” އަހަރެންވެސް އަލްތާފް ދެކެ ލޯބިވޭ އަލްތާފް” އެ ޖުމްލަ ފެނުމުން އަލްތާފްގެ ހިތް އުފަލުން ފޮޅުނެވެ. އެ ކާޑު މޭގައި ލައްކޮށްލިއެވެ. އަލްތާފްއަށް ހީވީ އަރުތެރެ ހިތިވެގެން އުޅެނިކޮށް ފޮނިކާއެއްޗެއް ލިބުންހެނެވެ.އަލްތާފްއަށް ބޭރު ދޮރުން ވަރުދާ ބޯދިއްކޮށްލިތަން ފެނުނެވެ. އަލްތާފް ވަރުދާ ކައިރިއަށް ދިޔައެވެ. އަދި އެހިއެވެ.” މީ ހަމަ ވަރުދާ ފޮނުވި ކާޑެއްތަ؟” އަލްތާފްއަށް ޤަބޫލުނުކުރެވިގެން އަހައިލެވުނެވެ. ވަރުދާ ރަކިގޮތަކަށް ހީނލައި ބޯޖަހައިލިއެވެ. ” ވަރުދާ އަހަރެންގެ ގާރލްފްރައިންޑަށް ވާނަންތަ؟” އަލްތާފް އެހިއެވެ. ވަރުދާ އަނެއްކާވެސް ރަކިގޮތަކަށް ހީނލައި ބޯޖަހައިލިއެވެ. ” ވަރަށް އުފާވެއްޖެ. އަހަރެން ހީކުރީ ވަރުދާ ތިހައި ރީތިވީމައި ބިޓެއް ހުންނާނެކަމަށް” އަލްތާފް ބުނެލިއެވެ. ” އަހަރެން ވަރަށް ރީތިތަ؟” ވަރުދާ އެހިއެވެ.
” ވަރަށް ރީތި. ރީތިނުވާނީ ކީއްވެ؟ ތިއީ ވަރުދާ. ފިނިފެންމާ” އަލްތާފް ބުނެލިއެވެ. ” ކީކޭ؟” ވަރުދާއަށް އަހައިލެވުނެވެ.
” ވަރުދާގެ މާނައަކީ ފިނިފެންމާ” އަލްތާފް ބުނެލިއެވެ. ވަރުދާގެ ހަނދާނަށް އައީ އެންމެފުރަތަމަ ދުވަހު އަލްތާފް ފެނުނުދުވަހު ސައުދާގެ ގޭގައި ސައިބޯންއިންދައި އަލްތާފް ބުނި ޖުމްލައިގެ މަތިންނެވެ. ” ތިއީ ހަމަ ފިނިފެންމަލެއް” މިޖުމްލައެވެ. އެއީ ހީވީ ހީވުމެއްކަމަށް ވަރުދާއަށް ހީކުރެވުނެވެ.
” ޢީދުދުވަހު އަހަރެންނާއި އަލްތާފް ސައުދާގެގޭގައި ސައިބޯން އިންދައި އަލްތާފް ބުނިންދޯ އަހަރެންނާއި ދިމައަށް ތިއީ ހަމަ ފިނިފެންމަލެކޭ.” ވަރުދާ އެހިއެވެ. އަލްތާފް ލަދުގަތެވެ. އިސްޖަހައި ހީނލައި ބޯކަހައިލިއެވެ. ” ވަރުދާއަށް އަހަރެން ފުރަތަމަ ފެނުނު ފަހަރަކީ އެއީ ކަމުގައިވިޔަސް އަހަރެން އީދުދުވަހު އޭގެ ކުރިން ވަރުދާ ދެކުނިން. އީދުނަމާދަށް މިސްކިތުހޯލުތެރެއަށް ވަންނަނިކޮށް.” އަލްތާފް ބުނެލިއެވެ. އަލްތާފް އެވާހަކަ ކިޔައިދިނުމުން ވަރުދާ ވަރަށް ހިތްހަމަޖެހުނެވެ.
އޭގެފަހުން އަލްތާފްއާއި ވަރުދާގެ ހަޔާތަށް އައީ ބަހާރުމޫސުމެކެވެ. ލޯތަކަށް ސިއްރުން ބައްދަލުވެ ލޯބީގެ ކުލަރީތި މާތައް ފޮޅުވަމުންގެންދެއެވެ.ބައްދަލުވާ ރަސްމީ މާލަމަކީ ތުނޑިމައްޗެވެ. އެކަމަކު އެއީ ތުނޑީގައި ވަރަށް ދުރު ހިސާބެއްގައިވާ ތަނެކެވެ. އެ ހިސާބަށް ވަރަށް މީހުން ނާދެއެވެ.
އެއްދުވަހެއްގެ މެންދުރެވެ. ވަރުދާ އެތާނގައި ދެކޮޅަށް ހިނގައިލައި ހިނގައިލައި ހުއްޓެވެ. އަލްތާފް ނައިސްގެންނެވެ. ވަރުދާ އަލްތާފް ގާތު ބައްދަލުކުރަން ބުނިތާ މިހާރު ކިތަންމެ އިރެކެވެ. އެކަމަކު އަދިވެސް އަލްތާފް ނާދެއެވެ. ވަރުދާ އެތާނގައި އިން ބޯކަށިކެޔޮ ގަހެއްގެ އޮތްޕެއްގައި އިށީނދެއްޖެއެވެ. ދަތްދޮޅީގައި އަތްވިއްދިއެވެ.
” ވަރުދާ” އަލްތާފް އައިސް ކުޑަކޮށް ގުދުވެލައި ހީނލައިފައި ގޮވައިލިއެވެ. ވަރުދާ އިނީ ވަރަށް ނުރުހިފައެވެ. ލަހުން އައިމައި އެކަމާއި ޝަކުވާކުރަން ފެށިއެވެ. ” ސޮރީ” އަލްތާފް މައާފަށް އެދުނެވެ. އަލްތާފްގެ ދެއަތް ހުރީ ފުރަގަހަށް ލައިގެންނެވެ.
” ކޯންޗެއް ފުރަގަހަށް ލައިގެން ތިއުޅެނީ؟” ވަރުދާ އެހިއެވެ. އަލްތާފް އޭނަގެ ދެއަތް ދައްކައިލިއެވެ. އެއްއަތުގައި އޮތީ ރަތްފިނިފެންމަލެކެވެ. އަނެއްއަތުގައި ޑައެރީމިލްކް ޗޮކްލެޓެކެވެ.
“ޝުކުރިއްޔާ” ވަރުދާ އެ އެއްޗިހީގައި ހިފަމުން ބުނެލިއެވެ. ވަރުދާ ވަރަށް އުފާވިއެވެ. އެ ފިނިފެންމަލުގެ ވަސްބަލައިލިއެވެ.
“ވަރަށް މީރުވަސް ދުވާ” ވަރުދާ ބުނެލިއެވެ. ” އެކަމަކު އަހަރެންނަށް ތި ވަރުދާގައި މާމީރުވަސްދުވާ. ތިއީ އަހަރެންގެ ވަރުދާ. އަލްތާފްގެ ވަރުދާ. ” އަލްތާފް ވަރުދާގެ ދެކޮނޑުގައި ހިފައިލަމުން ބުނެލިއެވެ.
އާމިނާ އަފާފްގެ ކޮޓަރިދޮރު ހުޅުވައިލިއެވެ. އަފާފް އޮތީ ބެޑްމަތީ އިނގިރޭސި ވާހަކަފޮތެއް ކިޔައިށެވެ. ” ދަރިފުޅާ ކޮބައިތަ ދަރިފުޅުގެ ބޭބެ؟” އާމިނާ އަފާފް ކައިރިއަށް ގޮސް އަހައިލިއެވެ. ” ނޭނގެ ” އަފާފް ބުނެލިއެވެ.
” މިހާރު އެއްގޮތަކަށްވެސް ނޭނގެ އަލްތާފް ވާތަނެއް. ބުނެވެސްނުލައި މިހާރު ދާތަނެއް” އާމިނާ ބުނެލިއެވެ. ” މަންމާ ބޭބެ މިހާރު އެއީ ބޮޑުމީހެކޭ” އަފާފް ހީނލައިފައި ބުނެލިއެވެ.
އަލްތާފް ގެޔަށް އައިސް ވަދެއްޖެއެވެ.
“މަންމާ” އަލްތާފް އަފާފްގެ ކޮޓަރިދޮރުމައްޗަށް އަރައި ގޮވައލިއެވެ. އާމިނާ އަލްތާފްއާއި ދިމަ ބަލައިލިއެވެ.
ވަރުދާ މަލެއްހެން އުފަލުން ފޮޅެމުން އަލްތާފް ދިން ފިނިފެންމަލާއި ޗޮކްލެޓް ހިފައިގެން ގޭބޭރު ދޮރުހުޅުވައިލައި އެތެރެއަށް ވަދެއްޖެއެވެ. އޭނަގެ ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އަލްތާފް އެދިން ހަދިޔާތަކާއިއެކު ބެޑްމައްޗަށް ވެއްޓިގަތެވެ.
” އަލްތާފް. އަލްތާފް ހާދަ ރަގަޅޭ” ވަރުދާ ހިނިތުންވެލައި ބުނެލިއެވެ. ވަރުދާ އެފިނިފެންމާ ޓުކުރިއެއްގައި ބޭންދިއެވެ. ޑައެރީ މިލްކް ޗޮކްލެޓަކީ ވަރުދާ ވަރަށް ކާހިތްވާ ޗޮކްލެޓެކެވެ. އެކަމަކު ވަރުދާ ބޭނުންވީ އެވެސް ބައިންދާށެވެ. ފޮރުވާށެވެ. ސަބަބަކީ އެއީ އޭނަގެ ބޯއީފްރައިންޑް ފުރަތަމަފަހަރަށް އޭނައަށް ހަދިޔާއެކެވެ. ވީމައި އެ ހަނދާނަކަށް ވަރުދާ ބޭނުންވީ އެ ޗޮކްލެޓް ފޮރުވާށެވެ.
” ވަރުދާ “ނާހިދާ ވަރުދާގެ ކޮޓަރިދޮރުމައްޗަށް އަރައި ގޮވައިލިއެވެ. ވަރުދާއަށް މަންމައާއި ދިމައަށް ބަލައިލެވުނެވެ. ވަރުދާގެ އޭރު ހުރީ އެ ޗޮކްލެޓް ހިފައިގެންނެވެ.
” ތި ޗޮކްލެޓް ކާލަންވީނު؟” ނާހިދާ ބުނެލިއެވެ. ” ފަހުން” ވަރުދާ ބުނެލިއެވެ. ” ވަރުދާ ތިއައީ ފިހާރައިންތަ؟ ކީއްވެ ތި ޗޮކްލެޓް މިހާރު ނުކެވެނީ؟” ވަރުދާގެ މަންމަ ނާހިދާ ސުވާލުތަކެއް ކޮށްލިއެވެ. ވަރުދާ އެއްޗެއް ނުބުންޏެވެ.
ޖޫންމަހުގެ 30ވީ ބުދަދުވަގެ ރެއެވެ. ރޭގަނޑު ބާރަޖަހައިރެވެ. އަލްތާފް ވަރުދާއަށް ގުޅިއެވެ. އޭރު ވަރުދާ ނިދީގައި ތަންމަތީގައި ފުރޮޅެނީއެވެ. މޯބައިލްފޯނުގެ ރިންގުގެ އަޑު ކަންފަތުގައި ޖެހިއްޖެއެވެ. ވަރުދާ ނިދީގައި އޮވެގެން ފޯނުނެގިއެވެ.
” ހަލޯ” ވަރުދާ ބުނެލިއެވެ. ” ހެޕީ ބާތްޑޭ” އެއީ އަލްތާފްގެ އަޑެވެ. ވަރުދާއަށް ރަގަޅަށް ދެލޯ ހުޅުވައިލެވުނެވެ. ” އަލްތާފް . ޓެންކިޔޫ އެނގޭ” ވަރުދާ ބުނެލިއެވެ. ވަރުދާ އަލްތާފްއާއި ވާހަކަދައްކަން ވަރަށް ދަންވަންދެން އިނެވެ. އަލްތާފްގެ ފޯނުކޯލަށްފަހު ނިދިވެސް ފިލައިފިއެވެ. އަލްތާފްގެ އަޑުޖެހުނަސް ވަރުދާގެ ހިތްފުރެއެވެ. ” ވަރުދާ” ވަރުދާ” ނާހިދާ ވަރުދާގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހަންފެށިއެވެ. އެ އަޑަށް ވަރުދާ ސިހުނެވެ. އަދި ބިރުވެސް ގަތެވެ. ” އަލްތާފް. މަންމަ އެބަ ގޮވާ.ބާއްވަނީ އެނގޭ.” ވަރުދާ ފޯނުބޭއްވިއެވެ. ވަރުދާ ފޯނު ބާއްވައިފައި އެނދުންތެދުވެ ދޮރާއި ހަމައަށް ދިޔައެވެ. ވަރުދާގެ މަންމަ ނާހިދާ ދޮރުގައި ޓަކިޖަހައި ވަރުދާއަށް ގޮވަމުން ދެއެވެ. ވަރުދާ ހުރީ ވަރަށްބިރުންނެވެ. ނިތްމަތިން ދާއޮހެރެނީއެވެ.
އެންމެފަހުން ހިތްވަރުކޮށްފައި ދޮރުހުޅުވައިލިއެވެ.
“މަންމާ ކިހިނތްވީ؟” ވަރުދާއެހިއެވެ. ” ކާކާއި ތިވާހަކަ ދައްކަނީ؟” ނާހިދާ އެހިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

