް ހަޅޭއްލަވައިގަންނަމުން އަތް ހޫރާލެވުނީ ސިހުނު ވަރުންނެވެ. އޭނާ ހޫރުވާލި އަތް ގޮސް ޖެހުނީ ގުދުވެގެން އޮތް މިލާންގެ ލޯމަތީގައެވެ. ތަދުވީވަރުން މިލާނަށްވެސް ހަޅެއްލަވައިގަންނަމުން ލޯމަތީ އަތް އަޅާލެވުނެވެ. މިލާން ހުރި ގޮތް ފެނިފައި ރިދާ މޫނުގައި އަތް އަޅާލަމުން ދެލޯ މަރާލީ މިލާނަށް ވަރަށް ބޮޑަށް އަނިޔާވީކަމަށް ހީކޮށްފައެވެ.

“އަހަރެންގެ ލޯމަތީ ޖަހާފައި ރިދާ ކީއްވެތަ މޫނުގައި އަތް އަޅައިގެން ތި ހުރީ…..؟؟؟؟” ލޯމަތިން އަތް ނަގަމުން މިލާން އަހާލީ ރިދާ ހުރިގޮތް ފެނިފައި ހިނިއައިވަރުންނެވެ.
“އެހާ ބޮޑުވަރެއް ނުވޭ ދޯ…..” ލޯމަތިން އަތް އެއްފަރާތް ކޮށްލަމުން، މިލާން ހަމަޖެހިފައި ހުރިތަން ފެނިފައި ރިދާއަށްވެސް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ނަމަވެސް މިލާންގެ ލޯ ކުޑަކޮށް ރަތްވެފައިވުމުން އެލޮލަށް ފުމެލައިދޭންފެށިއެވެ.

“ޖަހާފަ އަދި ބުނެފިއެއްނު ބޮޑުވަރެއް ނުވެ ދޯ އޭ….. ބޮޑު ވަރު ނުވަންޏާ ކީއްކުރަންތަ ތި ފުމެނީ….؟؟؟”ދެއުކުޅުގައި އަތް ވިއްދާލަމުން ރުޅިއައިސްފައި ހުރިކަމަށް ހެދިލަމުން މިލާން މިހެން ބުނުމުން ރިދާ ދެރަވިއެވެ.

“އަހަރެން ގަސްދަކު ނޫނޭ ޖެހީ…. ސިހުނުވަރުން އަތް ހޫރާލެވުނީ….؟؟؟؟؟ މިލާން ކީއްކުރަންތަ ސިއްސުވާލީ…..؟؟؟؟ މިލާންގެ ސަބަބުން އެހެން އެވީ….” ރިދާ މާ ސިރިއަސްވެފައި ހުރުމުން މިލާނަށް އޭނާގެ ހިނިގަނޑު ކޮންޓްރޯލް ނުވެގެން ބާރަށް ހޭންފެށިއެވެ. މި ހުރިހާއިރު މިލާން އޭނާ ހެއްދީކަން އެނގުމުން ރިދާ ބާލީސް ނަގާ މިލާންގެ ގައިގައި ދެތިން ބޮނޑި އަޅުވާލިއެވެ.
“ދެން ވަރަށް ފޫހިވޭ…” މިލާނާއި ދިމާއަށް ބާލީސް އެއްލަމުން ރިދާ ގޮސް އިށީނީ އެނދުގެ ފައިލާކޮޅާ ދިމާލުގައެވެ.

“ހެހެހެ…. ސޮރީ…. ރިދާ މާ ފުން ވިސްނުމަކަށް ގެއްލިފައި އިނީމަ ހަމަ ސިއްސުވާލާ ހިތްވީއޭ……” ރިދާ މަސަލަސް ކުރަންވެގެން އޭނާގެ ގާތުގައި އިށީނދެ ބައްދާލަމުން މިލާން ބުނެލިއެވެ. މިލާން ބައްދާލުމުން ރިދާވެސް ވަރަށް އަވަހަށް ހަމައަކަށް އެޅުނެވެ.

“ދެން ބުނެބަލަ ކޮން ވިސްނުމަކަށް ގެއްލިފާތަ އޭރު އިނީ…..” ރިދާގެ ގައިން ދޫކޮށްލަމުން ސަމާސާ ގޮތްގަނޑު އެއްފަރާތް ކޮށްލާފައި މިލާން އަހާލިއެވެ. މިލާން އެ ސުވާލުކޮށްލުމުން ރިދާވެސް ހަމަޖެހިލަމުން މިލާންގެ މަގަތަށް އެނބުރެލީ  ކަމާވެގެން އިނދެ އެވާހަކަ ފަށަންވެގެންނެވެ.

“އަހަންނަށް ވިސްނުނީ ދޮންބެމެންގެ ބޭބީއާއި ދޭތެރޭ…. ބޭބީ އުރާލީމަ ބޭނުންވީ އަބަދު ގެންގުޅެލަން….. ހާދަ ލޯތްބޭ ދޯ….. ލައި ހޮސްޕިޓަލުން ދޫކޮށްލީމަ ގެއަށް އަޔަސް، ދުވަސްކޮޅަކުން ރަށަށް ދާނެ…. އޭރުން ދެން ބޭބީ އުޅެލާފަ ދިޔާމަ އަހަރެން ވަރަށް ދެރަވާނެ…. އެހެންވެ އެކަމާ ވިސްނުނީ……” ވާހަކަ ދައްކަމުން ދިޔައިރު ރިދާގެ މޫނުގައިވި މައުސޫމްކަމުން މިލާންގެ ހިތް އުތުރި އަރައިގަތެވެ.

“ތެދެކޭ ދޯ…. އަހަންނަށް އަދި ތިހިސާބަކަށް ވިސްނާނުލެވޭ…. އެކަމަކު އަހަރެންވެސް ހުރީ ވަރަށް ބޭބީ އުރާލަން ބޭނުންވެފައި….. ހިތަށް އެރީ ގެއަށް ގެނައީމައޭ އުރާލާނީ….. އެކަމަކު ރިދާ ތި ބުނާހެން ބޭބީ ފެނުނީނަ އެހާ އުފާވާއިރު ގާތުގައި އުޅެލާފަ ދިޔާމަ ހާދަ ދެރަވާނެއޭ ދޯ…..” ރިދާ ދެއްކި ވާހަކަތަކާއިމެދު މިލާންވެސް ފުންކޮށް ވިސްނާލިއެވެ.

“ދެން ކިހިނެއް ހަދާނީ….؟؟؟؟” ޝަހާދަ އިނގިލީގައި ދައިގަންނަމުން ކުޑަ ކުއްޖެއްހެން ރިދާއަށް އަހާލެވުނެވެ.

“އަހަރެމެންވެސް ބޭބީއެއް ހޯދަން އުޅެމާ……” ރިދާއަށް ބަލަން އިނދެ މިލާން މިހެން ބުނުމުން އިސާހިތަކު ރިދާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. “އަސްލުވެސް” ހޭ ކިޔާ މިލާންގެ ކަރުގައި އޮޅުލައިގަތީ އުފާވީލެއް ބޮޑުކަމުންނެވެ. ޙަޤީގަތުގައި އެއީ އޭނާވެސް ބޭނުންވާ ގޮތެވެ. އެކަމަކު ސީދާސީދަލަށް އެހެން ބުނަން ނުކެރިގެން ދުރުދުރުން ވާހަކަ ގެންދިޔައީއެވެ. ލައިނީމެންގެ ދަރިފުޅު ފެނި އެކުއްޖާގެ ގާތުގައި ވަގުތު ހޭދަކޮށްލެވުމުން އޭނާވެސް އަމިއްލަ ކުއްޖަކު ބޭނުންވީއެވެ. ޖޯޝުގައި ގޮސް މިލާންގެ ކަރުގައި ބައްދާލެވުނީ ކިހާ ބާރަށް ކަންވެސް ރިދާއަށް ރޭކާނުލާފަދައެވެ. ކަރަށް ވާންވާން ފެށުމުން މިލާނަށް ޖެހުނީ ރިދާ ދުރުކުރުވާށެވެ.

“ސޮރީ… ސޮރީ… މާ ބޮޑަށް އުފާވީމަ….” ރިދާއަށް ކުރެވުނު ކަންތައް ރޭކާލުމުން ތުންފަތުގައި ދައިގަންނަމުން ކުށްވެރިއެއްފަދައިން ބުނެލެވުނެވެ. މިލާން ކަރުގައި އަތުން ފިރުމާލަމުން އަނެއް އަތުގެ ބޮޑުވާ އިނގިލި ދައްކާލީ ރަނގަޅު ކަމުގައި ބުނަމުންނެވެ.

“ދެންމެ ތި ބުނީ ހަމަ އަސްލަށްވެސްތަ….؟؟؟؟” ކެތްނުވެފައި އިން ރިދާ އަނެއްކާވެސް ޔަޤީން ކޮށްލަންވެގެން އަހާލިއެވެ. ލުއި ހިނިތިންވުމަކާއިއެކު މިލާން ބޯ ޖަހާލުމުން އަނެއްކާވެސް ރިދާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވެއެވެ. އަދި ވަރަށް ބަލައިގެން މަޑުމަޑުން މިލާންގެ ގައިގައި ކުޑަކޮށް ބައްދާލިއެވެ.

“އެކަމަކު އޭގެ ކުރިން ދެމީހުން ޑޮކްޓަރަށް ދައްކާލަންވާނެ….. ލައި ބުނި ބަނޑުބޮޑުއިރު ރަށު ޞިއްޙީމަރުކަޒުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވިއިރު އެމީހުން މަޢުލޫމާތު ދިނޯ ކުއްޖަކު ހޯދަން މަސައްކަތް ކުރުމުގެ ކުރިން ދެމަފިރިންގެ ސިއްޙީ ޙާލަތު ރަނގަޅުތޯ ބަލައި ޗެކްކޮށް ޑޮކްޓަރަށް ދައްކާލުމަކީ މުޙިއްމު ކަމެއްކަން…. އޭރުން ﷲ ގެ އިރާދަފުޅާއިއެކު ޞިއްޙީގޮތުން ރަނގަޅުނޫން ކުދިން ލިބުމުގެ ފުރުޞަތު ކުޑަވާނެއޭ ވެސް ބުނި….” މިލާން އިނީ ރިދާ ދައްކަމުން ދިޔަ ވާހަކަތައް ގަޔާވެގެން އަޑުއަހާށެވެ. އަދި އޭނާގެ ބަހަށް ޑޮކްޓަރަށް ދައްކަން އެއްބަސްވެސް ވިއެވެ.

**********
ރޭގަނޑުގެ ވަގުތެވެ. ގޭތެރެއަށް ވަދެގެން އައި މިކްޔާންގެ ފިޔަވަޅުތައް ހުއްޓުމަކަށް އައީ ހަޓު ތެރޭގައި އެކަނި މާ އެކަނި އިން މިލްނާ ފެނިފައެވެ. ގެއަށް ވަނުމުގެ ބަދަލުގައި އޭނާ މިސްރާބު ޖެހީ އެދިމާއަށެވެ. ހަޓާއި އަރާ ހަމަވުމުން “މަންމާ” އޭ ކިޔާ ގޮވަލުމުން މިލްނާ ބަލާލިއެވެ. މިކްޔާން ފެނުމުން ލުއި ހިނިތުންވުމެއް ހަދިޔާ ކޮށްލުމުން ބަދަލުގައި ހިނިތުންވެލަމުން މިކްޔާންވެސް ގޮސް އިށީނީ މިލްނާ އިށިނދެގެން އިން ގޮނޑިއާއި ޖެހިގެން ހުރި ގޮނޑީގައެވެ. މޭޒުމަތީ ބޯން ފަށާފައި ހުރި ކޮފީތަށްޓެއް ހުއްޓެވެ.

“މަންމާ…. މިތާ އެކަނި ކީއްވެ ތި އިނީ….؟؟؟ ކޮބާ ބައްޕަ…؟؟؟” ގެއާއި ދިމާއަށް ބަލާލަމުން މިކްޔާން އަހާލިއެވެ.

“ކަމެއް ނުވެ…. ބައްޕަ ނިދި އައިސްގެން ވަރަށް އަވަހަށް ނިދާފި މިރޭ….. ދަރިފުޅަށް ކޮފީ ތަށްޓެއް ގެނެސްދެންތަ…؟؟؟” މޭޒުމަތީ ހުރި ކޮފީތަށިން ކޯވަރެއް ބޯލުމަށްފަހު، މިކްޔާނަށް ޖަވާބު ދެމުން މިލްނާ އަހާލިއެވެ. މިކްޔާން ދެފަރާތަށް ބޯ ހޫރާލިއެވެ.

“މަންމަ ކޮންކަމަކާ ތި ވިސްނަނީ….؟؟؟” ފަރުވާތެރިކަމާއިއެކު މިލްނާއަށް ބަލަން އިނދެ މިކްޔާން އަހާލިއެވެ.

“މަންމަ ނުވިސްނަން އެއްވެސް ކަމަކާ….. ހަމަ ކޮފީއެއް ބޯލަނީމި…..” ގަދަކަމުން ހިނިތުންވެލަމުން މިލްނާ ބުނެލިއެވެ. މިލްނާ ކިތަންމެ ސިއްރުކުރަން މަސައްކަތް ކުރިޔަސް މިކްޔާނަށް އެކަން ދެނެގަނެވުނެވެ.

“ބުނެބަލަ މަންމާ…. އަހަންނަށް އެނގޭ މަންމަ ތީ ކަމަކާ ނުލާ ރޭގަނޑު ހޭލާ އިންނަ މީހެއް ނޫންކަން…. އަދި މި ގަޑީގަ ކޮފީ ބޯނީ ކޮންމެވެސް ކަމަކާ ވިސްނާ ފިކުރުކުރާތީކަންވެސް އެނގޭ….” މިލްނާގެ ކޮނޑުމަތީ އަތް ބާއްވާލަމުން ގާތްގޮތަކަށް މިކްޔާން ބުނެލިއެވެ. ދެންވެސް އެއްވެސް ކަމެއް ނުވާކަމުގައި މިލްނާ ބުނެލިއެވެ. ނަމަވެސް މިކްޔާން ގޮތްދޫނުކޮށް އަހަން ފެށުމުން މިލްނާއަށް ޖެހުނީ ގޮތް ދޫކުރާށެވެ.

“މަންމަ މިވާހަކަ ބުނީމަ މަންމައާއިމެދު ދަރިފުޅު އެއްވެސް އެއްޗެއް ހިތުގައި ނުލައްޗޭ……” އެވާހަކަ ފެށުމުގެ ކުރިން މިލްނާ މިހެން ބުނުމުން މިކްޔާން ބޯ ޖަހާލަމުން މިލްނާ ގަޔާއި ގާތްކޮށްލިއެވެ.

“މަންމަ މި ހިތަށް އަރަނީ މި ގެއަށްވެސް ކުޑަ ކުޑަ ލޯބި ލޯބި ކުއްޖަކު އައީމަ މިގޭތެރެ ހާދަ ފަޅުފިލާނެއޭ….. ހާދަ ދުވަހެއް ވެއްޖެއޭ މިގޭގަ ކުޑަކުއްޖަކު ނޫޅޭތާ…. އޭރުން މަންމަވެސް ވަރަށް ފޫހިފިލާނެ…. މަންމަ  ދެކުނިން  މިއަދު ހޮސްޕިޓަލް ތެރޭ އެންމެންގެ މޫނުމަތި އުޖާލާވެފައިވާވަރު…… މިގެއަށްވެސް އެކަހަލަ ކުޑަކުއްޖަކު އައީމަ ކިހާ މަޖާވާނެ….” އިސްޖަހާލައިގެން އިނދެ މިލްނާ ބުނެލިއެވެ.

“ހެހެހެ…. އެ ދެން އަހަރެން ގާތު ބުނަން މަންމަ އެހާ ފަސްޖެހެންވީވަރުގެ ވާހަކައެއްތަ….؟؟؟؟ ރަނގަޅު ވާހަކައެއް މަންމަ ތިބުނީ…. މިގޭގަ ކުޑަކުއްޖެއް ނޫޅޭތާ މިހާރު ވަރަށް ދުވަސްވެއްޖެ އޭ ދޯ….. ދެރަ ނުވޭ …. މާތް ﷲ އިރާދަ ކުރެއްވިއްޔާ މަންމަގެ ތި އެދުންވެސް ދެން ވަރަށް އަވަހަށް ފުރިހަމަވެދާނެ….. އެކަމާ ދެން އެހާ ބޮޑަށް ނުވިސްނާ….” މިކްޔާން މިހެން ބުނުމުން މިލްނާ ބޯޖަހާލަމުން ހިނިތުންވެލިއެވެ.

“ކިހިނެއް އެނގެނީ މަންމަ އަށް މާމަ ކިޔާ ކުދިންތަކެއް އެއްފަހަރާ ނުލިބޭނެކަމެއްވެސް….. އޭރުން ބޮލަށް އުނދަގޫވެގެން ނޫޅެއްޗޭ…..” މިލްނާގެ މޫޑު ރަނގަޅު ކޮށްލުމުގެ ގޮތުން ލާނެއް ރާގެއްގައި މިކްޔާން މިހެން ބުނުމުން މިލްނާއަށްވެސް ނުހީއެއް ނީނދެވުނެވެ.

“ކިތަންމެ ބައިވަރު ކުދިންނެއް ލިބުނަސް މަންމައަކަށް އުނދަގުލެއް ނުވާނެ…. މަންމަ ތި ތިންކުދިންވެސް ތި ތިބީ ނުލާހިކު ލޯބިން ބަލާ ބޮޑުކޮށްފައި…. މަންމައަކަށް އެއްވެސް އުނދަގުލެއް ނުވެއޭ….. އެއީ އަދި މާމަ ކުދިންނެއްނު… ތިކުދިންނަށްވުރެވެސް ބޮޑަށް ލޯބިދީގެން ބަލާނީ…..” މިލްނާވެސް ދެރަނުވާންވެގެން ބުނެލިއެވެ.

“ހެހެހެ…. މާމަ ކުދިން ވީމަ ދަރިންނަށްވުރެވެސް ޚާއްސަ ވީ ދޯ…. މާތް ﷲ އިރާދަ ކުރެއްވިއްޔާ ވަރަށް ވަރަށް އަވަހަށް މަންމަގެ ތި އެދުން ފުރިހަމަވާނެ….” މިކްޔާން މިހެން ބުނެލުމުން މިލްނާ “އިން ޝާ ﷲ” އޭ ބުނެލިއެވެ.

“ދެން ހިނގާ އެތެރެއަށް…. ހޮސްޕިޓަލްގައި އުޅުނީމަ މަންމަވެސް ވަރަށް ވަރުބަލިވެފައި ހުންނާނީ… ހިތްހަމަ ޖައްސާލައިގެން ނިދާލެވޭތޯ ބަލަންވާނެ އިނގޭ….” މިލްނާގެ ނިތަށް ބޮސްދެމުން މިކްޔާން މިހެން ބުނުމުން މިލްނާ ބޯ ޖަހާލިއެވެ. މިކްޔާން މިލްނާގެ އަތުގައި ހިފައިގެން ގެއަށް ވަނުމަށް ހިނގައިގަތެވެ.

“އެއްވެސް ކަމަކާ ނުވިސްނާ ނިދާލެވޭތޯ ބަލާ އިނގޭ…. ގުޑް ނައިޓް މަންމާ…..” މިލްނާމެންގެ ކޮޓަރިއާއި އަރާ ހަމަވުމުން މިލްނާގެ އަތްތިލައަށް ބޮސްދީފައި މިކްޔާން ބުނެލިއެވެ. ބޯޖަހާލަމުން މިކްޔާންގެ ބޮލުގައި ފިރުމާލުމަށްފަހު، މިލްނާ އެތެރެއަށް ވަނުމުން މިކްޔާން މިސްރާބުޖެހީ އޭނާގެ ކޮޓަރިއާއި ދިމާއަށެވެ.

***********

މިކްޔާން ކޮޓަރިއަށް ވަންއިރު ރުހާ އުޅެނީ ފާހާނާގައެވެ. އެހެންކަމުން އޭނާ ގޮސް މަޑުކޮށްލީ ބެލްކަނީގެ ރެއިލިންގ ކައިރީގައެވެ. ރެއިލިންގގައި ދެއަތް އަޅުވާލައިގެން ހުރިއިރު އޭނާގެ ނަޒަރު ސީދާވެފައިވަނީ އުޑާއި ދިމާއަށެވެ. ފުން ވިސްނުމަކަށް ގެއްލިފައި ހުރި މިކްޔާން ސިހިގެން ދިޔައީ އޭނާގެ ބަނޑުގައި ހިމަހޯލި އިނގިލިތަކެއް ބީހިލުމުންނެވެ. ފަހަތުން ރުހާ އޭނާގެ ގައިގައި ބައްދާލައިގެން ހުރިކަންވެސް އޭނާއަށް ރޭކާލީ ދެނެވެ. ރުހާގެ ދެއަތްތިލައަށް ބަލާލަމުން އެ ދެއަތުގައި ފިރުމާލިއިރު މިކްޔާންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

“ކީއްވެފަ މިތާ ތި ހުރީ….؟؟؟؟” މިކްޔާންގެ ބުރަކަށީގައި މޫނު ޖައްސާލަމުން ރުހާ އަހާލިއެވެ. މިކްޔާން، ރުހާގެ އަތުގައި ހިފާ އޭނާގެ ކުރިމައްޗަށް ގެނައެވެ. އަދި ރުހާ، އޭނާގެ ދެ އަތުތެރެއަށް ލާ އެ ފަތި ހަށިގަނޑުގައި މަޑުމަޑުން އަދި އެހާމެ ލޯބިން ބައްދާލިއެވެ. އިރުކޮޅަކު  މިކްޔާންގެ މޭގައި ބޯ އަޅާލައިގެން ހުރެފައި ރުހާ މިކްޔާނާއި ދުރަށް ޖެހެލަމުން ނިއް އަރުވާލީ އޭނާގެ ސުވާލުގެ ޖަވާބު ނުލިބޭތީ، އެ ސުވާލު ތަކުރާރު ކޮށްލަމުންނެވެ.

“ކަމެއްވެފައެއް ނޫން…. އަހަރެން އައިއިރު ރުހާ ފާހަނާގައި އުޅޭތީ މިތާ މަޑުކޮށްލީ….” ރުހާގެ ބުޅި އިސްތަށިގަނޑުގައި އަތް ހިންގާލަމުން މިކްޔާން ބުނެލިއެވެ.

“ޔަޤީންތަ އެހެން ކަމެއް ނުވާކަން…. އަހަރެން މިތަނަށް އައިކަން ވެސް ނޭނގެއެއްނު…. އެހެން ނޫނީ އަހަރެން ކިތަންމެ މަޑުން ފިޔަވަޅު އެޅިޔަސް މިކްޔާނަށް އެނގޭނެ…..” ރެއިލިންގގައި އަތް އަޅުވާލަމުން ފަރުވާތެރިކަމާއިއެކު މިކްޔާނަށް ބަލާލަމުން ރުހާ ބުނެލީ ޝައްކުވެފައި ހުރެއެވެ. މިކްޔާން ދެފަރާތަށް ބޯ ހޫރާލަމުން ހިނިތުންވެލިއެވެ. މިކްޔާން އެކަމާ ގުޅޭގޮތުން އިތުރަށް އެއްޗެކޭ ނުބުނުމުން ރުހާވެސް ދެން އިތުރަށް އެވާހަކަ ދައްކާކަށް ނޫޅެއެވެ. މިކްޔާންގެ ގާތުގައި މަޑުކޮށްލާށޭ ކިޔާފައި ކުޑަކޮށް ދުވެފައި ކަހަލަ ގޮތަކަށް އޭނާ ވަނީ ކޮޓަރިއަށެވެ. އެތެރެއަށް ވަދެފައި އައީ އޭނާގެ ފޯނު ހިފައިގެންނެވެ. އަވަސް އަރުވާލާފައި އުޅުނުވަރުން ކޮޓަރިން ބެލްކަންޏަށް ނުކުމެވެން ހުރި ދޮރު ކައިރީގައި ހުރި އޮޅިގަނޑުގައި އަޅައިގެންފައި ނުވެއްޓުނީ މިކްޔާން ހުށިޔާރުކަމާއިއެކު އޭނާގެ ގައިގައި ހިފަހައްޓާލިކަމުންނެވެ.

“ރުހާ…. ކިތައްފަހަރުތަ ބުނާނީ ބަލައިގެން އުޅޭށޭ…. އަބަދު އަވަސް އަރުވާލައިގެން ނޫޅެބަ….” ރުހާ ނުބަލާ އުޅުމުން މިކްޔާން ހިތްހަމައެއް ނުޖެހުނެވެ.

“ސޮރީ… ސޮރީ…. ދެން އެހެނެއް ނުވާނެ…. މާ އުފާވެފައި ހުރިވަރުން….” މިކްޔާން ދެއްކި ވާހަކައަށް މާބޮޑު ސަމާލުކަމެއް ދިނުމެއްނެތި ރުހާ އޭނާގެ ފޯނާ ކުޅެމުން ދިޔައެވެ. ރުހާގެ ޢަމަލުތައް ހުރި ގޮތުން މިކްޔާނަށް ބޯ ހޫރާލެވުނެވެ.

“ބަލާބަ…. މި ފޮޓޯ ސަޅިތަ…..” ފޯނުން އެ ހޯދާ އެއްޗެއް ހޯދާފައި މިކްޔާނަށް ފޯނު ދައްކާލަމުން ރުހާ ބުނެލިއެވެ. ރުހާ ދައްކާލި ފޮޓޯގައިވަނީ ލައިނީމެންގެ ދަރިފުޅާއިއެކު ރުހާ ނަގާފައިވާ ފޮޓޯއެކެވެ.

“ހޫމް ވަރަށް ސަޅި…. ބޭބީވެސް… ބޭބީގެ ދޮންތިވެސް……” ފޮޓޯއަށް ބަލާލަމުން މިކްޔާން ބުނެލިއެވެ. އަދި ރުހާގެ ކޮލުގައި މަޑުމަޑުން ހިފާލިއެވެ.

“އަހަރެން ހުރީ މިރޭވެސް ބޭބީ ގާތަށް ގޮސް އަންނަން ނޭނގިފައި….. މަންމަ ގާތު ބުނީމޭ އަހަރެން މަޑުކޮށްފާނަމޭ ދޮންބެއާއިއެކު ލައި އާއި ބޭބީ ގާތު…. އެކަމު މަންމަ ޤަބޫލެއް ނުވި…. ލައިގެ މަންމަވެސް ހުންނާނެއޭ ކިޔާފައި އަހަރެން ގޮވައިގެން ގެއަށް އައީ…..” ތުންކޮޅު ހަދާލަމުން ޅަކުއްޖެއްހެން ރުހާ ބުނެލިއެވެ. މިކްޔާންގެ ގާތަށް ކުޑަކޮށް ހިނިއަންނަ ގޮތްވީނަމަވެސް ރުހާ ހިތްހަމަ ނުޖެހިދާނެތީ ކޮންޓްރޯލް ކޮށްލައިގެން ހުރީއެވެ.

“ލައިމެންގެ ބޭބީ އައިފަހުން އެންމެންނަށްވެސް ދެއްކެނީ ބޭބީގެ ވާހަކަ ދޯ….. މިރޭ މަންމަވެސް ކިޔައިފި މި ގެއަށްވެސް އެކަހަލަ ބޭބީއެއް އައީމަ ގޭތެރެ ކިހާ ފަޅުފިލާ……..” މިކްޔާން ބުނެބުނެ ހުރި ޖުމްލަ މެދުކަނޑާލީ ހިނިތުންވެފައިވާ ރުހާގެ ހިނިތުންވުން މަޑުމަޑުން ފަނޑުވަމުންގޮސް ހިނިތުންވުން އެކީ ގެއްލުމުންނެވެ. ދެންމެއަކާއި ޖެހެންދެން އުޖާލާވެފައިވާ މޫނަށް އިސާހިތަކު ހިތާމައިގެ އަސަރުތައް ފައުޅުވިއެވެ. މިތަން ފެނިފައި މިކްޔާނަށް އޭނާގެ ނިތުގައި އަތް ހިންގައިލެވުނެވެ. އޭނާ ހުރީ ރުހާ ގާތުގައި އެވާހަކަ ނުދައްކާށެވެ. ނަމަވެސް ވާހަކައިގެ ތެރެއިން އޭނާއަށް ބުނެވުނީއެވެ.

“ސޮރީ މިކްޔާން….. އަހަރެންގެ ސަބަބުން މިކްޔާނަށް މިކްޔާންގެ މަންމަމެން ބޭނުންވާ އުފާވެރިކަން ހޯދައިދެވޭކަށްވެސް ނެތް ދޯ…..” އިސްޖަހާލަމުން މިހެން ބުނެލިއިރު ރުހާގެ އަޑު ކުރެހިގެން ދިޔައެވެ.

“ޕްލީޒް ރުހާ…. ތިހެން ނުބުނޭ…. އެކަމާ ގުޅިގެން އަހަރެން ދުވަހަކުވެސް ރުހާ ކުށްވެރިއެއް ނުކުރަމެއްނު…. މާތް ﷲ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާވެސް އަހަރެން ރުހާ ކުށްވެރިއެއް ނުކުރާނަން….. އެހެން ނޫނަސް އެތައް އަހަރެއްގެ ގެއްލުން ފޫބައްދަން ވަގުތު ނަގާނެކަން އަހަރެންނަށް ވިސްނޭ…  ރުހާ އަމިއްލައަށްވެސް ވަރަށް މަސައްކަތްކުރަމެއްނު ތިކަމުން ސަލާމަތްވުމަށް…. އަހަރެންނަށް އެނގޭ ރުހާވެސް ތިކަމުން ސަލާމަތްވާން ބޭނުންވާވަރު…. މިހާރުވެސް ކިހާ ބޮޑުތަން ރަނގަޅުވެއްޖެ…. މާތް ﷲ އިރާދަކުރެއްވިއްޔާ ދެން މާގިނަ ދުވަހެއް ނުވެ ރުހާގެ ތި ބިރު އެކީ ފިލައިގެން ހިނގައިދާނެ…. ހުރިހާކަމެއްވެސް މުޅިން ނޯމަލްވެދާނެ…. އަހަރެން އޭރުވެސް ބުނީމެއްނު ރުހާގެ ބިރު ފިލައި ދަންދެން އަހަރެން ރުހާއަށް އިންތިޒާރުކުރާނަމޭ…. އަހަރެންގެ އުމުރު ހުސްވަންދެން، ރުހާ އެކަމަށް ތައްޔާރުވާން، ވަގުތު ދޭނަން…. އެކަމަކު ރުހާވާނެ ހިތްވަރު އެލުވާނުލާ މަސައްކަތްކުރަން….” އިސްޖަހާލައިގެން ހުރި ރުހާގެ ދަތްދޮޅީގައި ހިފައި އުފުލާލަމުން، މިކްޔާން ވާހަކަ ދެއްކީ ލޯތްބާއި އޯގާތެރިކަމާއިއެކީއެވެ. އަދި ރުހާގެ ދެ ލޮލުން ފައިބަން ތައްޔާރުވެފައިވާ ބޮޑު ދެ ކަރުނަ ތިކި ފުހެލަމުން މަޑުމަޑުން އޭނާގެ ގައިގައި ބައްދާލިއެވެ.

“ރުހާ…. އަހަރެން ވަރަށް ދެރަވާނެ ރުހާގެ އަމިއްލަ ނަފްސު ކުށްވެރިކުރަންޏާ…. ދެންވެސް އެހެން ނުބުނައްޗޭ…. އަހަރެން ރުހާދެކެ ވަރަށް ލޯބިވޭ…..” އެ ހުރި ގޮތަށް ހުރެ ރުހާގެ ބޮލުގައި ފިރުމާލަމުން މިކްޔާން ބުނެލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eemyaa

Level 910 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ހީވޭ ކަލާވާހެން-21

Next

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ހަތްދިހަ އަށްވަނަ ބައި)

Next
October 29, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ހަތްދިހަ އަށްވަނަ ބައި)

Previews
October 28, 2021

ހީވޭ ކަލާވާހެން-21

One Comment

  1. Eemyaa says:
    October 29, 2021 at 11:07 pm

    Assalaam Alaikum ?
    kiyuntherinnah mi part ves kamudhane kamah ummeedhu kuran ?❤️?
    Mihaaru mi vaahaka eem ge fb page “EamYaa ge Vaahaka” in ves kiyaaleveyne ?
    https://www.facebook.com/EamYaa-ge-Vaahaka-100267119062847/
    Enjoy ?
    ?❤️

Comments are closed.

Next Episodeޔާރު ނުބުނޭ ތިހެން … (20)←


All Right Reserved!