” ކީއްވެ؟؟ އެންމެ ކުޑަ މިނުން ފުރަން އުޅޭ ވާހަކަ ނުބުނީ ކީއްވެ؟ ކީއްވެ އަހަންނަށް ހަޤީޤަތެއް ނެތް ހުވަފެންތަކެއް ދައްކާފަ އަނދިރީގަ ބަހައްޓަން ތިއުޅުނީ.. ކީއްވެ އަހަންނަށްވެސް މީހެއް ދެކެ ލޯބިވެވިދާނެކަން އިޙްސާސްކޮށްދީފަ ފިލަން ތިއުޅެނީ.. ކީއްވެ..؟ އެހުރިހާ ކަމެއް ކޮއްފަ.. އަހަރެން ޖަވާބަކަށް އިންތިޒާރު ކުރާނަމޭ ބުނީ ކީއްވެ..؟ އަހަންނަށް ލޯބި ދަސްކޮށްދިނީ ކީއްވެ..؟” ޚުދު ލިލިއަން އަށްވެސް އޭނާއަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ފަދައެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުގެ ތެރެއިން ހިތުގައި ފުނިޖެހެމުންދިޔަ ހުރިހާ ޝަކުވާތައް ބޭރުކޮށްލިއެވެ.
ލިލިއަންގެ ކުއްލި ބަދަލާއެކު ހައިރާންވީ ނަމަވެސް ދައްކަމުން ދިޔަ ވާހަކަތައް ސިކުނޑިއަށް ފަހުމް ވީ ވަރަކަށް ދިޔާން ހިތުގައި ސުވާލު އުފެދެން ފެށިއެވެ.
” ތީގެ މާނައަކީ ލިލިއަން އަހަރެން ދެކެ ލޯބިވެއޭތަ..؟” ލިލިއަންގެ ވާހަކަތަކުން އޭނާއަށް ދޭހަވީ އެހެންނެވެ. އުންމީދާއެކު އެސުވާލު ކޮށްލެވުނީ އޭނާ ލިލިއަން ދެކެ ވާ ލޯބި އަނބުރާ ލިލިއަންގެ ފަރާތުންވެސް ލިބުމަށް އެދެވޭތީއެވެ.
” އާން.. އަހަންނަށް ދިޔާން ދެކެ ލޯބިވެނުނީ.. ދިޔާން ދެއްކި ވާހަކަތައް އެއީ ހަޤީޤަތެއް ކަމުގަ ބެލުނީ.. މިހާރު ހިތްހަމަ ޖެހޭ ވަރު ވެއްޖެތަ..؟ ” ހިތާމައާއި ރުޅިވެރިކަމުގެ ތެރެއިން ލިލިއަން އަށް ބުނެވުނު ވާހަކަ ރެޔަކާލީ އަނގައިން ބޭރުވީ ފަހުންނެވެ. ބަހުގެ އަޅަކަށް ވީ ހިނދު ލިލިއަން ދެލޯ މަރާލަމުން އިސްދަށަށް ޖަހާލީ ހިތަށް އަންނަ އެއްޗެއް ބޭރުކުރަން ދަސްކުރީ ކޮން އިރަކުހޭ އަމިއްލަ ނަފްސާ ސުވާލު ކުރަމުންނެވެ.
ލިލިއަންގެ ފަރާތުން އިވުނު ޖަވާބާއެކު ދިޔާން އަށް އިރުކޮޅަކު އަނގައިން ބުނަން ނޭނގި ހުރެވުނެވެ. މިއުޅެވެނީ ހުވަފެނެއްގެ ތެރޭގައި ކަމުގައި ހިތް ބުނެލިއެވެ. ޖަޒުބާތުތައް އުތުރި އަރަމުން އައި ދިޔާންގެ ހިތް އުފަލުން ފޮޅުނެވެ. އެހެނަސް ކުރިމަތީގައި ހުރި ލިލިއަންގެ ކޯތަފަތުން ވެއްޓުުނު ކަރުނަތިކި ފެނުމުން ދިޔާން އެ އުފާވެރިކަން ހިތުގައި ރައްކާކުރިއެވެ. އޭނާގެ ސަބަބުން ލިލިއަން ހިތުގައި ޖެއްސުނީތީ އޭނާ ދެރަވިއެވެ. ދެމެދުގައި އުފެދިފައިވާ މައްސަލަ ހައްލުކުރަން ދިޔާން އަވަސްވެގަތެވެ.
“ހިނގާބަ އެދިމާއަށް..” މަގުގަގެ އެއްފަރާތުގައި ކޮއްޅަށް ތިބެވުމުން ދިޔާން ވަށައިގެން ބަލައިލީ ހަމަޖެހިގެން ވާހަކަ ދެއްކޭނެ މާހައުލެއް ފެނޭތޯއެވެ. އެއަރޕޯޓުން ނިކުމެގެން މަގުން ލައިފާ ފޭބެން އޮތް އަތިރިމަތީގައި ހަދާފައި ހުރި ޖޯލިފަތި ދިޔާންގެ ލޮލުގައި އަޅައިގަތެވެ. ދިޔާން ލިލިއަންގެ އަތުގައި ހިފައިގެން މިސްރާބުޖެހީ ޖޯލިފައްޗާ ދިމާއަށެވެ.
” އަހަރެން މިދައްކާ ވާހަކަ އަޑު އަހާބަ.. އަހަރެން ލިލިއަން އަކަށް އޮޅުވައެއް ނުލަމޭ.. އެކަހަލަ ކަމެއް ދުވަހަކުވެސް ކުރާކަށް ހިތަކަށްވެސް ނާރުވަން..” ދިޔާން ލިލިއަން ގޮވައިގެން އައިސް ޖޯލިފަތީގައި އިށީނދެވުމުން ބުނެލިއެވެ.
” އަހަރެން މިދަނީ އެއްކޮށް ފުރައިގެނެއް ނޫނޭ.. މިދަނީ މާލެއަކަށްވެސް ނޫން.. އައްޑޫ ސިޓީއަށް… އެއީ ކޭ އެންޑް ޑަބްލިޔު ފަރުމާ ކުރި ސުޕަރ މާކެޓެއް ހުޅުވަން އެ ތަނުގެ ވެރިފަރާތުން ދަޢުވަތު ދީގެން.. މިއަދު ގޮއްސަ މާދަމާ އަންނަ ގޮތަށް މިދަނީވެސް.. އެހެންވެ އަހަރެން ލިލިއަން ކައިރި ނުބުނީ.. އެހާ ކުރު ދަތުރެއް ވީމަ.. ސަދޫފް އަށްވެސް އެނގޭނެ އެކަން.. އެކަމަކު އަހަރެންގެ ފަރާތުން ލިލިއަން ދެރަވާވަރު ކަމެއް ކުރެވުނީތީ ވަރަށް ބޮޑަށް ސޮރީ..” ދިޔާން ހަޤީޤަތުގައިވެސް ކަންތައްވީ ގޮތުން ނުހަނު ދެރަވިއެވެ. ލިލިއަން އެފަދަ ގޮތަކަށް ދެރަވެފައި ހުރިތަން އޭނާއަށް ފެނުނު މީ ފުރަތަމަ ފަހަރެވެ. އެވެސް އޭނާގެ ސަބަބުންނެވެ.
ދިޔާންގެ ވާހަކަތައް އަޑު އިވުން ލިލިއަން އިނީ ގަބުކައިފައެވެ. މިހުރިހާއިރު އޭނާއަށް ހީކުރެވުނު ހީކުރުމަކީ ކުށްހީ އެއްހެއްޔެވެ؟ ކަމުގެ ދެކޮޅު ނުބަލާ ދިޔާން އާ ދިމާއަށް އެއްޗެހި ކިޔުން ކަމައްޓަކައި ލިލިއަން އަމިއްލަ ނަފްސު ކުށްވެރި ކުރިއެވެ. ހާއްސަކޮށް ދިޔާން އާ ދިމާއަށް ކިޔުން އެއްޗެހި ވިސްނުމުން ލިލިއަން ލަދުގަންނަ ގޮތްވިއެވެ. ދިޔާންގެ ކުރިމަތިން ޣައިބުވެވޭނެ ނަމަ އޭނާ މިހާރު އެކަން ކުރީހެވެ.
” ސޮރީ.. އަހަރެންނަށް ނުވިސްނާލެވި އެއްޗެހި ކިޔުނީ..” ލިލިއަން ރަތްވެފައިވާ މޫނު ފޮރުވާލަމުން ކިރިޔާ އަޑު އިވޭވަރަށް ވާހަކަ ދެއްކިއެވެ.
ލަދުން ހަލާކުވެފައި އިން ލިލިއަން އަށް ވިސްނެމުން ދިޔައީ ދިޔާން ހިތަށް އަރާނެ އެއްޗަކާމެދުއެވެ. އޭނާއަކީ ގޮތެއް ފޮތެއް ނުބަލާ ހިތަށް އެރި އެއްޗެއް މީހުންނާ ދިމާއަށް ކިޔާ މީހެއްގެ ގޮތުގައި ދިޔާން ދެކިއްްެޖެނަމަ ދެން ހަދާނީ ކިހިނެއްހެއްޔެވެ؟
” ލިލިއަން އެއް ނޫނޭ ސޮރީ ބުނަންޖެހެނީ.. މިއީ އަހަރެންގެ ސަބަބުން ވީ ކަމެއް.. އިރާދަ ކުރެއްވިއްޔާ ދެން އެކަހަލަ ކަމެއް ނުވާނެ.. އަހަންނަށް މަޢާފް ކުރާނަންތަ..؟” ދިޔާން ސުވާލު ކުރިއެވެ.
“……….” ދިޔާން މަޢާފަށް އެދޭކަށް ނުޖެހޭނެއޭ ބުނެ ދެކޮޅު ހަދަން ލިލިއަން ބޭނުންވިއެވެ. އެހެނަސް އެވަޤުތު ލިލިއަން އަށް ވާހަކަ ދައްކަންވެސް އުނދަގޫވިއެވެ. އެހެންކަމުން އިސްޖަހައިގެން އިނދެ އަވަސް އަވަހަށް ލިލިއަން ބޯ ޖަހާލިއެވެ.
“ލިލިއަން ހަޤީޤަތުގަވެސް އަހަރެން ދެކެ ލޯބިވޭތަ..؟” ދިޔާންގެ ސުވާލާއެކު ލިލިއަން އަށް ދެލޯ މަރާ ތަގުޅިކޮށްލެވުނެވެ. އަތްފައި ފިނިވެ ހިތުގެ ވިންދު އަވަސްވާން ފެށިއެވެ.
” ސޮރީ.. ލިލިއަން ނުތަނަވަސް ކުރުވަން އަހަރެން ކުރި ސުވާލެއް ނޫން.. ހިނގާ.. ލިލިއަން އެކަނިތަ އެއަރޕޯޓަށް އައީ..؟ ” ލިލިއަންގެ ނުތަނަވަސްކަން ދެނެގަނެވުމުން ދިޔާން ވާހަކަ ބަދަލުކުރަން މަސައްކަތް ކުރަމުން ޖޯލިފަތިން ތެދުވިއެވެ.
” ދިޔާން…!!” ދިޔާން ކުރިއަށް ހިނގައިގަތުމުން ލިލިއަން ގޮވާލިއެވެ. ދިޔާން އޭނާއާ ދިމާއަށް އެނބުރުމާއެކު ލިލިއަން ފުންނޭވާއެއް ބޭރުކޮށް އޭނާ ބުނަން ބޭނުންވާ ވާހަކަ ބުނުމަށް ނަފްސު ތައްޔާރު ކުރުވިއެވެ.
” އަހަންނަށް ލޯބިވެެވިއްޖެ.. ދިޔާން ދެކެ…” ލިލިއަން ނެތް ހިތްވަރު ނެރެމުން ހާމަކުރިއެވެ. މިވަޤުތު އޭނާގެ ހިތުގައިވާ އިޙްސާސްތައް ހާމަނުކޮށްފިނަމަ އެކަން ކުރާނެ ހިތްވަރު ދެން ދުވަހަކުވެސް ލިބޭނެކަމެއް ނޭނގެއެވެ.
ލިލިއަންގެ ވާހަކަތައް އަޑުއަހަން ހުރި ދިޔާންގެ ހިިނިތުންވުމުގެ އަސަރު ދެލޮލުންވެސް ފާޅުވަމުން ދިޔައެވެ. ދުރުފިޔަވަޅުތަކެއް އަޅަމުން އައިސް ލިލިއަންގެ ގައިގާ ދިޔާން ބައްދާލިއެވެ.
ފިރިހެނެއްގެ ގާތްކަން އެފަދަ ގޮތަކަަށް ފުރަތަމަ ފަހަރަށް އިޙްސާސްކުރެވުނު ލިލިއަން އަށް ނޭވާ ހިފަހައްޓާލެވުނެވެ. އެެހެނަސް ދިޔާންގެ ގައިން ދުވަމުން ދިޔަ ފިރިހެންވަންތަ ލުއި މީރުވަހާއެކު އެހިތުގެ ހިނގުން އަޑުއިވުމާއެކު މީގެ ކުޑައިރުކޮޅެއް ކުރިން ލިލިއަން އަށް ލިބިފައިވާ ހުރިހާ ނުތަނަވަސްކަމެއް ހިތުން ފޮހެވިގެން ދިޔައެވެ. އިޙްސާސްވި ރައްކާތެރިކަމާއި ލިބުނު ހިތްހަމަ ޖެހުމާއެކު ލިލިއަން އަށް ދިޔާންގެ މޭތެރޭ ބޮނޑިވެލެވުނެވެ.
” އައި ލަވް ޔޫ މޯރ..” ލިލިއަންގެ އިސްތަށިގަނޑުގައި ފިރުމާލަމުން ދިޔާން ހާމަކުރިއެވެ. އޭނާގެ ހިތުގައި ލިލިއަން އަށްޓަކައި މިއަދު އޮތް ލޯބި އިތުރަށް ފުންވާނޭ ޖާގައެއް ދެން އެހިތުގައި ނޯންނާނެ ކަމަށް ކޮންމެ ދުވަހަކުވެސް ދިޔާން ހީކުރެއެވެ. އެހެނަސް ޖެހިގެން އަންނަ ދުވަހު އެ ލޯބި ކުރިއަށް ވުރެ އިތުރުވާ ގޮތަކާމެދު ޚުދު އޭނާވެސް ހައިރާންވެއެވެ.
ކުއްލިއަކަށް ދިޔާންގެ ފޯނު ރިންގްވާން ފެށުމާއެކު ލިލިއަން އާ ދުރަށް ޖެހިލަމުން އޭނާ ފޯނު ނެގިއެވެ.
” … މިދަނީ..” ފޯނުން ދެއްކި ވާހަކަތައް އަޑުއަހަން ހުރުމަށްފަހު ދިޔާން ބުނެލިއެވެ.
” ފުރާ ވަޤުތު ޖެހޭތީ އެގުޅީ.. “ ފޯނު އަނބުރާ ޖީބަށް ލަމުން ދިޔާން ލިލިއަން އާ ދިމާއަށް އެނބުރުނެވެ .
” އެހެންވީއިރު ހިނގާ އަވަހަށް ދާން..” ލަަދުގަނެފައި ހުރި ލިލިއަން ލިބުނު ފުރުސަތުގައި އަވަސް އަވަހަށް ދިޔާންގެ ކުރިން ހިނގައިގަތެވެ.
” ހާދަ ބާރަކަށް.. އަހަރެން ނުފޮނުވާލެވިގެންތަ މިހާރު ތިއުޅުނީ..” ދިޔާން ލިލިއަންގެ އަތުގެ ކުޑަހުޅުގައި ހިފަހައްޓާލަމުން ސަމާސާ ކަން އެކުލެވޭ ރާގެއްގައި ބުނެލިއެވެ.
” ނު.. ނޫން.. ދިޔާން އަށް ލަސް ވާތީ..” ލިލިއަން އަޅަ އަޅައިގަންނަމުން ބުނިއިރު ދިޔާންގެ މޫނަށް ނުބަލައިވޭތޯ ވަރަށް މަސައްކަތް ކުރަމުން ދިޔައެވެ.
” މިވަރަށް ހިނގާފަ ދިޔަސް ލަހެއް ނުވާނެއޭ..” ލިލިއަންގެ އަތުން ދޫކޮށްލުމުގެ ވިސްނުމެއްނެތި އާދައިގެ ހިނގުމެއްގައި ދަމުން ދިޔާން ބުނެލިއެވެ.
އެއަރޕޯޓުގެ ވަންނަ ދޮރާ ހިސާބުގައި ހުރި މާޔާ ދިޔާންގެ ލޮލުގައި އަޅަައިގަތެވެ. ފޮށިގަނޑެއް ހިފަހައްޓައިގެން ހުރި މާޔާ ފަރާތް ފަރާތް ހޯދަމުން ދިޔައިރު ހީވަނީ އެއްޗެއް ގެއްލިގެން އުޅޭހެންނެވެ.
” ލިލިއަން މިތަނަށް އައީ މާޔާއާއެކުތަ..؟” ދިޔާން ސުވާލުކޮށްލުމާއެކު އިސްޖައިގެން ހުރި ލިލިއަން އަށް ކަމެއް ރެއަކާ ލީފަދައިން ދެލޯ ބޮޑުކޮށްލަމުން ކުރިމައްޗަށް ބަލައިލިއެވެ. އޭނާ އެހުރީ މާޔާގެ މަތިން އެއްކޮށް ހަނދާން ނެތިފައެވެ. އެއްލި ކަޅިއަކުން މާޔާއަށް ލިލިއަން އާއި ދިޔާން ފެނުނީ އެވަޤުތުގައެވެ. ހަރު ހިނގުމުގައި އައި މާޔާ ލިލިއަން ކައިރީ ހުއްޓި އެއް އަތުން އުނަގަނޑުގައި އަތްވިއްދާލީ ހިތްހަމަ ނުޖެހިފައި ހުރިކަން މޫނުމައްޗަށް ވެރިކުރަމުންނެވެ.
” ލިން ހޯދާތާ މިހާރު ކޮން އިރެއް.. ފޯނަށްވެސް ގުޅައިފިން..” މާޔާ ބުނެލިއެވެ.
“ސޮރީ.. އަހަރެން…”
” އަހަރެން ލިލިއަން ކުޑަ އިރުކޮޅަކަަށް ގެންދިޔައީ..” ލިލިއަން މަޢާފަށް އެދެމުން ފެށި ވާހަކަ މެދުކަނޑާލީ ދިޔާން އެވެ.
” ދިޔާން ކޮންތާކަށް ލިލިއަން ގެންދިޔައީ..؟ ކީއްކުރަން..؟” މާޔާ ކަންވީގޮތް ތަހުގީގު ކުރަމުން ސުވާލު ކުރިއެވެ. އެވަޤުތު ދިޔާން އާއި ލިލިއަންގެ ޖޯޑު ކޮށްލެވިފައިވާ އަތް ފެނުމުން މާޔާގެ ދެލޯ ބޮޑުވިއެވެ.
” ތި ދެމީހުން….؟؟؟” މާޔާ ދެލޯ ބޮޑުކޮށްލަމުން ފަހަރަކު މީހަކާ ދިމާއަށް އިނގިލި ދިއްކޮށްލީ ސިކުނޑިއަށް ވިސްނައިގަންނަން ވަޤުތު ކޮޅެއް ދެމުންނެވެ. އެހިނދު އެކުވެރިޔާގެ މޫނަށް ވެރިވި ޖަންބު ކުލަ ފެނުމުން މާޔާއަށް އިތުރު ތަފްސީލެއް ބޭނުމެއްނުވިއެވެ.
” އޯ މައި ގޯޑް..!!!” މާޔާ ތޫލި ހަޅޭކާއެކު ތިރީގައި ފޮށިގަނޑު ބަހައްޓަމުން ލިލިއަންގެ ގައިގާ އޮޅުލައިގަތެވެ.
” މިއީ ދޯ މިވީ ގޮތަކީ.. އެކަމަކު ބުނަން ދިޔާން.. ތިހެން ކޮންމެ ފަހަރަކު އަހަރެންގެ ބެސްޓީ ވަގަށް ނަގައިގެނެއް ނުގެންދެވޭނެ އިނގޭ..” އިންޒާރުގެ ބެލުމެއް ދިޔާން އަށް ރައްދުކުރަމުން ލިލިއަން ގެނެސް އޭނާގެ ކައިރީ މާޔާ ބެހެއްޓިއެވެ.
” ދެން ތިވީ ގޮތުން ޖެހޭނީ ވަގަށް ނުނަގަ ގެންދެވޭގޮތެއް ހޯދަންތާ..” ދިޔާންވެސް މާޔާއަށް ދޫ ނުދޭން ބުނެލިއެވެ. ދިޔާންގެ ވާހަކައާއެކު މާޔާ އަނގަ ޗޭ ކޮށްލަމުން މޫނަށް ވައްތަރެއް ޖައްސާލިއެވެ.
މިސްޓަރ ކެ..” ފަހަތުން އިވުނު އަޑާއެކު އެންމެން އެއްފަހަރާ ބަލައިލިއެވެ. ދިޔާންގެ ޕީއޭގެ މޫނަށް އެންމެންގެ ނަޒަރު އަމާޒުވެފައި ވީތަން ފެނުމުން އޭނާ ފާޑަކަށް ހުއްޓުން އެރިއެވެ. ދިޔާން އާއެކު އިތުރު ބަޔަކު ތިބިކަމެއް އޭނާއަކަށް ނޭނގެއެވެ. ކަރުކެހިލުމަށްފަހު ހަށިގަނޑު ސީދާ ކޮށްލަމުން ޕީއޭ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.
” މިސްޓަރ ޑަބްލިޔު.. ބޯޑިންގް ކްލޯޒް ކުރަން އުޅޭތީ އެކަން އަންގާލަދޭން މިއައީ..” ޕީއޭގެ ވާހަކައާއެކު ދިޔާން ބޯ ޖަހާލިއެވެ. ދެވަނަ ސިކުންތުގައި ކައިރީގައި ތިބި ލިލިއަން އާއި މާޔާއަށް ބަލައިލުމަށްފަހު ހިނިިތުންވެލަމުން ދަނީ ކަމުގައި ހާމަކުރިއެވެ. އެއަށްފަހު ލިލިއަންގެ ވާތްފަރާތުން ކުރިއަށް ހިނގައިގަންނަމުން ދިޔާން ލިލިއަންގެ ބޮލުގައި ސިކުންތަަކަށް އަތް ބާއްވާލިއެވެ. އޭނާ ފަސްދީފައި ދިޔަ ދިޔާން އަށް ބަލަހައްޓައިގެން ހުރި ލިލިއަން އަށް އަމިއްލަ ބޮލުގައި އަތް ޖައްސާލެވުނެވެ. އެ ކުޑަ ކުޑަ ހަރަކާތް އޭނާއަށް އެހާ ހާއްސަވި ގޮތަކާމެދު އަމިއްލަ ހިތުގައި ސުވާލު އުފެދުނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.







Varah reethi masha allah ??
Thank u so much laisha. V ufavejje mi bai ves kamudhiyaeema ☺️❤️