އިރުއޮއްސެމުން ދިޔަ ވަގުތު ހޮސްޕިޓަލުގެ ބަލިމީހުން ބަލާ ކޮޓަރިއަކުން ނިކުތް ޖަނާޙް ލައިގެން ހުރި އާދައިގެ އެއްޗެހިން ފެންނަ މީހަކަށް އޭނަގެ ޑިއުޓީ ނިމި ގެޔަށް ދަނީކަން އެނގޭނެއެވެ. ނޭވީ ކުލައިގެ އަތްދިގު ގަމީސް ކަޅު ފަޓުލޫނުގެ ދަށުން ބެގީކޮއްލެެވިފައިވެއެވެ. ކުރުކޮށް ކޮށާފައިވާ އެފަން ކަޅު އިސްތަށިގަނޑު ވަނީ މައްޗަށް ނަގާފައެވެ. އެ ހިތްގައިމު ދޮން އޮމާން މޫނާ ނުހަނު ގުޅޭހެން ކުރުކޮށް ކޮށާފައިވާ ތުނބުޅިން އެހިތްގައިމުކަން އިންތިހާއެވެ. އެއް އަތުގައި އޮފީސް ދަބަސް އޮތް އިރު އަނެއް އަތުގައިވަނީ ކާރުގެ ތަޅުދަނޑިއެވެ. އޭނަ ފެންނަ އަންހެންކުދިން އެކުދިންގެ ފިރިން ނުވަތަ ބޯއީ ފުރެންޑް ކައިރީގައި ހުއްޓަސް ޖަނާޙްއަށް އެއްފަހަރު ނަމަވެސް ކަޅި ނޭއްލާ ނުދެއެވެ. ދެން ތިބި ބަޔަކު ވިއްޔާ ޖަނާޙްއަށް ހަސަދައިގެ ކަޅި އަޅަމުން ދިޔައެވެ. ނަމަވެސް މިއިން ކަމަކަށް ޖަނާޙްގެ އެއްވެސް ސަމާލުކަމެއް ނެތެވެ. ނުވިތާކަށް އެތަނުން އެކަކާ ދިމާއަށްވެސް އޭނަ ނަޒަރު ހުއްޓާނުލައެވެ.
” ނާޙް.. މަފެނުނީމަ އަޅާވެސް ނުލާ. ބުރޯ ކިހިނެތްވެފަ ތިހިރީ? އަނެެއްކާ ފަހު ކައިވެނި ކުރި މަންޖެ ކަމުނުދަނީތަ މިހާރު? ” ޖަނާޙްގެ ދުވަސްވީ އެކުވެރިޔާ އަދި ޖަނާޙްގެ ހުރި ހަމައެކަނި ގާތް އެކުވެރިޔާ އާތިކްއަށް ޖަނާޙް ފެނިގެން ޖަނާޙް ހުއްޓުވިއެވެ.
” ބުރޯ ކަލޭ ވެސް ދޯ? ނޫނޭ ކަމެއް ނުވޭ.. މަ އަސްލު އަކޭ ގާތު ވާހަކައެއް ބުނަންވެފަ އެބަ އޮތޭ ހިނގާބަލަ ބޭރަށް ” އާތިކްއާ އެއްހަމައެއްގައި ހިނގަމުން ޖަނާޙް ބޭރަށް ހިނގައިގަތެވެ.
—
ޓީވީ ބަލަން އިން ދާނިޔާ ސިހުނީ ކައިރީގައި އޮތް ފޯނު އެލާމުވި އަޑަށެވެ. އިރުއޮއްސި ހައެއް ޖެހިކަން އެނގުމުން އަވަސް އަވަހަށް ދާނިޔާ ގޮސް ކޮޓަރިއަށްވަދެ ދޮރު ލައްޕާލިއެވެ. އަދި އެނދުގެ ގޮދަނޑި ހިއްލާލުމަށް އިން ފިތައް ގަންބާލުުމުން އަމިއްލައަށް ގޮދަނޑި ހިއްލުމުން ގޮދަނޑި ދަށުގައި އޮތް ކަބަޑުން ބޭސް ފުޅިއެއް ނެގިއެވެ. އަދި އެއިގެން އޭނަ ބޭސްގުޅައެއް ނަގައި އަތަށްލުމަށްފަހު އެނދު އެހުރި ގޮތަށް ބަހައްޓައި ބޭސްގުޅަ އަނގަޔަށްލައި ހެޑްބޯޑް މަތީގައި ހުރި ފެންތަށީގެ އެހީގައި ދިރުވާލިއެވެ.
” ކޯޗެއް ތި އަނގަޔަށްލީ? ” ޖަނާޙް އަޑުން ދާނިޔާއަށް ސިހިފައި ޖަނާޙްއަށް ބަލާލެވުނެވެ. އޭރު ޖަނާޙްގެ އެމޫނުމަތިން ފެންނަމުން ދިޔައީ ހައިރާންކަމެވެ.
” ކުޑަކޮށް ބޮލުގަ ރިއްސާތި ފެނަޑޯލް މިކެއީ. ކޮން އިރަކު އައީ? އަޑެއްވެސް ނީވޭ ދޮރުން ވަތްއިރު..” ދާނިޔާ ހަމަޖެހޭކަން ދައްކާލަމުން ހިނިތުންވެލިއެވެ.
” އެކަމް ބޭސް ކާންވާނީ ވަރުޖެހޭ އެއްޗެއް ކައިގެނެއްނު.. ” ޖަނާޙް ހިތްހަމަނުޖެހުނެވެ.
” ދެންމެ ވަރަށް ލަސްވި ފަހުން ސައިބުއީމޭ.. ދެން އެވާހަކަ ބާއްވާފަ ހިނގާ ނަމާދުކޮށްގެން މަންމަމެން ގެޔަށް ކާން ދާން.. ” ދާނިޔާ ހިނިތުންވެލަމުން ގޮސް ޖަނާޙްގެ އަތުތެރެއަށްވަނެވެ.
” ހޫމް.. ” ޖަނާޙް ހީލަމުން ދާނިޔާ ގާތްކޮއްލިއެވެ.
—
” ވަލައިކުމްސަލާމް.. ” ވިންޓާގެއަށް ޖަނާޙްގެ ދެމަފިރިން ވަދެ ސަލާމް ގޮވާލުމުން ސަލްފާ ބަދިގޭގައި ކުރަން ހުރި ކަންކަން ބަހައްޓާފައި ލައިގެން ހުރި ހެދުމުގެ ފަސްބައިން އަތް ފުހެލުމަށްފަހު މެދު ގޯއްޗަށް ނިކުތެވެ.
” ދަރިފުޅުމެން އައީދޯ? އާދޭ އެތެރެއަށް އަވަހަށް… ” ސަލްފާ ހިނިތުންވެލަމުން އެތެރެއަށް ވަންނަން ތަން ދެއްކިއެވެ.
” ދަރިފުޅު މިހާރު ކުޑަކޮށް ފަލަހެން ހީވޭ އެބަ މަންމައަށް.. ” ސަލްފާ ކާތަކެތި ޖަނާޙްގެ ދެމަފިރިންނަށް ގާތް ކޮއްދިނެވެ.
” ތިހަމަ ހީވާ ގޮތް މަންމައަށް.. ” ދާނިޔާ ތަތްޓަށް ބަތް އަޅަމުން ޖަވާބުދިނެވެ.
” ހުސް ދޮގު މަންމާ. ދާނިޔާ ބަނޑުބޮޑު މަންމާ… ” ޖަނާޙް ހީގަތެވެ.
” އަސްލަށްވެސްތަ ދަރިފުޅާ? ” ސަލްފާގެ މޫނުމަތިން ފެންނަނީ ސަޕްރައިޒްވެފައިވާ ކަމުގެ އަސަރުތަކެވެ.
” ދެން ޖަނާޙް… ” ދާނިޔާ ލަދުގަނެފައި ޖަނާޙްގެ ގައިގައި ތަޅައިގަތެވެ.
” އޫޕްސް.. އޮޅިގެން މިބުނެވުނީ …” ޖަނާޙް ދެލޯ ބޮޑުކޮށް އަނގަމަތީގައި އަތް އަޅާލިއެވެ.
” އެކަމްވެސް އެއީ ތެދެކޭ މަންމާ… އަސްލު ދޮންތަމެން އަންނަންދެން އަސްލު ނުބުނަން މިހުރީ… އެކަމަކު މަންމައަށް ތިއެނގުނީތާ… ” ޖަނާޙް ދާނިޔާގެ ހަމަލާތަކުން ރެކެމުން ދާނިޔާގެ ދެއަތުގައި ހިފާ ހުއްޓުވިއެވެ.
” އަލްޙަމްދުލިﷲ. މަރުޙަބާ ދަރިފުޅޫ…. ” އުފަލުން ރޮއެގަނެފައި ސަލްފާ ދާނިޔާގެ ގައިގައި ބައްދާލިއެވެ.
” ތިކަން ކުރިން އެނގުނުނަމަ މިރޭ ބޮނޑިބަތްވެސް ކެތްކީމުސް.. ޖަނާޙް ދަރިފުޅު މަންމައަށް އިނގޭތަ? ” ސަލްފާ ދެން ކުރި ސުވާލުން ޖަނާޙްގެ މޫނުމަތި ބަނަވެގެން ދިޔައެވެ.
” ނޫން ނުބުނަން އަދި.. ” ޖަނާޙް އިސްޖަހާލަމުން ބުނެލިއެވެ. ނަވާރްގެ މަރަށްފަހު ދާނިޔާއާ އެހާ އަވަހަށް އިނުމުން ޖަނާޙްގެ އާއިލާ ޖަނާޙްގެ ދެމަފިރިންނަކަށް މަރުޙަބާއެއް ނުކިޔައެވެ. ހާއްސަކޮށް ޖަނާޙްގެ މަންމަ ޔުސްރާ ދާނިޔާދެކެ އިންތިހާއަށް ނަފްރަތުކުރެއެވެ. ސަބަބަކީ ނަވާރްއަކީ ޔުސްރާއަށް ދަރިއެއްފަދަ ކުއްޖަކަށްވީތީއެވެ.
” ދެން މަންމަ ވެސް… ” ދާނިޔާ ޖަނާޙްއަށް ބަލާލުމާއެކު ޖަނާޙް ފެންކަޅިވެފައި އިނުމުން އޭނަވެސް ފެންކަޅިވިއެވެ.
” ސޮރީ ދަރިފުޅު.. ” ސަލްފާ ޖަނާޙްގެ ބޮލުގައި ފިރުމާލިއެވެ.
” އެއީ ކަމެއް ނޫން މަންމާ… ކޮން އިރަކުން ދޮންތަމެން އަންނަނީ? ޔޫހާން ދެކިލާހިތުން ކެތްމަދުވެފައި މިހިރީ.. އިހަށް ދުވަހުވެސް ދޮންތައާ ވީޑިޔޯ ކޯލް ކޮއްލީމަ އިން ވަރެއްވެފަ ދޯ ދާނިޔާ? އެފުށްގަނޑު ފެނިފަ ހަމަ ބޭނުންވަނީ އެކަހަލަ ބޭބީއެއް ދޯ ” ޖަނާޙް މައުލޫ ބަދަލުކޮއްލަމުން ހިނިތުންވެލިއެވެ.
—
” ޔުސްރާ ތިހެން ކިތަންމެ ދުވަހަކު އިނެކޭ ކިޔާފަ ނަވާރްއެއް ދެން ނާންނާނެ. އެހެންނޫނަސް ނަވާރް އެއީ އަހަރެމެންގެ ދަރިޔެއްވެސް ނޫން… ގައިމު އެމަންޖެ މަންމަ ޔުކްތާވެސް ޔުސްރާހެނެއް ނޫޅޭ. އޭނައަށް އެއީ ﷲ ދެއްވި އިމްތިހާނެއްކަމަށް ބަލާ ދިރިއުޅުމައިގެން އެއުޅެނީ.. ” އީޖާދު ސިޓިންރޫމަށް ނިކުތް އިރު ޔުސްރާ ނަވާރް ގެންގުޅުނު ވާހަކަ ފޮތެއް ހިފައިގެން ސިޓިންރޫމުގައި ނަވާރް އާއްމުކޮށް އިށީނދެ އިންނަ ފައުފްގައި އިނެވެ. ކިޔަމުން ދިޔައީ މަޖާ ވާހަކައެއް ނަމަވެސް އެދެލޮލުގައިވި ކަރުނަތަކުން އެއިނީ ނަވާރްގެ ހަނދާންތައް އާކުރަންކަން ފެންނަ މީހަކަށް އެނގޭނެއެވެ.
” ޔުސްރާ!!! ” އީޖާދު ކީއެއްޗަކަށް ޔުސްރާ ސަމާލުކަން ނުދިނުމުން އޭނަ ރުޅިއައިސްގެން ޔުސްރާގެ އަތުގައިވި ފޮތްގަނޑު ދުރަށް ހޫރާލިއެވެ.
” އީޖާދު!!!!! ކިޔެކޭ ހިތަށް އަރައިގެން މަގޭ ދަރި ގެންގުޅުނު ފޮތެއް ތިއުކަނީކީ? ” ޔުސްރާއަށް ހޭވެރިކަންވި ވަގުތު ރުޅިއައިސް ހަޅޭލވައިގަނެވުނެވެ.
” މަންމާ… ބައްޕާ.. ” ގޭތެރޭގައި އަޑުގަދަވެގެން ޖަނާޙް ދައްތަ ޖައިދާއާއި އޭނަގެ ފިރިމީހާ ރީޙާން ކޮޓަރިން ނުކުތެވެ. ޖައިދާއާއި ރީޙާން އެކަކު އަނެކަކަށް ބަލާލުމުން މޫނުމަތިގައިވި ކުލަވަރުތަކުން ދެން ހަދަންވި ގޮތް އެނގުނެވެ. ޖައިދާ ޔުސްރާ ގޮވައިގެން އެތެރެއަށް ހިނގައިގަތުމާއެކު ރީޙާން ބަފައިބެއަށް ވިސްނައިދެމުން ބޭރަށް ދެމިހުން ހިނގައިގަތެވެ.
—
” ވާރޭ ވެހެނީ ދޯ? ” ގޭގެ އަސްކަނި ދޮށުގައި ހުރި ޖަނާޙް އަސްކަނިން ބޭރަށް އަތް ދިއްކޮށް އަތް ހަދާލި ގޮތް ފެނިފައި ދާނިޔާ ސުވާލުކުރިއެވެ.
” ހޫމް.. މިއަނދިރީގައި ކަނިކަނި ޖަހާކަން ވެސް މިއެނގުނީ ކިޓީ މެދުގޯއްޗަށް ނިކުތީމައޭ ” ސަލްފާ ގެންގުޅޭ ބުޅާ އެއްއަތުން ނަގާ އެއަށް ބޮސްދެމުން ޖަނާޙް ހީލިއެވެ.
” ދަރިފުޅުމެން ކުޑަ ހިފައިގެން ދޭ.. މިރޭ ވާރޭ ވެހޭނެ ވާހަކަ ޓީވީއިން ކިޔޭ… ” ސަލްފާ ބޮޑު ކުޑައެއް ދާނިޔާއަށް ދިއްކޮއްލިއެވެ.
” ބަލައިގެން ދައްޗޭ ދަރިފުޅުމެން.. ” ޖަނާޙްއާއެކު ދާނިޔާ ހިނގައިގަތުމުން ސަލްފާ ބުނެލިއެވެ.
” މަންމަ އަވަހަށް ނިދާ ދެން. ދޮރު ރަނގަޅަށް ތަޅުލައްޗެ.. ” ދާނިޔާ ވަދާއުގެ އަތް ހޫރަމުން ސަލްފާއަށް ހިނިތުންވެލަމުން ޖަނާޙްއާއެކު ގެޔަށް ދިއުމަށް މިސްރާބު ޖެހިއެވެ.
” ސޮރީ މަންމަގެ ފަރާތުން ހާރޓްވީމައި ” ގެޔަށް އައިސް އެތެރެއަށްވަދެ ދާނިޔާ ޖަނާޙްގެ ކިބައިން މާފަށް އެދުނީ އޭނައަށް އެހެން ކަންތައް ވެއްޖެނަމަ ވާނެ އިހްސާސް އެނގޭތީއެވެ.
” އޭތް ކަމެއް ނޫން ދޫނީ.. ” ޖަނާޙް ދާނިޔާ މެޔާލައި ބޮނޑިކޮއްލަމުން ދާނިޔާގެ ބޮލުގައި ފިރުމާލިއެވެ. ދާނިޔާ އިސްއުފުލާލާ ޖަނާޙްއަށް ހިނިތުންވެލަމުން އަނެއްކާވެސް އެމޭގައި ބޯޖައްސާލިއެވެ. ޖަނާޙް ވިހަ ހިނިތުންވުމަކާއެކު ލޯގަނޑުން ފެންނަމުން ދިޔަ ދާނިޔާގެ ސޫރައަށް ބަލާލިއެވެ.
ނުނިމޭ
އުއްމީދުކުރަނީ މިވާހަކަ އެއްވެސް ފޫހިކަމެއްނެތި ކިޔުންތެރިން ކިޔާލާނެ ކަމަށް. ކުށެއް އޮވެއްޖެނަމަ ފާހަގަކޮށް ކޮމެންޓް ކޮއްލަދެއްވުން އެދެން.
ސުޓޭ ސޭފް އޯލް ??
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

