ލިލިއަން އަށް އިތުރަށް އެތާކު ކެތެއް ނުކުރެވުނެވެ. އެ މާޙައުލުން އޭނާ ބޯ ހާސްކުރުވަމުން ދިޔައެވެ. ދުވެފައި ކަހަލަ ގޮތަކަށް ޕާޓީއިން ނިކުމެގެން ލިލިއަން ދިޔައެވެ. ގެއަށް ދާހިތް ނެތުމާއެކު ލިލިއަން މިސްރާބުޖެހީ އެތާ ކައިރި ހުރި ޕާކެއްގެ ތެރެއަށެވެ. މާގިނަ މީހަކުވެސް އެ ޕާކު ތެރެއިން ފެންނާކަށް ނެތެވެ. މަޑު ހިނގުމެއްގައި އައިސް މީހުންނާ އެކަހެރި ބެންޗެއްގައި ލިލިއަން އިށީނެވެ. އަދިވެސް އެންމެންގެ ފަރާތުން އޭނާއަށް ކުރިމަތިވި ފުރައްސާރައިގެ ބަސްތައް އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ހަށިގަނޑުގައި ދައުރުވަމުން ދިޔަ ރުޅިވެރިކަން ލިލިއަން ބޭރުކޮށްލީ ދިލަ ކަރުނައިގެ ގޮތުގައެވެ.
******
ލިލިއަން ޕާޓީއިން ނިކުމެގެން ދިޔަތަން ފެނި ދިޔާން ލިލިއަންގެ ފަސްފަހަތުން ދިޔައެވެ. ލިލިއަން އިށީނދެ އިން ބެންޗު ފެންނާނެހެން ހުއްޓިގެން ހުރި ދިޔާންގެ ހިތަށް އަސަރުކުރިވީ ލިލިއަން ރޯތަން ފެނުމުންނެވެ. އެ ދެލޮލުން ވެއްޓޭ ކޮންމެ ކަރުނަތިއްކެއް ކޯތާފަތުގައި ބޮސްދޭން ފުރުސަތެއް ނުދީ އަތުގެ ނުފުށުން ލިލިއަން ފޮހެމުން ދިޔައެވެ.
މީހެއް ކައިރީގައި ހުރި ކަމުގެ ހިލަންވުމާއެކު ލިލިއަން ސިހިފައި ބަލައިލިއެވެ. ކައިރީގައި ހުރި ދިޔާން ފެނުމުން ލިލިއަންގެ ދެލޯ ބޮޑުވިއެވެ. ރަތްވެފައިވާ ދެލޮލުގައި ވިދަމުން ދިޔަ ކަރުނަތައް އަވަސް އަވަހަށް ފޮހެލަމުން ލިލިއަން އިސްޖަހާލިއެވެ. އޭނާ އެފަދަ ހާލަތެއްގައި ވަނިކޮށް ދިޔާން އަށް ފެނުނީތީ ނުހަނު ލަދުގަަތެވެ.
” އޯކޭތަ އަހަރެން އިށީނަސް..” ދިޔާން ފަސްޖެހުމާއެކުވެސް ސުވާލު ކޮށްލިއެވެ. ލިލިއަން އިސްއުފުލާލުމެއްނެތި ބޯ ޖަހާލިތަން ފެނުމުން ދިޔާން ލިލިއަން އާ ފޫޓެއްވަރު ދުރުގައި އިށީނެވެ.
” އެމީހުން އެދެއްކީ ތެދުވާހަކަ ތަކެއް ނޫން.” ދިޔާން އޭނާގެ ޖީބުން ނެގި ރުމާ ލިލިއަން އަށް ދިއްކޮށްލަމުން ބުނެލިއެވެ.
ލިލިއަން އަށް ރުމަލުގައި ހިފުނީ ހައިރާންކަމެއްގައި އިނދެއެވެ. ދިޔާން އެދައްކަން ފެށި ވާހަކަ އޭނާއަކަށް ފަހުމެއް ނުވިއެވެ.
“ކޮންމެ މީހަކަށް ވެސް އެމީހަކު ދެކެ ހަޤީޤީ ލޯބިވާނެ މީހެއް ހައްގު.. އެއްވެސް މީހަކީ ލޯބިނުވެވޭވަރުގެ މީހެއް ނޫން.. ދުވަހަކުވެސް މީހަކު އެގޮތަށް އިޙްސާސްކޮށްދިނަ ނުދޭތި..” ދިޔާން ސީދާ ލިލިއަންގެ ދެލޮލަށް ބަލަހައްޓައިގެން އިނދެ ވާހަކަ ދެއްކި އިރު އެ ދެލޮލުގައިވީ ސާބިތުކަން ފެނި ލިލިއަންގެ ހިތަށް އެނގުންވެލިއެވެ.
” އެކަމަކު.. އެމީހުން އެދެއްކީ ހުސް ތެދުވާހަކަ..” ދިޔާންގެ ދަގައްފާނުގެ ބާރު އެކުލެވޭ ދެލޮލަށް ބަލަން ކުޅަދާނަ ނުވުމުން ލިލިއަން އިސްދަށަށް ޖަހާލިއެވެ. ރީނާ ދެއްކި ވާހަކަތައް ދިޔާން އަށް އަޑުއިވުނުކަން ވިސްނުމުން ލިލިއަން އިތުރަށް ލަދުގަންނަ ގޮތްވިއެވެ. ދިޔާން އޭނާއާމެދު ދެކޭ ނަޒަރު ވަޤުތުން ބަދަލުވާނެކަމުގައި ލިލިއަން ޔަޤީންކުރިއެވެ. އެހެނަސް ލިލިއަން އަށް އޭނާގެ އަމިއްލަ ހަޤީޤަތް ބަދަލެއް ނުކުރެވޭނެއެވެ.
” ލިލިއަން އަށް ހީވަނީތަ އެއްވެސް މީހެއް ލިލިއަން ދެކެ ލޯތްބެއް ނުވާނެއޭ..؟” ދިޔާން ސުވާލު ކުރިއެވެ.
” އަހަރެންގެ ހަޤީޤަތް އެނގިއްޖެނަމަ ރަނގަޅު ނިޔަތެއްގެ އެކަކުވެސް އަހަރެން ބޭނުމެއް ނުވާނެ..” ލިލިއަން އުނދަގުލުން ވާހަކަ ދެއްކިއެވެ.
” ކީއްވެތަ އަހަންނަށް ހީވަނީ ހަޤީޤަތުގެ ލިލިއަން އަކީ ކާކުކަން އެނގިއްޖެނަމަ އެމީހަކު އިތުރަށް ލިލިއަން އާ ގަޔާވާނެއޭ..؟” ދިޔާން މާނަވީ ގޮތަކަށް ލިލިއަން އަށް ބަލާލަމުން ބުނެލިއެވެ.
“އަހަރެން.. އަހަރެންނަށް ލިލިއަން އާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނޭނގެ.. އެކަމަކު ލިލިއަން ފެނުނު ފުރަތަމަ ރޭވެސް ލިލިއަން އާ މެދު ޝައުޤުވެރިކަން އުފެދުން.. ލިލިއަން ދަސްވަމުން އައި ވަރަކަށް އަހަރެންގެ ހިތް ލިލިއަންގެ މައްޗަށް ލެނބުން ފިޔަވާ އިތުރު ކަމެއް ނުވި.”
” އަހަރެން.. ލިލިއަން ދެކެ ލޯބިވޭ.. ލިލިއަން އަށް އަހަރެންގެ އިޙްސާސްތައް ފެންނާނެނަމަ އަހަރެން މިދައްކާ ވާހަކައިގެ ތެދު އިޙްސާސް ވާނެ.” ދިޔާންގެ ކޮންމެ ވާހަކައަކާއެކު ލިލިއަންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ދިޔާން އޭނާއާ މެދު އެފަދަ ނަޒަރަކުން ދެކެފާނެކަމަކަށް ލިލިއަން ފަހަރުގައިވެސް ހިޔެއް ނުކުރެއެވެ. ދިޔާންގެ ފަރާތުން ފެނުނު ކޮންމެ ޢަމަލެއް ލިލިއަން ދޭހަކުރީ ރަޙްމަތްތެރިކަމުގެ ގޮތުގައެވެ.
” ކީއްވެ..؟ އަހަރެން..؟ ދިޔާން އަށް އަހަރެން އެކަށީގެނެއް ނުވޭ.. ދިޔާން އަށް އަޑުއިވުނެންނު…” ލިލިއަން އަނެއްކާވެސް އިސްޖަހާލިއެވެ. އޭނާގެ ހަޤީޤަތް ކުޑަ ހިނދުކޮޅަކަށްވެސް ލިލިއަން ހަނދާނެއް ނުނެތެއެވެ.
“އަހަރެން ޤަބޫލު ކުރާ ގޮތުގަ އަހަރެންގެ ހިތް މިލްކު ކުރެވޭނީ އަހަރެންނަށް އެންމެ އެކަށީގެންވާ ކުއްޖާއަށް.. ލިލިއަންގެ އަމިއްލަ ސޫރަ އަހަރެންގެ ދެލޮލުން ފެންނާނެމަ.. އޭރުން ލިލިއަން އަށް އެނގޭނެ.. ” ދިޔާންގެ ހިތުގައި ލިލިއަން އަށްވުރެ އޭނާއަށް އެކަށީގެންވާ އެހެން އަަންހެން ކުއްޖެއް ނުވެއެވެ. އެދެލޮލުން ފެންނަނީ ހަމައެކަނި ލިލިއަންގެ ފުރިހަމަކަމެވެ.
” ކިހިނެއް ދިޔާން އަށް ތިހާ ޔަޤީން ކޮށް ބުނަން އިނގެނީ..؟ މިހާރު ހިތުގަ ތިވާ އިޙްސާސްތައް ފަހުން ބަދަލުވެދާނެ..” ލިލިއަންގެ ސިކުނޑި ކޮންމެ ކަމެއްވެސް ވިސްނައިދެމުން ދިޔައީ އެންމެ ނުބައި ގޮތަށެވެ.
” ލޯތްބަކީ ތިހާ ފަސޭހައިން ބަދަލުވާ އިޙްސާސެއްތަ..؟ ފާއިތުވެގެންދާ ކޮންމެ ދުވަހަކާއެކު އަހަރެން އެ ލޯބީގެ ތެރެއަށް ގެނބެމުންދާކަން އެހެން މީހަކަށް ނުވިސްނޭނެ..” ވާހަކަ އެހާ ހިސާބަށް ދިޔަތަނާ ދިޔާންގެ ފޯނު ރިންގްވާން ފެށިއެވެ. ފޯނުގެ ސްކްރީނަށް އަރާފައިވާ މާޔާގެ ނަން ފެނުމުން ދިޔާން ބަލާލީ ލިލިއަން އަށެވެ.
” ހަލޯ..” ބެންޗުން ތެދުވެ ލިލިއަން އާ ފުރަގަސްދެމުން ދިޔާން ފޯނުން ވާހަކަ ދެއްކިއެވެ.
“ލިލިއަން އެބައިން އަހަރެން ކައިރި.. މާޔާ ހާސްނުވޭ.. އަހަރެން ލިލިއަން ގެއަށް ލައިފަ މިދަނީ..” މާޔާ ގުޅީ ޕާޓީން ލިލިއަން ނުފެނުމުން އެކަމާ ހާސްވެ ހުރެއެވެ. ދިޔާން އާއެކު ލިލިއަން ހުރިކަން އެނގުމުން މާޔާއަށް ހިތްހަމަޖެހުމުގެ ނޭވާއެއްް ދޫކޮށްލެވުނެވެ. ލިލިއަން އަނބުރާ ޕާޓީއަށް ދާން ބޭނުން ނުވާނެކަން އެނގޭތީވެ ދިޔާން ބޭނުންވީ ލިލިއަން އޭނާގެ ގެއާ ހިސާބަށް ގެންގޮސް ދިނުމަށެވެ.
” ހިނގާ ދާން..” ދިޔާން ބުނުމާއެކު ލިލިއަން އިންކާރު ކުރުމެއްނެތި ބެންޗުން ތެދުވެ ދިޔާންގެ ފަސްފަހަތުން ހިނގައިގަތެވެ. ގެއާ ހިސާބަށް ދެވެންދެން ދެމެދަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ.
“އަހަރެން ބޭނުން ލިލިއަން އަށް ދައްކައިދޭން ހުރިހާ ފިރިހެނުންނަކީ އެއްކަހަލަ ބައެއް ނޫންކަން.. އަހަރެން ލިލިއަންގެ ޖަވާބަކަށް އިންތިޒާރު ކުރާނަން..” ގޭދޮރުމަތީގައި ހުއްޓެމުން ދިޔާން ބުނެލިއެވެ. ލިލިއަން އަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓާ ދިޔާން އޭނާއަށް ހިނިތުންވުމެއް ރައްދުކުރުމަށްފަހު ފަސްދީ ހިނގައިގަތެވެ.
ޚިޔާލުތަކަށް ގެއްލިފައި ހުރެގެން ލިލިއަން ކޮޓަރިއަށް ވަދެ ދޮރުގައި ލެނގިލިއެވެ. ހިފަހައްޓައިގެން ހުރި ދިޔާންގެ ރުމާ މަތިން ލިލިއަން ހަނދާންވީ ދެނެވެ. ކަަޅުކުލައިގެ ފަށުއި އެރުމާއަށް ބަލަން ހުރި ލިލިއަންގެ ކަންފަތުގައި ދިޔާން ދެއްކި ކޮންމެ ވާހަކައެއް ދައުރުވަމުން ދިޔައެވެ. ލިލިއަންގެ ހިތްވެސް ދިޔާންގެ މައްޗަށް ނުލެނބޭކަމަށް އޭނާއަކަށް އެއްބަހެއް ނުވެވޭނެއެވެ. އެހެނަސް އެހެންމީހުންނާ ދެމެދު އޭނާ ރާނާފައިވާ ފާރު ހުރަސްކުރަން އަމިއްލަ ހިތް ޖެހިލުން ވަނީއެވެ. އޭނާއަށް އަވާމެންދުރެއްގެ ތެރެއަށް ވަދެވި ހަޤީޤަތެއް ނެތް ދަޅަތަކެއްގައި ބަނދެވިދާނެތީއެވެ.
” އަހަރެން ބޭނުން ލިލިއަން އަށް ދައްކައިދޭން ހުރިހާ ފިރިހެނުންނަކީ އެއްކަހަލަ ބައެއް ނޫންކަން..” ދިޔާންގެ ފަހު ބަސްތައް ލިލިއަންގެ ހިތަށް ވެރިވުމާއެކު ފުންނޭވާއެއް ދޫކޮށްލަމުން މޭގާ އަތް އަޅާ ބާރު ކޮށްލެވުނެވެ.
*********
ޖެހިގެން އައި ދެތިން ދުވަހު ލިލިއަން ހޭދަކުރީ މުޅިންހެން ވިސްނުމުގައެވެ. ދިޔާން އަށް ދޭނެ ޖަވާބަކާ މެދުއެވެ. ދިޔާންގެ ސޫރަ އޭނާގެ ސިކުނޑިން ބޭރެއް ނުކޮށްލެވުނެވެ. ދިޔާން ބުނި ކޮންމެ ޖުމްލައެއް އޭނާގެ ކަންފަތުގައި ހަރުލާފައިވާ ފަދައެވެ. ލޯތްބަށް ފެންބޮވައިގެންފައިވާ ލިލިއަންގެ ހިތް ދިޔާންއަށް އެދި ގޮވަން ފެށިއެވެ.
*******
މާޔާގެ އެދުަމަަށް ލިލިއަން އޭނާއާއެކު އެއަރޕޯޓަށް ދިޔައީ މާޔާގެ ބޭބެއަކު މާލެއިން ކާގޯ ކުރި ފޮށިގަނޑެއް ބަލައެވެ. މާޔާ ފޮށިގަނޑާ ހަވާލުވާން ދިޔަ ވަޤުތު ލިލިއަން އެއަރޕޯޓުގެ ތެރެއަށް ނަޒަރު ހިންގާލިއެވެ.
ވަޤުތުގެ ގޮތުން އެއަރޕޯޓު ތެރޭގައި ފުދޭވަރަކަށް މީހުން ހަރަކާތްތެރިވަމުން ދިޔައެވެ. ކައިރި ރިސޯޓު ތަކުން އައިސް ތިބި ޓުއަރިސްޓުން ދިވެހިންނަށްވުރެ ގިނަ ކަމަށް ދައްކައެވެ. ފުރުމުގެ ކުރިން ޗެކިންގް ވާން ޖެހޭ ކައުންޓަރު ދޮަށަށް ލިލިއަން އަށް އެވަޤުތު ނަޒަރު ހިންގާލެވުނެވެ.
ލިލިއަން އަށް ފުރަގަސްދީގެން ކައުންޓަރު ދޮށުގައި ހުރި ޒުވާނާއަށް ލިލިއަންގެ ސަމާލުކަން ހުއްޓުނީ ދަންނަ މީހެއްހެން ހީވުމުންނެވެ. ޗެކިންގް ވުމަށްފަހު އެނބުރުނު ދިޔާން ލިލިއަންގެ ލޮލުގައި އަޅައިގަތީ ދެނެވެ. ލިލިއަންގެ ވިސްނުން ކުޑަ ހިނދުކޮޅަކަށް މަޑުޖެހުނު ފަދައެވެ. ދެލޯ ބޮޑުކޮއްލަމުން އޭނާ ދިޔާން އާ ދިމާއަށް ބަލަމުން ދިޔައީ ބިރުވެރި އެއްޗަކަށް ބަލާ ބީދައިންނެވެ.
ދިޔާން އޭނާ ކައިރި ބުނެލުމެއްވެސް ނެތި ފުރައިގެން ދަނީހެއްޔެވެ؟ މިހުރިހާ ދުވަހު އޭނާއަށް ފެނުނީ ދިޔާން ދެއްކި ދަޅަތަކެއްހެއްޔެވެ؟ އެހެން ފިރިހެނުން ފަދައިން ދިޔާން އޭނާގެ ކައިރީ ދެއްކި ވާހަކަތަކަކަކީ އެއްވެސް އަގެއް ނެތް ވާހަކަތަކެއް ހެއްޔެވެ؟ ލިލިއަން އަަށް އުންމީދުގެ ކުލަވަރު ދެއްކުމަށްފަހު މިހާރު އޭނާ ފިލައިގެން އެދަނީއެވެ.
ލިލިއަންގެ ދެލޯ ފެންކަޅިވީ އިޙްތިޔާރެއް ނެތިއެވެ. ދިޔާންގެ މާމުއި ފަދަ ފޮނި ވާހަކަތަކަށް ހެއްލެވި އޭނާގެ ހިތް ދިޔާންގެ އަތްމައްޗަށް ލެނބުނު ކަމައްޓަކައި އަމިއްލަ ނަފްސު ކުއްވެރި ކުރެވުނެވެ. ދެމީހުންގެ ނަޒަރު އަމާޒުވީ ވަޤުތު ދިޔާންގެ މޫނުން ފެނުނު ހައިރާންކަން ލިލިއަން އަކަށް ސިއްރެއްނުވިއެވެ. ލިލިއަންގެ ދެލޮލުގައިވީ ކަރުނަތަކާއެކު އޭނާ ދިޔާންގެ މޫނަށް ބަލައިލީ ކީއްވެހޭ އަހާފަދައިންނެވެ. އިތުރަށް ދިޔާން އާ ދިމާ ބަލަން ކުޅަދާނަ ނުވުމުން ލިލިއަން ފުރަގަހަށް އެނބުރި ދުރަށް ހިނގައިގަތެވެ.
އެއަރޕޯޓުން ނިކުމެގެން ހިނގަމުން އައި ލިލިއަންގެ ސިކުނޑީގައި އެތަކެއް ޝުއޫރުތަކެއް ފުނިޖެހެމުން ދިޔައެވެ.
” ލިލިއަން..!!” ފަހަތުން މީހެއް ގޮވާލި އަޑަށް ލިލިއަން އަށް ހުއްޓެވުނެވެ. އެހެނަސް އެއީ ކާކުގެ އަޑުކަން އިޙްސާސް ކުރެވުމާއެކު ލިލިއަން އަނެއްކާވެސް ކުރިއަށް ހިނގައިގަތެވެ.
” ލިލިއަން.. މަޑުކޮށްބަލަ..” ދިޔާން ދުވެފައި ކަހަލަ ގޮތަކަށް އައިސް ފުރަގަހުން ލިލިއަންގެ އަތުގައި ހިފެހެއްޓިއެވެ.
” ކީއްކުރަން.. ؟؟ ދިޔާން ފުރާކަށް ލަހެއް ނުވޭތަ..؟” ދިޔާންގެ އަތްފޮޅުވާލަމުން ލިލިއަން ބުންޏެވެ. ލިލިއަންގެ ހިތުގައިޖެހިފައިވާ ބެލުން ފެނުމާއެކު ދިޔާން ގަނޑުވި ކަހަލައެވެ.
” އަހަރެން ހީކުރީ ދިޔާން އަކީ އެހެން ފިރިހެނުންނާ ތަފާތު މީހެއްކަމަށް.. ދިޔާން ދެއްކި ހުރިހާ ވާހަކައެއް އަހަރެންނަށް ޤަބޫލު ކުރެވުނީ އެހެންވެ..”
” ލިލިއަން.. އަހަރެން ދައްކާ ވާހަކަ އަޑު އަހާބަލަ..” ލިލިއަންގެ ވާހަކަ މެދުކަނޑާލަމުން އާދޭހުގެ ރާގެއްގައި ދިޔާން ބުނެލިއެވެ.
” ކީއްވެ؟؟ އެންމެ ކުޑަ މިނުން ފުރަން އުޅޭ ވާހަކަ ނުބުނީ ކީއްވެ؟ ކީއްވެ އަހަންނަށް ހަޤީޤަތެއް ނެތް ހުވަފެންތަކެއް ދައްކާފަ އަނދިރީގަ ބަހައްޓަން ތިއުޅުނީ.. ކީއްވެ އަހަންނަށްވެސް މީހެއް ދެކެ ލޯބިވެވިދާނެކަން އިޙްސާސްކޮށްދީފަ ފިލަން ތިއުޅެނީ.. ކީއްވެ..؟ އެހުރިހާ ކަމެއް ކޮއްފަ.. އަހަރެންގެ ޖަވާބަކަށް އިންތިޒާރު ކުރާނަމޭ ބުނީ ކީއްވެ..؟ އަހަންނަށް ލޯބި ދަސްކޮށްދިނީ ކީއްވެ..؟” ޚުދު ލިލިއަން އަށްވެސް އޭނާއަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ފަދައެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުގެ ތެރެއިން ހިތުގައި ފުނިޖެހެމުންދިޔަ ހުރިހާ ޝަކުވާތައް ބޭރުކޮށްލިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.







Wow………. Varah reethi ❤️❤️❤️
Kon iraku next part
Thank u so much laisha. V ufaavejje mi bai kamudhiyaeema.. In sha Allah next part mi weekend thereyga up kohleveythoa balaanan.☺️❤️