ހަނީއްފާއްތަ މަގު ކިޔައިދިނުމުން ނައިޝާ އޭޓީއެމަށް ދާން ހިނގައިގަތެވެ. ބަނދަރުކައިރި ހުރި އޭޓީއެމަށް ވަދެ ރުފިޔާ ނެގުމަށްފަހު ގެއަށްދާން ހިނގައިގަތް ވަގުތު ނައިޝާއަށް ސައިފް ފެނުނެވެ. ރޭގައިވެސް ފެނުނު އަންހެންކުއްޖާއާ އެކު ސައިފް ބަނދަރު މަތީގައި އޮތް ގަސްބުޑެއްގެ ކައިރިއަށް ދާ މަންޒަރު ފެނި ނައިޝާ މަޑުކޮށްލިއެވެ.
ގަސްބުޑުމަތީގައި ދެމީހުން އިށީނދެ އަންހެން ކުއްޖާއަށް ސައިފް އަތުގައި އޮތް ކޮތަޅުން ދަޅެއް ނަގާ ދިއްކޮށްލިއެވެ.އެދެމީހުން އެކުގައި ފެނުނު މީ ދެވަނަ ފަހަރަށް ވުމުންނާއި އަންހެނަކު ގޮވައިގެން ސައިފް އުޅެން ފެށުމުން ނައިޝާގެ ހިތަށް ވަރަށް އަސަރުކުރިއެވެ.
އެމީހުންނާއި ދިމާލަށް ދާން އުޅެފައިވެސް ސައިފް ރޭގައި ބުނި ބަހުން ހިތާ ދެކޮޅަށް ވިޔަސް ނައިޝާ އެމީހުންނަށް ފަސްދީ ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ.
ގެއަށް ދިޔަ މަގުމަތީގައި ސައިފްގެ ފިރިހެން ދެ އެކުވެރިންނާ ދިމާވިއެވެ. “ދައްތާ ގެއަށްދާން އިނގޭތަ؟” އެތަނުން އެކަކު ހިނިއައިސްފައި ހުރެ ނައިޝާ އަށް ބުންޏެވެ. “ދައްތައެއް ނޫން ނައިޝާ ކިޔަނީ….އާނ އިނގޭ ގެއަށް ދާން” ހިތްހަމަނުޖެހިފައި ހުރެ ނައިޝާ އެމީހުންނަށް ރައްދު ދިނެވެ. އެވަގުތު އެދެމީހުން ހޭންފެށިއެވެ.އެމީހުނަށް ސަމާލުކަން ނުދީ ނައިޝާ ގެއަށް ދާން ހިނގައިގަތެވެ. އޭރުވެސް ނައިޝާގެ ބޮލުތެރޭގައި އެނބުރެނީ ސައިފާ އެ އަންހެންކުއްޖާ އެވެ.
މެންދުރަށް ކާމޭޒުމަތި ތައްޔާރުކޮށްލި ވަގުތު ސައިފް އައިސް މޭޒުދޮށުގައި އިށީނެވެ. ސައިފް ފެނުމުން ހެނދުނުވީ ކަންތައް ނައިޝާ ހަނދާން ވިއެވެ. “ކީއްވެ މާ ވައްތަރަކަށް ތި ބަލަނީ” ސައިފާ ދިމާއަށް ބަލަން ހުރެ ޚިޔާލަކަށް ގެއްލިފައި ހުރި ނައިޝާ އަށް ސައިފް އަހާލިއެވެ. “އެ….ކަމެއް ނުވޭ” ޖޫސްފުޅި ފުރިޖުން ނަގަމުން ނައިޝާ ބުންޏެވެ.
ރަށަށް ދިޔަފަހުން ސައިފް ނައިޝާ އާއި ވަރަށް ބޮޑަށް ދުރުވިއެވެ.ނައިޝާއަށް ވަގުތު ނުދޭތާ ސައިފްގެ ކަމަކީ އަބަދު ރައްޓެހިންނާއި އެކު ބޭރުގައި އުޅުމެވެ.ނައިޝާއަަށް ސައިފް ފެންނަނީ ހަމައެކަނި ކާވަގުތު ތަކުގައި އާއި ފެންވަރަން އަންނަ ވަގުތު ތަކުގައެވެ.ސައިފްގެ ރަށަށް ނައިޝާ އަންނަން އެއްބަސްވީ ސައިފް، އޭނާގެ މައިންބަފައިން ކައިރި ހުންނަ އިރު ނައިޝާ އައް އަޅާލާ ވަގުތުދީ ހަދާނެކަމަށް ހީކޮށެވެ.ނަމަވެސް ކަންތައްތައް ވަމުން ދަނީ ނައިޝާ އުންމީދުކުރި ގޮތަށް ނޫންކަމުގައި ވާތީ ނައިޝާ މާޔޫސްވާން ފެށިއެވެ.
“ކޮއްކޯ” ސަނާގެ ކޮޓަރީގައި ޓަކި ޖަހާލަމުން ނައިޝާ ގޮވާލި އެވެ.އިރުގަނޑަކަށްފަހު ސަނާ ކޮޓަރި ދޮރުހުޅުވާލިއެވެ. “ކިހިނެއްތަވީ؟” ހިތްހަމަނުޖެހިފައި ހުރެ ސަނާ އަހާލިއެވެ. “މާ ބިޒީ ވަގުތެއްތަ؟….ދައްތަ ވަދެލަންތަ؟” ނައިޝާ އެހެން އެހުމުން ސަނާ ނައިޝާ ވަންނަން ތަން ދެއްކި އެވެ.
ސަނާގެ ކޮޓަރިއަށްވަދެ އެނދުގައި ނައިޝާ އިށީނދެލިއެވެ. “މީ ކޮއްކޮއަށް ދައްތަ ގެނައި އެެއްޗެއް” ނައިޝާ ގަތް ސެންޓުފުޅި ސަނާއަށް ދިއްކޮށްލަމުން ބުންޏެވެ. މޫނު ހަދައިގެން ހުރި ސަނާ ސެންޓުފުޅި ފެނުމުން ހިނިތުންވެލިއެވެ. “ދައްތައާ އެކު ބޭރަށްދާން ހިނގާބަ ހަވީރު… ގޭތެރޭގަ އިންނަންވީމަ ވަރަށް ފޫހިވޭ” ނައިޝާ ސަނާ ގާތު ބުންޏެވެ. “ސަނާވެސް ވަރަށް ބިޒީކޮށް މިއުޅެނީ” ސަނާވެސް ނައިޝާ އާއި އެކު ބޭރަށްދާކަށް އެއްބަހެއް ނުވިއެވެ.
“ދޮންބެ ދިން އެއްޗެހިތައް ކަމުދިޔަތަ؟” ނައިޝާ ސަނާ ކައިރި އަހާލިއެވެ. “ކޮން އެއްޗިއްސެއް؟” ސަނާ ވާނުވާނޭނގި ހުރެ ނައިޝާއަށް އަހާލިއެވެ. “ނުދޭތަ؟ އެކަމް ދޮންބެ ކައިރި ދައްތަ އެހީމަ ބުނި ސަނާ އަށް ދީފީމޭ… މޭކަޕް ވާ ސާމާނާއި ގަހަނާވެސް ބޮޑު ޕާރުސަލެއް ހެދި… މަތިކޮޅުތަކަކާ ޖިންސު ތަކެއްގެ އިތުރުން ޝޯލުތަކެއްވެސް ގަތް….ބޭބޭ ނެގީ ކޮއްކޮގެ ސައިޒަށް ވުރެ ބޮޑުކޮށް ގިނަދުވަހު ލެވޭނެޔޭ ކިޔާފަ” ނައިޝާ ސަނާއަށް ބުންޏެވެ. “ހިހިހި އެހެންދޯ؟….އާނ ލިބުން” އަނގައޮޅެމުން ސަނާ ބުންޏެވެ.
ސަނާގެ ކޮޓަރިން ނައިޝާ ނުކުތްއިރު ސަނާގެ ޑުރެސިން ޓޭބަލް އަށް ނައިޝާ ބަލައިލި އެވެ.ސައިފް ގަތް އެއްވެސް އެެއްޗެއް ޑުރެސިން ޓޭބަލް މަތީގައި ނެތުމުންނާއި ސަނާ ވާހަަކަ ދެއްކި ގޮތުން އޭނާ ނައިޝާ އަށް ދޮގުހަދާ ކަމަަށް ޤަބޫލުކުރެވުނެވެ.ނަމަވެސް ނައިޝާގެ ހިތުގައި އުފެދުނު ސުވާލަކީ ސައިފް ސަނާއަށޭ ކިޔާފައި އެއްޗެހި ގަތީ ކާކަށްބާވައެވެ.
ދެހަފްތާ ފުރިގެން ދިޔައިރު ބަފައިބެ ފިޔަވައި ނައިޝާއަށް ވާހަކަ ދައްކާލާނެ މީހަކު ނުވެއެވެ.ބަފައިބެ ހުންނަ ވަގުތުތަކުގައި ނައިޝާ ކައިރި އެއްޗެހި ގަންނަން މައިދައިތަ ނުބުނި ނަމަވެސް ބަފައިބެ ނުހުންނަ ވަގުތު ތަކުގައި އެއްޗެހި ގަންނަން ނޫނީ ކަމަކު ކިޔަން ފިޔަވައި މައިދައިތަވެސް ނައިޝާއާ އަނގައިން ނުބުނެއެވެ. “ނައިޝާ ދޭބަ މެންދުރަށް ކައްކަން ކާނެއެއްޗެއް ގަނެލަން….ގެއަކު ނެތް ލައިގެން ކާނެ އެއްޗެއް” މައިދައިތަ އާދައިގެ މަތިން ނައިޝާ އަށް ބުންޏެވެ.
ނައިޝާ އައިފަހުން އެގެއަށް ކާނެ އެއްޗެއްސާއި ގެއަށް ބޭނުންވާ އެހެނިހެން ސާމާނު ވެސް ގަންނަނީ ނައިޝާ ކަމުން، ކޭޝްކޮށް ނެގި ފަނަރަ ސަތޭކަ ރުފިޔާ ޚަރަދުކޮށް ހުސްވިއެވެ.ރުފިޔާ ހުސްވެގެން ރުފިޔާއެއް ނަގަން ނައިޝާ އޭޓީއެމާ ދިމާއަށް މިސްރާބު ޖެހިއެވެ.
އޭޓީއެމުން ރުފިޔާ ނަގައިގެން ފިހާރައަކާ ދިމާއަށް ހިނގައި ގަތް ވަގުތު ސައިފްގެ އަންހެން އެކުވެރިޔާ އާއި ދިމާވިއެވެ.ފޯނާ ކުޅެމުން އޭނާ ދިޔައިރު ލައިގެން ހުރީ ނައިޝާ އާއި ސައިފް މާލެއިން ގަތް ދަނބު ރޮނގުޖެހި މަތިކޮޅާ އެއްވަތަރު މަތިކޮޅެކެވެ.ނައިޝާ ހުއްޓި ވަރަށް ރަނގަޅަށް އެމަތިކޮޅާއި ދިމާލަށް ބަލައިލި އެވެ.
އެއީ ހަމަ އެމަތިކޮޅެވެ.އެއްވައްތަރު އެއްޗެހިވެސް ހުރެދާނެ ކަމަށް ނައިޝާ ޤަބޫލުކުރެއެވެ.ނަމަވެސް ސަނާއަށް ނެގި އެއްޗެހިތައް ސަނާއަށް ސައިފް ނުދޭތީއާއެކު ނައިޝާ އަށް ޝައްކުވިއެވެ.ސަނާއަށޭ ކިޔައިފައި ސައިފް އެއްޗެހިތައް ނެގީ އޭނާގެ އަންހެން އެކުވެރިޔާއަށް ބާވައޭ ވެސް ގެއަށް ދިޔަ މަގުމަތީގައި ނައިޝާގެ ހިތަށް އެރިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





