ކޮޓަރިއަށްވަދެ ނައިޝާ ސައިފްމެނާ ދޭތެރޭ ވިސްނާލިއެވެ.ފިކުރުކުކުރަން އޮތް ނައިޝާ އަށް ނިދުނީ ވަރަށް ލަހުންނެވެ.
ސިއްސައިގެން ގޮސް ކުއްލިއަކަށް ނައިޝާ އަށް ހޭލެވުނީ ކޮޓަރި ދޮރުގައި މީހަކު ތަޅައިގަތުމުންނެވެ. އަވަސްއަވަހަށް ގޮސް ނައިޝާ ދޮރު ހުޅުވާލިއިރު ދޮރުމަތީގައި ރުޅި މޫނު ދައްކައިގެން މައިދައިތަ ހުއްޓެވެ.
“ޖޫހާ އެއްޗެހި ބޮއެފަ ދޮންނާކަށްވެސް ނޭނގޭތަ؟….އެހުރީ ތަށިތަކަށް ހިނި އަރާފަ” ރުޅިވެރިކަމާއި އެކު އަޑަށް ބާރު ލަމުން މައިދައިތަ ނައިޝާ އަށް ބުނެލި އެވެ.
“ނައިޝާ ދޮންނަން ހުރީ… އެކަމް ސައިފް ބުނީ އޭނަ….” ދެރަވެފައި ނައިޝާ ބުނެލި އެވެ. “ސައިފް ދޮވޭތޯ ނުދޮވޭތޯ ބަލާކަށް ނުޖެހޭނެ” މައިދައިތަ ނައިޝާގެ ވާހަކަ ކުރިމަރާލަމުން ބުންޏެވެ.
މައިދައިތަ ދިއުމުން އަވަސް އަވަސް ކޮށްލައިގެން ނައިޝާ ތަށިތައް ދޮންނަން ބޭރަށް ނިކުތެވެ.ތަށިތައް ދޮވެ ބަދިގެއިން ނިކުތް އިރު މައިދައިތަ ބޭރު ޖޯލީގައި އިށީނދެލައިގެން އިނެވެ.ނައިޝާ އޭނާގެ މައިދައިތަ އަށް ކަންވީގޮތް އޮޅުންފިލުވައިދޭން މަސައްކަތް ކޮށްލިއެވެ. “އަހަންނެއް ނޫޅެން ތި އަޑު އަހާކަށް” ހިތްހަމަނުޖެހިފައި ހުރެ މައިދައިތަ ބުންޏެވެ.
މައިދައިތަ ނުރުހުންވުމުން ނައިޝާ ވަރަށް ދެރަވި އެވެ.ނައިޝާ އޭނާގެ މައިދައިތަ ކިބައިން މަޢާފަށް އެދި، އޭނާގެ ފަރާތުން އެފަދަ ކަމެއް ދެން ނުފެންނާނެ ކަމުގެ ޔަގީންކަން ދިނެވެ.ނަމަވެސް އޭނާގެ މައިދައިތަ ބަހެއް ނުބުނެ މޫނު އަނެއްފަރާތަށް ލައިގެން އިނެވެ.
މައިދައިތަ އަށް މައާފު ކުރުމަށްފަހު ނައިޝާ ގޯތިތެރެ ފޮޅާލުމަށްފަހު ހެނދުނު ސައިހަދަން ބަދިގެތެރެއަށް ވަނެވެ.އޭރު މައިދައިތަ އާއި ނައިޝާ ފިޔަވައި އިތުރު މީހަކު ހޭލާ ނޫޅެއެވެ.
ސައިހަދައި ނިމުނުތަނުން ސައިފް ގެއަށް ވަނެވެ.”އާދޭ ސައިބޯން” ސައިފް ފެނުމުން ނައިޝާ ބުނެލިއެވެ. “އަހަންނެއް ނޫޅެން ސައިބޯކަށް” ނުރުހުމުގެ ރާގަކަށް ސައިފް އެހެން ބުނުމަށްފަހު ކޮޓަރި އާއި ދިމާލަށް ހިނގައިގަތެވެ.
އެންމެންވެސް ނައިޝާ ދެކެ ހިތްހަމަ ނުޖެހިފައި ހުރުމުން ނައިޝާ ދެރަވިއެވެ.ނައިޝާ ކޮޓަރިއަށް ހިނގައިގަތް ވަގުތު ސަނާ އާފުރެމުން އޭނާގެ ކޮޓަރިން ނިކުމެ ކާގެއާ ދިމާއަށް މިސްރާބު ޖެހިއެވެ.
ނައިޝާ ކޮޓަރިއަށް ވަތް ވަގުތު ސައިފް ކޮޓަރިން ނިކުތެވެ.ނައިޝާއަަށް ބަހެއްވެސް ބުނެނުލާ ނައިޝާ ހުރަސްކޮށް ސައިފް ނުކުމެގެން ދިޔައެވެ.މިއަދު މައިދައިތަވެސް ނައިޝާ ދެކެ ހިތްހަމަ ނުޖެހިފައި ހުރުމުން ނައިޝާ ސައިބޯން ފަސްޖެހެވުނެވެ.
އެނދުގައި އިށީނދެ ހަމަޖެހިލި ތަނާ ނައިޝާ އަށް ފޯނެއް އައެވެ.ގުޅީ ނައިޝާގެ ބަފައިބެ އެވެ. “ކިހިނެއް މަންޖޭ؟” ބަފައިބެ އޯގާތެރި ކަމާއެކު އަހާލިއެވެ. “ރަނގަޅު ބައްޕަ ކިހިނެއް؟” ނައިޝާ އަހާލިއެވެ. “ރަނގަޅު… ދަރިފުޅު ސައިބޮއެފިންތަ މިހާރު؟”ބަފައިބެ އަހާލިއެވެ.
“އަދި ނުބޮން” ނައިޝާ ބުންޏެވެ. “ސައިބޯން އުޅޭ މިހާރު އެހެރަ ނުވައެއް ހިނގާ ބޮޑުވީ…ބައްޕައަށް ދެހަފްތާ ތެރޭގަ ދެވޭނެހެން ހީވަނީ ރަށަށް…ބައްޕަ ދިއުމުގެ ކުރިން ދަރިފުޅު މާލެ ނުދައްޗޭ” ފޯނު ބޭއްވުމުގެ ކުރިން ބަފައިބެ ނައިޝާއަށް ބުންޏެވެ. ނައިޝާގެ ބަފައިބެ ގުޅީ އޭނާގެ ހާލު އަހާލަންށެވެ. ބަފައިބެއާ ވާހަކަ ދައްކާލުމަށްފަހު ނައިޝާ ހިތްހަމަ ޖެހުނެވެ.
“ނައިޝާ އާދޭ ސައިބޯން… ބައްޕަ ދެންމެ ގުޅި” މައިދައިތަ ކޮޓަރި ދޮރުމަތީގައި ހުރެ ނައިޝާ އަށް ބުނެލި އެވެ. ކުރިއަށް ވުރެ މިފަހަރު މައިދައިތަ ވާހަކަ ދެއްކިލެއް ރަނގަޅު ކަމުން ނައިޝާ ހިތްހަމަ ޖެހުނެވެ.
ސައިބޮއެ ނިމިގެން ކޮޓަރިއަށް ނައިޝާ ވަތް ވަގުތު ސައިފް ގެއަށް ވަނެވެ. ކޮނޑުގައި އަންނައުނު ދަބަހެއް އަޅުވައިގެން ކޮޓަރި އަށް ވަނެވެ. “މީގަ ހުރި އެއްޗެހިތައް އަލަމާރިއަށް އަޅާ” ދަބަސް ނައިޝާއަށް ހަވާލުކުރުމަށް ފަހު ސައިފް ބުންޏެވެ. “އަދި ބުނަން ގަތީމެއްނު ރަތްކުލައިގެ ބެޑްޝީޓެއް… އޭތި އަޅާ އެނދުމަތީގަ…މިތަން ސާފުކޮށްފަ މިހުރީ އެކަމަކުވެސް ފާހަނަ ތެރެއާ މިކޮޓަރިތެރެ ސާފުކުރޭ” ނިކުންނަމުން ސައިފް ނައިޝާ އަށް ބުނެލި އެވެ.
ސައިފްގެ ހަރަކާތްތައް ހުރިގޮތުން ކަމެއް ކުރަން ލަސްވެގެން އުޅޭހެން ނައިޝާ އަށް އިހުސާސް ކުރެވުނެވެ. ނައިޝާއަށް އެއްޗެއް ބުނާނެ ވަގުތެއް ނުލިބުނެވެ.ސައިފް އެއަށްވުރެ ކުރިން ނިކުތެވެ.
ކޮޓަރިތެރެ ސާފުކޮށް ސައިފް ބުނި ރަތް ބެޑްޝީޓް އެނދުމަތީގައި ނައިޝާ އަޅާލިއެވެ.ފާހަނަ ސާފުކޮށް ނިންމާލުމަށްފަހު ފާހަނައިގަ އިންނަ ކުޑަ ޑަސްބިންގެ ކުނި ކޮތަޅު ބަދަލުކޮށްލަންވެގެން ނައިޝާ ޑަސްބިން ހުޅުވާލި ވަގުތު އޭގެތެރެއިން އެއްޗެއް ވިދާތީ ފެނުނެވެ.އަތަށް އަންގި ލައްވައިގެން ހުރި ނައިޝާ ކޮތަޅުތެރެއިން އޭތި ނެގިއެވެ. އެއީ ނައިޝާ ސައިފްގެ އިނގިލީގައި އަޅުވައިދިން އެންގޭޖްމަންޓް އަނގޮޓިއެވެ.
ފާހަނަ ޑަސްބިނުން އެއަނގޮޓި ފެނުމުން ނައިޝާ ދެރަވިއެވެ. އަނގޮޓި ދޮވެލާ ފޮހެލުމަށްފަހު ނައިޝާ ލައިގެން ހުރި ޓައިޓުގެ ޖީބުތެރެއަށް އަނގޮޓި ލިއެވެ. އަދި ޑަސްބިން ކޮތަޅު ނައިޝާ ބަދަލު ކޮށްލިއެވެ.
ކޮޓަރި އާއި ފާހާނައިގެ ޑަސްބިންތަކުގެ ކުނި ކޮތަޅުތައް އުކާލުމަށްފަހު، ސައިފް ގެނައި ދަބަސް ނައިޝާ ހުޅުވާލިއެވެ. އޭގައި ހުރީ ސައިފްގެ އަންނައުނުތަކެވެ. ނައިޝާ އާއެކު ނުނިދޭނެ ކަމަށްބުނެ ސައިފް އޭނާގެ ބައެއް އަންނައުނުތައް ހިފައިގެން ރައްޓެއްސެއްގެ ގެއަށް ނިދަންދާ ވާހަކަ ބުންޏެވެ.
ސައިފް އެއަންނައުނުތައް ގެނައުމުން ނައިޝާ ވަރަށް ހިތްހަމަ ޖެހުނެވެ.ސައިފް މިރެއިން ފެށިގެން ނައިޝާ އާއެކު ނިދާނޭކަމަށް އޭނައަށް އުންމީދުކުރެވުނެވެ.
އަންނައުނުތައް ދަބަހުން ނަގާ ފަތްޖަހާ އަލަމާރިއަށް އެޅުމަށް ފަހު، ދަބަސް ފަތްޖަހާލަން އުޅުމުގެ ތެރޭގައި ދަބަހުން އަނގޮޓިއެއް ވެއްޓުނެވެ.ނައިޝާ އެ އަނގޮޓި ނެގިއެވެ.އެއީ މާލެގައި ހުރިއިރު ސައިފްގެ ޖިންސު ޖީބުތެރެއިން ފެނުނު އަނގޮޓިކަން ނައިޝާ އަށް އެނގުނެވެ.އެދުވަހު އަނގޮޓީގައި ކަނޑާނަގައިފައިވާ ނަން ކިޔަން އުޅުނު ވަގުތު ސައިފް އަނގޮޓި ޖަހާގަތުމަށްފަހު އެއީ މަންމަދިން އަނގޮޓި އެއް ކަމަށް ބުނި ހަނދާން ނައިޝާ އާވިއެވެ.
ދަބަސް ފަތްޖަހާލައި އަލަމާރިތެރެއަށް ލުމަށްފަހު ނައިޝާ އަނގޮޓީގެ އެތެރެ ފަށަލައަށް ބަލައިލި އެވެ. އޭގައި ވަނީ އިނގިރޭސި އަކުރުން ސުހާ ޖަހާފައެވެ.އެނަމާ އިންވެގެން ހިތެއްވެސް ކަނޑާނަގައިފައިވެއެވެ.
“ސުހާ” މަޑުމަޑުން ނައިޝާއަށް ބުނެލެވުނެވެ.ސަނާ ގޮވައިގެން ބެޑްޝީޓް ގަންނަަން ދިޔަދުވަސް މަތިން ނައިޝާ ކުއްލިއަކަށް ހަނދާން ވިއެވެ.އެދުވަހު ސުހާ އޭ ކިޔައިފައި އެއްޗެއް ބުނަންވެގެން ސަނާ އުޅުނު ހަނދާން އާވިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.






Best story i have seen ever
I appreciate your work