Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ބަދު ނަސީބުގެ ހިޔަނި އެޅުމުން (36)

Dheem&Eekku Level 410 Stories100 Login500 Login
June 23, 2021 10 Mins Read
1 Comment

“އައި ލަވްޔޫ” ކުރުވަމުން ދިޔަ ނޭވާ އެތެރެއަށް ދަމާލަމުން ދާނިޝް ޔީޝާގެ ތުންފަތުގެ ކަނަވާއާ ދިމާލުގައި ބޮސްދިނެވެ.

“އައި ލަވް ޔޫ ޓޫ” ޔީޝާ އެހެން ބުނުމާއެކު ދެމީހުންގެ ތުންފަތް މަތީ ކުޅެލީ ހިނިތުންވުމެކެވެ. ނަމަވެސް ދެވަނަ ސިކުންތު ދެމީހުންގެ ހިނިތުންވުން ފިލައިގެން ދިޔައީ ކުއްލިއަކަށް އިވުނު ބާރު އަޑުންނެވެ.

*****

އެއަޑު އައީ އެމީހުން ތިބި ދިމާލުގެ ގަސްތަކު ތެރެއިންނެވެ. އެއީ މީގެ ދުވަސްތަކެއް ކުރިން ދެމީހުން ގިނިހިލަ ބަލަން ދިޔަ ރޭވެސް ގަސްތަކު ތެރެއިން އިވުނު އަޑެވެ.

“ހިނގާ މިތަނުން ދާން” ދާނިޝްގެ މުލައްދަނޑިގައި ހިފާލަމުން ޔީޝާ ބުނެލިއެވެ. އެމީހުންގެ ފާރައަށް ޒަބޫރިޝް އެބަހުރިކަން އެނގުމުން ޔީޝާގެ އަތްފައި ފިނިވާ ގޮތްވިއެވެ.

“އޫމް.. ހިނގާ” ޔީޝާ ބިރުގަތީކަން އެނގުމުން ދާނިޝްވެސް އެތަނުގައި އިތުރަށް މަޑު ކުރާކަށް ބޭނުމެއް ނުވިއެވެ. ޔީޝާގެ ތުރުތުރު އަޅާހުރި އަތުގައި ހިފާލާފައި ދާނިޝް ޔީޝާގެ އަތަށް ބާރުކޮށްލިއެވެ. ޔީޝާއާ ދިމާއަށް ބަލާލާފައި ބޯޖަހާލީ ބިރު ނުގަންނާށޭ ބުނާ ފަދައިންނެވެ. އިތުރަށް އެތަނުގައި މަޑުނުކުރަން ދެމީހުންވެސް އެނބުރި މާކުއީއަށް ދާން ހިނގާގަތެވެ. ޔީޝާގެ ކޮނޑުގައި އަތް ވަށާލަމުން ދާނިޝް ފަހަތަށް އެނބުރި ބަލާލިއެވެ. އެމީހުންގެ ފަހަތުގައި މީހަކު ހުރި ކަހަލަ އިހްސާސެއް ކުރެވިގެނެވެ. ދާނިޝް ބަލާލިއިރު އެމީހުނަށްވުރެ ވިއްސަކަށް ފޫޓު ފަހަތުގައި ހުރި އެއްޗެއް ދާނިޝް ދުއްޓެވެ. އަނދިރިކަމުން އެހާ ސާފުކޮށް ނުފެނުނު ނަމަވެސް ހަތަރު މޮއްގަނޑު ޖަހައިގެން ހުރެ އެމީހުން ފަހަތުން އެއަންނަނީ އިންސާނެއް ނޫންކަން ދާނިޝްއަށް ޔަގީނެވެ. ބިރުނުގަންނަ ކަމަށް ހެދިގެން ހުރިނަމަވެސް ދާނިޝް ޖެހިލުންވާގޮތްވިއެވެ. ޔީޝާގެ އަތުގައި ހިފާ ހިނގުން ބާރުކޮށްލެވުނެވެ.

މާކުއީއަށް ދެމީހުނަށް ދެވުނު އިރު ކުރިއަށްވުރެ މީހުންތަށް މަދުވެއްޖެއެވެ. މަދުމަދުން މީހުން އައިސް ވަންނަތަން ފެނުނަސް ގިނައީ އާއިލާ މީހުނެވެ. ތަށިމަތީގައި ހަރަކާތް ތެރިވަމުން ދިޔަ ގިނަ ކުދީންވެސް ގޮނޑިތަކުގައި އިށީންދެ ބޮޑުވާހަކައިގައި ތިއްބެވެ.

“ޔީޝް.. ދާނިޝް.. އާދެބަލަ މިކޮޅަށް” މާކުއީތެރެއަށް ވަދެގެން އައި ދާނިޝްމެން ފެނި އަފާ ގޮވާލިއެވެ. އަތާ އަތް ޖޯޑުކޮށްގެން އައި ޔީޝާއަށާއި ދާނިޝްއަށް އަފާ ބަލާލީ މާނަވީ ނަޒަރަކުންނެވެ.

“ކޮބާ މިހާރު ދެކުދީން އޯކޭވީތަ؟” ލާނެތް ނަޒަރަކުން ބަލާލަމުން އަފާ ވާހަކަ ދެއްކިއެވެ. ޖަވާބުގައި ދާނިޝްއާއި ޔީޝާ އެކަކު އަނެކަކަށް ބަލާފައި ހިނިތުންވީއެވެ. ޖޯޑުކޮށްލެވިފައިވާ ދެއަތަށް ބާރު ކޮއްލިއެވެ.

“ދެން ކޮންއިރަކުން ސައި ލިބޭ ވަރު ވާނީ” ޔައީޝް ސަމާސާކޮއްލިއެވެ.

“ޔީޝް ބުނެބަލަ.. ކޮން އިރަކުންތަ ސައި ދޭނީ؟” ޔީޝާއަށް ނިތް އަރުވާލަމުން ދާނިޝް އެހިއެވެ.

“މިހާރުވެސް ހިނގާ.. ސައިތައްޓެއް ދީފާނަން.. ތިއީ މާ ބޮޑު ކަމެއް ނޫނެއްނު” ޔީޝާވެސް ކޮށްލީ ސަމާސާއެކެވެ.

“ހިނގާ އެންމެން ފޮޓޯއެއް ނަގަން..” އަފާ އެހެން ބުނެފައި ސްޓޭޖުގެ އެއްކައިރީ ހުރި ފޮޓޯ ނަގާ ކުއްޖާއަށް ގޮވާލިއެވެ.

އެކުއްޖާ އައިސް ފޮޓޯ ނަގަން ތައްޔާރުވުމުން ދާނިޝް އާއި ޔީޝާވެސް ކުޑަ ސްޓޭޖު މައްޗަށް އެރިއެވެ. ޔައީޝްގެ ކޮނޑަށް އަތް ވައްޓާލައިގެން ދާނިޝް ހުރީރު ޔީޝާ ހުރީ އަފާގެ އަތުގައި އޮޅުލައިގަނެގެންނެވެ. ކެމެރާއާ ދިޟާއަށް ބަލާލާފައި ހަތަރުމީހުންވެސް މޫނުމަތީ ފަވާލީ ރީތި ހިނިތުންވުމެކެވެ.

“ވަރަށް ލޯބި މިގަނޑު.. މިފޮޓޯގެ ވާނެ ދެތިން ކޮޕީއެއް ހައްދަން.. އަހަރެން ބޭނުން އެކަތި.” ކެމެރާއިން ފޮޓޯއަށް ބަލާލަމުން ޔީޝާ ބުނެލިއެވެ.

“އަހަރެންވެސް” ދާނިޝްވެސް އައިސް ޔީޝާގެ ކައިރީ ހުއްޓިލަމުން ބުނެލިއެވެ.

“މިއީ ކޮން ކުއްޖެއް؟” އެމީހުން ކައިރިއަށް އައިސް ހުއްޓުނު ޔާސިރު އަހާލީ ދާނިޝްއަކީ ޚާކުކަން އެނގިހުރެއެވެ.

“މިއީ ދާނީޝް.. ދާނިޝް މިއީ އަހަރެންގެ ބައްޕަ.. ދެން މިހިރީ މަންމައާ ދޮންތަ” ޔީޝާ އޭނާގެ އާއިލާ މެންބަރުންނަށް ދާނިޝް ތައާރަފް ކޮށްދިނެވެ.

“ބޭބެ ކިހިނެއް؟” ރާޝިދާ އަށާއި ޔުމްނާއަށް ހިނިތުންވެލާފައި ޔާސިރުއަށް ސަލާމަށް އަތް ދިއްކޮށްލަމުން ދާނިޝް އަހާލިއެވެ. ދާނިޝް އިސްވެ ވާހަކަ ދެއްކުމުން ޔާސިރުގެ ބޮޑު އަނގަޔަކަށް މަޑަކުން ނުހުރެވުނެވެ. އަބަދުހެން އޭނާ ތަޅުވާ އަނގަގަނޑު ތަޅުވަން ފެށީއެވެ.

ކައިވެނި ހަފްލާއަކަށް ނިމުމެއް އައިރު ރޭގަނޑު 11 ޖަހަން ގާތްވެއްޖެއެވެ. ގޭ ކައިރިއަށް ޔައީޝްއާއި  އަފާ އިން ޓެކްސީ މަޑުކޮށްލިއިރު އެމީހުންގެ ފަހަތުން ސައިކަލުތަށްވެސް އައިސް މަޑުކޮއްލާފިއެވެ.

“އޭ މިކަންތައް ނިންމާލާއިރު އަހަރެމެނަށް ކޮފީ ދޭން ޖެހޭނެ އިނގޭ.. އަދި މިވަރަކުން ނުފުދޭނެ” ގޭތެރެއަށް ވަދެގެން ދަމުން އެކަކު ބުނެލިއެވެ. އެއީ ޔައީޝްއާ އެއްކުލާހެއްގައި އުޅުނު ގާތް އެކުވެރިއެކެވެ.

“މިއަދު ހެނދުނު ކޮފީ ދިނިން. ކޯޓުން ގެޔަށް އައިސް ކޮފީ ދިނިން.. ދުވާލަކު ކިތައް ފަހަރު ކޮފީ ދިނިއްޔާ ކަލޭމެނަށް ކޮފީ ދިން ކަމަށްވަނީ” ޔައީޝް ބުނެލިއެވެ.

“ހެނދުނާ ހަވީރު ކޮފީދިނެއްކަމަކު މިރެއަކު އަދި ކޮފީއެއް ނުދެމެއްނު. އެވާހަކައޭ މިދައްކަނީ” ދެން ހުރި ކުއްޖާ ބުނެލިއެވެ.

“ތިހާވަރަށް ކޮފީ ބޯކަށް ނުވާނެއޭ.. އެހެންވެއޭ އަބަދުވެސް ބޮލުން ދުން އަރައަރާ ތި ހުންނަނީ.. ހޫނު ކޮފީ ބޮއެ ބޮއެ” އަފާ ބުނެލިއެވެ.

“ދެން އައިސް ކޮފީއެއް ދޭން ވީނުން” އެމީހުންގެ ވާހަކަ ހުރިގޮތުން މިރޭ ކޮފީ ނުދެނީސް މިތަނަކުން ނުދާނެކަން އަފާއަށް އެނގުނެވެ. އެންމެފަހުން އެންމެނަށް ކޮފީ ގިރަން އަފާ ދިޔައީ ބަދިގެއަށެވެ. އަފާގެ ފަހަތުން ޔީޝާއާއި މަލަކާ އަދި ހައިފާ ދިޔައެވެ. އަފާގެ ބޭބެގެ އަންހެނުންނާ ޔުމްނާވެސް ދިޔައެވެ.

“އަފާ މަޑުން ހުރޭ.. އަހަރެމެން ކޮފީ ގިރާނަން.. އަނެއްކާ ހެދުން ހަޑިވެދާނެ” އަފާގެ އަތުން ޖޯޑުތަށް އަތުލަމުން ޔުމްނާ ބުނެލިއެވެ.

“އަފާ ގެންދޭ ކޮޓަރިއަށް.. އަހަރެމެން ކޮފީ ގެން ގޮސް ދޭނަން” އަފާގެ ދައްތަ އެހެން ބުނުމުން ޔީޝާ އަފާގެ އަތުގައި ހިފައިގެން ކޮޓަރިއަށް ދިޔައެވެ. އެމީހުން ފަހަތުން މަލަކާއާއި ހައިފާ ކޮޓަރިއަށް ވަދެފައި ދޮރުގެ ތަންޑު އެޅުވިއެވެ. ޔައީޝްގެ ކޮޓަރިއަށް ވަދެވުމާއެކު އަފާގެ ހިތް ތެޅެން ފެށިއެވެ. މިއީ އޭނަ އެކޮޓަރިއަށް ވަތް ފުރަތަމަ ފަހަރުކަމުންނެވެ. ނޭނގޭ ޖެހިލުންވުމެއް އެހިތަށް ވެރިވީއެވެ.

“ނާވަސްއެއް ނުވޭ ބުނި އަޑު އެހިން.. އެކަމު މިހާރުވެސް މީހާ ތިހުރީ ބިރުން ވިރި ވިރި” އަފާ ގެންގޮސް އެނދުގައި ބައިންދަމުން ޔީޝާ ބުނެލިއެވެ.

“ކާކުތަ ނާވަސް ވަނީ؟” އަފާ އެހެން ބުނީ ރަކި ގޮތަކަށް ހީލަމުންނެވެ.

“ތިއެއް ނޭނގޭ.. އެކަމު މިހާރުވެސް ތިޔަ ހިތް ތެޅޭ އަޑު އެބައިވޭ” މަލާކާ ބުނެލިއެވެ. އަފާއަށް މޭގައި އަތް އަޅާލެވުނެވެ. ތެދެކެވެ. ކަންފަތާ ހަމައަށް އަޑު ފޯރާ ވަރަށް އެހިތް ތެޅެނީއެވެ.
“ދެން ތިއްތިކޮށް މިތާ އިށީންދެ އިނދޭ.. ފިރިމީހާ އަންނަންދެން” ހައިފާ އެހެން ބުނުމުން ޔީޝާއާއި މަލަކާ ހޭންފެށިއެވެ.

“ހެދުންވެސް ބަދަލު ނުކޮށްތަ؟” އަފާއަށް އަހާލެވުނެވެ.

“ހާސްނުވޭ.. ޔައީޝް އެހީވެދޭނެ ދޯ” މަލަކާ އެހެން ބުނުމުން އަފާގެ މޫނު ރަތްވެގެން ދިޔައެވެ. މި ޖެހުނީ އަނެއް ހަކަންތަކާއޭ އޭނާ ހިތަށް އެރިއެވެ. އެމީހުންގެ ދިމާކުރުންތަށް އެ ފެށުނީއެވެ.

“ތެދެއް.. އެކަމު އަފާ ބޭނުމިއްޔާ ތިހެދުން ބަލައިގެން އިނަސް ރަނގަޅުވާނެ.. އޭރުން މާ ކަމުދާނެ ހެން ހީވަނީ.. ޓައިމްވެސް ސޭވް ވާނެދޯ” ޔީޝާވެސް އެދެމީހުނާ ބައިވެރިވިއެވެ.

“ސްޓޮޕިޓް ގާއިސް.. ދެން ދޭ މިތަނުން.. ތިއުޅެނީ އަހަރެން ލަދުގަންނަވަން” އެނދުމަތީ އޮތް ބާލިސް ނަގާ ޔީޝާއާ ދިމާއަށް ހޫރާލަމުން އަފާ ބުނެލިއެވެ. އޭރު އަފާގެ މޫނެކޭ ރަތް ޓޮމާޓޯ އެކޭ ތަފާތެއް ނެތެވެ.

“އޯކޭ އޯކޭ.. އަހަރެމެން ހިނގާ ދޯ ދާން..” އެނދުގެ ދެފަރާތުގައި ހުރި ނައިޓް ސްޓޭންޑު މަތީ ހުރި އުއްބަތިތައް ރޯކޮއްލަމުން އަފާ ބުނެލިއެވެ. އަފާ ލަދުގަންނަވަން ދިމާ ކޮށްކޮށްފައި ތިންމީހުން އެކޮޓަރިން ނުކުތެވެ. ސިޓިން ރޫމަށް ދެވުނު އިރު އެތަނުގެ ހާލަތަކީވެސް އެއީއެވެ. ޔައީޝް ދިޔަ ނުދޭން ފިރިހެންވެރިން ފޯރިނަގަމުން ދިޔައެވެ. ޔައީޝް ލައްވާ ލަވަ ކިޔުއްވާ ނަށުވަންވެސް ފަށައިފިއެވެ.

“އަދި އެއްލަވައަށް ނަށާލާފަ ދޯ ދެވޭނީ” އެތަނުން އެކަކު އެހެން ބުނެލުމާއެކު ޔައީޝްއަށް ދާނިޝްއާ ދިމާއަށް ބަލާލެވުނީ މިމީހުން ކައިރިން އޭނާ ސަލާމަތް ކޮށްދޭށޭ ބުނާ ފަދައިންނެވެ. ނަމަވެސް ދާނިޝް ދެކޮނޑު ހިއްލާލާފައި މިކަމުގައި އޭނާއަށް ކުރެވޭނެ ކަމެއް ނެތޭ ބުނުމުން ޔައީޝް މާޔޫސްވިއެވެ.

“އެމީހުނަށް ވަގުތު ދީފަ ދެން އަހަރެމެން ހިނގާ ދާން.. މިހާރު ލައްކަ ޖެއްސުން ކޮށްފީމެއްނު” އެވަގުތު ޔައީޝްގެ ހިމާޔަތަށް އައީ ޔުމްނާއާއި އަފާގެ ދައްތައެވެ.

ޔުމްނާމެން އެމީހުނަށް ވުރެ ދޮށީވީމާ އެކަކަށްވެސް ދެކޮޅު ހަދާކަށް ނުކެރުނެވެ. އަދި ފަހުން އަންނާނޭ ކަމަށް ބުނެ ދާން ހިނގާގަތެވެ. ގޭން ނުކުތް މީހުންގެ ފަހަތުން ޔައީޝްވެސް ދޮރާއްޓާ ހަމައަށް ނުކުތެވެ.

“އަވަހަށް ވަދޭ އެތެރެއަށް.. ފަހަރި މިހާރު އޮންނާނެ އިންތިޒާރުގަ” ސައިކަލަށް އަރަމުން ދާނިޝް ބުނެލިއެވެ.

“ދާނިޝްވެސް ދޯ…” ސައިކަލު ފަހަތަށް އަރާފައި ޔީޝާ ދާނިޝްގެ ކޮނޑުގައި އެތިފަހަރެއް އަޅާލިއެވެ.

“ދާނިޝް ބަލަން ހުންނާތި.. ކަލޭމެން ދެމީހުންގެ ރޭވެސް އަހަރެން ޖެއްސުން ކޮއްލާނަމޭ” ޔައީޝް އެހެން ބުނެފައި ދޮރާށި ލައްޕާލިއެވެ.

“އޭ ބަލާގެން އުޅޭތި އިނގޭ.. މާދަމާ ފަތިހު މޫދަށް ދާން ހޭލަން ޖެހޭކަން ދަނެގެން އުޅޭނީ.. އަނެއްކާ ކޮޅަކުން ކޮޅަކަށް ހިރި ނުލެވިގެން އުޅެން ޖެހިދާނެ” ޔައީޝް ދޮރާށި ލައްޕާލުމުން މަލަކާ އަޑުގެ ނެއްތަނަށް ބުނެލިއެވެ. އެއާއެކު އެންމެން ހޭން ފެށިއެވެ. ގުރޫޕު ގަނޑު އެނބުރި މާކުއީއަށް ދިޔައީ ޕާޓީ ރޫޅަން އުޅޭ ކުދިންނަށް އެހީވުމަށެވެ.

އަވަސް ފިޔަވަޅުގައި ހިނގަފައި ގޮސް ޔައީޝް އޭނާގެ ކޮޓަރިއަށް ދިޔައެވެ. މަޑު މަޑުން ދޮރު ހުޅުވާލާފައި ކޮޓަރިއަށް ވަތް އިރު އެނދުގެ އެއް އަރިމަތީ އޭނާއަށް ފުރަގަސް ލައިގެން އިށީންދެ އިން އަފާ ފެނުމުން ޔައީޝް ތުންފަތް މަތީ ހިނިތުންވުމެއް ފަވާލިއެވެ. ލައިގެން ހުރި ކޯޓު ބާލާ ކޮނޑުގައި އަޅުވާލިއެވެ. ގަމީހުގެ ގިރުވާނު ގޮށް ނައްޓާލާ ޓައީ ދޫކޮއްލިއެވެ. އަތުކުރީގެ ގޮށް ނައްޓާލާ އުޅަން ބޯއްޓާ ހަމައަށް އޮޅާލިއެވެ. އެއަށްފަހު ލަސްފިޔަވަޅުތަކުގައި އޭނާގެ އިންތިޒާރުގައި ހުރި އަލަތު އަނބިމީހާ ކައިރިއަށް ހިނގާގަތެވެ. ފާރުގައި ހުރި ލޯގަނޑުން އޭނާއާ ގާތްވަމުން އަންނަ ޔައީޝް ފެނުމުން އަފާއަށް އިސްޖަހާލެވުނެވެ. ދެމަފިރިންގެ ގޮތުގައި ދެމީހުން އެކަނިވި މިއީ އަދި ފުރަތަމަ ފަހަރެވެ. އެހެން ކަމުން އަފާ ހުރީ ހިސާބަކަށް ނުތަނަވަސް ވެފައެވެ.

” މައި ވައިފް.. ” އެނދުގައި އިށީނުމަށްފަހު ޔައީޝް އަފާގެ އުނގުމަތީ އޮތް ދެއަތްތިލަ ނަގާ ފިއްތާލިއެވެ. އަދި އޭނާގެ ތުންފަތާ ހަމައަށް ގެނެސް އެދެއަތަށް ބޮސްދިނެވެ.

“ތިހިރީ އަހަރެންނާ ދިމާއަށް ނުބަލަންތަ؟” އަފާ އިސްއުފުލާ ނުލުމުން ޔައީޝް އަހާލިއެވެ. ޖަވާބުގައި އަފާ ބޯޖަހާލިއެވެ.

“އެއީ؟ ލަދުންތަ؟” އަފާގެ ކަންފަތް ބުޑުގައި ޔައީޝް ބުނެލިއެވެ. ޔައީޝްގެ ނޭވާ އަފާގެ ކަނދުރާއަށް އެޅުމާއެކު އަފާއަށް ތެޅިގަނެވުނެވެ. މުޅި މޫނު ރަތްވެގެން ދިޔައީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ.

“ޔައީޝް..” އަފާ ޔައީޝްގެ އަތުން ރެކި ގަނެފައި އެނދުން ތެދުވިއެވެ. އަދި ޔައީޝްއާ ދުރަށް ދުއްވާގަތް އިރު ލުއި ހިނިތުންވުމެއް އެ ތުންފަތުން ބޭރުވެގެން ދިޔައެވެ.

“ކޮންތާކަށް ތިދަނީ؟” އަފާއަށް ދުރަށް ނުދެވެނީސް ޔައީޝް އަފާގެ އަތުގައި ހިފާ ކައިރިއަށް ދަމައިގަތެވެ. އަފާގެ ބުރަކަށި އައިސް ޔައީޝްގެ މޭގައި ޖެހުމާއެކު ޔައީޝްގެ އަތުތެރޭ އަފާ ހައްޔަރުވެގެން ދިޔައެވެ.

“އެއްތާކަށްވެސް ނުދެވޭނެ.. ފައިނަލީ.. އަހަރެންގެ މިހުވަފެން ހަގީގަތަކަށް ވެއްޖެ. އައި ލަވް ޔޫ ސޯމަޗް” އަފާގެ އޮމާން ކަނދުރާގައި ނޭފަތުގެ ކޮޅުން ބީހިލަމުން ޔައީޝް އިއްވާލިއެވެ.

“އައި ލަވްޔޫ ޓޫ” ޔައީޝްއާ ކުރިމަތިލަމުން އަފާވެސް ބުނެލިއެވެ. އެއާއެކު އަފާގެ ތުންފަތުގައި ޔައީޝް ބޮސްދިނެވެ. އަފާއަށް އެއްޗެއް ބުނާނޭ ފުރުސަތެއް ނުދީ އޭނާގެ އަތްދަނޑިމައްޗަށް އަފާ އުފުލާލިއެވެ. އަދި ގެންގޮސް އެނދުމަތީ ބާއްވާލިއެވެ. ޔައީޝްގެ އެދުމަށް އަފާ މަރުހަބާކީ އުފަލާއެކުއެވެ. ދެމީހުން އެކަކު އަނެކަކުދެކެ ލޯބިވާ މިންވަރާއި އެދެވޭ މިންވަރު ބުނެދޭނޭ ބަހެއް ދުލަކަށް ނައެވެ. ނަމަވެސް ލޮލުގައިވާ ވިދުމާ ހަށިގަނޑުގައި ދުވަމުން ދިޔަ އަސަރުން އެކަން ރަނގަޅަށް ހާމަ ކޮއްދެއެވެ. ދާނުގައި ހަށިގަނޑު ޖެހުމާއެކު މީގެ ކުރިން ނުކުރެވޭ ފަދަ އިހްސާސްތަކެއްގެ ފަރުދާ ކަހާލެވިގެން ދިޔައެވެ.

ޖެހިގެން އައި ދުވަހުގެ ފަތިހު ފަތިހާ ޔައީޝްއާއި އަފާގެ ދެއާއިލާ މިސްރާބު ޖެހީ އެރަށު ބޮޑު ތުންޑިއާ ދިމާއަށެވެ. ބޮޑު ޕިކަޕުގައި އެންމެން ތުނޑިއަށް ދެވުނު އިިރު އިރުއަރަން ކައިރިވެއްޖެއެވެ. ގެނައި ސާމާނުތައް ގަަސްތަކުގެ ހިޔާ ދަށުގައި ބެހެއްޓިއެވެ. ކައްކަން ގެންގުޅުނު ލޯތަކާ ތެލިތައް ދޮންނަން އަންހެން ވެރިން ގޮނޑު ދޮށަށް ފޭބިއެވެ. ކުދި ކުދިންތައް ވެލިކުޅޭ އެއްޗެހި ހިފައިގެން ގޮނޑު ދޮށުގައި އިށީން އިރު އަނެއްބަޔަކު މިހާރު މޫދަށް އެރިއްޖެއެވެ.

“ހިނގާ ހިނގާލަން ދާން” ބިންމަތީ އިށީންދެ އިން ޔީޝާއަށް އަތް ދިއްކޮއްލަމުން ދާނިޝް ބުނެލިއެވެ. ދާނިޝްގެ ދައުވަތު ގަބޫލުކުރަމުން އެއަތުގައި ޔީޝާ ހިފާލިއެވެ. ދެމީހުން ތުނޑީގެ ކޮލަށް ހިނގާގަތް އިރު އެމީހުންގެ ކުރީގައި ޔައީޝް އާއި އަފާވެސް ދެޔެވެ.

“ކީއްވެ އާދިލް ނައީ؟ މިހާރު ރަށަށް ދިޔައީތަ؟” އެމީހުނާއެކު އާދިލް ނައުމުން ޔީޝާ ސުވާލު ކުރިއެވެ.

“އޭނަ މިރަށަށް އައިސް އުޅޭކަން އޭނަ ރައްޓެހިންނަށް އެނގިގެން މިއަދު ފަތިހު މަސްދަތުރު ގޮސްވީ.. އަހަރެމެންނާއެކީ ވަރަށް އަންނަ ހިތުން އުޅުނީ.. އެކަމު ދެން އެނގޭނުން.. އޭނަގެ ރައްޓެހިން ވަރަށް ސިޔާސަ ވާނެ.. އޭނަ ނުގޮސްފިއްޔާ ކޮއްފާނެ ކޮންމެ ފަދަކަމެއްވެސް” ދާނިޝް ބުނެލިއެވެ.

“މުޅިން ސަކަރާތެއްނު.. އަހަރެން ހީކުރީ އަންނާނެކަމަށް” ޔީޝާ ތުން އޫކޮއްލަމުން ބުނެލިއެވެ.

“ދެން އެހެން މީހުން ވާހަކަ ނުދައްކަބަލަ.. އާދިލް ނަޔަސް ކީއްތަ.. އަހަރެން މިހުރީނުން” ދާނިޝްވެސް ތުން އޫކޮއްލަމުން ބުނެލިއެވެ.

“ހާދަ އަވަހޭ ދޯ ޖެލަސްވާލެ” ދާނިޝްގެ ކޮލުގައި ހިފާ ފިއްތާލަމުން ޔީޝާ ބުނެލިއެވެ.

“ދެން ޔީޝް އެހެން ފިރިހެން ކުދިންގެ ވާހަކަ ދައްކަންޏާ ޖެލަސްވާނެއްނު.. ޔީޝްވެސް ޖެލަސްވާނެ އަހަރެން އަންހެން ކުދިންނާ ވާހަކަ ދައްކަންޏާ” އަމިއްލަ ދިފާއުގައި ދާނިޝް ބުނެލިއެވެ.

“އަހަރެން ނުވާނެ.. އެހެން ނޫންނަމަ އަހަރެން ކޮންމެ ދުވަހަކު ހުރީހީ ޖެލަސްވެފައޭނުން.. ތިއީ ޓީޗަރެއް.. ބައިވަރު އަންހެން ކުދިން އުޅޭ ދާނީޝް ކުލާހުގަ.. އަހަންނަށް ވުރެ ރީތި އަދި ޅަކުދިން” ޔީޝާ ބުނެލިއެވެ.

“ނޫން.. ޔީޝް އަށްވުރެ ރީތި ކުއްޖަކު ނުފެނޭ.. ޔީޝްގެ ތިމޫނު ނޫން އެހެން މޫނެއް ދެކެން އަހަރެންގެ ހިތެއް ނޭދޭ.. ޔީޝްއާ ދިމާވިފަހުން އަހަރެންގެ ސްޓޭންޑާޑް ވަރަށް ހައި” ދާނިޝް އެހެން ބުނެލުމުން ޔީޝާގެ ތުންފަތް މަތީ ރަކި ހިނިތުންވުމެއް ފަވާލިއެވެ.

“ދެން ކޮންމެހެން އަހަރެން ހައްދާނެ ކަމެއް ނެތް” ޔީޝާ އެހެން ބުނުމުން ދާނިޝް ހިނިގަނޑެއް ޖަހާލަމުން ޔީޝާގެ އަތުގައި ހިފާލިއެވެ.

“މި ތުނޑި މިއީ އަހަންނަށް ވަރަށް ހާއްސަ ތަނެއް” ޔީޝާގެ އިނގިލިތަކާ ކުޅެލަމުން ދާނީޝް ބުނެލިއެވެ.

“އެ ކީއްވެ؟” ދާނީޝްގެ މޫނަށް ބަލާލަމުން ޔީޝާ އަހާލިއެވެ.

“އަހަންނަށް ޔީޝް އެންމެ ފުރަތަމަ ފެނުނީ މިތަނުން.. އެއީ ތުނޑި ބަލާލަން އަހަރެން އައި ދުވަހެއް.. އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ އަހަރެން ޔީޝާގެ ފޮޓޯ ނެގީމަ ޔީޝާގެ މޫނަށް ޖައްސާލި ވައްތަރު.. ހީވީ ހަމަ އައިސް ނޮޅާލަ ދާނެހެން.. އެ ވަގުތު އަހަންނަށް އެނގުނު އެ ލޯބި ކުއްޖާ ނޫން އެހެން ކުއްޖެއް މިހިތް ބޭނުން ނުވާނެކަން” ދާނިޝް އެހެން ބުނުމުން އެދުވަސް ޔީޝާގެ ލޯކުރިމަތީ ސިފަވެގެން ދިޔައެވެ. ލުއި ހިނިތުންވުމެއް އެ ތުންފަތް މަތީ ފަވާލިއެވެ.

“އަސްލު އެދުވަހު އަހަރެން ދާނިޝްދެކެ ވަރަށް ފޫހިވި.. ހިތަށް އެރި ހަމަ ތާކުން މީހަކު ފެންނަ އިރަށް ފޮޓޯ ނަގަން ޖެހޭ ހޭ” ޔީޝާ ބުނެލިއެވެ.

“ކީއްކުރާނީ.. ހަމަ އެފޫހި މީހާ ދެކެއެއްނު ޔީޝާއަށް ލޯބިވެވުނީ” ދާނީޝް އެހެން ބުނުމުން ޔިޝާ ތުންގަނޑު އޫކޮއްލިއެވެ.

“ކާކު ބުނީ އަހަރެން އެމީހާ ދެކެ ލޯބިވެޔޭ.. ތިއީ ހީވާ ގޮތް” ޔީޝާ އެހެން ބުނުމުން ދާނިޝް ގެ ތުންފަތް މަތީ ލާނެތް ހިނިތުންވުމެއް ފަވާލިއެވެ.

“ދެން ތިބުނީ އަހަރެން ދެކެ ލޯތްބެއް ނުވަމޭތަ.. ހުރެބަލަ މިފަހަރު ލޯބިނުވަނީ ކާކުކަން ދައްކާލާނަން” ދާނީޝް އެހެން ބުނެފައި ޔީޝާގެ ފަހަތުން ދުއްވާގަތެވެ. ދާނިޝްގެ އަތު ނުޖެހެން ޔީޝާވެސް ދުއްވާގަތެވެ. ނަމަވެސް ތަންކޮޅަކަށް ނުދެވެނީސް ދާނިޝް އައިސް ޔީޝާ ވައިގެތެރެއަށް އުފުލާލިއެވެ. ޔީޝާގެ ފަލަމަސްގަނޑުގައި އަތް އަޅުވާލާފައި ކޮނޑު މައްޗަށް ހިއްލާލިއެވެ. ޔީޝާގެ އަނގައިން ބޭރުވި ތޫލި ހަޅޭކާއެކު ދާނިޝްގެ ހުނުމުގެ އަޑު ގުގުމާލިއެވެ. ބިން މައްޗަށް ބާލުވާށޭ ބުނެ ޔީޝާ ދާނިޝްގެ ބުރަކަށީގައި ތަޅާ ގަތެވެ. ނަމަވެސް ދާނިޝް ޔީޝާ ތިރި ކުރާ ހިޔާލެއް ނުކުރެއެވެ. ޔީޝާ ހަޅޭލަވަލަވަ ހުއްޓާ ދާނިޝް ދުއްވާގަތީ މޫދާ ދިމާއަށެވެ. ކަކޫތާ ފެނާހަމައަށް ގޮސްފައި ޔީޝާ މޫދަށް ހުރާލިއެވެ. ނަމަވެސް ޔީޝާ ދާނީޝްގެ ޓީސާޓުގައި ހިފާ ދަމައިގަތުމުން ދާނިޝްވެސް ޔީޝާއާއެކު މޫދަށް ވެއްޓުނެވެ.

ލޮނުގަނޑުން މައްޗަށް ބޯހިއްލާލާފައި ޔީޝާއަށް އެންމެ ފުރަތަމަވެސް ބަލާލެވުނީ އެމީހުން ފެންނަ ހިސާބުގައި މީހަކު ހުރިތޯއެވެ. ނަސީބަކުން އެމީހުނަށް ތިބެވުނީ އެހެން މީހުނަށްވުރެ ދުރުގައެވެ. މަންމަމެނަށް ދާނީޝް އޭނާ އުރާލައިގެން ދިޔަ މަންޒަރު ފެނިއްޖެ ނަމަ ހިތް ހަމަ ނުޖެހިދާނެތީ ޔީޝާ ކުޑަކޮށް ކަނބޮޑުވީއެވެ. ނަމަވެސް އެމީހުން ތިބި ހިސާބުން މަންމަމެނަށް ނުފެންނާނެކަން ޔަގީންވުމުން ހަމަ ޖެހުމުގެ ނޭވާއެއް ދޫކޮއްލެވުނެވެ.

“ދާނިޝް!!” ހެވިދިއްލިފައި ހުރި ދާނިޝްގެ ގައިގައި އެތިފަހަރެއް އަޅާލަން ދަމުން ޔީޝާ ދާނިޝްއަށް ދެލޯ އަޅާލިއެވެ. ދާނިޝް އޭނާ މުދަށް ވައްޓާލާނޭ ކަމަކަށް ޔީޝާ ހުރީ ވިސްނައިގެނެއް ނޫނެވެ. އެހެން ކަމުން ލޮނު ނުބޮވުނީވެސް ކިރިޔާއެވެ. އެކަމާ ޔީޝާ ފުސްމޫނު ހަދާލިއެވެ.

“ރުޅިއައީތަ؟” ދާނިޝް ޔީޝާގެ އުނަގަނޑުގައި އަތް އަޅުވާލާފައި ކައިރި ކޮއްލަމުން އަހާލިއެވެ.

“ނޫން.. އަހަރެން ދުވަހަކުވެސް ދާނިޝްދެކެ ރުޅިއެއް ނާންނާނަން.. ” ދާނިޝްއާ ވީފަރާތް ނޫން އަނެއް ފަރާތަށް އެނބުރިލަމުން ޔީޝާ ބުނެލިއެވެ. ޔީޝާގެ ބުރަކަށި ދާނިޝްގެ މޭގައި ޖެހުމާއެކު އެ ވަރުގަދަ ދެއަތުގެ ތެރޭ ޔީޝާ ހައްޔަރު ކޮއްލިއެވެ.

“ހިނގާ އެއްގަމަށް އަރަން ދެން.. އަހަރެމެން ދެމީހުން މިހާ ކައިރީ ތިއްބާ މީހަކަށް ފެނިއްޖެއްޔާ ކަމަކު ނުދާނެ.. ތުއްތުބެމެންވެސް އެއަންނަނީ މިކޮޅަށް” ދާނީޝްގެ ދެއަތް ނައްޓުވާލަމުން ޔީޝާ ބުނެލިއެވެ. އެދިމާއަށް އަންނަ އަފާމެން ފެނުމުން ދާނިޝްވެސް ޔީޝާއާ ދުރަށް ޖެހިލިއެވެ. ދާނިޝް ފުނަށް ފީނާގަތްތަން ބަލަން ހުރެފައި އެއްގަމާ ދިމާއަށް ހިނގާގަތެވެ. ނަމަވެސް އަނެއްކާވެސް އެނބުރި ފުނަށް ދިޔައީ އަފާމެންވެސް އެދިމާ މޫދަށް ފޭބުމުންނެވެ.

“މިދިމާ ހާދަ ފުނޭދޯ” ތަންކޮޅަކަށް ނުދެވެނީޝް އިސްކޮޅު ނުޖެހޭ ހިސަބަށް އާދެވުމުން އަފާ ބުނެލިއެވެ.

“މިދިމާ އޮންނަނީ ކޮނެފައެއްނު.. ފުން ވީމައެއްނު ރަނގަޅީ ތިލަ ތަނެއްގަ މޫދަށް އެރެވޭތަ ދޯ!!” ދާނިޝްއަށް ދޯ ޖަހާލަމުން ޔައީޝް ބުނެލިއެވެ.

“ކަލޭމެނަށް މޮޅަށް ފީނަން އެނގޭތީއޭ ތިހެން ތިބުނަނީ.. އަހަރެމެން ފުނަށް ގޮސްފިއްޔާ އިރުކޮޅެއް ނުވެ ތިންބޮކި ޖަހާފަ އަޑިއަށް ދާނީ” އަފާއާ އެއްބައި ވެލަމުން ޔީޝާ ބުނެލިއެވެ.

“ރަނގަޅަށް ތިބުނީ.. އުޅެ އުޅެވެސް ދަސްނުވި ކަމެއް މިއީ ފަތަން ދަސްކުރުމަކީ.. އަހަރެމެންނަށް ދަސްވީ ފެތެން ދޯ” އަފާ އެހެން ބުނުމުން ތިން މީހުން ހޭންފެށިއެވެ.

“ދެން ތުއްތު ކުދިން ތިބޭ ތިލަތާގަ.. އަހަރެމެން އަންނާނަން ފުނަށް ގޮސްލާފަ” ދާނީޝް އެހެން ބުނެފައި ދެ އަންހެނުން ގަޔަށް ފެން ޖެހިއެވެ. ދާނިޝް ފެން ޖެހުމުން ޔީޝާވެސް ދާނިޝްގަޔަށް ފެންޖެހިއެވެ. އެކުޅިވަރުގައި ޔައީޝްއާއި އަފާވެސް ބައިވެރިވިއެވެ. އިރުކޮޅަކުން ދެ އަންހެނުންގެ ޝިކާރަޔަކަށް ޔައީޝްވެސް ވެގެން ދިޔައެވެ.

“ހިނގާ ދެން އެކޮޅަށް.. މަންމަމެން އެއުޅެނީ ސައިބޯން މިހާރު.. އަވަހަށް ނުގޮއްސިއްޔާ އަހަރެމެނަކަށް ސަޔެއް ނުލިބޭނެ” ޔައީޝް ބުނެލިއެވެ. އަދި އަފާގެ އަތުގަ ހިފައިގެން އެއްގަމަށް އަރަން ދިޔައެވެ.

“ދާނީޝްވެސް އާދޭ ދާން” އުއްޑުން ފެނުމަތީގައި ފަތާލަ ފަތާލަ އޮތް ދާނިޝްއަށް ޔީޝާ ގޮވާލިއެވެ. އަފާއާއި ޔައީީޝް އެހެން މީހުން ތިބި ދިމާއަށް ހިނގާގަތުމުން ޔިޝާވެސް ދާނިޝް އާއެކު އެކަނި ހުންނާކަށް ނުކެރުނެވެ. މަންމަމެން ކުރިމަތީ ރީިތި ކަަމަކަށް ނުވާނެތީއެވެ.

“ޔީޝާ ތިއޮށް ދަނީ ބޮޑު މަޑިއެއް!!!” ޔީޝާއާ ދިމާއަށް އަންނަމުން ދާނިޝް ހަޅޭލަވައިގަތެވެ. މަޑިއެކޭ ބުނުމުން ޔީޝާ ބިރުން ހަޅޭ ލަވަން ފެށިއެވެ. ނަމަވެސް ހަޅޭލެވުން ހުއްޓާލާފައި ތުން އަނބުރާލަމުން ދާނިޝްއާ ދިމާއަށް ބަލާލީ ލާނެތް ގޮތަކަށް ދާނިޝް ހޭތަން ފެނުމުންނެވެ. އެއީ އޭނާ ބިރުގަންނަވަން ދާނިޝް ހެދި ދޮގެއްކަން ޔީޝާއަށް އެނގުނެވެ.

“ވަރަށް ފޫހިވޭ ދާނިޝް ދެކެ..” ދާނީޝް ގަޔަށް ދެފަހަަރަކު ފެން ޖަހާފައި ޔީޝާ އެއްގަމަށް އަރަން ހިނގާގަތެވެ. ދާނިޝްވެސް ޔީޝާއާ އެއް ހަމައެއްގައި ހުރެ އެއްގަމަށް އަރަން ދިޔައެވެ.

ކުއްލިއަކަށް ޔީޝާ ހުއްޓުނީ ލޮނުގަނޑު ތެރެއިން އޭނަގެ ފަހަތުން އެއްޗެއް ދިޔަހެން ހީވެގެނެވެ. ފަހަތަށް އެނބުރި ބަލާލިނަމަވެސް އާދަޔާ ހިލާފު އެއްވެސް ކަމެއް ޔީޝާއަކަށް ފާހަގައެއް ނުކުރެވުނެވެ. އެއީ ކުރެވުނު ކުއްހީއެއްކަމަށް ހަދާފައި ޔީޝާ އަނެއްކާވެސް ހިނގާގަތެވެ. ނަމަވެސް މިފަހަރު ޔީޝާ ހުއްޓުނީ މީހަކު އޭނަގެ ދެފަގައި ހިފެހެއްޓުމުންނެވެ. ސިހުނު ވަރުން ޔީޝާ ވެއްޓުނެވެ. އަދިވެސް އޭނާގެ ފައިގައި ހިފި އަތުގެ ރާޅުކަން އޭނާގެ ފައިގެ ތަނބިކައްޓާ ހިސާބުގައި އިހްސާސްވެއެވެ. އެހެންކަމުން އެއީ އޭނާއަށް ހީވި ގޮތް ނޫންކަން ޔީޝާއަށް އެނގުނެވެ. ލޮނުގަނޑުން މައްޗަށް ބޯހިއްލާލާފައި ޔީޝާ ކުރިއަށް ފަތާގަންނަން މަސައްކަތްކުރިއެވެ. ނަމަވެސް ކުރިއަށް ދެވޭގޮތެއް ނުވިއެވެ. ހީވަނީ ނޭނގޭ ބާރަކުން އޭނާ ދަމާފައި ފުނަށް ގެންދަނީހެނެވެ.

“ދާނިޝް!!!!” ލޮނުގަނޑުތެރެއަށް ދެމިގަނެގެން ދިޔަ ޔީޝާއަށް ސަލާމަތަށް އެދި ހަޅޭލަވައިގަނެވުނެވެ.

“ޔިޝާ!! ޔީޝް!!!” ޔީޝާގެ އަޑު ކަންފަތުގައި ޖެހުމާއެކު ދާނިޝްއަށް ފަހަތަށް ބަލާލެވުނެވެ. ޔީޝާ އޮޔާ ގެންދާ މަންޒަރު ފެނި ދާނިޝްއަށް މޫދާ ދިމާއަށް ދުއްވާ ގަނެވުނެވެ. ވިސްނާކަށް ނުހުރެ ފުނަށް ފަތާގަތެވެ.

ފަޔަށާއި އަތަށް ލެވުނު ބާރަކުން ކުޑަ ވަގުތު ކޮޅެއް ތެރޭ ޔީޝާއާ ހަމައަށް ދާނިޝްއަށް ދެވުނެވެ. ނަމަވެސް ޔިޝާގެ އަތުގައި ހިފެންވާއިރަށް ޔީޝާ އަޑިއަށް ދިޔައީއެވެ. ހީވީ މީހަކު އޭނާގެ ގައިގައި ހިފާ އަޑިއަށް ދަަމާގަތީހެނެވެ. ނަމަވެސް ހުޝިޔާރުވެގެން ހުރި ދާނިޝްއަށް ޔީޝާ މާފުނަށް ނުގެންދަނީސް އަތުޖެހުނެވެ. ޔީޝާގެ އަތުގައި ހިފާ ނެގީރު ޔީޝާގެ ދެލޯ ވަނީ މެރިފައެވެ. ޔީޝާ އަތުލަފި ކޮށްގެން ދާނިޝް އެއްގަމާ ދިމާއަށް  ދެވޭތޯ އުޅުނެވެ. ނަމަވެސް އެކަން އެހާ ފަސޭހައެއް ނުވިއެވެ. އޭރު އެމީހުނަށް ތިބެވުނީ ދާނިޝްގެވެސް އިސްކޮޅު ނުޖެހޭހާ ފުނުގައެވެ. ގައިގަ ނެތް ހިއްވަރާއެކު ޔީޝާ ގޮވައިގެން ދާނިޝް އެއްގަމަށް އެރިއެވެ.

“ޔީޝް.. ޔީޝް ލޯ ހުޅުވަބަލަ” ވެލިގަނޑުމަތީ ޔީޝާ ބާއްވާފައި ދާނިޝް ޔީޝާގެ މޫނުގައި މަޑުމަޑުން ޖަހާލިއެވެ. ދެފަހަރަކު ކޮނޑުގައި ހިފާ ތަޅުވާލި ތަނާ ޔީޝާ ދެލޯ ހުޅުވާލިއެވެ. ފުން ނޭވާއެއް ހަށިތެރެއަށް ދަމާލުމަށްފަހު ޔީޝާ ކެއްސައިގަތެވެ. ނޭފަތާ އަނގައިން ލޮނުތަށް ބޭރުވިއެވެ. އަވަސް ފުން ނޭވާތަކެއް ލަމުން ޔީޝާ ތެޅިގަތެވެ.

“ޔީޝް.. ކިހިނެއްތަ ވީ؟ ފަތަން ނޭނގޭއިރު ކީއްވެތަ ފުނަށް ދިޔައީ؟” ދާނީޝްގެ އަޑުގައި ވަނީ ހާސްކަމެވެ. ދާނިޝްގެ ސުވާލަށް ޖަވާބު ދޭވަރަށް ވުރެ ޔީޝާގެ ހާލު ދެރައެވެ. އޯކަށް ދެމިފައި ކެއްސަނީއެވެ. ނޭފަތަށާ ކަންފަތަށް ފެންއެޅި ދިލަނަގާވަރުން ޔީޝާއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ.

“އޯކޭތަ މިހާރު؟ ތެދުވެބަލަ”  ޔީޝާގެ ބުރަކަށީގައި އަތް ޖައްސާލާފައި ތެދުވެ ބިންމަތީ އިށީންނަން އެހީވެދިނެވެ.

“ދެން ބުނެބަލަ.. ކިހިނެއްތަވީ؟ ކީއްވެތަ ފުނަށް ދިޔައީ؟” ޔީޝާގެ ކައިރީ ދެކަކޫ ޖަހާލަމުން ދާނިޝް ވާހަކަ ދެއްކިއެވެ.

“އަހަރެން އަމިއްލައަކަށް ނޫން ފުނަށް ދިޔައީ.. ފައިކައިރިން އެއްޗެއް ދިޔަ ހެން ހީވެގެން އަހަރެން ހުއްޓުނީ.. އެކަމު އެތާކު ނެތް އެއްޗެއް.. އެކަމު ދެން ހިނގާގަތް ތަނާ އަހަރެންގެ ފައިގަ އެއްޗެއް ހިފެހެއްޓީ.. ނޭނގެ ކޯއްޗެއް ކަމެއް.. އެކަމު އެއީ ރާޅު އަތް ތިލައެއް.. އަހަރެން ފުނަށް ދަމާފަ ގެން ދިޔައީ.. ދާނިޝް އަހަރެން އަތުގައި ހިފަނިކޮށް ކުއްލިއަަކަށް އަހަރެން އަޑިއަށް ދަމާގަތީ.. އެއަށްފަހު ވީގޮތެއް ނޭނގުނު.. ހޭއެރީރު މިއޮތީ އެއްގަމުގަ” ޔީޝާ އޭނާއަށް ވީގޮތް ކިޔައިދިނެވެ.

“ދާނިޝް އަހަރެންގެ ފަޔަށް ވަރަށް ތަދުވޭ އެބަ.. އާހްހް.!! ދިލަނަގަނީ” ފައިގެ ތަނބިކަށި ލަންބާލި ވަގުތު ފައިން ނަގާގަތް ދިލައިން ޔީޝާއަށް ބުނެވުނެވެ.

“ފަޔަށް ކިހިނެއްވީ؟” ޔީޝާގެ ޓައިޓު ކުޑަކޮށް މަތިކޮއްލަން ދާނިޝް ޔީޝާގެ ކުޑަ ހުޅުގައި ހިފާލިއެވެ. އެވަގުތު އަނެއްކާވެސް ޔީޝާގެ  އަނގައިން މަޑު އާހެއް ބޭރުވިއެވެ.

“ސުބުހާނަﷲ މިއޮތީ ކިހިނެއް ވެފަ.. ހާދަ ބޮޑަކަށޭ ލޭއަންނަނީ.. ހިނގާ އަވަހަށް ބޭހެއް އަޅަން ދާން..” ޔީޝާގެ ކަނާތު ފައިގެ ކުޑަ ހުޅުގައި ހަން މަށައިގެން ގޮސް ލޭއަންނަތަން ފެނި ދާނިޝް ހާސްވިއެވެ.

“އަހަރެންގެ ފައިގަ އެއަތުން ހިފީ އެހިސާބުގަ.. ދަމާފަ ގެންދިޔަ އިރުވެސް އަހަންނަށް މީހަކު ފައިގަ ހިފާފައި ހުރިކަން އެނގޭ. އެކަމު ކިހިނެއް.. މޫދުގަ ކިހިނެއް ދެއަތްތިލަ ފަޅާފަ ހުންނަ އެއްޗެއް އުޅޭނީ..” ޔީޝާއަށް އެހެން ބުނެވުމުން ދަނިޝްގެ ނިތަށް ރޫއަރުވާލިއެވެ.

“ޔީޝް.. ތަވީދު ކޮބާ؟” ޔީޝާގެ މޫނަށް ބަލަން ހުރެފައި ދަނިޝް ސުވާލު ކޮއްލިއެވެ.

“ތަވީދު އުނަގަނޑުގަ.. އަހަރެން އެޔެއް ނުބާލަން” ޔީޝާ އެހެން ބުނެފައި އުނަގަނޑުގައި އަތް ޖައްސާލިއެވެ. ޓައިޓުގެ މަތިންވެސް ޔީޝާއަކަށް ތަވީދުގެ ރޮދިފަށުގައި އަތެއް ނުޖެހުނެވެ.

“ޝިޓް.. ތަވީދެއް ނެތް.. އެކަމު ހަމަ ޔަގީން އަހަރެން އެ ނުބާލަންކަން” ޔީޝާ އެހެން ބުނުމުން ދާނިޝްގެ ނިތްކުރީވި ރޫތަށް ފުންވެގެން ދިޔައެވެ. ދެމީހުންގެ ހިތުގައިވެސް ނޭނގޭ ބިރުވެރިކަމެއް އުފެދުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dheem&Eekku

Level 410 Stories100 Login500 Login

Other Articles

ކުލުނުނެތް ލޯބި
Previous

ކުލުނުނެއް ލޯބި 2

Next

މަންމާ އޭ.. އަހަންނަށް މާފްކުރާށެވެ.

Next
June 23, 2021

މަންމާ އޭ.. އަހަންނަށް މާފްކުރާށެވެ.

Previews
June 23, 2021

ކުލުނުނެއް ލޯބި 2

ކުލުނުނެތް ލޯބި

One Comment

  1. Taengoo says:
    June 24, 2021 at 12:24 pm

    Alhey mi part ves hama varah salhi…?? anehka dhaanis aa yeesha aa gulhuneema varah happy vehje…. ??varah loabi story eh…❤
    Waiting for the next part…
    Take care ?
    Love you sis ❤

Comments are closed.

Next Episodeބަދު ނަސީބުގެ ހިޔަނި އެޅުމުން (37)←


All Right Reserved!