“ޔީޝް… އަހަރެން ވާހަކައެއް ބުނަންތަ.. މިއީ މިހާރު އަހަރެންގެ ހިތް ވަރަށް ބޮޑަށް އެދޭ ކަމެއް.. އަހަރެންގެ ހިތުގެ މިއެދުން ޔީޝްއަށް އިއްވާލަދޭން އަހަރެން ވަރަށް ބޭނުން.. މިހުރިހާ ކަމެއް ނިމުނީމަ… ހުރިހާ ކަމެއް ނޯމަލްވީމަ… އަހަރެން.. އަހަރެން ބޭނުން ޔީޝްއާ މެރީ ކުރަން.. އައި ވޯންޓު ޔޫ ޓުބީ މައި ވައިފް” ދާނިޝް އެހެން ބުނުމާއެކު ޔީޝާއަށް އޭނާގެ ދެއަތް ދޫކޮއްލެވުނެވެ. ދާނިޝްގެ އަތުތެރެއިން ދުރުވެލާފައި ދާނިޝްގެ މޫނަށް ޔީޝާ ފަރުވާތެރިކަމާއެކު ބަލާލިއެވެ.
****
“ޔީޝް ބޭނުމެއް ނޫންތަ؟” ޔީޝާ ބަލަން ހުރިގޮތުން ދާނިޝް މާޔޫސްވިއެވެ. އޭނާގެ ދެލޯ ފެންކަޅިވާން އިރުކޮޅެއްވެސް ނުނެގިއެވެ. ދެލޯ ފެންކަޅި ވުމުން ހުދު ދާނިޝްވެސް ހައިރާންވިއެވެ. ދާނިޝްއަކީ އެއް އިރެއްގައިވެސް މިހާ ހިތް ބަލި މީހެއް ނޫނެވެ. ނަމަވެސް ޔީޝާއާ ގުޅުން ހުރި ކޮންމެ ކަމެއްގާ ދާނިޝްއަށް ވިސްނެނީ މާބޮޑަށެވެ. އޭނާގެ ހިތްބަލިވަނީ އިންތިހާއަށެވެ. އޭނާގެ ހިތް ޔީޝާއަށް ބޭނުން ވާލެ ބޮޑު ކަމުން އޭނާގެ ހަޔާތުން ޔީޝާ ގެއްލިދާނެތީ ބިރުގަންނަނީއެވެ.
“އަހަރެންވެސް ބޭނުން.. ދާނިޝްއާއެކު ހަޔާތެއް ވަރަށް ބޭނުންވޭ… އަހަރެން ދާނިޝްދެކެ ވަރަށް ލޯބިވޭ.. ދާނިޝްއާ އެކީ މެރިޑް ލައިފްއަކާ ފެމިލީއެއް ވަރަށް ބޭނުންވޭ” ޔީޝާ އެހެން ބުނުމުން ދާނިޝްގެ ހިތް ތެޅިލިއެވެ. އޭނާއާ އެކު ޒަވާޒީ ހަޔާތެއް ފަށަން ޔީޝާވެސް ބޭނުންވާކަން އެނގުމުން ދާނިޝް އުފާވިއެވެ.
“އެކަމު.. އަހަރެން ވަރަށް ބިރުގަނޭ.. ފަންޑިތަ ހެދުމުގެ ތެރޭ އަހަންނަށް ކަމެއް ވެއްޖެއްޔާ؟” ދާނިޝްއާ ވީފަރާތް ނޫން އަނެއް ފަރާތަށް އެނބުރެމުން ޔީޝާ ބުނެލީ އޭނާ ހިތުގައިވި އެންމެ ބޮޑު ބިރުވެރިކަމެވެ.
“ތިކަހަލަ ވާހަކަ ނުދައްކަބަލަ ޔީޝް.. އިރާދަކުރެއްވިއްޔާ ޔީޝްއަކަށް އެއްވެސް ކަމެއް ނުވާނެ.. ވިޔަކަ ނުވެސް ދޭނަން.. އަހަރެން މިހުރީނުން.. ޔީޝްގެ އާއިލާއާ ވަލީދުބެވެސް އެހުރީނުން.. އިންޝާﷲ ހުރިހާ ކަމެއްވެސް ރަނގަޅު ވާނެ..” ދާނިޝްގެ ވަރުގަދަ ދެއަށް ފަހަތުން ޔީޝާގެ އުނަގަނޑުގައި އަޅުވާލިއެވެ. ޔީޝާގެ ކޮނޑުގައި ދަތްދޮޅި ވިއްދާލަމުން ދާނިޝް އެޖުމްލަ ތަށް އިއްވާލީ ޔީޝާގެ ކަންފަތް ބުޑުގައެވެ. ދާނިޝްގެ އެ ހިމާޔަތް ލިބުމުން ކުޑަ ހިނދުކޮޅަކަށް ނަމަވެސް ޔީޝާގެ ބިރު ފިލައިގެން ދިޔައެވެ.
“ތެންކްސް.. އައި ލަވް ޔޫ ސޯ މަޗް.” ދާނިޝްއާ ދިމާއަށް އެނބުރިލަމުން ޔީޝާ ބުނެލިއެވެ. އަދި ދާނިޝްގެ ކޮލަށް ބޮސްދިނެވެ.
“އޯލްވޭސް އެން ފޯއެވާރ” ޔީޝާގެ ނޭފަތުގެ ކޮޅުގައި ތުންފަތް ޖައްސާލަމުން ދާނިޝް ބުނެލިއެވެ.
“ޔީޝް ދެން އޮށޯވެލާ.. އަހަރެންވެސް ދެން ދާގަޑި ޖެހެނީ” ޔީޝާގެ އަތުގައި ހިފައިގެން އެނދުކައިރިއަށް ޖެހިލަމުން ދާނިޝް ބުނެލިއެވެ. ދާނިޝް ދާ ވާހަކަ ބުނުމުން ޔީޝާގެ މޫނު ފުސްވިއެވެ. ޔީޝާ އެނދުގައި އޯށޯތުމުން ދާނިޝް ޔީޝާގެ ގައިގައި ރަޖާ ގަނޑު އަޅާލިއެވެ. ޔީޝާގެ އަތުގައި ހިފާލަމުން ދާނިޝް އެނދުގެ މަގަތުގައި އިށީނެވެ.
“ކިހިނެއްވީ ހާދަ ތުންގަނޑު ދިގުކޮށްގެން ތިއޮތީ” އެއް މިޔަކަނުން ހެވިފައި އިނދެ ދާނިޝް އަހާލީ ސަމާސާގެ ރާގަކަށެވެ.
“މިރޭ ނުދޭބަލަ.. އަހަރެން ކައިރީ މަޑުކޮއްބަލަ” ޔީޝާ އެހެން ބުނެލީ ކުޑަކުއްޖަކު ކުސްތަޅާލާ ފަދައިންނެވެ.
“އަހަރެންވެސް ޔީޝް ކައިރީ މަޑުކުރަން ބޭނުމޭ.. އެކަމު ޔީޝްގެ މަންމަމެން ހިތްހަމައެއް ނުޖެހޭނެއްނު އަހަރެން އެހާ ދަންވަންދެން މަޑުކޮއްފިއްޔާ” ދާނިޝް ބުނެލިއެވެ.
“އޯކޭ ވާނެ.. އެޓްލީސްޓް އަހަރެންނަށް ނިދެންދެން މަޑުކޮއްލަ ދީފާނަންތަ.. ދާނިޝް ދިޔައީމަ އަހަންނަކަށް ނުނިދޭނެ” ޔީޝާ ބުނެލިއެވެ. ޔީޝާގެ މޫނަށް އިރުކޮޅަކު ބަލަން ހުރެފައި ދާނިޝް އެއްބަސްވިއެވެ. އެހާ ކުޑަ ކުޑަ ކަމަކަށް ޔީޝާ އެދިއެދި އޮށްވާ ދާނިޝްއަށް ދާން ނުކެރުނީއެވެ.
“ދެން ތިހެން އިންނާނީތަ.. އާދެބަލަ” ޔީޝާގެ މަގަތުގައި އެނދުގައި ޖަހާލަމުން ޔީޝާ ބުނެލިއެވެ. ޔީޝާ އެބުނަނީ އޭނާގެ ކައިރީ އޮށޯންނާށޭކަން ދާނިޝްއަށް ދެނެ ގަނެވުނެވެ. އެއްފަހަރު ޔީޝާއަށް އަނެއްފަހަރު ލައްޕާފައި ހުރި ކޮޓަރި ދޮރަށް ބަލާލަމުން ދާނިޝް އެނދުގެ ފަޑީގައި ބުރަކަށި ޖައްސާލާފައި ދިގަށް ދެފާ ދަމާލިއެވެ. ބޯދަށުގައި އޮތް ބާލީސް އެއްކައިރި ކޮއްލަމުން ޔީޝާވެސް ތެދުވެ ދާނިޝްގެ ކޮނޑުގައި ލަތްވެގަތެވެ. ދާނިޝްގެ އަތް ޔީޝާގެ ކޮނޑުގައި އަޅުވާލުމުން އެދެމެދުވި ގާތްކަން އިތުރުވިއެވެ. ދާނިޝްގެ އަނެއް އަތުން ޔީޝާގެ އިނގިލި ތަކާ ކުޅެމުން ދިޔައިރު އެދެމެދުގައިވަނީ ހިމޭންކަމެވެ. ދެލޯ މަރާލައިގެން ޔީޝާ އޮތްއިރު އެ ނޭފަތުގައި ރަސްކަން ކުރަމުން ދިޔައީ ދާނިޝް ޖަހައިގެން ހުރި ފިރިހެންވަންތަ ހުވަނދުގެ ވަހެވެ. ކަންފަތް ބުޑުގައި މިއުޒިކެއް ފަދައިން އިވެމުން ދިޔައީ އެދެހިތުގެ ތެޅުމެވެ. ޔީޝާއަށް ނިދުނީ އެހެން އިންދައެވެ. ދާނިޝްގެ ދެލޮލަށް ނިދި ސަވާރުވާކަށްވެސް އިރުތަކެއް ނުނަގައެވެ.
ޔީޝާގެ ބޮލުގައި ބޯޖައްސާލައިގެން އޮތް ދާނިޝްއަށް ސިއްސައިގެންގޮސް ތެދުވެވުނީ ޖީބުގައި އޮތް ފޯނު ވައިބުރޭޓުވި އަޑަށެވެ. ފޯނު ނަގާ ބަލާލިއިރު ގުޅަނީ ވަލީދުއެވެ. ނިދިފައި އޮތް ޔީޝާއަށް ބަލާލާފައި ފޯނު ވައިބުރޭޓަށް ލެވުނުކަން އެއީ ނަސީބޭ ހިތަށް އެރިއެވެ. ވަލީދުގެ ކޯލު ކަނޑާލާފައި ދާނިޝް ފޯނުން ގަޑި ބަލާލިއެވެ. ގަޑިން އެގާރަ ނުޖަހާ 15 މިނެޓެވެ. ވަލީދު އެގުޅަނީ ދާނިޝް ގެޔަށް ނައިސް ލަސްވެގެންކަން ދާނިޝްއަށް އެނގުނެވެ.
ގެޔަށް ދާންވީ ގަޑި ޖެހުނީކަން ހުދު ދާނިޝްއަށްވެސެް ވިސްނުމުން އިތުރަށް ނޯވެ އެނދުމަތިން ތެދުވަންނަން އުޅުނެވެ. ނަމަވެސް ދާނިޝް ތެޅިގަތްތަނާ ޔީޝާ ނިދީގައި ކުސްތަޅާލާފައި ދާނިޝްގެ އަތުގައި އޮޅުލައިގަތެވެ. ވަގުތުން ދާނިޝްގެ މޫނުމަތީ ހިނިތުންވުމެއް ފަވާލިއެވެ. ޔީޝާގެ ބޮލުގައި ދެފަހަރަކު ފިރުމާލީ އޮޅު ބުޅަލެއް މަސަލަސް ކުރާ ފަދައިންނެވެ. އަނެއްކާވެސް ޔީޝާ ނިދީގެ ތެރެއަށް ގެނބި ހަމަ ޖެހުމުން ޔީޝާގެ އަތުތެރެއިން ދެމިގަނެފައި ދާނިޝް ތެދުވިއެވެ. ޔީޝާގެ ބޯދަށަށް ބާލީސް ލައްވާލާފައި ރަޖާގަނޑު ރީތި ކޮއްލިއެވެ. ޔީޝާ އޮތް އެނދުކައިރިން ދުރަށް ޖެހިލީ އަނެއްކާވެސް ވަލީދުގެ ކޯލެއް އައުމުންނެވެ.
“ހަލޯ…” ފޯނު ނަގާ ކަންފަތުގައި ޖައްސާލަމުން ދާނިޝް ވާހަކަ ދެއްކިއެވެ.
“ބޭބެ މިއަދު ހައްވާދީއާ ވާހަކަ ދައްކާފިން.. ވީހާވެސް އަވަހަކަށް މިކަން ކުރަން މިނިންމަނީ.. އެކަމު ބޭބެ ބޭނުންވާނެ ދާނިޝްގެ އެހީ.. މިކަމަށް ބޭނުންވާނޭ ސާމާނުތަކެއް ބޭބެއަތަކު ނެތް.. ހަމަ ކުރަންޖެހޭ ވަރަށް ގިނަ އެއްޗެހި އެބަހުރި” ވަލީދު ބުނެލިއެވެ.
“ތިއީ މައްސަލައެއް ނޫން.. މާދަމާ އަހަރެން ތިކަން ކޮށްދޭނަން.. ބޭނުންވާނެ އެއްޗެހީގެ ލިސްޓެއް ހަދާލާ..” ދާނިޝް އެހެން ބުނެލީ ނުހަނު އަވަހަށެވެ. ޔީޝާ މިކަމުން ސަލާމަތް ކުރުމުގައި ވެވެން ހުރި ހުރިހާ އެހީއެއް ވާން ދާނިޝް އެހުރީ ތައްޔާރަށެވެ.
ވަލީދުއާ ވާހަކަ ދައްކަމުންގޮސް ދާނިޝް މަޑުކޮއްލީ ކުޑަދޮރު ކައިރީގައެވެ. ކުޑަދޮރަށް ފުރަގަސް ދީގެނެވެ. ވަލީދު ދައްކަމުން ދިޔަ ވާހަކައެއް އަޑުއަހަން ހުރެފައި ދާނިޝް ކުއްލިއަކަށް ފަހަތަށް އެނބުރެލީ ކުޑަދޮރުގައި އެއްޗެއް ޖެހުނު އަޑު އިވިގެނެވެ. އެއީ ކޮން އަޑެއްތޯ ބަލާލަން ދާނިޝް ދޮރާ ކައިރިވެލާފައި ބޭރު ބަލާލިއެވެ. ގޭގެ ފުޅަފުތެރެއަށް ވާގޮތަށް ހުންނަ އެ ކުޑަދޮރާ ހަމައަށް ފެންޑާގައި ދިއްލާފައި ހުރި ހޮޅިބުރިން ރީތިކޮށް އަލިވެއެވެ. އެތަނުގައި މީހަކު ހުރިނަމަ ދާނިޝްއަށް ފެންނާނެހާ އެހިސާބު އައްޔެވެ. ނަމަވެސް އެތަނަކުން ދާނިޝްއަކަށް މީހެއްގެ ހިލަމެއް ނުވެއެވެ. އެއީ ހީވި ގޮތެއް ކަމަށް ބަލާފައި ދާނިޝް އަނެއްކާވެސް ވަލީދު ދައްކަމުން ދިޔަ ވާހަކައަށް ސަމާލުކަން ދިނެވެ. ނަމަވެސް އިރުކޮޅެއް ފަހުން އަނެއްކާވެސް ކުޑަދޮރުގައި އެއްޗެއް ޖެހުނު އަޑު އިވުނެވެ. މިފަހަރު ކުރިއަށްވުރެ ބާރަށެވެ. އެއީ ހީވިގޮތެއް ނޫންކަން އެނގުމުން ކުޑަދޮރުން ބޭރަށް ބޯދިއްކޮއްފާ ބަލާލަން ބޭނުންވެގެން ދާނިޝް ދޮރުގެ ތަންޑުގައި ހިފާލިއެވެ. މަޑުމަޑުން ތަންޑު ނައްޓާލިއެވެ. ދޮރު ފަތް އެއްފަރާތަކަށް ކަހާލަން އުޅެނިކޮށް ދާނިޝް ސިހުނީ އޭނާގެ ކަންފަތް ކައިރިން ހޫނު ކަމެއް އިހްސާސް ވުމުންނެވެ. ހީވީ މީހަކު އަނގައިން ބުނެލުމުން ކަންފަތް ކައިރިއަށް ނޭވާއެއް އެޅުނުހެނެވެ. ކަންފަތް ކައިރިން އަތް ފޮޅާލާފައި ދާނިޝް ފަހަތް ބަލާލިއެވެ. އެކޮޓަރީގައި ޔީޝާ އާއި ދާނިޝް ފިޔަވާ އެހެން މީހަކު ނެތެވެ. އެހެނަސް ތިންވަނަ މީހެއްވެސް އެތަނުގައި އުޅޭކަމުގެ އިހްސާސެއް ދާނިޝްއަށް ކުރެވެމުން ދިޔައެވެ.
“ދާނިޝް؟” ބާލީހުން ބޯ ހިއްލާލަމުން ޔީޝާ ގޮވާލިއެވެ. ޔީޝާ ކައިރިއަށް ދާން އުޅުނު ދާނިޝްގެ ފިޔަވަޅު ހުއްޓުނީ ކުޑަދޮރު ބޭރުން ފެނުނު މަންޒަރުންނެވެ. ކުޑަދޮރާ ދިމާއަށް ކަޅި ހުއްޓިފައި ވީއިރު އޭނާގެ ދެފައިގާ ހީވަނީ ތަޅުންމަތީ ތަތްލެވިފައި ވާހެނެވެ. ޔީޝާ ގޮވަމުން ދިޔަ އަޑަށް ބީރު ކަންފަތެއް ދެވިފައި ވާއިރު ދާނިޝް ބަލަހައްޓައިގެން ހުރީ ދަންމަޅީގައި އެޅިފައި އޮތް ރޯ އޮރިޔާމާ ހުރި މީހާއަށެވެ. ދަންމަޅިން ނެއްޓޭން ތެޅެމުން ދިޔަ އެމީހާ ފެނުމުން ދާނިޝް އެންމެ ފުރަތަމަވެސް ހަނދާންވީ އަޒާން މަތިންނެވެ. ނަމަވެސް އެއީ އަޒާންއެއް ނޫނެވެ. އެއީ ހުދު އޭނާގެ އަމިއްލަ މޫނެވެ. އޭނާއާ ދިމާއަށް ބަލަހައްޓައިގެ އެއޮތީ އޭނާގެ އަމިއްލަ ސޫރައެވެ. އެ އަނދިރިގަނޑެއް ފަދަ ކަޅު މީހާގެ މޫނު ހުރީ ދާނިޝްގެ ސިފާގައި ނަމަވެސް އެމީހާ ދާނިޝް އަށްވުރެ އެތަށް ގޮތަކުން ބޮޑެވެ. އެއީ އިންސާނަކާ މެދު ދާނިޝްގެ ހިތުގައި ސުވާލު އުފެދުނެވެ. ދާނިޝްގެ ހިތުގައިވި ބިރުވެރިކަން ދެގުނަވީ އެހެންވެއެވެ.
“ދާނިޝް ކިހިނެއްވެފަތަ ތިހުންނަނީ؟ ކޯއްޗެއްތަ ފެންނަނީ؟” ތެދުވެ އެނދުގައި އިށީންނަމުން ޔީޝާ ގޮވާލިއެވެ. ނަމަވެސް ދާނިޝްއަށް އޭނާގެ އަޑު އިވޭހެނެއް ހިޔެއް ނުވެއެވެ. ޖެހި ބުދެއްހެން ދާނިޝް ހުރީ ބޭރު ބަލާށެވެ. ޔީޝާ ކުޑަކޮށް ބިރުގަންނަ ގޮތްވިއެވެ. ޔީޝާއަށް ނުފެނުނަސް ދާނިޝްއަށް ބޭރުން ކޮންމެވެސް އެއްޗެއް ފެންނަނީކަން ޔީޝާއަށް ޔަގީންވިއެވެ.
ދާނިޝްއަށް ހަމަހޭވެރިކަން ވީ ދަންމަޅީގައި އެޅިފައި އޮތް މީހާގެ ކަރުން އިރައިގެން ގޮސް ބޮލާ ހަށިގަނޑު ވަކިވެ ބިންމައްޗަށް ވެއްޓުމުންނެވެ. އެހަށިގަނޑު ބިންމަތީގައި ޖެހުމާއެކު އިވުނު ބާރު އަޑުން ދާނިޝްއަށް ހަޅޭލަވައި ގަނެވުނެވެ. ކަންފަތުގައި އަތް އަޅާ ބާރު ކޮއްލެވުނީ އެ ބާރު އަޑުން ކަންފަތަށް ތަދުވެގެނެވެ.
ދާނިޝް ކައިރިއަށް ދާން ތެދުވަންނަން އުޅުނު ޔީޝާވެސް ބިރުން ހަޅޭ ލަވައިގަނެވުނީ އެއަޑު އިވިފައެވެ. ކަންފަތުގައި އަތް އަޅާ ބާރުކޮއްލި ވަގުތު ޔީޝާގެ ބޮލަށް އެރީ ތޫނު ތަދެކެވެ. އެންމެ ސިކުންތަކުވެސް ޔީޝާއަށް ކޮޅަށް ހުރުން ދަތިވިއެވެ. ކަނޑާ ވައްޓާލި ގަހެެއްހެން ޔީޝާ ބިންމައްޗަށް ވެއްޓުނެވެ. ތަޅުންމަތީ ޖެހުމާއެކު ޔީޝާ ހަބަރު ހުސްވާ ގޮތްވިއެވެ.
ޔީޝާއަށް ވީގޮތް ފެނިފައި ދާނިޝްއަށް ޔީޝާ ކައިރިއަށް ދުއްވާގަނެވުނެވެ. ފެނުން މައްޗަށް ނަގާފައި އޮތް ރޯމަހެއްހެން ޔީޝާ ތެޅެން ފެށުމުން ޔީޝާގެ ގައިގައި ހިފަހައްޓާ ދާނިޝް ޔީޝާގެ ނަމުން ގޮވަން ފެށިއެވެ. ޔީޝާގެ ދެލޯ މަރާ ތަގުޅި ކޮއްލެވިފައި ވާއިރު ޔީޝާ ފުން ނޭވާތަކެއް ލަމުން ދިޔައެވެ. މެރިފައިވާ ދެލޮލުން ފެން އަންނަމުން ދިޔައިރު ޔީޝާއަށް ކޮންމެވެސް އަނިޔާއެއް ލިބޭތީ ރޮނީކަން ދާނީޝްއަށް އެނގުނެވެ. ޔީޝާ މައިތިރި ކުރެވޭތޯ މަސައްކަތް ކުރަމުން ދާނިޝް ޔައީޝްގެ ނަމުން ގޮވަން ފެށިއެވެ. ޔީޝާ އަށް ވަމުން ދިޔަ ގޮތުން ދާނިޝްގެ ދެލޯވެސް ތެމިއްޖެއެވެ. ގަތް ބިރުން ރޮވެން ފެށުނެވެ.
ފާހަނައިން ނުކުމެ ގަޔަށް ހެދުން ލާން ހުރި އަފާވެސް ސިހުނީ އިވުނު ބާރު އަޑުންނެވެ. އެއަޑަށް ނިދިފައި އޮތް ޔައީޝްވެސް ފުންމައިގެން ތެދުވިއެވެ.
“އެއީ ކޮން އަޑެއް؟” ބޮލަށް މަހާލި ނިދަން ލާ ޓީސާޓު ތިރި ކުރަމުން އަފާ އައިސް ޔައީޝްގެ މަގަތުގައި އިށީނެވެ.
“ނޭނގެ.. ފުރާޅަށް އެއްޗެއް ޖެހުނީކަންނޭގެ.. އެކަމު ކޯއްޗެއްބާ؟” ބިރުގަނެފައި ހުރި އަފާ ގެނެސް ގާތް ކޮއްލަމުން ޔައީޝް ބުނެލިއެވެ. އެ އިވުނީ ކޮން އަޑެއް ކަމެއް ނިންމަން ނޭނގިފައި ތިއްބާ ދެމީހުންވެސް ސިހުނީ ބޭރުން އިވުނު ދާނިޝްގެ އަޑަށެވެ. ޔީޝާއަށް ކަމެއް ވެއްޖެކަން އެނގުމުން ދެމީހުން ހާސްވެފައި ތެދުވިއެވެ. ބިންމަތީ އޮތް ޓިސާޓާ ސޯޓު ގަޔަށް ލުމަށްފަހު އަފާގެ ފަހަތުން ޔައީޝް ކޮޓަރިން ނުކުތެވެ. އެދެމީހުނާ އެކުއެކީހެން ރާޝިދާ އާއި ޔާސިރުވެސް އެމީހުންގެ ކޮޓަރިން ނުކުމެއްޖެއެވެ. އެންމެ ބިއްދަށަށް ހުރި ކޮޓަރީގައި އޮތް ޔުމްނާވެސް ޔީޝާއަށް ކިހިނެއް ވީހޭ ގޮވަމުން ނުކުތެވެ.
ޔީޝާ ކޮޓަރިއަށް ވަދެވުމާއެކު ރާޝިދާއަށް ދަރިފުޅާއޭ ކިޔާ ރޮއެގަނެވުނެވެ. އަފާ އަށާއި ޔުމްނާއަށް ހުރެވުނީ ހުއްޓުން އަރާފައެވެ. އަންހެންވެރިން އެއްފަރާތް ކުރަމުން ޔާސިރުއާ ޔައީޝް ދުވެފައި ޔީޝާ ކައިރިއަށް ދިޔައެވެ. ދާނިޝްއެކޭ އެއްފަދައިން އެދެމީހުނަށްވެސް ޔީޝާ ކައިރީ ކަކޫ ޖެހުމަށްފަހު ޔީޝާ މައިތިރި ކުރަން އުޅެގަތެވެ. ތިން ފިރިހެނުން ހިފަހައްޓާފައި ހުރީރުވެސް ޔީޝާ އޮތީ ތެޅިލަ ތެޅިލައެވެ. އިރު އިރުކޮޅާ ގަޔަށް އެއްޗެއް އަރާތީ ތެޅިގަންނަހެން ތެޅިގަނެފައި ހަޅޭލަވައި ގަނެއެވެ. ތުރުތުރު އަޅާވަރުން ދެދަތްޕިލާވެސް ނުޖެހެއެވެ. ކޮންމެ ދެސިކުންތަކު އޭނާގެ ހަށިގަނޑަށް އަރާ ބާރާއެކު ޔީޝާގެ ދެލޯ ތަންމިނަށް ހުޅުވިގެން ދެޔެވެ. ފުން ނޭވާއެއް އެތެރެކޮށް ދޫކޮއްލާއިރު ހީވަނީ ދެންމެ ދެންމެ ނޭވާޔާއެކު ޔީޝާގެ ފުރާނަވެސް އެ ހަށިގަނޑާ ވަކިވެދާނެ ހެނެވެ.
“ވަލީދުބެއަށް ގުޅާ.. ބުނޭ އަވަހަށް އަންނާށޭ.. ވަލީދުބެއަށް ނޫނީ ޔީޝާ މައިތިރިއެއް ނުކުރެވޭނެ” އެތަނުގައި އެއްޗެއް ވިސްނޭ ހާލެއްގައި ހުރީ ޔާސިރު އެކަނި ފަދައެވެ. ދެން ތިބި އެންމެންްވެސް ތިބީ ގަބުކައިފައެވެ. ހަދަންވީ ގޮތެއް ނޫނީ ކުރަންވީ ކީއް ކަމެއް ނޭނގިފައި ތިބީއެވެ. ޔާސިރުގެ ބަހަށް ވަލީދުއަށް ގުޅަން ފޯނު ނެގީ ދާނިޝްއެވެ. ނަސީބަކުން ދެފަހަރަކު ރިންގު ވިތަނާ ވަލީދު ފޯނަށް ޖަވާބު ދިނެވެ. ކުރުގޮތަކަށް ޔީޝާއަށް ވީގޮތް ކިޔައިދިނުމުން ވަލީދު ފޯނު ކަނޑާލީ ހަމަ މިހާރު މިދަނީ ކަމަށް ބުނެއެވެ.
“ޔީޝް އެނދުގަ ބާއްވަން ވީނުން” ދާނިޝް ބުނެލިއެވެ. ބިންމަތީގައި އޮވެ ޔީޝާ ތެޅިގަންނައިރު ޔީޝާގެ ބޯވެސް ތަޅުން މަތީ ޖެހުނީ ކިތަށް ފަހަރު ކަމެއް ނޭނގެއެވެ. ޔީޝާއަށް އިތުރު ވޭނެއް ލިބެން ނޭދޭތީ ދާނިޝްއަށް އެހެން ބުނެވުނީއެވެ. ޔާސިރު ބޯޖަހާލުމުން ތިން ފިރިހެނުންވެގެން ޔީޝާ ހިއްލާލާފައި އެނދުމަތީ ބޭއްވިއެވެ.
އެރޭގެ ބާކީބައި ވޭތުވީ އެހެނެވެ. ވަލީދުގެ އިތުރުން ހައްވާދީވެސް އައިސް ޔީޝާ ކައިރީ އިނދެ ކިޔެވުމުންވެސް ޔީޝާ މައިތިރި ވަނީ އިރު ކޮޅަކަށެވެ. ޔީޝާގެ ބޮލާވީ ކޮޅުގައި އިނދެ ވަލީދު މަޑުމަޑުން ކިޔަވަމުން ދިޔައެވެ. ހައްވާދީވެސް ވަލީދު ކިޔަވާފައި ދިން ފެންތަށި ޔީޝާގެ މޫނުގަޔާ ދެއަތުގަ އުނގުޅަމުން ދިޔައެވެ. އެގޮތަށް ކަންތަށް ކުރާ ކޮންމެ ފަަރަކު ޔީޝާ ހަމައަކަށް އެޅެއެވެ. ނަމަވެސް އިރުކޮޅަކުން ޔީޝާ ތެޅެން ފަށާއިރު ހީވަނީ އޭނާއަށް ކޮންމެވެސް ކަހަލަ އަނިޔާއެއް ނޫނީ އުނދަގުލެއް ވާތީ އުޅޭހެނެވެ. އެގޮތަށް ތެޅެން ފަށާ ފަހަަރަކު ދެންތިބި މީހުނަށް ޔީޝާ ހިފަހައްޓާާ ލެވެނީ ކިރިޔާއެވެ.
ފަތިސްވެ އަނެއް ދުވަހަށް އިރު އެރީރުވެސް ކަންތައް ހިނގަމުން ދިޔައީ އެފަދައިންނެވެ. ނަމަވެސް މިހާރު ކުރިއަށްވުރެ ޔީޝާ މައިތިރިއެވެ. ނަމަވެސް އެއްޗެއް އަރުތެރެއިން ނުދިރޭތީއާ އިރު އިރުކޮޅާ ހުސް ގޮހޮރާ ހުރެ އޯކަށް ދެމޭވަރުން ޔީޝާގެ ހާލު ރަނގަޅެއް ނޫނެވެ. މީހާ އޮތީ ވަރުބަލިވެފައެވެ. އެ މޫނުމަތީ ތާޒާ ކަމެއް ނެތެވެ. ދެލޯ ކައިރި ކަޅުވެ ވިދުން ގެއްލިފައެވެ. ތުންފަތްވެސް ކުރަވެ ހިކިފައެވެ. އަފާއާ ޔުމްނާ އެތަށް ވަރަކުން އުޅެގެން ދެވުނު ކުރުނބާ ފެންފޮދު ބޯލައިގެން ޔީޝާއަށް ލޮލުފިޔައެއް ޖަހާލެވުނީ އެދުވަހު މެންދުރުވެސް ވާން އުޅެނިކޮށެވެ. ޔީޝާ ނިދުމުން ވަލީދުވެސް ކިޔެވުން ހުއްޓާލިއެވެ. އަދި ފަހަރަކު މީހެއްގެ މޫނަށް ބާލާލަމުން ފިނި ނޭވާއެއް ދޫކޮއްލިއެވެ.
ޔީޝާ ކައިރީ މަޑުކުރުމަށް ބުނެ ވަލީދު ބަލާލީ ޔުމްނާ އަށާ އަފާއަށެވެ. އަދި ޔާސިރުމެންނާ ވާހަކަ ދައްކާލަން ބޭނުންވޭ ބުނެ ވަލީދު ކޮޓަރިން ނުކުތެވެ.
“އަހަރެންގެ ދަރިފުޅަށް ވީ ކީއްތޯ އަހަން ހިނގާބަލަ..” ކޮޓަރިން ނުކުތުމަށް ދަމުން ރާޝިދާ ބުނެލިއެވެ. ނަމަވެސް ރާޝިދާއަށް ނުނިކުމެވެނީސް ޔާސިރު އޭނާގެ އަތުގައި ހިފަހައްޓާ ހުއްޓުވިއެވެ.
“ރާޝިދާ މަޑުކުރޭ މިތާ.. އަހަރެން ވަލީދުބެއާ ވާހަކަ ދައްކާނަން” ޔާސިރު ބުނެލިއެވެ.
“ނޫން.. އަހަރެން ބޭނުން ޔީޝްއަށް ވީ ކީއްތޯ ބަލަން.. އަހަރެން ބޭނުން ވަލީދުބެ ދައްކާ ވާހަކަ އަޑުއަހަން” ރާޝިދާ ޔާސިރުގެ އަތް ފޮޅުވާލަމުން ބުނެލިއެވެ.
“ރާޝިދާ ޕުލީސް.. އަހަރެން ބުނާ ގޮތް ހަދާބަލަ.. ޔީޝް ކައިރީ މަޑުކޮށްބަލަ.. އަހަރެމެންގެ ދަރިފުޅު ހޭލާފަ އެންމެ ފުރަތަމަވެސް ހޯދާނީ މަންމަ އޭނުން.. ޔީޝް ހޭލަންދެން ޔީޝް ކައިރީ ރާޝިދާ މަޑުކޮއްލާ.. އަހަރެން ބުނީތީވެސް މަޑުކޮއްލާ” ޔާސިރު ވާހަކަ ދެއްކީ މަޑުމައިތިރި ކޮށެވެ. ރާޝިދާއަށް ވިސްނޭނީ އޭރުން ކަމަށް ވާތީއެވެ. ޔާސިރު އެހާ ރީތިކޮށް އެދުމުން ރާޝިދާ އިތުރަކަށް އިންކާރެއް ނުކުރެއެވެ. މަޑުމަޑުން ހިނގާފައި ގޮސް ޔީޝާ އޮތް އެނދުގައި އިށީނެވެ.
“ޔީޝާގެ ހަށިގަނޑަށް ޒަބޫރިޝް ވަންނަން މަސައްކަތް ކުރަނީ.. އެ ޖިންނި އަންދާލަން އަހަރެމެން އުޅޭކަން އެނގޭތީ ޔީޝާގެ ހަށިގަނޑަށް ވަންނަން އޭނާ އެއުޅެނީ.. އެކަމު އަދި އޭނާއަކަށް އެކަމެއް ކާމިޔާބެއް ނުވޭ.. މިރޭ މިއީ އެ ޖިންނި އަންދާލަން އެންމެ ރަނގަޅު ރޭ.. އިތުރަށް ފަސްކުރުމެއް ނެތް.. ލަސްކޮށްފިނަމަ ޔީޝާގެ ހާލު އިތުރަށް ގޯސްވާނީ.. އޭރުން އެ ޖިންނިއަށް ޔީޝާ ގަޔަށް ވަންނަން ފަސޭހަވާނެ.. އަހަރެން ހީކުރި ވަރަށް ވުރެ ޔީޝާ ވަރުގަދަ.. ޔީޝާއަށް ނޭނގި ނަމަވެސް އޭނާގެ ހަށިގަނޑު އެޖިންނިއާ ހަނގުރާމަ ކުރަނީ.. އެ ޖިންނި އޭނާ މިލްކު ކުރިއަށް ނުދެނީ.. އެކަމު ދެން އިތުރަށް އެކަމާ ހަނގުރާމަ ކުރާނޭ ހިތްވަރެއް އެކުއްޖާގެ ގަޔަކު ނެތް..” ސިޓިން ރޫމުގައި ހައްވާދީގެ އިތުރުން ތިބީ ހަތަރު ފިރިހެނުންނެވެ.
“އެ ޖިންނި އަންދާލެވޭނެތަ..؟ މިބުނީ ކުރިން ބުނީމެއްނު އެ ޖިންނި އަންދާލެވޭނީ މީހެއްގެ ހަށިގަނޑު ތެރޭ ހައްޔަރު ކޮށްގެނޭ” ޔައީޝް އެހިއެވެ.
“އަންދާލެވިދާނެ.. އެކަމު އޭނާ ހައްޔަރު ކުރަން އުނދަގޫވާނެ.. އެކަން ވެއްޖެއްޔާ އޭނާ އަންދާލާކަށް އުނދަގުލެއް ނުވާނެ.. އެކަމު މައްސަލައަކީ އެ ޖިންނި އަންދާލާއިރު އިންސާނާއަށްވެސް ގެއްލުމެއް ލިބިދާނެތީ” ވަލީދު ބުނެލިއެވެ.
“ޔީޝާ ހަށިގަނޑަށް ވަަންނަން ޒަބޫރިޝް މަސައްކަތް ކުރާއިރު މިކަން ފަސޭހަވާނެ. އޭނަގެ އަމިއްލައަށް ޔީޝާ ގަޔަށް ވަނީމަ އަންދާލާނީ” ހައްވާދީ ބުނެލިއެވެ.
“ނޫން.. ޔީޝާ ހަށިގަނޑުތެރޭ ހައްޔަރު ކުރުން ރަނގަޅެއް ނޫން.. އޭނާ އަންދާލާއިރު ޔީޝާ ދޫކޮއްލާކަށް ބޭނުމެއް ނުވާނެ.. އޭރުން ވާނެ ގޮތް އެނގޭނުން.. އެހެން ނޫނަސް މިކަހަލަ ބޮޑު ފަންޑިތައަކަށް ޔީޝާގެ ހަށިގަނޑުގަ އެއްވެސް ހަކަތައެއް ނެތް.. އަހަރެން މިކަމާ ވިސްނާލަން ވަގުތު ކޮޅެއް ބޭނުން.. އެކަމު.. މިރޭ.. މިރޭ އެ ޖިންނި އަހަރެން އަންދާލާނަން” ވަލީދު ބުނެލީ ޔަގީން ކަމާ އެކުގައެވެ.
“އަހަރެމެން ކިޔެއް ކޮށްދޭންވީ.. މިކަމަށް ބޭނުންވާ ހުރިހާ އެއްޗެއް އަހަރެމެން ހޯދަ ދޭނަން” ޔާސިރު ބުނެލިއެވެ.
“އަން.. މީގަ އަހަރެން ހުންނާނެ ބޭނުންވާނޭ އެއްޗެހި ލިޔެފަ.. މިއެއްޗެހި މިއަދު އިޝާ ނަމާދުން ފާބަން ވާއިރަށް ހޯދަން ވާނެ.. އަހަރެންގެ މަސައްކަތް ފެށޭނީ އޭރުން. އަން އަދި ހަނދާން ނެތުނީ.. ގަންނަން ޖެހޭ އެއްޗެހީގެ ލިސްޓަށް ނިކަން ވަރުގަދަ ދެ ޗޭނު ގަނޑު އިތުރު ކޮއްލަން ވާނެ.. ” ގަމީހު ޖީބުން ނެގި ކަރުދާސްގަނޑެއް ޔާސިރު އަތަށް ލައިދެމުން ވަލީދު ބުނެލިއެވެ. ކަރުދާސް ހިފައިގެން ޔާސިރުއާ ޔައީޝް އެއެއްޗެހިތަ ހަމަ ކުރުމުގެ މަސައްކަތް ފެށުމަށް ބޭރަށް ނުކުތެވެ. ޔީޝާ ކައިރީ ހައްވާދީ ބާންދާފައި ވަލީދުއާއި ދާނިޝްެވެސް އެވަގުތަށް ގެޔަށް ދިޔައެވެ.
އަސުރުން ފާބައިގެން ގެއަށް އައިގޮތަށް ދާނިޝް އިނީ ކޮޓަރީގައި ހުރި ކުޑަ މޭޒުކައިރި ފޮތެއް ހިފައިގެނެވެ. އެއް އަތް ނިތްކުރީގައި ވިއްދާލައިގެން އިންއިރު އަނެއް އަތުން ދާނިޝް އެ ތުނި ލިޔާފޮތުގައި ކޮންމެވެސް އެއްޗެއް ލިޔަނީއެވެ. އިރު އިރުކޮޅާ ފުންނޭވާއެއް ދޫކޮއްލާފައި ދެލޮލަށް ޖަމާވާ ކަރުނަތަށް ފުހެލައެވެ. ވަލީދުއަށް ކޮޓަރިއަށް ވަދެވުނީ ދާނިޝް އެހެން އިންދައެވެ. ވަލީދު އައިސް މޭޒު ކައިރީ ހުއްޓުމާއެކު ދާނިޝް އަވަހަށް ފޮތް ލައްޕާލާފިއެވެ. އަދި ނޫންކަމަށް ދެލޯ ފުހެލަމުން ގޮނޑިން ތެދުވެ ފާހަނައާ ދިމާއަށް ދިޔައެވެ. ފާހަނައަށް ވަނުމުގެ ކުރިން ދާނިޝް އެފޮތް އެނދުމަތީ ހުރި ބާލީސްތަކު ދަށަށް ކޮއްޕާލިއެވެ. ދާނިޝް އެގެންގުޅޭ ފޮތުގައި އޮތީ ކޯއްޗެއްބާއޭ ވަލީދުގެ ހިތަށް އެރިއެވެ. ނަމަވެސް ވަލީދު އެޔެއް ބަލަން މަސައްކަތް ނުކުރީ ދާނިޝް އެފޮތް ފޮރުވީ އޭނާއަށް އެ ދައްކަން ބޭނުން ނުވާތީކަން އެނގުމުންނެވެ.
މަޤްރިބުން ފާބައިގެން މިސްކިތުގައި މީހުންތައް ހުސްވީރުވެސް ދާނިޝް އާއި ވަލީދު އިނީ މިސްކިތުގައެވެ. ނަމާދުގެ ސަލާމް ދިންގޮތަށް ދާނިޝް ނުތެދުވެ އިނުމުން ވަލީދުވެސް ދާނިޝް ކައިރީ މަޑުކުރީއެވެ. ދާނިޝްގެ ކޮނޑުުގައި ވަލީދު އަތްބާއްވާލި ދާނިޝް މާބޮޑަށް ހާސްވަނީކަން އެނގުމުންނެވެ.
“ދާނީޝް މިކަމާ މާބޮޑަށް ފިކުރު ކުރަނީދޯ.. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅު ވާނެ.. އެހާ ވަރަށް ފިކުރު ބޮޑުވާކަށް ނުވާނެ” ދާނިޝްގެ ކޮނޑުގައި އަތް ބާއްވާލަމުން ވަލީދު ފުން ނޭވާއެއް ލިއެވެ.
“ބޭބޭ.. އަހަރެން މިކަން ކުރާނަން..” ދާނިޝް އިސްޖަހާލައިގެން ހުރެ ބުނެލީ މަޑުންނެވެ.
“ކޮން ކަމެއް؟” ދާނިޝް އެބުނި އެއްޗެއް ސާފު ނުވެގެން ވަލީދު އަހާލިއެވެ.
“އަހަރެން ޔީޝާ ސަލާމަތް ކުރާނަން.. އަހަރެންނަށް ކޮންމެ ގޮތެއްވިއަސް އަހަރެންގެ ފަރުވާލެއް ނެތް.. އެ ޖިންނި އަންދާލަން އަހަރެންގެ ހަށިގަނޑުގަ ހައްޔަރު ކުރޭ” ވަލީދުއާ ހަތަރު ކަޅި ހަމަ ކޮއްލަމުން ދާނިޝް ބުނެލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.




WHAT!! dhanish gaiga jinni ayyaru kuraa shey? Oh no… ??
Ey sis mi part ves hama baraa baru… ?ekamaku dhaanish ah eh vanee kihiney baa… ?can’t wait… when next part kiyaalan libey varu vaanee…. ?abadhu ves wait kure vey vaahaka eh mi… ?and mi story nimey ne dhuva hakah inthi zaaru kuranee….
Love you ❤
Take care ?