“ތިއިން އެއްކަމެއްވެސް ނުކުރާނަން.. އަހަރެން ޔީޝާ ދުލެއްވެސް ނުކޮއްލާނަން.. އަދި ކަލެއަކަށް އަހަންނަށް އެއްވެސް ގޮތެއް ނެހެދޭނެ” ވަލީދު ބުނަން އުޅުނު އެތި މެދު ކަނޑާލާފައި ޒަބޫރިޝް ހަޅޭލަވައިގަތެވެ. އަދި ވަލީދުއާ ދިމާއަށް ފުންމާލިއެވެ. ނަމަވެސް ވަލީދު އެހުރި ފިޔަވަޅުމަތީ ހުރީއެވެ. ޒަބޫރިޝް ފުންމާލި ވަގުތު އަތުގައި އަޅުވާފައި އޮތް ޗޭނު ގަނޑަށް ވާންވިއެވެ. ބިންމަތީގައި ޖެހުމުގެ ކުރިން އޭނާ ދުރަށް ވިއްސައިގެން ދިޔައީ ބާރު އަޑު ފަށްގަނޑާ އެކުއެވެ.
****
ދޮން ދަގަނޑަށް ފެންޖެހުމުން ދުން އަރާފަދައިން ގައިން އޮލަ ދުންތަކެއް އަރަން ފެށިއެވެ. އިރުކޮޅަކު ވީނުވީ ނޭނގިފައި ޒަބޫރިޝްއަށް ހުރެވުނެވެ. ދެން އޭނާއަށް ބަލާލެވުނީ ބުރަކަށް އޭނާގެ ވަށައިގެން ކުރަހާފައިވާ ރަތްކުލައިގެ ރޮނގަށެވެ.
“ކަލެއަށް ކަލޭގެ ތިބާރު ދެއްކޭނީ ތި ބުރުގެ ތެރޭގަ.. މިހާރު ތިހިރީ ރަނގަޅަށްވެސް ތާށިވެފަ.. ދެން އަހަރެން ބުނާގޮތް ހެދުން ނޫން ގޮތެއް ކަލެއަކަށް ނެތް” އެއްމިޔަކަނުން ހެވިފައި އިނދެ ވަލީދު ބުނެލިއެވެ.
“ކަލެއަކަށް އަހަންނަށް އެއްވެސް ކަމެއް ނުކުރެވޭނެ.. ހީވަނީތަ މިކަމުން ގެއްލުން ލިބޭނީ އަހަންނަށޭ.. ކަލޭ އަހަންނަށް ހަދާލާ ކޮންމެ އެތިފަހަރަކުން ލިބޭ އަނިޔާގެ ވޭން އަޅާނީ މި އިންސާނާގެ ހަށިގަނޑުގަ.. އަހަރެން މަރުވެއްޖެއްޔާ މިއިންސާނާވެސް ސަލާމަތެއް ނުވާނެ” ޒަބޫރިޝް އެހެން ބުނުމުން ވަލީދުގެ ތުންފަތް މަތީވި މަލާމަތުގެ ހިނިގަނޑު ފިލައިގެން ދިޔައެވެ. ތެދެކެވެ. ޒަބޫރިޝްއަށް ލިބޭ އަނިޔާ ދާނިޝްއަށްވެސް މިހާރު ލިބޭނެއެވެ. ހިނދުކޮޅަކަށް އެކަން ވަލީދުގެ ހަނދާނުން ކައްސާލީއެވެ.
“ކަލޭ މަށަށް ބިރުދައްކަން އުޅޭނެ ކަމެއް ނެތް.. އަހަންނެއް ކަލޭދެކެ ބިރެއް ނުގަނޭ.. ކަންތައް ކޮންމެ ގޮތަކަށް ނިމިގެން ދިޔަޔަސް އަހަރެންގެ ބަހަށް ކިޔަމަން ނުވާނަމަ އަހަރެން ކަލޭ އަންދާލާނަން.. އެއީ އަހަރެން ދާނިޝްއަށް ކޮއްފައިވާ ވައުދެއް.. އަދި އަހަރެން މިއީ ވައުދެއް ކޮއްފިއްޔާ އެކަމުގަ ދެމިހުންނާނެ މީހެއް..” ވަލީދު ބުނެލިއެވެ.
“އަހަންނަށް ތުރާ ކުރުމުގެ ބަދަލުގާ އަދަބު ދޭން ޖެހޭނީ ހައްވާދީއަށް.. މިހުރިހާ ކަމެއްގެ އަސްލަކީ އެއީ. އޭނަ ކުރި ކުށުގެ ސަޒާ މިއަކީ.. އަހަރެންވެސް މިއީ އަހަރެން ވާ ވައުދު މަތީ ހުންނަ މީހެއް.. އަހަރެން އަހަރެންގެ އާއިލާގެ އިންސާފަށް އަހަރެންގެ ނަފްސާ ވެވުނު ވައުދު ފުއްދާނަން.. މިއިންސާނާއާއެކު އެހެރަ އަންހެނާގެ ދުވަސްވެސް ދުއްވާލާނަން.. ޔީޝާ ސަލާމަތް ކުރަން ބޭނުމިއްޔާ އެހެރަ އަންހެނާ އަހަރެން ކައިރިއަށް ގެނެބަލަ..” ހައްވާދީއާ ދިމައަށް އިނގިލި ދިޟާކޮއްލަމުން ޒަބޫރިޝް ހަޅޭލަވައިގަތެވެ.
“މިކަމުގެ ކުށް ކުރީ ހައްވާދީކަން ކަލެއަށްވެސް އިނގޭއިރު ޔީޝާއަށާ ދާނިޝްއަށް ކަލޭ ގެއްލުން ދޭން ތިއުޅެނީ ކީއްވެ.. ތި އިންސާނާ ކަލެއަކަށް އެއްވެސް ކަމެއް ނުކުރޭ..” ވަލީދު ބުނެލިއެވެ.
“އަހަރެންނާ ޔީޝާއާ ދޭތެރެއަށް ވަންނަ ކޮންމެ މީހެއްގެ ދުވަސް ދުއްވާލާނަމޭ އަހަރެން ނުބުނަންތަ.. މިރޭ ކަލެއަށް އަހަރެން މަރާލެވުނަސް އަހަރެން ނިމިގެން ދާނީ ލޯބިވާ މީހަކު އުމުރަށް ގެއްލުނީމަ އަޅާ ވޭނާ ކުރެވޭ އިހްސާސް ކަލޭމެން އެންމެނަށް ދައްކާދީފަ.. ކަލޭ އަހަންނަށް ތުރާ ކުރަންޏާ ޔީޝާވެސް ސަލާމަތެއް ނުވާނެ” ޒަބޫރިޝް ބުނެލިއެވެ.
“ބޭކާރު ވާހަކަ ނުދައްކާ.. ކަލޭ ތި ބުރު ތެރެއިން ނުނިކުމެވޭ ހިނދަކު ޔީޝާއަކަށް އަދި އެހެންމީހަކަށްވެސް އަނިޔާއެއް ނުދެވޭނެ” ވަލީދު އެހެން ބުނުމުން ޒަބޫރިޝްހޭން ފެށިއެވެ.
“އެކަމު ޔީޝާ އަހަރެން ކައިރިއަށް އައިސްފިއްޔާ” ޒަބޫރިޝް އެހެން ބުނެފައި ދެކަކޫ މައްޗަށް ވެއްޓިގަތެވެ. އަދި ޒަބޫރިޝްގެ ބާރުން ދާނިޝްގެ ދެއަތް ހިއްލާލާ އެއް އަތުން ދާނިޝްގެ ކަރުގައި ހިފެހެއްޓުވިއެވެ. އަނެއް އަތް ދާނިޝްގެ ބޮލުގައި ހިފަހައްޓާ ނުއަތަށް ގެންދަން މަސައްކަތް ކުރިއެވެ. ބޮލުގެ ނާރުތަކަށް ވާން ވާން ފެށުމުން ދާނިޝް ހަލޭލަވަން ފެށިއެވެ. ވަމުން ދިޔަ އަނިޔާއިން ދާނިޝް ކަރުއަޑުން ހަޅޭ ލަވާ އަޑު މުޅި ގޭގައި ގުގުމަން ފެށިއެވެ. ގޭން ބޭރަށްވެސް އެއަޑު އިވޭނެކަން ޔަގީނެވެ.
“ދާނިޝް؟؟؟” ރާޝިދާގެ އުނގުމަތީ ބޯއަޅާ އޮތް ޔީޝާ ކުއްލިއަކަށް ފުންމައިގެން ތެދުވިއެވެ.
“މަންމާ އެއީ ދާނިޝްގެ އަޑު… ކިހިނެއް އެވަނީ؟ އަހަރެން ބޭނުން ބޭރަށް ނުކުންނަން.. ދާނިޝްއަށް ކޮންމެވެސް ކަމެއް ވެއްޖެ” އެނދުމަތިން ފުންމާލައިފައި ޔީޝާ ދޮރާ ދިމާއަށް ދުއްވާގަތެވެ. ނަމަވެސް އަފާއާއި ޔުމްނާ ޔީޝާ ހިފެހެއްޓިއެވެ.
“ވަލީދުބެ ބުންޏޭނުން ނުނިކުންނާށޭ.. އެވާނީ ޒަބޫރިޝް ޔީޝް ބޭރަށް ނެރެން ކުރާ ކަމަކަށް.. ދާނިޝްއަކަށް އެއްވެސް ކަމެއް ނުވޭ.. އެއީ ޔީޝްއަށް ދައްކާ ދަޅައެއް” ޔީޝާއަށް ވިސްނަދޭން އަފާ މަސައްކަތް ކުރިއެވެ.
“ނޫން.. ކޮންމެވެސް ކަމެއް ވެއްޖެ.. ހީ އިސް ނޮޓް ފައިން” އަފާއާއި ޔުމްނާގެ އަތް ފޮޅުވާލަމުން ޔީޝާ ބުނެލިއެވެ.
“ޔީޝް ބެރަށް ނުނިކުމޭ.. ޔީޝްއަށް ކޮންމެ ފަދަ ކަމެއްވެސް ވެދާނެ” ޔުމްނާވެސް ޔީޝާގެ ގައިގައި އޮޅުލައި ގަންނަމުން ބުނެލިއެވެ. ޔުމްނާގެ އަތް ފޮޅާލާފައި ޔީޝާ ދުއްވާގަތެވެ.
“ޒަބޫރިޝް!!! ހަމަ މިހާރު ދާނިޝް ދޫކޮއްލާ .. ނޫނީ އަހަރެން މިވަގުތު ކަލޭ އަންދާލާނަން. ހަމަ މިހާރު ދާނިޝް ދޫކޮއްލާ” ގަމީހުގެ ޖީބުގައި އޮތް ފައްޖަހާފައިވާ ބޯ ކަރުދާސް ގަނޑާ ކޮޅަށް ތުނޑު ހިމަކޮށް ހުރި ވަޅިއެއް ފާޑު އެއްޖެއް އަތަށް ލާ ބާރު ކޮއްލަމުން ވަލީދު އިންތަނުން ތެދުވިއެވެ. އޭރުވެސް ދާނިޝް އަޑުގެ ނެއްތަނަށް ހަޅޭލަވަމުން ދިޔައެވެ. ބޮލުގައި ހިފަހައްޓާފައިވާ އަތް ނައްޓާލާފައި ވީނަމަވެސް ދާނިޝްގެ ކަރުގައި ހިފާފައި ހުރިއަތަށް ކުރިއަށްވުރެ ބާރު ލަމުން ދިޔައެވެ. ނޭވާހޮޅި ފިތޭ ގޮތްވުމުން ދާނިޝްގެ އަޑުވެސް މިޙާރު ނުކުންނަނީ ކެނޑިގެނެވެ.
“އަހަރެން ކަލޭ އަންދާ ނުލަނީހުން އެކުއްޖާ ދޫކޮށްލާށޭ” ވަލީދުގެ އަޑު ބާރުވެގެން ދިޔައެވެ. ނަމަވެސް ޒަބޫރިޝް އެޔަކަށް ފަރުވާލެއް ނުދެއެވެ.
“ދާނިޝް!!!!!!” ނޭވާ ނުލެވިގެން ތެޅެމުން ދިޔަ ދާނިޝް ފެނި ހުއްޓުން އަރާފައި ތިބި އެންމެން ހަމަހޭވެރިކަންވީ ދުވެފައި ސިޓިން ރޫމަށް ނުކުތް ޔީޝާގެ އަޑަށެވެ.
“ދާނިޝްއަށް ކިހިނެއް އެވަނީ.؟؟ ދާނިޝް…. ކީއްވެ… ކީއްވެ ދާނިޝްއަށް އެހެން އެވަނީ ” ޔީޝާއާ ދިމާއަށް އަތް ހިއްލައިގެން ހުރި ދާނިޝް ފެނި ޔީޝާ އެދިމާއަށް ދުއްވައި ގަތެވެ.
“ޔީޝާ!! ދުރުގަ ހުރޭ އެއީ ދާނިޝްއެއް ނޫން!!” ދާނިޝްއާ ދިމާއަށް ދިޔަ ޔީޝާ ފެނި ހައްވާދީއަށް ހަޅޭ ލަވައިގަތެވެ. ބުރުތެރެއަށް ވަނުމުގެ ކުރިން ޔީޝާ ހުއްޓުވަން ދުއްވާގަތް ވަގުތު ހައްވާދީއަށް އެރުނީ ވަލީދު އަޅާފައިވާ ބުރަށެވެ. ހައްވާދީގެ އެއްފަޅި ބުރުގެތެރެއަށް ވަނުމާއެކު ޒަބޫރިޝް ހައްވާދީއާ ދިމާއަށް ފުންމާގަތެވެ. ހައްވާދީއަށް ބުރުން ބޭރަށް ނުދެވެނީސް ޒަބޫރިޝް ފަހަތުން އައިސް ހައްވާދީގެ ކޮނޑާ ދިމާގައި ހިފައިގަތެވެ. ޒަބޫރިޝްގެ މާ ބޮޑު ބާރުތަކެއް ނުލައި ބަލިކަށި ހައްވާދީ ބުރުތެރެއަށް ހޫރާލިއެވެ. ވައިގެ ތެރޭ އުދުހިގަތް ކަރުދާސް ކޮޅެއްހެން ހައްވާދީ ވެއްޓި އިނދަ ޖެހުނެވެ. ހައްވާދީ ބިންމަތީގައި ޖެހުމާއެކު ޒަބޫރިޝް ހައްވާދީގެ ގައިމައްޗަށް ޖެހިގަތެވެ.
ކުރިއަށް އަޅާލި ޔީޝާގެ ފިޔަވަޅު ހީވީ ތަޅުން މަތީ ތައްލިހެނެވެ. ގަބޫލު ނުކުރެވިފައިވާ ދާނިޝްއަށް ބަލަން އޭނާއަށް ހުރެވުނެވެ. އެއީ ދާނިޝްގެ ސޫރަ ނަމަވެސް އެއީ ޒަބޫރިޝްކަން ނަގައިގަންނާކަށް ޔީޝާއަކަށް އުނދަގުލެއް ނުވިއެވެ. އަސްލު ދާނިޝް ކޮބާބާއޭ ހިތަށް އަރާ ސިޓިން ރޫމުގައި ތިބި އެހެން މީހުންގެ މޫނަށް ވަކި ވަކިން ބަލާލެވުނެވެ. ނަމަވެސް ދާނިޝް ނުފެނުމުން ޔީޝާގެ ހިތަށްއެރި އެއްޗަކުން އަތްފައި ފިނިވެގެން ދިޔައެވެ. ލަސްލަހުން އޭނާގެ ނަޒަރު ޒަބޫރިޝްއަށް ހުއްޓުނެވެ.
ޒަބޫރިޝް އަންދާލާނޭ އެހެންގޮތެއް ވަލީދުއަށް ފެނުނީ ނޫންކަން ޔީޝާއަށް ދެނެގަނެވުނެވެ. ޔީޝާގެ ބަދަލުގައި ޒަބޫރިޝް ހައްޔަރު ކުރެވިފައިވާނީ ދާނިޝްގެ ހަށިގަނޑުގައިކަން އެނގުނެވެ. ލޮލަށް ޖަމާވި ކަރުނައާއެކު ޔީޝާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ދެފަރާތަށް ބޯ ހޫރާލެވުނީ ގަބޫލުކުރަން ދަތިވެގެނެވެ.
ޔީޝާގެ ފަހަތުން ސިޓިން ރޫމަށް ނުކުތް އަފާއަށާ ޔުމްނާއަށް ދާނިޝްގެ ސިފައިގައި ހުރި ޒަބޫރިޝް ފެނި ހުއްޓުން އެރިއެވެ. ރާޝިދާއަށްވެސް މަންމާއޭ ކިޔާ ރޮއެގަނެވުނެވެ. އަންހެން ވެރިން އެތަނަށް ނުކުތުމުން ޔައީޝްއަށާ ޔާސިރު އެމީހުން ކައިރިއަށް ދުއްވާގަތެވެ. ޔާސިރު ގޮސް ރާޝިދާ ހިފަހައްޓާލުމުން ޔައީޝްގޮސް ހުއްޓުނީ ޔީޝާ ކައިރީގައެވެ. ޔީޝާ ދާނިޝް ކައިރިއަށް ގޮސްދާނެތީ ޔައީޝް ޔީޝާގެ ކޮނޑުގައި ހިފަހައްޓާލިއެވެ.
“ޒަބޫރިޝް!! ހަމަ މިހާރު ހައްވާދީ ދޫކޮއްލާ.. އަހަރެންގެ ބަހަށް ކިޔަމަންވޭ..” ވަލީދު ހަޅޭ ލަވައި ގަތެވެ.
“ހައްވާދީ.. މިފަހަރު އަހަރެން ކަލޭގެ ދުވަސް ދުއްވާލާނަން.. އަހަރެންގެ ބަދަލު ހިފާނަން” ހައްވާދީގެ ނޭވާ ހޮޅިއާ ދިމާލުގައި ހިފާ ޒަބޫރިޝް ބާރުކޮއްލިއެވެ. އަދި ބިމުން މައްޗަށް ހިއްލާލިއެވެ. ހައްވާދީގެ ފައި ބިމުގައި ނުޖެހުމުން ހައްވާދީއަށް ތެޅިގަނެވުނެވެ. އެ މަންޒަރު ފެނި އެންމެން ތިބީ ނޭވާ ހިފަހައްޓާލާގެނެވެ. ދެން ވާނީ ކީއްކަމެއް ހިތަށްވެސް އަރުވާލަން ނުކެރިފައެވެ.
“އަހަރެން މިބުނަނީ އެންމެ ފަހު ފަހަރަށް.. އަހަރެން ބުނާ ގޮތް ނެހެދެންޏާ އަހަރެން ކަލޭ އަންދާލާނަން.. އަހަންނަށް އެބާރު އެބައޮތް” އަތަށް ވަޅި ހެޔޮވަރު ކޮއްލަމުން ވަލީދު ބުނެލިއެވެ. މިހާރުން މިހާރަށް ޒަބޫރިޝް އަންދާ ނުލާފިނަމަ ހައްވާދީއާއި ދާނިޝްގެ އިތުރުން އެތަނުގައި ތިބި އެހެން މީހުންގެ ދުވަސްވެސް ދުއްވާލާނޭކަން ވަލީދުއަށް އެނގުނެވެ. ޒަބޫރިޝްގެ ވަށައިގެން އަޅާފައވޥާ ބުރުގެ ބާރުވެސް ކެނޑިފައި ވުމުން ދެން ޒަބޫރިޝް އެތަނުގައި ހިފެހެއްޓޭނޭ އެހެން ގޮތެއް ނެތެވެ.. އޭނާގެ އެންމެ ފަހު އެތިފަހަރު ބޭނުންކުރަންވީ ވަގުތު ޖެހުނީކަން ވަލީދުއަށް ވިސްނުނެވެ. ނަމަވެސް އެކަމުން ނުކުމެދާނެ ނަތީޖާއާ ދޭތެރޭ ކަންބޮޑުވާތީ ވަލީދުއަށް ފަސްޖެހެވެނީއެވެ.
“ވަލީދުބެ ކޮންމެސް ކަމެއް ކޮއްބަލަ.. އޭނަ މަންމަ މަރާލަފާނެ” ހަރަކާތް ހުއްޓިފައި ހުރި ވަލީދުއާ ދިމާއަށް ޔާސިރު ބުނެލިއެވެ.
ޔާސިރު އެހެން ބުނުމުން ޒަބޫރިޝްއާ ދިމާއަށް ވަލީދު ބަލާލިއެވެ. އެއްފަހަރު ދާނިޝްގެ ސޫރައަށް ބަލާލާފައި ޔީޝާއަށް ބަލާލެވުނެވެ. އެއަށްފަހު ވަލީދު އަތުގައި އޮތް ފައްޖަހާފައި އޮތް ކަރުދާސްގަނޑު ބިންމައްޗައް ވައްޓާލިއެވެ. އަދި ބިންމަތީގައި ދެކަކޫ ޖަހައިގެން އީށީނެވެ. އަތުގައި އޮތް ވަޅިއަށް ބާރުކޮއްލަމުން ވަލީދު އަތް ހިއްލާލިއެވެ.
ވަލީދު އެކުރަން އުޅޭކަމެއް ޒަބޫރިޝްއަށް ދެނެގަނެވުނެވެ. ރުޅިވެރި ނަޒަރަކުން ވަލީދުއަށް ބަލާލިއިރު އޭނާގެ ދެލޮލުގެ ހުދުކަން ގެއްލި މުޅި ލޮލުތެރެއަށް ވަނީ ކަނު އަނދިރި ކުލައެއް ވެރިވެފައެވެ. އަދި ހައްވާދީގެ ކަރަށް ބާރުކޮއްލާފައި ފާރާ ދިމާއަށް ހައްވާދީ ކޮއްޕާލިއެވެ. ޒަބޫރިޝްގެ އަތުގައި ހުރި ބާރުން ހައްވާދީ ވިއްސައިގެން ގޮސް ފާރުގައި ޖެހުނެވެ. ކަނޑާ ވައްޓާލި ގަހެއްހެން ހައްވާދީ ބަންޑުން ތަޅުން ގަނޑުމައްޗަށް ވެއްޓުނެވެ. އެއާއެކު ހަބަރު ހުސްވެފައި ބިންމައްޗަށް ދެމިގެން ދިޔައެވެ.
ބިންމަތީ އޮތް ކަރުދާސްގަނޑަށް އަތުގައި އޮތް ވަޅި ހަރާލަން ވަލީދު އުޅެނިކޮށް އޭނާއާ ދިމާއަށް ޖަބޫރިޝް ދުއްވާގަތެވެ. ވަލީދުއާ ދިމާއަށް އައި ޒަބޫރިޝްފެނި ވަލީދުއަށް ފަހަތަށް ޖެހިލެވުނީ ކިރިޔާއެވެ. ވަލީދު އަތުގައި ހިފަން މަޅާލި އަތް ވަލީދުގެ ގައިގައި ނުޖެހެނީސް ޒަބޫރިޝްގެ އަތުގައި އަޅުވާފައި ހުރި ޗޭނުގަނޑަށް ވާންވެ އިތުރު ފިޔަވަޅެއް އޭނާއަކަށް ކުރިއަކަށް ނޭޅުނެވެ.
“ކަލޭގެ ފަރާތުން އިތުރު އިންސާނަކަށް ގެއްލުމެއް ލިބުނަކަ ނުދޭނަން” ވަލީދު އެހެން ބުނެފައި ބިންމަތީ އޮތް ކަރުދާސް ކޮޅުގެ މެދަށް ވަޅީގެ ހިމަ ތުނޑު ކޮއްޕާލިއެވެ. ހަތަރު ފަށް ޖަހާފައި އޮތް ކަރުދާސް ކޮޅު ފޫދިޔުމާއެކު ޒަބޫރިޝް ދެކަކޫ މައްޗަށް ވެއްޓުނެވެ. ޗޭނުގަނޑު އަތަށް އޮޅާލާ ވާން ކޮއްލަމުން ޒަބޫރިޝް ޗޭނުގަނޑަށް ދަމާގަތެވެ. ޗޭނުގަނޑު ކަނޑައިގެން ނުދިޔަނަމަވެސް ޗޭނު އައްސާފައި އިން ތޭރިގަނޑު ބަނޑިވާން ފެށިއެވެ.
“މިފަހަރަކު ކަލޭ ސަލާމަތް ވިއަކަށް ނުދޭނަން” ވަލީދު އަނެއްކާވެސް ކަރުދާސް ގަނޑަށް ވަޅި ހަރާލިއެވެ. އެއާއެކު މުޅި ސިޓިން ރޫމުގައި ގުގުމާލީ ޒަބޫރިޝްގެ ބަރު އަޑެވެ. އެންމެންގެ ކަންފަތްތައް ބެދިގެން ދިޔަ އެބާރު އަޑުން އެންމެންގެ ގައިން ހީބި ނަގައިގަތެވެ. ބިންމަތީ އޮތް ކަރުދާސްގަނޑު ނެގުމަށްފަހު ވަލީދު އެ ވީދާލާފައި އަލިފާންގަނޑު ތެރެއަށް ހޫރާލިއެވެ. ތަރަތަރަ ޖަހާގަތް އަޑަކާއެކު އެކަރުދާސްގަނޑު ރޯވެގެން ދިޔައިރު ހުޅުގަނޑުވެސް ދެގުނައަށް ބޮޑުވެގެން ދިޔައެވެ.
އިދިފުށަށް ވެއްޓުމާއެކު ޒަބޫރިޝް އޭނާގެ ބާރު އަޑުން ހަޅޭލަވަން ފެށިއެވެ. ދިރި ހުއްޓާ ގަޔަށް ހުޅުޖެހުމުން އުޅޭހެން ޒަބޫރިޝް ގައިގެ އެތަން މިތަން ފޮޅަމުން ބިންމަތީ ތެޅެން ފެށިއެވެ. ގައިން އޮލަ ދުންތަކެއް އަރަމުން ދިޔައިރު މުޅި ތަނުގައި ހިފާފައިވަނީ ނޭފަތަށް އުނދަގޫވާ ވަހެކެވެ. ވަލީދުގެ އެތިފަހަރުން ޒަބޫރިޝް އަނދަނީކަން އެނގުނީ މުޅިތަނުގައި ދޮވަންފެށި މިނިމަސް އަނދާ ކުނި ވަހުންނެވެ. ޒަބޫރިޝްގެ އަޑާއެކު އެންމެންގެ ކަންފަތާ ހަމައަށް ފޯރީ ދާނިޝްގެ އަޑެވެ. ވަލީދު ހަދާލި އެތިފަހަރުން ޒަބޫރިޝްގެ އިތުރުން ދާނިޝްއަށްވެސް އަސަރު ކުރަނީއެވެ. ދާނިޝްގެ ވޭނީ ހަޅޭކުގެ އަޑު ކަންފަތް ބުޑުގައި ގުގުމާލުމާއެކު ޔީޝާއަށް ބޭއިހްތިޔާރުގައި ދާނިޝްއާ ދިމާއަށް ދުއްވާ ގަނެވުނެވެ.
“އާހްހް…” ނަމަވެސް ކުރިއަށް މާގިނަ ފިޔަވަޅެއް ނޭޅެނީސް ޔީޝާ ބިންމައްޗަށް ތިރިވިއެވެ. އޭނާގެ އަތުގައި ކަޅުވެފައި ހުރި ތަނުން ނަގާގަތް ދިލައިން ހީވީ ދޮން ކޮށްފައިވާ ދަގަނޑެއް އޭނާގެ ހަންގަޑުގައި ޖައްސާ ފިއްސާލިހެނެވެ. އަތުގައި އަތްއަޅައިގެން އިނދެ ޔީޝާއަށް ރޮވެން ފެށުނެވެ.
“ޔީޝާ..!!” ޔައީޝްއާއި އަފާ ޔީޝާގެ ކައިރިއަށް ތިރިވިއެވެ. ޔީޝާގެ ދެކޮނޑުގައި ހިފާ ޔީޝާ ހަމައަކަށް އަޅުވަން މަސައްކަތް ކުރިއެވެ. ނަމަވެސް އެއެންމެންވެސް ތިބީ އަނެކާއަށް އެހީވެވޭނޭ ހާލެއްގާ ނޫނެވެ. ދާނިޝްއަށް ވަމުން ދިޔަ ގޮތުން ހިތަށް އަސަރު ނުކުރާ އެކަކުވެސް ނެތެވެ.
ކުއްލިއަކަށް ދާނިޝްގެ އަތާއި ދެފައި ނުއަތަށް އެނބުރެން ފެށިއެވެ. އޭނާގެ މެދުހަށި މައްޗަށް އުފުލެމުން ދިޔައިރު ފުންނޭވާތަކެއް ލަމުން ދެއެވެ. ދާނިޝްގެ އަނގަ ހުޅުވިފައިވާއިރު އޭނާގެ ލޭނާރުތަށް ގިނަވެފައިވާ ދެލޯވެސް ވަނީ ބޮޑުވެފައެވެ. ދާނިޝްގެ ހަންގަނޑު ބައެއް ހިސާބު އަނދާފައިވާއިރު އެތަނުގައިގައި ޒަބޫރިޝްގެ ގައިގައި ހުރި ފަދަ ހަރު ބިހިތަކެއް ނަގަން ފެށިއެވެ. ދާނިޝްގެ ސިފަ އެފަދައިން ބަދަލުވާ މަންޒަރު ފެނުމުން ޒަބޫރިޝްގެ ޒަމާން ދިޔައީކަން ވަލީދުއަށް އެނގުނެވެ. ނަމަވެސް އެކަމާ އުފާ ނުވީ ދާނިޝް އަކަށްވެސް މާގިނަ ވަގުތު ތަކެއް ނެއްކަން އެނގޭތީއެވެ.
ހުޅުގަނޑު ކުޑަވެފައިވާ އަލިފާނުގެ ފަނޑު އަލިކަމުގެ ތެރޭގައި ދާނިޝްއަށް ވަމުން ދިޔަ ގޮތްވެސް އިތުރަށް ނުފެނުނީ ދާނިޝްގެ ގައިން އަރަމުން ދިޔަ އޮލަ ދުންތަކުގެ ސަބަބުންނެވެ. އެ އޮލަ ދުންތަކުގެ ސަބުން ތަންދޮރު ވަކިނުވެފައި އެންމެން ތިބި ނަމަވެސް ދުންތަކު ތެރެއިން އިވެމުންދިޔަ ފުންނޭވާތަކުގެ އަޑު ސާފުކޮށް އިވެމުން ދެއެވެ. އެހެނަސް އެއީ ދާނިޝް ނޫނީ ޒަބޫރިޝްގެ ނޭވާގެ އަޑުކަމެއް ޔަގީނެއް ނޫނެވެ. ފާއިތުވަމުން ދިޔަ ކޮންމެ ސިކުންތަކާ އެކީ އެ ނޭވާގެ އަޑުވެސް ފަނޑުވަމުން ދިޔައެވެ. ވަލީދު އެއްޗެކޭ ނުބުނާތީ ދާނިޝް އަދި ހައްވާދީ ކައިރިއަށް ދާން ނުކެރިފައި ތިބި އެންމެން ސިހުނީ ސިޓިން ރޫމުގައި ހުރި ހޮޅިބުރި ކުއްލިއަކަށް ނިވި ދިއްލުމުންނެވެ. ދެފަހަރަކު ހޮޅިބުރި ނިވި ދިއްލިފައި މުޅިތަނަށް އަލިވެގެން ދިޔައެވެ. އަނދިރީގައި ތިބެފައި ކުއްލިއަކަށް އަލިވުމުން އެންމެންގެ ލޯތަށް އައްޔަށް ހޭނެން އިރުކޮޅެއް ނެގިއެވެ.
“ދާނިޝް!!!! ނޫން! ދާނިޝް” އެންމެނަށް ހަމަހޭވެރިކަން ލިބިގެން ދިޔައީ ބިންމަތީ ދެކަކޫ ގާނާފައި ދާނިޝް ކައިރިއަށް ދިޔަ ޔީޝާގެ ރުއިމުގެ އަޑުންނެވެ. އޭރު ބަންޑުން ބިންމަތީގައި އޮތް ދާނިޝްގެ ހަރަކާތް ވަނީ ހުއްޓިފައެވެ. ޔައީޝް އާއި ވަލީދުވެސް ދާނިޝްއާ ދިމާއަށް ދުއްވާގަތެވެ. ޔާސިރުއާއި ޜާޝިދާ ދިޔައީ ވެއްޓިފައި އޮތް ހައްވާދީއާ ދިމާއަށެވެ. ހައްވާދީގެ ބޯނަގާ ރާޝިދާ އުނގުމަތީ ބާއްވާލަމުން ރާޝިދާ މަންމާއޭ ކިޔާ ގޮވަން ފެށިއެވެ. ހައްވާދީގެ ނޭފަތު ކުރީގައި ޔާސިރު އިނގިލި ޖައްސާލީރު ހައްވާދީ މަޑުމަޑުން ނޭވާ ލަމުން ދެޔެވެ.
“ދާނިޝް..!! ދާނިޝް؟” ދާނިޝްގެ ހަރަކާތެއް ނެތް ހަށިގަނޑު ގެނެސް ޔީޝާގެ އުނގުމަތީ ބާއްވާލަމުން ޔީޝާ ދާނިޝްގެ މޫނުގައި ހިފާ ތަޅުވާލިއެވެ. ދާނިޝް ލަސް ފުން ނޭވާތަކެއް ލަމުން ދާތަން ފެނުމުން ޔީޝާގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދުނެވެ. ދާނިޝްގެ އަތުގައި ހިފާ ބާރުކޮއްލެވުނީ ބޭއިހްތިޔާރުގައެވެ. ޔީޝާ އަނެއްކާވެސް ދާނިޝްގެ ނަމުން ގޮވާލުމުން ދާނިޝް ލަސްލަހުން އެސްފިޔަތަށް ތަޅުވާލިއެވެ. ޔީޝާއާ ހަތަރު ކަޅި ހަމަކޮއްލި ދާނިޝްގެ ލޮލަށް ޖަމާވެފައިވާ ލޭކަރުނަ ލޮލުގެ ހިމަކޮޅުން ކޯތާފަތް މައްޗަށް ރޮނގަކަށް ބަންޑުންވިއެވެ. ފުން ނޭވާއެއް އެތެރެ ކޮއްލާފައި ދާނިޝް ތުންމަތް ހަރަކާތް ކޮއްލިއެވެ. ނަމަވެސް ދާނިޝްގެ އަނގަޔަކުން މަޑު އާހެއް ފިޔަވާ އިތުރު އަޑެއް ބޭރެއް ނުވިއެވެ. ފައިން ފެށިގެން ގަޔަށް އަރައިގެން އަންނަ ތަދުގަނޑުން ދާނިޝްއަށް ކެތްވަނީކީ ނޫނެވެ. އިނގިލި ކުރިވެސް ހަރަކާތް ކޮއްލާނެ ހިތްވަރެއް ނެތިފައި ދާނިޝް ޔީޝާގެ މޫނަށް ބަލަން ހުއްޓެވެ. ނަމަވެސް ޔީޝާގެ ސޫރަ ފެނުނީ ހިނދުކޮޅަކަށެވެ. ވަށައިގެން މަންޒަރުތައް އަނދިރި ވަމުން ދިޔައިރު ޔީޝާގެ ސޫރަވެސް ލޮލުކުރިމަތިން ގެއްލެން ފެށިއެވެ.
“ކިހިނެއް.. ދާނިޝްއަށް ކިހިނެއް އެވަނީ؟” ދާނިޝްގެ ދެލޯ މެރި ލަމުން ދިޔަ ނޭވާ ލަސްވެފައި ފުންވާން ފެށުމުން ޔީޝާއަށް ތެޅިގަނެވުނެވެ. ހަށިފުރާ ނޭވާއެތެރެ ކޮއްލާ ބާރުމިނުގައި ނޭވާ ބޭރުކޮއްލާއިރު ނޭވާއާއެކު ދާނިޝްގެ ފުރާނަ ނުކުމެދާނެއޭ ހީވާން ފެށިއެވެ.
އެންމެންގެ ލޯތަށް ކުރިމަތީ ދާނިޝް އޭނާގެ ފަހުނޭވާ ބޭރުކޮއްލިއެވެ. ހަށިގަނޑުން ފުރާނަ ވަކިވެގެން ދިޔަވަގުތު އަތްފަޔަށް ބާރެއް ލެވުނު ނަމަވެސް ދެވަނަ ސިކުންތު ހަރަކާތް ހުއްޓި ތަޅުންގަނޑު މައްޗަށް ދެމުނެވެ. ޔީޝާގެ އަތުތެރޭވި ދާނިޝްގެ އަތްވެސް ސޮހިގެން ވެއްޓުނެވެ. ޔީޝާގެ އުނގުމަތީ އޮތް ބޯވެސް ކަނދުރާއިން ބާރުދޫވުމުން އެއްއަރިއަކަށް ވެއްޓުނެވެ. ގައިގައި ޖަހަމުން ދިޔަ ވިންދު މަޑުވަމުން މަޑުވަމުންގޮސް މުޅިން ހުއްޓުނެވެ. ދެންމެއަކާ ޖެހެންދެން ދާނިޝްގެ ހަށިގަޏޑުގައި މަސައްކަތް ކުރަމުން ދިޔަ ހިތާއި އެންމެ ހިމަނާރުތައްވެސް އެގުނަވަންތަކުގެ މަސައްކަތް ހުއްޓާލިއެވެ.
“ދާނިޝް.. ލޯ ހުޅުވަބަލަ… ކިހިނެއްވީ… ޕުލީސް ލޯހުޅުވަބަލަ..” ދާނިޝްގެ ދެކޮނޑުގައި ހިފާ ޔީޝާ ދާނިޝްގެ ހަރަކާތް ހުއްޓިފައިވާ ހަށިގަނޑު ތަޅުވާލިއެވެ.
“ޕްލީސް ޑޯންޓް ލީވްމީ.. ދާނިޝް.. ނޫން” ދާނިޝްގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ޔީޝާއަށް ރޮވެން ފެށުނެވެ. ދާނިޝްގެ ކޮނޑުގައި ހިފާ ކުރިއަށް ވުރެ ބޮޑަށް ތަޅުވާލިއެވެ.
“ޔީޝް! އައިމް ސޯ ސޮރީ” އެމަންޒަރު ބަލަން ކެތް ނުވެގެން އަފާ އައިސް ޔީޝާގެ ގައިގައި ފަހަތުން ބައްދާލިއެވެ. ނަމަވެސް ޔީޝާ އަފާގެ އަތް ފޮޅުވާލީއެވެ.
“ކީއްވެތަ އެކަކުވެސް ދާނިޝް ހޮސްޕިޓަލަށް ނުގެންގޮސް ތިތިބެނީ!؟؟ ވަލީދުބެ ދާނިޝްއަށް ކޮންމްވެސް ކަމެއް ކޮއްބަލަ.. ކީއްވެތަ ދާނިޝް އެހެން އޮންނަނީ.. ކީއްވެތަ ދާނިޝް ލޯ ނުހުޅުވަނީ.. ބުނެބަލަ.. ” ވަލީދުއާ ދިމާއަށް ބަލާލާފައި ޔީޝާ އެހެން ބުނީ ދާނިޝް ދެން ނުހޭލާނޭކަން ނޭގޭތީ ކަމެއް ނޫނީ ހަގީގަތް ގަބޫލުކުރަން ބޭނުން ނުވާތީ ކަމެއް ނޭނގެޔެވެ. ޔީޝާގެ ބަސްތައް އިވުމުން ވަލީދު ހިފަހައްޓާލައިގެން ހުރި ކަރުނަތަށް ދެލޯ ފޫދުއްވާލާ ކޯތާފަތް މައްޗަށް ބަނޑުންވިއެވެ. ނަމަވެސް އަވަސް އަވަހަށް ދެލޯ ފުހެލާފައި ޔީޝާއާ ވީ ފަރާތް ނޫން އަނެއް ފަރާތަށް އެނބުރުނެވެ.
“ޔީޝް.. ހީ އިޒް ނޯރ މޯރ.. ދާނިޝް ދެނެއް ނުހޭލާނެ..” ޔީޝާގެ ދެކޮޑުގައި ހިފާލަމުން ޔައީޝް ބުނެލިއެވެ.
“ދޮގެއް.. ކަލޭމެން ދޮގު ހަދަނީ.. އަހަރެންގެ ދާނިޝް މަރެއް ނުވާނެ.. ދާނިޝް މަރެއް ނުވޭ.. ދާނިޝް ތެދުވެބަލަ.. ބުނެބަލަ އެމީހުން އެބުނަނީ ދޮގެކޭ.. ދާނިޝް އަހަރެން ދުލެއް ނުކޮއްލާނެ..” ޔައީޝްގެ އަތުގައި އަޅާ ކޮއްޕާލާފައި ޔީޝާ ހަޅޭލަވައިގަތެވެ.
“ޔީޝް އަޑުއަހާބަލަ..” ޔީޝާގެ އަތުގައި ހިފަން އަތް ދިއްކޮއްލަމުން ޔައީޝް އަނެއްކާވެސް ބުނެލިއެވެ. ނަމަވެސް ޔީޝާ ޔައީޝްއާ ދުރަށް ޖެހިލިއެވެ. އެއަށްފަހު ޔީޝާ ހިނގާގަތީ ވަލީދުއާ ދިމާއަށެވެ.
“ކީއްވެ ދާނިޝްއަށް އެހެން ހެދީ.. ކީއްވެ މިކަމުގެ ތެރެއަށް ދާނިޝް ވެއްދީ.. ކަލޭ ހަމަ ގަސްތުގަ ދާނިޝް މަރާލީ.. އަހަރެންގެ ދާނިޝް އަނބުރާ ގެނޭ.. ދާނިޝް ކައިރީ އެއްވެސް ވާހަކައެއް ނުބުނާށޭ އަހަރެން ނުބުނަންތަ.. ކަލޭ އަހަންނަކަށް ވައުދެއް ނުވަންތަ.. ދެން ކީއްވެ.. ކަލޭ އެވާހަކަ ދާނިޝް ކައިރީ ނުބުނި ނަމަ އެއްވެސް ކަމެއް ނުވީސް.. ބަލާބަލަ.. ކަލެއާ ހުރެ ދާނިޝްއަށް ވީގޮތް” ވަލީދު ގިރުއާނުގައި ހިފާ ޔީޝާ ހަޅޭލަވަން ފެށިއެވެ. އިސްއުފުލާ ޔީޝާއާ ދިމާއަށް ބަލަން ނުކެރިފައި ވަލީދު އެ ހުރި ގޮތަށް ހުރީއެވެ. ޔީޝާ ދުރު ކުރާކަށް އޭނާ މަސައްކަތެއް ނުކުރެއެވެ.
ޔީޝާ އެހުރިހާ އެއްޗެއް އެބުނަނީ ލިބިފައިވާ ހިތްދަތިކަމުންކަން އޭނާއަށް އެނގުނަސް ޔީޝާ އެ ހާމަ ކުރީ ތެދުކަން ވަލީދު ގަބޫލު ކުރިއެވެ. ވަލީދު އެވާހަކަ ދާނިޝް ކައިރީ ނުބުނި ނަމަ މިހެނެއް ނުވީހެވެ. ދާނިޝްގެ މި ނިންމުމަށް ވަލީދު ދެކޮޅު ހެދި ނަމަވެސް ދާނިޝްއަށް އެހެނެއް ނުވީހެވެ. ޔީޝާއަށް އޭނާ ކުށްވެރި ކުރުމުގެ ހުރިހާ ހައްގެއް އެބައޮތެވެ.
“ޔީޝާ.. ހަމަ ޖެހިބަލަ.. ކޮންކަހަލަ ވާހަކައެއް ތިދައްކަނީ؟” ވަލީދުގެ ގިރުވާނުގައި ހިފަހައްޓައިގެން ހުރި ޔީޝާގެ ދެއަތުގައި ހިފާ ނައްޓުވަމުން ޔާސިރު ބުނެލިއެވެ.
“ބައްޕާ… ދާނިޝް.. އެމީހުން ދާނިޝް.. އެމީހުން ދާނިޝް މަރާލީ” ޔާސިރުގެ ގައިގައި އޮޅުޅާ ގަންނަމުން ޔީޝާ އަނެއްކާވެސް ރޯންފެށިއެވެ.
“ޝްޝްޝް ހުއްޓާލާ.. އެއްވެސް މީހަކު އަބަދަކު ކައިރިއަކު ނުހުންނާނެ. ކޮންމެ ވަގުތެއްގައިވެސް ވަކިވާން ޖެހިދާނެ.. އެކަމާ އަހަރެމެން ޖެހޭނެ ހިތްވަރު ކުރަން.. ނުރޮއެ.. ހުއްޓާލާ” ޔީޝާ ގެނެސް ގާތް ކޮއްލަމުން ޔާސިރު އެހެން ބުނިއިރު އޭނާއަށްވެސް ރޮވެނީއެވެ.
“ދާނިޝް… ދާނިޝް.. ކީއްވެ؟ ކީއްވެ އޭނަ ނުހުއްޓުވީ” ބޮލަށް ބަރުވެ ދެލޯ މެރެމުން ދިޔަ ޔީޝާ ކިޔާ ނުކިޔާ އެއްޗެއް ނޭނގެއެވެ. ނަމަވެސް އިރު އިރުކޮޅާ ދާނިޝްގެ ނަން އެދުލުން ބޭރުވެގެން ދެޔެވެ. ޔާސިރުގެ އަތުތެރޭ އޮތް ޔީޝާ ހަބަރު ހުސްވެގެން ވެއްޓުނެވެ.
“ޔީޝް! ދަރިފުޅާ!” ވެއްޓެން ދިޔަ ޔީޝާގެ ގައިގައި ހިފާ ޔާސިރުއަށް ހަޅޭލަވައި ގަނެވުނެވެ.
ދާނިޝް އާއި ޔީޝާ އަދި ހައްވާދީ ހޮސްޕިޓަލަށް ގެންދެވުނެވެ. ހައްވާދީ އާއި ޔީޝާ އަވަސް ފަރުވާދޭ ކޮޓަރީގައި އެޑްމިޓު ކުރެވުނެވެ. ޑަކްޓަރު ބެލުމަށްފަހު ދާނިޝްގެ މަރު ރެޖިސްޓުރީ ކުރެވުނެވެ. އެއަށްފަހު ލަސްނުކޮށް ހިނެވުމުގެ މަސައްކަތް ފެށުނެވެ.
ދާނިޝްގެ އާއިލާއަށް އެހަބަރު ދިނީ ވަލީދުއެވެ. ކަނޑު މައްޗަށް ގަބުރެއް އެރުވުން އެއީ ރަނގަޅު ކަމެއް ކަމަށް ނުދެކުމުން ދާނިޝް ވަޅުލަން ނިންމީ އެރަށުގައެވެ. އެއީ ދާނިޝްގެ އާއިލާވެސް ބޭނުންވި ގޮތެވެ. ދަންވަރުގެ ވަގުތެއްގައި ކުއްލިއަކަށް އެފަދަ ހަބަރެއް ލިބުމުން ދާނިޝްގެ އާއިލާ ތިބީ ޝޮކެއްގައެވެ. ނަމަވެސް ވީ އެންމެ އަވަހަކަށް ލޯންޗެއް ހިފައިގެން ޔީޝާމެންގެ ރަށަށް ދާން އެމީހުން ތައްޔާރުވިއެވެ. ފަތިސް ނަމާދަށްފަހު ދާނިޝް ވަޅުލާނެތީ މޫނު ބަލާލަންށެވެ. އެންމެ ފަހުފަހަރަށް ދެކިލުމަށެވެ.
ހޮސްޕިޓަލަށް ގެންދެވުނުތާ ދޮޅުގަޑީރު ފަހުން ޔީޝާ ހޭއެރިގޮތަށް ހުރީ ހިމޭންވެފައެވެ. މީހަކާ އަނގައި ނުބުނިތާ އިސްއުފުލާލާ މީހަކާ ހަތަރު ކަޅިވެސް ހަމަ ކޮށްނުލައެވެ. އެނދުމަތީގައި އީށިންދެ އިންއިރު ޔީޝާގެ ނަޒަރުވަނީ އަތަށް ގުޅާފައި އިން އައިވީ ކެނިއުލާއަށެވެ. އެންމެން ހީކުރީ ޔީޝާ ހޭއެރުމަށްފަހު ރުއިން ނުހުއްޓޭނޭ ކަމަށެވެ. ނަމަވެސް އެމީހުން ހީކުރިގޮތާ ހިލާފަށް ޔީޝާގެ ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ނުވެއްޓެއެވެ. އެދެލޮލުގައި ރަތްކަމެއް ހުރިނަމަވެސް ޔީޝާ ނުރޮއެވެ. ޔިޝާ އެގޮތަށް ކަންތައް ކުރުމުން އެންމެންގެ ކަންބޮޑުވުން އިތުރު ވީއެވެ.
“ޔީޝް.. ނުދާނަންތަ؟” އެނދުކައިރީ ހުރި ގޮނޑީގައި އިށީންނަމުން އަފާ ޔީޝާގެ އަތުގައި ހިފާލިއެވެ. ފުރަތަމަ ފަހަރަށް ޔީޝާ އިސްއުފުލާލާ އަފާއާ ދިމާއަށް ބަލާލިއެވެ. އަފާ އެއެހީ ދާނިޝްގެ މޫނު ބަލަން ނުދާނަންތޯކަން ޔީޝާއަށް އެނގެޔެވެ.
“މަޑު ކޮއްލާ.. އަންނާނަން ފުރޮޅުލީ ގޮނޑި ހިފައިގެން..” ޔީޝާ ތެދުވަންނަން އުޅުމުން އަފާ ބުނެލިއެވެ. ނަމަވެސް އަފާގެ އަތުގަ ހިފާ އެކަން ހުއްޓުވިއެވެ. ދާނިޝްއާ ހަމައަށް ޔީޝާ ދާން ބޭނުމީ ހިނގާފައެވެ. ޔީޝާ ހިނގާފައި ދާން ބޭނުންވާ ކަން އެނގުމުން އަފާ ޔީޝާގެ އަތުގައި ހިފިއެވެ. އެއްފަރާތުން ޔީޝާގެ ކޮނޑުގައި ހިފަހައްޓާގެން ހުރެ އަފާ ހިނގާގަތެވެ.
ދާނިޝް ބާއްވާފައި އޮތް ކޮޓަރިއާ ހިސާބަށް ދެވުނު އިރު ކޮޓަރިން ބޭރާ ހަމައަށް ވޭނީ ގިސްލުމާ ރުއިމުގެ އަޑު އިވެއެވެ. އެއަޑު އިވިފައި އެ ރޮނީ ދާނިޝްގެ މަންމައާއި ނިހާކަން ޔީޝާއަށް އެނގުނެވެ. ވަގުތުން ޔީޝާގެ ފިޔަވަޅު މަޑުޖެހުނެވެ. ކުރިއަށް ފިޔަވަޅެއް އަޅާލަން ނުކެރުނީއެވެ. ހޯލްވޭގައި ޔީޝާގެ އާއިލާއާ މީހުން ފިޔަވާ ތިބީ ނަހުވާންއާއި އާދިލްއެވެ. އެދެމީހުން ފެނުމުން ޔީޝާގެ ހިތަށް އުނދަގޫވިއެވެ.
“ޔީޝް ދައްތާ” ނަހުވާންގެ އަޑު އައީ ކުރެކިގެނެވެ. ރަތްވެފައިވާ ދެލޮލުންނާ ތެމިފައިވާ ކޯތާފަތުން ނަހުވާން އެހުރީ ވަރަށް ބޮޑަށް ރޮއެފަކަން އެނގެޔެވެ. އާދިލްވެސް ހުރީ އެހާލުގައެވެ. ނަހުވާންގެ މޫނަށް ބަލަން ނުކެރިފައި ޔީޝާއަށް އިސް ޖަހާލެވުނެވެ. ޔީޝާ ކުރިއަށް ފިޔަވަޅެއް އަޅާލުމުން ނަހުވާންވެސް ޔީޝާއަށް ތަން ދައްކާފައި ދޮރު ކައިރިން ދުރަށް ޖެހިލިއެވެ.
ލަސް ފިޔަވަޅުތަކުގައި ޔީޝާ އެތެރެއަށް ވަނެވެ. އޭރު ދާނިޝްގެ އެނދު ކައިރީ ފުރޮޅުލީ ގޮނޑިއެއްގައި ދާނިޝްގެ ބައްޕަ މުހަންމަދު އިނެވެ. މުހަންމަދުގެ ފައިބުޑަށް ޏާޒިޔާ ތިރިވެ އިންދެ ގިސްލާފައި ރޮނީއެވެ. އެދެމީހުން ކައިރީ ހުރި ނިހާވެސް ރޮނީއެވެ. ކޮޓަރީގެ އެއް ކަނެއްގައި ހުރި ވަލީދުގެ ލޮލަށްވެސް ވަނީ ކަރުނަ ޖަމާވެފައެވެ.
ކޮޓަރީގެ މެދުގައި ހުރި އެނދުގެ ބޯލާ ކޮޅުގައި ޔީޝާ ހުއްޓުނެވެ. މޫނު ފިޔަވާ މުޅި ހަށިގަނޑު ހުދު ފޮތިން ނިވާ ކުރެވިފައި ވާ ދާނިޝްއަށް ޔީޝާ ބަލާލިއެވެ. އޭނާގެ މޭގައި ތެޅެމުން ދިޔަ ހިތުގެ ވިންދު އަވަސް ވާނެ ފެށިއެވެ. މީގެ ކުރިން ނުކުރުވާ ފަދަ ހިތްދަތިކަމެއް ހިތަށް ވެރިވާން ފެށިއެވެ. މޭގައި މީހަކު ބާރަށް ހިފާ ފިއްތާލީމައި ކުރެވޭ ކަހަލަ އިހްސާސެއް ކުރެވެން ފެށިއެވެ. ހަށިގަނޑުގެ އެންމެ ހިމަ ނާރުތަކަށްވެސް ވޭން އަޅަނީއެވެ. ނޭވާ ހޮޅި ފިތި ބާރުވެ ނޭވާ ލާން އުނދަގޫވާން ފެށިއެވެ.
“ދާނިޝް…” އެނަން ދުލުން ބޭރުކޮއްލަން ބޭނުންވިއަސް ޔީޝާގެ ދުލަކުން އެންމެ އަޑެއްވެސް ބޭރެއް ނުވިއެވެ. އޭނާ ކިތަންމެ ވަރަކަށް ގޮވާ އާދޭސް ކުރިއަސް ދެން ދާނިޝްއަކަށް އޭނާގެ އަޑެއް ނީވޭނެއެވެ. ކިތަންމެ ވަރަކަށް ޔީޝާ ރޮއެ ހޭރުނަސް ދާނިޝްދެން އެނބުރި އޭނާގެ ގާތަކަށް ނާންނާނެއެވެ. އުމުރު ދުވަހަށް ދާނިޝް ޔީޝާއަށް ވަދާއުކީޔެވެ.
ދާނިޝްގެ އެނދުކައިރީ ދެކަކޫ ޖަހާލަމުން ޔީޝާ ހުދު ފޮތިގަނޑު މަތިން ދާނިޝްގެ ގައިމަތީ އަތް ބާއްވާލިއެވެ. އަބަދުވެސް އޭނާއަށް ހިމާޔަތްކަން ގެނެސްދޭ އެ ހޫނުކަން އިހްސާސް ކޮއްލުމަށެވެ. ނަމަވެސް އެހަށިގަނޑަކު އެއްވެސް ހޫނުކަމެއް ނެތެވެ. އެ ހަށިގަނޑަކު ދިރުމެއް ނެތެވެ. ދާނިޝްގެ މޫނުން ނަޒަރު ވަކިކޮށްނުލާ ޔީޝާ ހޭދަކޮއްލީ ހިތްދަތި ހިމޭން ވަގުތު ކޮޅެކެވެ. އެސޫރަ ހަނދާނުން ފިލާ ދާނެ ކަމުގެ ބިރަށް ހިތުގެ އެންމެ ފުންމިނުގައި އެސޫރަ ފަވާލިއެވެ. ލޯ ފޫދުއްވާލަން ތައްޔާރުވި ތާޒާ ހޫނު ކަރުނަތަށް ކޯތާފަތް މައްޗަށް ބަންޑުން ވާން ވާއިރަށް ޔީޝާ ދެލޯ ފުހެލިއެވެ. ޔީޝާ ރޯކަށް ބޭނުމެއް ނޫނެވެ. ޔީޝާ ރޯތަން ދާނިޝްއަށް ފެންނަން އެހިތް ނޭދެނީއެވެ. ދާނިޝްއަށް ދެން އޭނާ ނުފެންނާނޭކަން އެނގުނަސްމެއެވެ.
ދާނިޝްގެ މޫނާ ޔީޝާގެ ނަޒަރު ވަކިވެގެން ދިޔައީ ޔާސިރު އާއި ޔައީޝް އަދި އާދިލް ވަނުމުންނެވެ. އެމީހުންގެ ފަހަތުން އައި އެމްބިއުލާންސް ދުއްވާ ދެފިރިހެނުން ފެނުމުން އެމީހުން އެ އައީ ދާނިޝްގެ ހަށިގަނޑު ގެންދަންކަން ޔީޝާއަށް އެނގުނެވެ. ބޭއިހްތިޔާރުގައި އެނދުގެ ފޮތިގަނޑުގައި ހިފަހައްޓާގެން ހުރި އަތަށް ބާރުކޮށްލެވުނެވެ.
“ދަރިފުޅާ… ވަގުތު ޖެހިއްޖެ.. ދާނިޝް ގެންދަންވީ” ޔީޝާގެ ކޮނޑުގައި އަތް ބާއްވާލަމުން ޔާސިރު ބުނެލިއެވެ. ޔާސިރު އެހެން ބުނުމާއެކު ޔީޝާ ދެފަރާތަށް ބޯހޫރާލީ ދާނިޝް އޭނާއާ ދުރަށް ނުގެންދާށޭ ބުނާ ފަދައިންނެވެ.
“ޔީޝް.. ލެޓް ހިމް ގޯ” ޔީޝާގެ އަތް ފޮތިގަނޑުން ނައްޓުވާލަމުން އަފާ ޔީޝާގެ ގައިގައި ބައްދާލިއެވެ. ޔީޝާ ބޯޖަހާލަމުން އަފާގެ ކޮނޑުގައި ބޯއަޅާލިއެވެ.
މޫނު ނިވާ ކޮއްލުމަށް ދާނިޝްގެ މޫނުމަތީ ފޮތި އަޅާލި ވަގުތު ޔީޝާއަށް ދެލޯ މަރާލެވުނެވެ. މުއްކެވިފައިވާ ދެއަތް މެއާ ދިމާގައި އަޅާލެވުނީ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ.
ދާނިޝް ގެންދިޔަ މީހުންގެ ފަހަތުން ކޮޓަރީގައި ތިބި އެހެން މީހުންވެސް ބޭރަށް ނުކުތެވެ. އެންމެ ފަހުން ކޮޓަރިން ނުކުތީ ޔީޝާއެެވެ. ކޮޓަރިން ނުކުތުމަށް ފަހު ޔީޝާގެ މިސްރާބު ހުރީ އެހެން މީހުނާ ދުރަށެވެ. ޔީޝާއާ ކުޑަ ދުރު ކަމެއް ބަހައްޓާ އަފާ މަޑުމަޑުން ޔީޝާގެ ފަހަތުން ދިޔައެވެ. މިވަގުތު ޔީޝާ ބޭނުންވާނީ އެކަނިވެލަންކަން އަފާއަށް ރަނގަޅަށް ވިސްނެއެވެ.
ޔީޝާއަށް ހިނގުނީ އިރުކޮޅަކުއެވެ. ކަކުލު ހުޅުން ވާގިި ދޫވާހެން ހީވެގެން ޔީޝާ ބިންމަތީ ދެކަކޫ ޖަހާ އިށީނެވެ. ފާރުގައި އެއްކޮނޑު ޖައްސާލީ ހަށިގަނޑު ހިފަހައްޓާލާނެ ހަކަތައެއް ގައިގައި ނެތީމައެވެ. ޔީޝާގެ ތުރުތުރު އަޅާ ހުރި ދެއަތް ޖޯޑު ކޮއްލާފައި ގެންގޮޮސް ކެތްނުވާ ވަރަށް ތަދުވަމުން ދިޔަ ހިތާ ދިމާ މޭގައި ޖައްސާލިއެވެ. މިއޮތް ހުރިހާއިރު ހިފަހައްޓަން މަސައްކަތް ކުރަމުން ދިޔަ ކަރުނަތައް ހުރަހަކާ ނުލާ ކޯތާފަތް މައްޗަށް ބަންޑުން ވިއެވެ. ހަށިގަނޑު ތެރޭ އުފެދުނު ވޭން މަޑު ގިސްލުމެއް ފަދައިން ބޭރުވެގެން ދިޔައެވެ. އިތުރަށް އޭނާގެ ނަފްސު ހިފަހައްޓާލެވޭނޭ ހިތްވަރެއް ނުލިބުމުން އަޑުން އަޑު ނަގާ ރޮއެގަނެވުނެވެ.
“އަހަރެން ކިހިނެއް ދާނިޝްއާ ނުލާ އުޅޭނީ.. އަހަރެން ކިހިނެއް ދެން އުޅޭނީ.. ކީއްވެ ދާނިޝް… ކީއްވެ ތިހެން ތިހެދީ.. އަހަރެން ދެރަވާނެ ވަރު ނޭނގެނީތަ..” ގިސްލުމުގެ ތެރެއިން ޔީޝާގެ ހިތުގައިވި ޝަކުވާތަށް ބޭރުކޮށްލެވުނެވެ.
“ޔީޝް.!! ހެޔޮނުވާނެ ތިހާ ވަރަށް ނުރޮއެ.. ހިތްވަރު ކުރަން ޖެހޭނެ.. ޔީޝް ތިހާ ވަރަށް ރޯންވެއްޖެއްޔާ ބަލިވެދާނެ.. މިއީ ކެތްކުރަން ޖެހޭނެ ވަގުތެއް” ގިސްލެވެމުން ދިޔަ ޔީޝާގެ ކައިރީ ތިރި ވެލަމުން ޔީޝާ ބުނެލިއެވެ. ނަމަވެސް ޔީޝާގެ ރުއިން ވީ ގަދައެވެ. އަފާގެ ގައިގައި ބައްދާގެން އިނދެ ޔީޝާ ރޮމުން ދިޔައެވެ.
ދާނިޝްގެ ޒަނާޒާގެ ކަންތައް ނިމި އެންމެން ގެޔަށް ދެވުނު އިރު އިރު އަރަން ކައިރި ވެއްޖެއެވެ. ޔާސިރު އާއި ރާޝިދާ ހައްވާދީ ކައިރިއަށް ހޮސްޕިޓަލަށް ދިޔުމުން އަފާ އާއި ޔައީޝް އަދި ޔުމްނާ ޔީޝާ ގޮވައިގެން ގެޔަށް ދިޔައެވެ. އެންމެންގެ މޫނުމަތީ ވަނީ ހިތާމައިގެ ސާލެއް ލެވިފައެވެ. އަވަހަށް ފަސޭހަ ނުވާނޭ ފަދަ ފާރުގަނޑެއް ހިތުގައި އުފެދިފައެވެ.
ދާނިޝްގެ އާއިލާއާ އެކު ވަލީދުވެސް ރަށަށް ދާން ތައްޔާރުވިއެވެ. ދަބަހަށް އޭނާ ގެންގުޅޭ އެއްޗެހިތައް އެޅުމަށް ފަހު އެކޮޓަރީގައި ހުރި ދާނިޝްގެ ސާމާނުތައްވެސް ދާނިޝްގެ ދަބަހަށް އެޅިއެވެ. ކޮޓަރިން ނުކުތުމުގެ ކުރިން ވަށައިގެން ބަލާލީ ހަނދާން ނެތިވެސް ދަބަހަށް އެއްޗެއް ނުލެވި އޮތް ތޯއެވެ. އެއްލި ކަޅިއަކުން އެނދުމަތީ ހުރި ބާލިސްތަކަށް ބަލާލެވުނު ތަނާ ވަލީދުގެ ހަނދާނަށް އައީ އިއްޔެ ހަވީރު ދާނިޝް ބާލީސްތަކު ދަށަށްލާ ފޮރުވި ފޮތް މަތިންނެވެ. އަވަސް ފިޔަވަޅުގައި ވަލީދު އެނދާ ދިމާއަށް ހިނގާގަތެވެ. ބާލީސްތައް އެއްފަރާތް ކޮއްލާފައި އެ ފޮތް ނެގިއެވެ. 80 ސަފްހާގެ ކުޑަ ލިޔާ ފޮތުގެ ސަފްޙާތައް ބަލާލިއެވެ. ފޮތުގެ މެދެއްހާ ހިސާބުގައި ލިޔެފައިވާ މަދު ފޮޅުވަތްތައް ފިޔަވާ އެހެން އެއްޗެއް އެފޮތަކު ނެތެވެ. ލިޔެފައި އޮތް އެއްޗެއްގެ ފުރަތަމަ ފޮޅުވަތް ކިޔާލާފައި ވަލީދު ފޮތް ލައްޕާލިއެވެ.
އިތުރަށް އެ ލިޔެފައިވާ އެއްޗެއް ކިޔުމުގެ ހައްގެއް އޭނާގެ ނެތީމައެވެ. އެފޮތް ދާނިޝްގެ ދަބަހަށް ލީ އެފޮތުގެ ހައްގުވާ ފަރާތަށް އެފޮތް ރައްދު ކޮށްދިނުމުގެ ނިޔަތުގައެވެ. ނަމަވެސް އޭނާއަކަށް ޔީޝާގެ ކުރި މައްޗަށް އަރާކަށް ނުކެރޭނެއެވެ. ދާނިޝްގެ މަރާއި މިހާރު ޔީޝާގެ ހާލާ މެދު އޭނާގެ އަމިއްލަ ނަފްސު ވަލީދުއަށް ކުށްވެރިކުރެވެނީ އިންތިހާއަށެވެ.
ދާނިޝްގެ މަރަށް ހަފްތާއެއް ފުރިގެން ދިޔައެވެ. ނަމަވެސް ހިތަށް ލިބިފައިވާ ބުރަ ކަމާއި ހިތާމައަކަށް އެއްވެސް ލުއިކަމެއް ނުލިބެއެވެ. ގޭތެރޭގައި މީހަކު ސަމާސާ ކޮއްލާ ވާހަކަ ދައްކާލާ އަޑު ނީވޭތީ ވެރިވެފައިވަނީ ފަޅުކަމެކެވެ. އެންމެންވެސް ގިނަ ވަގުތު ހޭދަކުރަނީ ކޮޓަރީގައެވެ. ޔީޝާގެ އިތުރުން އެހެން މީހުނަށްވެސް މިހާރު އެ ގޭގެ ސިޓިން ރޫމަށް ނުކުމެ އުޅެން ދަތިވަނީއެވެ. އެރޭގެ ހަނދާންތައް ހިތުން ނުފިލާތީއެވެ.
ޔީޝާގެ ހާލު އިތުރަށް ގޯސް ނުވިއަސް ރަނގަޅެއްވެސް ނުވެއެވެ. ބަސްމަދުވެފައި އަބަދުވެސް ހުންނަނީ ކަމަކާ ވިސްނާށެވެ. ކޮޓަރިން ބޭރަށް ނުކުމެލާ މީހުނާ ވާހަކަ ދައްކާލުން އެއީ ޔީޝާއަށް މިހާރު އުނދަގޫ ކަމެކެވެ. އަބަދުވެސް ބޭނުންވަނީ އެކަނިވުމެވެ. ކޮޓަރި އަނދިރި ކޮށްގެން އިނދެ ބައެއް ފަހަރު އަމިއްލައަށް ވާހަކަ ދައްކާ ހަދައެވެ. ހަމަ ނިދި ނުލިބޭއިރު ގިނަފަހަރަށް ނިދޭނީވެސް ރޮއެ ރޮއެ ވަރުބަލިވެގެނެވެ. ބަނޑު ފުރެންދެން ކާއެތިކޮޅެއް އަރުތެރެއަށް ނުލާތީ ކުރިއަށް ވުރެވެސް ޔީޝާ ބަލިކަށި ކަމަށް ދައްކައެވެ. ޑަކްޓަރަށް ދެއްކުމުން ލިބިފައިވަނީ ހިތްދަތި ޖަވާބެކެވެ. ކުއްލިއަކަށް އެފަދަ ބޮޑު ހިތްދަތި ކަމެއް ލިބުމުން ޔީޝާގެ ސިކުނޑިއަށް އަސަރު ކޮށްފައެވެ. ބޭހަކުން ޔީޝާއަކަށް ފަރުވާއެއް ނެތެވެ. އެހެން ކަމުން ޔިޝާގެ އާއިލާ ގިނަ ވަގުތު ހޭދަ ކުރަނީ ޔީޝާ ކައިރީގައެވެ. ޔީޝާ އެކަމާ ނުރުހުނަސް ޔީޝާ އެކަނި ދޫކޮށްލަން ނުކެރޭތީއެވެ. މާބޮޑަށް މާޔޫސްވެ ޔީޝާ މޮޔަކަމެއް ކޮށްފާނެކަމުގެ ބިރަށެވެ.
އެއްދުވަހެކެވެ. މެދުގޯތި ތެރޭ ހުރި ޖޯލީގައި އޮށޯވެ އޮތް ޔައީޝް ސިހުނީ ދޮރާށި ކައިރިން ސަލާމް ގޮވާލި އަޑު އިވިފައެވެ. ބޯ ހިއްލާލާފައި ސަލާމް ބަލާގަތް އިރު ދޮރުމަތީ ހުރީ އާދިލްއެވެ. އާދިލް ފެނުމުން ޔައީޝް ކުޑަކޮށް ހައިރާންވިއެވެ. އާދިލް ކޮނޑުގައި ދަބަހެއް އޮތްއިރު އާދިލް އެއައީ ލެފިގޮތަށް ސީދާ އެގެޔަށް ކަން ޔައީޝްއަށް އެނގުނެވެ.
“އާދިލް… ވަދޭ އެތެރެއަށް… ހާދަ ދުވަހެއް ކޮއްލާފަ މިފެނުނީ” ޖޯލިފަތިން ތެދުވެ އާދިލް ކައިރިއަށް ދަމުން ޔައީޝް އަހާލިއެވެ.
“އާން.. މިއައީ ކުޑަ ކަމަކު.. ޔީޝާ ކޮބާ؟ އޭނަ ރަނގަޅުތަ؟” އާދިލް އަހާލިއެވެ.
“ޔީޝް އެހާ ރަނގަޅެއް ނޫން.. އެއްގޮތަކަށްވެސް ވާހަކައެއް ނުދައްކާ.. އަބަދު ރޮނީ.. ހަގީގަތަށް ބުނަންޏާ އެއީ މިހާރު ކުރީގެ ޔީޝްއެއް ނޫން..” ޔައީޝް އެހެން ބުނެލީ މާޔޫސްވެފައެވެ.
“ނާޒިޔާ ދައްތަވެސް ވަރަށް ހާލު ދެރަވެގެން ހޮސްޕިޓަލުގަ ބޭއްވި.. އެއީ ދާނިޝްގެ އަސްލު މަންމަ ނޫނަސް އުމުރުން 10 އަހަރުންސުރެ އަމިއްލަ ދަރިއެއް ފަދައިން ބެލީ ނާޒިޔާ ދައްތަ.. ދާނިޝް ނެތީމަ ވަރަށް ފަޅު.. އެއްވެސް ކަމެއް ކުރާ ހިތެއް ނުވޭ..” އާދިލް އެހެން ބުނުމުން ޔައީޝް ބޯޖަހާލާފައި އާދިލްގެ ކޮނޑުގައި ޖަހާލިއެވެ.
“އާން… އަހަރެންނަށް ދާނިޝް އެނގުނީ ވަރަށް ކުޑަ ދުވަސްކޮޅަކަށް.. އެކަމު އަހަންނަށްވެސް ފަޅުކަން އިހްސާސް ކުރެވެނީ އިންތިހާއަށް.. ހިނގާބަލަ ޔީޝް ކޮޓަރިއަށް.. ފަހަރެއްގަ އާދިލްއާ ވާހަކަ ދައްކަފާނެ” ޔައީޝް ބުނެލިއެވެ.
“ޔީޝް.. ބަލާލަ.. މިހިރީ އާދިލް. ޔީޝް ހޯދަން އައިސް” ޔީޝާގެ ކޮޓަރި ދޮރުގައި ޖަހާލާފައި ހުޅުވާލަމުން ޔައީޝް ބުނެލިއެވެ. ކޮޓަރި އަނދިރި ކޮށްގެން އިން ޔީޝާއަށް ޔައީޝްގެ އަޑު އިވުމުން އިސް އުފުލާލާ ބަލާލިއެވެ.
“އެތެރެއަށް ވަންނަންތަ؟” އާދިލް އަހާލީ ޔީޝާ ކައިރީގައެވެ. ބޯޖަހާލަމުން ޔީޝާ އެނދުން ތެދުވެ އައިސް ސުވިޗު ޖައްސާލިއެވެ.
“ޔީޝް ކިހިނެއް؟ މިހާރު ކައިފިންތަ؟” އާދިލް އަހާލިއެވެ. ޖަވާބުގައި ޔީޝާ ބޯޖަހާލީއެވެ.
“އަސްލު އަހަރެން މިއައީ ޔީޝްއަށް އެއްޗެއް ދޭން.. ނިހާ ބުނެގެން މި ޔީޝްއަށް ރައްދު ކޮށްދޭން” ކޮނޑުގައި އޮތް ދަބަސް ބާލަމުން އާދިލް ބުނެލިއެވެ.
“ކޯއްޗެއް؟” ޔީޝަ މަޑުމަޑުން އަހާލިއެވެ.
“ނޭނގެ.. ނިހާ ބުނީ މިދަބަސް ޔީޝްއަށް ދޭށޭ.. މިއީ ޔީޝްގެ އެއްޗެކޭ..” އެނދުމަތީ ދަބަސް ބާއްވާލަމުން އާދިލް ބުނެލިއެވެ.
“ޔީޝް އެއްވެސް ކަމެއް ބޭނުން ވަންޏާ އަހަރެން ކައިރީ ބުނާތި.. އަހަރެންވެސް ދެކެނީ ތިއީ އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް ގޮތުގަ.. އަދި އެއްވާހަކަ.. ދާނިޝްއަށް ދިމާވި ކަންތައް އެއީ ޔީޝްގެ ކުށެއް ނޫން.. އަހަރެންވެސް އަދި އެހެން މީހުންވެސް އެކަމުގައި ޔީޝް ކުށްވެރިއެއް ނުކުރާނަން.. އެހެންވީމަ ޔީޝްވެސް އަމިއްލައަށް ބުލޭމް ނުކުރާތި އިނގޭ.. އަހަރެން މިދަނީ.. އިންޝާﷲ އަދި ބައްދަލުވާނެ” އާދިލް އެހެން ބުނެފައި ޔައީޝް އާއެކު ޔީޝާގެ ކޮޓަރިން ނުކުތެވެ.
އެމީހުން ދިޔުމުން ޔީޝާ ކޮޓަރީގެ ދޮރު ލައްޕާ ތަޅުލިއެވެ. އަދި އެނދުމަތީގައި އިށީންދެފައި ދަބަސް ހުޅުވާލިއެވެ. އޭގައި އޮތް ކެމެރާ ފެނި ޔީޝާގެ ހިތް އަވަސްވިއެވެ. އެއީ ދާނިޝްގެ ކެމެރާއެވެ. ދާނިޝްއާ އެންމެ ފުރަތަމަ ބައްދަލުވި ދުވަހު ދާނިޝް ގެންގުޅުނު ކެމެރާއެވެ. އުނގުމަތީ ކެމެރާ ބާއްވާލާފައި ޔީޝާ ދަބަހުގައި އޮތް ތުނި ލިޔާ ފޮތް ނެގިއެވެ. އެއީ ކޯއްޗެއް ބާއޭ ހިތަށް އަރާ ޔީޝާ އެފޮތް ހުޅުވާލިއެވެ.
ގަނޑުތައް އުކަމުން ދަނިކޮށް ނޫކުލައިގެ ދެލިން ލިޔެފައި އޮތް ސަފްހާއެއް ފެނުނެވެ. އެ ލިޔުން ފެނިފައިވެސް އެއީ ދާނިޝްގެ އަތުލިޔުންކަން ޔީޝާއަށް އެނގުނެވެ. ލިޔެފައިވާ އެއްޗަކާ މެދު ޝައުގު އުފެދިފާ ޔީޝާ ކިޔަން ފެެށިއެވެ.
” އަހަރެންގެ ލޯބިވާ ޔީޝާ އަށް… އެންމެ ފަހުފަހަރަށް ނަމަވެސް އަހަންނަށް ޔީޝްއާ މިވާހަކަ ދައްކާލާނެ ފުރުސަތެއް ނުލިބި ދާނެތީ އަހަރެން މި ލިޔަނީ ކޮންމެވެސް ދުވަހަކުން މިފޮތް ޔީޝާއަށް ލިބޭނެ ކަމުގެ އުންމީދުގަ.. ކުއްލިއަކަށް މި ނިންމި ނިންމުމުން އަހަރެންނަށް ދެން ޔީޝާ ނުފެނިދާނެކަމުގެ ބިރު ވަރަށް ބޮޑަށް ހީވާތީ.. އެކަމު އަހަރެންގެ މި ނިންމުމުން ޔީޝްއަށް ޔީޝްގެ ކުރީގެ ނޯމަލް ލައިފް ލިބިއްޖެނަމަ އަހަރެންގެ އެއްވެސް ރިގްރެޓްސް އެއް ނެތް.. މިވަގުތު އަހަންނާ މެދު ޔީޝާގެ ހިތުގައި ޝަކުވާ އުފެދިފައި ވާނެ ކަންވެސް އެނގޭ.. ޔީޝްއާ އެއްވެސް ކަމެއް އަންގާ ނުލާ މިފަދަ ނިންމުމެއް ނިންމަން ޖެހުނީމަ އަހަރެންވެސް ދެރަވޭ.. އަހަންނަށް މާފްކުރޭ.. މިހާ ސެލްފިޝް ނިންމުމެއް އަހަރެން ޔީޝްއަށް އަންގާ ނުލާ ނިންމިިކަމަށް ވަރަށް ބޮޑަށް ސޮރީ.. އަހަރެން މިގޮތަށް ކަން ކުރަން ބޭނުންވީ ޔީޝްއަށް އަނިޔާއެއް ވާތަން ބަލާނޭ ހިތްވަރެއް އަހަރެންގެ ނެތީމަ.. އަހަންނަށް އެނގޭ މިއީ ވަރަށް ފިނޑި ނިންމުމެއްކަން.. އަހަންނަށް މާފްކޮށްދީ.. އަހަންނާ ދޭތެރޭ ހިތް ބުރަ ނުކުރާނެ ކަމަށް އުންމީދު ކުރަން.. އަހަރެން ޔީޝާ ދެކެ ލޯބިވޭ.. ވަރަށް ބޮޑަށް ލޯބިވޭ.. ޔީޝްވެސް އަހަރެންދެކެ އެވަރަށް ލޯބިވާކަން އެނގޭ.. އެކަމު ޔީޝް އަހަންނާ މެދު ހިތާމަކުރުމުގަ އުމުރު ދުއްވާލާކަށް ނޭދެން.. ޔީޝްގެ ލައިފްއާގެން މޫވްއޮން ކުރުމަކީ އަހަރެންގެ ވަރަށް ބޮޑު އެދުމެއް.. އަހަރެން ކުރާ ވަސިއްޔަތެއް… ހަނދާންވޭތަ އަހަރެމެން ޝޫޓިން ޝްޓާ ބަލަން ދިޔަ ރޭ.. އެރޭ އަހަރެން ބުނީމެއްނުން އަހަރެން ކުރި ވިޝް ބުނާނީ އެ ވިޝް ފުރިހަަމަ ވީމައޭ.. އެކަމު އަހަރެންގެ ވިޝްއެއް ފުރިހަމައެއް ނުވި.. ޔީޝް އާއެކު މެރިޑް ލައިފްއެއް. އަދި ލޯބި ކުދިންތަކެއް ހޯދުމުގެ ނަސީބެއް ނުލިބުނު.. އެކަމުގަ އަހަރެންގެ ޝަކުވާއެއް ނެތް.. ޔީޝް އުފަލުގައި ހުންނަހާ ހިނދަކު އަހަރެންވެސް ހުންނާނީ އުފަލުގަ…. އަހަރެން ބޭނުން ވަނީ އަބަދުވެސް ޔީޝް އުފަލުގާ ހުންނަން.. އަހަންނާ އެކުގައި ނޫނަސް….”
ލޮލަށް ޖަމާވި ކަރުނަޔާ އެކު ދެލޯ ފުސްވެގެން ދިޔުމުން ޔީޝާއަކަށް އިތުރަކަށް ކިޔާނޭ ހިތްވަރެއް ނުލިބުނެވެ. ފޮތަ ލައްޕާލާފައި ޔީޝާ މޫނުގައި އަތް އަޅާލިއެވެ.
“އައި ހޭޓް ޔޫ.. އައި ހޭޓް ޔޫ ސޯމަޗް.. ދާނިޝް ތިގޮތަށް ކަންތައް ކުރީމަ އަހަރެން ކިހިނެއް އުފަލުގަ އުޅޭނީ.. އަހަރެން ކިހިނެއް ދާނިޝް މަތިން ހަނދާން ނައްތާލާފަ މޫވްއޮން ކުރާނީ..”
ހަގީގީ ލޯބި ވެވޭނީ އެންމެ ފަހަރަކުއޭ މީހުން ބުނެއެވެ. އެލޯބި ޔީޝާއަށް ވެވުނީ ދާނިޝް ދެކެއެވެ. ކިތަންމެ ދިގު އިންތިޒާރެއް ކުރި ނަމަވެސް ދާނިޝް ލިބުމުގެ ނަސީބެއް ޔީޝާއަކަށް ނެތެވެ. އެއީ ގަބޫލު ކުރަން ދަތިވިއަސް ހަގީގަތެވެ. ދާނިޝް މަތިން ހަނދާން ނައްތާލާ އާ ދިރިއުޅުމަކާގެން ދިޔަޔަސް ޔީޝާއަށް ދެން އެހެން މީހަކު ދެކެ އެވަރަށް ލޯބި ނުވެވޭނޭކަން ޔަގީނެވެ. އެހެން ދިރިއުޅުމެއް ފަށާނެހާ ހިތްވަރު ލިބޭނޭ ކަމެއްވެސް ޔީޝާއަކަށް ނޭނގެއެވެ. ދާނިޝްގެ މަރަށްފަހު ޔީޝާގެ ދިރިއުޅުމަށް އެޅިފައިވާ ބަދުނަސީބުގެ ހިޔަނީގެ އަނދިރިކަން އުމުރު ދުވަހަށް ދެމިގެން ދިޔައީއެވެ. އަދި އެ އަނދިރިކަން އެހެން މީހެއްގެ ހަޔާތަށް އެޅުނަ ނުދޭން އަމިއްލަ ނަފްސާ ވައުުދު ވެވުނެވެ. ލޯތްބާއި ހިތްހަމަ ޖެހުން އަދި އުފާވެރިކަން ޔީޝާގެ ތަގުދީރުގައި ލިޔެވިފައި ނެތީއެވެ. އޭނާގެ ހަޔާތަށް ބަދުނަސީބުގެ ހިޔަނި އެޅުނު ދުވަހުން ފެށިގެން އެކަންތައް އެގޮތަށް ލިޔެވިގެން ދިޔައީއެވެ.
(ނިމުނީ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.




Alheyyyy. Nimuneetha?? Hama aslah ves rovijje. Yeesha fakeeru dhoa. Then hama hiyy falhaigen dhiyaeee. Dhaanish akeee haadha rangalhu boyfriend ekey. Dhen hama heevaneee story thereyga huregen kanthah vaahen. Mi story akeee mulhi esfiya in ves emmmmme reethi story ingey. Haadha reecheyyy. Dheem n ekku thieee hama varah molhu author eh. Komme episode akah comment nukiriyas hama baraabarah mi story kein ingey. Alheyyyyy hama dhera vanyy ey?????. Dheem and ekku new story eh liyaanantha. Pls liyahcheyyyy. And i hav something personal to share . So if u want here is my insta username ingey. Varah important vaahaka eh ahaalan. Pls follow me. Username ; gigicarlox907.
Dheem n ekku ge furathama vaahaka ves mi vaahaka ves vvvvvvvvvvvvvvvvvvvvv rythi ingey. This story will be forever in my heart
Stay safe
Lysm
❤❤❤❤❤❤
And pls do follow me on insta cox its important
Thank you so much… ❤️❤️❤️ I really appreciate your comment ?
take care and stay safe ??
Finally we have come to the end of this story. It’s a 7 month of long journey. And we really appreciate the reader opinion about this story.
we know that some of you might not like the way we ended this story but mi mee happy ending eh genna kahala story ehkama nudhekeythee migothah nimun genaee. we hope you liked every part of this story.
we hope you enjoyed reading this story as much we enjoy writing them.
vaahaka aa medh kiyuntherinnge hiyaalu comment section gai share kollun eii alhuganduge v bodu edhumeh. liyumugai rangalhu kollan jehey kanthah vess bunela dheythi so we can improve them in our next story.
Hurihaa kiyuntherinnaves Dheem and Eekku ge faraathun v bodah thanks ❤️❤️❤️❤️❤️
Take care all. And stay safe ????
Dheem n ekku ur my favourite of allll timeeeee. I really love u gyx. Oh im happy to hear that ur writing a new storyyy.. Dheem n ekku pls follow me on insta i hav smthing to share. ?love the storyyyyyyy
Stay safe
Lysm
Bye
salaam hurihaa kiyuntherinnah..
badhu naseebuge hiyani elhumun ge main story mihaaru miothy nimumakah ais. but we have decided to upload a bonus chapter for you guys as an advanced Eid gift. ?? Bonus chapter ah wait kollachey.
Insha Allah it will be uploaded this week
Eid Mubarak in advance ❤❤?
Masha Allah ❤ this story is amazing… but very sad yeesha ah and dhaanish ah… adhives rovey dhaanish maruvaakan hithah eriyas… but varah ufa vehje eid ah mi story ge bonus chapter eh neredhey nethin… anyway love the story… my favorite story badhunaseebuge hiyani ❤ hope to see you soon in next story…
Love you sis?
Take care?
Awwn Taengoo thank you so much.. Asluves ending very heart breaking dhw.. but every love story doesn’t end happily dhw..
Insha Allah varah avahah when story eh fashaanan.
take care ❤️❤️