ހިތް ބޭނުމޭ ދުލުން 10
ރޭގަނޑުގެ ކެއުމުގެ ވަގުތުގައި ވޯޓަރ ކްރިސްޓަލް ގޭގެ އެންމެން ބައިވެރިވިއެވެ. އެކި ވާހަކަތައް ދައްކަމުން ގޮސް އެންމެން ވެސް އެ މީހަކު ދައްކަމުން ދިޔަ ވާހަކަ މެދު ކަނޑާލީ ޝައިމާ ވާހަކައެއް ބުނަން ބޭނުންވާ ކަމަށް ބުނުމުންނެވެ. “ކިހިނެއް ވީ” އަނގަޔަށް ބަތް ސަމްސަލެއް ލަމުން ޒިޔާނާ ބުނެލިއެވެ. ޝައިމާ ބަލާލީ ހާނިމް އާ ދިމާލަށެވެ. ހާނިމް ބޯ ޖަހާލުމާއިއެކު ޝައިމާ ވާހަކަ ދައްކަން ފެށިއެވެ. “ދޮންދައްތާ.. އަހަރެމެންނަށް..” އެހިސާބަށް ބުނެލުމަށްފަހު ޝައިމާ ވާހަކަ މެދުކަނޑާލުމަށްފަހު އިސްޖަހާލިއެވެ. އެވަގުތު ހާނިމް ޝައިމާގެ އަތުގައި ހިފާލުމަށްފަހު އެއަތަށް ފިތާލީ ޝައިމާ ލަދުގަނެފައި އިންކަން ފާހަގަވެގެންނެވެ. “ކިހިނެއްތަ ވީ ދަރިފުޅާ” ޒިޔާނާ ޝައިމާ އަދި ހާނިމްއާ ދިމާލަށް ބަލާލިއެވެ. “އަހަރެމެންނަށް ބޭބީއެއް ލިބެނީ” ލަދުން އިނދެ ނަމަވެސް ދެއަތް ދެއަތާ މޮޑެމުން ޝައިމާ ބުނެލިއެވެ.
އިވިގެން ދިޔަ ހަބަރަކުން ޒިޔާނާ އިނީ ހުއްޓުން އަރާފައެވެ. ނަމަވެސް އިރުކޮޅެއް ނުވެ ޒިޔާނާ ފެނުނީ ތެދުވެގެން ގޮސް ޝައިމާ ގައިގައި ބައްދާލި ތަނެވެ. “ދަރިފުޅާ ޝައިމާ.. ދޮންދައްތަ މިއަދު ވަރަށް އުފާވެއްޖެ.. އެތައް ދުވަހެއް ވަންދެން ދެކުނު ހުވަފެން ހަގީގަތަކަށް ވީތީ.. އިރާދަކުރެއްވީތީ ދޮންދައްތަ ގެ ދުއާ އިޖާބަ ކުރައްވާފި.. ދަރިފުޅު ދެން އެހާ ގިނައިން މަސައްކަތް ކޮށްހަދައިގެން ނުވާނެ..” ލޮތްބާއެކު ޝައިމާގެ ބޮލުގައި ފިރުމާލަމުން ޒިޔާނާ ބުނެލިއެވެ. “ތެދެއް ދަރިފުޅާ.. ދަރިފުޅު ވާނެ ގިނަގިނައިން އަރާމު ކުރަން” ސާޖިދުވެސް ހިނިތުންވެލައިގެން އިނދެ ބުނެލިއެވެ. ޝިމާން އާއި މިޝްޔާގެ ތުންފަތުގައި ވެސް ވަނީ ފުޅާ ހިނިތުންވުމެކެވެ.
ޝައިމާއަށް ސިހުންގެނުވީ ޝިމާން އައިސް ބައްދާލުމުންނެވެ. ޝައިމާވެސް އޭނާގެ ހުރި ހަމައެކަނި ލޯބިވާ ކޮއްކޮގެ ބޮލުގައި ފިރުމާލިއެވެ. މިޝްޔާ ވެސް ތެދުވެގެން އައިސް ޝައިމާގެ އަތުގައި ހިފާލުމަށްފަހު މަރުހަބާ ކީ އުފަލާއި އެކުއެވެ. ކޮންމެ އަކަސް އެރޭ ވެގެން ދިޔައީ ވޯޓަރ ކްރިސްޓަލް އަށް ވަރަށް އުފާވެރި ރެޔަކަށެވެ.
ގޭތެރެއިން މީހުން ހުސްވުމާއިއެކު ޒިޔާނާވެސް ގޭތެރޭގެ ހުރިހާ ކަމެއް ހަމަޔަކަށް އަޅުވާލުމަށްފަހު ކޮޓަރިއަށް ވަނީ ހިތްހަމަ ޖެހިފައި ހުރެގެންނެވެ. ޒިޔާނާ ކޮޓަރިއަށް ވަންއިރު ސިރާޖު އުޅުނީ ފާހަނައިގައި ކަމުން އެނދުގައި ޖައްސާލީ ވަރުބަލިވެފައި ހުރުމާއެކުއެވެ.
ސިރާޖު ފާހަނާއިން ނިކުތް އިރު ޒިޔާނާ އިނީ ފުން ވިސްނުމެއް ތެރޭގައެވެ. “ޒިޔާ” ޒިޔާނާގެ ކޮނޑުގައި އަތް ޖައްސާލަމުން ސިރާޖު ގޮވާލިއެވެ. “ސިރާޖު.. މިއަދަކީ އެ މަންޖެގެ ހަޔާތުގައި އައި އެންމެ އުފާވެރި އެއް ދުވަސް.. އެކަމަކު.. މި ދުވަސް ދެކެން ދޮންތަ އާއި ދޮންތަބެ ހުރިނަމަ ކިހާ އުފާވީސް” ކުރަކި ވެފައިވާ އަޑަކުން ޒިޔާނާ ބުނެލިއެވެ. “ޒިޔާ ދެން ދެރަ ނުވޭ.. ޒިޔާ ރޮންޏާ ޝައިމާ ކިހާ ދެރަ ވާނެ.. އަހަރެމެންގެ އުފަން ދަރިން ނޫނަސް އެއީ އަހަރެންގެ އަމިއްލަ ކުދިން.. އެހެން އަހަރެން ގަބޫލު ކުރާނީ..” ސާޖިދު ޒިޔާނާއަށް ހިތްވަރު ލައިދިނެވެ. ސާޖިދުގެ ނަސޭހަތާއިއެކު ޒިޔާނާވެސް ދެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލީ ދެން ނުރޯނަމޭ ބުނާ ފަދައިންނެވެ. “އަހަރެން ވަރަށް އުފާވެއްޖެ.. ތިކަހަލަ ރަނގަޅު ފިރިއެއް އަހަންނަށް ލިބުނީތީ.. އިންޝާﷲ ޝައިމާއަށް ލިބެން އެ އުޅޭ ދަރިފުޅު ވާނީ އަހަރެންގެ ފުރަތަމަ މާމަ ދަރިފުޅަށް” ޒިޔާނާ ހިނިތުންވެލަމުން ބުނެލިއެވެ. ސާޖިދުވެސް ހިނިތުންވެލަމުން ބޯ ޖަހާލިއެވެ. ޒިޔާނާ އިރުކޮޅަކު މަޑުކޮށްލުމަށްފަހު ފާހަނާއަށް ވަނީ ނިދުމުގެ ކުރިން ފެންވަރާލުމަށްށެވެ.
*********
ހެނދުނުގެ ހިތްފަސޭހަ ވަގުތު އައިޒަން ހުރީ ޖޮގިންއަަށް ދާން ތައްޔާރު ވެގެންނެވެ. އޭނާ މަޑުކޮށްލައިގެން ހުރީ އައިދަން އަންނަން ދެނެވެ.
އައިދަން ގެއިން ނުކުތްއިރު ހެވިފައި މީހަކަށް ޗެޓްކުރަން ހުރި އައިޒަން ފެނި އައިދަންގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. “އައްދެ ހާދަ ހެވިފައޭ.. ފަހަރިއަށް އަހަރެންގެ ސަލާމް” އައިޒަންގެ ކޮނޑުގައި ބާރަކަށް ޖެހިގަންނަމުން އައިދަން ބުނެލިއެވެ. އެއާއެކު އައިޒަން ދިޔައީ ސިއްސައިގެންނެވެ.
“ސާބަހޭ.. އެއީ މާއިން އޭ” ފޯނު ތިރިކޮށްލަމުން އައިޒަން ބުނެލިއެވެ. “ހޫން އޯކޭ އޭ.. ކޮބާތަ އެ ފިރިހެނާ.. ބުނޭ ގެއިން ނުކުމެގެން ހުންނާށޭ” ބޮލުގެ ތެރެއަށް އަތް މަހާލަމުން އައިދަން ބުނެލިއެވެ. ދެ މީހުންވެސް ވާހަކައިގައި ހުރެ މިސްރާބު ޖެހީ މާއިންމެން ގެއާ ދިމާލަށް ދިއުމަށެވެ.
ޒިޔާނާ އެވަރަށް ބުނުމުން ވެސް މަސައްކަތެއް ނުކޮށް ޝައިމާ އަކަށް ނުހުރެވުނެވެ. އެންމެފަހުން އޭނާ ގޮސް މާ ގަސްތަކަށް ފެން ޖަހަން ގެންގުޅޭ ހޮޅި ނަގާ ގަސްތަކަށް ފެން ޖަހަން ފެށިއެވެ. އިރުކޮޅެއް ނުވެ މިޝްޔާވެސް އައިސް ޝައިމާ ގާތު މަޑުކޮށްލިއެވެ. “ޝައި ދައްތާ.. އައިއެމް ސޯ ހެޕީ ފޯ ޔޫ.. އަސްލު ރޭގަ އުޅުނިން ތި ކޮޓަރިއަށް ދާން ވެސް..” ޝައިމާގެ އަތުގައި ހިފާލަމުން މިޝްޔާ ބުނެލިއެވެ. “ދެން ކީއްވެތަ ނައީ” މިޝްޔާ އާ ދިމާލަށް ބަލާލަމުން ޝައިމާ ވާހަކަ ދެއްކިއެވެ. “ދެން އަހަރެން ވެސް ބޭނުމެއް ނުވާނު ދޯ އަހަރެންގެ ސަބަބުން ޝައި ދައްތަ އެން ހާމްބެގެ އުފާވެރި ވަގުތުކޮޅު ސްޕޮއިލް ކޮށްލާކަށް.. ހެހެ” މިޝްޔާ ސަމާސާ ރާގަކަށް ބުނެލިއެވެ. ބަދަލުގައި ޝައިމާވެސް ހިނިގަނޑެއް ޖަހާލުމަށްފަހު ކައިރީގައި ހުރި ބެންޗުގައި އިށީދެލިއެވެ. އެތައް އިރަކު ދެ މީހުންވެސް ވާހަކަ ދައްކަން ތިއްބެވެ. ވާހަކައިގައި ތިބުމަށްފަހު ދެ މީހުންވެސް ސައި ބޯން ދިޔައީ ޒިޔާނާ ގޮވާލުމުންނެވެ.
********
ޖޮގިން ނިންމާލުމަށްފަހު ފެންވަރައި ތާޒާވެލައިގެން އައިދަން ކޮޓަރިން ނުކުތީ ސައިބޯން ދިއުމަށެވެ. އިރުކޮޅެއް ނުވެ އައިޒަން ވެސް އޭނާގެ ކޮޓަރިން ނުކުމެގެން އައިސް ސޯފާގައި ޖައްސާލިއެވެ. ޒާހިދާ ވެސް ކޮޓަރި ދޮރު މަތީގައި ދެދަރިންނާއި ދިމާލަށް ބަލަން މަޑުކޮށްލުމަށްފަހު އައިސް ސޯފާ ގައި އިށީދެލިއެވެ. އޭރު އައިޒަން އިނީ ފޯރީގައި ރީޝަމް އާއި މެސެޖް ކުރާށެވެ. އެކަން އައިދަންއަށް އެނގުމުން އެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. “މަންމާ އިނގޭތަ. ދޮންބެ މިގެއަށް ވަރަށް އަވަހަށް އަންހެން ކުއްޖަކު ގެންނާނެ..” ވައްކަޅިން އައިޒަން އާ ދިމާލަށް ބަލާލަމުން އައިދަން ބުނެލިއެވެ. އެއާއެކު އައިޒަން ދިޔައީ އެއްލިގެންނެވެ. އައި ރުޅިން އައިދަން ގައިގައި ޖެހުމަށް އަތް ނެގިއެވެ. ނަމަވެސް އައިދަން މާ ކުރިން ތެދުވެގެން ދުއްވައި ގަނެއްޖެއެވެ. ދެބެއިންގެ ސަކަރާތް ބަލަން ޒާހިދާ ހެވިލާފައި އިނެވެ.
އައިޒަން އަށް އައިދަން އަތުވީ އޭނާގެ ކޮޓަރިންނެވެ. އައިޒަން އައިދަންގެ އަތުގައި ހިފަހައްޓައިގެން ހުރެ ގޮސް އެނދުގައި ބޭންދުމަށްފަހު އައިދަންގެ ބޮލުގައި ޖަހާލިއެވެ. “ސޮރީ އޭ ދޮންބޭ..” އެންމެފަހުން އައިދަން ބުނެލިއެވެ. “ކޮން ސޮރީ އެކޭ ކިޔާކަށް.. ބުނަން.. ދާން ހިތަށް ވެސް ނާރުވާތި މީހަކާ ރައްޓެހިވާން ވެސް އިނގޭ.. އެދުވަހަކުން އަޑުގަދަކުރާއިން މުޅި މާލެއަށް އެކަން އަންގާނަން.. އަދި މި ފިރިހެނާއަަށް އިނގުނީ ވެސް މަންމަ ގާތުގަ ވިއްޔަ ގޮސް ބުނަން.. ދެން އަހަރެން ނުވާނެ ސަލާމަތެއް” އައިޒަން ބޮލުގައި ހިފަހައްޓާލައިގެން އިނދެ ބުނެލިއެވެ. އަނެއްކާ ވެސް އައިދަން އައިޒަންގެ ގާތުން މައާފަށް އެދުނެވެ. “ހޫމް އޯކޭ އޭ ދެން.. އެކަމް ބުނަން.. ދާން ކޮން އިރަކުންތަ މީހަކާ ރައްޓެހި ވަނީ.. އަޅެ ސަޅި ކުއްޖެއް ހަމަ ނުފެނޭތަ؟” އައިޒަންގެ ރުޅިގަނޑު ފިނިވުމުން އެންމެފަހުން އައިދަން އާ ސަމާސާއެއް ކޮށްލިއެވެ. “ކިހިނެއް ކުއްޖަކާ ރައްޓެހި ވާނީ.. ތި ބުނީނު އަހަރެން ކުއްޖަކާ ރައްޓެހިވާ ދުވަހަކުން މުޅި މާލެއަށް އެކަން އަންގާނަމޭ” އައިދަން ރައްދުގައި ބުނެލިއެވެ. ދެ މީހުންވެސް ސަކަރާތުގައި އެތައް އިރަކު ތިބުމަށްފަހު ކޮޓަރިން ނުކުތީ ޒާހިދާ ސައި ބޯން އައުމަށްބުނެ ގޮވާލުމުންނެވެ.
**********
ހަފްތާގެ ބަންދުނިމި ދުވަހަކީ ސްކޫލުތަކާއި ކޮލެޖްތައް ހުޅުވުނު ދުވަހެވެ. މަލްޝާ އާއި ރީޝަމް ވެސް ވާހަކައިގައި ހުރެ ހިނގަމުން ދިޔައީ ކޮލެޖާ ދިމާލަށް ދިއުމަށެވެ. ދެ މީހުންވެސް ހިޔާރުކުރީ ނާރސިންގް ކިޔެވުމަށެވެ. އެއާއެކު އެއްކޮލެޖަކަށް ދާތީވެ ދެ މީހުންނަށް ވެސް ވަރަށް ފަސޭހައެވެ. ރީޝަމް އާއި މަލްޝާ އާ ހިލާފަށް މިޝްޔާ ބޭނުންވީ ޑޮކްޓަރުކަން ކިޔެވުމަށެވެ. މިޝްޔާ މެލޭޝިޔާ އަށް ދިޔައީ ދެކެމުން ދިޔަ ހުވަފެން ހަގީގަތަކަށް ހެދާ މޮޅު ޑޮކްޓަރަކަށް ވުމުގެ ފޮނި އުންމީދުގައެވެ. އަދި އަބަދުވެސް އޭނާ އެދެމުން އައި އަންހެނުން ގެ ހާއްސަ ޑޮކްޓަރަކަށް ވުމުގެ ނިޔަތުގައެވެ. ހަމައެފަދައިން އީނާ ވެސް ބޭނުންވީ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކަށް ވުމަށެވެ. އަބަދުވެސް ދެކެމުން ދިޔަ ހުވަފެން ތަކުގައި ކުލަ ޖައްސައި ހަގީގަތަކަށް ހެދުމަށްޓަކައި އީނާ ނިއުޒިލޭންޑަށް ފުރީ ކޮންމެ ތާކަށް ގޮސްގެން ނަމަވެސް އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމުގެ ނިޔަތުގައެވެ.
އެކި ވާހަކަތަކުގައި ހުރެ ދެ މީހުންވެސް ގޮސް ކޮލެޖްގެ މައި ގޭޓުން އެތެރެއަށް ވަނެވެ. ދެ މީހުންވެސް ގޮސް ކުލާހަށް ވަނީ ގަޑި ޖެހެން ދެން މާ ގިނަ ވަގުތުތަކެއް ނެތުމުންނެވެ.
ރިލްހާ ކޮޓަރީގައި އިނީ ރަޔަން އުނގަށް ލައިގެން މިޝްޔާއަށް ވީޑިއޯ ކޯލް ކޮށްގެންނެވެ. އެހެން އިނދައި މާއިޝް އައިސް ކޮޓަރިއަށް ވަނެވެ. މާއިޝް އަށް ރިލްހާ އިނީ މިޝްޔާއަށް ގުޅައިގެންކަން އެނގުމުން ބާރު ހިނގުމެއްގައި އައިސް އެނދުގައި އިށީދެލިއެވެ. “ހޭ ދޮންބެގެ މިޝޫ.. ކިހިނެއްތަ.. ތިތާ އުޅޭއިރު ސަޅި ސޮރެއް ނުފެނޭތަ..” ހިނިގަނޑެއް ޖަހާލަމުން މާއިޝް އެހެން ބުނުމުން ރިލްހާގެ އިތުރުން މިޝްޔާ ވެސް ހީލިއެވެ. އެއާއެކު ކުޑަކުޑަ ރަޔަން ވެސް ހީލީ މާއިޝް ބުނި އެއްޗެއް އެނގިގެން ކަހަލަ ގޮތަކަށެވެ. “ސާބަސް ދޮންބެއަށް.. މިޝް މިއައީ ކިޔަވަން ށޭ” ހެމުން ހެމުން މިޝްޔާ ބުނެލިއެވެ. އެކި ވާހަކަތައް ދައްކަމުން ގޮސް ރިލްހާ ދާން ވެއްޖެކަމަށް ބުނުމުން މިޝްޔާ ފޯނު ކަނޑާލާފައި އެނބުރިލީ ވަގުތު މީހަކު ގައިގައި އަޅައިގަނެފައި ވެއްޓެން ދިޔައެވެ. ވެއްޓެމުން ދިޔަ މިޝްޔާއަށް ހިފުނީ އެ މީހަކު ލައިގެން ހުރި ގަމީހުގައެވެ. އަދި ދެ މީހުން އެކުގައި ވިނަގަނޑު މައްޗަށް ވެއްޓުނެވެ.
ޝިމާން ބޭރަށް ނުކުމެލީ ބުރެއް ޖަހާލަން ދިއުމުގެ ބޭނުމުގައެވެ. ނަމަވެސް އޭނާގެ ހިޔާލު ބަދަލުވީ މާ ގަސްތައް ކައިރީގައި ހުރި މިޝްޔާ ފެނިފައެވެ. މިޝްޔާއަށް ސަމާސާއެއް ކޮށްލުމުގެ ބޭނުމުގައި ޝިމާން އުޅުނީ މިޝްޔާ ސިއްސުވާލުމަށެވެ. އެހެންނަމަވެސް ކަންތައް ވީ އޭނާ އުންމީދު ކުރި ފަދަ ގޮތަކަށް ނޫނެވެ. މިޝްޔާ އެނބުރިލި ވަގުތު ޝިމާންގެ ގައިގައި ޖެހިފައި ދެ މީހުން އެއްކޮށް ވިނަގަނޑު މައްޗަށް ވެއްޓުނެވެ.
އެކަކު އަނެކަކުގެ ދެލޮލަށް ގެއްލިފައި ތިބި ދެމީހުންނަށް އެތަނުގައި ހިނގާ އެހެންކަމެއްގެ ހިލަމެއްވެސް ނުވާކަހަލައެވެ. ދެ މީހުންނަށް ވެސް ސިއްސައިގެން ގޮސް ތެޅިގަނެވުނީ ޝައިމާ ހޭއަޑު އިވިފައެވެ. އަވަސްއަވަހަށް ޝިމާންގެ ގައިމަތިން ތެދުވަން އުޅުނު މިޝްޔާއަށް ޝިމާންގެ ގަމީހުގައި އަޅާގަނެފައި އިން ކެވެލިކޮޅު ފެނުނީ އެވަގުތުއެވެ. އަނެއް އަތް އުފުލާލުމަށްފަހު ކެވެލިކޮޅު ނައްޓުވަން އުޅުމުގެ ތެރޭގައި މިޝްޔާ އަނެއްކާވެސް ވެއްޓުނީ ޝިމާންގެ ގައި މައްޗަށްށެވެ. އެވަގުތު މިޝްޔާ އަނގައިން އަޑެއް ލަވާލުމަށްފަހު ތުންފަތުގައި ދަތް އަޅާލިއެވެ. ޝިމާން އަށް އެ މަންޒަރު ފެނި ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. އޭރުވެސް ޝައިމާ ދިޔައީ ވެއްޓިފައި އޮތް ދެމީހުންނާ ދިމާލަށް ބަލާފައި ހެމުންނެވެ.
ެެެެެެެެެެެނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

