Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހީވޭ ކަލާވާހެން-11

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
September 18, 2021 5 Mins Read
0 Comments

ބޭރުފެންނާނެހެން ހުރި ކުޑަ ދޮރުގެ ކުރިމަތީގައި ހަށަން ބަނދެލައިގެން ކޮޅަށްހުރި ސުހެއިލްގެ ބޮމަ ވަނީ ގޮށްޖެހިފައެވެ. ލިލިއަން އާއެކު ގޭދޮރުމަތީ ހުއްޓުނު ދިޔާން އޭނާއަށް ރީއްޗަށް ފެނުނެވެ. ހިނިތުންވުމާއެކު ދެމީހުން އެކަކު އަނެކަކާ ވާހަކަ ދެއްކުމަށްފަހު ލިލިއަން ގޭތެރެއަށް ވަތްކަން ސުހެއިލް އަށް އެނގުނެވެ. އެއާއެކު ދިޔާން ގެއާ ފުރަގަސްދީ ހިނގައިގަތްތަން ބަލަން ސުހެއިލް ހުއްޓެވެ. 

“  ބޭރުން ކޯއްޗެއް ތިބަލަނީ..؟” ހައިފާ އައިސް ފަހަތުން ސުހެއިލްގެ މެދުހަށީގައި އަތްވަށާލިއެވެ. 

ސިކުނޑީގައި އެނބުރެމުން ދިޔަ ޚިޔާލުތަކުން ބޭރުވަމުން ސުހެއިލް ހަމަޖެހިލިއެވެ. 

” ހައިގެ ދަރިފުޅު ކޮބާ..؟ އަހަރެން އަދި ނުދެކެން…” ފަށުވިކަން އެކުލެވޭ ސާފު އިނގިރޭސިބަހުން ސުހެއިލް ވާހަކަ ދެއްކިއެވެ.

ލިލިއަންގެ ވާހަކަ ސުހެއިލް އެހުމާއެކު ހައިފާގެ މޫނުމަތިން ކުރިން ފެންނަން ހުރި ހިނިތުންވުންފިލާ މޫނުގައިވީ ހިތްހަމަޖެހުން ގެއްލިގެން ދިޔައެވެ.

” ކީއްވެ ކުއްލިއަކަށް އަހަރެންގެ ދަރިފުޅާމެދު ޝައުޤުވެރިވީ.؟” ހައިފާ ސުހެއިލް ކުރެން ސުވާލުކުރިއެވެ.

” އަނެއްހެން ވަކި ކަމެއްވެގެނެއް ނޫން.. ހަަމަ ހިތަށް އެރީ.. ހައި ނުވިސްނަންބާއޭ ދަރިފުޅު މިކަމުގަ ބައިވެރިކުރާކަށް..” ސުހެއިލް ކަމެއް ދެނެގަންނަން މަސައްކަތް ކުރާ ބީދައިން ހައިފާއާ ސުވާލު ކުރިއެވެ. 

ސުހެއިލް ބުނި ބަހުގެ މާނަ ވިސްނުމާއެކު ހައިފާގެ މޫނުމަތި ބަނަވެގެން ދިޔައެވެ. އެހެނަސް އޭނާ އެކަން ފޮރުވާލަމުން ސުހެއިލްގެ ވިސްނުން އެހެން ދިމާޔަކަށް އަނބުރާލަން މަސައްކަތް ފެށިއެވެ.

” އަހަރެން ތިކަމަކާ ނުވިސްނަން.. އޭނަ އަހަރެން ބޭނުންވާ ގޮތަށް ކަންކުރާހާ އަހަރެމެން ދެމީހުންގެ ގުޅުން ބަދަހިއެއް ނޫން.. އެހެންނޫނަސް.. އަހަރެންް އެކަނި ސުހެއިލް އަށް ފުދެ އެންނު..” ސުހެއިލްގެ މޫނުގައި ފިރުމާލަމުން ހައިފާ އޭނާގެ މޫނަށް މަސްތުކަން ވެރިކުރުވިއެވެ.

” އަހަރެން ހައިގެ ދަރިފުޅު ބޭނުމޭ ބުނެފިއްޔާ..؟” ސުހެއިލް ހައިފާގެ އަތް އޭނާގެ މޫނާ ދުރުކޮށްލަމުން ވާހަކަ ދެއްކިއެވެ. ސުހެއިލްގެ ސުވާލާއެކު ހައިފާއަށް ސުހެއިލްގެ މޫނަށް ރަނގަޅަށް ބަލައިލެވުނެވެ. ކިތަންމެ މަސައްކަތް ކުރިޔަސް އެ މަޢުޟޫއިން ރެކެވެން ނެތްކަން ހައިފާއަށް ވިސްނުނެވެ. ސުހެއިލްގެ މޫނުމަތިން އޭނާ އެކުރަނީ ސަމާސާއެއް ނޫންކަން ދޭހަވަމުން ދިޔުމުންނެވެ.

” ޑޯންޓް ވޮރީ.. ޝީ ވިލް އޮންލީ ބީ މައިން.. އައި ވިލް ނޮޓް ޝެއަރ ހަރ ވިތް އަދަރސް..”  ސުހެއިލް ހައިފާގެ ރުއްސުން ހޯދުމުގެ ނިޔަތުގައި އިތުރު ކޮށްލިއެވެ. އޭނާ ލިލިއަން ބޭނުންވަނީ އޭނާގެ އަމިއްލަ ނަފްސަށެވެ. ލިލިއަންގެ ސޫރަ ފެނުން ފަހުން އެ އަންހެން ކުއްޖާ އޭނާގެ ވިސްނުމުން ދުރުވި ވަޤުތެއް ނާދެއެވެ ހައިފާގެ ރުހުން ލިބިއްޖެނަމަ އޭނާ ބޭނުންވާ ކަންތައް ހާސިލް ކުރަން ފަސޭހަވާނެއެވެ.

” ނޫން.. އަހަަރެން ލިލިއަން މިކަމުގެ ތެރެއަކަށް ނުވައްދާނަން..” ހައިފާ ކޮޅަށް ތެދުވަމުން ސުހެއިލް އާ ފުރަގަސްދިނެވެ. އޭނާގެ ޖަވާބު ސާފު ކަމާއެކު ސުހެއިލް އަށް އަންގައިދިނެވެ.

” ކަމޯން.. ހައި ބޭނުމިއްޔާ ބޭނުން ވަރަކަށް ފައިސާވެސް..” ސުހެއިލްގެ ޖުމްލަ ފުރިހަމަ ނުވަނީސް ހައިފާ އަތުގެ އިށާރާތުން ހުއްޓާލުމަށް އަންގާލިއެވެ.

” އަހަންނަށް ރަނގަޅީ ސުހެއިލް މިވަޤުތު ދިޔައްޔާ..” ހައިފާގެ އަޑުގައިވަނީ މީގެ ކުރިން ސުހެއިލް އަށް އެނގިފައިނުވާ ހަރުަކަށިކަމެވެ. ސުހެއިލްގެ މޫނު ބަނަވެގެން ދިޔަނަމަވެސް އިތުރަށް އެއްޗެއް ބުނާކަށް ގަސްތެއް ނުކުރެއެވެ. ހައިފާ އެދުނު ގޮތަށް ކޮޓަރިން ނިކުންނަން ސުހެއިލް ހިނގައިގަތެވެ.

*****************

” ޕާޓީއަށް އަންނާނަންދޯ..؟” މާޔާ ލިލިއަން ކުރެން ސުވާލު ކޮށްލިއެވެ.  މާދަމާ ހަވީރު އޭނާގެ ދެބެންގެ ދެދަރި ދައްތައެއްގެ ކައިވެނި ޕާޓީ ވަނީ ހަމަޖެހިފައެވެ. ލިލިއަން އަށްވެސް ދަޢުވަތު ލިބިފައިވުމުން މާޔާ ކޮންމެހެންވެސް ލިލިއަން ޕާޓީއަށް ގެންދަން ބޭނުންވިއެވެ. ލިލިއަން އަކީ މާގިނަ މީހުން އެއްވާ ތަންތަނަށް ދާން ބޭނުންވާ މީހަކަށް ނުވުމުން ޕާޓީއަށް ލިލިއަން ގެންދަން އުނދަގޫ ވާނެކަން މާޔާއަށް އެނގެއެވެ.

“މާޔާއަށް އިނގެއެންނު އަހަރެން އެހާ މީހުން ގިނަ ތަނަކަށް ދާން ބޭނުން ނުވާނެކަން.. އެކަމަކު ޝައިހާއަށް އަހަރެންގެ ފަރާތުން ދޭ ހަދިޔާ ގެންގޮސް ދެވޭނެތަ..؟”  ލިލިއަން މާޔާގެ ކިބައިން އެދުނެވެ. 

” ނޯ ނޯ..! ލިން ޖެހޭނީ ހަދިޔާ ހިފައިގެން ގޮސް ޝައި ދައްތަ އަށް ދޭން.. ކައިވެނީގެ ވަލީމާއަކަށް ދެވޭ ދަޢުވަތު ޤަބޫލުނުކޮށް ހުންނާކަށް ނުވާނެ..” މާޔާ ދޫ ނުދޭންވެގެން ބުނެލިއެވެ.

 

މާޔާގެ ވާހަކައާއެކު ލިލިއަން އަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ޕާޓީއަށް ވަދެލާފައި އަވަހަށް އަންނާނީ ކަމުގައި ނިންމަމުން ލިލިއަން ހަފްލާއަށް ދާނެކަމަށް އެއްބަސްވިއެވެ.

************

މުޅި މާހައުލަށް ވެރިވެފައިވަނީ  ލުއި މިޔުޒިކުގެ އަޑާއި އެކުވެފައިވާ މީހުންގެ ވާހަކަ ދެއްކުމުގެ އަޑެވެ. މާޔާއާއެކު ޕާޓީ ބޭއްވިފައި އޮތް މާހައުލަށް ވަދެގެން އައި ލިލިއަންގެ އަތްފައި ވަނީ ފިނިވެފައެވެ. ކޮންމެ މީހަކުވެސް ބަލަމުންދަނީ އޭނާއާ ދިމާއަށް ކަމުގައި ލިލިއަން އަށް ހީވަމުން ދިޔައެވެ.

މާޔާ ލިލިއަންގެ އަތުގައި ހިފައިގެން ގެންދިޔައީ ކައިވެނި ކުރެވުނު ދެބައިވެރިން ތިބުމަށް ހަދާފައި ހުރި ބެކް ޑްރޮޕްގެ ކުރިމައްޗަށެވެ. ލިލިއަންވެސް ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވަން މަސައްކަތް ކުރަމުން ޝައިހާއަށާއި އޭނާގެ ފިރިމީހާއަށް ކައިވެނީގެ މަރުޙަބާ ކިޔަމުން ގެނައި ހަދިޔާ ދިނެވެ. ޝައިހާގެ އެދުމަށް މާޔާއާއެކު ތިންމީހުން ފޮޓޯނެގުމަށް ބުނުމުން ލިލިއަން އަށް  ދެކޮޅު ހަދާކަށް ނުކެރުނެވެ.

ސަދޫފް އާއެކު ޕާޓީއަށް ދިޔާން އައީ އެވަޤުތުއެވެ. ޝައިހާ ކައިވެނި ކުރި ފަރާތަކީ ހައުސިންގް ޔުނިޓް  ޕްރޮޖެކްޓުގައި ހަރަކާތްތެރިވަމުން އަންނަ ފަރާތެކެވެ. އެހެންކަމުން އޭނާ ވަނީ ދިޔާން އަށްވެސް ޕާޓީއަށް އައުމަށް އެދި ދަޢުވަތު އަރުވާފައެވެ.

ޕާޓީގެ މާހައުލަށް ނަޒަރު ހިންގަމުން ދިޔަ ދިޔާންގެ ދެލޯ ގޮސް ހުއްޓުނީ ފޮޓޯއަށް ހިނިތުންވެގެން ހުރި ލިލިއަންގެ މޫނަށެވެ. ޕާޓީގެ ކުލަޔާ ގުޅޭނޭ ފަދައިން ޕީޗް ކުލައިގެ ފައި ފޮރުވާ ދިގު ހެދުމުގައި ހުރި ލިލިއަންގެ ރީތިކަން ފާޅުވަމުން ދިޔައެވެ. އެ ރީތިކަމަށް ހިތާއި ހިތުން ތަޢުރީފުކޮށްލަން އިރުކޮޅަކު ދިޔާން އަށް ހުއްޓި ހުރެވުނެވެ. ލިލިއަން މެން ފޮޓޯ ނަގާ ނިމުމުން ސަދޫފް އާއެކު އޭނާވެސް ހިނގައިގަތީ ބެކް ޑްރޮޕް އާ ދިމާއަށެވެ.

ދިޔާން ކައިވެނި ކުރެވުނު ޖޯޑާ ސަލާމް ކުރަމުން އޭނާގެ ވާޖިބު އަދާކުރިއެވެ. ސަދޫފް އާއި ދެންވެސް ޕްރޮޖެކްޓުގައި ހަރަކާތްތެރިވާ މުވައްޒަފުންނާއެކު ކާތަކެތި ތައްޔާރުކުރެވިފައިވާ ބުފޭ ކައިރީ މަޑު ކޮށްލަމުން ދިޔާން ވެސް އޭނާ ބޭނުންވާ ތަކެތި ތައްޓަށް އަޅަމުން ދިޔައެެވެ.

“އަހާން.. މާޔާ.. އައްދެ.. ލިލިއަންވެސް އެބަހުރިތަ..؟” ސާޅީހަކަށް އަހަރުގެ އަންހެނަކު މާޔާ ފެނުމާއެކު ގޮވާލިއެވެ. މާޔާގެ ކައިރީ ހުރި ލިލިއަން ފެނުމާއެކު އޭނާގެ ނަޒަރު ލިލިއަންގެ  ފައިން ފެށިގެން ބޮލަށް އަމާޒުވެގެން ދިޔައެވެ. އެ އަންހެން މީހާގެ ކައިރީ ތިބި އެ އުމުރުގެ އިތުރު ހަތަރު މީހުންގެ ލޯވެސް އަމާަޒުވެފައިވީ ލިލިއަންގެ މޫނަށެވެ.

” ކިހިނެއްތަ..؟ ކޮން އިރަކުންތަ ދެން އެކޮއެ މީހަކާ އިންނަނީ..؟” މާޔާއާ ކުރިމަތިވި ސުވާލާއެކު މާޔާގެ މޫނުމައްޗަށް ފޫހިކަން ވެރިވެގެން ދިޔައެވެ. ނަމަވެސް އެކަން މޫނުމަތިން ފާޅުނުކޮށް ވޭތޯ މަސައްކަތް ކުރަމުން މާޔާ ހިނިތުންވުމާއެކު ޖަވާބު ދިނެވެ.

” އަދި ތާރީހެއް ކަނޑައެއް ނާޅަން..” މާޔާ ކުރު ކުރު ޖަވާބަކަުން ފުއްދާލިއެވެ.

” އެހެންތަ.. އެހާ ގިނަ ދުވަހު މަޑު ކުރާ އެއްޗެއް ނޫން.. އަވަހަށް ތިކަން ނިންމާލާ.. އޭރުންނެންނު ދޯ އަހަރެމެންގެ ބަނޑަށްވެސް އެނގުންވާނީ “

އެތަނުން އެކަކު ބުނި ވާހަކައާއެކު އެންމެން ހޭން ފޭށިއެވެ. މާޔާވެސް ދަތްޕިލަ ޖައްސާ ބާރުކޮށްލަމުން މަސްނޫއީ ހިނިތުންވުމެއް ދައްކާލިއެވެ.

” ލިލިއަން އޯ..؟ މީހަކާ އިންނާކަށް ނޫޅެންތަ..؟”  އިސްޖަހައިގެން ހުރި ލިލިއަންގެ ހިތަށް ބިރުވެރިކަން ވެރިވީ އެންމެންގެ ނަޒަރު އޭނާއާ އަމާޒުވެފައިވާހެން ހީވުމުންނެވެ.

“ކާކު އޭނައާ އިންނާނީ..؟” ލިލިއަން އަށް ހަރަކާތެއްވެސް ކޮށް ނުލެވެނީސް އެތަނުން އެކަކު މަޑު މަޑުން ބުނެލިއެވެ. އެހެނަސް އެ އަޑު އެއްވެސް ހުރަހެއްނެތި ލިލިއަންގެ ކަންފަތަށް ފޯރިއެވެ. އެތާ ދެންތިބި މީހުންނަށްވެސް އެ އަޑު ފޯރާނެކަން ޔަޤީންވެ އޭނާގެ ހިތުގައި ޖެހޭގޮތްވިއެވެ.

” އަޅުގަނޑުމެން ކާން މިދަނީ.. ވަރަށް ބަނޑުހައިވެފަ މިތިބީ.. ޕާޓީއަށް ބަނޑު ހުސްކޮށްގެން ތިބީމަ.. ހަހަ..” މާޔާ އަވަސް އަވަހަށް ވާހަކައެއް ހަދާލަމުން ގަދަކަމުން ހީލިއެވެ.

“އެމީހުން ކިޔާ އެއްޗަކަށް އަޅާނުލައްޗޭ.. އެނގެއެންނު އެމީހުންގެ ގޮތް..” މާޔާ ލިލިއަން ގޮވައިގެން ދުރަށް ޖެހިލަމުން ބުނެލިއެވެ.

” މާޔާ އާދެބަ..” މާޔާގެ ގާތްތިމާގެ ކުދިންތައް ހަނާ އަޅާލަމުން ގޮވާލީ ކައިވެނީގެ ޖޯޑާއެކު އާއިލާ ފޮޓޯއެއް ނެގުމަށެވެ. 

” ލިން މަޑު ކުރައްޗޭ.. އެބަ އަންނަން ވަރަށް އަވަހަށް.. އަހަންނާއެކު ކައިގެން ގެއަށް ދާނީ..” ލިލިއަން އޭނާއަށް ނޭނގި ގެޔަށް ދާންއުޅެފާނެ ކަމުގެ ބިރަށް މާޔާ އަވަސް އަވަހަށް ބުނެލިއެވެ.

ލިލިއަން ބޯ ޖަހާލުމުން މާޔާ އޭނާގެ އާއިލާ މެންބަރުންގެ ކައިރިއަށް ދިޔުމަށް ހިނގައިގަތެވެ. މާހައުލުގައި އެކަނިވުމުން ލިލިއަން ފިނި ބުއިންތައް ބަހައްޓާފައި ހުރި މޭޒުކައިރިއަށް ޖެހިލިއެވެ. ކޯކުތައްޓެއް ނަގަމުން އެތިފޮދެއް ބޯލުމަށްފަހު  ހަމަޖެހެން ލިލިއަން މަސައްކަތް ކުރިއެވެ. އެހެނަސް އެކަން ކާމިޔާބުވާގޮތް ނުވަނީސް އޭނާ ދެކެން ބޭނުންނުވާ އިތުރު މޫނުތައް ލިލިއަންއާ ބައްދަލު ކުރިއެވެ.

” ލިލިއަން..ކިހިނެއްތަ..؟” ލިލިއަން އާއެކު އެއް ކިލާހެއްގައި ކިޔަވަން އުޅުނު ދެ އަންހެން ކުދިން  އައިސް އޭނާގެ ކައިރީ ހުއްޓެމުން ކޮންމެ މީހަކު ކޯކުތައްޓެއް އަތަށް ނެގިއެވެ.

” ރަނގަޅު..” ލިލިއަން ކުރު ޖަވާބެއް ދެމުން  ދުރަށް ހިނގައިގަންނަން މަސައްކަތް ކުރިއެވެ.

” އަދި މަޑުކޮށްބަލަ..” ރީނާ ލިލިއަންގެ އަތުގައި ހިފާ ހުއްޓުވިއެވެ.

” ވާހަކައެއް ބުނާށޭ މިއައީ.. އެހެރީނު ދޯ ބޯއީ އެއް.. އޭނައަށް ލިލިއަން ވަރަށް ކަމުގޮސްފިޔޯ..” ލިލިއަން އާ ތަންކޮޅެއް ދުރުގައި ހުރި ޒުވާން ފިރިހެނެއް ދައްކާލަމުން ރީނާ ބުންޏެވެ. ލިލިއަންވެސް ރީނާ އިނގިލި ދިއްކޮށްލި ދިމާއަށް ބަލައިލިއެވެ. އޭރު އެނުދަންނަ ޒުވާނާ ހުރީ ލިލިއަން އަށް ބަލަހައްޓައިގެންނެވެ.

” އަހަރެން ބުނިން ވަން ނައިޓް ސްޓޭންޑް އަކަށް ލިލިއަން ހަމަ ޕާފެކްޓް ވާނެއޭ..” ރީނާ މަލާމާތުގެ ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.

” އަހަންނަކީ ތިކަހަލަ ކުޅިވަރު ކުޅޭ މީހެއް ނޫން..” ލިލިއަން ދެބޮމަ ގޮށްޖަހާލަމުން ބުނެލިއެވެ. 

” ހާދަ ރުޅިއެއް ތިއައީ.. ދެން ލިލިއަން ހޯދަން ތިއުޅެނީ ހަޤީޤީ ލޯބިތަ..؟ .. ތިއީ ރަށްމެދަށް ލިބިފަ ހުރި ހަރާން ދަރިއެއް..މަންމަ އަކީ ކަސްބީ އަންހެނެއް…ބައްޕަ އަކީ ކޯއްޗެއް ކަމެއްވެސް ނޭނގޭ.. ހީވޭތަ ތިވަރުގެ މީހެއްދެކެ މީހަކު ލޯބިވެދާނެއޭ…؟”  ރީނާގެ ވިހަ ގަދަ ޖުމްލަތައް ލިލިއަންގެ  އަޒުމް ގުޑުވާލިއެވެ. އަމިއްލަ ނަފްސުގެ މުޑުދާރުކަން ހިތަށް އިޙްސާސްކުރެވެން ފެށުނެވެ.

” އެނީވޭސް.. ޔޯ ލޮސް..” އިސްތަށިގަނޑު ފަހަތަށް އެއްލަމުން ތުއި ގޮތަކަށް ރީނާ ބުނެލިއެވެ. އެއާއެކު ދެއަންހެން ކުދިން ލިލިއަން ކުރިކަނޑާފައި ހިނގައިގަތެވެ.

ފިނި ބުއިމެއް ނަގަން މޭޒު ކައިރިއަށް އައިސް ހުއްޓުނު ދިޔާން އަށް އެ ދެމެދުގައި ދެކެވުނު ހުރިހާ ވާހަކައެއް އަޑުއިވުނެވެ. ދެއަތް މުށްކަވާ ބާރުކޮށްލެވުނީ އެ ދެއަންހެނުންގެ ބޮލުގައި ހުރި ހުރިހާ އިސްތައްޓެއް އުފުރާލަން އޭނާގެ ހިތް އެދުނު ވަރުންނެވެ. 

 ހަދަންވީ ގޮތެއް ނޭނގި ލިލިއަންގެ މޫނަށް ވެރިވަމުންދިޔަ ކުލަތަކަށް ބަލަހައްޓައިގެން ދިޔާން އަށް ހުރެވުނެވެ.

ލިލިއަން އަށް އިތުރަށް އެތާކު ކެތެއް ނުކުރެވުނެވެ.  އެ މާޙައުލުން އޭނާ ބޯ ހާސްކުރުވަމުން ދިޔައެވެ. ދުވެފައި ކަހަލަ ގޮތަކަށް  ޕާޓީއިން ނިކުމެގެން ލިލިއަން ދިޔައެވެ. ގެއަށް ދާހިތް ނެތުމާއެކު ލިލިއަން މިސްރާބުޖެހީ އެތާ ކައިރި ހުރި ޕާކެއްގެ ތެރެއަށެވެ. މާގިނަ މީހަކުވެސް އެ ޕާކު ތެރެއިން ފެންނާކަށް ނެތެވެ. މަޑު ހިނގުމެއްގައި އައިސް މީހުންނާ އެކަހެރި ބެންޗެއްގައި ލިލިއަން އިށީނެވެ. އަދިވެސް އެންމެންގެ ފަރާތުން އޭނާއަށް ކުރިމަތިވި ފުރައްސާރައިގެ ބަސްތައް އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ހަށިގަނޑުގައި ދައުރުވަމުން ދިޔަ ރުޅިވެރިކަން ލިލިއަން ބޭރުކޮށްލީ ދިލަ ކަރުނައިގެ އެހީގައެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 13

Next

ދިމާވި އާދަޔާ ޚިލާފް ޒުވާނާ(ސާޅީސް އަށްވަނަ ބައި)

Next
September 19, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ(ސާޅީސް އަށްވަނަ ބައި)

Previews
September 18, 2021

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 13



All Right Reserved!