ހިތް ބޭނުމޭ ދުލުން 9
މާއިޝް އޮފީހުން އައި އިރު ރިލްހާ އުޅެނީ ރަޔަން ނިންދަވަންށެވެ. ވެފައި ހުރި ވަރުބައްޔާއެކު މާއިޝް ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. އެއާއެކު ރަޔަން ކުކުރާލިއެވެ. “ދެން މާއިޝް.. އެހާ އުނދަގުލުންނޭ ރަޔަން ނިންދެވެނީ.. ވަރަށް ފޫހިވޭ” ތުންކޮޅު އޫކޮށްލަމުން ރިލްހާ އެހެން ބުނެލުމުން މާއިޝް ގާތަށް ހިނިއައެވެ. އެހެންނަމަވެސް ހިނިގަނޑު ހިންދާލަމުން ވާހަކަ ދެއްކިއެވެ. “ސޮރީ އޭ” ކަރުގައި އޮތް ޓައި ނަގަމުން މާއިޝް ބުނެލިއެވެ. ރިލްހާ ރަޔަން ނިދުމުން އެނދުމަތީގައި ރަޔަން ބާވާލުމަށްފަހު ތެދުވެގެން ގޮސް ހުއްޓުނީ އަލަމާރި ކައިރީގައެވެ. މާއިޝް ވެސް އެނދުން ތެދުވުމަށްފަހު މަޑުމަޑުން ހިނގާލާފައި ގޮސް ރިލްހާ ގައިގައި ފުރަގަހުން ބައްދާލިއެވެ. “ރިލް ރުޅިއައިސްތަ؟ ސޮރީ އިނގޭ” ރިލްހާގެ އަތަށް ބޮސްދެމުން މާއިޝް ބުނެލިއެވެ. “ހިނގާ ކާން ދާން” މާއިޝްގެ އަތުން ވިއްލިގަންނަމުން ރިލްހާ ބުނެލިއެވެ. މާއިޝް ވެސް ބޯޖަހާލުމަށްފަހު ކޮޓަރިން ނިކުންނަން ދާން ހިނގައިގަތެވެ.
*********
ކޮލެޖުން އައިގޮތަށް މިޝްޔާ ފެންވަރާ ތާޒާވެލިއެވެ. އެއަށްފަހު އެނދުގައި ޖައްސާލީ އެކުވެރިންނަށް ގުޅާލުމަށެވެ. އީނާ، މަލްޝާ އަދި ރީޝަމް އަށް ގުޅާލުމަށްފަހު ފޯނު ބޭއްވި މިޝްޔާއަށް ބަނޑުގައި އަތް އަޅާލެވުނީ ހައިހޫނުކަން އިހްސާސް ކުރެވުމާއިއެކުއެވެ. މިހުރިހާ އިރު ވަންދެން އޭނާ ހުރީ ނުކައި ކަން ވެސް ހަނދާންވީ އަދި ކިރިޔާއެވެ.
މިޝްޔާ ތައްޔާރުވެލައިގެން ތިރިއަށް ދިޔައިރު ކާގޭގައި ޒަރާ އަދި ޒިޔާނާ ހަވީރުގެ ސައި ތައްޔާރު ކުރުމުގައި އުޅުނެވެ. މިޝްޔާ ވެސް އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބައިވެރިވެލިއެވެ. އިރުކޮޅެއް ނުވެ ޝައިމާވެސް އައިސް އެ މީހުންނާއި ބައިވެރި ވެލިއެވެ.
ޝިމާން ދިޔައީ މިޝްޔާގެ ހަރަކާތްތައް އެކަކަށް ވެސް ނޭނގޭނެހެން ވަރަށް ގާތުން ބަލަމުންނެވެ. މިޝްޔާ ފެނުމުން އޭނާއަށް އެ ވާގޮތް ހުދު ޝިމާން އަކަށް ވެސް ނޭނގެއެވެ. މިޝްޔާ ފެނުމުން ނޭނގޭ އިހްސާސްތަކެއް އެ ހިތުގައި އުފަންވާކަން ޝިމާންއަށް އެނގެއެވެ. ޝިމާންއަށް ނޭނގުނީ އެ އިހްސާސްތަކަށް ދޭނެ ނަމެކެވެ.
*********
ކޮޓަރިން ނުކުމެވެން ހުރި ބެލްކަނީގައި ހުރި ޝައިމާ ގެ ނަޒަރު ވަނީ ކުރިމަތިން ފެންނަން އޮތް ބަގީޗާއާ ދިމާލަށް ހުއްޓިފައެވެ. އެ ސިކުނޑީގައި އުފެދިފައި ވަނީ ޖަވާބުދޭން ނޭނގޭފަދަ ސުވާލުތަކެކެވެ. އެ މޫނުމަތިން ވަރުބަލިކަން ފެންނަން ހުރިއިރު ތުންފަތް ވަނީ ހިކިފައެވެ. މިލާ މޯޅިވެފައި ވާ މަލެއް ފަދައެވެ. މި ދުވަސްވަރު ވާގޮތެއް ޝައިމާއަކަށް ވެސް ނޭނގެއެވެ. ދުވަސްވަރަކީ ފިނި މޫސުމުގެ ދުވަސްވަރު ކަމުން އެކަމުގެ ސަބަބުން ވާ ގޮތްތަކެއް ކަމުގައި ޝައިމާ ހީކުރިއެވެ.
ޝައިމާއަށް ހިޔާލުތަކުން ބޭރުވެވުނީ އޭނާގެ ފިރިމީހާ ހާނިމް އައިސް ޝައިމާގެ ކޮނޑުގައި ހިފާލުމުންނެވެ. “ޝައި.. ކިހިނެއް ވެފަ” ޝައިމާގެ މަޑު އަތްތިލައިގައި ހިފާލަމުން ހާނިމް ބުނެލިއެވެ. ދެ ފަރާތަށް ބޯހޫރާލުމަށްފަހު ޝައިމާގެ ނަޒަރު އަނެއްކާވެސް ބަގީޗާ އާ ދިމާލަށް ހުއްޓާލިއެވެ. “ޝައި.. އަހަރެން މި ވިސްނަނީ ނެކްސްޓް ވީކްގަ މާލެ ދާންކަމަށް.. އެ ގޮތް ކިހިނެއް ވާނެތަ..” ހާނިމް ޝައިމާގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުންް ބުނެލިއެވެ. އެއާއެކު ޝައިމާގެ ނަޒަރު ހާނިމްގެ މޫނަށް ހުއްޓުނެވެ. “އާން އޯކޭ ވާނެ.. ދޮންދައްތަ އާ ވާހަކަ ދައްކާލާފަ ދޯ ޓިކެޓް ކަންތައް ހަމަޖައްސަނީ..” ހާނިމްގެ އަތު ތެރެއަށް ވަންނަމުން ޝައިމާ ބުނެލިއެވެ. ޝައިމާގެ ވާހަކަ އާ އެއްބަސްވެލުމުގެ ގޮތުން ހާނިމްވެސް ބޯ ޖަހާލިއެވެ.
*********
ގޭގެ ބެލް އަޅާލި އަޑަށް ސިޓިން ރޫމުގައި ޓީވީ ބަލަން އިން މާއިން ގޮސް ދޮރު ހުޅުވާލިއެވެ. އެއާއެކު ކުރިމަތީގައި ހުރި އައިދަން އަދި އައިޒަން ފެނި މާއިންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އަދި ދޮރު ބޮޑަށް ހުޅުވާލުމަށްފަހު ރައްޓެހިން ވަނުމަށްޓަކައި ތަން ދެއްކިއެވެ. “މާއިން ބްރޯ ކީއްވެތަ ފޯނު ނުނަގަނީ.. ފޯނު ކޮންތާކަށް ލައިގެން ތަ ތިއުޅެނީ” އައިދަން ސޯފާއަށް ވެއްޓިގަންނަމުން ބުނެލިއެވެ. “ފޯނު.. ކޮޓަރީގަ ވީ” މާއިން ބޯ ކަހާލަމުން ބުނެލިއެވެ. އައިޒަން ވެސް މާއިންގެ ކޮނޑަށް އަތް އެއްލަމުން ސޯފާ އާ ދިމާލަށް ދާން ހިނގައިގަތެވެ.
*********
ދުވަހަކީ ކޮލެޖްގެ ކިޔެވުން ބަންދު ދުވަހެކެވެ. އެހެނެއްކަމަކު މިޝްޔާ ގިނައިރު ވަންދެން ނިދާކަށް ގަސްދެއް ނުކުރިއެވެ. ހައެއް ޖަހަން ވާއިރަށް ފެންވަރާ ތާޒާ ވެލުމަށްފަހު ކޮޓަރިން ނުކުތީ ބަދިގެއަށް ދިއުމަށެވެ. އޭރު ބަދިގޭގައި ހަރަކާތްތެރިވުމުގައި ޝައިމާ އާއި ޒިޔާނާ އުޅެމުން ދިޔައިރު ގޭތެރެ ސާފުކުރުމުގައި ޒަރާ އުޅެމުން ދިޔަައެވެ. “އަހާ.. މިޝް އާދޭ އާދޭ.. މި އުޅެނީ ކޮފީއެއް ބޯލަން ކަމަށް..” ހިތްހެޔޮ ހިނިތުންވުމަކާއިއެކު ޝައިމާ ވާހަކަ ދައްކަމުން ދިޔަައެވެ. މިޝްޔާވެސް ބޯ ޖަހާލުމަށްފަހު ކޮފީ ގިރުމަށް އުޅުނެވެ.
ކޮފީ ބޮއެ ނިންމާލުމަށްފަހު މިޝްޔާ އާއި ޝައިމާވެސް ބަދިގޭގެ މަސައްކަތުގައި ޒިޔާނާއަށް އެހީތެރިކަން ފޯރުކޮށްދިނެވެ.
*********
ހުކުރު ދުވަސްކަމުން މަލްޝާ ވެސް ބަދިގެ ތެރޭގައި ހަރަކާތްތެރިވަމުން ދިޔައެވެ. މެގްނަމް ޕުޑިން ހެދުމަށްފަހު ރައްޓެހިންނަށް އެ ސްނެޕް ކޮށްލިތަނާ ރީޝަމް ގުޅަން ފެށިއެވެ. މަލްޝާ ފޯނު ނެގުމާއި އެކު ރީޝަމް އެދުނީ މަލްޝާގެ ގާތުން ހަވީރު އޭނާއާއެކު ބޭރަށް ދިއުމަށް ރެޑީ ވުމަށެވެ. އެއަށްފަހު ރީޝަމް ފޯނު ކަނޑާލަން އުޅުމުން މަލްޝާ އެކަން ހުއްޓުވިއެވެ. “އޭ ޒާނު ގޮވައިގެން ޕްލީޒް..” މަލްޝާ އާދޭހުގެ ރާގެއްގައި އެހެން ބުނުމުން ރީޝަމް ސާބަހޭ ބުނެލުމަށްފަހު ފޯނު ކަނޑާލިއެވެ. ހެމުން ހެމުން މަލްޝާ އެނބުރިލި ތަނާ ހުއްޓެން މަޖުބޫރުވީ ކުރި މަތީގައި ހުރި މީހާ ފެނިފައެވެ.
“ކީކޭ ޒާނޫ އެކޭ.. އެއީ ކާކު.. ބިޓުތަ؟” ސީރިއަސް ރާގެއްގައި މަލްޝާގެ ދޮންތަ މައިޝާ ބުނެލިއެވެ. އެހެންނަމަވެސް އޭނާ ހުރީ އެތެރެއިން ހީލަހީލައެވެ. ހިނިގަނޑު ހިފަހައްޓާލައިގެން ހުރިއިރު ދެންމެ ދެންމެ ހޭން ފަށާފާނެ ހެން ހީވެއެވެ. މައިޝާ އެހެން ބުނުމާއިއެކު މަލްޝާ ދިޔައީ ސިއްސައިގެންނެވެ.
“ކޮން ޒާނުއެއްތަ؟” މަލްޝާ ނޭނގޭ ކަމަށް ހަދާލިއެވެ. “އޭ ފޮރުވަން އުޅޭނެ ކަމެއް ނެތޭ.. ދޮންތައަށް އަޑު އިވުނޭ މަލް ކީއް ހުރިހާ އެއްޗެއް” އުނަގަނޑުގައި ދެއަތް ވިއްދާލައިގެން ހުރެ މައިޝާ ބުނެލިއެވެ. “އެއީ ފްރެއިންޑް އެކޭ” ހަމަ އެކަނި އެ ގޮތަށް ބުނެލުމަށްފަހު މަލްޝާ ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ.
ބޭރަށް ދާން ރީތި ވެގެން ހުރި ރީޝަމް ގެ ސަމާލުކަން ހޯދީ އެނދުމަތީގައި އޮތް ފޯނެވެ. އަވަސް ހިނގުމެއްގައި ގޮސް ފޯނު ނަގައި ބަލާލީ ގުޅަނީ ކާކުތޯ ޔަގީން ކޮށްލުމުގެ ގޮތުންނެވެ. އެއާއެކު ރީޝަމްގެ ތުންފަތް މައްޗަށް ވެރިވީ ރީތި ހިނިތުންވުމެކެވެ. ރީޝަމް ފޯނު ނަގައި ކަންފަތުގައި ޖައްސާލީ ހިނިތުންވެލައިގެން ހުރެއެވެ. “ހަލޯ ލަވް” އައިޒަން ރީޝަމް ފޯނު ނެގުމާއި އެކު ބުނެލިއެވެ. “ހަލޯ އައިޒަން” ރީޝަމްވެސް އައިޒަން އަށް ގޮވާލިއެވެ. “ހޫމް ކީއްކުރަނީ.. މިއަދު މާ ބިޒީ ވީމަ ނުގުޅުނީ.. އަދި ކިރިޔާ މި ވަގުތެއް ވީ.. ސޮރީ އިނގޭ” އައިޒަން ރީޝަމް ގާތުން މައާފަށް އެދުނީ އޭނާއަށް މިއަދު ރީޝަމްގެ ހަބަރެއް ބަލާ ނުލެވުމުންނެވެ. “އިޓްސް އޯކޭއޭ އައިޒަން.. މިއުޅެނީ މަލް އާ އެއްކޮން ބޭރަށް ދާން ވެގެން.. ގުޅާނަން އިނގޭ ފަހުން.. ބާއި” ލުއި ހިނިތުންވުމަކާއިއެކު ރީޝަމް ބުނެލިއެވެ. “އާން އޯކޭ.. ބަލައިގެން އުޅެއްޗޭ އިނގޭ.. ބާއި” އައިޒަން މިހެން ބުނެލުމަށްފަހު ފޯނު ކަނޑާލީ ރީޝަމް އަށް އިތުރު އެއްޗެއް ބުނެލުމަށް ފުރުސަތެއް ވެސް ނުދީއެވެ.
ރީޝަމް އަށް އިރުކޮޅަކު ފޯނަށް ބަލަހައްޓައިގެން ހުރެވުނެވެ. ރީޝަމް ފޯނަށް ބަލަހައްޓައިގެން ހުއްޓައި ސިއްސައިގެން ދިޔައީ މަލްޝާ ގުޅަން ފެށުމުންނެވެ. ފޯނު ކަންފަތުގައި ޖައްސާލައިގެން ހުރެ ރީޝަމް ބޭރަށް ނިކުންނަން ދާން ހިނގައިގަތީ މަލްޝާ އައިސް ހުރި ވާހަކަ ބުނުމުންނެވެ.
**********
ރީޝަމްގެ އެދުމުގެ މަތިން ދެ ކުދިންވެސް ރަސްފަންނަށް ދިޔައީ އުފާވެރި ވަގުތު ކޮޅެއް ދެ އެކުވެރިން އެކުގައި ހޭދަ ކޮށްލުމަށްޓަކައެވެ. ރަސްފަންނަށް ވަދެގެން ގޮސް ދެ އެކުވެރިން ވެސް ޖައްސާލީ އެތާ ހުރި ގޮނޑިއެއްގައެވެ. އެކި ވާހަކަތައް ދައްކަމުން ގޮސް މަލްޝާ ކުރިމައްޗަށް ބަލާލީ އެ މީހުންނާ ދިމާލަށް މީހަކު މާ ވަރަކަށް ބަލާހެން ހީވެގެންނެވެ. އެއާއެކު އޭނާގެ ހިނިގަނޑު ފަޅައިގެން ދިޔަައެވެ. ރީޝަމްވެސް ހައިރާން ކަމާއިއެކު ކުރިމައްޗަށް ބަލާލީ މަލްޝާ މާ ވަރަކަށް އެ ދިމާލަށް ބަލާފައި ހޭން ފެށުމުންނެވެ.
ކުރިމައްޗަށް ބަލައިލި ރީޝަމްގެ މުޅި މޫނު ރަތް ވެގެން ދިޔައީ ބަސްބުނާހާ ހިދުކޮޅެއްގެ ތެރޭގައެވެ. އެ މޫނުމަތިން ލަދުވެތިކަން ފާޅުވާން ހުރިއިރު އިސްޖަހާލީ ލަދުވެތިކަން ފޮރުވާލުމުގެ ބޭނުމުގައެވެ. ރީޝަމްއަށް ބަލަހައްޓައިގެން ސައިކަލު މަތީގައި އިށީނދެ އިނީ އައިޒަން ނޫން ދެވަނަ ދެމީހެއް ނޫނެވެ. “އޭ އައިޒަން.. ތިތާ ނީނދެ އާދޭ އާދޭ” ފުޅާ ހިނިތުންވުމަކާއެކު މަލްޝާ ބުނެލިއެވެ. މަލްޝާ އެހެން ބުނެލުމާއިއެކު އައިޒަން އައިސް ރީޝަމް ކައިރީ އިށީނދެލިއެވެ. އެކި ވާހަކަތައް ދެއްކުމުގައި ތިން މީހުންވެސް ވަގުތު ހޭދަ ކޮށްލުމަށްފަހު ގެއަށް ދާން ހިނގައިގަތީ ހިންހަމަ ޖެހިފައި ހުރެގެންނެވެ. އައިޒަން ސައިކަލުގައި ދިއުމާއިއެކު މަލްޝާ އާއި ރީޝަމް ވެސް ޓެކްސީއެއް ނެގުމަށްފަހު މިސްރާބު ޖެހީ ރީޝަމްމެން ގެއާ ދިމާލަށެވެ.
އިރު އޭގެ ވާޖިބު އަދާ ކުރުމަށްފަހު އޮއްސެން ދިޔަައިރު ދުނިޔެމަތި ފެންނަނީ އަނދިރި ވެފައި ވަނިކޮށެވެ. ހީވާ ގޮތުން ވެއްޖެއްޔާ ވިއްސާރައިގެ ކުލަވަރު ދައްކާލަން ތައްޔާރު ވަމުން ދަނީއެވެ. ހަނދުވެސް ވިލާ ތަކުގެ ނިވަލަށް ވަދެ އޭގެ ރައްކާތެރިކަން ހޯދާފައި ވަނީ އަންނަން އުޅޭ ބޯ ކެރިގަނޑުން ސަލާމަށް ވުމަށްޓަކައި ކަންނޭނގެއެވެ. އެ ގޮތުގައި މާ ގިނައިރަކު ނުއޮތެވެ. ބޯ ކެރިގަނޑުގެ ހަމަލާ ދުނިޔެމައްޗަށް ފޯރީ ހީވާ ހީވުން ޔަގީން ކޮށްދެމުންނެވެ.
**********
ކޮޓަރީގެ ބެލްކަނީގައި ހުރި ޝައިމާގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. މި ދެތިން ދުވަހު ވާ ގޮތްތަކުގެ ސަބަބުން އޭނާ ހުރީ ވަރަށް ހާސްވެފައެވެ. ނަމަވެސް އެ ހާސްކަން ފިލާ ގޮސް މޫނުމައްޗަށް ހިނިތުންވުމެއް ވެރިވީ ލިބުނު އުފާވެރި ހަބަރަކުންނެވެ. ޝައިމާ ހޮސްޕިޓަލަށް ދިޔައީ ހާނިމްއަށް ވެސް އަންގާ ނުލައެވެ. ހޮސްޕިޓަލުން ގެއަށް އައިއިރު އެ މޫނުމަތީގައި ވަނީ ނުފިލާ ހިނިތުންވުމެކެވެ. އޭނާއަށް ލިބުނު އުފާވެރި ހަބަރު އެންމެ ފުރަތަމަވެސް ހިއްސާ ކޮށްލަން ބޭނުންވަނީ އޭނާގެ ލޯބިވާ ފިރިމީހާއަށެވެ. އެހެންކަމަށް ވުމާއެކު އޭނާ ވަގުތުތައް ގުނަމުން އެ ދަނީ ހާނިމް ގެއަށް އަންނާނެ އިރަކަށެވެ. ޝައިމާގެ އިންތިޒާރުގެ ވަގުތުތައް މާ ދިގުލައިގެންނެއް ނުދިޔައެވެ. ކޮޓަރީގައި ދޮރު ހުޅުވާލުމަށްފަހު ހާނިމް ވަނުމާއެކު ޝައިމާގޮސް ހާނިމް ގައިގައި ބައްދާލިއެވެ.
ކޮޓަރިއަށް އައިސްވެން ހާނިމް ހައިރާންވީ ކުއްލިއަކަށް ޝައިމާ އުޅެން ފެށި ގޮތަކުންނެވެ. “ޝައި.. ކިހިނެއް ވީތަ؟” ޝައިމާގެ މޫނަށް ނަޒަރު ހުއްޓައިގެން ހުރެ ހާނިމް ބުނެލިއެވެ. “ހާނިމް.. އަހަރެމެންނަށް ބޭބީއެއް ލިބެނީ” ޝައިމާ އުފާވެލާފައި ބުނެލިއެވެ. ހާމަ ވެގެން ދިޔަ ހަގީގަތާއެކު ހާނިމް ހުރީ ހުއްޓުން އަރާފައެވެ. އަނގަ ހުޅުވިފައި ހުރިއިރު މޫނުމަތިން ހައިރާންކަން ފާޅުވާން ހުއްޓެވެ. “ހެހެ.. ހާނިމް.. އަނގަޔަށް މެއްސެއް ވަދެދާނެ” ޝައިމާ ހިނިއައިސްފައި ހުރެ އެހެން ބުނެލުމަށްފަހު ހިނގައިގަތީ ކޮޓަރިން ނިކުންނަން ދިއުމަށެވެ. ހާނިމްވެސް ޝައިމާގެ ފަހަތުން ހިނގައިގަތީ އެ ދެމަފިރިން އެތައް ދުވަހެއް ވަންދެން ދުއް ހުވަފެން ހަގީގަތަކަށް ވީތީ އުފާވެފައި ހުރެއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Heyyy lam❤️❤️
Kihineh tha❤️❤️
Vrh Sali mi part vxxx Masha Allah❤️❤️❤️
Keep it up❤️❤️❤️
Hahahaha Rilha ge baa kiyaafaa heehee so sweet❤️❤️ . Hama hiniaee❤️❤️❤️❤️?????
So cute reesham and aizan❤️❤️. Hehehe??
Waiting for the next part ❤️❤️
Lyssssmmm❤️❤️❤️
Stay safe ❤️❤️and tvgc❤️❤️
V reethi mi partvex Masha Allah ❣️❣️❣️❣️❣️❣️
Kon irakun next part?