“އެހެންތަ އާދެބަލަ މިތާ އިށީނދެލަން….މިހާ ދުވަސްކޮށްފަ ފެނުނީމަ ވާހަކަ ދައްކާލާ އެއްޗެއް ކާާލާ ހަދާލަންވާނެ” ހަނީފާއްތަ އެހެންބުނެ، ކައުންޓަރު ކައިރީގައި ހުރި ގޮނޑިއެއްގައި ނައިޝާ ބޭންދުމަށްފަހު ފިހާރަ ފުރިޖުން ބޯ ޕެކެޓަކާއި ލުއި ކާނާ ކޮޅެއް ނަގާފައި ދިނެވެ. “މިކާލާ” ނައިޝާއަށް ހަނީފާއްތަ ބުނެލިއެވެ. ހަނީފާއްތަ އެހެންބުނުމުން ބޯ ޕެކެޓް ކަނޑާލުމަށްފަހު ނައިޝާ ބޯލިއެވެ.
“ހަނީފާއްތަގެ ފޯނު ލިބިދާނެތަ މީހަކަށް ގުޅޭތޯ ބަލާލަން” ނައިޝާ އެހެންބުނުމުން ހަނީފާއްތަ އޭނާގެ ފޯނު ނައިޝާއަށް ދިނެވެ. ފޯނުގައި ހިފުމަށްފަހު އައްކިޔުންގެ ނަންބަރު ނައިޝާ ޖަހާލިއެވެ. އަދި އެނަންބަަރަށް ގުޅޭތޯ މަސައްކަތް ކޮށްލިއެވެ. ނަމަވެސް ކުރިއެކޭ އެއްފަދައިން އެނަންބަރަކަށް ނުުގުޅެއެވެ.
******
ވަރަށް ގިނަ ވާާހަކަ ހަނީފާއްތައާއި ނައިޝާ ދެއްކިއެވެ. އޭނާ ހިކުނުގޮތްވެސް ހަނީފާއްތަ އޮޅުންފިލުވިއެވެ. ނައިޝާވެސް ރަށުތެރެއަށް އަރަން ޖެހިލުންވި ސަބަބާއި، ހަނީފާއްތަގެ ނަންބަރު ގެއްލުމުގެ ސަބަބުން ނުގުޅުނު ވާާހަކަ ބުނެލިއެވެ. އަދި ކޮންމެ ދުވަހަކު ހަނީފާއްތަ ފެނޭތޯ ބެލްކަނިން ބަލަން ހުންނަ ވާހަކަވެސް ކިޔައިދިނެވެ.
“އެހެންވެދޯ ފޯނު ނިވާލާފައޭ އެބުނަނީ…ދައްތަ ގުޅަން ކަނބުލޮ ނަންބަރަށް ދޭތެރެ ދޭތެރެއިން….ދެން އެވާހަކަ ބާއްވާ މިހާރު މި ބައްދަލުވީނު….ދައްތަ ވަރަށް އުފާވެއްޖެ އެހާ ޒަމާން ކޮށްފަވިޔަސް ކަނބުލޮ ފެނުނީތީ” އުފާވެލާފައި ހަނީފާއްތަ ބުނެލިއެވެ.
“ސައިފާ ދިމާވިތަ؟” ހަނީފާއްތަ އިތުރަށް އަހާލިއެވެ. ހަނީފާއްތަގެ އެސުވާލަށް ނޫނެކޭ ބުނުމުގެ ގޮތުން ނައިޝާ ދެކޮޅަށް ބޯހޫރާލިއެވެ. އެހެންނަމަވެސް ސަނާއާ ދިމާވި ކަމަށާއި އޭނާ މިހާރު މަސައްކަތް ކުރަނީ އަލަށް ހުޅުވި ފިހާރައިގައި ކަމުގައި ނައިޝާ ބުނެލިއެވެ.
“މީހަކަށް ދެރައެއްދީފަ އުފަލުގައެއް ނޫޅެވޭނެ…އެމީހުންނަށް އެހުރީ ނައިޝާއަށް އެމީހުން ހެދި އިހާނެތިގޮތުގެ ބަދަލު ލިބިފަ…އަމިއްލަ ގޭގަ އެހެންމީހެއްގެ ބާރުގެ ދަށުގަ އުޅެންޖެހިފަ އެތިބީ…ކަނބުލޮއަށް އެމީހުން ކަންތައް ކުރިގޮތުން ރަށުގެ މީހުންވެސް އެމީހުންނަކާ އެހާ ގުޅުމެއް ނުބާއްވާ…އެއްފަސްގަނޑެއްގަ އުޅޭތީ އަނގައިން ބުނެލިއަސް” ހަނީފާއްތަ ބުނެލިއެވެ.
“އަމިއްލަ ގޭގަ އެހެންމީހެއްގެ ބާރުގެ ދަށުގައޭ؟” ހަނީފާއްތަ ބުނިއެތި ސާފުނުުވުމުން ނައިޝާ އިތުރަށް އަހާލިއެވެ. “އާނ…ދައްތަ އިތުރަކަށް އެއްޗެކޭ ނުބުނާނަން…..އެމީހުންގެ ހާލަތު ކަނބުލޮގެ އަމިއްލަ ދެލޮލުން ފެނުނީމަ އެނގޭނެ…ހިތަށް އަސަރުވެސް ކުރޭ އެކަމަކުވެސް….” ހަނީފާއްތަ ބުނެލިއެވެ.
“މިއަދު ދެކުނިން ކުޑަ ދެކުދިން އެގޭތެރެއިން އެއީ ކާކުގެ ކުދިންނެއް؟” މިއަދު ދިމާވި ކުދިން މަތިން ހަނދާންވުމުން ނައިޝާ އަހާލިއެވެ. “އެއީ ސައިފްގެ…ބޮޑަށް ހުރި ފިރިހެންކުއްޖާއަށް ފަސްއަހަރު…ކުޑައަށް ހުރި އަންހެންކުއްޖާއަށް ތިން އަހަރު…ބުނާތީ އިވޭ ބޮޑު ފިރިހެން ކުއްޖާއަކީ ސައިފްގެ ދަރިއެއް ނޫނޭ…ސުހާ އެކުއްޖާ ސައިފްގެ ބޮލުގަ އެޅުވިއްޔޭ….އަދި ސުހާގެ ވާހަކަ ދެއްކީމަ ބުނެލާނަން…ކަނބުލޮއަށް އޭނަ ފެނުނަސް ނޭނގޭނެ” ހަނީފާއްތަ ބުންޏެވެ.
އެންމެންގެ ވާހަަކަ ހަނީފާއްތަ ކިޔައިދިން އިރުވެސް ސައިފްގެ ބައްޕަގެ ވާހަކަ ނުދައްކާތީ، ސައިފްގެ ބައްޕަ ކޮބާތޯ ނައިޝާ އަހާލިއެވެ.
އެވަގުތު އެއްޗެކޭ ނުބުނެ ހަނީފާއްތަ އިސްދަށަށް ޖަހާލިއެވެ. “ބައްޕައާ ބައްދަލުކޮށްލާ ހިތްވޭ ވަރަށް” ހިނިތުންވެ ހުރެ ނައިޝާ ބުނެލިއެވެ. އޭރުވެސް އެއްޗެކޭ ނުބުނެ ހަނީފާއްތަ އިސްދަަށަށް ޖަހައިގެން އިނެވެ. “ކިހިނެއްވީ ހަނީފާއްތާ؟” ހަނީފާއްތަ އިން ގޮތުން ނައިޝާ އަހާލިއެވެ.
“ސައިފްގެ ބައްޕައެއް ނެތް” ހަނީފާއްތަ މަޑުމަޑުން ބުނެލިއެވެ. “އަނެއްކާވެސް ރަށުން ބޭރަށް ދިޔައީތަ؟….ބައްޕަ ނަންބަރު އިނގޭތަ؟… ގުޅާލަން ބޭނުންވޭ…ވަރަށް އުފާވާނެ ކަންނޭނގެ ނައިޝާގެ އަޑު އިވުނީމަ” ފޯނުން ނަންބަރު ޖަހާބަޔަށް ވަނުމަށްފަހު އުފަލުން ހުރެ ނައިޝާ ބުނެލިއެވެ.
“ކަނބުލޯ ސައިފްގެ ބައްޕަ ރަށުން ބޭރުގަ ނެތީއެއްނޫނޭ….ސައިފްގެ ބައްޕަ ނިޔާވެއްޖެ” ހަނީފާއްތަ ބުނެލިއެވެ. ހަނީފާއްތަގެ އެ ޖުމުލަ އަޑު އިވުމާއެކު ނައިޝާގެ މޫނުމަތިން ހިނިތުންވުން ކެނޑި، ހިފަހައްޓައިގެން އިން ފޯނު ދޫވެ ބިންމައްޗަށް ވެއްޓުނެވެ. “ކީކޭ؟” ވެއްޓުނު ފޯނު ނަގަމުން ނައިޝާއަށް އެހެން އަހާލެވުނީ ޝޮކެއްގެ މަތީގައި އިނދެއެވެ.
“އާނ ކަނބުލޯ…..ސައިފްގެ ބައްޕަ މަރުވެއްޖެ” އަނެއްކާވެސް ހަނީފާއްތަ ބުނެލިއެވެ. “ކީއްވެ؟” ނައިޝާ އެހެން އަހާލިއިރު އޭނާގެ ލޮލަށް ކަރުނަ ޖަމާވެ ރޮނގަކަށް ކަރުނަތައް ފައިބާން ފެށިއެވެ.
“ކަނބޮލުއަށް ހަދާލި އިހާނެތި ގޮތްތަކާމެދު ވިސްނާ ވިސްނާ އެފަކީރު ބަލިވެގެން ގޮސް މަރުވީ…މަރުމަތީގަ އޮތްއިރުވެސް ކަނބުލޮގެ ރަނގަޅު ވާހަކައާ ސައިފްމެންގެ ނުބައި ވާހަކަ ދެއްކީ….އޭނަ ކަނބުލޮ ދެކެ ވަރަށް ލޯބިވޭ” ހަނީފާއްތަ އެހެންބުނުމުން ނައިޝާއަށް ހަމަ .ރަނގަޅަށްވެސް ރޮވުނެވެ.
ނައިޝާއަށް ރޮވެންފެށުމުން ފެންފުޅިއަކާ ޓިޝޫ ބޮޑިއެއް ހަނީފާއްތަ ދިއްކޮށްލުމަށްފަހު ނުރޮއެ ހުއްޓާލުމަށް އެދުނެވެ.
“ނައިޝާވެސް ބައްޕަދެކެ ވަރަށް ލޯބިވޭ…ހަމަ އުފަން ބައްޕައެއް ފަދައިން” ނައިޝާއަަށް ރޮވޭވަރުން ވާާހަކައެއްވެސް ނުދެއްކުނެވެ. “އެގެއިން ރަނގަޅުވާނީވެސް ބައްޕަ އެކަނި” ގިސްޖެހެމުން ނައިޝާ ބުނެލިއެވެ.
ނައިޝާއަށް ރޮމުންގޮސް ގިސްޖެހެން ފެށުމުން ހަނީފާއްތަ އިން ތަނުން ތެދުވެ، ނައިޝާ ގަޔާ ކައިރިކޮށްލިއެވެ.އަދި އޯގާތެރި ކަމާއެކު ނައިޝާގެ ބުރަކަށީގައި ފިރުމަމުން ނުރޮއެ ހުއްޓާލުމަށް ނައިޝާ ގާތު ހަނީފާއްތަ އެދެމުން ދިޔައެެވެ.
ރޮމުންގޮސް މަޑުމަޑުން ނައިޝާ ހަމައަކަށް އެޅުނެވެ.ޓިޝުލުން ލޯފުހެލުމަށްފަހު، ގޮސްލަނީ ކަމަށާއި ފަހުން އަންނާނަން ކަމުގައި ބުނެ އިންތަނުން ނައިޝާ ތެދުވިއެވެ.
“މަޑުކުރޭ ދައްތަ ދާާނަން ކަނބުލޮއާއެކު ބަނދަރަށް ކަނބުލޮ ލައިދޭން” ހަނީފާއްތަވެސް ތެދުވިއެވެ.ނައިޝާ ނިކުތުމުން ހަނީފާއްތަވެސް ނިކުމެ ފިހާރަ ތަޅުލިއެވެ.އަދި ފިހާރަ ދޮރުމަތީގައި ދެރަވެފައި ހުރި ނައިޝާގެ އަތުގައި ހިފާލަމުން އޯގާތެރިކަމާއެކު ނައިޝާއާ އެކު ހަނީފާއްތަ ހިނގައިގަތެވެ.
ދެމީހުން ހިނގަމުންގޮސް ސައިފްގެ ގޭ މަގަށް އެޅިއެވެ.އެގެ ފެނުމާއެކު ސައިފްގެ ބައްޕަގެ ހަނދާން އާވެ އަނެއްކާވެސް ނައިޝާގެ ލޮލުން ކަރުނަ ފައިބާން ފެށިއެވެ.ނަމަވެސް ވަރަށް ހިތްވަރުކޮށްލައިފައި ނައިޝާ އެކަރުނަތައް ފުހެލާ ހަމައަކަށް އެޅިލިއެވެ.
ސައިފްގެ ގޭ ދޮރުމައްޗަށް ނައިޝާމެނަށް އެރުނުވަގުތު އެގޭ ޖޯލީގައި އަންހެނަކު އިނެވެ.ކޮންމެވެސް އެއްޗެއް ކަމުން ފޯނާކުޅެމުން އެމީހާ ގެންދިޔައެވެ. “އެއީ ކާކު؟” މަޑުމަޑުން ނައިޝާ ހަނީފާއްތަގެ ކަންފަތް ކައިރި އަހާލިއެވެ. “ކާކުހެން ހީވަނީ؟…..އެއީ އެއްކަލަ ކިބުރުވެރި ސުހާ” ހަނީފާއްތަ އެހެންބުނުމުން ސުހާއާ ދިމާލަށް ނައިޝާއަށް ބަލައިލެވުނީ ޤަބޫލުނުކުރެވޭ ހާލުގައެވެ. ކުރީގައި ހިކިކޮށް ހުރި ސުހާ މިހާރުވަނީ ނައިޝާ ކުރިން ހުންނަގޮތަށް ފަލަވެފައެވެ.އޭނާ އިނީ ނައިޝާވެސް ކުރިން ލީކަހަލަ ކަކުލާ ހަމައަށް އަރާ ހެދުމަކާ ވަށް ބުރުގަލެއް އަޅައިގެންނެވެ.
ސުހާ ފެނުމާއެކު ނައިޝާ ފަލަވެގެން އޭނާއަށް ސުހާ ކުރި މަލާމާތްތައް ހަނދާނަށް އައެވެ.”އެއި ހަމަ ސުހާތަ؟” ނައިޝާއަށް ހައިރާންކަމާއެކު އަހާލެވުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





