ވަރުދާ -10
” އެ.އެ. އެއީ ރައްޓެއްސެއް. އުފަންދުވަހުގެ ތަހުނިޔާކިޔަން ގުޅީ” ފުރަތަމަފަހަރަށް ވަރުދާ އޭނަގެ މަންމައަށް ދޮގުހެދިއެވެ. ” އުފަންދުވަހު ގެ ތަހުނިޔާއޭ؟ މާދަމާއެއްނު އަދި އުފަންދުވަސް” ނާހިދާ ބުނެލިއެވެ. ” ބާރަޖެހީމައި ދެން އަނެއްދުވަހަށް ވީނު” ވަރުދާ ބުނެލިއެވެ.
” އެހެންވިއްޔާ ހެޕީ ބާތްޑޭ” ނާހިދާ ބުނެލިއެވެ. ” ޝުކުރިއްޔާ. ކީއްވެ ހޭލައި ތިއުޅެނީ؟” ވަރުދާ އެހިއެވެ.
” ފެންފޮދެއް ބަލައި އައީ . ދަރިފުޅު މީހަކާއި ވާހަކަދައްކައި އަޑު އިވިގެން މި ގޮވައިލީ” ނާހިދާ ބުނެލިއެވެ.
ވަރުދާ އޭނަގެ މަންމަޔަށް ދޮގުހެދުނީތީ ވަރަށް ދެރަވިއެވެ. ވަރުދާ މީގެކުރިން ދުވަހަކުވެސް ދޮގެއް ނުހަދައެވެ. އެކަމަކު މިރޭ އޭނަގެ ދޮގުހަދައިފައެވެ. އެވެސް ބަނޑުއަޅައި ވިހޭ މައިމީހާއަށެވެ. ވަރުދާއަށް ވަރުދާއަށް ކުރެވުނީ ރަގަޅުކަމެއް ނޫންކަން އިޙްސާސްވިއެވެ.
ވަރުދާ އޮތީ ނިދީގައެވެ. މައުސޫމް ކުޑަކުއްޖެއްހެން ބާލީހުގައި ބައްދައިލައިގެންނެވެ. ވަޔާއެކު ކުޑަދޮރުގެ ފޮތިގަނޑު ވިހުރެންފެށިއެވެ. ވުމާއިއެކު ވަރުދާއަށް ދެލޯ ހުޅުވައިލެވުނެވެ. ވަރުދާ އަވަހަށް އެނދުން ތެދުވެ ދެލޯ އުނގުޅަމުން ފާޙާނާއަށް ވަނެވެ. ފާޙާނާއިން އަވަދިވުމުން ވަރުދާ ދިޔައީ ބަދިގެއަށެވެ. އޭރު ވަރުދާގެ މަންމަ ހެނދުނުގެ ނާސްތާ ހެދުމުގައި މަޝްއޫލުވެއުޅެއެވެ. ” މަންމާ ކޯންޗެއް ތި ހަދަނީ؟” ވަރުދާ މަންމައާއި ސުވާލުކުރިއެވެ. ” މިއުޅެނީ ޑެވިލް ފިޝްހަދަން” ނާހިދާ ބުނެލިއެވެ. ޑެވިލް ފިޝްއަކީ ވަރުދާއަށް އެންމެ މީރު އެއްޗެވެ.” އަހަރެން ހަދައިފާނަން” ވަރުދާ ބުނެލިއެވެ. ” ނޫނޭ. މިއަދު މިއީ ވަރުދާގެ އުފަންދުވަހެއްނު. އެހެންވީމައި އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެ. ” ނާހިދާ ބުނެލިއެވެ.
” އެކަމަކު އަހަރެން ބޭނުން މަންމަޔަށް އެހީވާން” ވަރުދާ ބުނެލިއެވެ. ” އެހެންވިއްޔާ ދޭބަލަ ފިހާރައަށް ގޮސް ރީނދޫޕެކެޓެއް ހިފައިގެން އަންނަން” ނާހިދާ ބުނެލިއެވެ. ވަރުދާ އަވަހަށް ހެދުން ބަދަލުކޮށްލިއެވެ. ލިއީ ކަޅުކުލައިގެ އަތްދިގު ހެދުމެކެވެ. އަދި އަވަހަށް ބުރުގަލެއް އެޅިއެވެ. އެއީ މަޑު ޕީޗްކުލައިގެ ބުރުގަލެކެވެ. ކުޑަކޮށް މޭކަޕްކޮށްލިއެވެ. އެއަށްފަހު ހިނގައްޖެއެވެ.
ފިހާރައަށް އާދެވިއްޖެއެވެ. ދޮރުހުޅުވައިލައި އެތެރެއަށްވަނެވެ. އެ ފިހާރަތެރޭގައި އަލްތާފް ހުއްޓައި ފެނިއްޖެއެވެ. “އަލްތާފް” ވަރުދާ ހިނިތުންވެލައި ގޮވައިލިއެވެ. ” ވަރުދާ” އަލްތާފްވެސް ވަރުދާ ފެނުމުން ގޮވައިލިއެވެ. ވަރުދާ އަލްތާފްގެ ކައިރިއަށް އައެވެ. ” ވާއު. ހާދަ ރީއްޗޭ” އަލްތާފް ބުނެލިއެވެ. “ޝުކުރިއްޔާ” ވަރުދާ ހީނލިއެވެ. ” މިހައި ހެނދުނު ކޮންޗެއް ގަންނަން؟” ވަރުދާ އެހިއެވެ. ” ލޮނުމެދު” އަލްތާފް ބުނެލިއެވެ. ” އޯ. އަހަރެން ހީކުރީ އަލްތާފް އަހަރެންނަށް އުފަންދުވަހުގެ ހަދިޔާއެއް ހޯދަނީކަމަށް” ވަރުދާ ބުނެލިއެވެ. ” ވަރުދާ މިހައި ހެނދުނު ކޯންޗެއް ގަންނަން؟” އަލްތާފް އެހިއެވެ.” ރީނދޫ”ވަރުދާ ބުނެލިއެވެ. ދެމީހުން ބާޒާރުކޮށް ނިމިއްޖެއެވެ.
” ވަރުދާ” އަލްތާފް ވަރުދާ ފަހަތުން ފިހާރައިން ނިކުތެވެ. އަދި ވަރުދާ ކައިރިއަށް ގޮސް ހުއްޓުނެވެ. ” ކޮންއިރަކުން ދެން ބައްދަލުވާނީ؟” އަލްތާފް އެހިއެވެ.” ހަމަ އެހެންޏާވެސް ބައްދަލުވާ ތަނުން. ހަމަ އެގަޑީގައި. އެބައޮތް މުހިންމުވާހަކައެއްވެސް ދައްކަންވެފައި” ވަރުދާގެ އަޑުގައިވީ ސީރިއަސްކަމެވެ. އަލްތާފް ހިތަށް އެރިއެވެ. އެއީ އަނެއްކާ ކޮންވާހަކައެއް ބާވައެވެ؟.
އަލްތާފް އައިސް ގެޔަށްވަނެވެ. ބަދިގެއަށް ވަދެ އާމިނާއަތަށް ލޮނުމެދު ދީފައި ކޮޓަރިއަށް ހިނގައްޖެއެވެ. ބެޑްމަތީގައި ޖައްސައިލިއެވެ. ހިތަށް އަންނަނީ ވަރުދާ ދައްކަން ބޭނުންވެގެން އެ އުޅޭ ވާހަކައެވެ. އެހައި ސީރިއަސްކޮށް ވަރުދާ އެބުނީ ކޮން މުހިއްމު ވާހަކައެއް ދައްކައި ވާހަކަބާވައެވެ.
“އަލްތާފް” އެއީ އަނަސްގެ އަޑެވެ. އަނަސް ކޮޓަރީގެދޮރުގައި ޓަކިދީ ގޮވައިލިއަޑެވެ. އަލްތާފް ދޮރުހުޅުވައި އަނަސް އެތެއަށް ވެއްދިއެވެ. އަނަސް ބެޑްމަތީގައި އިށީނދެލިއެވެ.
“ކަމަކުތަ؟” އަލްތާފް އެހިއެވެ. ” މިއީ ދެން ހަމަ ޖައްސައިލީ. އަލްތާފް މިހާރު ނުވެއްފެނޭވިއްޔަ ވަރުދާއާއި ރައްޓެހިވިފަހުން” އަނަސް ބުނެލިއެވެ. ” އިއްޔެވެސް ތިގެޔެއަށް ދިޔައިން. ނޫޅޭ އަނަސްއެއް” އަލްތާފް ބުނެލިއެވެ.
” ކޮބައިތަ މިހާރު ވަރުދާ؟” އަނަސް އެހިއެވެ. “އޭ މިއަދު މިއީ ވަރުދާގެ އުފަންދުވަހޭ. ވަރުދާ ބުނެފައިވަނީ ވަރުދާގެ ކޮންމެ އުފަންދުވަހަކު އެ ގޭމީހުން ޕާރޓީބާއްވައޭ. އަނަސް ދާންވީނު އަހަރެންނާއިއެކު ޕާރޓީއަށް. އަނަސްއާއި ތަޢާރަފްކޮށްދެން ވާނެއްނު” އަލްތާފް ބުނެލިއެވެ.
“ކޮންޗެއް ދެނީ އޭނަޔަށް؟”އަނަސް އެހިއެވެ. ” ނޭނގެ އަދި ތިއެއް. އޭ އަދި މިއަދު ބުނި ބައްދަލުކޮށް މުހިއްމުވާހަކައެއް ދައްކައިވާހަކައެއް. ހިތަށް އަރަނީ އެއީ އަނެއްކަ ކޮންވާހަކައެއްބާއޭ؟” އަލްތާފް ބުނެލިއެވެ.
” އާނ އެންމެ ރަގަޅު. އަހަރެނެއް ނުބުނާނަން ވަރުދާ ކައިރިއަކު” ޝިހާމް އިނީ ފޯނެއްގައެވެ.
” ކޮންވާހަކައެއް ނުބުނާނީ އަހަރެން ކައިރީގައި” ވަރުދާއަށް ގެޔަށް އައިސް ވަދެވުނީ އެވަގުތަށެވެ.
” އާނ ބޭއްވީ” ޝިހާމް ފޯނުބޭއްވިއެވެ. ” ހެޕީ ބާތްޑޭ ދަރިފުޅާ” ޝިހާމް އޭނަގެ ދަރިފުޅށް އުފަންދުވަހުގެ ތަހުނިޔާކިޔެވެ.
” ކީއްވެ ތި ފޯނު ބޭއްވީ؟ ކާކާއި ތި ވާހަކަދެއްކީ؟” ވަރުދާ ސުވާލުތަކެއް ކުރަންފެށިއެވެ.
” އެއީ ސަޕްރައިޒެއް. ބަލަން ހުންނާތި މިފަހަރުގެ ޕާރޓީ ކުރީފަހަރުތަކެއްވުރެ މާކުލަގަދަވާނެ” ޝިހާމް ބުނެލިއެވެ.
” އަނެއްކަ ބައްޕަ ހިންދީ ފިލްމްތަކުގައިހެން އަންހެންދަރިފުޅު ޙިތުބާ ނުކުރުވައްޗެ މީހަކާއި” ވަރުދާ ބުނެލިއެވެ.
” ދަރިފުޅުވެސް ހާދަ މަޖަލޭދޯ މިހާރު” ޝިހާމް ހިނިގަނޑެއްޖަހައިލައިފައި ބުނެލިއެވެ. ވަރުދާ ބަދިގެދޮށަށް ގޮސް މަންމަ އަތަށް ރީނދޫ ޕެކެޓްދިނެވެ. ނާހިދާ މަސްއެއްޗަށް ރީނދޫ އަޅައިލިއެވެ. ދުވާލި މީރުވަހުން ހީވީ ހައިކަންވެސް ފިލިހެންނެވެ. ވަރުދާ ގޮސް ކޮޓަރިއަށްވަނެވެ. އެވަގުތު ވަރުދާގެފޯނު ރިންގްވާންފެށިއެވެ. ވަރުދާ ގުޅަނީ ކާކުތޯ ބަލައިލިއެވެ. އެއީ ދައްތައެވެ. ވަފްދާއެވެ.
” ހަލޯ” ވަރުދާ ފޯނުނަގައި ކަންފަތުގައި ޖެހިއެވެ.
” އުފާވެރި އުފަންދުވަހަކަށް އެދެން” ވަފްދާ ވަރުދާއަށް އުފަންދުވަހުގެ ތަހުނިޔާކިޔެވެ.
” ޝުކުރިއްޔާ” ވަރުދާ ބުނެލިއެވެ.
” ކޮބާ މިފަހަރުވެސް ޕާރޓީ އޮވޭތަ؟” ވަފްދާއެހިއެވެ.
” އާނ ބައްޕަ ބުނީ ކުރީފަހަރުތަކަށްވުރެވެސް މާކުލަގަދަވާނެޔޯ. އަދި އެނގޭތަ ބައްޕަ އެބަ ޕްލޭންކުރޭ ސަޕްރައިޒެއް.” ވަރުދާ ބުނެލިއެވެ.
” އެހެންތަ؟ ކޮއްކޮއަށް ކިހިނެތް އެނގުނީ؟” ވަފްދާ އެހިއެވެ. ދެން އެވާހަކަ ރަގަޅަށް ދައްތައަށް ކިޔައިދިނެވެ.
” ކޮއްކޮގެ އުފަންދުވަހުގެ ޕާރޓީގައި ބައިވެރިވެވޭނަމައޭ ހިތަށް އަރައި” ވަފްދާ ބުނެލިއެވެ.
” ކީއްވެ ބައިވެރިނުވެވޭންވީ؟ އެއްދުވަހު ރަށަށް އައިސްލިޔަސް އޯކޭވާނެއްނު” ވަރުދާ ދެރަވެފައި ބުނެލިއެވެ.
އަލްތާފް މޫނުބަލާ ލޯގަނޑުދޮށުގައި ހުރެގެން ބޮލުގައި ޖެލްލަނީއެވެ. ސަޑެއްނަގައިލިއެވެ. ގަޔަށް ސެންޓު ބުރުވައިލިއެވެ. އެ އުޅެނީ ވަރުދާއާއި ބައްދަލުކުރަންދާވެގެންނެވެ. ވަރުދާއާއި ބައްދަލުވާ ވަގުތުޖެހިއްޖެއެވެ.
ވަރުދާ ހަމަ އެހެންޏާވެސް އަލްތާފްއާއި ބައްދަލުކުރާ ތާނގައި އިންތިޒާރުގައި ހުއްޓެވެ. މާގިނައިރަކު އިންތިޒާރުކުރާކަށް ނުޖެހުނެވެ. އަލްތާފް އައިސްފިއެވެ. ” ވަރުދާ ކިހިނެތްވީ؟ ކޮން މުހިއްމުވާހަކައެއް ދައްކަންވީ؟” އަލްތާފް އެހިއެވެ.
ވަރުދާ އެއްޗެކޭ ނުބުނެ ފެށީ ރޯށެވެ.
” ވަރުދާ ކިހިނެތްވީ؟ ކީއްވެ ތިރޮނީ؟” އަލްތާފްއަކަށް ވެގެން އުޅޭގޮތެއް ނުވިސްނުނެވެ.
” ރޭގައި އަހަރެން ފުރަތަމަފަހަރަށް ދޮގުހެދިން. އެވެސް މަންމަޔަށް. ބުނިން ތިއީ ރައްޓެއްސެކޭ. އަހަރެން ބޭނުމެއްނޫން މަންމަމެންނަށް ދޮގުހަދައި އެމީހުން އަދިރީގައި ބަހައްޓައިކަށް. މިގޮތަށް ސިއްރުން އުޅޭކަށް. އަހަރެމެން އެކަކު އަނެކަކުދެކެ ލޯބިވޭ. އަހަރެމެން ކުށެއް ނުކުރަން. ވީމައި ކީއްވެ ފޮރުވަންވީ؟” ވަރުދާއަށް ވަނީ ވަރަށް އަސަރުކޮށްފައެވެ.
” އަހަރެންވެސް ޤަބޫލުކުރަން ތިކަން” އަލްތާފް ބުނެލިއެވެ.
” މިއަދު ހަވީރު އަހަރެންގެ އުފަންދުވަހުގެ ޕާރޓީ އޮންނާނެ.
އަލްތާފް އަލްތާފްގެ އާއިލާ ގެނޭ. އަހަރެންނާއިއެކު އަލްތާފް މަންމަމެންގެގެ ގާތު އަހަރެމެން ރައްޓެހިވެގެން އުޅޭ ވާހަކަ ބުނާނީ” ވަރުދާ ކަރުނަތައް ފުހެލައިފައި ބުނެލިއެވެ. އަލްތާފް އެގޮތާއި އެއްބަސްވިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

