“ސައިފް ބޭރަށްތަ އަނެއްކާވެސް ތިދަނީ” ބޭރުން އައިސް ފެންވަރައިގެން އަނެއްކާ ވެސް ބޭރަށްދާން އުޅެން ފެށުމުން ނައިޝާ ސައިފަށް އަހާލިއެވެ. “އާނ… ކިހިނެއްވީ؟” ރުޅިވެރިކަމާއި އެކު ސައިފް އެހިއެވެ. “އެކަމް ދެންމެއެއްނު ބޭރަށް ގޮއްސަ ތިއައީ…ނައީ ހީކުރީ ސައިފް ނައި ގޮވައިގެން ސައިފްގެ ރަށް ދައްކާލަން ސައިކަލުގަ ގެންދާނެކަމަށް” ނުކެރި ހުރެފައި ވެސް ނައިޝާ ބުނެލި އެވެ.
“ދެން އަބަދު ގޭގަ މިކޮޓަރިތެރޭގަ ތި ނައިޝާއާ އެކުތަ އޮންނަންވީ؟….ދުއްވާލަން ގެންދާށޭ ބުނާއިރު މީހާ ހުރިވަރެއް ނުފެނޭތަ؟….ސައިކަލު ވެސް ބިންދާގެން ކަންނޭނގެ ދާނީ” ނަފުރަތު ކަމާއެކު ސައިފް ބުންޏެވެ.
“ސައިފް ކީއްވެތަ ކުއްލި ކުއްލިއަށް ރުޅިއަންނަނީ…މާލޭގަ ހުރި މިތިންދުވަހު ވަރަށް ރީތިކޮށް ވާހަކަ ދައްކާފަ ކުއްލިއަކަށް ރަށަށް އައިއްސަ ރުޅިތިއައީ…ނައި މިއަދު ސައިފް ކައިރިއަށް ދާން އުޅުމުން ވެސް ނައިއާ ދުރަށްދާން އުޅޭހެން ހީވި” މޮޅިވެރިކަމާއެކު ނައިޝާ އޭނާގެ ހިތުގައި އުފެދުނު ސުވާލުތައް ސައިފާ ކޮށްލިއެވެ.
“އަހަރެން ލަދުގަންނަނީ…ހަނދާން ކޮށްދިނީމަ ބުނެލާނަން….މީހުން ތިބޭ ތަންތަނުގަ މަށާ ކައިރި ނުވާތި…މީ މާލެ އެއްނޫން…މިރަށު އެއްކޮޅުން އަނެއް ކޮޅަށް ދިރިއުޅެނީ ހުސް ދަންނަ މީހުން….ރަށު މީހެއް ފެނިއްޖެއްޔާ އެންމެނަށް ވެސް އެނގޭނެ އެއީ ކޮންގެއެއްގެ ކާކުކަން….އަހަރެން ލަދުގަންނަނީ މިހާރު އެނގިއްޖެއެއްނު” ސައިފް އެހެން ބުނުމުން ނައިޝާ ރޯންފެށިއެވެ.
“ކީއްވެ ދެން ނައި ގެނައީ ރަށަށް؟…ފަލަވީމަ ލަދުގަންނަންޏާ ކީއްވެ ނައި އާ މެރީ ކުރީ؟” ނައިޝާ ރޮމުން ސައިފަށް ސުވާލު ކޮށްލިއެވެ. “އަހަރެން އެއްވެސް ވަރަކަށް ބޭނުމެއްނޫން ނައިޝާ ގެންނާކަށް…ނައިޝާ އަންނަން އެއްބަސްވީމަ ގެނައީ…ރަށްޓެހިން ކިހާ މަލާމާތެއް ކުރާކަން އިނގޭތަ؟…އެމީހުން ބުނަނީ ނައިޝާ ހީވަނީ އެމީހުން މަންމަމެން އުމުރުގެ މީހެއްހެނޯ….އަހަންނަކީ ފަލަމީހުންދެކެ ހެސްކިޔާފަ ރުޅި އަންނަ މީހެއް…. ކުއްލިއަކަށް ބެރެއް ގޮވައިގެން އައީމަ އެމީހުން ވަރަށް މަލާމާތް ކުރި… ނައިޝާއާ ކައިވެނި ކުރި ސަބަބުވެސް،ނައިޝާ މަށަށް ކުރި ސުވާލުތަކުގެ ޖަވާބުވެސް ވަރަށް އަވަހަށް އެނގިދާނެ….އަދި ބުނަން އަހަރެން މިދަނީ ބޭރަށް މިރޭ ނާންނާާނަން ނިދާކަށް…އަހަރެން މިރޭ ނިދާނީ ރައްޓެއްސެއް ކައިރީގަ… ބައްޕަ އެހިއަސް ނުބުނާތީ މަ މިތާ ނުނިދަޔޭ….އަހަންނަށް ވަރަށް އުދަނގޫ ނައިޝާއާ އެކު އެއްތަނެއްގަ ނިދަން…މާލެ ހުރިއިރު ވެސް ނުނިދަމެއްނު ފަހުން ނައިޝާ ކައިރިއަކު” ކޮޓަރިން ނިކުންނަމުން ސައިފް ބުންޏެވެ.
ނައިޝާ ހުރީ ބަސްހުސްވެ ހުރިތަނަަށް ހުއްޓުން އަރާފައެވެ.ހިނދުކޮޅަކަށް އޭނާގެ ލޮލުން ކަރުނަވެސް ހުއްޓުނެވެ.ސައިފް ނިކުންނަމުން ބުނި އެއްޗިހި ނައިޝާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ.
ނައިޝާއަށް އެއްލިކަޅިއަކުން ޑުރެސިން ޓޭބަލް މަތީގައި އޮތް ސައިފްގެ އެންގޭޖުމަންޓު އަނގޮޓި ފެނުނެވެ.އެއަނގޮޓި ނައިޝާ ނެގުމަށް ފަހު މޭގައި ޖައްސާލިއެވެ. އަދި ނައިޝާ އަތުގައި އަޅާފައިވާ ބޮޑު ހުދު އެސް ޖެހި އަނގޮޓީގައި ފިރުމާލިއެވެ.
އެވަގުތު ބޭރުން ބަޔަކު ވާހަކަ ދައްކާ އަޑަށް ނައިޝާ ކޮޓަރި ކުޑަދޮރު ކައިރިއަށް މަޑުކޮށްލުމަށްފަހު ދޮރުފޮތިގަނޑު ކަހާލައި، ބޭރު ބަލައިލި އެވެ. އެވަގުތު ސައިފާއި މިއަދު ނައިޝާއަަށް މަލާމާތް ކުރި ހިމަތޮޅި އަންހެންކުއްޖާއާ ދެމީހުން އެކުގައި ވާހަކަ ދައްކަމުން ދާތަން ނައިޝާއަށް ފެނުނެވެ.އެ އަންހެން ކުއްޖާއަކީ ސައިފްގެ އެކުވެރިއެއް ނަމަވެސް ދެމީހުން އެކުގައި ފެނުމުން ނައިޝާގެ ހިތް ނުތަނަވަސް ވެ މާޔޫސްވިއެވެ.
ފަތިހު ހާލުގެ އަޑަށް ސިއްސައިގެން ގޮސް ނައިޝާ ތެދުވިއެވެ.ފާހަނައަަށް ވަދެ ފެންވަރައިގެން ނިކުމެ ނައިޝާ ރީތިވެލިއެވެ.ކޮޓަރިން ނިކުމެ ގޯތިތެރެއަށް ނައިޝާ ނުކުތްއިރު އޭނާގެ މައިދައިތަ އިލޮށިފަތި ހިފައިގެން ކުނި ކަހަން ގުދުވެގެން އޮތެވެ. “ދީ ނައިޝާ އަތަށް ކުނި ކަހާލަން” ނައިޝާ އޭނާގެ މައިދައިތައަށް ބުނެލި އެވެ.
ނައިޝާ އަށް މައިދައިތަ ކުނިކަހާ ގޮތް ކިޔައިދީ އިލޮށިފަތި ދިނުމަށް ފަހު ބަދިގެއާ ދިމާއަށް މިސްރާބު ޖެހިއެވެ.ނައިޝާ މުޅި ގޯތިތެރެ ކުނިކަހާ ފޮޅާލިއެވެ.ކުނިކަހާ ނިމުމަށް ފަހު ނައިޝާ ބަދިގެ ތެރެއަށް ވަދެ މައިދައިތައަށް އެހީވެދިނެވެ.
މޭޒުމައްޗަށް ކާންހެދުމަށްފަހު ނައިޝާ ކާތަށިތައް ދޮވެލަން ޒިންކު ކައިރި ހުއްޓާ ސައިފް ގެއަށް އައެވެ. “ހާދަ ވަސްގަނޑު ރަނގަޅޭ!”ސައިފް ބުންޏެވެ. “ކާން މިހެދުނީ އާދޭ ދަރިފުޅާ ސައިބޯން” މައިދައިތަ ސައިފަށް ބުންޏެވެ.
ސައިފް މޭޒުދޮށުގައި އިށީނުމުން ސަނާ އާއި ބަފާބެވެސް އައިސް މޭޒުދޮށުގައި އިށީނެވެ. “ކަނބުލޮއަށް ނިދުނުތަ ރަނގަޅަށް؟” ބަފައިބެ ނައިޝާ ގާތުު އޯގާތެރި ކަމާއެކު އަހާލިއެވެ. “އާނ ނިދުން” ހިނިތުންވެލަމުން ނައިޝާ ޖަވާބުގައި ބުންޏެވެ. “ސައިފް ދަރިފުޅާ އެމަންޖެ ގޮވާގެން ރަށުތެރެ ދައްކާލަން ދައްޗޭ…..ބައްޕަމެނަށް ވުރެ ދަރިފުޅު ސައިކަލުގަ އުޅޭ ކުއްޖަކަށް މާ ފަސޭހަވާނެނު” ބަފައިބެ ސައިފަށް ބުންޏެވެ.
“މިދުވަސްކޮޅު ވަރަށް ބުރަކޮށް މިއުޅެނީ އިދުރީސްބެ ގޭގެ ފާހަނަ މަރާމާތު ކުރާތީވެ….މަންމަ ނައިޝާ ގޮވައިގެން ދޭ ރަށުތެރެ ދައްކަން” ފޫހި ރާގަކަށް ސައިފް ބުންޏެވެ.
“މަރިޔަނބު ގޮސްލައްޗެ އެމަންޖެ ގޮވައިގެން ރަށުތެރެ ދައްކާލަން” ނައިޝާގެ ބަފައިބެ މައިދައިތައަށް ބުނެލި އެވެ. “އަހަރެންވެސް ވަރަށް ބުރަކޮށް މިއުޅެނީ…ދެން ނައިޝާ ވެސް އެހެން ހުންނަ އިރު ރަށުތެރެ ފެންނާނެނު” ނައިޝާ ބޭރަށް ގެންދަން ބޭނުންނުވާ ގޮތަކަށް މައިދައިތަ ބުނެލި އެވެ. “ރަނގަޅުވާނެ..ރަށުތެރެ ފެންނާނެނު ހަމަ”ނައިޝާ މައިދައިތަ އާ އެއްބައި ވެލުމަށް ބުނެލި އެވެ.
އެންމެން ސައިބޮއެ ނިމުމުން ނައިޝާ ތަށިތައް ދޮވެ މޭޒުމަތިވެސް ސާފުކޮށްލިއެވެ.މެންދުރަށް ކައްކަން ނައިޝާ ގޭދޮށުގައި ހުރި ފިހާރައަކަށް ދާން ނިކުތެވެ. “ނައިޝާ ދޯ ކިޔަނީ؟”ފިހާރައިގެ ސޭޓަކަށް އިން މުސްކުޅި ފުރާގެ ދައްތަ ނައިޝާއަށް އަހާލިއެވެ. “އާނ…ސައިފްގެ އަންހެނުން” ނައިޝާ ބުންޏެވެ.
“އެހެންދޯ…ސައިފްމެން ރަނގަޅުތަ؟” ނެގި އެއްޗިއްސަށް ރުފިޔާ ދައްކަން ކައުންޓަރު ކައިރިއަށް ދިއުމުން ދައްތަ އެހިއެވެ. “އާނ ރަނގަޅު..ދައްތައަށް ކިޔަނީ ކޮންނަމެއް؟” ނައިޝާ އަހާލިއެވެ. “ދައްތައަށް ކިޔަނީ ހަނީފާ” ހަނީފާއްތަ ބުންޏެވެ. މިރަށުގަ އޭޓީއެމް އެއް އިނދޭތަ؟” ކާޑުން ރުފިޔާ ނުކެނޑޭނެ ވާހަކަ ހަނީފާއްތަ ބުނުމުން ނައިޝާ ބުންޏެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.






Wow.one of my favourite story.vvv reethi ☺️
I really like this story <3