“ޔީޝް.. ތަވީދު ކޮބާ؟” ޔީޝާގެ މޫނަށް ބަލަން ހުރެފައި ދަނިޝް ސުވާލު ކޮއްލިއެވެ.
“ތަވީދު އުނަގަނޑުގަ.. އަހަރެން އެޔެއް ނުބާލަން” ޔީޝާ އެހެން ބުނެފައި އުނަގަނޑުގައި އަތް ޖައްސާލިއެވެ. ޓައިޓުގެ މަތިންވެސް ޔީޝާއަކަށް ތަވީދުގެ ރޮދިފަށުގައި އަތެއް ނުޖެހުނެވެ.
“ޝިޓް.. ތަވީދެއް ނެތް.. އެކަމު ހަމަ ޔަގީން އަހަރެން އެ ނުބާލަންކަން” ޔީޝާ އެހެން ބުނުމުން ދާނިޝްގެ ނިތްކުރީވި ރޫތަށް ފުންވެގެން ދިޔައެވެ. ދެމީހުންގެ ހިތުގައިވެސް ނޭނގޭ ބިރުވެރިކަމެއް އުފެދުނެވެ.
****
“މޫދުގަ އުޅެނިކޮށް ކެނޑުނީ ކަމަށް ވާނީ.. ނަސީބެއްނު.. އަހަންނަށް ނުދެވުނު ނަމަ އޭނަ ޔީޝްގެ ދުވަސް ދުއްވާލިސް.. ޔީޝްގެ ތަވީދު ކެނޑޭނެ އިރަކަށް ބަލަބަލާ އެހުރީ.. ހިނގާ އަވަހަށް ގެޔަށް ދާން.. މިތާ ތިބުން ރަނގަޅެއް ނޫން.. އަހަރެން ވަލީދުބެ ކައިރީ ބުނާނަން..” ޔީޝާގެ އަތުގައި ހިފާ ކޮޅަށް ނަގަމުން ދާނިޝް ވާހަކަ ދެއްކިއެވެ.
“ހިނގާފަ ދެވޭނެތަ؟” ކޮރުގޮތަކަށް ޔީޝާ ކުރިއަށް ފިޔަވަޅު އަޅާލުމުން ދާނިޝް އަހާލިއެވެ. ޔީޝާ ބޯޖަހާލީ އެންމެން ކުރިމަތީ ދާނިޝް އޭނާ އުރާލަފާނެތީއެވެ. ނަމަވެސް ޔީޝާ ދެވަނަ ފިޔަވަޅު އަޅާލިތަނާ ދާނިޝް އޭނާ އަތްދަނޑި މައްޗަށް އުފުލާލިއެވެ. ޔީޝާ ނޫނެކޭ ކިޔަކިޔަ އޮށްވާ ދާނިޝް ޔީޝާ ހިއްލާލައިގެން އެހެން މީހުން ތިބި ދިމާއަށް ހިނގާގަތެވެ.
“ކިހިނެއްވީ ޔީޝާއަށް؟” ޔީޝާމެން ފެނިގެން ރާޝިދާ އެދިމާއަށް ހިނގާގަތެވެ. ޔާސިރުއާއި އަފާގެ މަންމަ ހާމިދާވެސް ކިހިނެއްވީހޭ ކިޔަމުން އެދިމާއަށް ހިނގާގަތެވެ. ޔާސިރުމެން ފެނުމުން ޔީޝާ ދާނިޝްއާ ދިމާއަށް ބަލާލަމުން އޭނާ ތިރިކުރާށޭ ބުނެލިއެވެ. ޔާސިރުއާއި ރާޝިދާގެ މޫނުގެ ކުލަވަރު ފެނި ދާނިޝްވެސް ހިސާބަކަށް ކަންބޮޑުވިއެވެ. އެދެމީހުންގެ މޫނުމަތީވި ނުރުހުންވުން އެއީ ދާނިޝް ޔީޝާ އުރާލައިގެން ހުރުމުން ވީގޮތެއްކަން އެނގުމުން ދާނިޝް އަވަހަށް ޔީޝާ ތިރި ކޮއްލިއެވެ.
“ކިހިނެއްވީ ދަރިފުޅުގެ ފަޔަށް؟” ނަމަވެސް ޔީޝާގެ ފައި ހަލާކުވެ ލޭއަންނަތަން ފެނުމުން އެދެމީހުންގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ދާނިޝް ޔީޝާ އުރާލީ ޔީޝާއަށް ނުހިނގުމުންކަން ދެނެގަނެވުމުންނެވެ.
“ކަނޑައިގެން ދިޔައީ؟” ޔީޝާ އެހެން ބުނުމުން އަވަހަށް ގެޔަށް ދާން ހިނގާށޭ ޔާސިރު ބުނެލިއެވެ.
“ކިހިނެއް ފައި ކަނޑައިގެން ދިޔައީ.. އެވެސް އަދި ކުޑަ ހުޅުން” ރާޝިދާ ބުނެލިއެވެ.
“ޔީޝް އޮޔާ ގެންދިޔައީ.. ގާގަނޑެއްގަ ޖެހުނީހެން ހީވަނީ” މިފަހަރު ވާހަކަ ދެއްކީ ދާނިޝްއެވެ.
“ތިތަން އިންފެކްޓު ނުވަނީސް ބޭހެއް އަޅަން ޖެހޭނެ.. ބައްޕަ މިގުޅަނީ ޕިކަޕަށް.. އެންމެން ނުދިޔަޔަސް އަހަރެމެން އިހަށް ގެޔަށް ދާނީ.. މިހާއަވަހަށް ގެޔަށް ދާންވީމަ ކުދިމީހުން ހިތްހަމައެއް ނުޖެހޭނެ” ޔާސިރު ބުނެލިއެވެ.
“ޔާސިރުމެން ދޭ ޔީޝާއާއެކު.. އަހަރެން ކުދިމީހުން ކައިރީ މަޑުކުރާނަން..” ހާމިދާ އެހެން ބުނުމުން ރާޝިދާ ހިތްހަމަ ޖެހުނެވެ.
ޔާސިރު ޕިކަޕަށް ގުޅުމުން ރާޝިދާ އެމީހުން ގެންގުޅޭ ސާމާނުތައް އަޅާފަ ހުރި ދަބަސްތަކާ ކޮތަޅުތައް ޕެކު ކޮއްލިއެވެ. ސައިބޯން ގެނައި އެއްޗެހިތަށް އަޅާފައި ހުރި ކޮތަޅުތައް ހާމިދާއަށް ދީފައި ރާޝިދާ ދިޔައީ ޔުމްނާއާއި ޔައީޝް ކައިރީ އެމީހުން ގެޔަށް ދާވާހަކަ ބުނާށެވެ. ޔީޝާގެ ފައި ހަލާކުވި ވާހަކަ ބުނުމުން އަފާއާއި ޔައީޝް އަދި ޔުމްނާ އެއްގަމަށް އެރިއެވެ.
“ވަރަށް ބޮޑަށްތަ ހަލާކުވީ؟” ޔީޝާ ކައިރީ ބިންމަތީގައި ދެކަކޫ ޖަހާލަމުން އަފާ އެހިއެވެ.
“ހަން މަށައިގެން ދިޔައީ..” އެހެން މީހުން ތިބުމުން ޔީޝާ އަފާ ކައިރީ ވީގޮތެއް ކިޔައެއް ނުދެވުނެވެ.
“އަފާ.. ޔީޝްގެ ފައިގަ މީހަކު ދަމާފަ ފުނަށް ގެންދިޔައީ.. ފައިގަ ހިފާފަ ހުރިތަން ހަލާކުވެ ލޭއަންނަނީ..” އަފާއާއި އެކު އެއްކައިރިއަށް ޖެހިލަމުން ދާނިޝް ބުނެލީ ހަމައެކަނި އަފާއަށް އިވޭވެރަށެވެ.
“މީހަކު ހިފީއޭ..؟؟ އެއީ ކިހިނެއް ވާނެ ކަމެއް؟” އަފާއަށް ގަބޫލު ނުކުރެވިފައި އަހާލެވުނެވެ.
“ޔީޝްގެ ތަވީދެއްވެސް ނެތް.. ޔީޝްއަކަށްވެސް ނޭނގޭ ތަވީދު ކަނޑައިގެން ދިޔަކަމެއް..” ދާނިޝް އެހެން ބުނުމުން އަފާގެ ދެލޯ ބޮޑުވިއެވެ.
“އަވަހަށް ވަލީދުބެއަށް ގުޅާފަ ބުނަންވީނުން” އަފާ ބުނެލިއެވެ.
“އަހަރެން ގުޅާފިން.. ބުނި މިއަދު ޔީޝް ގެޔަށް ދާނަމޭ.. މިހާރުވެސް ޔީޝްގެ މަންމަމެނަށް އަންގަން ލަސްވެއްޖެއޭ ބުނީ.. ޔީޝް އެކަނި ވިޔަ ނުދޭތިވޯ ވަލީދުބެ ބުނި. ޔީޝް އެކަނިވާ ވަގުތަކު އޭތި ޔީޝްއާ ދިމާކޮށްލަ ފާނެ.. އަހަންނަށް ހީވަނީ މިހާރު އެ ޖިންނީގެ މަގްސަދަކީ ޔީޝްގެ ދުވަސް ދުއްވާލުންހެން..” ދާނިޝް އެހެން ބުނުމުން އަފާ ކަންބޮޑުވިއެވެ.
“ދާނިޝް ހާސްނުވޭ.. އަހަރެން ޔީޝާ އެކަނި ވިޔަކަ ނުދޭނަން.. މިއަދު ވަލީދުބެ އައީމަ ވަލީދުބެ ލައްވާ ހުރިހާ ވާހަކައެއް މަންމަ މެނަށް ކިޔާދޭނީ.. އަހަންނަށް ހީވަނީ އޭރުންހެން އެންމެ ރަނގަޅުވާނީ” އަފާ ބުނެލިއެވެ.
ޕިކަޕު އައުމާއެކު ޔީޝާމެން ގެޔަށް ދިޔައެވެ. އަފާވެސް ގެޔަށް ދާން ބޭނުންވާ ވާހަކަ ބުނުމުން ޔައީޝްވެސް ޕިކަޕަށް އެރިއެވެ. ޔީޝާއަށް އަނިޔާއެއް ވުމުން ޔުމްނާވެސް އިތުރަށް މޫދަށް އެރޭހިތް ނުވުމުން ގެޔަށް ދާން ބޭނުންވިއެވެ. ޔީޝާމެން ގެއަށް ވަނުމުން ދާނިޝްވެސް ދިޔައީ އޭނާ އުޅޭ ގެޔަށެވެ. އަވަހަށް ފެންވަރައިގެން ވަލީދުއާއެކު ޔީޝާ ކައިރިއަށް އަންނާށެވެ.
“ދަރިފުޅު އަވަހަށް ފެން ވަރާލައިގެން ނުކުމޭ.. އޭރުންތާ ހަލާކުވެފަ އޮތްތާގަ ބޭހެއްވެސް އެޅޭނީ..” ޔީޝާ ގޮވައިގެން ފާހާނައާ ހަމައަށް ގޮސްފާ ރާޝިދާ ބުނެލިއެވެ.
“މަންމާ އަޅުގަނޑުގެ ތުވާއްޔާ ޓީސާޓާ އެއްޗެހި ގެނެސް ދީބަލަ.. މިނުކުންނަނީ ފެން ވަރާލައިގެން” ފާރުގައި އަތް ޖައްސާލައިގެން ހަށިގަނޑު ބެލެންސް ކުރަމުން ޔީޝާ ވާހަކަ ދެއްކިއެވެ. ޔީޝާއަށް ބޭނުންވާ އެއްޗެހި ގެނެސް ދީފައި ރާޝިދާ ނުކުތެވެ.
ފާހާނަ ދޮރު ލައްޕާލާފައި ތެތް ޓީސާޓު ބާލަން ހުރި އަފާ ސިއްސައިގެން ދިޔައީ ކުއްލިއަކަށް ފާހާނަ ދޮރު ހުޅުވުމުންނެވެ. ކޮނޑާ ހަމައަށް ހިއްލާގެން ހުރި ޓީސާޓު އަވަހަށް ތިރިކޮއްލަމުން ބަލާލިއިރު ދޮރުމަތީ ލާނެތް ގޮތަކަށް ހެވިފައި ހުރި ޔައީޝް ފެނުމުން އަފާއަށް ހަމަ ޖެހުމުގެ ނޭވާއެއް ލެވުނެވެ.
“ކީއްތިކުރަނީ މިތާ.. ނުކުމޭ އަހަރެން މިއުޅެނީ ފެންވަރަން” ފާހަނަ ދޮރު ލައްޕާލަމުން އަފާ ބުނެލިއެވެ.
“އަހަރެންވެސް މިއައީ ފެންވަރާށޭ..” ދޮރުފަތުގައި ހިފަހައްޓާލަމުން ޔައީޝް ބުނެލީ އަފާގެ ބޮލުން ފެށިގެން ފަޔާ ހަމައަށް ނަޒަރެއް ހިންގާލަމުންނެވެ.
“އަހަރެން ނުކުންނަންދެން މަޑުކުރޭ.. މިހާރު މިއުޅެނީ ލަސްވާތީ” ޔައީޝް ބަލަން ހުރިގޮތުން އަފާ ލަދުގަންނަ ގޮތްވިއެވެ. އެއީ އޭނާގެ ފިރިމީހާ ނަމަވެސް އަފާ ލަދުގަންނަނީއެވެ.
“އެހެންވީމައޭ މިއައީ. ދެމީހުން އެކީ ފެންވެރީމަ މާ އަވަސް ވާނެ.. ދެން އަހަރެން ވަންނަން ތަން ދައްކަބަލަ” ޔައީޝް އެހެން ބުނުމުން އަފާ ބޯހޫރާލިއެވެ.
“އަހަރެން މިބުނީނުން ނޫނޭކޭ.. ދެމީހުން އެކީ ވަދެއްޖެއްޔާ އަވަހަށް ނުނިކުމެވޭނެކަން އެނގެޔޭ.. ކޮންމެހެން އަހަންނަށް އޮޅުވާލަން އުޅޭނެ ކަމެއްނެތް..” އަފާ ތުން އަނބުރާލަމުން ބުނެލިއެވެ.
“ކަމޯން.. އަހަރެން މިއީ އަފާގެ ފިރިމީހާއޭ.. އަހަރެން ކުރިމަތީ ތިހާ ލަދުގަންނަން ޖެހޭތަ.. އަހަރެން ނޫނިއްޔާ ދެން ކާކު ހުންނާނީ އަފާއާއެކު…” ޔައީޝްގެ ޖުމްލަ ނުނިމެނީސް އަފާ ދޮރު ލައްޕާފިއެވެ. އެތެރެއިން ތަނޑު އެޅުވި އަޑު އިވުމުން ޔައީޝްގެ ގާތަށް ހިނިއައެވެ. ޔައީޝް ހޭންފެށި އަޑު އިވުމުން އަފާގެ ތުންފަތް މަތީވެސް ރަކި ހިނިތުންވުމެއް ފަވާލިއެވެ. ތެތް ހެދުން ބާލާފައި މާގަނޑު ދަށަށް ވަނުމުގެ ކުރިން އަދި އެއްފަހަރު ދޮރުގެ ތަނޑު ހުރީ އެޅުވިފަތޯ ބަލާލެވުނެވެ.
“އާހް….” ފެން މާގަނޑު ދޫކޮއްލުމާއެކު ބޮލުގައި ހުރި ޝޭމްޕޫގެ ފޮނުތަށް ފައިގެ ހަލާކުވެފައި ހުރިތަނަށް އެޅުމާއެކު ޔީޝާއަށް ހަޅޭޭލަވައި ގަނެވުނެވެ. އަަވަހަށް ހޭންޑު ޝަވާ ދޫކޮއްލާފައި ފަޔަށް ފެން އަޅަން ފެށިއެވެ. ނަމަވެސް އޭނާގެ ފައިން ނަގަން ފެށި ދިލަ ވީ ގަދައެވެ. އަވަހަށް ބޮލުން ޝޭމްޕު ފިލުވާލާފައި ޔީޝާ މާގަނޑު ދަށުން ނުކުތެވެ. ތުވާލި ނަގާ ފައި ހިއްކާލީ އެހާ ވަރަށް ދިލަ އެނަގަނީ އެތަނުގައި ފެން ޖެހޭތީ އޭ ހީވެގެންނެވެ. އެތަނުން ފެން ހިއްކާލުމުންވެސް ދިލަ ނެގުމެއް މަޑެއް ނުވިއެވެ. އެހެން ކަމުން ޔީޝާ އަވަހަށް ފާހަނައިން ނުކުތެވެ. ތުވާލި ގައިގައި އޮޅާލައިގެން ހުރެ ކޮޓަރިއަށް ނުކުތްއިރު އޮން ކޮއްފައި ހުރި އޭސީގެ ފިނިކަން ހަށިގަނޑުގައި ޖެހުމާއެކު ޔީޝާ ހީގަތެވެ. ކޮޓަރި ދޮރު ތަޅުލާފައި އައިސް ރީތިވާ މޭޒުކައިރީ ހުއްޓުމުގެ ކުރިން އޭސީ ނިއްވާލިއެވެ.
ގައިގައި ލޯޝަން ހާކަން ހުރީރުވެސް ޔީޝާގެ ދެއަތް ތުރު ތުރުން އަޅައެވެ. އޭސީ ނިއްވާލާފައި ހުރީރުވެސް ޔީޝާ ހީކަރުވަނީއެވެ. ދެ ދަތްޕިލާވެސް ނުޖެހޭ ވަރަށް ތުރު ތުރު އަޅަން ފެށިއެވެ. އަމިއްލަ ނިތް ކުރީގަޔާއި ކަރުދަށުގައި އަތް ޖައްސާލި އިރު ހޫނުކަމުން ފިހޭ ވަރުވެއެވެ. އޭނާ ހުން ގަދަވަނީކަން އެނގުމުން ޔީޝާ އަވަހަށް ގަޔަށް ހެދުން ލިއެވެ. މަންމައަށް ގޮވަމުން ކޮޓަރި ދޮރު ހުޅުވާލިއެވެ. ނަމަވެސް ބޭރަށް އެންމެ ފިޔަވަޅެއްވެސް ނޭޅެނީސް ޔީޝާގެ ބޮލަށް ތޫނު ތަދެއް އެރިއެވެ. ވަށައިގެން ފެންނަ މަންޒަރުތައް ފުސްވާން ފެށިއެވެ. ބޮލަށް ބަރުވަމުން ދިޔަވަރަކަށް ކޮޅަށް ހުރުން ޔީޝާއަށް ދަތިވިއެވެ. ބޮލުގައި އަތް އަޅާލަމުން ޔީޝާ ކަކޫ މައްޗަށް ތިރިވިއެވެ. ވަށައިގެންވީ މަންޒަރުތައް އަނދިރިވެ ޔީޝާގެ ހަބަރު ހުސްވީރު އެންމެ ފަހުން ޔީޝާގެ ކަންފަތުގައި ގުގުމާލީ ރާޝިދާ އޭނާގެ ނަމުން ހަޅޭލަވައިގަތް އަޑެވެ.
ވަގުތަކީ ދާނިޝްއާއެކު ވަލީދުވެސް އެގެޔަށް ވަތް ވަގުތެވެ. ރާޝިދާ ހަޅޭލަވާގަތް އަޑަށް ދާނިޝް ދުވެފައި ގޭތެރެއަށް ވަނެވެ. އޭރު ޔާސިރުއާއި ޔައީޝްވެސް ކޮޓަރިން ނުކުމެގެން އާދެއެވެ. ޔުމްނާއާއި އަފާވެސް ނުކުތެވެ.
“ކިހިނެއްވީ އެމަންޖެއަށް؟” ޔީޝާ އަތް ދަނޑިމައްޗަށް ހިއްލާލަމުން ޔާސިރު އެހިއެވެ.
“ނޭނގެ.. ޔީޝް ގޮވާއަޑަށް އަހަރެން އެކޮޓަރިއަށް ދާން އައީ.. އެކަމު އަހަންނަށް ނާދެވެނީސް ޔިޝާ ހޭނެތިގެން ވެއްޓުނީ..” ރާޝިދާ ހާސްވެފައި ހުރެ ވާހަކަ ދެއްކިއެވެ.
“ހިނގާ ހޮސްޕިޓަލަށް ގެންދަން.. މިއޮތީ ހުމާ ފިހި ފިހި” ޔާސިރު ބުނެލިއެވެ.
“ހޮސްޕިޓަލަށް ގެންދިޔުމަކުން ޔީޝާއަކަށް ފަރުވާއެއް ނުލިބޭނެ” އެތަނަށް އައިސް ހުއްޓުނު ވަލީދުގެ އަޑަށް ޔާސިރުއާއި ޔައީޝް ހައިރާންވެފައި ބަލާލިއެވެ.
“އެއީ ކީއްވެ؟ އެކަމު އެހާ ހުންގަދަވެފަ އޮތްވާ ހޮސްޕިޓަލަށް ނުގެންގޮސް ކަމަކު ނުދާނެއްނު” ޔައީޝް ބުނެލިއެވެ.
“ޔީޝާގެ ތިހުމަކީ އާދައިގެ ހުމެއް ނޫން.. އެކަމު އަހަންނަށް ޔީޝާގެ ހުން މަޑު ކޮށްދެވިދާނެ” ވަލީދު އެހެން ބުނުމުން ޔާސިރު ބަލާލި ރާޝިދާއަށެވެ. ހީވާގޮތުން އެކަމުގައި އަނބިމީހާގެ ހިޔާލެއް ހޯދަނީއެވެ.
“ވަލިދުބެ ބުނާގޮތް ހަދަން ހިނގާ.. އަހަރެން އަބަދުވެސް ބުނަމޭނުން ޔީޝާއަށް ކޮންމެސް ކަމެއް ވެއްޖެއޭ.. އަހަރެން ވަލީދުބެ ގެނައީވެސް އެހެންވެއޭ..” ރާޝިދާ އެހެން ބުނުމުން ޔާސިރު ޔީޝާ ގެންދިޔައީ ކޮޓަރިއަށެވެ. އެނދުމަތީގައި ޔީޝާ ބާއްވާލުމުން ރާޝިދާ ޔީޝާގެ ގައިގައި ރަޖާ އަޅާލިއެވެ. އަދި ވަލީދުގެ އެދުމަށް ކުޑަ ތުވާއްޔަކާ ބޯތައްޓެއްގެ ފިނި ފެން ގެނެސް ދިނެވެ.
“ތުވާލި ތެއްމާލާފަ ޔީޝާގެ ނިތް ކުރިމަތީ ބާއްވާލާ” އެނދުގެ މަގަތުގައި ހުރި ގޮނޑިއެއްގައި އިށީންނަމުން ވަލީދު ބުނެލިއެވެ. ވަލީދު ބުނިފަދައިން ރާޝިިދާ ކަންތައް ކުރިއެވެ.
“ޔީޝާ ރަނގަޅުތަ؟” ޔީޝާގެ ނިތްކުރިމަތީ އޮތް ތެތް ތުވާލި މަތީ އަތް ބާއްވާލައިގެން އިނދެ ކިޔަވަމުން ދިޔަ ވަލީދުއަށް ބަލަން ހުރެފައި ޔާސިރު އެހިއެވެ.
“ބިއްލޫރި ތައްޓެއްގަ ފުރެންދެން ބޯފެންފޮދެއް ގެނެސް ދީބަލަ” ޔާސިރުގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ވަލީދު ބުނެލިއެވެ. ރާޝިދާ ޔުމްނާއާ ދިމާއަށް ބަލާލުމުން ޔުމްނާ އަވަސްވެގަތީ ބަދިގެއަށް ގޮސް ފެންތައްޓެއް ގެނެސް ދިނުމަށެވެ.
ފެންތަށި ގެނެސް ވަލީދުއަށް ދިއްކޮށްލުމުން ވަލީދު އެތަށީގައި ހިފިއެވެ. އަދި ތުން ތަޅުވާލަމުން ތަށީގެ ތުންފަތުގައި އިނގިލި ޖައްސާލާފައި ނުއަތަށް ތިން ފަހަރު އިނގިި ހާކާލިއެވެ. އަދި ހިތުން އަލް-ފާތިޙާ ސޫރަތް ކިޔާވާލާފައި ފެންތައްޓަށް ތިންފަހަރު ފުމެލިއެވެ. އެއަށްފަހު ފެންތަށި އެނދުކައިރީ ހުރި ކުޑަ މޭޒުމަތީ ބެހެއްޓިއެވެ.
“ޔީޝާ ހޭލީމަ މިފެން ތަށި އެއްކޮށް ބޯން ދޭންވާނެ.. އޭރުން ހުން އެއްކޮށް މަޑުވެދާނެ.. މިހާރު ޔީޝާ އަރާމު ކޮށްލަން ބާއްވާ.. މީން އިރަކު ޔީޝާ ނުހޭލާނެ.. އުނދަގޫ ނުކޮށް ބާއްވަމާ..” ވަލީދު އެހެން ބުނެފައި ގޮނޑިން ތެދުވިއެވެ.
“އަދިވެސް ޔީޝާއަށް ވެގެން އުޅޭގޮތެއް ނުބުނަމޭނުން” ވަލީދުއަށް ބަލަން ހުރެފައި ޔާސިރު ބުނެލިއެވެ.
“މިވާހަކަ ދައްކާނީ މިތަނަކު ނޫން.. ޔީޝާއަށް އުނދަގޫ ވެދާނެ.. ހިނގާ ސިޓިން ރުމަށް” ވަލީދު އެހެން ބުނުމުން ޔާސިރު ބޯޖަހާލިއެވެ. އެހެން މީހުން ސިޓިން ރޫމަށް ނުކުތުމުން ދާނިޝް ޔީޝާ ކައިރީ މަޑުކުރިއެވެ. ޔީޝާ އެކަނިވާ ވަގުތު އެ ޖިންނި އައިސް ޔީޝާއަށް ގެއްލުމެއް ދީފާނެތީއެވެ.
“ޔީޝާ ވަރަށް ކުޑަ އިރުންސުރެއް ޔީޝާއާ ޖިންނިއަކު އަވަލައިގެން އުޅެނީ.. އަހަރެން އެޖިންނިއާ ވާހަކަ ދެއްކިން.. އޭނަ ބުނި ގޮތުގަ ޔީޝާގެ އުމުރުން ފަސް އަހަރުން ފެށިގެން އޭތި ޔީޝާގެ ފަހަތުން އުޅޭ.. ކުރިން ޔީޝާއަށް އޭތީގެ އުނދަގުލެއް ނުވަނީ ޔީޝާގެ ހަށިގަނޑުގަ ޔީޝާގެ މާމަ އަޅުވާފަ އޮންނަ ތަވީދުގެ ސަބަބުން.. އެތަވީދު ޔީޝާއާ ވަކީވީ ދާނިޝް މެންނާއެކު ދަތުރު ގޮސް އުޅެނިކޮށް ކަމަށް ޔީޝާ ބުނެފަ އޮތީ.. އެއަށްފަހު އޭތީގެ އުނދަގޫ ޔީޝާއަށް ވާންފެށީ.. ޔީޝާއަށް އެޖިންނި ފެންނަނީ ދާނިޝްގެ ސިފާގަ” އެހިސާބަށް ވާހަކަ ދިޔަތަނާ ޔައީޝް ވަލީދުގެ ވާހަކަ ހުއްޓުވިއެވެ.
“ވަޓް.!! ޔީޝްއާ ޖިންނި އަވަލާފައޭ..؟؟ ކޮން ކަހަލަ ވާހަކައެއް ތިދައްކަނީ..؟ ހަމަ ހުރެފަ ޖިންނި އަވަލާތަ؟” ވަލީދު ބުނިއެއްޗެއް ގަބޫލު ނުކުރެވިފައި ޔައީޝްއަށް ބުނެލެވުނެވެ. ޔައީޝް އެހެން ބުނުމުން ޔާސިރުއާއި ރާޝިދާ ހިތްހަމަ ނުޖެހިފައި ޔައީޝްއާ ދިމާއަށް ބަލާލިއެވެ.
“ވަލީދުބެ ހަމަ ހުރެފަ ދޮގެއް ހަދާނެތަ..؟ ޔައީޝްއަކަށް ނުފެނޭތަ ޔީޝްއަށް ވާގޮތެއް..؟ އެރަށުގަވެސް ޔީޝް ބަލިވިއެއްނު… އެރޭވެސް ޔީޝް ދާނިޝްއާ އެކީ ކަމަށް ބޭރަށް ދިޔައީ.. އެކަމު އެރޭ ދާނިޝް އުޅުނީ ޔައިޝްއާ އެކީއެއްނު.. އެރޭވެސް ޔީޝް ކުއްލިއަކަށް ބަލިވީ އެހެންވެ.. ޔީޝްއާ ދާނިޝް ދޭތެރޭ މައްސަލަ ޖެހުނީ ޔީޝާގެ ފަހަތުން އުޅޭ ޖިންނިއެއްގެ ސަބަބުންކަން އެނގުނީ ދެން..” އަފާ ބުނެލިއެވެ.
“މިކަން އެނގޭއިރު އަފާ ކީއްވެ އަހަރެމެން ކައިރީ އެއްވެސް ކަމެއް ނުބުނީ.. މިއީ ސިއްރު ކުރާކަހަލަ ކަންތައްތަ؟” އަފާއަށް ހަގީގަތް އެނގޭކަން އެނގުމުން ޔައީޝްއަށް ވާހަކަ ދެއްކުނީ ހަރުކަށި ކޮށެވެ.
“އަހަރެން ބުނަން ބޭނުންވި.. ބުނަން އުޅުނިންމެ.. އެކަމު ކޮންމެ ފަހަރަކު ޔީޝް އަހަރެން ހުއްޓުވަނީ.. ޔީޝް ބުނީ އެހެން މީހުން ކައިރީ މިވާހަކަ ބުނެއްޖެއްޔާ އެޖިންނި އެންމެން މަރާލާނޭ. ޔީޝް މިކަންތައް ސިއްރު ކުރީ އެ ޖިންނި ދެކެ ބިރުން.. އަޒާންއަށް ހަދާލިހެން އެހެން މީހުނަށް ހަދާފާނެތީ” އަފާ އެހެން ބުނުމުން ޔައީޝްގެ ރުޅިގަނޑު ހިނދުނެވެ. އަދި އަފާގެ އަތުގައި ހިފާލަމުން މަޑު މަޑުން ސޮރީއޭ ބުނެލިއެވެ.
“އަހަރެން އެޅުވި ތަވީދު ނުކެނޑޭއިރުވެސް ޔީޝްއަށް އެ ޖިންނި އުނދަގޫ ކުރޭތަ؟” ވަލީދު އަހާލިއެވެ.
“ނޭނގެ.. އެކަމު ޔީޝް ބުނި އެޖިންނިއަށް އަޑު އިވޭނޭ.. އޭނާ ކުރާކަންތައް ބަލާނެއޭ.. ފަހުން ފަހުން އައިސް ޔީޝް އަހަންނަކާ އެއްވެސް ކަމެއް ހިއްސާއެއް ނުކުރޭ.. ޔީޝްގެ މާމަ ބުނި އެ ޖިންނި އަންދައެއް ނުލެވޭނޭ.. އެހެންވެ ޔީޝް އުޅުނީ އެ ޖިންނި ޔީޝް ދޫކޮއްލާ މަތިން އެ ޖިންނި ބޭނުންވާ ކަންތައް ކޮށްދޭން.. ޔީޝް އެގޮތަށް ކަންތަށް ކުރަން ނިންމީމަ އަހަރެން އުޅުނިން މަންމަމެން ކައިރީ ބުނަން.. އެކަމު އެދުވަހުވެސް ޔީޝް އެކަން ހުއްޓުވީ.. ” އަފާ ބުނެލިއެވެ.
“ތިބުނީ؟ އެ ޖިންނި ބޭނުންވާ ކޮން ކަމެއްގެ ވާހަކަ؟” ވަލީދު އެހެން އެހުމުން އަފާއަށް ކޮންމެ މީހެއްގެ މޫނަށް ވަކި ވަކިން ބަޅާލެވުނެވެ. ދެން ބުނެވޭ އެއްޗަކުން އެންމެނަށް ވާނެ ގޮތަކާ މެދު ވިސްނިފައެވެ. ނަމަވެސް އެންމެނަށް ހަގީގަތް އެނގެންވީ ވަގުތު ޖެހުނީކަން އަފާއަށް ވިސްނުނެވެ. އިތުރަށް ލަސްކުރަން ވެއްޖެއްޔާ ޔީޝާގެ ފުރާނައަށް ގެއްލުމެއް ލިބުމަކީވެސް ވެދާނެ ކަމެކެވެ.
“މިރަށަށް އައި ހަފްތާ ޔީޝާއާ އަހަރެން މާމަ ކައިރިއަށް ދިޔައިން.. އެރޭ މާމަ އަހަރެެމެނަށް ހުރިހާ ވާހަކައެއް ކިޔައިދިން .. އެއީ ކިހިނެއް ޔީޝްއާ އަވަލި ޖިންނިއެއް ކަން..” ހައްވާދީ ކިޔައިދިން ވާހަކަ އަފާ ކިޔައިދޭން ފެށިއެވެ. އަފާގެ ވާހަކަ ނިމުމަކަށް އައިރު އެންމެންގެވެސް މޫނުމަތީ ވަނީ ބޮޑު ސުވާލު މާކެކެވެ. ބުނާނެ އެއްޗެއް ނޭނގިފައި އެންމެން ތިބީރު ސިޓިން ރޫމަށް ވެރިވެފައި ވަނީ ހިތް އަވަސް ކުރުވާ ކަހަލަ ހަަހިމޭން ކަމެކެވެ.
“މަގޭ ދަރިފުޅު… މަގޭ ދަރިފުޅު.. އެ ކުއްޖާއަށް އެހާ ބޮޑުކަމެއް ވެގެން ދިޔައިރު އަހަރެމެނަށް ނުވެސް އެނގޭ.. އަަހަރެންގެ މަންމަވެސް… މިހާ ބޮޑު ކަމެއް އަހަރެމެނަށް އެ ސިއްރުކުރީ 15 އަހަރު ދުވަހު.. އަހަރެން އަބަދުވެސް މަންމަ ކައިރީ ބުނަން އެ ފާފައިން ދުރުވާށޭ.. އެކަމު.. އެކަމުގެ ހިތި ސަޒާވެސް އެލިބުނީ އަހަރެންގެ ދަރިފުޅަށް.. ” ތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ނަގާލީ ރާޝިދާގެ އަޑުންނެވެ. މޫނުމަތީ އަތް އަޅާއިގެން ރާޝިދާ ވާހަކަ ދައްކަމުން ދިޔައިރު އަޑުންވެސް ރާޝިދާ ރޮނީކަން އެންމެނަށް އެނގެޔެވެ.
“ރާޝިދާ ހަމަ ޖެހިބަލަ.. ދެން ރުއިމަކުން ވާނޭ ކަމެއް ނޯންނާނެ.. މިކަމުގަ މަންމަ ކުށްވެރިކޮއްގެން ވާނޭ ކަމެއް ނޯންނާނެ.. ވަގުތު ފާއިތު ނުވަނީސް އަހަރެމެންގެ ދަރިފުޅު މިކަމުން ސަލާމަތް ކުރުން އޮތީ.. ވަލީދުބެވެސް އެހެރީނުން.. އިރާދަ ކުރެއްވިއްޔާ އަހަރެމެންގެ ދަރިފުޅު މިކަމުން ސަލާމަތް ވާނެ” ރާޝިދާ ރޯން ފެށުމުން ޔާސިރު ކަންބޮޑުވިއެވެ. އަންބިމާހާގެ ދެކޮނޑުގައި ހިފާ ގާތް ކޮއްލަމުން ޔާސިރު ރާޝިދާ ހަމަޖައްސައިދޭން މަސައްކަތް ކުރިއެވެ.
“ހަމައެކަނި މަންމަގެ ކުށެއް ނޫން.. މިކަންތަށް މިދިމާވީ އަހަރެންގެވެސް ސަބަބުން.. އަހަރެން ކީއްވެ އެރޭ ޔީޝާ އެގެޔަށް ފޮނުވީ؟ ދައްތަމެން ގެޔަށް ލާފަ ދެވެން އޮތްވާވެސް އަހަރެން އެކުއްޖާ އެގެޔަށް ގެންދިޔައީ ކީއްވެ… އެ ސިހުރު ހަދާ މީހާ ކައިރިއަށް އަހަރެންގެ ދަރިފުޅު ފޮނުވާލީ ކީއްވެ.. އެހެން ނޫންނަމަ އަހަރެންގެ ދަރިފުޅު މިއަދު އެކުރާ ހިތާމައާ ތަކުލީފެއް ނުޖެހުނީސް.. އަހަރެންނާ ހުރެ ޔީޝާގެ ދިރި އުޅުން ހަލާކުވީ” ރާޝިދާގެ ވާހަކައިން ޔާސިރު ހާސްވިއެވެ. ރާޝިދާ ހައްވާދީއާއި އޭނާގެ އަމިއްލަ ނަފްސު ކުއްވެރި ކުރަނީ ކަން އެނގުމުން ޔާސިރު ކަންބޮޑުވިއެވެ.
“ރާޝިދާ ތިކަހަލަ ވާހަކަ ނުދައްކަބަލަ.. މަންމަވެސް ގަސްތަކު އެކަހަލަ ކަމެއް ނުކުރާނެއްނު.. ދެން ހަމަ ޖެހިބަލަ..” ޔާސިރު އެހެން ބުނެފައި ފުން ނޭވާއެއް ދޫކޮއްލިއެވެ.
“ވަލީދުބޭ.. ދެން ޔީޝް ސަލާމަތް ކުރަން ކިހިނެއް ހަދަން ޖެހެނީ.. އަފާ އެބުނީނުން މާމަ ބުންޏޭ އެ ޖިންނި އަންދާލަން އުނދަގޫ ވާނޭ” ޔައީޝް އެހެން ބުނުމުން ވަލީދު ސޯފާއިން ތެދުވިއެވެ.
“ޔީޝާ އެކަމުން ސަލާމަތް ކުރަން އުނދަގޫ ވާނެ.. އެކަމު ގޮތެއް ހުހެއް ނުވާނެ.. އަހަރެން މިކަމާ ވިސްނާލަން ވަގުތުކޮޅެއް ބޭނުން.. އަދި ހައްވާދީއާ ވާހަކަ ދައްކަންވެސް ބޭނުންވޭ.. ގޮތެއް ނިންމަން އެނގޭނީ އޭރުން.. އެކަމު މިހަފްތާ ތެރޭ އަހަރެން އެކަން ކުރަން ބޭނުން.. އެއަށްވުރެ ލަސްކުރާކަށް އަހަރެން ބޭނުމެއް ނޫން” ވަލީދު އެހެން ބުނުމުން އެންމެނަށްވެސް ބޯޖަހާލެވުނެވެ. އެހެން މީހުންވެސް މިކަންތައް އިތުރަށް ފަސްކުރާކަށް ބޭނުމެއް ނުވެއެވެ. ވީ އެންމެ އަވަހަކަށް ޔީޝާ އެކަމުން ސަލާމަތް ކުރުން އެއީ އެންމެވެސް ބޭނުންވާ ގޮތެވެ.
“އަހަރެން މާދަމާ އަންނާނަން.. މިވަގުތު ގޮސްލީ.. ހަނދާންކޮށް ޔީޝާ ހޭލި އެންމެ އަވަހަކަށް އެފެންތަށި ދޭތި” ވަލީދު އެހެން ބުނެފައި ގެއިން ނުކުތުމަށް ހިނގާގަތެވެ. ޔާސިރުވެސް ވަލީދުގެ ފަހަތުން ނުކުތީ ވަލީދު ގެޔަށް ލައިދިނުމުގެ ނިޔަތުގައެވެ.
“މަން.. މަންމާ؟” ބަރުވެފައިވާ އެސްފިޔަތައް ދުރު ކޮއްލި ވަގުތު އެނދުގެ މަގަތުގައި އޭނާގެ އަތުގައި ފިރުމާލަ ފިރުމާލަ އިން ރާޝިދާ ފެނުމުން ޔީޝާ ގޮވާލިއެވެ. ޔީޝާގެ އަޑު އިވުމުން ރާޝިދާ ސިހިފައި ބަލާލިއިރު ޔީޝާ ދެލޯ ހުޅުވައިގެން އޮތް ތަން ފެނުމުން ޔާސިރުގެ ނަމުން ގޮވާލިއެވެ. އެވަގުތު ބޭރުން ވަދެގެން އައި ބައްޕައާއި ތުއްތުބެ އަދި ދާނިޝް ފެނިފައި ޔީޝާ ހައިރާންވިއެވެ. އެންމެންގެ މޫނުމަތިން ހާސްކަން ފެންނަން ހުރުމުން ޔިޝާ ހުރީ ވާނުވާގައެވެ. އޭނާއަށް ވީ ކީއްތޯ އަހާލަމުން ޔީޝާ ހަނދާން ކުރަން މަސައްކަތް ކުރިއެވެ. ފެން ވަރައިގެން ނުކުތްތަނާ ހުން ގަދަވެގެން ހަބަރު ހުސްވިކަން ހަނދާންވީ ދެނެވެ.
“ދަރިފުޅު ކިހިނެއް؟ ރަނގަޅުތަ؟ ތަނަކަށް ތަދުވޭތަ؟” ކޮޓަރިއަށް ވަދެގެން އައި ޔާސިރުގެ އަޑުގައި ހާސްކަމެއް ވިއެވެ.
“ހޫމް.. ރަނގަޅު.” ފަހަރަކު މީހަކަށް ބަލާލަމުން ޔީޝާ ހިނިތުންވެލިއެވެ.
“ކިހިނެއް ރަނގަޅު ވާނީ..؟ ދަރިފުޅަށް މިހާ ބޮޑުކަމެއް ވީރު މަންމަ މެނަށް ސިއްރު ކޮށްގެން ތިހުންނަނީ؟ މިއީ މަންމަމެނަށް ފޮރުވަން ޖެހޭ ކަހަލަ ކަންތައްތައް.؟ ދަރިފުޅަށް ކަމެއް ވެއްޖެއްޔާ ކިހިނެއް މަންމައަށް ވާނީ.. މަންމައާ ދޭތެރެ ވިސްނާ ނުލަންތަ” ޔީޝާ ގައިގައި ބައްދާލަމުން ރާޝިދާ ބުނެލިއެވެ. ރާޝިދާ އެބުނި އެއްޗެއް ނުވިސްނިފައި އިރުކޮޅަކު ޔީޝާ ހުއްޓެވެ. މަންމަގެ ބުރަކަށީގައި ފިރުމާލަމުން ޔީޝާ ބަލާލީ ދޮރު ކައިރީ ހުރި ދާނިޝްއަށާ އަފާއަށެވެ. އަދި ލޮލުގެ އިޝާރާތުން ސުވާލު ކޮއްލީ ވެގެން މިއުޅެނީ ކީއްތޯއެވެ.
“އެދެމީހުނަކަށް ބަލާނެ ކަމެއް ނެތް.. ބައްޕަމެނަށް މިހާރު ހުރިހާ އެއްޗެއްވެސް އެނގިއްޖެ.. ޔީޝާގެ ބަހަށް އެދެމީހުންވެސް ބައްޕަމެނަށް ހުރިހާ ކަމެއް ސިއްރު ކުރީނުން.. އެކަމު ދަރިފުޅު އެންމެ ފަހަރަކުވެސް ވިސްނާލިންތަ އެކަމުން ނުކުމެދާނެ ހިތި ނަތީޖާއެއް..” ޔާސިރު އެހެން ބުނުމުން ޔީޝާއަށް ވެގެން އުޅޭގޮތް ސާފުވިއެވެ. ތިރީ ތުންފަތުގައި ދަތް އަޅާލާފައި އިސްދަށަށް ޖަހާލެވުނީ އެހެންވެއެވެ.
“މީގެ ފަހުން ދެން އެއްވެސް ކަމެއް މަންމަމެނަށް ސިއްރު ނުކުރާތި އިނގޭ.. އަޑު އިވިއްޖެތަ މިބުނި އެއްޗެއް” ޔީޝާގެ ބޮލުގައި ފިރުމާލަމުން ރާޝިދާ ބުނެލިއެވެ. އަދި މޭޒުމަތީ ހުރި ފެންތަށި ޔީޝާގެ އަތަށް ލައިދެމުން ފެންތަށި ބޯލާށޭ ބުނެލިއެވެ. ފެންތަށީގައި ހިފާލަމުން ޔީޝާ ބޯޖަހާލިއެވެ.
އެދުވަހުގެ ބާކީ އޮތް ވަގުތު ތަކުގައި އާއިލާ އެންމެންވެސް ހިނދުކޮޅަކަށްވެސް ޔީޝާއާ ދުރަށް ޖެހިނުލައެވެ. ޔީޝާ އާއިލާ މީހުނާ އެކީ ވަގުތު ހޭދަކުރާނެ ފުރުޝަތު ދީފައި ދާނިޝް ގެޔަށް ދިޔައީ ނަމާދުން ފާބައިގެން އެރޭ ޔީޝާ ކައިރިއަށް އަންނާނެ ކަމަށް ބުނެފައެވެ.
ދާނިޝް ގެޔަށް ދިޔައިރު އާދިލް އަވަދި ނެތި އޭނާ ގެނައި ދެތިން ގަމީސްގަނޑާ ފަޓުލޫނު ދަބަހަށް ލާން އުޅެއެވެ. އާދިލް ތަނަކަށް ދާން އުޅޭހެން ހީވެގެން ދާނިޝް އެކަމާ ސުވާލު ކުރިއެވެ.
“މުޅިން ސަކަރާތް ގޮތެއްވީ.. ދެންމެގަ އޮފީހުން ގުޅާފަ އެބުނީ ރަށަށް ގޮސްބަލާށޭ.. އަހަރެން ކުރީދުވަހު ހަދާފަ ހުރި ބިލުތަކާއެކީ ހުރިހާ ޑާޓާ ކޮޅެއް ގެއްލިގެން މިއުޅެނީ.. މަސް ނިމެންވާއިރާށް އަލުން އެއްޗެހި ހަދަން އަންނާށޭ އެބުނީ.. އަހަރެން ޗުއްޓީއެއް ނަގާފިއްޔާ މިހުރިހާ ކަމެއްވެސް ވާނެ.. ” އާދިލް ކުދިކިޔަމުން ދިޔައެވެ.
“މުޅިން ސަކަރާތް ގޮތެއް ދޯ މިވީ.. ކޮން އިރަކު ފުރަނީ.. ރަށަށް ދިޔުމުގެ ކުރިން ކޮފީއެއް ބޯލަން ހިނގާބަލަ” ދާނިޝް ބުނެލިއެވެ.
“ނޫނޭ.. ކޮފީއަކަށް ދެވޭހާ ވަގުތެއް ނެތް.. ފެރީ ނައްޓާ ނުލާ ފަނަރަ މިނެޓު އޮތީ.. އެކަމު ދާނިޝް ރަށަށް ދިޔަ ހާ އަވަހަކަށް އަހަރެން ކޮފީ ދޭނަން.. އެންޑް ދެޓްސް އަ ބިގް ޕުރޮމިސް” އާދިލް ސަމާސާ ގޮތަކަށް އެހެން ބުނެލުމުން ދާނިޝް ގާތަށް ހިނިއައެވެ.
“އޯކޭ.. ބަލައިގެން ދާތި.. ބައި..” ދާނީޝް އެހެން ބުނެފައި އެނދުމަތީގައި ޖައްސާލިއެވެ.
“އަހަރެން މި ނައްޓާލީއޭ..” އާދިލް އެހެން ބުނެފައި ދަބަސް ހިފައިގެން ބޭރަށް ނުކުތެވެ. އާދިލްގެ ފަހަތުން ނުކުންނަން އުޅެފައިވެސް ހިޔާލު ދޫކޮއްލީ ބޮލަށް ބަރުވެފައި ވުމުން އަރާމު ކޮއްލަން ބޭނުން ވެގެންނެވެ. ޔީޝާއާ ދޭތެރޭ ވިސްނަމުން ދާނިޝް ދެލޯ މަރާލީ ކުޑަ އިރުކޮޅަކަށްވެސް ނިދާލެވޭތޯއެވެ.
“އަން މި ކިރުތަށި ބޯލާ.. ދަރިފުޅު ހާދަ ކުޑަކޮށޭ މިރޭ ތިކެއީ” ރޭގަނޑުގެ ކެއުމަށްފަހު ޔީޝާ ކޮޓަރިއަށް ވަތްތާ 15 ވަރަކަށް މިނެޓު ފަހުން ރާޝިދާ ކޮޓަރިއަށް އައީ ތަބަކެއްގައި ހުރި ކިރުތައްޓެއް ހިފައިގެނެވެ.
“މަންމާ.. އަހަރެން ބަނޑު ފުރެންދެން ކެއީމޭ.. އެހެން ނޫނަސް މަންމައަށް އެނގޭނުން އަހަރެން ރޭގަނޑު އެހާ ގިނައިން ނުކާކަން” ކިރުތަށީގައި ހިފަމުން ޔީޝާ ބުނެލިއެވެ.
“އަން މި ބޭސް ގުޅަވެސް ކާލާ.. އޭރުން ބޮލަށް ކުޑަކޮށް ލުއި ވެދާނެ.. ދެން ލަސްނުކޮށް ނިދާލެވޭތޯ ބަލާ” އެނދުގެ މަގަތުގައި އިށީންނަމުން ރާޝިދާ ބުނެލިއެވެ.
“މަންމަވެސް ދެންދޭ ނިދަން.. އަހަރެމެން ޔީޝް ކައިރީ މަޑުކުރާނަން” ޔީޝާ ދިއްކޮއްލި ހުސްތަށީގައި ހިފާލަމުން އަފާ ބުނެލިއެވެ.
“ތެދެއް.. މަންމަމެން ދޭ ނިދާލަން.. ކަމެއް ގޯސްވަންޏާ ގޮވާލާނަން.. އަދި ދާނިޝްވެސް އަންނާނެއްނު.. އެހެންވީމަ ޔީޝް ނިދާނީ އަދި އިރުކޮޅަކުން ދޯ” ޔީޝާއަށް ދޯޖަހާލަމުން ޔައީޝް ބުނެލިއެވެ.
“މައްސަލައެއް ނެތް.. މަންމަ މިދަނީ.. ދާނިޝް އައީމަ ދާނިޝްއަށް ކާން ހަދައްޗޭ.. ކޮންމެވެސް އެއްޗެއް ދީފަ ފޮނުވާލަންވާނީ” ރާޝިދާ އެހެން ބުނެލީ އަފާ އަށެވެ. އަފާ ބޯޖަހާލުމުން ރާޝިދާ ކޮޓަރިން ނުކުތެވެ.
ދާނިޝް އެގެޔަށް އައިރު 9 ޖަހަން އުޅެއެވެ. ޔީޝާގެ ކޮޓަރީގައި ހަތަރު މީހުން ތިބީ އޮލަ ވާހަކައިގައެވެ. އެހެން އިންދާ ކުއްލިއަކަށް ޔައީޝް ބޭރަށް ނުކުތީ މުހިންމު ފޯނެއް އައިސްގެނެވެ.
“ދާނިޝް ކޯއްޗެއް ކާނީ..؟ މިބުނީ ބަތްހޭ ކާނީ ނޫނީ ނޫޑުލްސް ކައްކަންވީހޭ..” އަފާ އަހާލިއެވެ.
“އަހަރެން ނުކާނަން.. ޔީޝް ކައިފިންތަ؟” ޔީޝާއަށް ބަލާލަމުން ދާނިޝް އެހިއެވެ.
“ޔީޝް އެއިނީ ކައިގެން.. ދެން މައްސަލައެއް ނެތޭ.. އަހަރެން ކައްކާ އެއްޗެހި ނުބައިވެދާނެތީތުން ނުކާން ތިއުޅެނީ” އަފާ ތުން އަނބުރާލަމުން ބުނެލިއެވެ.
“ނޫނޭ.. އެހެނެއް ނުން.. އަހަރެން މިއައީ ވަރަށް ގަދަޔަށް ކައިގެން.. ދެން އިތުރަށް ކާނެ ޖާގައެއް ބަނޑަކު ނެތް.. ތިހާ ކާން ދޭ ހިތްވަންޏާ ދޭބަލަ ޅިޔަންބެއަށް ކާންދޭން” ދާނިޝް އެހެން ބުނުމުން އަފާ ހެމުން ހެމުން ކޯޓަރިން ނުކުތީ ދާނިޝްއަށް ޖޫސްތައްޓެއް ގެނެސް ދިނުމަށެވެ. ދާނިޝްއަށް ޖޫސްތަށި ދީފައި އަފާ އަނެއްކާވެސް ބޭރަށް ނުކުތީ އެބަ އަންނަމޭ ބުނެފައެވެ. އަފާ ބޭރަށް ނުކުތް ވަގުތަކީ ފޯނު ކޯލު ނިމިގެން ޔައީޝް ސޯފައިން ތެދުވެގެން އައި ވަގުތެވެ.
“ކީއްވެ ތިނުކުތީ؟ ކޮބާ ޔީޝް؟” ފޯނުނަގާ ޔީޝާއަށް މެސެޖެއް ކުރަން ހުރި އަފާ ކައިރިއަށް ޖެހިލަމުން ޔައީޝް އަހާލިއެވެ.
“ޔީޝް ކޮޓަރީގަ.. ދާނިޝް އެބައިން ޔީޝްކައިރީގަ… ހިނގާ ކޮޓަރިއަށް” އަފާ އެހެން ބުނުމުން ޔައީޝް ހިފާލީ ޔީޝާގެ ކޮޓަރީގެ ދޮރުގެ ތަޅުގައެވެ. ނަމަވެސް ޔައީޝް ތަޅު ހުޅުވުމުގެ ކުރިން އަފާ އޭނަގެ އަތުގައި ހިފާ ހުއްޓުވިއެވެ. ސުވާލުގެ ނަޒަރަކުން ޔައީޝް ބަލާލުމުން އަފާ އިޝާރާތް ކޮއްލީ އެމީހުންގެ ނިދާ ކޮޓަރިއާ ދިމާއަށެވެ.
“އެކަމު މަންމަ ކައިރީ އަހަރެމެން ބުނީމެއްނު ޔީޝް ކައިރީ މަޑުކުރާނަމޭ.. ޔީޝްއަށް ކަމެއް ވެއްޖެއްޔާ؟” ޔައީޝް ދެހިޔާލެއް މަތީ ހުރެ ބުނެލިއެވެ.
“ދާނިޝް އެހެރީނުން ޔީޝް ކައިރީ.. އެހެން ނޫނަސް އަހަރެން މިހެން މިބުނަނީ ކަމެއް ވެގެންނޭ.. އެދެމީހުން މިހާރު ބޭނުންވާނެ ވަހަކަ ދައްކާލަން.. އަހަރެމެން ތިބީމަ އެމީހުން ދައްކަން ބޭނުންވާ ވާހަކައެއް ނުދެއްކޭނެ.. ދޭ ނީޑް ސަމް ޓައިމް އެލޯން” އަފާ އެހެން ބުނުމުން ޔައީޝް ހިނިތުންވެލިއެވެ.
“އޯކޭ.. އެދެމީހުން ޓޯކު ކުރަން ވަގުތު ދޭއިރު އަހަންނަށްވެސް ވަގުތު ކޮޅެއް ދޭންވީނުން..” ޔައީޝް އެހެން ބުނެފައި ލާނެތް ހިނިތުންވުމަކާ އެކު އަފާ ކައިރިއަށް ޖެހިލިއެވެ. ރަކި ހިނިތުންވުމަކާ އެކު އަފާ ޔައީޝްގެ މޫނަށް ބަލާލީ ތިރީ ތުންފަތުގައި ދަތް އަޅާލަމުންނެވެ. ޔައީޝްގެ އަތްތިލާގައި ހިފާ ބާރުކޮއްލަމުން އަފާ ކޮޓަރިއާ ދިމާއަށް ހިނގާގަތެވެ.
“އަހަރެމެން މިދަނީ ކޮޓަރިއަށް.. ޔޫ ގައިސް ހޭވް ސަމް ޓޯކް.. އެނގޭ އަހަރެމެން ތިބީމަ ވާހަކަ ނުދެއްކިފަކަން ތިތިބެނީ.. ތެންކްސް މީ ލޭޓާ”
އަފާގެ މެސެޖު ކިޔާލުމާއެކު ޔީޝާގެ ތުންފަތް މަތީ ކުޅެލީ ހިނިތުންވުމެކެވެ. އެހެން މީހަކަށް އެއްޗެއް ނޭނގުނަސް އޭނާގެ ބެސްޓު ފުރެންޑަށް އޭނާގެ ހިޔާލާ ވިސްނުން ރަނގަޅަށް އެނގޭނޭކަން ޔީޝާއަށް އެނގެޔެވެ. ކުރިމަތީ ހުޅުވާލެވިފައި އޮތް ފޮތެއްހެން ޔީޝާގެ ސިކުނޑީގައިބާ އެއްޗެއް ކިޔާލަން އަފާއަށް ފަސޭހެވާނެއެވެ.
“ކޮންތާކަށް ތިދަނީ؟” ގައިމަތީ އޮތް ރަޖާގަނޑު އެއްފަރާތް ކޮއްލަމުން އެނދުމަތިން ތެދުވި ޔީޝާއަށް ބަލާލަމުން ދާނިޝް އެއްސެވެ. ޔީޝާގެ ފަހަތުން ދާނިޝްވެސް ކޮޓަރި ދޮރާ ދިމާއަށް ހިނގާގަތެވެ.
“ހިނގާ ސިޓިން ރޫމަށް.. ކޮޓަރީގަ އިންނަން ކުޑަކޮށް ފޫހި..” ޔީޝާ އެހެން ބުނެފައި ދާނިޝްގެ އަތުގައި ހިފިއެވެ. ޔީޝާގެ ފިނިއަތްތިލަ ދާނިޝްގެ ހޫނު އަތްތިލާގައި ޖެހުމާއެކު ދެމީހުންވެސް ސިހިފައި ބާލާލެވުނެވެ.
“ޔީޝް..” ދާނިޝްގެ އަޑު ނުކުތީ ވަރަށްވެސް މަޑުންނެވެ.
“ކިހިނެއްވީ؟” ޔީޝާވެސް އަހާލީ މަޑުމަޑުންނެވެ. ޔީޝާގެ އަތަށް ބާރުކޮއްލަމުން ދާނިޝް ޔީޝާއާ ގާތްވެލިއެވެ. އަދި ޔީޝާގެ އަތް ތިލަ މަޑުމަޑުން އުފުލާލާފައި ދާނިޝްގެ ތުންފަތުގައި ޖައްސާލިއެވެ. ޔީޝާގެ އަތްތިލައަށް ބޮސްދިނުމަށްފަހު ދާނިޝް އަނެއްކާވެސް ޔީޝާއާ ހަތަރު ކަޅި ހަމަކޮއްލިއެވެ. އެދެލޮލުން ޔީޝާއަށް ފެންނަނީ ހާސްކަމާ ކަންބޮޑު ވުމެވެ. ޔީޝާއަށް ކުއްލިއަކަށް ވީގޮތުން ދާނިޝް އެހުންނަނީ ހާސްވެފައިކަން ޔީޝާއަށް އެނގުނެވެ. އަދި ދާނިޝް އެކަމާ ބެހޭގޮތުން އެއްވެސް ސުވާލެއް ނުކޮށް އެހުންނަނީ ޔީޝާގެ އާއިލާ މީހުން އެތަނުގައި ތިބުމުންކަންވެސް އެނގުނެވެ. ދެމީހުން އެކަނިވުމާއެކު އޭނާގެ ހިތުގައިވާ އުދާސްތަށް ބޭރުކޮއްލަށް ބޭނުންވެފައި ހުރި ފަދައެވެ.
“ދާނިޝް.. އައިމް ފައިން.. އަހަންނަކަށް އެއްވެސް ކަމެއް ނުވެއެއްނު” ދާނިޝްގެ މެދުހަށީގައި ބައްދާލަމުން އޭނާގެ ތަނަވަސް މޭމަތީ ބޯއަޅާލަމުން ޔީޝާ ބުނެލިއެވެ.
“އައި ވޯސް ސޯ ވޮރީޑް.. އަހަރެން މިގެއަށް ވަތްތަނާ އިވުނީ ޔީޝް ފެއިންޓު ވެގެން ޔީޝްގެ މަންމަ ހަޅޭލަވާގަތް އަޑު.. އަހަރެން ހާދަ ބިރެއް ގަތޭ.. ޔީޝްއަށް ކަމެއް ވެދާނެތީ އަހަރެންގެ މިހިތަށް ހާދަ އުނދަގޫވޭ” ޔީޝާގެ ހަށިގަނޑު ގެނެސް އަތުތެރޭ ފިއްތާލަމުން ދާނިޝް ބުނެލީރު ޔީޝާގެ އޮމާން ކަނދުރާ ތެރޭ އޭނާގެ މޫނު ފޮރުވާލިއެވެ. ދާނިޝްގެ ހޫނު ނޭވާ ކަނދުރާއަށް އެޅުމާއެކު ދާނިޝްގެ ޓީސާޓުގައި ހިފައިގެން ހުރިއަތަށް ޔީޝާއަށް ބާރުކޮއްލެވުނެވެ. އަދި ދާނިޝްގެ ކޮނޑުމަތީ ބޯއަޅާލިއެވެ.
“އިރާދަ ކުރެއްވިއްޔާ އެއްވެސް ކަމެއް ނުވާނެ… އެހާ ބޮޑަށް އެކަމާ ނުވިސްނާ.. އަހަރެން ބޭނުންވަނީ މިހާރު ވީއަވަހަކަށް މިކަމުން ސަލާމަތްވާން..” ޔީޝާ އެހެން ބުނުމުން ދާނިޝް ބޯ ހަލުވާލިއެވެ.
“އަހަރެންވެސް.. ޔީޝް… އަހަރެން ވާހަކައެއް ބުނަންތަ.. މިއީ މިހާރު އަހަރެންގެ ހިތް ވަރަށް ބޮޑަށް އެދޭ ކަމެއް.. އަހަރެންގެ ހިތުގެ މިއެދުން ޔީޝްއަށް އިއްވާލަދޭން އަހަރެން ވަރަށް ބޭނުން.. މިހުރިހާ ކަމެއް ނިމުނީމަ… ހުރިހާ ކަމެއް ނޯމަލްވީމަ… އަހަރެން.. އަހަރެން ބޭނުން ޔީޝްއާ މެރީ ކުރަން.. އައި ވޯންޓު ޔޫ ޓުބީ މައި ވައިފް” ދާނިޝް އެހެން ބުނުމާއެކު ޔީޝާއަށް އޭނާގެ ދެއަތް ދޫކޮއްލެވުނެވެ. ދާނިޝްގެ އަތުތެރެއިން ދުރުވެލާފައި ދާނިޝްގެ މޫނަށް ޔީޝާ ފަރުވާތެރިކަމާއެކު ބަލާލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.




Vahaka ah gehlifa ineema vaahaka nimunu iru ves neyngunu ??
Anyway this part is also very nice… Masha Allah keep it up sis…??
Waiting for the next part
Love you ❤
Take care ?
So glad to know that you are enjoying this story ???
thank you so much ❤️❤️❤️
luv you too take care ?❤️❤️?
Nice story ….
Varah kiyaahithun meenee .. waiting for next….