ތި ސޫރަ ނޫން 8
* ޝަފްވާން ހުރަސްކޮށް ގޭ މަގަށް އެޅިއިރު މިއަލްގެ ހިތް ބާރުބާރަށް ތެޅެނީއެވެ. ޝަފްވާންއަށްވެސް އެ އަޑު ނީވޭ ކަމެއް ނޭނގެއެވެ. މިއަލް ގޯޅިން ލަނބާލަންދެން ޝަފްވާން ހުރީ ބަލަހައްޓައިގެންނެވެ. މިއަލް ދިޔުމުން ކުޑަ ހީލުމަކުން ޝަފްވާން ހިނިތުންވެލިއެވެ. އަދި ޝަފްވާން މިއަލް އިށީނދެލައިގެން އިން ތަނުގައި އިށީނދެލިއެވެ. މިއަލް ދިޔައީ އެތަނުގައި އޭނާގެ ގިޓާރ ބާއްވާފައިކަން ޝަފްވާނަށް ޔަގީންވީ އެ ގަސްގަނޑު މަތީގައި ލައްގާލާފައި ހުރި ގިޓާރ ފެނިފައެވެ. *
“ނޫން.. މަގޭ ގިޓާރ..” އަތުގައި ގިޓާރ ނެތްކަން މިއަލްއަށް ފާހަގަވީ ގެއާއި އަރާ ހަމަވިފަހުންނެވެ. ނަމަވެސް ޝަފްވާން ހުއްޓާ އަނބުރާ އެތަނަށް ދާކަށް މިއަލްއަކަށް ނުކެރުނެވެ. އޭރު ފުދޭވަރަކަށް އަނދިރިވެސް ވެއްޖެއެވެ. މިއަލްއަކީ ރޭގަނޑުގެ ވަގުތުގައި އާންމުކޮށް ބޭރަށް ނުކުމެ އުޅޭ ކުއްޖަކަށް ނުވާތީ އަލުން އެތަނަށް ދާން އުޒުރުވެރިވިއެވެ. “ދެން ހަދާނީވެސް ކިހިނެތްތަ..؟؟” ގެއަށް ވަދެފައި މިއަލް ހާސްވެގެން އަނެއްކާވެސް ނިޔަފަތި ތަކާއި ކުޅެން ފެށިއެވެ.
މިއަލް އަކީ ދުވަހަކުވެސް ގިޓާރ ތަނެއްގައި ބާއްވާފައި ގެއަށް އައި ކުއްޖެއް ނޫނެވެ. ނަމަވެސް މިއަދު ޝަފްވާން ފެނިފައި ގިޓާރގެ މަތިން ވެސް މިއަލް ހަނދާން ނެތުނީއެވެ. އެއީވެސް ވަރެއްގެ ފިރިހެނެއްތާއެވެ. ސިކުނޑި ހިސޯރު ކޮށްލާފައި ލޯބިވާ ގިޓާރގެ މަތިންވެސް ހަނދާން ނައްތުވާލީއެވެ. މިއަލްއަށް ހިތާ ހިތުން ކުދި ކިޔުނީ ޝަފްވާންއާއި ދިމާލަށެވެ. މަޣްރިބް ނަމާދު ކޮށްލައިގެން ގެއަށް ވަތް ޔައުލާންގެ ލޮލުގައި ދެކޮޅަށް ހިނގަމުން ދިޔަ މިއަލް އަޅައިގަތެވެ.
މިއަލްއަށް އެވެގެން އުޅެނީ ކިހިނެތްކަން ބަލާލަން މިއަލްގެ ގާތަށް ޔައުލާން ފިޔަވަޅެއް އަޅާލިއެވެ. އަނެއް ފަރާތަށް ހިނގައިގަންނަންވެގެން އެނބުރުނު މިއަލް ގޮސް ޖެހުނީ ޔައުލާން ގެ މޭމަތީގައެވެ. މިއަލް އާއި އެއްވަރަށް ޔައުލާންވެސް ސިހުނެވެ. މިއަލް މަޑުމަޑުން ޔައުލާންއާއި ދުރުވެލަން އުޅުނެވެ. ނަމަވެސް އެކަމަށް ހުރަސް އެޅީ މިއަލްގެ އުނަގަނޑުގައި އަތް އަޅުވާލާފައި ގަޔާ ކައިރިކޮށްލި ޔައުލާން ގެ އަތެވެ. ޔައުލާންއަށް މިއަލްގެ އުނަގަނޑުގައި ހިފާފައި ކުރިއަށްވުރެ ވެސް ބޮޑަށް ގަޔާއި ކައިރި ކޮށްލެވުނީއެވެ. އެ ވަގުތު ޔައުލާންގެ ގެ ލޮލަށް އެއީ މިއަލްއެއް ނޫނެވެ. ޔައުލާން ގެ ލޯމައްޗަށް ފެންނަމުން ދިޔައީ މިލީންއެވެ.
އެރީތި ދެލޮލާއި ހިނިތުންވުމެވެ. މިއަލްގެ ހިތުގެ ހިނގުން އަވަސް ވާންފެށިއެވެ. “ޔުއެލް….” މިއަލް އެހެން ބުނެލުމުން ޔައުލާންއަށް ހަމަ ހީވީ މިލީން އޭނައަށް ގޮވާލިހެންނެވެ. “ޔައުލާން.. އަހަރެން ދޫކޮށްލާ..” ޔައުލާން އަކީ މެހެމާނަކަށް ވުމުން މިއަލް ބެލީ ވީހާވެސް އިހުތިރާމާއެކީގައި ޔައުލާންއާއި ދުރުވެވޭތޯއެވެ. މިއަލް ކުޑަކޮށް ފެންކަޅިވިއެވެ. އެމަންޒަރު ފެނި ކަޅިޖަހާނުލާ ބަލަން ހުރި ޔައުލާންއަށް އަވަހަށް މިއަލްގެ ގައިން ދޫކޮށްލެވިއްޖެއެވެ. ޔައުލާން ދޫކުރުމާއެކީ މިއަލް މިނިވަންވެ ހަލުވި ފިޔަވަޅުތަކެއްގައި ކޮޓަރިއަށް ވަނެވެ. ގިޓާރ އާއި ޝަފްވާން އާއި ދޭތެރޭ ވިސްނަން ހުއްޓާ ޔައުލާން މި ކުރި ކަމަކުން މިއަލްގެ ސިކުނޑި ސުމަކަށް ދާވަރުވިއެވެ. ދިޔަގޮތަށް އެނދުމައްޗަށް ވެއްޓިގަނެފައި މިއަލްއަށް ދެލޯ މަރާލެވުނެވެ.
“ޝިޓް..!” ޔައުލާންއަށް ބޮލުގައި ދެއަތް އެޅުނެވެ. މިހާރު މިއަލް އޭނައާއި ދޭތެރޭ ދެކޭނީ ކިހިނެތް ކަމެއްވެސް ނޭނގެއެވެ. އޮޅުމަކުންނޭ ބުނެގެން މިއަލް ގަބޫލު ކުރާނެހެންނެއް ހިޔެއް ނުވެއެވެ. މިއަލް ގެ މަގާމުގައި އެހެން އަންހެން ކުއްޖެއް ހުރިނަމަވެސް އެކަން ގަބޫލެއް ނުކުރާނެއެވެ. އެހެން ބުނެގެން މިއަލް ގަބޫލު ކުރަން އިންކާރު ކޮށްފިނަމަ މިލީންގެ ވާހަކަ ކިޔައިދޭނީއޭ ޔައުލާންގެ ހިތަށް އެރިއެވެ. މައާފަށް އެދެން ރަނގަޅު ގޮތެއް ރާވާލާފައި ޔައުލާންވެސް ވަނީ ކޮޓަރިއަށެވެ.
“ލީން.. ދަރިފުޅާ.. ތިހެން ނުކައި އޮންނާކަށް ނުވާނެ..” މިޝްލާ ދޮރުގައި ޓަކި ޖަހާލަމުން ބުނެލިއެވެ. މިލީން ނުކައި ނުބޮއި ކޮޓަރީގައި ގައިން ސާފްތާހިރު ނުވެ އޮތް ސަބަބު މިޝްލާއަށް ސާފުވީ ލައިރާގެ ކިބައިންނެވެ. އެކަމާއި މެދުގައި މިޝްލާވެސް ވަނީ ދެރަވެފައެވެ. އަމިއްލަ ދަރިފުޅު ދެރަވެފައި އޮންނަ ތަން ބެލުމަކީ އެއްވެސް މަޔަކަށް ކުޅަދާނަ ކަމެއް ނޫނެވެ. “ނޫން.. މަންމާ.. ޕްލީޒް އިހަކަށް މިތަނުން ދޭ..” މިލީން ކުރަކި އަޑަކުން ބުނެލިއެވެ. މިޝްލާއަށް ކެތް ނުކުރެވިގެން ވަދެ އެނދުމަތީގައި ރޯން އޮތް މިލީންގެ ގާތުގައި އިށީނދެލިއެވެ. ރޮއިރޮއި މިލީންގެ ދެލޯ ވަނީ ރަތްވެފައެވެ. ޖަވާހިރެއް ފަދައިން ގެންގުޅުނު ދަރިފުޅު ހުރިގޮތުން މިޝްލާ ގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. ކުރިން ދުވަހަކު މިވަރަށް ރޮއިފައި ނުވާ މިލީން ފެނުމުން މިޝްލާގެ ހިތް ވަނީ ކުދިކުދިވެފައެވެ. “މަންމާ….” މިލީން ގިސްލަމުން މިޝްލާގެ އުނގުމަތީގައި ބޯ އަޅާލިއެވެ. މިޝްލާވެސް މިލީންގެ ގައިގައި އަތް ވަށާލިއެވެ. ކޮންމެ ގޮތެއް ވިޔަސް މިޝްލާ އެހުރީ މިލީން އާއި އެކީގައިކަން ޔަގީން ކޮށްދޭންވެގެންނެވެ.
“މޯމް.. ޑަޒް އިޓް ހާރޓް ދެޓް މަޗް..؟؟؟” މިލީންއަށް އޮޅުމަކުން ނަމަވެސް އަޅައަޅައިގަންނަމުން އަހާލި ސުވާލުން މިޝްލާގެ ހިތަށް ރުވާފައި ދޫކޮށްލި ތީރެއް ހެރުނު ފަދައެވެ. މިޝްލާއަށް މޭމަތީގައި އަތް އަޅާލެވުނީ ހިތަށް ވީ ތަދުންނެވެ. “ނަވާލް….” މިޝްލާގެ ދުލުން ވައި އަޑެއްގެ ސިފައިގައި ބޭރުވީ ނަވާލްގެ ނަމެވެ.
“ވާވް..!” ޝަފްވާންއަށް ބުނެވުނެވެ. މިއަލް އަނެއްކާ އެތަނުގައި ގިޓާރ ބާއްވާފައި ދިޔައީ ކީއްވެގެން ބާވައެވެ.؟ ”މި ހަމަ ހީވަނީ މަގޭ ގިޓާރ ހެން..” ޝަފްވާން ރަނގަޅަށް މިއަލްގެ ގިޓާރ ދިރާސާ ކޮށްލިއެވެ. ޝައްކެއްވެސް ނެތެވެ. އެ ގިޓަރ ހަމަ ހީވަނީ ޝަފްވާންގެ ގިޓަރ ހެންނެވެ. ނަމަވެސް ޝަފްވާންއަށް ގިޓަރގެ އަރިމަތީގައި ރީތި އަކުރު ތަކަކުން ލިޔެލާފައިވާ މިޝްލާގެ ނަން ފެނުނެވެ. “އެ އަންހެން ކުއްޖާއަށް ކިޔަނީ މިޝްލާތަ..؟؟” ޝަފްވާންއަށް އެހުނެވެ. “އުހުން ޔަގީން ކޮށެއް ނޭނގެއެއްނު.. މާ އަވަހަށް ކަންކަން ނޭނގެނީސް ގޮތް ނިންމުމަކީ މޮޔައިންގެ އާދައެއް…” ޝަފްވާން އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. “ވެއިޓް.. ލީންގެ މަންމައަށްވެސް ކިޔަނީ މިޝްލާއެއް ނޫންތަ..؟” ޝަފްވާންގެ ބޮލަށް އެކަން ވަނެވެ.
ޝަފްވާން މަޑުމަޑުން ގިޓާރއާއި ކުޅެން ފެށިއެވެ. މަޑު ރާގެއް އަޅުވާލައިގެން ޝަފްވާން އިން އިރު ވަގުތު ދިޔަގޮތްވެސް ނޭނގޭ ފަދައެވެ. “ކަލޭ ކޮންތާކު..؟ ގެއަށް އާދެބަލަ.. މާދަމާ އަށެއް ޖަހާއިރު ލޯންޗް ފުރާނެ.. ޕެކްކުރަން..” އަހުނަފް ފޮނުވި މެސެޖްގައި އޮތެވެ. “ކަލޭ ތީ އަންހެނެއްތަ މާ އަވަސް އަރުވާލައިގެން ޕެކް ނުކުރެވިގެން ތި އުޅެނީ..؟” ޝަފްވާން ރިޕްލައި ދީފައި ގެއަށް ދާން ހިނގައިގަތީ މިއަލްގެ ގިޓާރވެސް ހިފައިގެންނެވެ. އެ ގިޓަރ އެތަނުގައި ބާއްވަން ހިތް ނޭދުނީމައެވެ. މި ގިޓާރ އަކީ ޝަފްވާން އާއި މިއަލް ދެން ބައްދަލުވާނެ އިރެއްގެ ފާލަމަށް ވެދާނެތީއެވެ.
“މިއަލް..” ރީއަލް ދޮރުގައި ޓަކި ޖަހާލީ މިއަލް އެތެރޭގައި ހުރިތޯ ބަލާލަން ވެގެންނެވެ. ”ހްމްމްމް…” މިއަލް ގޮވާލި އަޑު އިވުނެވެ. ރީއަލް އެތެރެއަށް ވަނެވެ. “މިއަލް އަމް ކުޑަ ވާހަކައެއް ދައްކާލަން…” ރީއަލް އެހެން ބުނެލުމުން މިއަލް ހީނލިއެވެ. ޔަގީނުންވެސް އެ ބުނަން އެއުޅެނީ ރީއަލް އާއި ކިއަނާގެ ވާހަކައެވެ. “ކޮންގްރާ ދޮންބޭ.. ތިވާހަކަ އަޑު އަހައިފިން..” އަސަރެއް ނެތް ހިނިތުންވުމަކުން ތުންފަތް ފޭކޮށްލަމުން މިއަލް ބުނެލިއެވެ.
“ކިއާން ބުނީދޯ.. އެވެސް ވަރެއްގެ އަނގަޔެއް ދެއްވާފައިވާ ކުއްޖެއް..” ރީއަލް ހީނގަތެވެ. “ކާން ހަދާދީ…” ރީއަލް ބޯ ކަހާލާފައި އެދުނެވެ. މިއަލް ކޮޓަރިން ބޭރަށް ނުކުތީ ޖެހިލުންވެ ހުރެއެވެ. ކާމޭޒު ދޮށުގައި އިށީނދެގެން އިން ޔައުލާން ފެނިފައި މިއަލްއަށް ކާގެއަށް ވަންނާކަށް ނުކެރުނެވެ.
“އަނހަ.. ޔުއެލް އާއި ދޮންބެ މަޑުކޮށްގެން އިންނައިރު ދަރިފުޅު ނުވާނެއްނު ކާން ނުހަދާ ހުންނާކަށް..” ގޭތެރެއަށް ވަތް ނަވާލްގެ އަޑު އިވުމުން މިއަލް ކުޑަކޮށް ހަމައަކަށް އެޅުނެވެ. ޔައުލާން ފެނުނަސް މިހާރު މިއަލް ސިހެއެވެ. ޔައުލާން މިއަލްގެ މޫނަށް ބަލާލިގޮތުން ހުރީ ވާހަކަ ދައްކަން ބޭނުންވެފައިކަން މިއަލްއަށް އެނގުނެވެ. މިއަލް އެކަމަށް ފަރުވާލެއް ނުބަހައްޓާ ބަދިގެއަށް ވަންނަން ހިނގައިގަތުމުން ޔައުލާންއަށް ޖެހުނީ ކަރު އެލުވާލާފައި އިންނާށެވެ. މިއަލް ކާންހަދާފައި ބޭރަށް ނުކުތެވެ. އަދި ފޯނުނަގާ ކިއަނާއަށް ގުޅިއެވެ. “އެލް…؟ ހާދަ ނުވަގުތެއް ގައި..؟” ކިއަނާ ފޯނުނެގީ ހީކުރިވަރަށްވުރެ އަވަހަށެވެ. “ޑޫ މީ އަ ފޭވާރ..” މިއަލްގެ އަޑު ހުރިގޮތުން ކިއަނާއަށް ބޮޑުކަމެއް ވެއްޖެކަން ރޭކާލިއެވެ. “ހްމްމް ކީއްތަ ކޮށްދޭންވީ..؟” ކިއަނާ ހުރީ މިއަލް އެދޭ ކޮންމެ ކަމެއްވެސް ކޮށްދޭން އަތުކުރި އޮޅާލައިގެންނެވެ. “އަތިރިމައްޗަށް ގޮސް އެލްގެ ގިޓާރ ނަގާބަލަ.. ހަނދާން ނެތިގެން އެ ބާއްވާފައި ގެއަށް އާދެވުނީ…” މިއަލް އެހެން ބުނެލިތަނާ ކިއަނާ ބާރުބާރަށް ވަޓްއޭ ކިޔާ ހަޅޭއްލަވައިގަތެވެ. ކުރިންވެސް ކިއަނާ އެހެން ހަޅޭއްލަވައިގަންނާނެކަމަށް ތައްޔާރު ވެގެން ހުރި މިއަލް ދެން ބުނާނެ އެއްޗަކާއި ދޭތެރޭ ވިސްނާލިއެވެ. “އެލް ތީ ދުވަހަކުވެސް ގިޓާރ ތަނެއްގައި ބާއްވާފައި ގެއަށް އައި މީހެއްނޫން.. ދެން މިއަދު ކިހިނެތްވީ..؟؟” ކިއަނާ ހުރީ ސުވާލު ކުރަން ބޭނުންވެފައެވެ. “ޕްލީޒް..” މިއަލް ބުނެލިއެވެ. “އޯކޭ.. މަންމައާއި އެކީގައި ތުއްތައްތަމެންގެ ގެއަށް ދާއިރުން ގިޓާރ ހިފައިގެން އަންނާނަން.. މާދަން އަހަރެން އެލް ގިޓާރ ދޭނަން.. އޯކޭ..؟” ކިއަނާ އަހާލިއެވެ. “ތެންކިއު އާނާ.. ބެސްޓީ..” މިއަލް ފޯނު ބާއްވާފައި އެނދުމަތީގައި އިށީނެވެ.
“އެއީ ކާކުބާ..؟؟” މިއަލްއަށް އަހާލެވުނެވެ. އަނެއްކާވެސް އެ ފިރިހެން ކުއްޖާގެ މަތިން ހަނދާން ވުމުންނެވެ. “އެކުއްޖާ މިރޭވެސް އަންނާނެތަ..؟” މިއަލްއަށް ގަޑި ބަލާލެވުނެވެ. ނުވަ ގަޑި ބައިވާން ބާކީ އެންމެ ހަތަރު މިނެޓެވެ. މިއަލްއަށް މެންދަމަށް ވަގުތު ގުނެންފެށީ އިޚްތިޔާރަކާއި ނުލައެވެ.
“އޭބަލަ ޝަފްވާނޫ.. ޝަފްވާނޫ.. ހީނލަބަލާ…!” އަހުނަފް ހޭންފެށިއެވެ. ޝަފްވާން މޫނު ހަދާލިއެވެ. “ނޫނޭވާ.. މޫޑީވެފައި ހުންނަވަރުން ހީވަނީ އެހެންފަދަ ކަމެއްހެން.. މިލީ އާއި ބްރޭކްއަޕް ވެފައި މިހާރު އެކަމާ ރިގްރެޓް ކުރަނީތަ..؟” އަހުނަފް އެއްސެވެ. “ނޫނޭ.. މިއަދު ފެނުނު އަންހެންކުއްޖާ އާއި ދޭތެރޭގައި…” ޝަފްވާން ބުނެލިއެވެ. މެސެންޖަރ އިން ތަނާ އާއި މާފޮޅުވަން އިނދެފައި އަހުނަދް އެދިމާލަށް ބަލާލިއެވެ. “ކައެ ގިޓާރވެސް ހިފައިގެންތަ މިކޮޅަށް އައީ..؟ މަ ނުދަނެހުރިން..” އަހުނަފް އަހާލިއެވެ. އެނދު މަތީގައި ގިޓަރ ފެނިފައެވެ.
“އުހުން.. މީ މަގޭ ގިޓާރއެއް ނޫން.. ވަރަށް ވައްތަރުދޯ މަގޭ ގިޓާރ އާ..؟ މިއީ އަތިރިމަތީގައި އިން މިލީ ވައްތަރު ޖަހާ ކުއްޖާގެ ގިޓާރ…” ޝަފްވާން ބާލީސް މަތީގައި އޮތް ގިޓާރ ނަގާ ދައްކާލިއެވެ. “ބަލާލަ ގެލެކްސީ ގިޓާރއަކަށްވިޔަސް މީގައި އެބަހުރި ކޮންމެވެސް ނަމެއް ޖަހާފައި..” ޝަފްވާން ދައްކާލިއެވެ. އަހުނަފް ބޯއަރިކޮށްލާފައި ގިޓާރއާއި ދިމާލަށް ބަލާލިއެވެ. މިޝްލާގެ ނަން ޖަހާފައި އޮތް ތަން އަހުނަފަށްވެސް ފެނުނެވެ. “ކަލޭގެ ގިޓާރ އިންނާނީ މުޅިން ޕްލެއިންކޮށްދޯ..؟” އަހުނަފަށްވެސް އެއީ ޝަފްވާންގެ ގިޓާރ ނޫންކަން ޔަގީންވިއެވެ.
”މަ މިރޭ ބޭރަށް ދާންޖެހޭނެ.. ކަލޭ ނިދާލާ..” ޝަފްވާން ގަޑި ބަލާލަމުން ބުނެލިއެވެ. ”މިރަށުގައިވެސް އަނެއް ރަށުގައި ޝޯވް ބާއްވާހެން ޝޯވްގަނޑެއް ބާއްވަނީތަ..؟” އަހުނަފް އެއްސެވެ. “ނޫނޭ.. ކަލޭ ދެން ނިދާބަލަ..!! ނޫނީ ތަނާ އާއި މާ ފޮޅުވަން ޖައްސާލަބަލަ..!!” ޝަފްވާން އަހުނަފްގެ ގައިގައި ބާލީހުން ބޮނޑިއެއް އަޅާފައި އިސްތަށިގަނޑު ރީތި ކޮށްލައިގެން ނުކުތެވެ. މިރޭވެސް މިއަލް ފެންނާނެކަމުގެ އުންމީދު އޮތުމުންނެވެ.
“މިއަލް..” މިއަލް އެއްޗެހިތައް ހޫނުކޮށްފައި ބޭރަށް ނުކުންނާނެ ދަނޑިވަޅަކަށް ބަލަބަލާއިން ޔައުލާން މިއަލް ނުކުތްތަނާހެން ގޮވާލިއެވެ. “ޔުއެލް… އަހަރެން..” މިއަލް ޔައުލާންއަށް ފަރުވާލެއް ނުބަހައްޓާ ހިނގައިގަންނަން އުޅުމުން ޔައުލާން މިއަލްގެ އަތުގައި ބާރަށް ހިފިއެވެ. “ޕްލީޒް.. އަހަރެން މި ދައްކާ ވާހަކަ އެންމެ ފަހަރަކު ނަމަވެސް އަހާބަލަ..” ޔައުލާން އެހެން ބުނެލުމުން މިއަލް ޔައުލާންގެ އަތް މިއަލްގެ އަތުން ނައްޓުވާލިއެވެ. “ވަން މިނެޓް…” މިއަލް މަޑުމަޑުން ބުނެލިއެވެ. އޭރުވެސް މިއަލް ޔައުލާންއާއި ހަތަރުކަޅި ހަމަކުރާކަށް ނޫޅުނެވެ. “އެގަޑީގައި އަހަރެންނަށް އެހެން ހެދުނީ އޮޅުމަކުން.. އައިމް ސޮރީ.. ފޮގިވް މީ” ޔައުލާން މާފަށް އެދެމުން މިއަލްގެ މޫނަށް ބަލާލިއެވެ. “އިޓްސް އޯކޭ..” މިއަލް ވާހަކަ ދިގު ކުރާކަށް ނޫޅުނެވެ. “މަޑު ކޮށްބަލަ..” ޔައުލާން މިއަލްގެ އަތަށް ގަނޑުކޮޅެއް ލައިދިނެވެ. އަދި މިއަލް ކުރާކަމެއް ކުރަން ދޫކޮށްލާފައި ޔައުލާން ކޮޓަރިއަށް ވަނެވެ.
މިއަލް ޔައުލާން ދިން ގަނޑު ކޮޅަށް ބަލާލިއެވެ. އެއީ ފޯނު ނަންބަރެކެވެ. އެއީ ޔައުލާންގެ ނަންބަރުކަން މިއަލްއަށް އެނގިގެން އަވަހަށް ފޯނަށް އެ ނަންބަރު ސޭވްކޮށްލިއެވެ.
“ލީން ހަމަ ނައިތަ..؟” ކަންބޮޑުވެފައި އިން ޒައިހާން މިޝްލާގެ ގާތު އަހާލިއެވެ. “އާނ.. ކާން އެ ކޮޓަރިއަށް ގެންގޮސްދިނީމައި ވެސް މިލީން ކާކަށް އެއްބަހެއް ނުވި..” މިޝްލާގެ އަޑު ތުރުތުރުލިއެވެ. “މިޝީ.. އަހަރެންނަށް ފެންނަނީ ލީން ގޮވައިގެން މާދަމާ ޓްރިޕަކަށް ދާން.. އޭރުން އެކަންކަމާއި ދޭތެރޭ ފިކުރުކުރުން ހުއްޓާލަފާނެ..” ޒައިހާން ދިން ޚިޔާލު މިޝްލާއަށް ވެސް ކަމުދިޔައެވެ. “އަހަރެން ލީންގެ ގާތު ބުނާނަން..” މިޝްލާ ބުނެލިއެވެ. “އަހަރެން ލޯންޗް ތައްޔާރު ކޮށްފައި ބަހައްޓާނަން.. މިޝީ ލީން އާއި ވާހަކަ ދައްކާލާ..” ޒައިހާން ބުނެލިއެވެ. އަދި ތެދުވެގެން ބެލްކަންޏާއި ދިމާލަށް ހިނގައިގަންނަން ވެގެން މިސްރާބު ޖެއްސެވެ.
“ޒާހު..” މިޝްލާގެ އަޑަށް ޒައިހާން ހުއްޓި ފަހަތަށް ބަލާލިއެވެ. އެއްބުމަ އަރުވާލައިގެން ޒައިހާން މިޝްލާގެ މޫނަށް ބަލަހައްޓައިގެން ހުރިގޮތުން މިޝްލާ ފިނިވާގޮތްވިއެވެ. “ޝުކުރިއްޔާ ވަރަށް ބޮޑަށް ޒާހު…” މިޝްލާ ނުކެރިފައި ހުރެ ބުނެލިއެވެ. “ކޮންކަމަކަށް..؟” ޒައިހާން ހައިރާންކަމާއި އެކީގައި ހުރެ ހިނިތުންވެފައި އެއްސެވެ. “އަހަރެން ހާލުގައި ޖެހުނު ދުވަހު އެހީވެދިނީތީ.. ލީން އާއި އަހަންނަށް ދިރިއުޅުމެއް ހޯދައިދިނީތީ.. ކިތަންމެ ވަރަކަށް ޝުކުރިއްޔާ ބުނިކަމުގައި ވިޔަސް އަހަރެންނަށް ޒާހު ކޮށްދިން ކަންކަމުގެ ބަދަލެއް ނުދެވޭނެ.. އަހަރެން ކިތަންމެ…” މިޝްލާގެ ޖުމްލަ ކަނޑައިގެން ދިޔައީ ޒައިހާން މިޝްލާގެ ތުންފަތްމަތީގައި ޝަހާދަތް އިނގިލި ޖައްސާ ހުއްޓާލަން އެދުމުންނެވެ. “މިޝީ.. އަހަރެން ކިތައް ދުވަހު ބުނާނީ ދެން ތިހެން ނުކިޔާށޭ..؟ އޭރުވެސް މިހާރު ވެސް އަހަރެން ލޯބިވަނީ ހަމައެކަނި މިޝީދެކެ.. ދެން އެވާހަކަ ނުދައްކަމާ ދޯ..؟ އަވަހަށް ދޭ ލީން ކައިރިއަށް..” ޒައިހާން ހިނިތުންވެލިއެވެ. މިޝްލާ ވެސް ލުއި ހިނިތުންވުމެއް ހަދިޔާ ކޮށްލާފައި ދިޔައެވެ. އެ މަންޒަރު ބަލަން ޒައިހާން ހުރީ ހިތްހަމަޖެހިފައެވެ.
“އޭތް އެލް..!” ކިއަނާ ގުޅުމުން މިއަލް ޖަވާބު ދިނެވެ. “އަހަރެން ތުއްތައްތަމެންގެ ގެއިން އަންނަމުން ބެލިން އެދިމާ.. އެލް ބުނި ތަނުގައި ގިޓާރއެއް ނެތް..” ކިއަނާ ބުނެލި ޖުމްލައިން ކިޔަން އިން ވާހަކަ ފޮތްވެސް އެއްލާލާފައި މިއަލްއަށް ކޮޅަށް ތެދުވެވުނެވެ. “ދެޓް ތީފް..!!!” މިއަލްއަށް ފުރަތަމަ ވެސް ޝައްކު ކުރެވުނީ ޝަފްވާންއާއި ދޭތެރޭ ގައެވެ. “އާނ އޯކޭ.. ދެން ފަހުން ހޯދާނީ.. އަނދިރިވީމައި ނޭނގުނީކަމަށްވެސް ވެދާނެއެއްނު..؟” ކިއަނާއަށް ޝަފްވާންގެ ވާހަކަ ކިޔައިދިނުން އަދި އަވަސްކަމަށް ބަލާފައި މިއަލް ވާހަކަ ކުރުކޮށްލިއެވެ. މާދަން އަނެއްކާ އެ ހޯދަން ދާނީއޭ ބުނެ ކިއަނާ ފޯނު ކަނޑާލައިފިއެވެ.
މިއަލް ބާލީސް ދަށުން ސަފީނާގެ ފޮޓޯގަނޑު ނެގިއެވެ. “މާމާ އިނގޭތަ އަޅުގަނޑު ކުރިން ބުނީމެއްނު ފިރިހެން ކުއްޖެއްގެ ވާހަކަ..؟ އެފިރިހެން ކުއްޖާ ދިޔައީ އަޅުގަނޑުގެ ގިޓާރ ނަގައިގެން.. އަޅުގަނޑަށް ހަމަ ޔަގީން އެކުއްޖާނޫން މީހަކަށް ނުވާނެކަން..” މިއަލް ޝަކުވާ ކުރިއެވެ. “އެއީ މަންމަ އަޅުގަނޑަށް ދޫކޮށްފައި ދިޔަ ހަމައެކަނި ހަދިޔާ އަކީ.. އެ ފިރިހެން ކުއްޖާ ޖެހޭތަ އެ ނަގަން..؟” މިއަލް ސަފީނާއާއި ސުވާލުކުރިއެވެ.
ނަމަވެސް މިއަލް ހާހެއްހާ ސުވާލު ކުރިޔަސް ދިރުމެއް ނެތް ފޮޓޯގަނޑު މިއަލްގެ ސުވާލުތަކަކަށް ހަމަ އެއް ޖަވާބުވެސް ނުދޭނެއެވެ.
މިއަލް އިރުކޮޅަކު ސަފީނާގެ ފޮޓޯގަނޑާއި ވާހަކަ ދައްކަން އިނދެފައި ފާޚާނާއަށް ދިޔައިރު ގަޑިން އެގާރަގަޑި ބައިވަނީއެވެ. ނިދަން އޮށޯވެފައި މިއަލްއަށް ޝަފްވާން އާއި ދޭތެރޭ ވިސްނެން ފެށިއެވެ. އަދި އަމިއްލަ ތުންފަތުގައި އިނގިލި ޖައްސާލެވުނެވެ. “ވައި..؟” އެހެން ހިތަށްއަރާއިރަށް މިއަލްގެ ދެ ކޯތާފަތް ރަތްވެގެން ދިޔައެވެ. އެ ފިރިހެން ކުއްޖާއަކީ ކާކުކަންވެސް ނޭނގޭ ހާލު މިއަލްގެ ސިކުނޑިން އެ ތަސްވީރު ފޮހެލެވޭގޮތެއް ނުވިއެވެ. އެއްގަޑި ބައިވިއިރުވެސް މިއަލްއަށް އޮތީ ނުނިދިފައެވެ.
ޝަފްވާން ލުއި ފިޔަވަޅުތަކެއް ނަގަމުން ކުރިއަށް ދިޔައިރު އަތުގައި މިއަލްގެ ގިޓާރ އޮތެވެ. “ޕްލީޒް ކަމް އައުޓްސައިޑް..” މިލްރީޝް ވޭލީ ގޭގެ ދޮރާއި ހަމައަށް އާދެވުމުން ޝަފްވާންއަށް ބުނެވުނެވެ. ރަޖާގަނޑު ތެރޭގައި ފޮރުވިގެންއޮތް މިއަލްއަށް ގަޑި ބަލާލެވުނެވެ.
އޭރު ގަޑިން ދޭއް ބަރާބަރު ޖަހަނީއެވެ. އިއްޔެ ވެސް ޝަފްވާން އާއި ދިމާވީ އެވަގުތު ކަމަށްވާތީ މިއަލް ކޮޓަރިން ބޭރަށް ނުކުންނަން ވެގެން ދޮރު ހުޅުވާލިއެވެ.
“ޔުއެލް..” މިއަލްގެ ނިތަށް ރޫގިނަވީ ޔައުލާން ސޯފާގައި އިށީނދެލައިގެން އިނުމުންނެވެ. ޔައުލާންއަށް ދޮރު ހުޅުވާލިއަޑު އިވިގެން ފަހަތަށް ބަލާލެވުނެވެ. މިއަލް އަވަހަށް އެތެރެއަށް ވަނީ ޔައުލާން އެއްޗެކޭ ބުނަން ފުރުސަތު ނުދޭންވެގެންނެވެ. ޔައުލާން ދެކޮނޑު އަރުވާލާފައި ސޯފާގައި އިނދެ އާޔަން އާއި ޗެޓު ކުރުމައިގެން ކުރިއަށް ދާންފެށިއެވެ.
“ޔައުލާން ކީއްވެގެން މިހާ ދަންވީމައިވެސް ކޮޓަރީގައި ނުހުރެ ސޯފާގައި އެ އިނީ..؟” މިއަލްއަށް ނިޔަފަތީގައި ހަފާލެވުނެވެ. ނިޔަފަތި ބިންދައިގެން ނުދިޔައީވެސް ކިރިޔާއެވެ. މިއަލްއަށް ހިތާހިތުން ނަސީބެކޭ ބުނެވުނެވެ.
ބޭރުގައި ފިނިވެގެން ދެއަތް ދެއަތާއި އުނގުޅާލަ އުނގުޅާލަ އިން ޝަފްވާން ގަޑިއަށް ބަލާލިއެވެ. ދޭއް ޖަހާ ފަނަރަ މިނެޓް ހިނގިއިރުވެސް އެ “މިލީން” ނުކުންނާކަށް ނޫޅުނެވެ. “މަށަށް ނުބައިކޮށްދޯ މި ވިސްނުނީ..؟ އެ އަންހެން ކުއްޖާ ކީއްވެގެން މިރޭ ބޭރަށް ނުކުންނަންވީ ދޯ..؟ އަހަރެން މީ އޭނަ ދަންނަ މީހެއް ވެސް ނޫން…” ޝަފްވާން ގޭ ކައިރީގައި ހުރި ޖޯލީގައި ޖައްސާލިއެވެ.
އުޑުމަތީގައި ބަބުޅަމުން ދިޔަ ތަރިތަކަށް ބަލަން އޮވެ ޝަފްވާން މަޑުމަޑުން ގިޓާރ ކުޅެން ފެށިއެވެ.
މިއަލް ކޮޓަރީގެ ކުޑަދޮރު ހުޅުވާލާފައި ގައިގައި ރަޖާގަނޑު އަޅައިގެން ބޭރަށް ނުކުތެވެ. އެ ފިރިހެން ކުއްޖާ މިރޭވެސް ހުރެދާނެކަމަށް ހިތް ބުނާތީއެވެ. ދުވަހަކުވެސް ކުޑަދޮރުން ބޭރަށް ފުންމާލާފައިނުވާ މިއަލްއަށް އެކަން ވެގެން ދިޔައީ ނުހަނު އުނދަގޫ ކަމަކަށެވެ. ނަސީބަކުން މިއަލްއަށް ދޮންވެލިގަނޑު ގައި ފައި ޖައްސާލެވުނީ ސަލާމަތުން ހުއްޓައެވެ. އެ ފިރިހެން ކުއްޖާ ބޭރުގައި ހުންނާނެ ކަމަށް ދުއާ ކުރަމުން މިއަލް ބޭރަށް ނުކުތެވެ.
“ވަޓްސް ރޯންގ ވިތް ޔޫ މިއަލް..؟ މިއޮއް މެންދަމުގައި ކޮން މޮޔައެއްތަ ތި ވަނީ..؟ އެ ފިރިހެން ކުއްޖާ އަކީ އަހަންނަށް އިނގޭ މީހެއް ވެސް ނޫނޭ.. އެކަމަކު ކުޑަދޮރުން ލާފައި ވެސް އޭނަޔަށްޓަކައި އެބަ ބޭރަށް ނުކުމެވޭ.. އަނެއްކާ……..” ހިތަށް އެރި އެއްޗަކުން މިއަލްއަށް ހުރި ފިޔަވަޅު މަތީގައި ހުއްޓެވުނެވެ. “އަނެއްކާ އަހަންނަށް އޭނަ ދެކެ….” އެހެން ހިތަށް އެރި ސިކުންތު ކޮޅުގައި މިއަލްއަށް އިސްޖަހާލާފައި ހިތި ހިނިތުންވުމަކުން ހީނލެވުނެވެ. އެ ކަހަލަ ލޯތްބަކީ އޭނާ ދަންނަ އެއްޗެއް ނޫނެވެ. މިއަލް އޭނާގެ ފުން ދެލޮލުން ވަށާ ހޯދާލާފައި ކުރިއަށް ހިނގައިގަތެވެ.
ވިއްސާރަ ދުވަސްވަރެއް ކަމުން އެވަރުން ރޭވި ދަތުރު ކެންސަލް ކުރުމުން އެކަމާއި ގުޅޭގޮތުން ޝަކުވާކުރުމުގައި ޔައުލާންވެސް ބައިވެރިވިއެވެ. މަޖާކަމުން ޔައުލާންގެ ހިތް އެ ރަށަށް ޖެހިއްޖެއެވެ. ޔައުލާންއަށް ހިތާއި ހިތުން ޒައިހާންއަށް ފަށްފަށުން ޝުކުރު އަދާ ކުރެވުނެވެ. ފިހާރައިގެ ކަންކަން ބެލުމަށްޓަކައި ނަމަވެސް ޔައުލާން އެ ރަށަށް ފޮނުވީތީއެވެ.
ރަނގަޅަށް ބޭރަށް ނުކުމެ ދެ ފިޔަވަޅުވެސް ނޭޅެނީސް މިއަލްއަށް ގިޓާރ ކުޅޭ އަޑު އިވިއްޖެއެވެ. އެ ކަމާއި ހުރެ މިއަލް އާދަޔާޚިލާފަށް ފިނިވިއެވެ. ހިތްވެސް ތެޅެންފެށީ ބާރުބާރަށެވެ. މިއަލް ޝަފްވާން ގެ ގާތަށް ދާން ހިނގައިގަތްތަނާހެން އިވުނު އަޑުން ހުއްޓެން މަޖުބޫރުވިއެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.





hey darlin ❤ the new cover looks beautiful and the stry ix goin really interestingly too ?? curiously waitinn for di upcomin episode. luv yaaa ?
Hii dearlss ? Thankiuu it took me a while to make it hehe altho it looks pretty simple.. Thanks a lot dear that means a lot ?
Nice ❤️❤️❤️
Thankiu so much dear means a lott ??
Alheyy… Varah reethi…..? Masha Allah… ❤️Emme kiyaa hiyy vaa hisaabah dhaairah komme faharaku eba nimeyyy…?when next??? Curiously waiting for the next part…….. ??
Thankiuu so much Faruha ?? Ehehe its just a hobby ekahala thankolhukolhun ninmaalan.. Insha allah next part 17th ga.. keep waiting dearlss ?
Mi part vx varah reethi. ??masha allah✨?
And cover pic vx varah reethi??
When is next.. ✨?
Curiously waiting?❤️
Lysm❤️
Tc❤️
Thankiu so much dear mimi ? Means a lot hehe.. Insha allah tmrw nxt.. Lym ? u tgc too dearlss
hlw yooon
Vrh sali mi part vxx
Masha Allah. keep it up luwss
vrh interesting stry . vrh curiuos dhn vaane gothakaa medu
next part when ? waitting for it
stay safe and take care
luws yaa
Hii lwbss ? Thanks a lot dearlss means so much to me.. Nxt maadhan Tuesday ga.. U stay safe too and tgc dearlingss ??